Thursday, September 28, 2023

ވިޓަމިން ބީ1(ތަޔަމިން)

 

ވިޓަމިން ބީ1(ތަޔަމިން)

ވިޓަމިން ބީ1(vitamin B1) ނުވަތަ ތަޔަމިން(Thiamin)  އަކީ އެންމެ ފުރަތަމަ ސައިންޓިސްޓުންނަށް ހޯދުނު ވިޓަމިން އެވެ. މިމާއްދާ ހޯދުނީ 1920 ވަނަ އަހަރު އެވެ. އެހެންކަމުން މިވިޓަމިން ދިން ނަމަކީ ވިޓަމިން ބީ1 އެވެ. ތަޔަމިން އަކީ ހަށިގަނޑުގައި ކޮށާރުކޮށްފައި ބެހެއްޓޭ އެއްޗަކަށް ނުވާތީ (ފުރަމޭގައި ވަރަށް ކުޑަ މިންވަރެއް ކޮށާކުރެވޭ) ތަޔަމިން އެކުލެވޭ ކާނާ ދުވާލަކު އެއްފަހަރު ކާންޖެހެއެވެ (ސާލިހު އަދި ވަހީދު، 2014).ތަޔަމިންގެ ވަރަށް ކުޑަ މިންވަރެއް ފުރަމޭގައި ކޮށާރު ކުރެވިފައި ހުރެއެވެ. އެހެންކަމުން ކެއުމުގައި ތަޔަމިން އިން މުއްސަދި ކާތަކެތި ހިމެނުމަކީ މުހިއްމު ކަމެކެވެ (ހާރވަޑް.އެޑިޔު،2023).


ތަޔަމިން އަކީ ފެނަށްގިރޭ ވިޓަމިނެކެވެ. މިއީ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގައި ހުންނަ، އަދި ބައެއް ބާވަތުގެ ކާބޯތަކެއްޗަށް އިތުރުކުރެވިފައި ހުންނަ ވިޓަމިނެކެވެ. ބައެއް ފަހަރު ބޭހުގެ ސިފައިގައި ވެސް ތަޔަމިން ލިބެން ހުރެދާނެ އެވެ. ތަޔަމިން އަކީ ހޫނަށް އާސްތާނަވާ(sensitive)  އެއްޗެކެވެ. އެހެންކަމުން ކާބޯތަކެތި ކެއްކުމުންނާއި، ފިހުމުން މިބަޔަށް އުނިކަން އާދެއެވެ (ސާލިހު އަދި ވަހީދު، 2014).  

 

މަޞްދަރު

ވިޓަމިން ބީ1 ނުވަތަ ތަޔަމިން ހުންނަ ކާބޯ ތަކެއްޗަކީ ކުކުޅު ބިހުގެ ގޮބޮޅި، އެއްގަމު މަސް، ކަނޑުމަސް، ގޮވާން، އެކިވައްތަރުގެ މަދު، ބަދަން، ފެހިއޮށް، މުގު، ހިކި މޭބިސްކަދުރު، ކޮލިފްލާވަރ އަދި އެހެނިހެން ވެސް ތަރުކާރީ އެވެ. ޕާން ފަދަ އެއްޗެހި ފިހާއިރު އެތަކެތި ރާމާކޮށް ފުއްޕަން ބޭނުންކުރާ ކަމީރު ގައި ވެސް ވިޓަމިން ބީ 1 ހުރެއެވެ. އެހެންކަމުން އާންމުކޮށް ޕާން ކައިއުޅޭ މީހުންނަށް ތަޔަމިން ކޮންމެވެސް ވަރަކަށް ލިބެމުންދާނެއެވެ. ބާޒާރުގައި ވިއްކަން ހުންނަ ގޮވާމަށް އޮފްކަން ގެނެސްދީ، ކުލަރީތިކޮށްދެނީ ތަޔަމިން އެވެ. ތަޔަމިން ގިނައިން ހުންނަ ބާވަތްތަކުގެ ތެރޭގައި ގޮދަނުގެ ދުލިފަށް އަދި ހަނޑުލުގެ ދުލިފަށް ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014).

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ތަޔަމިން ހުންނަ މިންވަރު

 

100ގ ގައި

މިލިގްރާމް

100ގ ގައި

މިލިގްރާމް

ހިކިމިރުސް

0.93

ދަވިއްގަދު

0.55

ސޯޔާތޮޅިއޮށް

0.73

ރީނދޫމުގު

0.48

ޕިސްތާމަދު

0.67

ރަތްމުގު

0.45

ކެޕްސިކަމް

0.55

 

 

 

ކެއުމަށް ލަފާދޭ މިންވަރު

ވިޓަމިން ބީ1 (ތަޔަމިން) ގެ ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) ކަމަށް ބަލަނީ ފިރިހެނަކަށް 1.2 މިލިގްރާމް އެވެ. އަދި އަންހެނަކަށް 1.1 މިލިގްރާމް އެވެ. ތަޔަމިން އަށް މަސައްކަތްކުރެވެނީ ހަށިގަނޑުގައި ފުދޭ ވަރަކަށް މެގްނީޒިއަމް ހުރެގެންނެވެ. ބަނގުރަލާއި، ދުންބޯމީހުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އަދި މާގިނައިން ފޮނިކާއެއްޗެހި ކައިއުޅޭ މީހުންގެ ގައިގައި މިމާއްދާ އުނިވެއެވެ (ސާލިހު އަދި ވަހީދު، 2014). މާބަނޑު މީހުންނާއި ގާތުންދޭ މީހުން ދުވާލަކު ތަޔަމިން ބޭނުންކުރާ ޖެހޭ މިންވަރު 1.4 މިލިގްރާމް އަށް އިތުރުކުރަންޖެހެއެވެ (ހާރވަޑް.އެޑިޔު، 2023).

 

ތަޔަމިންގެ ފައިދާ / މަސައްކަތްތައް

ތަޔަމިން އަކީ ފިއްތުންތައް ތަހައްމަލުކުރަން ޖެހޭ ވަގުތުތަކުގައްޔާއި، ކަންބޮޑުވާ ވަގުތުތަކުގައި ކާބޯތަކެތިން ލިބޭ ވަރުގެ އިތުރަށް ބޭހެއްގެ ގޮތުގައި ބޭނުންކުރުމުން ލުއިލިބޭ ވިޓަމިން އެކެވެ. ބަނޑާއި ގޮހޮރު އަދި ހިތުގެ ބަލިތަކުން ދިފާޢުވުމަށް ބާރުއަޅައިދޭ ވިޓަމިން އެކެވެ. އަދި

ތަޔަމިން ބޭނުންކުރެވެނީ ކާބޯސް އިން ހަކަތަ އުފެއްދުމަށެވެ. އަދި އިތުރުވާ ކާބޯސް ސަރުބީ އަށް ބަދަލުވަނީ މިމާއްދާގެ ސަބަބުންނެވެ.

ތަޔަމިން އަކީ ހަށިގަނޑުގެ ވަރަށް ގިނަ ދިރުތަކުގެ ހެދިބޮޑުވުމަށާއި، އެދިރުތަކުގެ މަސައްކަތްތަކަށް ބޭނުންތެރި ވިޓަމިނެކެވެ. ހަށިގަނޑުގައި ފުރަމޭގައި ކޮށާރު ކުރެވިފައި ހުންނަނީ ތަޔަމިންގެ ވަރަށް މަދު މިންވަރަކަށްވުމުން ކާބޯތަކެތީގެ ތެރެއިން ތަޔަމިން ހަށިގަނޑަށް ތަޔަމިން ލިބުމަކީ ނޫނީ ހޯދުމަކީ ބޭނުންތެރި ކަމެކެވެ.

ތަޔަމިންގެ ޚާއްޞަ ޒިންމާ ތަކުގެ ތެރޭގައި ވިސްނުން ބަރާބަރު ކުރުމާއި، ދުޅަހެޔޮކަން ދެމެހެއްޓުމާއި، އަދި ހަށިލުއިކަން އިހުސާސްވުން ހިމެނެއެވެ. މިއީ ނާރު ދިރުތައް މަސައްކަތްކުރުމަށާއި، ދިރުތަކުގައި ހަކަތަ އުފެއްދުމަށް ބޭނުންވާ މާއްދާ އުފައްދައިދޭ އެއްޗެކެވެ.

 

ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށް ޕްރޮޓީން، ކާބޯހައިޑްރޭޓް އަދި ފެޓް ގިރިބިންކުރުމަށް (ހަށިގަނޑަށް ބޭނުންކުރެވޭގޮތް ހެދުމަށް) ތަޔަމިން އަކީ މުހިއްމު ރޯލެއް ކުޅޭ އެއްޗެކެވެ. ފެޓްސް ގިރިބިންކޮށް އެއިން ދަރިމައިވުމަށް ބޭނުންވާ ހޯރމޯން އުފައްދައެވެ. އަދި ހަށިގަނޑުގެ ދިރުތައް (ސެލްތައް) ބައިބައިވެ، މައުލަދިވަމުން ދާއިރު ނުވަތަ ގިނަވަމުންދާއިރު، އެއިން ކޮންމެ ދިރެއްގައި ވާރުތީ ސިފަތައް (ނުވަތަ ދަރިފަސްކޮޅަށް ވާރުތަވާ ޖިސްމާނީ އަދިޝަޚްޞީ ސިފަތައް) އަށަގެންނެވުމަކީ ތަޔަމިންގެ މަސައްކަތެކެވެ. ހަމައެހެންމެ، އެއް ނާރު ދިރުން އަނެއް ނާރު ދިރަށް ސިގުނަލް ނުވަތަ މެސެޖު ގެންދިއުމަށް ވެސް ތަޔަމިން އެހީތެރިވެދެއެވެ.

 

ތަޔަމިން މަދުވުން

ތަޔަމިން ހުންނަންވާ ވަރަށްވުރެ މަދުން ހުރެއްޖެނަމަ އެންމެ ފާހަގަކުރެވޭނެ އެއްބައްޔަކީ ބެރިބެރި(beriberi) އެވެ. މީގެ އިތުރުން ތަޔަމިން މަދުވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކާހިތްނުވެ، ހަށިގަނޑު އަނަރޫފަވުން، ވިސްނުން އެއްދިމާއެއްގައި ނުހިފެހެއްޓުން، ހަރަކާތްތައް ވިލަރެސްކުރުން ދަތިވުން، ހަދާންނެތުން، ހަށިގަނޑުގެ ނާރުތައް ބަލިވެ، ވާގިނެތޭ ބަލި، އަދި ނޭވާލާ ނިޒާމްގެ ބަލިތައް ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ. ހަމަ އެފަދައިން އަތްފައިން ދިލަނެގުން، އަތްތިލަ އާއި ފައިތިލަ ބޯވުން އަދި ނޭވާކުރުވުމަކީ ވެސް ތަޔަމިން މަދުވުމުގެ އަލާމާތަކަށް ވެދާނެ އެވެ (ސާލިހު އަދި ވަހީދު، 2014). ދިރާސާ ތަކުން ދައްކާ ގޮތުގައި ތަޔަމިން އާންމުކޮށް މަދުވަނީ ގިނަ ދުވަހު މުއްސަދިނުކުރާ ހުދު ހަނޑުލާއި، ހުދު ގޮދަން ފުށް ކައިއުޅޭ ހިސާބުގަނޑު ތަކުގައެވެ. ނުވަތަ ރަށް ތަކުގައެވެ.(ސާލިހު އަދި ވަހީދު، 2014).

ތަޔަމިން މަދުވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ކާބޯތަކެތީގެ ތެރެއިން ހަށިގަނޑަށް ތަޔަމިން ލިބޭ މިންވަރު މަދުވުން، ހަށިގަނޑަށް ތަޔަމިން ނެގުން މަދުވުން، ބައެއް ކަހަލަ ބޭހާއި ބަނގުރާ ބޭނުންކުރުމުން ކުޑަކަމު ނަޖިހާއެކު ތަޔަމިން ބޭރުވުން އިތުރުވުން ފަދަ ކަންތައްތައް ހިމެނެއެވެ (ހާރވަޑް.އެޑިޔު، 2023).

 

ތަޔަމިން މާބޮޑަށް މަދުވުމުން ޖެހޭ ބައްޔަކީ "ބެރިބެރި" އެވެ. ބެރިބެރި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގެ މަސްތައް ފައިބައި، އަނަރޫފަވެ، އަތްތިލައާއި، ފައިތިލައިގެ އިހުސާސް ދަށްވެ، އައްސިވުން ހިމެނެއެވެ. ބެރިބެރި ގެ ސަބަބުން މޮޓޯ ފަންކްޝަން އަށް ރިފްލެކްސް ތަކަށް އަސަރުކުރުވައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހިތާއި، ފައި އަދި ފައިތިލައިގައި ފެން ހަރުލާގޮތް ވެއެވެ(ހާރވަޑް.އެޑިޔު، 2023) 

ބަނގުރާ އާދަކޮށް ބޯ މީހުންނަށް ތަޔަމިން މާބޮޑަށް މަދުވުމުން ދިމާވާ ހާލަތަކީ "ވާރނިކެ ކޯރސަކޮފް ސިންޑްރޯމް" އެވެ. މިބަލީގެ ސަބަބުން ވާނުވާނޭނގުން، މަސްތަކުގެ ވިލަރެސްކުރުން ގެއްލުން، އަދި އަތްފައިގެ ނާރުތައް ހަލާކުވުން ކުރިމަތި ވެއެވެ. ތަޔަމިން މަދުވުމުގެ ސަބަބުން ދިމާވާ ދެ ހާލަތް (ބެރިބެރި، އަދި ވާރނިކެ ކޯސަކޮފް ސިންޑްރޯމް) ވެސް ސިލިއެކް ޑިޒީޒް ފަދަ ހަޖަމުކުރުމާއި ގުޅުންހުރި މައްސަލަތަކާއި، "ބޭރިއެޓިކް ސާޖަރީ" ފަދަ ހަޖަމުކުރުމުގެ ނިޒާމާއި ގުޅުންހުރި އޮޕަރޭޝަންތަކުގެ ސަބަބުން ނޫނީ އެޗްއައިވީ ނުވަތަ އެއިޑް ޖެހުމުގެ ސަބަބުން ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ (ހާރވަޑް.އެޑިޔު، 2023).  

 

ތަޔަމިން ގިނަވުން

މިއީ ގިނައިން ބޭނުންކުރުމުން ވަރަށް މަދުފަހަރަކު ނޫނީ ވިހަވާ އެއްޗެއް ނޫނެވެ. ނަމަވެސް މި ވިޓަމިން ބޭހެއްގެ ގޮތުގައި ދިގުމުއްދަތަކަށް ބޭނުންކުރާނަމަ، ބޮލުގައި ރިހުން، ހާސްވެ ކަންބޮޑުވާގޮތްވުން، ތައިރޮއިޑް ގްލޭންޑްގެ މައްސަލަޖެހި ނުނިދޭގޮތް ވެއެވެ. ބައެއް މީހުންނަށް އިންޖެކްޝަންގެ ގޮތުގައި ބޭނުންކުރުމުން ނޭއްދާރުވާގޮތް(allergy) ނޫނީ މީހާއާއި ނުގުޅޭގޮތް ދިމާވެއެވެ.

 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

https://www.hsph.harvard.edu/nutritionsource/vitamin-b1/

https://www.hsph.harvard.edu/nutritionsource/vitamins/vitamin-b/

No comments:

Post a Comment