އެކިޔުޓް
ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް
އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް (Acute
Respiratory Distress Syndrome / ARDS) އަކީ ފުއްޕާމޭ
ދުޅަވުމުގެ ސަބަބުން ފުއްޕާމޭގައި ހުންނަ ކުދި ވައިކޮތަޅުތަކުގެ ތެރޭގައި ފެން
ނޫނީ ދިޔަ ޖަމާވާ ހާލަތެކެވެ. ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅު ތަކުގެ
ވަށައިގެން އޭގެ ހިމާޔަތަށް ލެވިފައިވާ ތުނި ދުލިފަށަލަ އެއް އިނދެއެވެ. ނަމަވެސް
ފުއްޕާމޭ ދުޅަވުމުން މި ދުލިފަށަލަ އަށް ގެއްލުން ވެއެވެ. ވައިކޮތަޅަށް
ގެއްލުންވެ، އޭގެ ތެރެއަށް ދިޔަ އެޅުމުން ފުއްޕާމެޔަށް އެކަށޭނަ ވަރަށް އޮކްސިޖަން
(ވައި) ލިބުމަށް ހުރަސް އަޅައެވެ. މީގެ މާނައަކީ ލެޔަށް އޮކްސިޖަން ދިއުން
މަދުވުމެވެ. އަދި ގުނަވަންތަކަށް ބޭނުންވާ އޮކްސިޖަން އެކަށޭނަ ވަރަށް ނުލިބުމެވެ (މެޔޯކްލިނިކް،2024).
އާންމު ގޮތެއްގައި އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވަނީ ކޮންމެ ވެސް ސަބަބަކާހުރެ ބައްޔެއްވެފައިވާ ނޫނީ ބޮޑެތި އަނިޔާ ލިބިފައިވާ މީހުންނަށެވެ. ނޫނީ އެފަދަ އަނިޔާއެއް ނޫނީ ގެއްލުމެއް ތަހައްމަލުކުރަމުން ދާ މީހުންނަށެވެ. އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ގެ މައިގަނޑު އަލާމާތަކީ ވަރަށް ބޮޑަށް ނޭވާކުރުވުމެވެ. އާންމުގޮތެއްގައި ބޮޑު އަނިޔާއެއް ނޫނީ އިންފެކްޝަން ކުރިމަތިވާތާ ދެތިން ގަޑިއިރުން ފެށިގެން ދެތިން ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވެ، އޭގެ ސަބަބުން ނޭވާކުރުވުން މެދުވެރިވާނެ އެވެ (މެޔޯކްލިނިކް،2024).
އާންމު ގޮތެއްގައި އެކިޔުޓް ރެސްޕިރޭޓަރީ
ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވާ ގިނަ މީހުންގެ ފުރާނަ ސަލާމަތެއް ނުވެއެވެ.
އެގޮތުން މަރުވުމުގެ ހިރާސް ބަރޯސާވާ ކަންތައްތަކުގެ ތެރޭގައި ބަލިމީހާގެ އުމުރު،
އަދި ކުރިމަތިވެފައިވާ ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރު ފަދަ ކަންކަން
ހިމެނެއެވެ. އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވެ ރަނގަޅުވާ
މީހުންނަށް ވެސް ދާއިމީ ސިފައެއްގައި ފުއްޕާމެޔަށް ގެއްލުންވުން ފަދަ ކަންކަން
ކުރިމަތި ވެއެވެ. މަދު ބަޔަކު ނަމަވެސް ބަލިން އެއްކޮށް ފަސޭހަވެ، ރަނގަޅުވެއެވެ (މެޔޯކްލިނިކް،2024).
ހަށިގަނޑަށް އަސަރުކުރާގޮތް
އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމްގެ ކުރީކޮޅު
ފުއްޕާމޭގެ އެތެރޭގެ ކުދި ލޭހޮޅިތަކުން ދިޔަ ފުއްޕާމޭގައި ހުންނަ ކުދި ވައިކޮތަޅު
(އޮކްސިޖަން ލޭގެ ތެރެއަށް ފޮނުވައި، ލެއިން ކާބަންޑައިއޮކްސައިޑް ފުއްޕާމެޔަށް
ނަގާ ތަން) ތަކަށް ދޫކުރެއެވެ. ނޫނީ ލީކު ކުރެއެވެ. މީގެ ސަބަބުން ފުއްޕާމޭ
ކުޑަވެ، ހަރުވެ، ނޭވާލާން ދަތިވެއެވެ. އެއާއެކު ލޭގައި ހުންނަ އޮކްސިޖަންގެ
މިންވަރު ދަށްވެއެވެ. މިގޮތަށް ލޭގައި އޮކްސިޖަން މަދުވުމަށް ކިޔަނީ
"ހައިޕޮކްސީމީއާ"(hypoxemia) އެވެ. މިގޮތަށް ވުމުން ސިކުނޑިއާއި އެހެން ގުނަވަންތަކަށް
އޮކްސިޖަން ލިބުން މަދުވެ، ގުނަވަންތަކުގެ މަސައްކަތް ހުއްޓި ފޭލްވާގޮތް ވެއެވެ
(ލަންގް.އޯރގް، 2025).
ސަބަބު
އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ކުރިމަތިކުރުވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް
ހިމެނެއެވެ.
·
ލޭވިހަވުން : އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިކުރުވާ
އެންމެ އާންމު ސަބަބަކީ ލޭގައި ޖަރާސީމު އަޅައި ލޭވިހަވުމެވެ. ނޫނީ ލޭގައި
އިންފެކްޝަން ހެދުމެވެ (މެޔޯކްލިނިކް،2024). ލޭވިހަވުމަށް މެދުވެރިވާ އެންމެ އާންމު އެއް
ސަބަބަކީ ފުއްޕާމޭގައި ޖަރާސީމު އެޅުން ނޫނީ ހަށިގަނޑުގެ ހިސާބެއްގައި އުފެދޭ
އިންފެކްޝަންގެ ސަބަބުން ލޭވިހަވުމެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2023).
·
ނުރައްކާތެރި ދަރަޖައަކަށް ފުއްޕާމޭގައި
ޖަރާސީމު އެޅުން ނޫނީ ނިއުމޯނިޔާ ޖެހުން: ނުރައްކާތެރި
ދަރަޖައަކަށް ފުއްޕާމޭގައި ޖަރާސީމު އެޅުމުގެ އަސަރު ފުއްޕާމޭގެ ހުރިހާ ހިސާބަކަށް
ކުރެއެވެ (މެޔޯކްލިނިކް،2024). ބަނޑުގައި
ހުންނަ ތަކެތި މަތިން އަރައި ނޭވާހޮޅިއަށް އެޅި ފުއްޕާމެޔަށް ވާޞިލްވުމަކީ ވެސް
ނިއުމޯނިޔާ ކުރިމަތިވެދާނެ ކަމެކެވެ. މީގެ އިތުރުން ހޮޑުލުމުގެ ތެރޭގައި
ފުއްޕާމެޔަށް ހޮޑު އެޅުމާއި، މޫދަށް އެރި އުޅޭއިރު ގެނބިގެން ލޮނުބޮވުން ފަދަ
ކަންކަމަކީ ފުއްޕާމެޔަށް ފެންއެޅި، އެކަމުގެ ސަބަބުން އެކިޔުޓް ރެސްޕިރޭޓަރީ
ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިކުރުވައިފާނެ ކަންކަމެވެ މީގެ އިތުރުން އެއްވެސް
ސަބަބަކާހުރެ ފުއްޕާމެޔަށް ކާތަކެތި، ދިޔާތަކެތި ނޫނީ އެހެން އެއްޗެއްވެސް
ފުއްޕާމެޔަށް ދިއުމަކީ ނިއުމޯނިޔާ ކުރިމަތިވެދާނެ ކަމެކެވެ
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2023).
·
ކޯވިޑް 19 : ކޯވިޑް 19 ޖެހިއްޖެނަމަ އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ފަހަރުގައި ކުރިމަތިވެދާނެ އެވެ. އެއީ ކޯވިޑް 19 މައިގަނޑު ގޮތެއްގައި
އަސަރުކުރަނީ ފުއްޕާމެޔަށް ކަމަށްވެފައި، އޭގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވެ،
ދުޅަވާތީ އެވެ (މެޔޯކްލިނިކް،2024).
·
ބޮލަށް، މެޔަށް ނޫނީ އެހެން ބޮޑެތި އަނިޔާތައް :
މަގުމަތީގެ އެކްސިޑެންޓްތައް،
އުސްތަނަކުން ވެއްޓުން، ކާރެއް ފުރޮޅާލުން ފަދަ ހާދިސާތަކުގައި އާންމު ގޮތެއްގައި
ފުއްޕާމެޔަށް ނޫނީ ސިކުނޑީގައިވާ ނޭވާލުން ކޮންޓްރޯލްކޮށް ތަންޒީމުކުރާ މަރުކަޒަށް
ގެއްލުން ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެއެވެ (މެޔޯކްލިނިކް،2024).
·
ގެއްލުންދެނިވި ވިހަ ކެމިކަލްތަކުގެ ތެރޭގައި
އުޅެންޖެހުން : ދުންފަތުގެ ދުން، އަދި ވިހަ
ކެމިކަލް ދުންތަކުގެ ތެރޭގައި އުޅެން ޖެހުމަކީ އޭގެ ސަބަބުން އެކިޔުޓް
ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވުމަށް މަގުފަހިވެދާނެ ކަމެކެވެ. (މެޔޯކްލިނިކް،2024).
·
ލޭއެޅުން : ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބައިވަރު ( 15 ޔުނިޓަށްވުރެ
ގިނައިން ) ލޭއަޅަންޖެހުމަކީ އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް
ކުރިމަތިވުމުގެ ހިރާސް އިތުރުވާ ކަމެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،
2023).
·
އެހެން ހާލަތްތަކާއި ފަރުވާތައް : ޗިސްމޭ ދުޅަވުން، ގެނބުން، އަދި ވަރަށް ބޮޑަށް ފިހުން ފަދަ
ކަންކަމަކީ އެކަންކަމުގެ ސަބަބުން އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް
ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަންކަމެވެ (މެޔޯކްލިނިކް،2024).
މަގުފަހިކުރާ ކަންތައްތައް
އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ކުރިމަތިވާ ގިނަ މީހުން ތިބޭނީ ލިބިފައިވާ އެހެން އަނިޔާއެއް ނޫނި
ކުރިމަތިވެފައިވާ އެހެން ބޮޑު ބައްޔެއް ނޫނީ ޞިއްޙީ މައްސަލައެއްގެ ސަބަބުން
ހަސްފަތާލުގައި އެދުމަތިކޮށްފައެވެ. ގިނަ މީހުން ތިބޭނީ ވަރަށް ނުރައްކާތެރި ހާލަތުގައެވެ.
މިސާލަކަށް އައިސީޔޫ ފަދަ ތަނެއްގައި އެދުމަތިކޮށްފައެވެ. އެގޮތުން ލޭގައި
ޖަރާސީމު އެޅުން ނޫނީ ފުއްޕާމޭގައި ޖަރާސީމު އެޅުން ފަދަ އިންފެކްޝަނެއް ހުރިނަމަ،
އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ.
މީގެ އިތުރުން ކޯވިޑް 19 ޖެހުން ނޫނީ ކޯވިޑް 19 ޖެހުނުއިރު އެމީހަކީ މެޓަބޮލިކް
ސިންޑްރޯމް ހުންނަ މީހެއް ނަމަ އެމީހަކަށް އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ކުރިމަތިވުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ (މެޔޯކްލިނިކް،2024).
ބަނގުރާބޯމީހުން، މަސްތުވާތަކެތި
ބޭނުންކުރާ މީހުން ނޫނީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ވެސް އެކިޔުޓް
ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ސަބަބަކީ
މިފަދަ ކަންކަމުގެ ސަބަބުން ފުއްޕާމެޔަށް ގެއްލުން ލިބޭތީ އެވެ. އަދި މިފަދަ
ކަމެއް ކުރިން ކޮށްފައިވާ މީހުންނަށް ވެސް އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ކުރިމަތިވުމުގެ ހިރާސް އިތުރެވެ (މެޔޯކްލިނިކް،2024).
އުމުރުން ދުވަސްވުމާއި، ފުއްޕާމޭގެ ބައްޔެއް ހުރުން ، އަދި
ހައި ރިސްކު އޮޕަރޭޝަނެއް ކުރުމަކީ ވެސް އެކިޔުޓް ރެސްޕިރޭޓަރި ޑިސްޓްރެސް
ސިންޑްރޯމް އަށް މަގުފަހިވެދާނެ ކަންކަމެވެ (ލަންގް.އޯރގް، 2025).
އަލާމާތްތައް
އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ނުރައްކާތެރިކަން އެކަން މެދުވެރިވި ސަބަބަކާ ރިއާޔަތްކޮށް ތަފާތު
ވެދާނެއެވެ. މީގެ އިތުރުން ކުރިން ފުއްޕާމޭގެ ނޫނީ ހިތުގެ ބައްޔެއް ހުރުން ފަދަ
ކަންކަމާ ގުޅިގެން ވެސް މީގެ ނުރައްކާތެރިކަން ތަފާތުވެދާނެ އެވެ. އާންމުކޮށް
ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް،2024).
·
ވަރަށް ބޮޑަށް ނޭވާކުރުވުން
·
އަވަސް އަވަހަށް ކުރުކޮށް ފުންކޮށް ނޭވާލުން
·
ކެއްސުން
·
މެޔަށް އުދަނގޫވުން އަދި މޭގައި ރިހުން
·
ހިތުގެ ވިންދު އަވަސްވުން
·
ވާނުވާ ނޭނގުން
·
އާދަޔާ ޚިލާފަށް ވަރުބަލިވުން (މެޔޯކްލިނިކް،2024).
·
އަތްފައިގެ އިގިލިތައް ނޫވާން ފެށުން ނޫނީ ނޫވުން (ލަންގް.އޯރގް، 2025).
ނުރައްކާތައް
އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ގެ ސަބަބުން ހަސްފަތާލުގައި އެދުމަތިކޮށްފައި އޮންނަ އިރު ވެސް އެހެން
ޞިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން ދިމާވެދާނެ
ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް،2024).
·
ގަނޑުލޭކޮޅު އުފެދުން (blood clot): ބައްޔެއްގައި
ހަސްފަތާލުގައި އެދުމަތިވެފައި (ހަށިގަނޑު އެދެވޭ ވަރަށް ހަރަކާތް ނުކުރެވި)
އޮތުމަކީ އެކަމުގެ ސަބަބުން ލޭހޮޅިތަކުގައި ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް
އިތުރުވާނެ ކަމެކެވެ. ޚާއްޞަކޮށް ފައިގައި ހުންނަ ނުސާފުލޭ ދައުރުވާ
ލޭހޮޅިތަކުގައި މިކަން ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ފައިގައި ގަނޑުލޭކޮޅެއް
އުފެދިއްޖެނަމަ އެއިން ބައެއް ނޫނީ އެތިކޮޅެއް ލޭގެ ތެރޭގައި ދައުރުވެ، ފުއްޕާމޭގެ
ލޭހޮޅިތަކަށް ނޫނީ ފުއްޕާމެޔަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ފުއްޕާމޭގެ
ލޭހޮޅިއެއް ގެ ތެރޭގައި ތާށިވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތަށް ކިޔަނީ
ޕަލްމޮނަރީ އެމްބޮލިޒަމް(pulmonary
embolism) އެވެ (މެޔޯކްލިނިކް،2024).
·
ނިއުމޯތޮރަކްސް ކުރިމަތިވުން(pneumothorax) ނޫނީ ފުއްޕާމޭ ފިތި ހިނދުން (collapsed
lung) : އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ގިނަ މީހުން
ވެންޓިލޭޓަރަށް ލައެވެ. ވެންޓިލޭޓަރު ގުޅުމުން ހަށިގަނޑަށް އޮކްސިޖަން ލިބުން
އިތުރުވެ، ފުއްޕާމެއިން ދިޔަތައް ނޫނީ ފެންތައް ބޭރުވުމަށް ނޫނީ ބޭރުކުރުމަށް
ބާރުއަޅައެވެ. ނަމަވެސް ވެންޓިލޭޓަރ ގެ ޕްރެޝަރު އަދި އެއަރ ވޮލިއުމްގެ ސަބަބުން
ފުއްޕާމެއިން ބޭރުގައިވާ ކުޑަ ލޯވަޅަކުން ނޫނީ ހޮޔަކުން ގޭސް ބޭރުވެ، އޭގެ
ސަބަބުން ފުއްޕާމޭ ފިތި، ހިނދޭގޮތް ވެއެވެ (މެޔޯކްލިނިކް،2024).
·
އިންފެކްޝަން ކުރިމަތިވުން : ވެންޓިލޭޓަރ ހަށިގަނޑަށް ގުޅާފައި އިންނަނީ ވައިނޮޅި އަށް
ލާފައި އިންނަ ހޮޅިއަކުންނެވެ. މިކަމުގެ ސަބަބުން ފުއްޕާމޭގައި އިންފެކްޝަން
ހެދުމަށް މަގުފަހި ވެއެވެ (މެޔޯކްލިނިކް،2024).
·
ފުއްޕާމޭގައި ލަކުނުލުން (pulmonary fibrosis): އެކިޔުޓް ރެސްޕިރޭޓަރީ
ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވާތާ މަދު ހަފްތާތަކެއްގެ ތެރޭގައި ފުއްޕާމޭގެ
ވައިކޮތަޅުތަކުގެ ދެމެދުގައި ހުންނަ ސެލޯށިތައް ބޯވެ، ލަކުނުލާގޮތް ވެއެވެ.
މިކަމުގެ ސަބަބުން ފުއްޕާމޭގެ ސެލޯށިތައް ހަރުއަރައި . ވައިކޮތަޅުތަކުން
އޮކްސިޖަން ލޭގެ ތެރެއަށް ދިއުމަށް ހުރަސްއަޅައެވެ (މެޔޯކްލިނިކް،2024).
·
ސްޓްރެސް ބޮޑުވުމުގެ ސަބަބުން މައިދާގައި
ފާރުހެދުން(stress
ulcer): ކުރިމަތިވެފައިވާ ބޮޑުބަލި ނޫނީ އަނިޔާގެ ސަބަބުން
މައިދާގެ ބަތާނަ ފަށް ހިލިގަނެ، އާދަޔާ ޚިލާފަށް ގިނައިން އެސިޑް އުފައްދައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން މައިދާގައި ފާރު އުފެދޭގޮތް ދިމާވެއެވެ. (މެޔޯކްލިނިކް،2024). މިހާރު ލިބެން ހުންނަ ފަރުވާތަކުގެ ސަބަބުން އެކިޔުޓް
ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ދިމާވާ ގިނަ މީހުންގެ ފުރާނަ ސަލާމަތް
ކުރެވެއެވެ. ނަމަވެސް މިގޮތަށް ފުރާނަ ސަލާމަތްވާ މީހުންނަށް ވެސް ތަފާތު ޞިއްޙީ
މައްސަލަތައް ނޫނި ނުރައްކާތައް ކުރިމަތި ވެއެވެ. އެގޮތުން ފުރާނަ ސަލާމަތްވާ
މީހުންނަށް ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް،2024).
·
ނޭވާލުމުގެ މައްސަލަތައް : އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް އަށްފަހު
ގިނަ މީހުންނަށް ދެތިން މަހުން ފެށިގެން ދެތިން އަހަރުގެ ތެރޭގައި ފުއްޕާމޭގެ
މަސައްކަތް ރަނގަޅުވެ ހަރުދަނާ ވެގެން ދެއެވެ. ނަމަވެސް އަނެއްބައި މީހުންނަށް
އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް އަށްފަހު ނޭވާލުމުގެ މައްސަލަތައް
މުޅި އުމުރަށް ދެމިހުންނަ ގޮތް ވެއެވެ. އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ކުރިމަތިވެ އެއްކޮށް ރަނގަޅުވާ މީހުންނަށް ވެސް ދުވަސްކޮޅެއް ވަންދެން
ވަރުބަލިކަމާ ނޭވާކުރުވުން ގޭގައި ކުރިމަތިވެދާނެ އެވެ. އަދި އެމުއްދަތުގައި
ގޭގައި އޮކްސިޖަން ގެ ފަރުވާ ނަގަންޖެހިދާނެ އެވެ (މެޔޯކްލިނިކް،2024).
·
މޮޅިވެރިވެ، މާޔޫސްވެ ދެރަވުން: އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް އަށްފަހު
ވަރަށް ގިނަ މީހުންނަށް މޮޅިވެރިވެ، މާޔޫސްވެ ދެރަވުން ކުރިމަތިވާކަން ފާހަގަ
ކުރެވެއެވެ. އަދި މިކަމަށް ފަރުވާ ކުރެވެއެވެ. ނޫނީ ފަރުވާކޮށްގެން ރަނގަޅު
ކުރެވެއެވެ (މެޔޯކްލިނިކް،2024).
·
ހަދާނާއި ވިސްނުމާއި ގުޅުންހުރި މައްސަލަތައް: އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމްގެ ފަރުވާގައި
ހަމައަކަށް އެޅުވުމަށްދޭ ބޭސްތައް އަދި ލޭގައި އޮކްސިޖަން މަދުވުން ފަދަ
ކަންކަމުގެ ސަބަބުން އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް އަށްފަހު ހަދާން
ނުހުރުމާއި، އުނގެނުމުގެ ދަތިކަން ފަދަ މައްސަލަތައް ދިމާވެއެވެ. ބައެއް
މީހުންނަށް މިބަދަލުތައް ދުވަސްކޮޅަކަށްފަހު ރަނގަޅުވެއެވެ. ނަމަވެސް އަނެއް ބައި
މީހުންނަށް މިއުދަނގޫތައް ނޫނީ ބަދަލުތައް ދާއިމަށް ހުންނަގޮތް ވެއެވެ (މެޔޯކްލިނިކް،2024).
·
ވަރުބަލިވެ، މަސްތަކުގެ ބާރުދަށްވުން ނޫނީ
ވަރުދެރަވުން: އެކިއުޓް ރެސްޕިރޭޓަރީ
ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވެ ހަސްފަތާލުގައި އެދުމަތިވެ އޮންނަންޖެހުމަކީ
މަސްތައް ދެރަވެ ބާރުދަށްވާނެ ކަމެކެވެ. އަދި ފަރުވާއަށް ފަހު ވަރަށް ބޮޑަށް
ބަލިކަން އިހުސާސް ކުރެވުމަކީ ވެސް ދިމާވެދާނެ ކަމެކެވެ (މެޔޯކްލިނިކް،2024).
ދެނެގަތުން
އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ހުރިކަން ދެނެގަތުމަށް ހެދޭ ވަކި ޚާއްޞަ ޓެސްޓުތަކެއް ނުހުރެއެވެ.
ޑޮކްޓަރުން މިބަލި ދެނެގަންނަނީ ބަލިމީހާގެ ހަށިގަނޑުގެ ބޭރުފުށުން ފާހަގަވާ ކަންތައްތަކާއި،
ފުއްޕާމޭގެ އެކްސްރޭ އިން ފެންނަ ނިޝާންތައް އަދި ލޭގައި އޮކްސިޖަން ހުރި މިންވަރު
ބަލައިގެންނެވެ. މީގެ އިތުރުން މިފަދަ އުދަނގޫތަކެއް ކުރިމަތިވެދާނެ އެހެން
ހާލަތްތައް ވެސް ޓެސްޓު ހަދައިގެން ބެލުން މުހިއްމެވެ (މެޔޯކްލިނިކް،2024).
އިމޭޖިންގ ޓެސްޓުތައް
ފުއްޕާމޭގެ އެކްސްރޭ އިން ފުއްޕާމޭގައި
ފެން ނޫނީ ދިޔަ ހުރީ ކޮން ހިސާބެއްގައި ކަމާއި، ކޮން މިންވަރަކަށް ކަން
ދެނެގަނެވޭނެ އެވެ. އަދި ހިތުގެ ސައިޒު ބޮޑުވެފައިވޭތޯ ބަލާނެއެވެ. މީގެ އިތުރުން
ސީޓީ ސްކޭން ވެސް ހަދައިފާނެ އެވެ. ސީޓީ ސްކޭންގެ އެހީގައި ހިތާއި ފުއްޕާމޭގެ
ހާލަތު ދެނެގަނެވޭނެ އެވެ (މެޔޯކްލިނިކް،2024).
ލެބޯޓަރީ ޓެސްޓުތައް
ސާފުލޭ ދައުރުކުރާ ލޭހޮޅި ނޫނީ އާޓަރީ
އަކުން ލޭނަގައިގެން ޓެސްޓު ކޮށްގެން ލޭގައި އޮކްސިޖަން ހުރި މިންވަރު
ދެނެގަނެވޭނެ އެވެ. މީގެ އިތުރުން މިފަދަ އުދަނގޫތައް މެދުވެރިވެދާނެ އެހެން
ހާލަތްތައް ދެނެގަތުމަށާއި އިންފެކްޝަން ހުރިތޯ ބެލުމަށް ވެސް ލޭގެ ޓެސްޓު ހަދާނެ
އެވެ. ފުއްޕާމޭގެ އިންފެކްޝަން ކަމަށް ޝައްކުކުރެވޭނެ ނަމަ. އަރިދަފުސް ކޮޅެއް
ނަގައިގެން ވެސް ޓެސްޓު ކުރާނެއެވެ (މެޔޯކްލިނިކް،2024).
ހިތުގެ ޓެސްޓުތައް
އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ގެ އަލާމާތްތައް ހިތުގެ ބައެއް މައްސަލަތަކުގެ އަލާމާތްތަކާ
އެއްގޮތްކަމުން ހިތުގެ ބައެއް ޓެސްޓުތައް ހަދަން އިރުޝާދު ދީފާނެ އެވެ. އެގޮތުން
ހަދަން ލަފާދީފާނެ ޓެސްޓުތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް،2024).
·
އިލެކްޓްރޯކާޑިއޯގްރާމް (އީސީޖީ) ހެދުން : މިޓެސްޓުގެ އެހީގައި ހިތުގައި ކަރަންޓްގެ މަސައްކަތް
ހިނގާގޮތް ދެނެގަނެވެއެވެ (މެޔޯކްލިނިކް،2024).
·
އީކޯކާޑިއޯގްރާމް (އީކޯ) ހެދުން : ހިތުގެ ތަސްވީރެއް ކުރެހުމަށް މި ޓެސްޓުގައި ބޭނުންކުރަނީ
އަޑުގެ ރާޅުބާނި ތަކެވެ. މިޓެސްޓުގެ އެހީގައި ހިތުގެ ވޭލްތަކާއި ، ބައިތަކުގެ
ތެރޭގައި ލޭދައުރުވާގޮތް އަދި ހިތުގެ އޮނިގަނޑުގައި ހުންނަ މައްސަލަތައް
ދެނެގަނެވޭނެ އެވެ (މެޔޯކްލިނިކް،2024).
ފަރުވާ
އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ގެ ފަރުވާގެ ފުރަތަމަ އަމާޒަކީ ލޭގައި އޮކްސިޖަންގެ މިންވަރު
މަތިކުރުމެވެ. އެއީ އޮކްސިޖަން އާއި ނުލައި ހަށިގަނޑުގެ ގުނަވަންތައް މަސައްކަތް
ނުކުރާނެތީ އެވެ (މެޔޯކްލިނިކް،2024). އެދެވޭ
ފަރުވާ ދެވިއްޖެނަމަ އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވާ
މީހުންގެ ތެރެއިން ފުރާނަ ސަލާމަތްވާ ނިސްބަތަކީ %70-%55 އެވެ. ފަރުވާ
ލަސްވެއްޖެނަމަ އެހެން ގުނަވަންތައް ވެސް ފޭލްވެ، ފުރާނަ ސަލާމަތްވުމުގެ ފުރުޞަތު
ހަނިވެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2023).
އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ކުރިމަތިވުމަށްފަހު ރަނގަޅުވާ މީހުން ރަނގަޅުވާން ނަގާ މުއްދަތު
ބަރޯސާވަނީ އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވި މިންވަރަކާއި،
ފުއްޕާމޭ އެއިން ފަސޭހަވެ ރަނގަޅުވާން ނަގާ މުއްދަތަށެވެ. ގިނަ ދިރާސާތަކުން
ދައްކާ ގޮތުގައި އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވުމަށްފަހު
ރަނގަޅުވާ މީހުން އެކަމުން ރަނގަޅުވެ ފުއްޕާމޭގެ މަސައްކަތް ކުރިޔެކޭ އެއްގޮތަށް
މަސައްކަތްކުރަން ފަށަން 6 މަހާއި 1 އަހަރާޢި ދެމެދުގެ މުއްދަތެއް ނަގައެވެ. އަދި
އާންމު ގޮތެއްގައި މުޅިން ފުރިހަމަ އަށް ފުއްޕާމޭގެ މަސައްކަތް ކުރިޔެކޭ
އެއްވަރަކަށް ފަސޭހަވެ، ރަނގަޅުވެ، ކުރިޔެކޭ އެއްގޮތަކަށް މަސައްކަތްކުރުމުގެ
ގާބިލްކަމެއް ނުލިބެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2023).
އޮކްސިޖަންގެ ފަރުވާ
އޮކްސިޖަން ފޯރުކޮށްދެވެނީ އޮކްސިޖަން
ކޮންސެންޓްރޭޓަރ ފަދަ އެއްޗެއް ބޭނުންކޮށްގެން ނޫނީ އަމިއްލައަށް އެކަށޭނަ ވަރަށް
ނޭވާނުލެވޭނަމަ ވެންޓިލޭޓަރުގެ އެހީގައެވެ (މެޔޯކްލިނިކް،2024).
އެކްސްޓްރާކޯޕޮރިއަލް
މެންބްރޭން އޮކްސިޖެނޭޝަން
އެކްސްޓްރާކޯޕޮރިއަލް މެންބްރޭން
އޮކްސިޖެނޭޝަން(Extracorporeal
membrane oxygenation / ECMO) އަކީ އެކިއުޓް
ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ގެ ފަރުވާގައި ބޭނުންކުރެވޭ އެހެން ގޮތްގޮތުން
ނޫނީ އެހެން ފަރުވާތައް މަސައްކަތް ނުކުރުމުން ދެވިދާނެ ފަރުވާ އެކެވެ. އެކްސްޓްރާކޯޕޮރިއަލް
މެންބްރޭން އޮކްސިޖެނޭޝަން އަކީ ފުއްޕާމޭ އަދި ހިތް ރަނގަޅަށް މަސައްކަތް ނުކުރާ
މީހުންނަށް ފަރުވާ ކުރުމަށް ބޭނުންކުރެވޭ މަޞްނޫއީ ލައިފް ސަޕޯޓް ސިސްޓަމެކެވެ. މިފަރުވާގައި
ކަނޑައެޅޭ ވަކި މުއްދަތަކަށް ފުއްޕާމޭގެ މަސައްކަތް ހުއްޓުވައި (ފުއްޕާމޭ
ރަނގަޅުވެ، ފަސޭހަ އަރާމުކުރަން ދޫކޮށްލާ ވަގުތު) އޭގެ ބަދަލުގައި ފުއްޕާމޭގެ
މިމަސައްކަތް މި ސަޕޯޓް ސިސްޓަމް އިން ފުރިހަމަކޮށްދެއެވެ. ހަށިގަނޑުގެ އެކި
ސެލޯށިތަކަށް އެކަށޭނަ ވަރަށް އޮކްސިޖަން ފޯރުކޮށް ނުދެވޭ ހާލަތުގައި މިފަރުވާގެ
ބޭނުން ހިފެއެވެ.
އެކްސްޓްރާކޯޕޮރިއަލް މެންބްރޭން
އޮކްސިޖެނޭޝަން މެޝިނަކީ މަޞްނޫއީ ހިތެއް އަދި ފުއްޕާމެޔެކެވެ. މި މެޝިނުގެ
އެހީގައި ގުޅާފައިވާ ހޮޅިތަކުގެ އެހީގައި ހަށިގަނޑުން ލޭ ބޭރުކޮށް، އަދި ބޭރުކުރެވުނު
ލޭ މަޞްނޫއީ ފުއްޕާމޭގެ ތެރޭގައި ދައުރުކުރުވައެވެ. ނޫނީ ޕަމްޕްކޮށް ދެއެވެ. އެހެންކަމުން
މިކަމުގެ ތެރެއިން ލެއިން ކާބަންޑައިއޮކްސައިޑް ބޭރުކޮށްދީ، ލެޔަށް އޮކްސިޖަން އެތެރެކޮށްދެއެވެ.
އެއަށްފަހު މެޝިނުގެ އެހީގައި މިބުނި ލޭ އަލުން އަނބުރާ ހަށިގަނޑުގެ ތެރެއަށް
ފޮނުވެއެވެ. މިއީ އޭގައި އެތަކެއް ހިރާސް އެއް އެކުލެވޭ ކަމަކަށްވުމާއެކު މިފަރުވާ
ކުރިޔަށް ގެންދިއުން ނިންމާނީ ފަރުވާދޭ ޑޮކްޓަރުންގެ ޓީމުން މަޝްވަރާކުރުމަށްފަހު
އެވެ (މެޔޯކްލިނިކް،2024).
ބަންޑުން ބޭއްވުން
އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ކުރިމަތިވާ މީހުން ވެންޓިލޭޓަރުގައި ބާއްވާއިރު ބަންޑުން ބޭއްވުމަކީ
ފުއްޕާމެޔަށް ބޭނުންވާ އޮކްސިޖަން ލިބުން އިތުރުވާ ނޫނީ ފަހިވާ ކަމެއްކަމަށް
ބެލެވިފައި ވެއެވެ (މެޔޯކްލިނިކް،2024).
ދިޔާތަކެތި ދިނުން
އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ކުރިމަތިވެފައިވާ މީހަކަށް ދެވޭ ދިޔާތަކެތީގެ މިންވަރު ނޫނީ އައިވީ
ފެނުގެ މިންވަރު ފަރުވާތެރި ކަމާއެކު ބަލަމުން ގެންދިއުމަކީ ވަރަށް މުހިއްމު
ކަމެކެވެ. މާގިނައިން ފެން ދެވިއްޖެނަމަ، ފުއްޕާމޭގައި އިތުރަށް ފެންޖަމާވުމަކީ
ގާތް ކަމެކެވެ. އަދި މާ މަދުން ފެން ދިނުމަކީ ހިތާއި އެހެން ގުނަވަންތަކަށް ބާރު
ބޮޑުވެ، ޝޮކުޖެހުމަށް މަގުފަހިވެދާނެ ކަމެކެވެ (މެޔޯކްލިނިކް،2024).
ބޭސް ބޭނުންކުރުން
އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ކުރިމަތިވާ މީހުންނަށް އާންމުކޮށް ބޭސް ދެވެނީ އަންނަނިވި ބޭނުންތަކަށް
ރިޢާޔަތްކޮށްގެންނެވެ.
·
އިންފެކްޝަން އިން ރައްކާތެރިވުން އަދި އިންފެކްޝަން އަށް
ފަރުވާކުރުން
·
ރިހުމާއި އުދަނގޫތަކަށް ލުއިކަން ގެނެސްދިނުން
·
ފުއްޕާމޭ އަދި ފައިގައި ގަނޑުލޭކޮޅު އުފެދުމުން
ރައްކާތެރިކޮށްދިނުން
·
މަތިން އެރުމާއި ގޭހުގެ އުދަނގޫތައް ވީވަރަކުން
ލުއިކޮށްދިނުން
·
މީހާ ހަމައަކަށް އަޅުވައިދިނުން (މެޔޯކްލިނިކް،2024).
ފުއްޕާމޭ ބަދަލުކުރުން
އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް
ސިންޑްރޯމް ކުރިމަތިވާ މީހުންނަށް އެހެން ފަރުވާތަކުން އެހީތެރިކަން ނުލިބުމުން
ފުއްޕާމޭ ބަދަލުކުރުމަކީ ވެސް މަދުން ނަމަވެސް ނެގޭ އިޚްތިޔާރަކަށް ފަހަރުގައި
ވެދާނެ އެވެ. އާންމު ގޮތެއްގައި މިގޮތަށް ފުއްޕާމޭ ބަދަލުކުރެވެނީ އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް
ކުރިމަތިވުމުގެ ކުރިން އެއްވެސް ޞިއްޙީ މައްސަލައެއް ނެތި ދުޅަހެޔޮކޮށް ތިބި
މީހުން ގެއެވެ (މެޔޯކްލިނިކް،2024).
ރައްކާތެރިވުމަށް ކުރެވިދާނެ
ކަންތައްތައް
(ހ) ދުންފަތުގެ
އިސްތިއުމާލުކުރުމުން ދުރުހެލިވުން : ދުންފަތުގެ
އިސްތިއުމާލުކުރުން ހުއްޓާލުމާއި ، ދުންފަތުގެ ދުމުން ރައްކާތެރިވުމަކީ މިފަދަ
ކަންކަމަށް މަގުފަހިވާ ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ (މެޔޯކްލިނިކް،2024).
(ށ) ވެކްސިން
ޖެހުން : ޚާއްޞަކޮށް ކޮންމެ އަހަރަކު
1 ފަހަރު އިންފުލުއެންޒާ ވެކްސިން ޖެހުމާއި، އަދި ނިއުމޯކޯކަލް ވެކްސިން ގެ
ޑޯޒްތައް ފުރިހަމަކުރުމަކީ ފުއްޕާމޭގެ އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭނެ
ކަމެކެވެ (މެޔޯކްލިނިކް،2024).
(ނ)
ޕަލްމޮނަރީ ރިހެބިލިޓޭޝަން (Pulmonary
rehabilitation): ޕަލްމޮނަރީ ރިހިބެލިޓޭޝަންގެ ބޭނުމަކީ އެމްފަސީމާ ހުންނަ މީހުންނަށް
ހިތްހަމަޖެހޭ ފަދަ ދިރިއުޅުމެއް ހޯދައި ދިނުމެވެ. މިޕްރޮގްރާމްގައި މައިގަނޑު
ގޮތެއްގައި ހިމެނެނީ ކިޔާދީ އޮޅުން ފިލުވައިދިނުން، ތަމްރީނުކޮށް ހޭނުވުން،
ކެއުމުގެ ލަފާދިނުން، އަދި ކައުންސެލިންގ ދިނުމެވެ. އެހެންކަމުން ޕަލްމޮނަރީ
ރިހިބެލިޓޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކުރެވެނީ އަންނަނިވި ކަންކަމަށެވެ
(މެޔޯކްލިނިކް،2024).
o އެމީހެއްގެ ކިބައިގައި ހުރި ފުއްޕާމޭގެ ބައްޔާއި
ބެހޭގޮތުން އިތުރަށް ހޯދުން
o ކަސްރަތުކުރުން ނޫނީ ކަސްރަތުކުރުވުން
o ބްރޭތިންގ ޓެކްނީކް އިތުރަށް ހަރުދަނާކޮށް
ރަނގަޅުކުރުން
o އިމޯޝަނަލް ސަޕޯޓް ފޯރުކޮށްދިނުން
o ނިއުޓްރިޝަނަލް ކައުންސެލިންގ ފޯރުކޮށްދިނުން (މެޔޯކްލިނިކް،2024).
ޕަލްމޮނަރީ ރިހެބިލިޓޭޝަންގެ ސަބަބުން
ނޭވާލުން ފަސޭހަކޮށްދީ، ފަސޭހަ ކަމާއެކު ކަސްރަތުކުރެވި، ހަރަކާތްތެރި
ދިރިއުޅުމެއް ހޭދަކުރުމަށް މަގުފަހިކޮށްދެއެވެ (މެޔޯކްލިނިކް،2024).
ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
·
https://www.mayoclinic.org/diseases-conditions/ards/symptoms-causes/syc-20355576
·
https://www.lung.org/lung-health-diseases/lung-disease-lookup/ards/ards-symptoms-and-diagnoses
·
https://my.clevelandclinic.org/health/diseases/15283-acute-respiratory-distress-syndrome-ards

No comments:
Post a Comment