Saturday, November 12, 2011

ލޭގެ ރަތް ސެލް

ލޭގެ ރަތް ސެލް
ލޭގެ ރަތް ސެލް(Red blood cell)  އަކީ ލޭގައި ހިމެނޭ ނިއުކްލިއަސް އެއް ނުވާ ވަށްކޮށް ހުންނަ ސެލް އެކެވެ. އެވްރެޖްކޮށް ލޭގެ ރަތް ސެލް ގެ ދިގު ހުރަސް މިނުގައި 7.5 މައިކްރޯން ހުރެއެވެ. އަދި ބޯމިނުގައި 2 މައިކްރޯން ހުންނައިރު ވޮލިއުމް ގައި 87 ކިއުބިކް މައިކްރޯން ހުރެއެވެ. ލޭގެ ރަތް ސެލް އެވްރެޖް ގޮތެއްގައި ދިރިހުންނަ މުއްދަތަކީ 120 ދުވަސް އެވެ. އެވްރެޖް ގޮތެއްގައި ލޭގެ ކޮންމެ މައިކްރޯ ލިޓަރެއްގައި 5 މިލިއަން ލޭގެ ރަތް ސެލް ހުރެއެވެ. ލޭގެ ރަތް ސެލް ތަކަށް ''އިރިތްރަސައިޓް''(Erythrocyte) އޭ ވެސް ކިޔައެވެ.ލޭގައި އެންމެ ގިނައަދަދަކަށް ހިމެނެނީ ރަތްކުލައިގެ ސެލްތަކެވެ. ލޭ ރަތްކުލައިގައި ހުރުމުގެ އަސްލަކީ މިއީއެވެ.

ލޭގެ ރަތް ސެލް އެކުލެވިގެންވާ މިންވަރު
ފިރިހެނުންގެ ހަށިގަނޑުގައި އެވްރެޖްގޮތެއްގައި ކޮންމެ މައިކްރޯލިޓަރ ( ކޮންމެ ކިއުބިކް މިލިމީޓަރ ) އެއްގައި 5,400,000 ( 5.4މިލިއަން ) ލޭގެ ރަތް ސެލް ހުރެއެވެ. އަންހެނުންގެ ހަށިގަނޑުގައި އެވްރެޖްގޮތެއްގައި ހުންނަނީ ކޮންމެ މައިކްރޯލިޓަރ އެއްގައި 4،600،000(4.6މިލިއަން) ލޭގެ ރަތް ސެލް އެވެ. ދުވަސްފުރާ ވިހާ މައިންނަށް ލިބޭ ކުޑަކުއްޖާގެ ހަށިގަނޑުގައި މިއަދަދު 4.8މިލިއަން ގައި އުޅޭއިރު އެއް އަހަރަށްދާ ކުޑަކުއްޖާގެ ހަށިގަނޑުގައި މިއަދަދު އުޅެނީ 4.3މިލިއަންގައެވެ. 10އަހަރަށްދާ ކުޑަކުއްޖާގެ ހަށިގަނޑުގައި އުޅެނީ 4.7މިލިއަންގައެވެ. ލޭގެ ކޮންމެ 100މައިކްރޯލިޓަރއެއްގައި ލޭގެ ރަތް ސެލް ހުންނަ މިންވަރަށް ކިޔަނީ ހިމާޓަކްރިޓް އެވެ. ނުވަތަ ހިމާޓަކްރިޓް ވޮލިއުމް (Hematocrit volume) އެވެ. ލޭ ތަތްކޮށް ނުވަތަ އޮލަކޮށް ހުރުން ( Viscosity )  މައިގަނޑުގޮތެއްގައި ބިނާވެފައި އޮންނަނީ ލޭގެ ރަތް ސެލްތައް ލޭގައި އެކުލެވިގެންވާ މިންވަރެއްގެ މައްޗަށެވެ.

ރަތް ސެލްތަކަށް ލިބިފައިވާ ޚާއްޞިއްޔަތުތައް
* ލޭގެ ރަތް ސެލްތައް ހުންނަނީ ވައް،ތިލަ ތައްޓެއްގެ ސިފަޔަށެވެ.
* ލޭގެ ރަތް ސެލް ތަކުގައި ''ނިއުކްލިއަސް'' ( Nucleus ) އެއް ނުހުރެއެވެ.
* ލޭގެ ރަތް ސެލްތައް ފުރިފައި ހުންނަނީ ހިމަގްލޯބިން (Hemaglobin)އޭކިޔޭ ރަތްކުލައިގެ މޮލިކިއުލްތަކަކުންނެވެ. ހިމަގްލޯބިން ގެ މަސައްކަތަކީ އޮކްސިޖަންގެ މިންވަރު ގިނަ ހިސާބުތަކުން އޮކްސިޖަން މަދުވެފައިވާ ހިސާބުތަކަށް އޮކްސިޖަން ފޯރުކޮށްދިނުމެވެ.
* ލޭގެ ރަތް ސެލްތަކަށް ހަލާކުވުމަކާއި ނުލައި، ބޭނުންވާ ބައްޓަމަކަށް ބަދަލުވުމުގެ ގާބިލިއްޔަތު ( Flexibility )  ލިބިފައިވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައިވާ އެންމެ ހަނި،ނުވަތަ އެންމެ ކުދި ލޭހޮޅިތައްވެސް ކަޑަތުކޮށްދިއުމުގެ ފުރުސަތު ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ހުރިހާ ހިސާބުތަކަށް ވެސް އޮކްސިޖަން ބަރާބަރަށް ގެންގޮސްދެއެެވެ.

ލޭގެ ރަތް ސެލްތަކުގެ ވަޒީފާ
* ލޭގެ ރަތް ސެލް ތަކުގެ މައިގަނޑު މަސައްކަތަކީ ފުއްޕާމޭއިން އޮކްސިޖަން ހަށިގަނޑުގައިވާ އެކިބާވަތްބާވަތުގެ ސެލްތަކަށް ފޯރުކޮށްދިނުމެވެ. މިމަސައްކަތް ހިންގަނީ ލޭގެ ރަތް ސެލް ތަކުގައި ހިމެނޭ ހިމަގްލޯބިން އޭ ކިޔޭ ޕްރޮޓީންއެއްގެ ޒަރީޢާއިންނެވެ. ހިމަގްލޯބިން ހަށިގަނޑުގައި އޮކްސިޖަންގެ މިިންވަރު އެންމެ މަތީ މިންވަރަކަށް އެކުލެވޭބައި (ފުއްޕާމޭ)ގައި އޮކްސިޖަންއާ ތަތްވެ،ނުވަތަ އެއްވެއެވެ. އެއަށްފަހު އޮކްސިޖަންގެ މިންވަރު ދަށް ނުވަތަ މަދުބައިތަކަށް (ކުދިލޭހޮޅިތަކަށް) އޮކްސިޖަން ގެންގޮސްދެއެވެ.

* ހަށިގަނޑުގައިވާ ކުދިލޭހޮޅި ( Capillary ) ތަކުން އޮކްސިޖަން ބޭރުވުމުން އޭގެ ބޭނުން އެކި ސެލްތައް ކުރެއެވެ. ފުއްޕާމޭގެ ތެރެއިން ލެޔަށް އަންނަ %97ގެ އޮކްސިޖަން ހަށިގަނޑުގެ އެކިހިސާބުތަކަށް ގެންގޮސްދެނީ ހިމަގްލޯބިންގެ ޒަރީޢާއިންނެވެ. ބާކީ %3ހުންނަނީ ލޭގެ ޕްލާޒްމާ ގެ ތެރޭގައެވެ.  

* ކޮންމެ ހިމަގްލޯބިން މޮލިކިއުލްއެއްގައި ދަނގަޑުގެ 4 ޒައްރާ ( Atom) ހުރެއެވެ. މިއިން ކޮންމެ ޒައްރާއެއް އޮކްސިޖަން މޮލިކިއުލްއަކާ އެކުވެއެވެ. ( އޮކްސިޖަންގެ ކޮންމެ މޮލިކިއުލްއެއްގައި އޮކްސިޖަންގެ 2 ޒައްރާވެއެވެ. މިއަށްކިޔަނީ O2އެވެ. ) މާނައަކީ ކޮންމެ ހިމަގްލޯބިން މޮލިކިއުލްއެއްގައި 4އޮކްސިޖަން މޮލިކިއުލް ނުވަތަ 8 އޮކްސިޖަން ޒައްރާ ހިމެނެއެވެ. ލޭގެ ރަތް ސެލް ތަކަށް ''ރަތްކަން'' އަންނަނީ ހިމަގްލޯބިންގައި ހިމެނޭ ދަނގަޑުގެ ސަބަބުންނެވެ. ހަމަ މިހެން ހިމަގްލޯބިންގައި ދެޖޯޑް ޕޮލިޕެޕްޓައިޑް ޗެއިން (Polypeptide chain)  އެކުލެވެއެވެ. މިޗެއިންތަކަށް ކިޔަނީ ''ގްލޯބިން''( Globin ) އެވެ.

* ލޭގެ ރަތް ސެލް ތަކުގެ %33އަކީ  ހިމަގްލޯބިން އެވެ. ފިރިހެނުންގެ ހަށިގަނޑުގައި އާންމުގޮތެއްގައި ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 15.5ގްރާމްގެ ހިމަގްލޯބިން ހުރެއެވެ. އަންހެނުންގެ ހަށިގަނޑުގައި 14ގްރާމް ހުރެއެވެ. ދުވަސްފުރި އުފަންވެފައިވާ ކުޑަކުއްޖާގެ ހަށިގަނޑުގައި ހުންނަނީ 16.6ގްރާމެވެ. 1އަހަރަށްދާ ކުޑަކުއްޖާގެ ހަށިގަނޑުގައި ހިމަގްލޯބިންގެ 12ގްރާމް ހުންނައިރު 10އަހަރަށްދާ ކުޑަކުއްޖާގެ ހަށިގަނޑުގައި 13.1ގްރާމް ހުރެއެވެ.

* ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން ފޯރުކޮށްދޭފަދައިން ކާބަންޑައިއޮކްސައިޑް(CO2 )  ހަށިގަނޑުން ބޭރުކުރުމުގައި ވެސް ލޭގެ ރަތް ސެލްތައް އެހީތެރިވެދެއެވެ. ކާބަންޑައިއޮކްސައިޑް އުފެދެނީ ހަށިގަނޑުގައިވާ އެކިއެކި ސެލްތަކުގައި ހިގާ ކެމިކަލް ރިއެކްޝަން ތަކެއްގެ އާޚިރު ނަތީޖާއެއްގެ ގޮތުންނެވެ. އެއަށްފަހު ކާބަންޑައިއޮކްސައިޑް ސެލްތަކުން ބޭރުވެ ކުދިލޭހޮޅިތަކަށް އާދެއެވެ. ދެން ބޮޑެތި ލޭހޮޅިތަކުގެ އެހީގަައި ފުއްޕާމެޔަށް ވާސިލްވެ، ނޭވާލާ ނޭވަޔާއި އެކު ހަށިގަނޑުން ބޭރުވެއެވެ.

* ލޭގެ ރަތް ސެލްތަކުގައި ''ކާބަނިކް އެންހައިޑްރޭޒް''(Carbonic anhydrase) ކިޔާ އެންޒައިމެއް ހުރެއެވެ. މި އެންޒައިމް ފެނާއި، ކާބަންޑައިއޮކްސައިޑް އެއްވުން 5000ފަހަރު އަވަސްކޮށްދެއެވެ. ފެނާއި، ކާބަންޑައިއޮކްސައިޑް އެއްވުމުން ''ކާބަނިކް އެސިޑް''(Carbonic acid) އުފެދެއެވެ. އެއަށްފަހު ކާބަނިކް އެސިޑް  ހައިޑްރަޖަން އާއި، ބައިކާބަނޭޓް( Bicarbonate )އަށް ބަދަލުވެއެވެ. ދެން ހައިޑްރަޖަން ހިމަގްލޯބިންއާއި އެއްވެއެވެ. ބައިކާބަނޭޓް ދަނީ ލޭގެ ޕްލާޒްމާގެ ތެރެއަށެވެ. ކާބަންޑައިއޮކްސައިޑްގެ %70ހަށިގަނޑުން ބޭރުވަނީ މިގޮތުގެ މަތީންނެވެ. ބާކީ %30ގެ ތެރެއިން %7ދަނީ ޕްލާޒްމާގެ ތެރެއަށެވެ. %23 ބަދަލުވުމެއްނެތި ހިމަގްލޯބިން އާއި، އެއްވެއެވެ. އެއަށްފަހު ފުއްޕާމެޔަށް ވާސިލްވެ، ނޭވާގެ ޒަރީޢާއިން ހަށިގަނޑުން ބޭރުވެއެވެ.

CO2 + H2O                                     H2CO3 + H+ HCO3-                     
       ބައިކާބަނޭޓް + ހައިޑްރޯޖަން  ކާބަނިކް އެސިޑް      ފެން + ކާބަންޑައިއޮކްސައިޑް

* ލޭގެ ރަތް ސެލްތަކުގެ ބޭރުފަށަލަ(Red cell membrane)، ހިމަގްލޯބިން ސެލް އިން  ބޭރުވެ، ޕްލާޒްމާގެ ތެރެއަށް ދިޔަނުދީ ހިފަހައްޓައެވެ. މިއީ ވަރަށް މުހިއްމުކަމެކެވެ. އެހެނީ ޕްލާޒްމާގެ ތެރޭގައި ހިމަގްލޯބިން މިނިވަންކަމާއި އެކު (އެއްވެސް އެއްޗަކާއި ނުގުޅި) ހަރަކާތްކުރާނަމަ އަންނަނިވި ކަންތައްތައް ކުރިމަތިވުމަކީ ގާތްކަމެކެވެ.

-          ގުރުދާގެ ތެރޭގައި ހިމަގްލޯބިން ފުރޭނިގެން ކުޑަކަމުދާތަކެއްޗާއި އެކު ބޭރުވުން
-          ގުރުދާގެ ހޮޅި ( Renal tubules)ތަކުގައި ހިމަގްލޯބިން ހަރުލާގޮތްވުން : މިއާވިދިގެން ގުރުދާ ފެއިލްވާގޮތް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.
-          ޕްލާޒްމާގެ އޮންކޮޓިކް ޕްރެޝަރ ( Oncotic pressure ) މަތިވުން: މިއާ ވިދިގެން ޓިޝޫތަކުގައި ދިޔާތަކެތި އުފެދުމަށް ހުރަސްއަޅައެވެ.
-          ހިމަގްލޯބިން ޕްލާޒްމާގެ ތެރޭގައި ފެނާ އެއްވެ، އޭގެ ތާސީރު ދަށްވުން ( Dilution )  : މިފަދަ ހާލަތުގައި ހިމަގްލޯބިން ގައި އޮކްސިޖަންއަށް ހުންނަ އެފިނިޓީ ( ވަކި އެއްޗަކާއި ގުޅުން ނުވަތަ އެއްވުމުގެ ބާރު / އެކަތި އަނެކައްޗަކާއި އޮންނަ ގުޅުން ނުވަތަ ގާތްކަން ) ނުވަތަ ހިމަގްލޯބިންގައި ހިމެނޭ އޮކްސިޖަންއާއި ގާތްވުމުގެ ބާރު މަތިވެ، އިތުރުވެއެވެ. ނަތީޖާއެއްގެ ގޮތުން އޮކްސިޖަން ޓިޝޫތަކަށް ފޮނުވައިދޭ މިންވަރު ދަށްވެއެވެ.

No comments:

Post a Comment