Friday, August 23, 2013

ނޭވާހިއްލުން

ނޭވާހިއްލުން
ނޭވަޔަށް އުދަނގޫކުރުން (bronchial asthma)ނުވަތަ ނޭވާހިއްލުމަކީ ނޭވާލާ ނިޒާމަށް ޖެހޭ ދާއިމީ ބައްޔެކެވެ. މިބަލި ޖެހުމުން ކުރިމަތިވާ މައިގަނޑު މައްސަލަ އަކީ ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމެވެ. ނޭވާހިއްލުން ޖެހުމުން ނޭވާހިނގާ މަގުގައި އިންފްލެމޭޝަން އުފެދެއެވެ.އެކަމުގެ ސަބަބުން ނޭވާހިނގާ މަގު ހަނިވެ، ފުއްޕާމެޔަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ބުރޫއަރައެވެ. ނަތީޖާއެއްގެ ގޮތުން ކެއްސުން، ނޭވާލާއިރު ތޫލި އަޑެއްހުރުން، ނޭވާކުރުވެ ނޭވާލާން އުދަނގޫވުން، އަދި މެޔަށް ވާންވެ، ފިތޭގޮތް ވެއެވެ.

ނޭވާހިއްލުމަކީ ދާއިމީ ބައްޔަކަށް ވެފައި، މިބައްޔަށް ފަރުވާކުރުމަށް ތަފާތު އެތައް ބޭސްތަކެއް އުފައްދާފައިވީ ނަމަވެސް މިބައްޔާމެދު އަދިވެސް ބެލެވިފައިވަނީ ނުރައްކާތެރި ބައްޔެއްގެ ގޮތުގައެވެ. ނޭވާހިއްލުމަށް އެކަށޭނަ ފަރުވާއެއް ނުލިބުމަކީ އޭގެ ސަބަބުން ހެލިފެލިވެ އުޅުމަށް ދަތިވެ، އަބަދުވެ، އެދުގައި އޮންނަން ޖެހޭ ކަހަލަ ކަމެކެވެ. ނޭވާހިއްލުމުގެ ނުރައްކާތެރި ޙާލަތްތަކުގައި ވަރަށް ގިނަ ފަހަރު ހޮސްޕިޓަލްގައި އެދުމަތިވެ، ފަރުވާ ލިބިގަންނަން ޖެހެއެވެ.

ނޭވާހިއްލުން ޖެހުމުން ކުރިމަތިވާ މައިގަނޑު 3 ކަމެއް ވެއެވެ.
(ހ) - ނޭވާހިނގާ މަގު ބަންދުވުން(Airway Obstruction) : ތަބީޢީ ގޮތެއްގައި ނޭވާލާއިރު ނޭވާހިނގާ މަގު(ވައިނޮޅީ)ގެ ވަށައިގެންވާ މަހުގެ ފަށަލަތައް ހުންނަނީ ހަމަހަމަ ވަރެއްގައި ހިފެހެއްޓިފައެވެ. ނުވަތަ ހަމައަކަށް އެޅިފައެވެ. އަދި މިހާލަތުގައި ފަސޭހަ ކަމާއެކު ނޭވާހިނގާ މަގުގެ ތެރޭގައި ވައި ދައުރުވާނެ އެވެ. ނޭވާހިއްލުން ހުންނަ މީހުން، އެފަދަ މީހުންނާއި ނުގުޅޭ އެއްޗަކަށް ހުށަހެޅުމުން، ނުވަތަ މާހައުލުގައި ހުންނަ އެފަދަ މީހުންނާއި ނުގުޅޭ ކަމަކަށް ހުށަހެޅުމުން، ނޭވާހިނގާ މަގުގެ ވަށައިގެން ހުންނަ މިބުނި މަހުގެ ފަށަލަތައް ވާންވެ، ފިތި، ނޭވާހިނގާމަގު ހަނިވެ، ވައި ދައުރުވުމަށް ހުރަސް އަޅައެވެ. އެކަށޭނަ ވަރަށް ފުއްޕާމެޔަށް އޮކްސިޖަން ނުލިބޭނަމަ ނޭވާކުރުވުން ކުރިމަތި ކުރުވައެވެ. އަދި ފިތި ހަނިވެފައިވާ މަގުން ވައި ދައުރުވާއިރު (ނޭވާހިނގާއިރު) ތޫލިއަޑެއް އުފެދެއެވެ. ނޭވާލާއިރު އިވޭ ތޫލިއަޑުގެ އަސްލަކީ މިއީ އެވެ.



(ށ) - ނޭވާހިނގާ މަގު ދުޅަވުން(Airway Inflammation) : ނޭވާހިއްލުން ޖެހުމުން ވައިނޮޅީގެ އެތެރޭގެ ދާރަފަށް ރަތްވެ، ދުޅަވެއެވެ. މިކަމުގެ ސަބަބުން ވެސް ވައިނޮޅި ހަނިވެ، ނޭވާހިނގުމަށް ހުރަސް އަޅައެވެ. ދިގުމުއްދަތަކަށް މިގޮތަށް ހުރުމުން އޭގެ އަސަރު ވަރަށް ގިނަ ފަހަރު ފުއްޕާމެޔަށް ވެސް ފޯރައެވެ.

(ނ) - ނޭވާހިނގާ މަގު ހިލިގަތުން(Airway irritability) : ނޭވާހިއްލުން ޖެހިފައިވާ މީހުންގެ ވައިނޮޅި (ނޭވާހިނގާ މަގު) އަކީ ވަރަށް ނާޒުކު އެއްޗެކެވެ. ނޭވާހިއްލުން ގޯސްކުރުވާ ކިތައްމެ ކުޑައެއްޗަކަށް ނުވަތަ ކަމަކަށް ހުށަހެޅުނު ނަމަވެސް ވައިނޮޅި ހިލިގަނެ، ވައިނޮޅި ހަނިވެ، ނޭވާހިނގުމަށް ހުރަސް އަޅައެވެ.

ނޭވާހިއްލުން ޖެހުމުން ދިމާވާ އުދަގޫތަކަށް ބަލާއިރު އެކަންކަން ދިމާވުމުގައި މުހިއްމު ދައުރެއް އަދާކުރާ ވަކި ސެލްތަކެއް ހަށިގަނޑުގައި ވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން މަސްޓް ސެލް، އީއަސިނަފިލް، އަދި ޓީ - ލިމްފަސައިޓް ހިމެނެއެވެ.

ހަށިގަނޑަށް ނުގުޅޭ އެއްޗެއް ހުށަހެޅުމުން ހަށިގަނޑުން ހިސްޓަމީން(histamine) ދޫކުރަނީ މަސްޓް ސެލް އިންނެވެ. އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހުމުން ނޭފަތުން ފެންއައުން، ނޭފަތުތެރެ ދުޅަވުން ފަދަ ކަންތައް ކުރިމަތިވަނީ ހިސްޓަމީންގެ ސަބަބުންނެވެ. ހަންގަނޑަށް ދިމާވާ ނުގުޅޭ އަސަރު(Skin allergy)  ތަކާއި ގުޅިގެން ހަންގަނޑު ހިރުވައި ކެހުން ކުރިމަތިވަނީ ވެސް ހިސްޓަމީން ގެ ސަބަބުންނެވެ. އަދި ނޭވާހިއްލުން ޖެހިފައިވާ ތިބޭމީހުންނަށް ނޭވާހިނގާ މަގު ހަނިވުން(Airway constriction) ކުރިމަތިވަނީ ވެސް ހިސްޓަމީންގެ ސަބަބުންނެވެ. އީއަސިނަފިލް(eosinophil) އަކީ ވެސް ހަށިގަނޑަށް ނުގުޅޭ އެއްޗެއް ހުށަހެޅުމުން ކުރިމަތިވާ ބަލިތަކުގައި މުހިއްމު ދައުރެއް އަދާކުރާ ސެލް އެކެވެ. މިއީ ލޭގެ ހުދު ސެލްގެ ވައްތަރެކެވެ. ޓީ ލިމްފަސައިޓް އަކީ ވެސް ހަށިގަނޑަށް ނުގުޅޭ އެއްޗެއް ހުށަހެޅުމުން ކުރިމަތިވާ ބަލިތަކާއި، އިންފްލެމޭޝަން ގެ ޙާލަތުގައި މުހިއްމު ދައުރެއް އަދާކުރާ ސެލް އެކެވެ.

ނޭވާހިއްލުން ކުރިމަތިވުމުގައި ބަޔާންކުރެވުނު ސެލްތަކާއި، އިންފްލެމޭޝަންގެ ޙާލަތުގައި ދޫކުރާ އެހެނިހެން ސެލްތައް ގުޅިގެން ނޭވާހިއްލުން ޖެހުމުން ދިމާވާ ނޭވާހިނގާ މަގު ހަނިވުން މެދުވެރިކުރުވައެވެ. އަދި ވައިދައުރުވުން ވަކި މިންވަރެއްގައި ހިފަހައްޓައި ނޭވާހިއްލުމުގެ އުދަގޫތައް ފެންމަތި ކުރުވައެވެ.

ބައެއް މީހުންނަށް ނޭވާހިއްލުމުގެ އުދަގޫތައް ފެންނަނީ ނޭވާކުރުވުން، މެޔަށް ވާންވެ ފިތުން ފަދަ އުދަގޫތަކުގެ ސިފައިގައެވެ. މިއުދަގޫތައް އެފަދަ މީހުންނަށް ގިނައިން ކުރިމަތިވަނީ ރޭގަނޑު ނުވަތަ ފަތިހުގެ ވަގުތު ތަކުގައެވެ. މާނައަކީ ރޭގަނޑުގައި ނޭވާހިއްލުން ކުރިމަތިވުމެވެ. އަނެއްބައި މީހުންނަށް ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވަނީ ހަމައެކަނި ކަސްރަތުކޮށް ހަދާއިރު އެވެ. މާނައަކީ ކަސްރަތުކުރުމުން ނޭވާހިއްލުން ކުރިމަތިވުމެވެ.

ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން
އެސްމާ އެޓޭކް(Asthma attack) އަކީ ކުއްލިއަކަށް ނޭވާހިއްލުމުގެ އުދަނގޫތައް ގޯސްވުމެވެ. ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ނޭވާހޮޅި ވާންވެ،ފިތި، ދުޅަވެ، ދަވަ ޖަމާވެ، އެމަގު ހަނިވެ، ހިމަވެގެން ދެއެވެ. އެހެން ގޮތަކަށް ބުނާނަމަ އެސްމާ އެޓޭކް ކުރިމަތިވަނީ ނޭވާހޮޅީގެ ވަށައިގެންވާ މަސްފަށަލަ ފިތި ކުރުގެޅުމުންނެވެ. މިގޮތަށް ވުމަށްކިޔަނީ ''ނޭވާހޮޅި ހަނިވުން''(brochospasm) އެވެ. މީގެ އިތުރުން ނޭވާހޮޅީގެ އެތެރޭގެ ތެތްދުލިފަށް ދުޅަވެ، އާންމުކޮށް އުފައްދާ މިންވަރަށްވުރެ އޮލަކޮށް ހުންނަ ދަވަ އުފައްދައެވެ. އެހެންކަމުން އެސްމާ އެޓޭކް ޖެހެނީ ނޭވާހޮޅި ފިތުން، ނޭވާހޮޅީ އެތެރޭގެ ތެތްދުލިފަށް ދުޅަވުން، އަދި އޮލަކޮށް ހުންނަ ދަވަ އުފެއްދުން މި ކަންތައްތަކުގެ ސަބަބުންނެވެ.

ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ފެންނާނެ ޢާންމު އަލާމާތްތަކުގެ ތެރޭގައި:-
·         ކެއްސުން : ޚާއްޞަކޮށް ރޭގަނޑު
·         ނޭވާލާއިރު ތޫލިއަޑެއްހުރުން
·         ނޭވާކުރުވުން
·         ނޭވާލާން އުދަގޫވުން
·         މެޔަށް ވާންވެ، ފިތި، ތަދުވުން
·         ދިރިއުޅުމުގައި އާންމުކޮށް ކުރާ މަސައްކަތްތައް ފުރިހަމަކުރަން އުދަގޫވުން
މިހާލަތުގައި ފެންނާނެ އެހެން ޢަލާމާތްތަކުގެ ތެރޭގައި:-
·         އެތެރެއަށާއި ބޭރަށް ނޭވާލާއިރު ތޫލިއަޑު ވަރަށް ބޮޑަށް ހުރުން
·         އާދަޔާ ޚިލާފަށް ގިނައިން ކެއްސުން
·         އަވަސް އަވަހަށް ނޭވާލުން
·         މެޔަށް ވާންވެ، ފިތި، ތަދުވުން
·         ނޭވާލާއިރު މޭއެތެރެއަށް ޖެހިފައި، ބޭރަށް އަންނަހެން ހީވުން (Chest retraction) މިއީ ކަރު އަދި މޭމަތީގެ މަސްތައް ކުރުގެޅުމުން ވާގޮތެކެވެ.
·         ވާހަކަ ދައްކަން އުދަގޫވުން
·         ހިތްހަމަނުޖެހުން
·         މޫނުމަތި ދާހިއްލައި ދޮންފޫޑުވެފައި ހުރުން
·         ނިޔަފަތިތައް ދަށް، އަދި ތުންފަތް ނޫވުން
·         ބޭސް ބޭނުންކުރަމުންދާއިރު ވެސް ޙާލަތު ރަގަޅުނުވުން

ނޭވާހިއްލުން ހުންނަ މީހުންނަށް ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ދިމާވާނީ އެއް އުދަގޫތަކެއް ނޫނެވެ. ބައެއް ފަހަރު މިހުރިހާ އުދަގުލެއް އެއްފަހަރާ ނުފެނުމަކީ ވެދާނެ ގޮތެކެވެ. އަދި އެކިފަހަރު އެކި އުދަގޫތައް ކުރިމަތި ވުމަކީ ވެސް ވެދާނެ ގޮތެކެވެ. އަދި އެއްފަހަރު އުދަގޫތައް ކުރިމަތިވާ މިންވަރަށްވުރެ ޖެހިގެން އަންނަ ފަހަރު ކުރިމަތިވާ މިންވަރު މަތިވެފައި ގޯސްވެ ނުރައްކާ ވުމަކީ ވެސް ވެދާނެ ގޮތެކެވެ. ނޭވާހިއްލުން ޖެހިފައި ތިބޭ މީހުންނަށް ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތި ނުވެ ދިގުމުއްދަތެއް ފާއިތުވެ ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

އާދައިގެ ވަރަކަށް ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމަކީ ވަރަށް އާންމު ކަމެކެވެ. އެފަދަ ހާލަތުގައި ބޭސް ބޭނުންކުރުމުން ދެތިން ގަޑިއިރުގެ ތެރޭގައި މީހާގެ ހާލަތު ރަގަޅުވެ، ހަމައަކަށް އެޅެއެވެ. ވިސްނަން ޖެހޭ ކަމަކީ އާދައިގެ ވަރަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވި ނަމަވެސް ލަސްނުކޮށް އޭގެ ފަރުވާ ލިބިގަތުމެވެ. އޭގެ ސަބަބުން ނުރައްކާތެރި ދަރަޖައަކަށް ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ފަދަ ކަންތަކުން މިންޖުވެ، ނޭވާހިއްލުމުގެ އުދަގޫތަކުން ރައްކާތެރިކަން ލިބުމުގެ ފުރުޞަތު އިތުރުވެގެންދާނެ އެވެ.

ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ފަރުވާނުކޮށްފިނަމަ ވާނީ ކިހިނެއް؟
ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވުމަށްފަހު ބޭސް ބޭނުންކޮށްގެން ފަރުވާ ލިބިނުގަނެއްޖެނަމަ، ނޭވާލާން އުދަގޫވެ، ނޭވާލާއިރު އިވޭ ތޫލިއަޑު ގަދަވެގެން ދެއެވެ. ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވުމުން ފުއްޕާމެޔަށް، ވާންވެ، ބާރުވެ ފިތޭތީ، ޕީކްފްލޯމީޓަރު ބޭނުންކުރަން ނުކުޅެދެއެވެ. މަޑުމަޑުން ފުއްޕާމޭފިތެމުންދާ ވަރަކަށް ނޭވާލާއިރު ހުންނަ ތޫލިއަޑުއުފެދޭ މިންވަރަށް ވައި ދައުރެއް ނުވެއެވެ. ނޭވާލާއިރު އިވޭ ތޫލި އަޑު ނުހުރުމަކީ ވަރަށް ނުރައްކާތެރި ނިޝާނެކެވެ. މިހާލަތަށް ކިޔަނީ ''މައިތިރި މޭ''ނުވަތަ ''ހިމޭން މޭ''(silent chest) އެވެ. ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި ނޭވާލާއިރު ތޫލިއަޑު ނުހުރުމަކީ ނޭވާހިއްލުން ގެ ޙާލަތު ރަގަޅުވެފައިވާ ކަމުގެ ހެއްކެކެވެ. އެކަމަކު މިއީ ހަގީގަތުގައި ކުށްހީ އެކެވެ. މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.

ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ ވާހަކަ ދައްކަން ނުކުޅެދި، ތުންފަތާއި ވަށައިގެންވާ ހިސާބުގައި ނޫވުން(cyanosis) ކުރިމަތިވެއެވެ. މިއީ ލޭގައި އޮކްސިޖަން މަދުވެގެން ދިމާވާ ކަމެކެވެ. އެހެންކަމުން މިފަދަ ޙާލަތުގައި އެކަށޭނަ ފަރުވާ ވަގުތުން ނުދެއްވިއްޖެނަމަ ޚަބަރު ހުސްވެ، ފުރާނަ އަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ.

ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުގެ ނުރައްކަލުގެ ނިޝާންތައް ދެނެގަންނާނީ ކިހިނެއް؟
އާންމުކޮށް ބަލާއިރު ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވުމުން ފެންނަ އަލާމާތްތަކަކީ އެކަމުގެ ސަބަބުން ހަޔާތު ދިރިއުޅުމަށް އަސަރުކުރާހާ ނުރައްކާތެރި އުދަގޫތަކެއް ނޫނެވެ. އެކަމަކު މިއުދަގޫތައް ފާހަގަކޮށް އެކަންކަމާއި ދުރުހެލިވުމަށް މަސައްކަތްކުރުމަކީ ތިމާގެ ޞިއްޙަތަށްޓަކައި ކުރެވޭ ރަގަޅުކަމަށް ނޫނީ ނުވާނެ އެވެ.

ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވުމުން ފެންނަ ނުރައްކަލުގެ ނިޝާންތަކުގެ ތެރޭގައި:-
·         މާގިނައިން ކެއްސުން : ޚާއްޞަކޮށް ރޭގަނޑުގައި
·         ޕީކްފްލޯ މީޓަރު ގެ ރީޑިންގ ދަށްވުން
·         ނޭވާކުރުވުން
·         ކަސްރަތުކުރާއިރު ވަރުބަލިވެ ވަރުދެރަވުން
·         ކަސްރަތު ކުރުމަށްފަހު ކެއްސަން ފެށުން، ނުވަތަ ނޭވާލާއިރު ތޫލިއަޑު ހުރުން
·         ވަރުބަލިވެ، ހިތްހަމަނުޖެހި، ނުތަނަވަސްވުން
·         ޕީކްފްލޯ މީޓަރު އިން ބަލާއިރު ފުއްޕާމޭގެ މަސައްކަތަށް ބަދަލުއައުން ނުވަތަ ދަށްވުން
·         އަރިދަފުސް ރޯގާގެ އުދަގޫތައް: ކިނބިހިއެޅުން، ނޭފަތުން ފެން އައުން، ކެއްސުން، ނޭފަތް ބެދުން، ކަރުތެރެ ފާރުވުން، ބޮލުގައި ރިހުން
·         ރޭގަނޑު ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވެ ރަގަޅަށް ނުނިދުން

ނުރައްކާތެރި ދަރަޖައަކަށް ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން
ދިގުމުއްދަތަކަށް ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން(Statusasthmaticus)ކުރިމަތިވެ، ވައިނޮޅި ފުޅާކުރުމަށް(bronchodilator) ދޭ ބޭހަށް އިޖާބަ ނުދޭނަމަ އެއީ ޑޮކްޓަރީ ބޭސްވެރި ކަމުގައި ކުއްލި ޙާލަތެއްގެ ގޮތުގައި ބަލައެވެ. ބޭސްވެރިކަމުގައި މިޙާލަތަށް ކިޔައިއުޅެނީ ''ސްޓޭޓަސް އެސްމެޓިކަސް''(status asthmaticus) އެވެ. މިއީ ވަގުތުން ފަރުވާ ލިބެންޖެހޭ ކުއްލި ޙާލަތެކެވެ. އަދި މިއީ ފުރާނަ އަށް ނުރައްކާވާ ފަދަ ޙާލަތެކެވެ.

ސްޓޭޓަސް އެސްމެޓިކަސް ކުރިމަތިވުމުން އާންމުކޮށް ނޭވާހިއްލާ މީހުން ބޭނުންކުރާ އަނގައިން ދަމާ ނޭވާހޮޅި ފުޅާކުރާ ބޭސް(inhalers) ތަކަށް އިޖާބައެއް ނުދޭނެއެވެ. މާނައަކީ އެބޭސް ބޭނުންކުރިޔަސް ލުޔެއް ނުލިބޭނެއެވެ. އަދި ނޭވާ ފޭލްވުމުގެ ޢަލާމާތްތައް މިޙާލަތުގައި ފެންނާނެ އެވެ. އެހެންކަމުން މިކަމާމެދު ވިސްނައި މިފަދަ އުދަގޫތަކެއް ކުރިމަތިވާހެން ހީވާނަމަ އަވަސްކޮށް ފަރުވާ ލިބިގަންނަން ޖެހޭނެ އެވެ.

ސްޓޭޓަސް އެސްމެޓިކަސް ގެ އަލާމާތްތައް
ސްޓޭޓަސް އެސްމެޓިކަސް ގެ އަލާމާތްތަކުގެ ތެރޭގައި:-
·         ދިގުމުއްދަތަކަށް ނޭވާކުރުވުން
·         ރަގަޅަށް ވާހަކަ ދެއްކޭގޮތްނުވުން (ޖުމުލަ ފުރިހަމަނުކުރެވުން)
·         އޮށޯވެގެން އޮންނައިރު ވެސް ނޭވާލާން އުދަނގޫވުން
·         ތުންފަތް ނޫފައިގެންފައި ހުންނަހެން ހުރުން (ނޫވުން)
·         މޭފިތިފައި ހުންނަހެން ހީވުން
·         ވާނުވާނޭގުން، ރަގަޅަށް އެއްކަމަކަށް ވިސްނުން ބަހައްޓަށް އުދަނގޫވުން
·         ނޭވާލުމަށްޓަކައި އިށީންނަށް ޖެހުން ނުވަތަ ކޮޅަށް ތެދުވަން ޖެހުން ނުވަތަ ދެކޮނޑުކައިރިކުރަން ޖެހުންއަދި ބަނޑާއި ކަރުގެ މަސްތަކުން ނޭވާލާއިރު ބާރުލާން ޖެހުން
ބުނެވުނު އުދަގޫތަކަކީ ނޭވާ ފޭލްވާން އުޅޭކަމުގެ ނިޝާންތަކެވެ. ސްޓޭޓަސް އެސްމެޓިކަސް ގެ ޙާލަތުގައި ކެއްސުން، އަދި ނޭވާލާއިރު ތޫލިއަޑެއް ހުރުން ފަދަ ކަންތައް މާބޮޑަށް ފާހަގަ ނުކުރެވިދާނެ އެވެ.

ސްޓޭޓަސް އެސްމެޓިކަސްގެ ނުރައްކާތެރި ނިޝާންތައް
އާންމު ގޮތެއްގައި ސްޓޭޓަސް އެސްމެޓިކަސް ކުރިމަތިވުމުން ފެންނަނީ ވަރަށް މަދު ނުރައްކާތެރި ނިޝާން ތަކެކެވެ. މިގޮތުން ފެންނަ ނިޝާންތައް ކުއްލިއަކަށް ކުރިމަތިވެ، ވަރަށް އަވަހަށް އޭގެ ނުރައްކާތެރި ދަރަޖައަށް ވާޞިލްވެ، ނޭވާހާސްވުން(asphyxiation) ކުރިމަތިކުރުވައެވެ. ބައެއް ކަހަލަ ނިޝާންތައް ފެންނަނީ ނޭވާހިއްލުން ގޯސްކުރާ ކަންތައްތަކަށް ( ވެށީގައި ހުންނަ ) ހުށަހެޅުމަށްފަހުގައެވެ. މާނައަކީ ތިމާގެ މަސައްކަތުން ނޭވާހިއްލުން ރަގަޅަށް ކޮންޓްރޯލް ނުކުރެވޭތީއެވެ. ނުވަތަ ނޭވާހިއްލުން ގޯސްކުރާ ކަންތައްތަކާ ފުރިހަމައަށް ދުރުހެލި ނުވެވޭތީ އެވެ. އަދި އެފަދަ މީހުން ގިނަ ފަހަރު ނޭވާހިއްލާމީހުން ބޭނުންކުރާ ޕީކްފްލޯ މީޓަރު އަދި އެތެރެއަށްދަމާ ކޯޓިކޯސްޓީރޮއިޑް ފަދަ ބޭސްތައް ބޭނުން އެކަށޭނަގޮތެއްގައި ނުކުރާތީ އެވެ. އެތެރެއަށް ދަމާ ސްޓީރޮއިޑް ބޭސް ތަކަކީ ނޭވާހިއްލުމާއި ގުޅިގެން ނޭވާހޮޅީގައި އުފެދޭ އިންފްލެމޭޝަން ކުޑަކޮށްދޭ ވަރަށް ރަގަޅު ބޭހެކެވެ.

ނޭވާލާއިރު ތޫލިއަޑެއް ހުރުމަކީ ސްޓޭޓަސް އެސްމެޓިކަސް ކުރިމަތިވެފައިވުންތަ؟
ނޭވާލާއިރު ތޫލިއަޑެއް ހުރުމަކީ ނޭވާލާހިއްލުން ޖެހިފައިވުމެކޭ ނުބުނެވޭނެ އެވެ. ސަބަބަކީ ނޭވާލާ ނިޒާމްގެ އިންފެކްޝަން، ހިތް ފޭލްވުން، އަދިވެސް އެހެނިހެން ބައެއް ބަލިތަކުގެ ސަބަބުން ނޭވާލާއިރު ތޫލިއަޑެއް ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށްވާތީ އެވެ.

ސްޓޭޓަސް އެސްމެޓިކަސް ކުރިމަތިވާ ސަބަބަކީ ކޮބާ؟
ސްޓޭޓަސް އެސްމެޓިކަސް ކުރިމަތިވާ ހަގީގީ ސަބަބެއް ހޯދިފައެއް ނެތެވެ. ނަމަވެސް ގަބޫލުކުރެވޭ ހަގީގަތަކީ ސްޓޭޓަސް އެސްމެޓިކަސްގެ ޙާލަތު ކުރިމަތިވަނީ ނޭވާހިއްލުން ހުންނަ މީހުންގެ ތެރެއިން ނޭވާހިއްލުން ކޮންޓްރޯލް ކުރުމަށް މަސައްކަތް އެދެވޭ ގޮތެއްގައި ނުކުރާ މީހުންނާއި، އަދި ޞިއްޙަތަށް ރަގަޅަށް އަޅާނުލާ މީހުންނަން ކަމެވެ. މިފަދަ ހާލަތު ކުރިމަތިވާ މީހުންގެ ބަލީގެ ތާރީޚް ދިރާސާކޮށްފިނަމަ ވަރަށް ގިނަފަހަރު ހޮސްޕިޓަލްގައި އެދުމަތިކުރާކަން ފާހަގަ ކުރެވޭނެ އެވެ. އަދި އެގޮތުން އެދުމަތިކުރާ ބައެއް ފަހަރު އިންޓިއުބޭޝަން ހަދައިފައި ހުރުމަކީ ވެސް އެކަށޭނަ ކަމެކެވެ. ސިކުނޑީގެ ބަލިތައް ހުންނަމީހުންނާއި، ނަފްސާނީ ބަލިތައް ހުންނަ މީހުންނަށް ސްޓޭޓަސް އެސްމެޓިކަސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. މިސަބަބާ ހުރެ ދާއިމީކޮށް ނޭވާހިއްލުން ހުންނަ މީހުން ޕީކްފްލޯމީޓަރު ބޭނުންކޮށްގެން ފުއްޕާމޭގެ މަސައްކަތް ހިނގާގޮތް ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ސްޓޭޓަސް އެސްމެޓިކަސް ދެނެގަންނަނީ ކިހިނެއް؟
ސްޓޭޓަސް އެސްމެޓިކަސް ދެނެގަތުމަށް ޑޮކްޓަރުން ހަށިގަނޑު ބަލާ ބެލުންތަކުން ދެނެގަންނަ ކަންތައްތަކުގެ ތެރޭގައި ހޭވެރިކަން ހުރި މިންވަރު، ވަރުބަލިކަން ކުރިމަތިވެފައިވާ މިންވަރު، އަދި ނޭވާލުމަށް ތަފާތު މަސްތައް ބޭނުންކުރާގޮތް ހިމެނެއެވެ. މީގެ އިތުރުން އެތެރެއަށް ނޭވާލާއިރު، އަދި ބޭރަށް ނޭވާލާއިރު ތޫލިއަޑެއް ހުރިތޯ ބަލާނެ އެވެ. އަދި ނޭވާލާ މިންވަރު ވެސް ބަލާނެއެވެ. މީގެ އިތުރުން ޕީކް އެކްސްޕިރޭޓަރީ ފްލޯ، އަދި އޮކްސިޖަން ސެޗުރޭޝަން ބެލުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން މެޔާ، ކަރާ، އަރުތެރެ، އަނގަ، އަދި ނޭވާލާ ނިޒާމްގެ އެތެރޭގެ ބައިތައް ހުރިނެތްގޮތް ވެސް ބަލާނެ އެވެ.

ސްޓޭޓަސް އެސްމެޓިކަސް އަށް ފަރުވާ ކުރަނީ ކިހިނެއް؟
ނޭވާހިއްލުން ޖެހިފައިވާ މީހުން އާންމުކޮށް ބޭނުންކުރާ ބޭސްތަކަށް ސްޓޭޓަސް އެސްމެޓިކަސް ކުރިމަތިވުމުން ހަށިގަނޑު އިޖާބަ ނުދިނުމަކީ ވެދާނެ ގޮތެކެވެ. އާވިއެރުވުން، އަދި އެޕިނެފްރިން އާއި ޕްރެޑްނިސޯން އިންޖެކްޝަން ފަދަ ތަކެތި ދާއިމީގޮތެއްގައި ބޭނުންކުރުމަކީ މިޙާލަތުގައި މުހިއްމު ކަމެކެވެ. މީގެ އިތުރުން ޓާބިއުޓަލިން އިންޖެކްޝަން، މެގްނީޒިއަމް ސަލްފޭޓް، އަދި ލިއުކޯޓްރިން އިންހިބިޓަރ ފަދަ ބޭސްތައް ބޭނުންކުރެވިދާނެ އެވެ.

މިހާލަތު ކުރިމަތިވުމުން ބޭސް ބޭނުންކުރުމުން ރަގަޅު ނުވެއްޖެނަމަ ،ބައެއްފަހަރު މެކޭނިކަލް ވެންޓިލޭޓަރެއްގެ އެހީގައި ނޭވާލާން ޖެހިދާނެ އެވެ. އެގޮތުން ނޭވާލާން ފަސޭހަ ކުރުމުގެ ގޮތުން މޫނުމަތީގައި އަޅާ މާސްކެއް، ނުވަތަ ނޭވާލާން ބޭނުންކުރާ ހޮޅި އެއް އަނގަ ނުވަތަ ނޭފަތަށް ވާގޮތަށް ގުޅަންޖެހެއެވެ. ނޭވާލުމަށް އެހީތެރިވެދޭ މިއާލާތްތައް އުދަގުލެއްނެތި ނޭވާލެވެން ފެށުމުން ގުޅާކަން ނުޖެހޭނެއެވެ. ބައެއް ފަހަރު މަދު ދުވަސްކޮޅަކަށް ނަމަވެސް ހޮސްޕިޓަލްގެ ޚާއްޞަ އިނާޔަތްދޭ ޔުނިޓް ގައި އެދުމަތިކޮށް ބާއްވަން ޖެހެއެވެ.

ބޮޑެތި މީހުންނަށް ނޭވާހިއްލުން ޖެހުން
ބޮޑެތި މީހުންނަށް ނޭވާހިއްލުން ޖެހުން(Adult-onset Asthma) ކަމަށް ބެލެވެނީ އުމުރުން 20 އަހަރުވުމަށްފަހު ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވުމަށެވެ. ބޮޑެތި މީހުންގެ ތެރެއިން ފިރިހެނުންނަށްވުރެ އަންހެނުންނަށް ނޭވާހިއްލުން ޖެހުން އިތުރުކަން ފާހަގަ ކުރެވެއެވެ. ނޭވާހިއްލުން ޖެހިފައިވާ ބޮޑެތި މީހުންގެ ތެރެއިން ½ މީހުންނަށް ތަފާތު ތަކެއްޗާއި ނުގުޅުން(Allergy) ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. އަނެއް ބައިފަހަރު ބޮޑެތި މީހުންނަށް ނޭވާހިއްލުން ޖެހެނީ ތިމާއުޅޭވެށި ނުވަތަ މަސައްކަތުގެ މާހައުލުގައި ހުންނަ ކަމަކުންނެވެ. މިފަދަ ޙާލަތުގައި ނޭވާހިއްލުމުގެ އުދަގޫތައް ފެންމަތިވަނީ ކުއްލިއަކަށެވެ.

ނޭވާހިއްލުމަކީ ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށް އަދި ކޮންމެ ވަގުތަކު ވެސް ކުރިމަތިވެދާނެ ކަމެކެވެ. ފާހަގަ ކުރެވިފައިވާ ގޮތުގައި އުމުރުން 40 އަހަރުން ދަށުގެ މީހުންނަށް ނޭވާހިއްލުން ކުރިމަތިވާ މިންވަރު އިތުރެވެ. ތިމާގެ އާއިލާގައި ނޭވާހިއްލުން ޖެހިފައިވާ މީހަކު ހުރިނަމަ އެމީހަކަށް ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު ބޮޑެވެ. އާންމު ގޮތެއްގައި ނޭވާހިއްލުން ޖެހުމާއި، ތަފާތު ތަކެއްޗާއި ނުގުޅުން އެކުއެކީ ކުރިމަތިވާކަން  ފާހަގަ ވެއެވެ. ނޭވާހިއްލުން ހުންނަމީހުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.

ނޭވާހިއްލުމަކީ ނޭވާލާ ނިޒާމް އަދި ފުއްޕާމެޔަށް ކުރިމަތިވާ އުނިކަމެކެވެ. އޭގެ ސަބަބުން :-
·         ނޭވާހިނގާމަގުގެ އެތެރޭ ދާރަފަށުގައި އިންފްލެމޭޝަން އުފެދި ދުޅަވެއެވެ.
·         އާންމުކޮށް ހުންނަވަރަށްވުރެ އޮލަކޮށް ހުންނަ ދަވަ އުފައްދައެވެ.
·         ނޭވާހިނގާ މަގުގެ ވަށައިގެންވާ މަސް ފަށަލަ ފިތި ކުރުގެޅުމުން ނޭވާހިނގާ މަގު ހަނިވެގެންދެއެވެ.
ނޭވާހިއްލުން ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·         ނޭވާކުރުވުން
·         މާގިނައިން ކެއްސުން: ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ކެއްސުން އިތުރުވެއެވެ.
·         ނޭވާލާއިރު ތޫލިއަޑެއް ހުރުން
·         ނޭވާލާން އުދަނގޫވުން
·         މެޔަށް ފިތި ވާންވުން

ކުރިންވެސް ބުނިހެން ބޮޑެތި މީހުންނަށް ނޭވާހިއްލުން ޖެހުން ކަމަށް ބެލެވެނީ އުމުރުން 20 އަހަރުވުމަށްފަހު ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވުމަށެވެ. ބޮޑެތި މީހުންގެ ތެރެއިން ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު ބޮޑު ބައެއް ވެއެވެ. އެއީ:-
·         ހަށިގަނޑުގެ ހޯރމޯން ތަކަށް ބަދަލު އަންނަ މީހުން: މިސާލަކަށް މާބަނޑުމީހުން، އިއްދައިން ކެނޑިފައިވާ މީހުން
·         އިއްދައިން ކެނޑުމަށްފަހު 10 އަހަރު ދުވަހަށްވުރެ ދިގުމުއްދަތަކަށް އެސްޓްރަޖަން ހޯރމޯން ބޭހުގެ ގޮތުގައި ބޭނުންކޮށްފައިވާ މީހުން
·         ވައިރަސްގެ ސަބަބުން ޖެހޭ ތަފާތު އިންފެކްޝަންތައް ޖެހިފައިވާ މީހުން: މިސާލަކަށް އަރިދަފުސް ރޯގާ ޖެހުން، އިންފުލުއެންޒާ ޖެހުން
·         މާބޮޑަށް ފަލަ މީހުން ނުވަތަ ފަލަ ބަލީގެ އަހުލުވެރިން
·         ތަކެއްޗާއި ނުގުޅޭ މީހުން : ޚާއްޞަކޮށް ބުޅަލާއި ނުގުޅޭމީހުން
·         ތިމާއުޅޭ ވެށީގައި ހުންނަ ނޭވާހިއްލުން ގޯސްކުރާ ކަންތައްތަކަށް ހުށަހެޅިފައިވާ މީހުން: މިސާލު ދުންފަތުގެ ދުން، ދޫނިސޫފާ ސޫފީގެ ކެހެރި، ކަފަ، ހިރަފުސް، ލޮލަށް ނުފެންނަ ކުނިބުނި ފަދަ ތަކެތި

ކުޑަކުދިންނަށް ނޭވާހިއްލުން ޖެހުމާއި، ބޮޑެތި މީހުންނަށް ނޭވާހިއްލުން ޖެހުމުގައި ހުންނަ ތަފާތު
ކުޑަކުދިންނަށް ނޭވާހިއްލުން ޖެހުމުން އޭގެ އުދަގޫތައް ފެނިލާފައި ރަގަޅުވެ ދިއުމަކީ ވެދާނެ ގޮތެކެވެ. ބޮޑެތި މީހުންނަށް ނޭވާހިއްލުން ޖެހުމުން އޭގެ އުދަގޫތައް މުޅިން ނުފިލާ އަބަދުމެ ހުރުމަކީ ވެދާނެ ގޮތެކެވެ. ބޮޑެތި މީހުންނަށް ނޭވާހިއްލުން ޖެހުމުން އެކަން ލުއިކުރުމަށް ކޮންމެ ދުވަހަކު ބޭސް ބޭނުންކުރަން ޖެހުމަކީ ވެސް ވެދާނެ ގޮތެކެވެ. މެދު އުމުރަށް އެޅުމަށްފަހު ނޭވާލުމުގައި ސިކުންތެއްގެ ތެރޭގައި ވައި އެތެރެކޮށް ބޭރުކުރެވޭ މިންވަރު(lung capacity)ދަށްވާގޮތް ވެއެވެ. މިހެންވަނީ ނޭވާހިނގާ ހޮޅީގެ ވަށައިގެންވާ މަސްފަށަލަ އަށް ބަދަލު އައިސް، މޭމަތީގެ މަސްތަކަށްވާންވެ ހަރުވުމުންނެވެ. މިސަބަބާހުރެ ބައެއް ފަހަރު ޑޮކްޓަރުންނަށް ބޮޑެތި މީހުންނަށް ޖެހޭ ނޭވާހިއްލުން ދެނެގަންނަން އުދަގޫ ވެއެވެ.

ބޮޑެތި މީހުންނަށްޖެހޭ ނޭވާހިއްލުން ދެނެގަންނާނީ ކިހިނެއް؟
ބޮޑެތި މީހުންނަށްޖެހޭ ނޭވާހިއްލުން ދެނެގަންނަނީ:-
(ހ) - ބަލިމީހާގެ ޙާލަތު ހުރިނެތްގޮތް އަހައި ސާފުކޮށް، ކުރިމަތިވާ އުދަގޫތައް އޮޅުން ފިލުވުން :މީގެ އިތުރުން ނޭވާލާއިރު ފުއްޕާމޭގައި ކަށިގަނޑު ޖައްސައިގެން އަޑުއަހައި ފުއްޕާމޭގެ ހާލަތު ދެނެގަނެއެވެ.

(ށ) – ފުއްޕާމޭ މަސައްކަތްކުރާ ގޮތުގެ ޓެސްޓް ހެދުން(LFT): މިޓެސްޓް ހަދަނީ ''ސްޕައިރޯމީޓަރު'' (Spirometer) ކިޔާ އާލަތެއް ބޭނުންކޮށްގެންނެވެ. މިއާލަތުގެ އެހީގައި ފުންނޭވާއެއް އެތެރެއަށް ލުމަށްފަހު، ބޭރަށް ނޭވާލާއިރު ބޭރުވަނީ ވައިގެ ކިހާ މިންވަރެއްކަން ބެލޭނެއެވެ. މީގެ އިތުރުން މިއާލަތުގެ އެހީގައި ފުއްޕާމޭގައި ހުރި ވައިބޭރުކޮށް ހުސްކޮށްލެވެނީ ކިހާ އަވަހަކަށް ކަން ވެސް ދެނެގަނެވޭނެ އެވެ. މިޓެސްޓު ހެދުމުގެ ކުރިން ނުވަތަ ފަހުން ބައެއް ފަހަރު އަވަހަށް(ކުރުމުއްދަތަކުން) މަސައްކަތްކުރާ (Short-acting)  ނޭވާހޮޅި ފުޅާކުރާ ބޭހެއް (Bronchodilator) ބޭނުންކުރަން ބުނެފާނެ އެވެ.

(ނ) - މިތަކޯލިން ޗެލެންޖް ޓެސްޓު ހެދުން (methacholine challenge test): މިޓެސްޓު ހަދަނީ ކުރިމަތިވާ އުދަގޫ ތަކާއި، ސްޕައިރޯމީޓަރު ބޭނުންކޮށްގެން ހަދާ ޓެސްޓުން ނޭވާހިއްލުން ޖެހިފައިވާކަން ރަގަޅަށް ދެނެގަންނަން ނޭގިއްޖެނަމަ އެވެ.  މިޓެސްޓު ހަދާއިރު ސްޕައިރޯމެޓްރީ(Spirometry) ހެދުމުގެ ކުރިންނާއި ފަހުން ''މިތަކޯލިން އެއިރޯސޯލް މިސްޓް''(methacholine aerosol mist) އެތެރެއަށް ދަމަން(Inhale) ޖެހެއެވެ. މިޓެސްޓު ހަދާއިރު ފުއްޕާމޭގެ މަސައްކަތް 20 އިން ސައްތަ ދަށްވެފައިވާނަމަ އޭގެ މާނައަކީ ޓެސްޓު ޕޮޒިޓިވް ވުމެވެ. މާނައަކީ ނޭވާހިއްލުން ޖެހިފައި ވުމެވެ. މިތަކޯލިންގެ ސަބަބުކުރިމަތިވި އަސަރު ފިލުވާލުމަށްޓަކައި ޓެސްޓު ހަދާ ނިމުމުން ނޭވާހިނގާމަގު ފުޅާކުރާ ބޭހެއް (Bronchodilator) ދެވެއެވެ.

(ރ) - މޭގެ އެކްސްރޭ ހެދުން: މޭގެ އެކްސްރޭ ހެދުމުން، ފުއްޕާމޭ، ހިތް، އަދި އަރިކަށިތަކާއި މޭކަށިތައް ހުރިނެތްގޮތް ދެނެގަނެވެއެވެ. ކުރިމަތިވާ އުދަގޫތަކުގެ އަސްލަކީ ނޭވާހިއްލުން ނޫން އެހެން ކަމެއް ނަމަވެސް މޭގެ އެކްސްރޭ ބަލައިގެން އެގިދާނެއެވެ. އެކްސްރޭ އިން ބަލައިގެން ނޭވާހިއްލުން ޖެހިފައިވާ ކަމުގެ ނިޝާނެއް ފެނުނުކަމަށް ވިޔަސް އާންމު ގޮތެއްގައި ނޭވާހިއްލުން ޖެހިފައިވާ މީހުންގެ މޭގެ އެކްސްރޭ ފެންނާނީ ތަބީޢީ ސިފައެއްގައެވެ.

ނޭވާހިއްލުން ޖެހެނީ ކޮންބަޔަކަށް؟
ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށްވެސް ނޭވާހިއްލުން ޖެހިދާނެއެވެ. ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު ބޮޑުމީހުންނަކީ:-
·         އާއިލާގައި ނޭވާހިއްލުން ޖެހިފައިވާ މީހުން ތިބުން، ނުވަތަ އެފަދަ މީހުންނާއި ތިމާގެ މީހުން
·         ތަފާތު ތަކެއްޗާއި ނުގުޅޭމީހުން
·         ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި އެއްގޭބިސީގައި އުޅޭމީހުން
·         ރަށްފުށުގައި ދިރިއުޅޭ މީހުން

ނޭވާހިއްލުން ބަހާލެވިފައިވަނީ ކިހިނެއް؟
ނޭވާހިއްލުން ޖެހުމުން ފެންނަ އުދަގޫތައް ކުރިމަތިވާ މިންވަރާއި، ތަފާތު ޓެސްޓުތަކުގެ ނަތީޖާތައް ހުންނަގޮތަށް ބަލައި ނޭވާހިއްލުން ތަފާތު 4 ދަރަޖައަކަށް ބަހާލެވެއެވެ.
މައިލްޑް އިންޓަމިޓެންޓް
(Mild intermittent)
·         އުދަގޫތައް ކުރިމަތިވަނީ ހަފްތާއަކު 2 ފަހަރަށްވުރެ މަދުން، އަދި ރޭގަނޑު އުދަގޫތައް ކުރިމަތިވަނީ މަހަކު 2 ފަހަރަށްވުރެ މަދުން
·         ނޭވާހިއްލުމުގެ އުދަގޫތައް ހުންނަނީ ކުރު މުއްދަތަކަށް ( މަދު ގަޑިއިރުކޮޅަކުން މަދު ދުވަސްކޮޅަކަށް )
·         ފުއްޕާމޭގެ މަސައްކަތް ހިނގާގޮތް 80 އިންސައްތައަށްވުރެ މަތި


މައިލްޑް ޕާސިސްޓެންޓް
(Mild persistent)
·         އުދަގޫތައް ހަފްތާއަކު 2 ފަހަރަށްވުރެ ގިނައިން ދިމާވުން
·         ފުއްޕާމޭގެ މަސައްކަތް ހިނގާގޮތް 80 އިންސައްތައަށްވުރެ މަތި


މޮޑެރޭޓް ޕާސިސްޓެންޓް
(Moderate persistent)
·         އުދަގޫތައް ކޮންމެ ދުވަހަކު ކުރިމަތިވާނެ
·         ކުރިމަތިވާ އުދަގޫތަކުގެ ސަބަބުން ދިރިއުޅުމުގެ ކަންތައްތަކަށް އަސަރު ފޯރާނެ. އަދި މިގޮތަށް ހަފްތާއަކު 2 ފަހަރަށްވުރެ ގިނައިން ވެދާނެ
·         ފުއްޕާމޭގެ މަސައްކަތް ހިނގުން ދަށްވުން. އާންމުކޮށް ހުންނާނީ 80-60 އިންސައްތައާއި ދެމެދުގައި ހިފެހެއްޓިފައި.


ސިވިއަރ ޕާސިސްޓެންޓް
(Severe persistent)
·         އުދަގޫތައް މެދުކެނޑުމެއްނެތި ހުންނާނެ
·         މާބޮޑަށް ހަރަކާތްތެރިވެއެއް ނޫޅެވޭނެ
·         ފުއްޕާމޭގެ މަސައްކަތް 60 އިންސައްތައަށްވުރެ ދަށްވުން



ނޭވާހިއްލުމަށް ފަރުވާކުރަނީ ކިހިނެއް؟
ނޭވާހިއްލުމަށް ހަގީގީ ފަރުވާއެއް ނުވެއެވެ. ނަމަވެސް ނޭވާހިއްލުން ކޮންޓްރޯލް ކުރެވިދާނެއެވެ. ނޭވާހިއްލުމަށް ފަރުވާކުރުމުގައި ވަކި އަމާޒުތަކެއް ވެއެވެ. ފަރުވާ ކުރުމުގައި އެއަމާޒު ތަކާއި ހަމައަށް ވާޞިލް ނުވެވޭނަމަ އޭގެ މާނައަކީ ނޭވާހިއްލުން ރަގަޅަށް ކޮންޓްރޯލް ކުރެވިފައި ނުވުމެވެ.
ނޭވާހިއްލުމަށް ކުރެވޭ ފަރުވާ އަމާޒުކުރެވިފައިވަނީ:-
·         ހަރަކާތްތެރި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް
·         ނުރައްކާތެރި ދާއިމީ އުދަގޫތަކުން މިންޖުކޮށް ރައްކާތެރިކޮށްދިނުމަށް
·         ކޮންމެ ދުވަހަކު ސުކޫލަށް ނުވަތަ މަސައްކަތެއް ހާޒިރުވެވޭނޭގޮތް ހެދުމަށް
·         އުދަގުލެއްނެތި ދިރިއުޅުމުގެ ކަންތައްތައް ފުރިހަމަކުރެވޭނެ ގޮތް ހެދުމަށް
·         އިރުއިރުކޮޅާ ޑޮކްޓަރަށް ދެއްކުން ކުޑަކުރުމަށް
·         މަދު ބޭހަކުން ބަލި ކޮންޓްރޯލް ކުރެވޭތޯ ބެލުމަށް

ނޭވާހިއްލުން ކޮންޓްރޯލް ކުރުމުގެ އަސާސަކީ ޑޮކްޓަރުން ލިޔެދެއްވާ ބޭސް ގަވާޢިދުން ބޭނުންކުރުމެވެ. މީގެ އިތުރުން ނޭވާހިއްލުން ގޯސްކުރާ ކަންތައްތަކާއި ދުރުހެލިވުމާއި، ކޮންމެ ދުވަހަކުމެ ކުރިމަތިވާ އުދަގޫތައް ބަލައި ދެނެގަނެ ހެދުމަކީ ވެސް މުހިއްމު ކަމެކެވެ.
ނޭވާހިއްލުމަށް ފަރުވާކުރުމަށް ދެވޭ ދެވައްތަރެއްގެ ބޭސް ހުރެއެވެ.
(1) - ދުޅަތިރިކުރާ ބޭސްތައް (Anti-inflammatories): މިއީ ނޭވާހިއްލުން ޖެހިފައިވާ މީހުން ބޭނުންކުރާ އެންމެ މުހިއްމު އެއްބާވަތުގެ ބޭހެވެ. މިބޭސްތަކުގެ ސަބަބުން ނޭވާހޮޅީގައި އުފެދިފައިވާ ދުޅަ ތިރިވެ، ދަވަ އުފެއްދުން ކުޑަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ނޭވާހޮޅީގެ ނާޒުކުކަން ކުޑަވެ، ތަފާތު ނުގުޅޭ މާއްދާތަކަށް ހަށިގަނޑު ހުށަހެޅުމުން އެއަށް އިޖާބަދޭ މިންވަރު ދަށްކޮށްދެއެވެ. މިއީ ކޮންމެ ދުވަހަކު ބޭނުންކުރަން ޖެހޭ ބޭސްތަކެކެވެ. އަދި ދެތިން ހަފްތާވަންދެން ވެސް މިބޭސްތައް ބޭނުންކުރަން ޖެހިދާނެ އެވެ. މިބޭސްތަކުގެ ސަބަބުން ނޭވާހިއްލުމުން ކުރިމަތިވާ އުދަނގޫތައް ކުޑަވެ، ނޭވާހޮޅީގެ ތެރޭގައި ފަސޭހަ ކަމާއެކު ވައިދައުރުވެ، ނޭވާހޮޅި އަށް ގެއްލުން ލިބުން ކުޑަވެ، ނޭވާހިއްލުމުގެ އުދަގޫތައް ފެންމަތިވާލެން މަދުވެގެން ދެއެވެ.

(2) – ނޭވާހިނގާ މަގު ފުޅާކުރާ ބޭސް ތައް(Bronchodilator): މިއީ ނޭވާހޮޅީގެ މަގު ފުޅާކޮށްދޭ ބޭސްތަކެކެވެ. މިބޭސްތަކުގެ ސަބަބުން ނޭވާހޮޅީގެ ވަށައިގެންވާ މަސްފަށަލަ ކުރުގެޅި ފިތިފައިވަނިކޮށް، ފުޅާކޮށް ހަމައަކަށް އަޅުވައެވެ. މިކަމުގެ ސަބަބުން ހަނިވެފައިވާ ނޭވާހޮޅި ފުޅާވެ، ހުޅުވި، ފަސޭހަ ކަމާއެކު ވައިއެތެރެވެ، ބޭރުވުމުގެ މަގުފަހިވެ، ނޭވާލުން ފަސޭހަވެގެން ދެއެވެ. މީގެ އިތުރުން ފުއްޕާމޭގައި އަށަގަންނަ ދަވައާއި އަރިދަފުސް ބޭރުކުރުމަށް ވެސް މިބޭސްތައް އެހީތެރި ވެދެއެވެ. ނަތީޖާއެއްގެ ގޮތުން ދަވަތައް ދައުރުވުން ހަލުވިވެ، ކެއްސުމާއެކު ފަސޭހަ ކަމާއެކު ފުއްޕާމެއިން ބޭރުވެގެން ދެއެވެ. އަވަހަށް(ކުރުމުއްދަތަކުން) މަސައްކަތްކުރާ (Short-acting)  ނޭވާހޮޅި ފުޅާކުރާ ބޭހެއް (Bronchodilator) ބޭނުންކުރުމަކީ ނޭވާހިއްލުމުގެ އުދަގޫތައް ކުޑަކޮށް ފަސޭހަކޮށްދޭނެ ކަމެކެވެ. އަދި ނޭވާހިއްލުން ކުއްލިއަކަށް ކުރިމަތިވުމުން ބޭނުންކުރަން ވަރަށް ފައިދާހުރި ބޭހެކެވެ. މާނައަކީ އަވަހަށް މަސައްކަތްކުރާ ނޭވާހޮޅި ފުޅާކުރާ ބޭހަކީ އެގޮތުން ބޭނުންކުރަން ފައިދާހުރި ބޭހެކެވެ. ލަހުން (ދިގުމުއްދަތަކުން) މަސައްކަތްކުރާ (Long-acting) ނޭވާހޮޅި ފުޅާކުރާ ބޭހެއް (Bronchodilator) ބޭނުންކުރުމަކީ ނޭވާހިއްލުން ކޮންޓްރޯލްކޮށް، ނޭވާހިއްލުމުގެ އުދަގޫތައް ފެންމަތިވުން ކުޑަކޮށްދޭނެ ކަމެކެވެ.

ކުޑަކުދިންނަށް ނޭވާހިއްލުން ޖެހުން
ކުޑަކުދިންގެ މެދުގައި ކުޑަކުދިންނަށް ޖެހޭ ނޭވާހިއްލުން(childhood asthma) ޢާންމުކަން ފާހަގަ ކުރެވެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ކުޑަކުދިންނަށް ނޭވާހިއްލުން ޖެހޭ މިންވަރު 1980 ވަނަ އަހަރުން ފެށިގެން ދެގުނަ އިތުރުވެފައިވާކަން އެމެރިކާގެ ބަލި ކޮންޓްރޯލްކުރާ މަރުކަޒުންވަނީ ހާމަކޮށްފައެވެ.

ކުޑަ ކުއްޖަކަށް ނޭވާހިއްލުން ޖެހިފައިވާކަން ބެލެނެވެރިއަކު ދެނެގަންނާނީ ކިހިނެއް؟
ނޭވާހިއްލުން ޖެހުމުން ކުރިމަތިވާ އުދަނގޫތައް އެއްފަހަރުން އަނެއްފަހަރާއި ވެސް ތަފާތު ވެދާނެ އެވެ. ނޭވާހިއްލުން ޖެހުމުން ކުޑަކުދިންގެ ކިބައިން އަންނަނިވި އަލާމާތްތަކާއި، ނިޝާންތައް ފާހަގަ ކުރެވޭނެ އެވެ.
·         ވަރަށްގިނައިން ކެއްސުން: ބައެއް ފަހަރު ކުޅެންއުޅެނިކޮށް ކެއްސަން ފަށާފާނެއެވެ. އަނެއް ބައި ފަހަރު ބާރަށްހީހަދަނިކޮށް ވެސް ކެއްސަން ފަށާފާނެއެވެ. އަދި ރޭގަނޑުގެ ވަގުތުގައި ކެއްސުން އިތުރު ވެދާނެއެވެ. ނޭވާހިއްލުން ޖެހިފައިވާ ކުދިންނަށް އުދަގުލެއްގެ ގޮތުގައި ހަމައެކަނި ކެއްސުން ކުރިމަތިވުމަކީ ވެސް ވެދާނެ ކަމެއްކަން ހަދާންކުރާށެވެ.
·         ދާއިމީ ގޮތެއްގައި ހަމައެކަނި ކެއްސުން ހުރުމަކީ ނޭވާހިއްލުމުގެ އަލާމާތެއްކަމަށް ވެދާނެއެވެ.
·         ކުޅެހަދާއިރު ގައިގެ ހަކަތަ ނުވަތަ ބާރު ނުހުރުން
·         ދޭތެރެ ދޭތެރެއިން އަވަސް އަވަހަށް ނޭވާލުން ( ނޭވާކުރުވެ، ނޭވާލާން އުދަގޫވުން )
·         މެޔަށް ވާންވެ،ފިތުން
·         ނޭވާލާއިރު ތޫލިއަޑެއް ހުރުން
·         ނޭވާލާއިރު މޭއެތެރެއަށް ޖެހިފައި، ބޭރަށް އަންނަހެން ހީވުން (Chest retraction)
·         ނޭވާކުރުވުން ، ނޭވާ ހުއްޓުން
·         ކަރާއި، މޭގެ މަސްތަކަށް ފިތި ވާންވުން
·         ވަރުބަލިވެ، ވަރުދެރަވުން

ބަޔާންކުރެވުނު އުދަގޫތަކަކީ ނޭވާހިއްލުމާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް ކަމަށްވިޔަސް މިފަދަ އުދަގުލެއް ކުރިމަތިވެގެން ޑޮކްޓަރަށް ދެއްކުމުން ނޭވާކުރުވެ، ނޭވާލާން އުދަގޫވި ސަބަބު ދެނެގަތުމަށް ޑޮކްޓަރުން މަސައްކަތް ކުރާނެއެވެ. ސަބަބަކީ އެހެން ބައްޔެއްގެ ސަބަބުން ވެސް ނޭވާކުރުވެ ނޭވާލާން އުދަގޫވެދާނެ ތީއެވެ. ނޭވާލާއިރު ތޫލިއަޑުހުރުން، ނޭވާކުރުވުން، ކެއްސުން ފަދަ އުދަގޫތައް ހުރެގެން ޑޮކްޓަރަށް ދައްކާ ތުއްތު ކުދިންގެ ތެރެއިން ½ ކުދިންނަށް އުމުރުން 6 އަހަރު ނުވަނީސް ނޭވާހިއްލުން ނުޖެހޭކަން ފާހަގަ ކުރެވިފައި ވެއެވެ. މިސަބަބާހުރެ އެފަދަ އުދަގޫތައް ވެގެން ދައްކާ ކުދިންނަށް ޖެހިފައިވާ ބަލީގެ ގޮތުގައި ކުޑަކުދިންގެ ޑޮކްޓަރުން ލިޔެފައިހުންނަނީ ''ވައިނޮޅީގެ ކުދިކަފިތައް ދުޅަވުން''(bronchiolitis) އެވެ.

ކުޑަކުދިންގެ މެދުގައި ނޭވާހިއްލުން އާންމުވެފައިވަނީ ކިހާ މިންވަރަކަށް؟
ކުޑަކުދިންނަށްޖެހޭ ދާއިމީ ބަލިތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ބަލިތަކުގެ ތެރޭގައި ނޭވާހިއްލުން ހިމެނެއެވެ. އެމެރިކާ ފަދަ ގައުމު ތަކުގެ އާބާދީގެ 12-10 އިންސައްތަ ކުޑަކުދިންނަށް ނޭވާހިއްލުން ޖެހޭކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި މިއަދަދު މިހާރުވެސް އަންނަނީ އިތުރުވަމުންނެވެ. ގިނަ ކުޑަކުދިންނަށް ނޭވާހިއްލުމުގެ އުދަގޫތައް ފުރަތަމަ ފެންނަނީ އުމުރުން 5 އަހަރުގައެވެ.

ކުޑަކުދިންނަށް ނޭވާހިއްލުން ޖެހުން މެދުވެރިވާ ކަންތައްތަކުގެ ތެރޭގައި:-
·         ނޭފަތް އަދި ހަންގަނޑަށް ކުރިމަތިވާ ނުގުޅޭ އަސަރު
·         އާއިލާގައި ނޭވާހިއްލުން ޖެހިފައިވާ މީހުން ތިބުން، ނުވަތަ ތަކެއްޗާއި ނުގުޅޭ މީހުން ތިބުން
·         ނޭވާލާ ނިޒާމްގެ ބަލިތައް ދޭތެރެދޭތެރެއިން ޖެހުން ( މާގިނައިން ޖެހުން )
·         އުފަންވިއިރު ބަރުދަން ލުއިވުން
·         އުފަންވުމުގެ ކުރިންނާއި، ފަހުން ވެސް ދުންފަތުގެ ދުމަށް ހުށަހެޅުން
·         ކަޅު ނުވަތަ ޕްއެޓްރިކޯ ނަސްލުގެ މީހަކަށްވުން
·         ފަގީރު މުޖުތަމަޢެއްގައި އުޅެބޮޑުވުން

ކުޑަކުދިންނަށް ނޭވާހިއްލުން ޖެހޭ މިންވަރު އިތުރުވަމުން އަންނަނީ ކީއްވެ؟
ކުޑަކުދިންނަށް ނޭވާހިއްލުން ޖެހޭ މިންވަރު އިތުރުވަމުން އަންނަނީ ކީއްވެގެން ކަން އަދި ހޯދިފައެއް ނުވެއެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ކުޑަކުދިންނަކީ ގިނަ ވަގުތު ގޭތެރޭގައި އުޅޭ ބަޔަކަށް ވެފައި، އެކުދިންނަށް ގޭތެރޭގައި އަށަގެންފައި ހުންނަ ހިރަފުސް، ކުނިބުނި، އަދި ގޭގައި އުޅޭ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ބޭރުކުރާ ދުށް ފަދަ ތަކެއްޗަށް ހުށަހެޅުމުގެ ފުރުޞަތު އިތުރުވުމަކީ ނޭވާހިއްލުން ކުޑަކުދިންގެ މެދުގައި އިތުރުވެގެން ދިއުމުގެ ސަބަބެކެވެ.

ކުޑަކުދިންނަށް ނޭވާހިއްލުން ޖެހިފައިވާކަން ދެނެގަންނަނީ ކިހިނެއް؟
ކުޑަކުއްޖަކަށް ނޭވާހިއްލުން ޖެހިފައިވާކަން ދެނެގަންނަނީ ބަލީގެ މާޒީގެ ޙާލަތު އަހައި އޮޅުން ފިލުވައިގެންނާއި، ދިމާވެފައިވާ އުދަގޫތައް އަހައި، ބަލައި ސާފުކޮށްގެންނާއި، ހަށިގަނޑު ޗެކުކޮށް ބަލާ ބެލުންތަކުންނެވެ. ކުޑަކުއްޖަކަށް ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވެގެން ޑޮކްޓަރަށް ދައްކަން ދާއިރު، ފަހަރުގައި އެއުދަގޫތައް އެކުއްޖާގެ ކިބައިގައި (ޑޮކްޓަރު ބަލާ ވަގުތު) ނުހުރުމަކީ ވެދާނެ ގޮތެއްކަން ހަދާންކުރަން ޖެހޭނެއެވެ. އެހެންކަމުން މައިންބަފައިން އެކުއްޖަކަށް ކުރިން އެފަދަ އުދަގޫތައް ދިމާވެފައިވާނަމަ އެކަންކަން ޑޮކްޓަރަށް ކިޔައިދީ ސާފުކޮށްދޭން ޖެހޭނެއެވެ.

(ހ) - ބަލީގެ މާޒީ އަދި ބަލީގެ އުދަގޫތައް ކިޔައިދިނުން: ނޭވާހިއްލުން ޖެހުމުން ކުއްޖަކު ޑޮކްޓަރަށް ދެއްކުމުން ކުރިން ނޭވާލާން އުދަގޫވުން ކުރިމަތިވެފައިވޭތޯ އާއި، އާއިލާގައި ނޭވާހިއްލުން ޖެހިފައިވާ މީހުންތިބިތޯ އަހައި ސުވާލުކުރާނެ އެވެ. މީގެ އިތުރުން އެއްވެސް ނުގުޅޭއެއްޗެއް ހުރިތޯއާއި، އަދި ފުއްޕާމޭގެ ބައްޔެއް ހުރިތޯ އަހައި ސުވާލު ކުރާނެއެވެ. އެހެންކަމުން ޑޮކްޓަރަށް ދައްކާއިރު، ކެއްސުން، ނޭވާކުރުވުން، މެޔަށްވާންވެ ފިތި ތަދުވުން، އަދި ނޭވާލާން އުދަގޫވުން ފަދަ ކަންތައް ކުރިން ކުރިމަތިވެފައިވާ މިންވަރާއި ގޮތް، ޑޮކްޓަރަށް ތަފްޞީލްކޮށް އޮޅުން ފިލުވައިދިނުން މުހިއްމެވެ.

(ށ) - ހަށިގަނޑު ޗެކުކޮށް ބެލުން: މިގޮތުން ކަށިގަނޑު އަޅައިގެން ފުއްޕާމޭ އަދި ހިތުގެ ޙާލަތު ޑޮކްޓަރުން ދެނެގަންނާނެ އެވެ. އަދި އެއްވެސް ކަހަލަ ނުގުޅޭ އަސަރެއް ހުރިތޯ ކަންފަތް އަދި ލޯ ރަގަޅަށް ޗެކުކޮށް ބަލާނެއެވެ.

(ނ) - ޓެސްޓުތައް: މިގޮތުން މޭގެ އެކްސްރޭ ނަގާނެއެވެ. އަދި ސްޕައިރޯމީޓަރުގެ އެހީގައި ފުއްޕާމޭގެ މަސައްކަތް ހުރިނެތްގޮތް ބަލާނެއެވެ. ސްޕައިރޯމެޓްރީ ހަދަނީ އުމުރުން 6 އަހަރުން މަތީގެ ކުދިންނަށެވެ. ނުގުޅޭ އަސަރެއް ހުރިތޯ ބެލުމަށް ސްކިން އެލާރޖީ ޓެސްޓު ހެދުމުގެ އިތުރުން ސައިނަސް ތަކުގެ އެކްސްރޭ،ނެގުން، ލޭގެ ޓެސްޓު ހެދުން ފަދަ ކަންތައްތައް ފުރިހަމަ ކުރެއެވެ.

ކުޑަކުދިންނަށް ނޭވާހިއްލުން ޖެހުމުން ދެވޭ ފަރުވާ އަކީ ކޮބާ؟
ނޭވާހިއްލުން ގޯސްކުރާ ކަންތައްތަކާއި ތަކެއްޗާއި ދުރުހެލިވުން، ގަވާޢިދުން ބޭސް ބޭނުންކުރުން، ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވޭތޯ ބެލުން ފަދަ ކަންތައްތަކަކީ ނޭވާހިއްލުން ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ. ނޭވާހިއްލާ ކުދިންނަކީ ހުރިހާ ވައްތަރެއްގެ ދުމަކާއި ދުރުގައި ތިބެންޖެހޭ ބައެކެވެ. ގަވާޢިދުން ބޭސް ބޭނުންކުރުމަކީ ރަގަޅު ގޮތުގައި ނޭވާހިއްލުން ކޮންޓްރޯލް ކުރުމުގެ ބިންގަލެވެ.

ބޮޑެތި މީހުންނެކޭ އެއްފަދައިން ތުއްތުކުދިންނާއި، ކުޑަކުދިންނަށް ވެސް ނޭވާހިއްލުން ޖެހުމުން އާންމު ގޮތެއްގައި ބޭނުންކުރެވެނީ އެއް ބޭސް ތަކެކެވެ. ނޭވާހިއްލުން ޖެހިފައިވާ ތުއްތު ކުދިންނަށް އެތެރެއަށް ދަމާ ސްޓީރޮއިޑް(inhaled steroid) އަކީ އެންމެ އެކަށޭނަ ބޭސް ކަމުގައި ވެދާނެ އެވެ. އަދި ތުއްތު ކުދިންނަށް ޚާއްޞަކޮށް 4 އަހަރުން ދަށުގެ ކުދިންނަށް ބޭސް ދެވެނީ ބޮޑެތި މީހުންނަށް ދީއުޅޭ ގޮތާއި ތަފާތު ގޮތަކަށެވެ. މިސާލަކަށް މާސްކު އަދި ނެބިޔުލައިޒަރ ބޭނުންކޮށްގެންނެވެ. އަދި ތުއްތު ކުދިންނަށް ދެވޭނީ ބޭހުގެ ވަރަށް ކުޑަ ޑޯޒެކެވެ.

ނޭވާހިއްލުމަށް ފަރުވާ ކުރުމަށް އެންމެ ފަހުން ތައްޔާރު ކޮށްފައިވާ ގައިޑްލައިން ތަކުގައި 4 އަހަރުން ދަށުގެ ކުދިންނަށް ފަރުވާ ކުރުމުގައި ބޮޑަށް ބާރުއަޅާފައިވަނީ ފަހަރަކު ބޭހެއް ދީގެން ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރާ އުސޫލުން ފަރުވާ ކުރުމަށެވެ. އެގޮތުން ފުރަތަމަ ބޭނުންކުރެވެނީ އެލްބިޔުޓިރޯލް(albuterol) ފަދަ ބޭހެކެވެ. އަދި އޭގެ ފަހުން އެތެރެއަށްދަމާ ގޮތަށް ތައްޔާރުކުރެވިފައިވާ ސްޓީރޮއިޑް އެވެ. އޭގެ ފަހުން ކްރޮމޮލީން(cromolyn) އެވެ. ނޭވާހިއްލުމަށް ދެވޭ ފަރުވާގެ ކުޑަބޮޑުމިން ބިނާވެފައި އޮންނަނީ ނޭވާހިއްލުން ކޮންޓްރޯލްވާ މިންވަރެއްގެ މައްޗަށެވެ. މިސާލަކަށް ބޭސް ބޭނުންކުރާތާ ޖެހިޖެހިގެން 3 މަސް ދުވަސް ވާއިރު އުދަގުލެއް ނުވާނަމަ، ޑޮކްޓަރުން ބޭހުގެ ޑޯޒު ދަށްކޮށްފާނެއެވެ.

ކުޑަ ކުއްޖާގެ އުމުރަށް ބަލާފައި ނޭވާހިއްލުމަށް ފަރުވާ ކުރުމަށްދެވޭ ދިޔާ ބޭސް، އަދި އެތެރެއަށްދަމާ ބޭސް، ނެބިޔުލައިޒަރ ބޭނުންކޮށްގެން ދީފާނެއެވެ. ނެބިޔުލައިޒަރ އަށް ''ނޭވާލުމަށް އެހީވެދޭ މެޝިން''(breathing machine) ވެސް ކިޔައެވެ. ނެބިޔުލައިޒަރ ގެ އެހީގައި ދިޔާކޮށް ހުންނަ ބޭސް އާތްވަށް ބަދަލުކުރުމަށްފަހު ފޭސް މާސްކު ގެ އެހީގައި ހަށިގަނޑަށް ފޮނުވައެވެ. މިގޮތުން 15-10 ވަރަކަށް މިނިޓްގެ ތެރޭގައި ބޭސް ހަށިގަނޑަށް ފޯރުކޮށްދީ ނިމޭނެއެވެ. އަދި ދުވާލަކު 4 ފަހަރު ވަރު މިގޮތަށް ދެވޭ ބޭސް ތަކުރާރުކުރާނެ އެވެ.

ނޭވާހިއްލުމަކީ އެއްކޮށް ފަރުވާކޮށް ރަގަޅުކުރެވޭ ބައްޔެއް ނޫނެވެ. އެކަމަކު މިއީ ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. ނޭވާހިއްލުމަށް ދެވޭ ފަރުވާ އަމާޒުކުރެވިފައިވަނީ އަންނަނިވި ކަންތައްތައް ޙާޞިލްކުރުމުގެ މައްޗަށެވެ.
·         ހަރަކާތްތެރި އުފާވެރި ދިރިއުޅުމެއް ހޭދަކުރުން
·         ނޭވާހިއްލުމާއި ވިދިގެން ދިމާވާ ނުރައްކާތަކުން މިންޖުކުރުވުން
·         ކޮންމެ ދުވަހަކު ސުކޫލަށް ދެވުން
·         ދިރިއުޅުމުގެ މަސައްކަތްތަކާއި، ކަންކަމުގައި އަދި ކުޅިވަރު ތަކުގައި އުދަގުލެއްނެތި ބައިވެރިވެއުޅުން
·         އިރުއިރުކޮޅާ ޑޮކްޓަރަށް ދެއްކުން މަދުކުރުން

ނޭވާހިއްލުން ކުރިމަތިވާ ސަބަބުތަކާއި،ނޭވާހިއްލުން ގޯސްކުރާކަންތައްތައް
ނޭވާހިއްލުން ކުރިމަތިވާ ހަގީގީ ސަބަބެއް އެކަކަށްވެސް ބުނެދޭކަން ނޭގެއެވެ. އެނގޭކަމަކީ ނޭވާހިއްލުމަކީ ނޭވާހިގާ މަގުގައި ދާއިމީ ދުޅައެއް އުފައްދާ ބައްޔެއް ކަމެވެ. ނޭވާހިއްލުމާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް އެކިމީހުންނަށް ތަފާތެވެ. ފާހަގަ ކުރެވޭ އަނެއް ކަމަކީ ނޭވާހިއްލުން ޖެހިފައިވާ މީހަކު އެމީހަކާ ނުގުޅޭ އެއްޗެއް ނުވަތަ ކަމަކަށް ހުށަހެޅޭހިނދު، ނޭވާހޮޅީގައި އިންފްލެމޭޝަން އުފެދި، ހަނިވެ، އެމަގު ދަވައިން ފުރިގެންދާ ކަމެވެ.

ނޭވާހިއްލުން ހުންނަ މީހުންގެ ނޭވާހިނގާ މަގު ނުވަތަ ވައިނޮޅި(trachea) އަކީ ވަރަށް ނާޒުކު ތަނެކެވެ. އެފަދަ މީހަކު އުޅޭ ވެށީގައި ހުންނަ ނުގުޅޭ އެއްޗެއް ނުވަތަ ކަމަކަށް ހުށަހެޅޭ ހިނދު، ވަރަށް ފަސޭހައިން ނޭވާހިއްލުމުގެ އުދަގޫތައް ހިލިގަންނަގޮތް ވެއެވެ. އެފަދަ އެއްޗަކަށް ހުށަހެޅިއްޖެނަމަ ނޭވާހިއްލުމުގެ އުދަނގޫތައް ކުރިމަތިވުން، ނުވަތަ ދާއިމީ ގޮތެއްގައި ހުންނަ އުދަގޫތަކުގެ ޙާލަތު ބަދަލުވެ، އިތުރަށް ގޯސްވުމަކީ ވަރަށް ފަސޭހައިން ވާގޮތެކެވެ. މިގޮތުން ވެށީގައި ހުންނަ އެފަދަ ކަންކަމާއި ތަކެއްޗަށް ކިޔަނީ '''ނޭވާ ހިއްލުން''' ގޯސްކުރުވާ ކަންތައްތައް(Asthma triggers) މިހެންނެވެ.

އާންމުކޮށް ނޭވާހިއްލުމުގެ ޙާލަތު ބަދަލުކޮށް ގޯސްކުރުވާ ކަންތައްތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
·         ދުންފަތުގެ ދުން
·         ބައެއް އިންފެކްޝަންތައް ޖެހުން: މިސާލަކަށް ސައިނަސް، އަރިދަފުސް ރޯގާ، އިންފުލުއެންޒާ
·         ނުގުޅޭ ތަކެތި: މަލުގެ ކަރުގަނޑުގައި ހުންނަކުޑި ފަދަ ތަކެތި، ޖަނަވާރުގެ ކެހެރި، ކުދިކުދި ސޫފި
·         ހިލިގަތުން ކުރިމަތިކުރުވާ ތަކެތި: ސެންޓު، އަތަރު، ދޮންނަ ދިޔާތަކެތީގައި ހުންނަ ބާރުގަދަ ވަސް
·         ކަސްރަތުކުރުން ( ކަސްރަތުގެ ސަބަބުން ކުރިމަތިވާ ނޭވާހިއްލުން )
·         މޫސުން: ފިނިހޫނުމިން އަދި ޖައްވުގެ ތެތްކަމަށް އަންނަ ބަދަލު، ފިނިވައި
·         ޖަޒުބާތީ އަސަރު: ހިތްހަމަނުޖެހުން، ބާރަށްހުނުން، ރުއިން، ހާސްވެކަންބޮޑުވުން
·         ބޭސް : އެސްޕިރިން ( އެސްޕިރިންގެ ސަބަބުން ކުރިމަތިވާ ނޭވާހިއްލުން )

ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވުމުން ނޭވާހިނގާމަގު ގެ ވަށައިގެންވާ މަސްފަށަލަ ފިތި، ނޭވާހިނގާ މަގުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށުގައި އިންފްލެމޭޝަން އުފެދި، ދުޅަވެ، އޮލަ ދަވަ ނޭވާހިނގާ މަގުގައި ޖަމާވުމުން، ނޭވާހިނގާމަގު ހަނިވެ ހިމަވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ވައިހިނގާމަގުގެ ތެރޭގައި ވައިދައުރުވުމަށް ހުރަސް އެޅި، ނޭވާލާން އުދަގޫވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ނޭވާކުރުވުން، ކެއްސުން، އަދި ނޭވާލާއިރު ތޫލިއަޑެއް ހުރުން ފަދަ ކަންތައްތައް ދިމާވެއެވެ. ނޭވާހިއްލުން ޖެހުމުން ކެއްސުން ކުރިމަތިވަނީ ނޭވާހިނގާ މަގުގައި ދަވަ ޖަމާވެ، އެމަގު ހިލިގަނެ، ޖަމާވެފައިވާ ދަވަ ބޭރުކުރުމަށް މަސައްކަތްކުރާތީ ކަމަށްވެސް ވެދާނެއެވެ.

ވަރަށް ގިނަ މީހުންނަށް ނޭވާހިއްލުން ޖެހުމުގައި ތަފާތު ތަކެއްޗާއި ކަންކަމާއި ނުގުޅުން ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. މީގެ އިތުރުން އާއިލާގައި ނޭވާހިއްލުން ޖެހިފައިވާ މީހުން ތިބޭނަމަ ވެސް އެފަދަ މީހަކަށް ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު އިތުރެވެ. މާނައަކީ ނޭވާހިއްލުން ވާރުތަވުމަކީ ވެދާނެ ގޮތެކެވެ.

(ހ) - ނުގުޅޭ އަސަރާއި ނޭވާހިއްލުން(allergies): ނޭވާހިއްލުން ޖެހިފައިވާ މީހުން ތަފާތު ތަކެއްޗާއި ކަންކަމާއި ނުގުޅުމަކީ ވަރަށް އާންމު ކަމެކެވެ. ނޭވާހިއްލުން ހުންނަ މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަށް ، ވައިގެތެރޭގައި ދައުރުވާ މާއްދާތައް ކަމުގައިވާ ، ގަހުގެ ބައިތައް، ވިނައިގެ އެތިކޮޅުތައް، މަލު ކުނޑި، ކެހެރި، ހިރަފުސް، މޯލްޑް، ކުދި ފޮރި ފަދަ ސޫފާސޫފި، ކުރަފީގެ އެތިކޮޅުތައް ފަދަ ތަކެއްޗަށް ނުގުޅުން ހުންނަކަން ފާހަގަ ކުރެވެއެވެ. އެއް ދިރާސާ އަކުން ދައްކާގޮތުގައި ގޭގައި ކުރަފި ގިނައިން އުޅޭ ގެތަކުގެ ކުދިންނަށް ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު 4 ގުނަ އިތުރެވެ.

(ށ) - ކާތަކެއްޗާއި ނޭވާހިއްލުން (foods): ކާތަކެއްޗާއި ނުގުޅުމުގެ ސަބަބުން ނޭވާހިއްލުން ކުރިމަތިވުމަކީ އެހާ އާންމު ކަމެއްނޫނެވެ. ނަމަވެސް ކާތަކެއްޗާއި ނުގުޅުމަކީ ފުރާނަ އަށް ނުރައްކާވާފަދަ ކަމެއް ކުރިމަތިވެދާނެ ކަމެކެވެ. އާންމުކޮށް ގިނަ ބައެއްގެ ހަށިގަނޑާއި ނުގުޅޭ ކަމަށް ފާހަގަ ކުރެވޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި:-
·         ބިސް
·         ސާފު ގެރިކިރު ( ދަޅުގައި ހުންނަ ގެރިކިރެއް ނޫން )
·         ޕީނަޓް
·         ސޯޔާ
·         ދޮނަޅަ ޒުވާރި ފަދަ ތަކެތި
·         މަސް
·         ޑިނގާ، ބޮލީގެ މަސް
·         ސަޓަނި، އަދި ތާޒާ މޭވާ
ކާތަކެތި ރައްކާތެރިކަމާއެކު ގިނަ ދުވަހު ބެހެއްޓުމަށް ބޭނުންކުރެވޭ ބައެއް މާއްދާތަކުގެ ސަބަބުން ވެސް ނޭވާހިއްލުން ގޯސްވެގެންދާކަން ފާހަގަ ކުރެވިފައި ވެއެވެ. އެގޮތުން ފާހަގަ ކުރެވޭ މިފަދަ މާއްދާތަކުގެ ތެރޭގައި ސޯޑިއަމް ސަލްފައިޓް، ސޯޑިއަމް ބައިސަލްފައިޓް، ސޯޑިއަމް މެޓަބައިސަލްފައިޓް، ޕޮޓޭސިއަމް ބައިސަލްފައިޓް، އަދި ޕޮޓޭސިއަމް މެޓަބައިސަލްފައިޓް ފަދަ މާއްދާތައް ހިމެނެއެވެ.

(ނ) - ކަސްރަތު ކުރުމާއި ނޭވާހިއްލުން(exercise): މާވަރުގަދައަށް ކަސްރަތު ކުރުމަކީ ނޭވާހިއްލުން ޖެހިފައިވާ 80 އިންސައްތަ މީހުންނަށް ނޭވާހޮޅީގެ މަގުހަނިވާ ކަމެއްކަން ފާހަގަކުރެވިފައި ވެއެވެ. ނޭވާހިއްލުން ޖެހިފައިވާ ބައެއް މީހުންނަށް ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވާ މައިގަނޑު ސަބަބެއް ކަމަށް ބެލެވިފައިވަނީ ކަސްރަތު ކުރުމެވެ. ކަސްރަތުކުރުމުން ނޭވާހިއްލުން ދިމާވާނަމަ ކަސްރަތަށް ހިގަންފަށާތާ ފުރަތަމަ 8-5 މިނިޓްއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި، ކެއްސުން، މެޔަށް ވާންވެ ތަދުވުން، ނޭވާލާން އުދަގޫވުން ފަދަ ކަންތައްތައް މެދުވެރިވާނެ އެވެ. މިއުދަނގޫތައް އޭގެ ބައިގަޑި އިރު ފަހުން އާންމުގޮތެއްގައި ރަގަޅުވެދެއެވެ. އެކަމަކު ކަސްރަތު ކުރުމުން ނޭވާހިއްލުން ކުރިމަތިވާ މީހެއް ނަމަ މިފަދަ ޙާލަތުގައި އޭގެ 10 ގަޑިއިރު ފަހުން އަނެއްކާ ވެސް ނޭވާހިއްލުމުގެ އުދަގޫތައް ފެށިގެން އައުމަކީ ވެދާނެ ގޮތެކެވެ.

(ރ) - މޭއެންދުމާއި ނޭވާހިއްލުން(heart burn): މާބޮޑަށް މެޔަށް ދިލަނަގައި މޭއެންދުމާއި، ނޭވާހިއްލުމަކީ ވަރަށް އެކުއެކީ ބައެއް މީހުންނަށް ދިމާވާ ދެކަމެކެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ނޭވާހިއްލުން ހުންނަ މީހުންގެ ތެރެއިން 89 އިންސައްތަ މީހުންނަށް އެއާއެކު އެކީ މޭއެންދުން ކުރިމަތި ކުރުވައެވެ. މިޙާލަތަށް ކިޔަނީ ''ގެސްޓްރޯއީސަފޭޖަލް  ރިފްލެކްސް ޑިޒީޒް''(GERD) އެވެ. އާންމު ގޮތެއްގައި މޭއެންދުން ކުރިމަތިވަނީ ރޭގަނޑުގެ ވަގުތުތަކުގައި އޮށޯވެގެން އޮންނަ އިރުގައެވެ.

އާންމުގޮތެއްގައި ކާތަކެތި ހިގާހޮޅި އާއި މައިދާ އާއި ދެމެދު އިންނަ ވޭލް އަކުން މައިދާގައި ހުންނަ އެސިޑް ތައް ކާތަކެތި ހިނގާހޮޅި އަށް ދިއުމަށް ހުރަސް އަޅައެވެ. ނަމަވެސް ގެސްޓްރޯއީސަފޭޖަލް  ރިފްލެކްސް ޑިޒީޒް ގައި މިބުނާ ވޭލް ރަގަޅަށް މަސައްކަތްނުކުރާތީ މައިދާގައި ހުންނަ އެސިޑް ފަސޭހަ ކަމާއެކު ކާތަކެތި ހިނގާހޮޅި އަށް ވާޞިލްވެ، މޭއެންދުން ކުރިމަތި ކުރުވައެވެ. މައިދާއަށް މައްޗަށް ކާތަކެތި ހިނގާހޮޅިއަށް ވާޞިލްވާ އެސިޑް އެއަށްވުރެ މައްޗަށް ގޮސް އަރުތެރެ ނުވަތަ ނޭވާހިނގާހޮޅި އަށް ހިގައްޖެނަމަ ނޭވާހިނގާހޮޅި ހިލިގަނެ، އިންފްލެމޭޝަން އުފެދި ނޭވާހިއްލުމުގެ އުދަގޫތައް ފެންނަން ފަށައެވެ.

(ބ) - ދުންފަތުގެ އިސްތިއުމާލު ކުރުމާއި ނޭވާހިއްލުން(smoking): ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު ބޮޑެވެ. ނޭވާހިއްލުން ހުރުމާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެއްސުމާއި، ނޭވާލާއިރު ތޫލިއަޑުއިވުން އިތުރަށް ގޯސްކުރާ ކަމެކެވެ. މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ ބަނޑުގައި އޮންނަ ދަރިފުޅު އުފަންވުމަށްފަހު ނޭވާލާއިރު ތޫލިއަޑު ހުރުމުގެ ފުރުޞަތު ބޮޑެވެ. ހަމަ މިހެން މިފަދަ މައިންނަށް ލިބޭ ދަރިންގެ ފުއްޕާމޭގެ މަސައްކަތްކުރާ މިންވަރު ދަށްކަން ވެސް ފާހަގަ ކުރެވެއެވެ. ނޭވާހިއްލުން ހުރެމެ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްނަމަ އެކަން ހުއްޓާލުމަކީ އެފަދަ މީހެއްގެ ފުއްޕާމޭ ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތެވެ.

(ޅ) - ސައިނަސް އާއި ނޭވާހިއްލުން(sinusitis): ނޭވާހިއްލުން ޖެހުމުން ނޭވާހިނގާމަގުގެ އެތެރޭގައިވާ ތެތްދުލިފަށުގައި އިންފްލެމޭޝަން އުފައްދާހެން، ސައިނަސް ޖެހުމުން ސައިނަސްގެ އެތެރޭ ތެތްދުލިފަށް ތަކުގައި ވެސް އިންފްލެމޭޝަން އުފައްދައެވެ. ސައިނަސްގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދުޅަވުމަކީ އެތަނުން ދަވަ ދޫކުރާ މިންވަރު މަތިވާނެ ކަމެކެވެ. ވަރަށް ގިނަ މީހުންނަށް ސައިނަސް ޖެހުމުން އެއާއެކު ނޭވާހިއްލުން ވެސް ކުރިމަތި ކުރުވައެވެ. ސަބަބަކީ ސައިނަސް ޖެހުމުން އޭގެ އަސަރު ނޭވާހިނގާމަގަށް ކޮށް ނޭވާހިއްލުމުގެ އުދަގޫތައް ދިމާވާތީ އެވެ. އެހެންކަމުން ސައިނަސް އާއި މެދު ރައްކާތެރިވެ އަވަހަށް ފަރުވާ ހޯދުން މުހިއްމެވެ.

(ކ) - އިންފެކްޝަން އާއި ނޭވާހިއްލުން (infections): އަރިދަފުސް ރޯގާ، އިންފުލުއެންޒާ، ވައިނޮޅީގެ ކަފިދުޅަވުން، އަދި ސައިނަސް ފަދަ އިންފެކްޝަން ތަކަކީ އޭގެ ސަބަބުން ނޭވާހިއްލުމުގެ އުދަގޫތައް މެދުވެރިކޮށްފާނެ ބަލިތަކެވެ. މިއީ ގިނަ ފަހަރު ވައިރަސް ނުވަތަ ބެކްޓީރިޔާ ފަދަ ޖަރާސީމަކުން ޖައްސާ ބަލިތަކެކެވެ. އަދި މިއީ އުމުރުން 10 އަހަރުން ދަށުގެ ކުޑަކުދިންނަށް ނޭވާހިއްލުން މެދުވެރިވުމުގެ މައިގަނޑު ސަބަބުތައް ކަމުގައި ވެސް ބެލެވެއެވެ. މިފަދަ ބައްޔަކާއި ގުޅިގެން ނޭވާހިނގާހޮޅި ހިލިގަނެ، ނޭވާހިނގާމަގު ހަނިވެހިމަވެއްޖެނަމަ އެކަން 2 މަސް ދުވަހުގެ މުއްދަތަށް ދެމިހުންނަގޮތް ވެއެވެ.

(އ) - ބޭސްތަކާއި ނޭވާހިއްލުން (medication): ވަރަށް ގިނަ މީހުންނަށް އެސްޕިރިން ބޭނުންކުރުމުން ނޭވާހިއްލުން މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. މިއީ އެސްޕިރިން އާއި ނުގުޅުމުން ދިމާވާ ކަމެކެވެ.  އަދި މިފަދަ މީހުން އެހެން ބައެއް ތަދުކަނޑުވާ ބޭސްތަކާއި ނުގުޅުމަކީ ވެސް ވެދާނެ ގޮތެކެވެ. އެގޮތުން ބުރޫފަން، ނެޕްރޮކްސީން، ކީޓޮޕްރޯފެން ފަދަ ބޭސްތަކާއި، އަދި ލޭމައްޗަށްދާތީ ބޭނުންކުރާ ބީޓާ ބްލޮކާރ ފަދަ ބޭސްތަކާއި ނުގުޅުމަކީ ވެދާނެ ގޮތެކެވެ. މިފަދަ ކަމެއް ފާހަގަ ކުރެވިފައިވާ ނަމަ ޑޮކްޓަރަށް ދައްކާއިރު އެކަން ޑޮކްޓަރު ގާތު ބުނެ އޮޅުން ފިލުވައިދިނުން މުހިއްމެވެ.

(ވ) - އެހެން ސަބަބުތައް
·         ނޭވާހިނގާހޮޅި ހިލިގަތުން މެދުވެރިކުރުވާ ތަކެތި(irritants): މިސާލަކަށް ދުންފަތުގެ ދުން، އަލިފާން ގަނޑުން އަރާ ދުން، ސެންޓް އަދި ސާފުކުރަން ބޭނުންކުރާ ލައްފިލުވާ ފަދަ ތަކެތީގައި ހުންނަ ވަހުގެ ސަބަބުން ބައެއް މީހުންނަށް ނޭވާހިއްލުމުގެ އުދަގޫތައް ފެންމަތި ކުރުވައެވެ.
·         މޫސުން(weather): ފިނިވައި، މޫސުމާއި ވައިގެ ތެތްކަމަށް އަންނަ ބަދަލުގެ ސަބަބުން ވެސް ބައެއް މީހުންނަށް ނޭވާހިއްލުމުގެ އުދަގޫތައް ފެންމަތި ކުރުވައެވެ.
·         ޖަޒުބާތީ އަސަރު(emotions): ހިތްހަމަ ނުޖެހުން، ރުޅިއައުން، ހާސްވެ ފިކުރުބޮޑުވުން، ކަންބޮޑުވުން، ބާރަށް ހީހެދުން، ރުއިން، ހަޅޭލެވުން ފަދަ ކަންކަމުގެ ސަބަބުން ވެސް ބައެއް މީހުންނަށް ނޭވާހިއްލުމުގެ އުދަގޫތައް ފެންމަތި ކުރުވައެވެ.

ނޭވާހިއްލުމުގެ ފުރުޞަތު ބޮޑުވެގެންދާ ކަންތައްތައް
ތަބީޢީ ގޮތުން ހަށިގަނޑު އުފެދިފައިވާ ގޮތާއި، އާއިލާގައި ހުންނަ ބައެއް ކަންތައްތަކާއި، ތިމާއުޅޭ ވެއްޓެއްގައި ހުންނަ ކަންތައްތަކާއި، އަދި ތިމާގެ ޢަމަލުތަކުގެ ސަބަބުން ބައެއް ފަހަރު ވަކި ބަޔަކަށް ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު ބޮޑުވެ އިތުރުވެގެން ދިއުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން ބަލާއިރު ނޭވާހިއްލުމުގެ ފުރުޞަތު ބޮޑުވެ އިތުރުވާކަމަށް ފާހަގަ ކުރެވިފައިވާ ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) –ޖިންސް: ކުޑަކުދިންނަށް ނޭވާހިއްލުން ޖެހޭ މިންވަރު އަންހެންކުދިންނަށްވުރެ ފިރިހެންކުދިންނަށް އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަންދިމާވާ ހަގީގީ ސަބަބެއް އަދި ހޯދިފައި ނުވިނަމަވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ޅައަންހެން ކުދިންނާއި އަޅާބަލާއިރު ޅަފިރިހެން ކުދިންގެ ނޭވާހިނގާ މަގުގެ ސައިޒު ކުޑައެވެ. މީގެ ސަބަބުން އަރިދަފުސް ރޯގާ ނުވަތަ ވައިރަސް އަކުން ޖެހޭ އެހެން ބައްޔަކާއި ވިދިގެން ނޭވާލާއިރު ތޫލިއަޑު ހުރުމުގެ ފުރުޞަތު އިތުރުވެގެން ދިއުމަކީ ވެދާނެ ގޮތެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އުމުރުން 20 އަހަރު ވަރުގެ ޒުވާނުންގެ މެދުގައި ނޭވާހިއްލުން ޖެހުމުގެ ނިސްބަތް އުޅެނީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ދާދި އެއްވަރެއްގައެވެ. ބޮޑެތި މީހުންނަށް ނޭވާހިއްލުން ޖެހުން އުމުރުން 40 އަހަރު ވުމަށްފަހު ފިރިހެނުންނަށްވުރެ އަންހެނުންނަށް ޖެހޭލެން ގިނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

(ށ) - އާއިލާގެ ތެރޭގައި ބަލި ވާރުތަވުން: މަންމައާއި ބައްޕައާއި ދެމީހުންގެ ތެރެއިން މީހަކީ ނޭވާހިއްލުން ޖެހިފައިވާ މީހެއްނަމަ ލިބޭ ދަރިންނަށް ވެސް ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު އޮވެއެވެ. އެއީ މައިންބަފައިންގެ ކިބައިން ދަރިންނަށް ވާރުތަކުރާ ވިރާސީ ބަހާ ތަކުގެ ސަބަބުން ނޭވާހިއްލުން ކުރިމަތިވުމުގެ ފުރުޞަތު އޮންނާތީ އެވެ. ބެލެވިފައިވާ ގޮތުގައި ނޭވާހިއްލުން ޖެހޭ މީހުންގެ ތެރެއިން ކޮންމެ 5 މީހުންގެ ތެރެއިން 3 މީހުންނަކީ އެކަން އާއިލާއިން ވާރުތަކޮށްފައިވާ މީހުންނެވެ. އެމެރިކާގެ ބަލިތައް ކޮންޓްރޯލްކުރާ މަރުކަޒުން ނެރެފައިވާ ރިޕޯޓެއް ބުނާގޮތުގައި ނޭވާހިއްލުން ޖެހިފައިވާ މައިންބަފައިންނަށް ލިބޭ ދަރިންނަށް ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު އެފަދަ ބައްޔެއް ޖެހިފައިނުވާ މައިންބަފައިންނަށް ލިބޭ ދަރިންނަށްވުރެ 6 ގުނަ އިތުރުވެގެން ދެއެވެ.

(ނ) - ނޭވާހިނގާމަގުގެ ނާޒުކުކަން: ނޭވާހިނގާމަގުގެ އަކީ ނާޒުކު ތަނެއްނަމަ (އެއްޗެއް ހުށަހެޅުމުން ފަސޭހައިން ހިލިގަނެ، ދުޅަވާ) ނޭވާހިއްލުން ޖެހުން އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް މިހެން ދިމާވަނީ ކީއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ. ނޭވާހިއްލުން ޖެހިފައިވަނިކޮށް ނުގުޅޭ އެއްޗަކަށް ނުވަތަ ކަމަކަށް ހުށަހެޅިއްޖެނަމަ ނޭވާހިނގާމަގު ގައި އިންފްލެމޭޝަން އުފެދި، ދުޅަވެ، ނޭވާ ހިއްލުމުގެ އުދަގޫތައް ފެންމަތިވެގެން އާދެއެވެ. އެކަމަކު  ވިސްނާލަން ޖެހޭކަމަކީ ނޭވާހިނގާމަގު ނާޒުކުކަން ހުންނަ ކޮންމެ މީހަކަށް ނޭވާހިއްލުން ނުޖެހިދާނެ ކަމެވެ. އެހެން ނަމަވެސް އެފަދަ މީހުންނަށް ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު ބޮޑުވެފައި އިތުރުވެގެން ވެއެވެ.

(ރ) - ނުގުޅޭ އަސަރު: އާންމު ގޮތެއްގައި ތަފާތު ތަކެއްޗާއި ކަންކަމާއި ނުގުޅުން ވަނީ ނޭވާހިއްލުން ޖެހުމާއި ގުޅިލާމެހިފައެވެ. ދިރާސާ އަކުން ދައްކާފައިވާ ގޮތުގައި ގޭތެރޭގައި ހުންނަ ޖަރާސީމީ ވިހައެއް ކަމަށްވާ އެންޑޯޓޮކްސިން(endotoxins)ގެ މިންވަރާއި ނޭވާހިއްލުން ޖެހުމާއި ސީދާ ގުޅުމެއް ވެއެވެ.

(ބ) - ދިރިއުޅޭ ވެށި: ތިމާ ދިރިއުޅޭ ވެށީގައި ހުންނަ ބައެއް ކަންތައްތަކާއި ނޭވާހިއްލުން ޖެހުމާއި ގުޅުމެއް ވެއެވެ. އެގޮތުން ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން އުފެދޭ ދުމާއި، ހިރަފުސް، މޯލްޑް ފަދަ ތަކެތީގެ ސަބަބުން ގޭތެރޭގެ ވައި ނުސާފު ވުމަކީ އޭގެ ސަބަބުން ނުގުޅޭ އަސަރު ކުރިމަތިވެ، ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިކުރުވާ ކަމެކެވެ. ދިރިއުޅޭ މާޙައުލުގެ ވައި ނުސާފުވުން، ސަލްފަރ ޑައިއޮކްސައިޑް، ނައިޓްރިޖަން އޮކްސައިޑް އަދި އޯޒޯން ފަދަ ގޭސްތަކަށް ހުށަހެޅުމަކީ ވެސް ނޭވާހިއްލުން ކުރިމަތިކޮށްފާނެ ކަންތައްތަކެވެ. މީގެ އިތުރުން ފިނި ގަދަވުމާއި، ޖައްވުގެ ތެތްކަން މަތިވުމަކީ ވެސް ނޭވާހިއްލުމުގެ އުދަގޫތައް މެދުވެރިކުރުވާނެ ކަންތައްތަކެވެ.

އޯޒޯން(ozone) އަކީ ދުންފިނީގައި ހިމެނޭ މާއްދާ އެކެވެ. މީގެ ސަބަބުން ކެއްސުން، ނޭވާކުރުވުން، މެޔަށްވާންވެ ތަދުވުން ކުރިމަތި ކުރުވައެވެ. އަދި ނޭވާލާ ނިޒާމްގެ އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. ސަލްފަރ ޑައިއޮކްސައިޑް އަކީ ވެސް ދުންފިނީގައި ހިމެނޭ މާއްދާ އެކެވެ. މީގެ ސަބަބުން ނޭވާހިނގާމަގު ހަނިވެ، ހިމަވެ، ނޭވާހިއްލުމުގެ އުދަގޫތައް ފެންމަތި ކުރުވައެވެ.

ގޭތެރޭގައި އުފެދޭ ނައިޓްރޯޖަން(nitrogen) ގޭހުގެ މައިގަނޑު މަސްދަރަކީ ގޭސް އުދުނެވެ. ދިރާސާ އަކުން ދައްކާފައިވާ ގޮތުގައި ގޭސް ބޭނުންކޮށްގެން ކައްކާ މީހުންނަށް ނޭވާކުރުވުން، ނޭވާލާއިރު ތޫލިއަޑުހުރުން، ނޭފަތް ދުޅަވުން، ނޭވާހިއްލުން ފަދަ ކަންތައް ކުރިމަތިވުމުގެ ފުރުޞަތު އެހެން ގޮތްގޮތުން ކައްކާ މީހުންނަށްވުރެ އިތުރެވެ.

މޫސުމަށް ބަދަލު އައުމަކީ ވެސް ނޭވާހިއްލުމުގެ އުދަގޫތައް ބައެއް މީހުންނަށް މެދުވެރިވާ ކަމެކެވެ. މިސާލަކަށް ފިނިވައިގެ ސަބަބުން ނޭވާހިނގާމަގު ހަނިވެ، ދަވަދޫކުރުން އިތުރުވެ، ނޭފަތުގައި ހިމެނޭ އިސްތަށިތަކުގެ އެހީގައި ނޭފަތަށް ވަންނަ ތަކެތި ވަނަނުދީ ހިފެހެއްޓުމުގެ ބާރު ކުޑަވެއެވެ. ޖައްވުގެ ތެތްކަން އިތުރުވުމަކީ ވެސް ބައެއް މީހުންނަށް ނޭވާލާން އުދަގޫވާ ކަމެކެވެ.

(ޅ) - ދުންފަތުގެ އިސްތިޢުމާލުކުރުން: ތަފާތު އެތައް ދިރާސާއަކުން ފާހަގަވެފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު ބޮޑެވެ. އަދި އެހެން ދިރާސާ އަކުން އެނގިފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ޒުވާނުންނަށް ވެސް ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު ބޮޑެވެ. އަދި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ވެސް ޅަފަތުގައި ނޭވާހިއްލުން ކުރިމަތިވުމުގެ ފުރުޞަތު އިތުރުވެގެންދާ ކަމެއްކަން ވެސް ވަނީ ހާމަވެފައެވެ.

(ކ) –ފަލަބަލި: ތަފާތު 7 ދިރާސާ އަކުން ސާބިތުވެފައިވާ ގޮތުގައި ފަލަ މީހުންނަށް ނޭވާހިއްލުން ޖެހުމުގެ ފުރުޞަތު 38 އިންސައްތަ އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި އާދަޔާ ޚިލާފަށް ފަލަވެ ލޮޑުކަން ކުރިމަތިވެފައިވާ މީހުން ނުވަތަ ފަލަ ބަލީގެ އަހުލުވެރިންނަށް މިބަލި ޖެހުމުގެ ފުރުޞަތު ދެގުނަ އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.

(އ) –މާބަނޑުވުން: މާބަނޑުވުން ނުވަތަ ބަލިވެއިންނަ ދުވަސްވަރު ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ލިބޭ ދަރިންގެ ފުއްޕާމޭގެ މަސައްކަތްކުރާ މިންވަރު ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންނަށް ލިބޭ ދަރިންގެ ފުއްޕާމޭ މަސައްކަތްކުރާ މިންވަރަށްވުރެ ދަށްކަން ވަނީ ފާހަގަ ކުރެވިފައެވެ. ދުވަސް ނުފުރާ ވިހެއުމަކީ ވެސް ނޭވާހިއްލުން ލިބޭ ދަރިފުޅަށް ކުރިމަތިވާ ކަމެއްކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

ނޭވާހިއްލުމުގެ އަލާމާތްތައް
ނޭވާހިއްލުން ހުންނަ މީހުންނަށް އެކަމުގެ އުދަގޫތައް ފެންނަނީ ނޭވާހިނގާމަގު ހަނިވެ،ހިމަވެ،ފިތި، ދުޅަވެ، އޭގެ ތެރޭގައި ދަވަ ޖަމާވުމުންނެވެ.
ނޭވާހިއްލުމުން ފެންނަ އާންމު ޢަލާމާތްތަކުގެ ތެރޭގައި:-
·         ކެއްސުން : ޚާއްޞަކޮށް ރޭގަނޑު
·         ނޭވާލާއިރު ތޫލިއަޑެއްހުރުން
·         ނޭވާކުރުވުން / ނޭވާލާން އުދަގޫވުން
·         މެޔަށް ވާންވެ، ފިތި، ތަދުވުން
ނޭވާހިއްލުން ހުންނަ އެންމެންނަށް ކުރިމަތިވާނީ އެއް އުދަގޫތަކެއް ނޫނެވެ. އަދި އެންމެންނަށް އުދަގޫތައް ދިމާވާ ގޮތާއި މިންވަރު ވެސް ތަފާތު ވެއެވެ. ފަހަރުގައި ބަޔާންކުރެވުނު ހުރިހާ އުދަގޫތައް އެއްފަހަރާ ނުފެނިވެސް ދާނެއެވެ. ނުވަތަ އެކިފަހަރު އެކި އުދަގޫ ވެސް ވެދާނެއެވެ. އަދި އެއްފަހަރު އުދަގޫތައް ކުޑަކޮށް ވެލާފައި ޖެހިގެން އަންނަ ފަހަރު އެއަށްވުރެ ބޮޑަށް އުދަގޫތައް ކުރިމަތިވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ބައެއް މީހުންނަށް ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިނުވެ ގިނަ ދުވަސްތަކެއް ވުމަށްފަހު، ދޭތެރެއަކުން އުދަގޫތައް ކުއްލިއަކަށް ފެންމަތިވެގެން ހިގައިދާނެއެވެ. މިގޮތަށް ދިމާވުމަށް ކިޔަނީ ''ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން''(asthma attacks) އެވެ. އަނެއްބަޔަކަށް ނޭވާހިއްލުމުގެ އުދަގޫތައް ކޮންމެ ދުވަހަކު ކުރިމަތިވުމަކީ ވެސް ވެދާނެ ގޮތެކެވެ. ނޭވާހިއްލުން ހުންނަ ބައެއް މީހުންނަށް އޭގެ އުދަގޫތައް ފޯރަނީ ކަސްރަތު ފަދަ ކަމެއް ކުރުމުންނެވެ. އަދި އަނެއްބައި މީހުންނަށް އޭގެ އުދަގޫތައް ދިމާވަނީ އަރިދަފުސް ރޯގާ ފަދަ ބައްޔެއް ޖެހުމުންނެވެ.

އާދައިގެ ވަރަކަށް ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވުމަކީ ވަރަށް އާންމު ކަމެކެވެ. މިހާލަތުގައި ގިނަވެގެން ދެތިން ގަޑިއިރުގެ ތެރޭގައި ފިތި ހިމަވެފައިވާ ނޭވާހިނގާމަގު ހުޅުވި ފުޅާވެގެންދެއެވެ. މާނައަކީ ނޭވާހިއްލުމުގެ އުދަގޫތައް ކުޑަވެ، ނޭވާލާން ފަސޭހަވެގެން ދެއެވެ. ނުރައްކާތެރި ދަރަޖައަކަށް ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން(status asthmaticus) އަކީ މާ އާންމު ކަމެއް ނޫނަސް މިއީ ދިގުމުއްދަތަށް ދެމިހުންނަ ވަގުތުން ފަރުވާ ހޯދަންޖެހޭ ޙާލަތެކެވެ. އެހެންކަމުން ނޭވާހިއްލުމުގެ އާދައިގެ އުދަގޫތައް ފެންނަން ފެށުމުން ވެސް އެކަމަށް ފަރުވާ ކުރުމަކީ ނޭވާހިއްލުމުގެ ނުރައްކާތެރި ދަރަޖަޔަށް ދިޔަ ނުދިނުމަށާއި، ނޭވާހިއްލުން ކޮންޓްރޯލް ކުރުމަށް އެޅިދާނެ ރަގަޅު ފިޔަވަޅެކެވެ.

ނޭވާހިއްލުމުން ފުރަތަމަ ފެންނަ ނުރައްކަލުގެ ނިޝާންތައް
ނޭވާހިއްލުމުން ފުރަމަ ފެންނަ ނުރައްކަލުގެ ނިޝާންތަކަކީ ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުގެ ކުރިން ނުވަތަ އެޙާލަތު ފެށުމުން ފެންނަ އުދަގޫ ތަކެކެވެ. ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ގެ އުދަގޫތައް ބައެއް ފަހަރު ނޭވާހިއްލުމާއި ގުޅިގެން ފެންނަ އާދައިގެ އުދަގޫތަކުގެ ކުރިން ވެސް ފެނިދާނެ އެވެ.

އާންމު ގޮތެއްގައި މިއުދަގޫތަކަކީ އޭގެ ސަބަބުން ދިރިއުޅުމުގެ މަސައްކަތްތަކަށް އަސަރުކުރާ ކަންތައްތަކެއް ނޫނެވެ. އެހެން ކަމުން މިކަންކަން ދެނެގަނެ ދުރާލާ މިކަންކަމުން ރައްކާތެރިވުމަށް މަސައްކަތް ކުރުމަކީ ނޭވާހިއްލުމުގެ ޙާލަތު ނުރައްކާތެރި ވިޔަނުދީ ހިފަހައްޓައިދޭނެ ކަމެކެވެ.

ނޭވާހިއްލުމުގެ ކުރީކޮޅު ފެންނަ ނުރައްކާތެރި ނިޝާންތަކުގެ ތެރޭގައި:-
·         އާދަޔާ ޚިލާފަށް ގިނައިން ކެއްސުން : ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި
·         ފަސޭހަ ކަމާއެކު ނޭވާހުއްޓޭގޮތްވުން ނުވަތަ ނޭވާކުރުވުން
·         ވަރަށް ފަސޭހައިން ވަރުބަލިވުން،  ނުވަތަ ކަސްރަތުކުރުމުން ވަރުދެރަވުން
·         ކަސްރަތު ކުރުމަށްފަހު ކެއްސުން އަދި ނޭވާލާއިރު ތޫލިއަޑުހުރުން
·         ވަރުބަލިވެ، ފަސޭހައިން ރުޅިއަންނަގޮތްވެ، ކަންކަމާ އަވަހަށް ފުސްމޫނުހެދުން
·         ޕީކްފްލޯމީޓަރު އިން ބަލާއިރު ފުއްޕާމޭގެ މަސައްކަތް ދަށްވުން
·         އަރިދަފުސް ރޯގާގެ އުދަގޫތައް ފެނުން: ކިނބިހިއެޅުން، ނޭފަތުން ފެންއައުން، ނޭފަތްބެދުން، ބޮލުގައި ރިހުން، ކެއްސުން
·         ނިދަން އުދަގޫވުން

ނޭވާހިއްލުމުން ކުޑަކުދިންގެ ކިބައިން ފެންނަ އަލާމާތްތައް
ކުޑަކުދިންނަށް ޖެހޭ ދާއިމީ ބަލިތަކުގެ ތެރެއިން އެންމެ ގިނައިން ޖެހޭ އެއް ބައްޔެއްކަމަށް ފާހަގަ ކުރެވިފައިވަނީ ނޭވާހިއްލުން އެވެ. ނޭވާހިއްލުމުގެ އުދަގޫތައް ކޮންމެ އުމުރެއްގައި ކުރިމަތިވި ނަމަވެސް އާންމު ގޮތެއްގައި ނޭވާހިއްލުމުގެ އުދަގޫތައް ކުޑަކުދިންނަށް ފެންނަން ފަށަނީ އުމުރުން 5 އަހަރު ވުމަށްފަހު ގައެވެ.

ނޭވާހިއްލުން ޖެހުމުން ނޭވާހިނގާމަގުގައި އިންފްލެމޭޝަން އުފެދި އޮލަ ތަތް ދަވަ ނޭވާހިނގާމަގު ގެ ތެރޭގައި ޖަމާވެއެވެ. ނޭވާހިއްލުން ހުންނަ ހުރިހާ ކުދިންނަކަށް ނޭވާލާއިރު ތޫލިއަޑުހުރުން މެދުވެރިއެއް ނުވެއެވެ. ބައެއް ފަހަރު ނޭވާހިއްލުން ޖެހުމުން ފެންނަ ހަމައެކަނި އުދަގޫ ކަމުގައި ކެއްސުން ވެފައި ވެސް ހުރެއެވެ. އަދި ބައެއް ފަހަރު ކުޑަކުދިންނަށް ނޭވާހިއްލުން ޖެހުމުން ފާހަގަނުވެ ދިގުމުއްދަތެއް ވަންދެން ހުރެދާނެ އެވެ. މާނައަކީ އެފަދަ ޙާލަތުގައި ގިނަފަހަރު ބެލެވެނީ އެއީ ވައިނޮޅީގެ ކަފިދުޅަވުން ފަދަ ކަމެއް ކަމުގައެވެ.

ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ފެންނަ އަލާމާތްތައް
ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ނޭވާހޮޅި ވާންވެ،ފިތި، ދުޅަވެ، ދަވަ ޖަމާވެ، އެމަގު ހަނިވެ، ހިމަވެގެން ދެއެވެ. ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވަނީ ނޭވާހޮޅީގެ ވަށައިގެންވާ މަސްފަށަލަ ފިތި ކުރުގެޅުމުންނެވެ. މިގޮތަށް ވުމަށްކިޔަނީ ''ނޭވާހޮޅި ހަނިވުން''(bronchospasm) އެވެ. މީގެ އިތުރުން ނޭވާހޮޅީގެ އެތެރޭގެ ތެތްދުލިފަށް ދުޅަވެ، އާންމުކޮށް އުފައްދާ މިންވަރަށްވުރެ އޮލަކޮށް ހުންނަ ދަވަ އުފައްދައެވެ. އެހެންކަމުން އެސްތުމާ އެޓޭކް ޖެހެނީ ނޭވާހޮޅި ފިތުން، ނޭވާހޮޅީ އެތެރޭގެ ތެތްދުލިފަށް ދުޅަވުން، އަދި އޮލަކޮށް ހުންނަ ދަވަ އުފެއްދުން މި ކަންތައްތަކުގެ ސަބަބުންނެވެ.

ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ފެންނާނެ ޢާންމު އަލާމާތްތަކުގެ ތެރޭގައި:-
·         ކެއްސުން : ޚާއްޞަކޮށް ރޭގަނޑު
·         ނޭވާލާއިރު ތޫލިއަޑެއްހުރުން
·         ނޭވާކުރުވުން
·         ނޭވާލާން އުދަގޫވުން
·         ދިރިއުޅުމުގައި އާންމުކޮށް ކުރާ މަސައްކަތްތައް ފުރިހަމަކުރަން އުދަގޫވުން

މިހާލަތުގައި ފެންނާނެ އެހެން ޢަލާމާތްތަކުގެ ތެރޭގައި:-
·         އެތެރެއަށާއި ބޭރަށް ނޭވާލާއިރު ތޫލިއަޑު ވަރަށް ބޮޑަށް ހުރުން
·         އާދަޔާ ޚިލާފަށް ގިނައިން ކެއްސުން
·         އަވަސް އަވަހަށް ނޭވާލުން
·         މެޔަށް ވާންވެ، ފިތި، ތަދުވުން
·         ނޭވާލާއިރު މޭއެތެރެއަށް ޖެހިފައި، ބޭރަށް އަންނަހެން ހީވުން (Chest retraction) މިއީ ކަރު އަދި މޭމަތީގެ މަސްތައް ކުރުގެޅުމުން ވާގޮތެކެވެ.
·         ވާހަކަ ދައްކަން އުދަގޫވުން
·         ހިތްހަމަނުޖެހުން
·         މޫނުމަތި ދާހިއްލައި ދޮންފޫޑުވެފައި ހުރުން
·         ނިޔަފަތިތަކުގެ ދަށް، އަދި ތުންފަތް ނޫވުން

ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވުމަށްފަހު ބޭސް ބޭނުންކޮށްގެން ފަރުވާ ލިބިނުގަނެއްޖެނަމަ، ނޭވާލާން އުދަގޫވެ، ނޭވާލާއިރު އިވޭ ތޫލިއަޑު ގަދަވެގެން ދެއެވެ. ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވުމުން ފުއްޕާމެޔަށް، ވާންވެ، ބާރުވެ ފިތޭތީ، ޕީކްފްލޯމީޓަރު ބޭނުންކުރަން ނުކުޅެދެއެވެ. މަޑުމަޑުން ފުއްޕާމޭފިތެމުންދާ ވަރަކަށް ނޭވާލާއިރު ހުންނަ ތޫލިއަޑުއުފެދޭ މިންވަރަށް ވައި ދައުރެއް ނުވެއެވެ. ނޭވާލާއިރު އިވޭ ތޫލި އަޑު ނުހުރުމަކީ ވަރަށް ނުރައްކާތެރި ނިޝާނެކެވެ. މިހާލަތަށް ކިޔަނީ ''މައިތިރި މޭ''ނުވަތަ ''ހިމޭން މޭ''(silent chest) އެވެ. ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި ނޭވާލާއިރު ތޫލިއަޑު ނުހުރުމަކީ ނޭވާހިއްލުން ގެ ޙާލަތު ރަގަޅުވެފައިވާ ކަމުގެ ހެއްކެކެވެ. އެކަމަކު މިއީ ހަގީގަތުގައި ކުށްހީ އެކެވެ. މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.

ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން އަށް އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ ވާހަކަ ދައްކަން ނުކުޅެދި، ތުންފަތާއި ވަށައިގެންވާ ހިސާބުގައި ނޫވުން ކުރިމަތިވެއެވެ. މިއީ ލޭގައި އޮކްސިޖަން މަދުވެގެން ދިމާވާ ކަމެކެވެ. އެހެންކަމުން މިފަދަ ޙާލަތުގައި އެކަށޭނަ ފަރުވާ ވަގުތުން ނުދެއްވިއްޖެނަމަ ޚަބަރު ހުސްވެ، ފުރާނަ އަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ.

ނޭވާހިއްލުމުން ފެންނަ އާދަޔާ ޚިލާފު އަލާމާތްތައް
ނޭވާހިއްލުން ޖެހޭ އެންމެންނަށް އަބަދު ކުރިމަތިވާނީ ނޭވާހިއްލުން ޖެހުމުން ފެންނަ ނޭވާކުރުވުން، ކެއްސުން، ނޭވާލާއިރު ތޫލިއަޑުހުރުން ފަދަ އާދައިގެ އުދަގޫތަކެއް ނޫނެވެ. ބައެއް ފަހަރު ބައެއް މީހުންނަށް ނޭވާހިއްލުމާއި ގުޅުމެއްނެތް އާދަޔާ ޚިލާފު އުދަގޫތައް މެދުވެރިވުމަކީ ވެސް ވެދާނެ ގޮތެކެވެ. އެގޮތުން ކުރިމަތިވެދާނެ ބައެއް އާދަޔާ ޚިލާފު އުދަގޫތަކުގެ ތެރޭގައި:-
·         އަވަސް އަވަހަށް ނޭވާލުން
·         މާބޮޑަށް ވަރުބަލިވުން
·         ރަގަޅަށް ކަސްރަތު ނުކުރެވުން ( ކަސްރަތުކުރުމުން ނޭވާހިއްލުން )
·         ރަގަޅަށް ނުނިދުން ( ރޭގަނޑު ނޭވާހިއްލުން )
·         ހިތްހަމަނުޖެހުން
·         ވަކިކަމަކަށް ތިމާގެ ވިސްނުން ބަހައްޓަން އުދަގޫވުން
·         ދިގުމުއްދަތަކަށް ނޭވާލާއިރު ތޫލިއަޑު ހުރުމަކާއި ނުލައި ކެއްސުން
ނޭވާހިއްލުމުގެ އުދަގޫތަކަކީ ވައިނޮޅީގެ ކަފިދުޅަވުން، އަޑުފޮށި ހަލާކުވުން، އަދި ހިތް ފޭލްވުން ފަދަ ޙާލަތްތަކުގައި ވެސް ކުރިމަތިވެދާނެ އުދަގޫތަކެކެވެ. ހަދާން ބަހައްޓަންޖެހޭ ކަމަކީ ނޭވާހިއްލުން ޖެހުމުން ކުރިމަތިވާ އުދަގޫތައް އެކިމީހުންނަށް އެކި ސިފައިގައި ފެނިގެން ހިގައިދާނެ ކަމެވެ.

އިންފެކްޝަންގެ ސަބަބުން ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވަނީ ކީއްވެކަން ދެނެގަތުން
ބައެއް ފަހަރު ވައިރަސް ނުވަތަ ބެކްޓީރިޔާ އިން ޖެހޭ ބަލިތަކުގެ ސަބަބުން ވެސް ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވެއެވެ. މިސާލަކަށް އަރިދަފުސް ރޯގާ، އަދި ސައިނަސް ޖެހުން ފަދަ ކަމަކުން ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވުމަކީ ވަރަށް ގާތް ކަމެކެވެ. ޚާއްޞަކޮށް ސައިނަސް ޖެހުމުން ނޭވާހިއްލުން ކުރިމަތިވުމަކީ ވަރަށް ޢާންމު ކަމެކެވެ.

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް ދެނެގަނެ، އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ މުހިއްމު ކަމެކެވެ. މިސާލަކަށް ވައިނޮޅީގެ ކަފިދުޅަވުން ފަދަ ބަލިތަކުގައި ނޭވާކުރުވުން، ނޭވާލާން އުދަގޫވުން، ނޭވާލާއިރު ތޫލިއަޑުހުރުން ފަދަ ކަންކަމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން ނޭވާލާ ނިޒާމްގެ ބައްޔެއްގެ ނިޝާން ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދުމަކީ ނޭވާހިއްލުން ކުރިމަތިވިޔަނުދީ އެކަން ކޮންޓްރޯލްކުރުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.

ނޭވާހިއްލުމުގެ ވައްތަރުތައް
ނޭވާހިއްލުމުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ވައްތަރުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(1) - ކަންކަމާއި، ތަކެއްޗާއި ނުގުޅުމުން ނޭވާހިއްލުން
އާންމުގޮތެއްގައި ކަންކަމާއި ތަކެއްޗާއި ނުގުޅުން އަދި ނޭވާހިއްލުމަކީ އެކުއެކީގައި ވަރަށް ގިނަ މީހުންނަށް ދިމާވާ ދެކަމެވެ. ނުގުޅޭ ކަމެއް، އެއްޗެއްގެ ސަބަބުން ނޭފަތް ދުޅަވުން(allergic rhinitis) އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. ނޭވާހިއްލުން ހުންނަ މީހަކަށް ނުގުޅޭ ކަމެއް، އެއްޗެއްގެ ސަބަބުން ނޭފަތް ދުޅަވުން ކުރިމަތިވެއްޖެނަމަ ނޭވާހިއްލުމުގެ އުދަގޫތައް ފެންނަން ފަށައެވެ.

ނުގުޅޭ ކަމެއް، އެއްޗެއްގެ ސަބަބުން ނޭފަތް ދުޅަވުން ހުންނަ މީހުންނަށް ވަކި އެއްޗަކާ ނުގުޅޭ ގޮތް ދިމާވުމުން އެނުގުޅޭ އެއްޗަކާ އިޖާބަ ދިނުމުގެ ގޮތުން ދިފާއީ ނިޒާމުން ހިސްޓަމީން އަދި އެހެނިހެން ކެމިކަލްތައް ދޫކުރާނެއެވެ. މިކެމިކަލް ތަކުގެ ސަބަބުން އެމީހަކަށް އެލާޖީގެ އުދަނގޫތައް ކުރިމަތިވާނެ އެވެ. އާންމުގޮތެއްގައި ހަށިގަނޑާ ނުގުޅޭ ގިނަ ތަކެތި ހަށިގަނޑަށް ވަންނަނީ ނޭވާލާ ނިޒާމު ހުރަސްކޮށްކަން ފާހަގަ ކުރެވެއެވެ.

ނުގުޅޭ ކަމެއް، އެއްޗެއްގެ ސަބަބުން ނޭފަތް ދުޅަވުން ހުންނަނަމަ އާންމުކޮށް ފެންނާނެ އަލާމާތްތަކުގެ ތެރޭގައި އަބަދު ނޭފަތުން ފެންއައުން، އަބަދު ކިނބިހިއެޅުން، ނޭފަތުގެ ހިނދުރިތެރެ ދުޅަވެ ދަވައައުން، ލޮލުން ފެންއައުން، އަދި ކަރުތެރެ ހިރުވުން ފަދަ ކަންތައްތައް ހިމެނެއެވެ. މިކަން ހުންނަ މީހުންނަށް ހުއްޓިނެތި ނޭފަތުން އަރުތެރެއަށް ފެންފޭބު(post nasal drip)މުން ކެއްސުން މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. ވަރަށް ގިނަ ފަހަރު މިކަންކަމަކީ(ކަންކަމާ ތަކެއްޗާ ނުގުޅުމަކީ) ނޭވާހިއްލުމުގެ އުދަނގޫތައް ގޯސްކުރާ ކަމެކެވެ. މިފަދަ ހާލަތުގައި އެލާޖީ އަށް ބޭސް ކުރުމުން ނޭވާހިއްލުމުގެ އުދަނގޫތައް ވެސް ލުއިވެ ތިރިވުމަށް އެހީތެރި ވެދެއެވެ.

(2) - ކަސްރަތުކުރުމުން ނޭވާހިއްލުން
ކަސްރަތުކުރުމުން ނޭވާހިއްލު(exercise-induced asthma)މަކީ ކަސްރަތެއް ކުރުމުން ނުވަތަ މަސައްކަތެއް ކުރުމުން ނޭވާހިއްލުމުގެ އުދަނގޫތައް މެދުވެރިވުމެވެ. ނޭވާހިއްލުން ހުންނަ ވަރަށް ގިނަ މީހުންނަށް ކަސްރަތުކުރުމުން ކޮންމެވެސް މިންވަރަކަށް ނޭވާހިއްލުމުގެ އުދަގޫތައް އިހްސާސް ކުރެވެއެވެ. ހަމަމިހެން އާންމުކޮށް ނޭވާހިއްލުން ނުހުންނަ މީހުންނަށް ވެސް ހަމައެކަނި ކަސްރަތު ކޮށްލުމުން ނޭވާހިއްލުމުން ދިމާވާ އުދަގޫތައް ކުރިމަތިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ކަސްރަތުކުރުމުން ނޭވާހިއްލުން ހުންނަ މީހުންނަށް ކަސްރަތު ކުރަން ފަށާތާ 20-5 މިނިޓާއި ދެމެދުގެ ވަގުތެއްގައި ނޭވާހިނގާމަގު ހަނިވެ، ނޭވާހިއްލުމުގެ އުދަގޫތައް ފެންނަށް ފަށައެވެ. މީގެ އިތުރުން ނޭވާލާއިރު ތޫލިއަޑު ހުރުން އަދި ކެއްސުމާއެކު، ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ދިމާވާ އުދަގޫތައް ވެސް ކުރިމަތި ވުމަކީ ވެދާނެ ގޮތެކެވެ. ކަސްރަތު ކުރުމުން ދިމާވާ ނޭވާހިއްލުމުގެ އުދަގޫތަކުން މިންޖުވުމަށް ކަސްރަތުކުރަން ފެށުމުގެ ކުރިން  ނޭވާހިއްލުމުގެ އުދަގޫތައް ކުޑަކޮށްދޭ ބޭސް(bronchodilator) ބޭނުންކުރަން ޖެހޭނަމަ އެކަން ޑޮކްޓަރުން ބުނެދޭނެ އެވެ.

(3) - ކެއްސުމުން ނޭވާހިއްލުން
މިއީ ނޭވާހިއްލުމުގެ މައިގަނޑުގެ އުދަގުލެއްގެ ގޮތުގައި ކެއްސުން ހުންނަ ނޭވާހިއްލުން(cough-variant asthma) އެވެ. މިވައްތަރުގައި އާދަޔާ ޚިލާފަށް ގަދަޔަށް ކެއްސުން ހުންނާނެ އެވެ. ކެއްސުން ކުރިމަތިކޮށްފާނެ އެހެން ސަބަބު ތަކުގެ ތެރޭގައި، ނޭފަތުން އަރުތެރެއަށް ފެންފޭބުން، ސައިނަސް ޖެހުން، އެއްޗަކާ ނުގުޅުމުގެ ސަބަބުން ނޭފަތް ދުޅަވުން، އަދި ގެސްޓްރޯއީސަފޭޖަލް ރިފްލެކްސް ޑިޒީޒް ފަދަ ބަލިތައް ހިމެނެއެވެ.

ނޭވާހިއްލުމަކީ ކެއްސުން ކުރިމަތިވާ ނުރައްކާތެރި ބައްޔެއް ކަމަށް މިއަދުވަނީ ފާހަގަ ކުރެވިފައެވެ. މިވައްތަރުގެ ނޭވާހިއްލުން ދެނެގަނެ، ފަރުވާކުރުން ގިނަ ފަހަރު އޮންނަނީ އުދަނގޫ ކަމަކަށް ވެފައެވެ. މިވައްތަރުގެ ނޭވާހިއްލުން އިތުރަށް ގޯސްވެގެންދާ ކަންތައްތަކުގެ ތެރޭގައި ކަސްރަތުކުރުން، އަދި ނޭވާލާ ނިޒާމްގެ އިންފެކްޝަންތައް ހިމެނެއެވެ. އެހެންކަމުން ދިގުމުއްދަތަކަށް ކެއްސުން ކުރިމަތިވެފައިވާނަމަ އޭގެ ސަބަބު ހޯދުމަށް ޑޮކްޓަރަކާއި މަޝްވަރާކޮށް ޓެސްޓުތައް ހެދުން މުހިއްމެވެ.

(4) - ކުރާ މަސައްކަތަކުން ނޭވާހިއްލުން
ކުރާ މަސައްކަތަކުން ނޭވާހިއްލުން(occupational asthma) ކުރިމަތިވުމަކީ މަސައްކަތުގައި މާހައުލުގައި ހުންނަ ނުގުޅޭ ކަމެއްގެ ސަބަބުން ނުވަތަ މަސައްކަތުގެ މާހައުލުގައި ނުގުޅޭ އެއްޗަކަށް ހުށަހެޅުމުން ނޭވާހިއްލުމުގެ އުދަގޫތައް މެދުވެރިވުމެވެ. އެހެންކަމުން މަސައްކަތަށް ނިކުންނަ ފުރަތަމަ ދުވަހު ވެސް މިވައްތަރުގެ ނޭވާހިއްލުން ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ނޭވާހިއްލުން ޖެހުމުން ދިމާވާ ނޭވާލާއިރު ތޫލިއަޑެއް ހުރުމުގެ ބަދަލުގައި މިވައްތަރުގެ ނޭވާހިއްލުން ހުންނަ މީހުންނަށް ކެއްސުން، ނޭފަތުން ފެންއައުން، ލޯހިރުވައި ލޮލުން ފެންއައުން ފަދަ އުދަގޫތައް މެދުވެރި ކުރުވައެވެ.

މަސައްކަތުގެ މާހައުލުގައި ނޭވާހިއްލުން ކުރިމަތިވެދާނެ ފަރާތްތަކުގެ ތެރޭގައި ޖަނަވާރު ގެންގުޅޭ މީހުން، ދަނޑުވެރިން، ބޯކޮށާމީހުން، ނަރުހުން، ކުލަލާމީހުން، އަދި ވަޑާންކުރާ މީހުން ހިމެނެއެވެ.

(5) - ރޭގަނޑު ނޭވާހިއްލުން
ރޭގަނޑު ނޭވާހިއްލުން(nocturnal asthma) ކުރިމަތިވުމަކީ ނޭވާހިއްލުމުގެ ޢާންމު ވައްތަރެކެވެ. ނޭވާހިއްލުން ހުންނަ މީހެއް ނަމަ ނިދާފައި އޮންނަ ވަގުތު ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. މީގެ ސަބަބަކީ ނިދާ ހޭލާ ވަގުތާއި، ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވުމާއި ގުޅިފައިވާތީ އެވެ. މާނައަކީ އާންމު ގޮތެއްގައި ފަތިސް ގަޑީގައި ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވާ މިންވަރު އިތުރުވުމެވެ. ނޭވާހިއްލުމުގެ އުދަގޫތައް ރޭގަނޑު ކުރިމަތިވުމަކީ ބައެއް ފަހަރު ވަރަށް ނުރައްކާތެރި ކަމެކެވެ.

ދިރާސާ ތަކުން ދައްކާފައިވާ ގޮތުގައި ނޭވާހިއްލުން ޖެހިގެން ދުނިޔެދޫކޮށްފައިވާ ގިނަމީހުން ދުނިޔެ ދޫކޮށްފައިވަނީ ރޭގަނޑު ނޭވާހިއްލުން ކުރިމަތިވެ ނުރައްކާތެރި ދަރަޖައަކަށް މީހާގެ ޙާލަތު ދިއުމުގެ ސަބަބުންނެވެ. ބެލެވިފައިވާ ގޮތުގައި މިހެންދިމާވަނީ ނޭވާހިއްލުމުގެ އުދަގޫތައް މެދުވެރިވާ ކަންތައްތަކަށް ހުށަހެޅުން އިތުރުވުމާއި، ރޭގަނޑު މާހައުލުގައި ހުންނަ ފިނިވަޔާއި، ނިދަން އޮވެވޭގޮތަކުންނާއި، އަދި ރޭގަނޑު ހަށިގަނޑުން ދޫކުރާ ހޯރމޯން ތަކުގެ ސަބަބުން ކަމަށްވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު މޭއެންދުމާއި ގުޅިގެން ރޭގަނޑު ނޭވާހިއްލުން ކުރިމަތި ކުރުވައެވެ. ސައިނަސް ޖެހުމާއި އެކު ނޭވާހިއްލުމުގެ އުދަގޫތައް ރޭގަނޑުގެ ވަގުތުތަކު ކުރިމަތިވުމަކީ ވެސް ޢާންމު ކަމެކެވެ. ނޭވާހިއްލުން ޖެހިފައި، އިރުއޮއްސެން ކައިރިވާވަރަކަށް ނޭވާހިއްލުމުގެ އުދަގޫތައް އިތުރުވަމުންދާ ކަމަށް ފާހަގަ ވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ.

ނޭވާހިއްލުން ޖެހިފައިވާކަން ދެނެގަތުން
ފުއްޕާމެޔަށްޖެހޭ މިބައްޔަށް ފަރުވާކޮށް ބަލީގެ އުދަނގޫތައް ލުއިކުރުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅަކީ ބަލިޖެހިފައިވާކަން ހޯދައި ދެނެގަތުމެވެ. ބަލި ދެނެގަތުމުން ބައްޔަށް އެންމެ އެކަށޭނަ ބޭސްތަކުގެ އެހީގައި ބަލީގެ އުދަނގޫތަކަށް ލުއި ހޯދައިދީ އުފާވެރި ދިރިއުޅުމެއް ހޭދަކުރުމަށް މަގުފަހިވެގެންދާނެ އެވެ.

ނޭވާހިއްލުން ޖެހިފައިވާކަން ދެނެގަތުމުގައި ދިމާވާ މައްސަލަތައް
ނޭވާހިއްލުން ޖެހިފައިވާކަން ދެނެގަތުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ނޭވާހިއްލުން ހުރިކަން ފާހަގަވާ ވަރަށް އޭގެ އުދަނގޫތައް ބަލިމީހާގެ ކިބައިން ފެންނަން ނެތުމެވެ. މިސާލަކަށް ހަފްތާއެއް ވަންދެން ކެއްސުމާ، ނޭވާލާއިރު ތޫލިއަޑު ހުރެފައި ، ހަފްތާއެއް ފަހުން ޑޮކްޓަރަށް ދައްކާއިރު އެއިން އެއްވެސް ކަމެއް ނުހުރެދާނެ އެވެ. އެއަށްފަހު ކުއްލިއަކަށް ކެއްސުން، ނޭވާލާއިރު ތޫލިއަޑުހުރުން އަދި ނޭވާކުރުވުން ފަދަ ނޭވާހިއްލުމުގެ އުދަނގޫތައް ފެންމަތިވެދާނެ އެވެ.

މޫސުމަށް އަންނަ ބަދަލުތައް، އަރިދަފުސްރޯގާ، ސައިނަސް އިންފެކްޝަން، ދުންފަތުގެ ދުމަށް ހުށަހެޅުން، ދުންފަތުގެ އިސްތިއުމާލުކުރުން، ކަސްރަތުކުރުން، ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ކުރިމަތިވުން، ހާސްވެ ކަންބޮޑުވުން، ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން ފަދަ ކަންކަމަކީ އެކަންކަމުގެ ސަބަބުން ނޭވާހިއްލުމުގެ އުދަނގޫތައް ގޯސްކުރާ ނުވަތަ ފެންމަތިކުރުވާ ކަންތައްތަކެވެ.

ނޭވާހިއްލުން ޖެހިފައި ހުރިނަމަވެސް ބައެއް ފަހަރު ހަފްތާއަކުން ފެށިގެން ގޮސް މަހެއް ދެމަހެއް ވާއިރު ވެސް ބަލީގެ އުދަނގޫތައް ނުފެނި ހިގައިދާނެ އެވެ. މިއީ ވެސް ނޭވާހިއްލުން ޖެހިފައި ހުރިކަން ދެނެގަތުމަށް އުދަނގޫވާނެ ކަމެކެވެ. ބަލިޖެހިފައި ހުރިކަން ދެނެގަނެވޭ ހިސާބުން ފެށިގެން ބައްޔަށް ފަރުވާކުރާނެ އެކަށޭނަ ބޭސް ޑޮކްޓަރުގެ އެހީގައި ޚިޔާރުކޮށް ކުރިޔަށް ދިއުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ނޭވާހިއްލުން ޖެހިފައިވާކަން ދެނެގަތުމުގެ ތެރޭގައި ޑޮކްޓަރު ކުރާނެ ސުވާލުތައް
ނޭވާހިއްލުން ޖެހިފައިވާކަމަށް ޝައްކުވެގެން ޑޮކްޓަރަށް ދައްކާ ފުރަތަމަ ފަހަރު ވަރަށް ގިނަ މައުލޫމާތުތައް ބަލިމީހާގެ ފުށުން ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެ އެވެ. އެގޮތުން ބަލިމީހާގެ ކުރީގެ ޞިއްޙީ ހާލަތު ހުރިނެތްގޮތް، ނޭވާހިއްލުމުގެ އުދަނގޫތައް، ނޭވާހިއްލުން ކުރިމަތިކުރުވާ ކަންތައްތައް، އެކަމަށް މަގުފަހިކުރާ ކަންތައްތައް، ކޮށްއުޅޭ މަސައްކަތް، ނުގުޅޭ ތަކެއްޗާ ކަންކަމާ ބެހޭ މަޢުލޫމާތު، ބޭނުންކުރާ ބޭސްތަކާ ބެހޭ މައުލޫމާތު ފަދަ ކަންތައްތައް ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެ އެވެ. އެހެންކަމުން ތެދުވެރިކަމާ އެކު ފުރިހަމަ މައުލޫމާތު ޑޮކްޓަރަށް ފޯރުކޮށްދިނުމަކީ ބުއްދިވެރިކަމެކެވެ.

ނޭވާހިއްލުން ޖެހިފައިވާކަމަށް ޝައްކުވެގެން ޑޮކްޓަރަށް ދައްކާ ފުރަތަމަ ފަހަރު ޑޮކްޓަރު ކޮށްފާނެ ބައެއް ސުވާލުތައް ތިރީގައި މިވަނީ އެވެ.

(1) – ތިބާއަށް ކުރިމަތިވާ ނޭވާހިއްލުމުގެ އުދަނގޫތައް (ތިރީގައިވާ ކަންތައްތަކުގެ ތެރެއިން) ސިފަކޮށްދެވިދާނެތަ؟
·         ނޭވާކުރުވުން
·         ނޭވާލާއިރު ތޫލިއަޑުހުރުން – ރޯގާޖެހުމުން، އެއްޗަކާ ނުގުޅުމުން މިއަޑު އިތުރަށް ގަދަވެގެންދޭތަ؟
·         މާގިނައިން ކެއްސުން ނުވަތަ ރޭގަނޑު މާގިނައިން ކެއްސުން
·         އެތެރެއަށާ ބޭރަށް ނޭވާލާއިރު ވެސް ވަރަށް ބޮޑަށް ތޫލިއަޑުހުރުން
·         އަވަސް އަވަހަށް ނޭވާލުން
·         މެޔަށް ފިތި ވާންވެ ތަދުވުން
·         ވާހަކަ ދައްކަން އުދަނގޫވުން
·         ހިތްހަމަނުޖެހުން (ނުތަނަވަސްވުން)
·         މޫނުމަތިން ދާހިއްލައި ދޮންފޫޑުވުން
·         ނިޔަފަތިތަކުގެ ދަށް އަދި ތުންފަތް ނޫވުން

(2) – ނޭވާހިއްލުމުގެ އުދަނގޫތައް ކުރިމަތިވަނީ (ތިރީގައިވާ ކަންތައްތައްތަކުގެ ތެރެއިން) ކޮންއިރަކު؟
·         އަބަދުވެސް، ބުނެދޭކަން ނޭނގޭ
·         ހަމަ އެކަނި ކަސްރަތު ކުރުމުން
·         ރޭގަނޑުގައި
·         ފަތިސް ގަނޑީގައި ނިދާފައި އޮއްވައި ކުއްލިއަކަށް ހޭލެވިގެން
·         ގަސްތަކުގައި މާއަޅާ މޫސުމުގައި މަލުގެ ކުނޑި ޖެހުމުން
·         ހާސްވެ ކަންބޮޑުވެ ފިކުރު ބޮޑުވުމުން
·         ދުންފަތުގެ ދުމުގެ ވަސް ޖެހުމުން
·         އަތަރާ ސެންޓުގެ ވަސް ޖެހުމުން
·         ބުޅާ، ކުއްތާ ފަދަ ޖަނަވާރުތަކާ ކައިރިވުމުން
·         އެއާރކޮންޑިޝަން ކޮށްފައި ހުރި ތަނެއްގައި ހޭދަކުރުމުން
·         ހޭންފެށުމުން ނުވަތަ ލަވަކިޔަން ފެށުމުން
·         އެއްޗަކާ ނުގުޅުމުން، ނޭފަތުން އަރުތެރެއަށް ފެންފޭބުމުން، ސައިނަސް އިންފެކްޝަން ޖެހުމުން
·         މޭއެންދުމުން
·         އެސްޕިރިން ފަދަ ބޭސްތައް ބޭނުންކުރުމުން

(3) – އާއިލާގައި ނޭވާހިއްލުން ޖެހިފައިވާ މީހުން ތިބޭތަ؟ ނޫނީ އެއްޗަކާ ނުގުޅޭ މީހަކު ހުރޭތަ؟
(4) – ވަރަށް ގިނައިން ވައިނޮޅީގެ ކަފިދުޅަވުން ކުރިމަތިވޭތަ؟
(5) – ކުރިން ނޭވާހިއްލުން ހުންނަކަމަށް ޑޮކްޓަރުން ބުނިތަ؟
(6) –ކުރިން ނޭވާހިއްލުން ޖެހިގެން އަވަސްފަރުވާދޭ ކޮޓަރީގައި އެދުމަތިކުރިތަ؟ ނުވަތަ ސްޓީރޮއިޑް ބޭނުންކުރަންޖެހުނުތަ؟

ނޭވާހިއްލުން ޖެހިފައިވާކަން ދެނެގަތުމަށް ހެދޭ ޓެސްޓުތައް
ނޭވާހިއްލުން ޖެހިފައިވާ ދެނެގަތުމަށްޓަކައި ބަލިމީހާގެ ކިބައިން އަހައި އޮޅުން ފިލުވާ މައުލޫމާތު ތަކަށްފަހު، ބަލިމީހާގެ ހަށިގަނޑު ބަލައި ޗެކުކުރުމުގެ އިތުރުން، ލެބޯޓްރީ ތަހުލީލުތަކާ، އެހެން ވެސް ކަމާގުޅޭ ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން އިރުޝާދު ދޭނެ އެވެ. އެގޮތުން އާންމުކޮށް ހެދޭ ބައެއް ޓެސްޓުތައް ތިރީގައި މިވަނީ އެވެ.

(ހ) – ސްޕައިރޯމެޓްރީ (spirometry):ސްޕައިރޯމެޓްރީ އަކީ "ސްޕައިރޯމީޓަރު"(spirometer) ކިޔާ އާލަތެއް ބޭނުންކޮށްގެން ހަދާ ޓެސްޓެކެވެ. މިއީ ފުއްޕާމޭގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓެ(LFT)ކެވެ. މިއާލަތުގެ އެހީގައި ފުންނޭވާއެއް އެތެރެއަށް ލުމަށްފަހު، ބޭރަށް ނޭވާލާއިރު ބޭރުވަނީ ވައިގެ ކިހާ މިންވަރެއްކަން ބެލޭނެއެވެ. މީގެ އިތުރުން މިއާލަތުގެ އެހީގައި ފުއްޕާމޭގައި ހުރި ވައިބޭރުކޮށް ހުސްކޮށްލެވެނީ ކިހާ އަވަހަކަށް ކަންވެސް ދެނެގަނެވޭނެ އެވެ. މިޓެސްޓުގެ އެހީގައި ނޭވާ ހިނގާ މަގުގައި އެއްވެސް ކަހަލަ ހުރަހެއް، ނުވަތަ ބެދުމެއް (ބަންދުވުމެއް) ހުރިތޯ ދެނެގަނެވޭނެ އެވެ. އަދި ފުއްޕާމޭގެ މަސައްކަތަށް ބުރޫއެރުމެއް (އުނިކަމެއް) އައިސްފައިވޭތޯ ވެސް ދެނެގަނެވޭނެ އެވެ. އަދި ނޭވާހިއްލުމަށް ދޭ ބޭސްތަކަށް ހަށިގަނޑު އިޖާބަދޭ މިންވަރު ދެނެގަތުމަށް ވެސް މިޓެސްޓު އެހީތެރިވެދެއެވެ. މިޓެސްޓު ހެދުން އެދެވިގެންވަނީ އުމުރުން 5 އަހަރުން މަތީގެ ކުދިންނާ ބޮޑެތި މީހުންނެވެ. މިޓެސްޓު ހެދުމުގެ ކުރިން ނުވަތަ ފަހުން ބައެއް ފަހަރު އަލްބިއުޓިރޯލް ފަދަ އަވަހަށް(ކުރުމުއްދަތަކުން) މަސައްކަތްކުރާ (Short-acting) ނޭވާހޮޅި ފުޅާކުރާ ބޭހެއް (Bronchodilator) ބޭނުންކުރަން ބުނެފާނެ އެވެ. މިބޭސް ބޭނުންކުރުމުން ނޭވާ ހިނގާ މަގު ފުޅާވެ، ފަސޭހަކަމާއެކު ވައިދައުރުވުމަށް އެހީތެރިވެދެއެވެ.

ނޯޓު: އާންމު ގޮތެއްގައި ފުއްޕާމޭގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހެދޭ މައިގަނޑު ދެޓެސްޓަކީ ސްޕައިރޯމެޓްރީ އަދި މިތަކޯލިން ޗެލެންޖް ޓެސްޓެވެ. މިދެޓެސްޓަށް ތައްޔާރުވާއިރު ވިސްނަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ޓެސްޓުހަދަން އޮންނަ ދުވަހު ދުންފަތުގެ އިސްތިއުމާލުނުކުރުން، ކޮފީ، ސައި، ކޯލާ، ޗޮކްލެޓް ފަދަ ތަކެތި ބޭނުންނުކުރުން، ކަސްރަތުކުރުން އަދި ފިނި މާހައުލަށް ހުށަހެޅުން ފަދަ ކަންތައްތަކާ ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ.

(ށ) - މިތަކޯލިން ޗެލެންޖް ޓެސްޓު ހެދުން (methacholine challenge test): މިޓެސްޓު ހަދަނީ ކުރިމަތިވާ އުދަގޫ ތަކާއި، ސްޕައިރޯމީޓަރު ބޭނުންކޮށްގެން ހަދާ ޓެސްޓުން ނޭވާހިއްލުން ޖެހިފައިވާކަން ރަގަޅަށް ދެނެގަންނަން ނޭގިއްޖެނަމަ އެވެ.  މިޓެސްޓު ހަދާއިރު ސްޕައިރޯމެޓްރީ(Spirometry) ހެދުމުގެ ކުރިންނާއި ފަހުން ''މިތަކޯލިން އެއިރޯސޯލް މިސްޓް''(methacholine aerosol mist) އެތެރެއަށް ދަމަން(Inhale) ޖެހެއެވެ. މިޓެސްޓު ހަދާއިރު ފުއްޕާމޭގެ މަސައްކަތް 20 އިން ސައްތަ ދަށްވެފައިވާނަމަ އޭގެ މާނައަކީ ޓެސްޓު ޕޮޒިޓިވް ވުމެވެ. މާނައަކީ ނޭވާހިއްލުން ޖެހިފައި ވުމެވެ. މިތަކޯލިން ދިނުމުން ނޭވާހިއްލުން ހުންނަނަމަ ނޭވާހިނގާ މަގު އޭގެ ސަބަބުން ހަނިކޮށް ހިމަކޮށްލާނެ އެވެ. މިތަކޯލިންގެ ސަބަބުކުރިމަތިވި އަސަރު (ނޭވާހިނގާ މަގު ހަނިވުން) ފިލުވާލުމަށްޓަކައި ޓެސްޓު ހަދާ ނިމުމުން ނޭވާހިނގާމަގު ފުޅާކުރާ ބޭހެއް (Bronchodilator) ދެވެއެވެ. މިއީ ވެސް ފުއްޕާމޭގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓެ(LFT)ކެވެ.  މިއީ އާންމު ގޮތެއްގައި ބޮޑެތި މީހުންނަށް ހަދައި އުޅޭ ޓެސްޓެކެވެ. ނަމަވެސް ކުޑަކުދިންނަށް ވެސް ހެދިދާނެ ޓެސްޓެކެވެ.

މިތަކޯލިން ޗެލެންޖް ޓެސްޓު ހެދުމުގެ ކުރިން ކައިރި ދުވަސް ވަރެއްގައި އަރިދަފުސްރޯގާ ޖެހި، އަރިދަފުސް ރޯގާއަށް ވެކްސިން ދީ ހަދާފައިވާނަމަ އެވާހަކަ ޑޮކްޓަރުގެ ގާތުގައި ބުނަންވާނެ އެވެ. ސަބަބަކީ އެކަންކަމުގެ ސަބަބުން މިޓެސްޓުގެ ނަތީޖާއަށް ބަދަލު އަތުވެދާނެތީ އެވެ.

(ނ) – ޕީކްފްލޯ ޓެސްޓިންގ (peak flow testing):މިއީ ފުއްޕާމޭގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ގޭގައި ހަދާލެވިދާނެ ޓެސްޓެކެވެ. މިޓެސްޓުގެ އެހީގައި މީހަކަށް އެންމެ ބޮޑަށް ބޭރަށް ނޭވާލެވޭ މިންވަރު(peak expiratory flow rate)  ދެނެގަނެވެއެވެ. ޕީކް ފްލޯ މީޓަރު(peak flow meter) ގެ އެހީގައި ހެދޭ މިޓެސްޓުގައި ފުންކޮށް އެތެރެއަށް ނޭވާލުމަށްފަހު، ބާރަށް (ބޮޑަށް) ބޭރަށް ނޭވާލާއިރު ފުއްޕާމެއިން ބޭރަށް ވައިނިކުންނަނީ ކިހާއަވަހަކަށް ކަން ދެނެގަނެވޭނެ އެވެ.

(ރ) – މޭގެ އެކްސްރޭ ނެގުން (chest x-ray):މިއީ އާންމުކޮށް ނޭވާހިއްލުން ދެނެގަތުމަށް ހެދޭ ޓެސްޓަކަށް ނުވި ނަމަވެސް މޭގެ އެކްސްރޭ ހެދުމުން، ފުއްޕާމޭ، ހިތް، އަދި އަރިކަށިތަކާއި މޭކަށިތައް ހުރިނެތްގޮތް ދެނެގަނެވެއެވެ. ކުރިމަތިވާ އުދަގޫތަކުގެ އަސްލަކީ ނޭވާހިއްލުން ނޫން އެހެން ކަމެއް ނަމަވެސް މޭގެ އެކްސްރޭ ބަލައިގެން އެގިދާނެއެވެ. އެކްސްރޭ އިން ބަލައިގެން ނޭވާހިއްލުން ޖެހިފައިވާ ކަމުގެ ނިޝާނެއް ފެނުނުކަމަށް ވިޔަސް އާންމު ގޮތެއްގައި ނޭވާހިއްލުން ޖެހިފައިވާ މީހުންގެ މޭގެ އެކްސްރޭ ފެންނާނީ ތަބީޢީ ސިފައެއްގައެވެ. ބައެއް ފަހަރު ނޭވާހިއްލުމަށްދޭ ބޭސްތަކުން ރަގަޅުވާނެހެން ހީނުވާ ފަހަރު ތަކުގައި ވެސް މޭގެ އެކްސްރޭ ނެގުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

(ބ) – ނޭވާހިއްލުމާ ގުޅިގެން އެލާރޖީ ޓެސްޓު ހެދުން (allergy tests): ނޭވާހިއްލުމާ ގުޅިގެން އެލާރޖީ ޓެސްޓު ހެދުމަކީ ނޭވާހިއްލުން ގޯސްކުރާ ކަމެއް ހުރިތޯ ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި މިއީ ބައްޔަށް ދޭނެ ފަރުވާ ކަނޑައެޅުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. ނޭވާހިއްލުމާ ގުޅިގެން އެކަން ދެނެގަތުމަށް އެހީތެރިވެދޭނެ ވަރަށް ގިނަ އެލާރޖީ ޓެސްޓުތައް ހުރެއެވެ. އޭގެ ތެރޭގައި ހަމުގެ ޚާއްޞަ އެލާރޖީ ޓެސްޓު ތަކާ، ލޭގެ ޚާއްޞަ އެލާރޖީ ޓެސްޓު ތައް ހިމެނެއެވެ.

ހަމުގެ ޚާއްޞަ އެލާރޖީ ޓެސްޓު ތައް
ހަމުގެ ޚާއްޞަ އެލާރޖީ ޓެސްޓު(allergy skin tests) ތަކަކީ ވަރަށް ފަސޭހައިން ހަދާލެވޭ އަގުހެޔޮ ޓެސްޓުތަކެކެވެ. މިއީ ނޭވާހިއްލުން މެދުވެރި ސަބަބު ކަނޑައެޅުމަށް ވެސް އެހީތެރިވެދީފާނެ ޓެސްޓު ތަކެކެވެ. އާންމު ގޮތެއްގައި ޓެސްޓު ހަދާތާ ގަޑިއެއްހާއިރުގެ ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބޭނެ އެވެ. މިޓެސްޓުތައް ހެދުމުގެ ކުރިން ސަމާލުވާންޖެހޭ ކަންތައްތައް ޑޮކްޓަރުންގެ ކިބައިން އަހައި އޮޅުން ފިލުވުން މުހިއްމެވެ. މިޓެސްޓު އާންމުކޮށް ހަދަނީ ވަކި ކަހަލަ އެލާރޖީއަކާ ގުޅިގެން ނޭވާހިއްލުން ކުރިމަތިވާކަމަށް ޝައްކު ކުރެވޭނަމަ އެވެ.

ހަމުގެ ޚާއްޞަ އެލާރޖީ ޓެސްޓު ހެދުމުގެ ތެރޭގައި ވަކި ޚާއްޞަ އެލާރޖެން(allergens) އެއް ހަމުގެ ދަށަށް އިންޖެކްޝަންގެ ޒަރީޢާއިން ފޮނުވުމަށްފަހު، އެހިސާބުގެ ހަމަށް އިމިއުނޯގްލޯބިއުލިން އީ(immunoglobulin E) ގެ ސަބަބުން އަންނަ ބަދަލު ފާހަގަ ކުރާނެ އެވެ. އިމިއުނޯގްލޯބިއުލިން އީ އަކީ ހަމައެކަނި އެލާރޖީ ހުންނަ މީހުންގެ ހަށިގަނޑުން ފެންނަ ކެމިކަލް އެކެވެ. މިކެމިކަލްގެ ސަބަބުން ހަމުގައި ހުންނަ "މަސްޓު ސެލް"(mast cell) ތައް ހީވާގިވެ، ހިސްޓަމީން އަދި އެހެނިހެން ކެމިކަލްތައް ދޫކުރަން ފަށައެވެ. ހިސްޓަމީން އަކީ ހަމުގައި ހިރުވުން، ދުޅަވުން، އަދި ރަތްކަމެއް އުފައްދާދޭ މާއްދާ އެކެވެ. އާންމުކޮށް ހެދޭ ހަމުގެ އެލާރޖީ ޓެސްޓު ތަކަކީ:-
·         ސްކިން ޕްރިކް ޓެސްޓު
·         އިންޓްރަޑާރމަލް އެލާރޖީ ޓެސްޓު
·         އެލާރޖީ ޕެޗް ޓެސްޓު

ލޭގެ ޚާއްޞަ އެލާރޖީ ޓެސްޓުތައް
ލޭގެ ޚާއްޞަ އެލާރޖީ ޓެސްޓު(allergy blood tests) ތަކަކީ ހަމުގެ އެލާރޖީ ޓެސްޓު ތަކަށްވުރެ އަގުބޮޑު ޓެސްޓު ތަކެކެވެ. މިފަދަ ޓެސްޓު ތަކުގެ އެހީގައި ލޭގައި އިމިއުނޯގްލޯބިއުލިން އީ(immunoglobulin E) ހުންނަ މިންވަރު ވެސް ދެނެގަނެވޭނެ އެވެ. ލޭގައި އިމިއުނޯގްލޯބިއުލިންގެ މިންވަރު މަތިނަމަ އޭގެ މާނައަކީ އެލާރޖީ އެއް ހުރުމެވެ. އާންމުކޮށް ހަދައިއުޅޭ ލޭގެ ޚާއްޞަ އެލާރޖީ ޓެސްޓުތަކަކީ:-
·         ރޭޑިއޯއެލާރޖަސޯރބެންޓް ޓެސްޓު
·         އިމިއުނޯގްލޯބިއުލިން ޑިޓާރމިނޭޝަން ޓެސްޓު

(ޅ) – ނޭވާހިއްލުމުން އެހެން ބައެއް ކަންކަން ހުރިތޯ ބެލުމަށް ހެދޭ ބައެއް ޓެސްޓުތައް
v     މޭއެންދުން ހުރިތޯ ދެނެގަތުން : މޭއެންދުމަކީ ނޭވާހިއްލުން ގޯސްކުރާ ކަމަކަށްވުމުން ނޭވާހިއްލުން ޖެހުމުން މޭއެންދުމުގެ މައްސަލަ ހުރިތޯ ބެލުމަށް ޓެސްޓުކޮށް ހަދައެވެ.
v     އެލާރޖީ ޓެސްޓު ހެދުން : މިއީ ނޭވާހިއްލުން އިތުރަށް ގޯސްކޮށްފާނެ އެއްވެސް ކަމެއް ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.
v     ނޭފަތުގެ ވަށައިގެން ހުންނަ ވައިކޮތަޅު ތަކުގެ ޙާލަތު ދެނެގަތުން : ސައިނަސް ތަކުގައި އިންފެކްޝަން އަށަގަތުމަކީ ނޭވާހިއްލުމުގެ އުދަނގޫ އިތުރަށް ގޯސްކުރާ ކަމެކެވެ.
v     ލޭގެ ޓެސްޓުތައް ހެދުން

ނޭވާހިއްލާ ބަލި ހުންނަމީހުންގެ ކަންތައްތައް ބެލުމުގައި ޝާމިލްވެދާނެ ޚާއްޞަ ޑޮކްޓަރުން
·         އެލާޖިސްޓް(allergist): އެލާޖިސްޓުންނަކީ ގިނަ ފަހަރު ކުޑަކުދިންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެކެވެ. ނުވަތަ އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރެކެވެ. މިއީ އެލާޖީ އަދި ދިފާޢީ ބާރާއި ބެހޭ ޢިލްމުން ޚާއްޞަ ތަމްރީނު ތަކެއް ލިބިގެންތިބޭ ބައެކެވެ.
·         އިންޓަނިސްޓް(internist): އިންޓަނިސްޓުންނަކީ އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނެވެ. މިއީ އެތެރެ ހަށީގެ ގުނަވަންތަކާއި ގުޅުންހުރި ބަލިތަކަށް ޚާއްޞަ ފަރުވާދޭ ބައެކެވެ.
·         އޮޓޯލެރިންގޮލޮޖިސްޓް(otolaryngologist): އޮޓޯލެރިންގޮލޮޖިސްޓުންނަކީ ކަރުން މަތީ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނެވެ. މިއީ ކަންފަތް، ކަރު، ނޭފަތުގެ ބަލިތަކަށް ޚާއްޞަ ފަރުވާދޭ ބައެކެވެ.
·         ޕީޑިއެޓްރިޝަން(paediatrician): ޕީޑިއެޓްރިޝަނުންނަކީ ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނެވެ.
·         ޕަލްމޮނޮލޮޖިސްޓް(pulmonologist): ޕަލްމޮނޮލޮޖިސްޓުންނަކީ ނޭވާލާ ނިޒާމް އާއި ފުއްޕާމޭގެ ބަލިތަކަށް ޚާއްޞަ ފަރުވާ ދޭ ޑޮކްޓަރުންނެވެ.

ޑޮކްޓަރުގެ ކިބައިން އަހައި އޮޅުން ފިލުވަންޖެހޭ 9 ސުވާލު
ނޭވާހިއްލުން ޖެހުން ބައެއް ފަހަރު ޑޮކްޓަރަށް ދައްކާއިރު ބައެއް މީހުން ބިރުގަނެ ޖެހިލުންވާގޮތް ވެއެވެ. އެކަމުގެ ސަބަބުން އަހައި އޮޅުން ފިލުވަން ބޭނުންވާ ބައެއް ކަންތައްތައް ހަދާނުން ފުހެވިގެންދާގޮތް ވެއެވެ. އެހެން ކަމުން ޑޮކްޓަރަށް ދެއްކުމުގެ ކުރިން އަހަން ބޭނުން ސުވާލުތައް ނޯޓްކޮށްލާފައި ބެހެއްޓުން މުހިއްމެވެ. އެގޮތުން ނޭވާހިއްލުން ޖެހިފައިވާ މީހެއްނަމަ ޑޮކްޓަރަށް ދައްކާއިރު ޑޮކްޓަރާއި ސުވާލުކޮށް ރަގަޅަށް ޖަވާބު އޮޅުން ފިލުވަންޖެހޭ 9 ސުވާލެއް ތިރީގައި މިވަނީ އެވެ.

1-      ނޭވާހިއްލުމަކީ ކޮބާ؟
2-      ނޭވާހިއްލުން ޖެހޭ ސަބަބުތަކަކީ ކޮބާ؟
3-      ނޭވާހިއްލުމުން ރައްކާތެރިވެ ހުރުމަށް ދިރިއުޅުމުގައި ބަދަލުގެންނަންޖެހޭ އާދަތަކެއްވޭތަ؟
4-       ނޭވާހިއްލުމުން ހަދަންޖެހެނީ ކޮންކަހަލަ ޓެސްޓުތަކެއް؟
5-      ނޭވާހިއްލާމީހުން ގެންގުޅޭ ބުންބާ ބޭނުންކުރާނީ ކިހިނެއް؟
6-      ނޭވާހިއްލާތީ ދޭ ބޭހުގެ އިތުރުން ބޭނުންކުރެވިދާނެ ތަބީޢީ ފަރުވާއެއްވޭތަ؟
7-      ނޭވާހިއްލުން ހުންނައިރު ކަސްރަތު ކުރުމަކީ ރައްކާތެރި ކަމެއްތަ؟
8-      ނޭވާހިއްލުމުގެ އުދަގޫތަކަށް ފަރުވާ ކުރުމުގައި އެސްމާ އެކްޝަން ޕްލޭން އެހީތެރިވެދެނީ ކިހިނެއް؟
9-      ސްޓްރެސް އަކީ ނޭވާހިއްލުން ގޯސްކުރާ ކަމެއްތަ؟

ނޭވާހިއްލުމުން ދެވޭ ފަރުވާ
އާއިލާގައި ނޭވާހިއްލުން ހުންނަ މީހުން ތިބޭނަމަ ބަލި ކޮންޓްރޯލް ކުރުމަށާ، ބަލީގެ އުދަނގޫތައް ލުއިކުރުމަށް ބޭނުންކުރެވިދާނެ ބޭސްތައް ދެނެގަނެ، އެކަމަށް އަހުލުވެރިވުމަކީ އާއިލާގެ އެހެން ފަރުދުންނަށް ކުރެވިދާނެ ރަގަޅު ކަމެކެވެ. މާބޮޑަށް ބަލީގެ ހާލަތު ގޯސްވެއްޖެވުމުން ޑޮކްޓަރަށް ދައްކަންޖެހޭ ޙާލަތްތަކާ، ގޭގައި ކުރެވިދާނެ ކަންތައްތައް އެނގިފައި ހުރުމަކީ ވެސް މުހިއްމު ކަމެކެވެ. ނޭވާހިއްލުމަށް ފަރުވާ ކުރުމުގައި ބޭނުންކުރެވޭ ބޭސްތައް އެކި ގޮތްގޮތަށް ހަށިގަނޑަށް ފޮނުވެއެވެ. އެގޮތުން ބޭސް ބޭނުންކުރެވޭ ގޮތްތަކުގެ ތެރޭގައި، އަނގައިން އެތެރެއަށްދެމުން، އާވިއެރުވުން، އިންޖެކްޝަން ޖެހުން، ދިޔާ ބޭސް ބުއިން، އަދި ގުޅަ ބޭސް ކެއުން ފަދަ ގޮތްތައް ހިމެނެއެވެ.

ނޭވާހިއްލުމުން ދެވޭ ބޭހުގެ ފަރުވާ މައިގަނޑު ގޮތެއްގައި އަމާޒު ކުރެވެނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
·         ދުޅަ ކޮންޓްރޯލްކޮދީ، އުނދަގޫތައް ކުޑަކޮށްދިނުން
·         ނޭވާހިއްލުމުގެ އުދަނގޫތަކަށް އަވަސް ގޮތެއްގައި ލުޔެއް ހޯދައިދިނުން

(ހ) ނޭވާހިއްލުން ކޮންޓްރޯލްކޮށް، އުދަނގޫތައް ކުޑަކޮށްދޭ ބޭސްތައް (controller medication): ނޭވާހިއްލުންނަށް ހުންނަ މީހުންނަށް ދެވޭ ފަރުވާގެ އެންމެ މުހިއްމު ވައްތަރަކީ މިއީ އެވެ. އެއީ ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމަށް މިބޭސްތަކުގެ ސަބަބުން ލުއިކަން ގެނެސްދޭތީ އެވެ. މިބޭސްތަކުގެ ސަބަބުން ނޭވާހިގާ މަގުގައި ދުޅައާ ދަވަ އުފެދުން ކުޑަކޮށްދީ، ނޭވާހިއްލުން ގޯސްކުރުވާ ކަންތައްތަކަށް ނޭވާހިގާ މަގު އިޖާބަދިނުން ކުޑަކޮށްދެއެވެ. ނޭވާހިއްލުން ހުންނަ މީހުންނަށް ދުޅަތިރިކުރުމަށް ދެވޭ އެންމެ މުހިއްމު ބޭހަކީ ސްޓީރޮއިޑް(steroid) އެވެ. މިބޭސްތަކުގެ ސަބަބުން ދުޅަތިރިކޮށްދީ، ނޭވާހިނގާ މަގުގައި ދަވަ އުފެއްދުން ކުޑަކޮށް ދެއެވެ. ބައެއް މީހުން އަނގައިން ދަމާ ސްޓީރޮއިޑްގެ އިތުރުން އަނގައިން ދަމާގޮތަށް ހުންނަ ދިގުމުއްދަތަކަށް އޭގެ އަސަރު ހުންނަ ބީޓާ އެގޮނިސްޓް(long acting beta agonist) އެއް ބޭނުންކޮށްދާނެ އެވެ. ބީޓާ އެގޮނިސްޓް ތަކަކީ އޭގެ ސަބަބުން ނޭވާހިނގާ ހޮޅީގެ މަސްތައް ހަމައަކަށް އަޅުވައި، ނޭވާހިނގާ ހޮޅި ފުޅާކޮށް ހުޅުވައިދިނުމަށް އެހީތެރިވެދޭ ބޭސް ތަކެކެވެ. ނޭވާހިއްލުމުގެ ފަރުވާގައި ބީޓާ އެގޮނިސްޓް ތައް ބޭނުންކުރުން ހަމައެކަނި އެދެވިގެންވަނީ އަނގައިން ދަމާ ސްޓީރޮއިޑް އާ އެކުގައެވެ.

"ލިއުކޯޓްރީން މޮޑިފަޔަރ"(leukotriene modifiiers) ގެ ގޮތުގައި ހިމެނޭ ބޭސްތަކަކީ ވެސް ނޭވާހިއްލުން ކޮންޓްރޯލްކޮށްދީ، ބަލީގެ އުދަނގޫތައް ކުޑަކޮށްދިނުމަށް ބޭނުންކޮށްއުޅޭ ބޭސް ތަކެކެވެ. މިބޭސްތައް އަމާޒުކުރަނީ ނޭވާހިނގާ މަގުގައި ދުޅައިތުރުކޮށް ދަވަ އުފެއްދުން އިތުރުކޮށްދޭ ކެމިކަލްތަކުގެ އަސަރު ކަނޑުވާލުމަށެވެ.

ނޭވާހިއްލުން ކޮންޓްރޯލްކޮށްދޭ ބޭސްތަކުގެ ތެރޭގައި ހިމެނެނީ:-
·         ސްޓީރޮއިޑް ގެ ވައްތަރުތައް
·         ދިގުމުއްދަތަކަށް އޭގެ އަސަރު ހުންނަ ބީޓާ އެގޮނިސްޓް ތައް
·         ލިއުކޯޓްރީން މޮޑިފަޔަރ
·         މަސްޓު ސެލް ތައް ހަމައަކަށްއަޅުވައިދޭ ބޭސްތައް
·         ތިއޯފައިލިން
·         އިމިއުނޯމޮޑިއުލޭޓަރ ތައް

(ށ) - ނޭވާހިއްލުމުގެ އުދަނގޫތަކަށް އަވަސް ގޮތެއްގައި ލުއިހޯދައިދޭ ބޭސްތައް (quick relief medication):މިބޭސް ތަކުގެ ތެރޭގައި ހިމެނެނީ ކުރުމުއްދަތަކަށް އޭގެ އަސަރު ހުންނަ ބީޓާ އެގޮނިސްޓް(short acting beta agonist) އެވެ. މިބޭސްތަކުގެ ސަބަބުން ނޭވާހިއްލުމުގެ އުދަނގޫތަކަށް ލުއިކަން ގެނެސްދެނީ މިބޭސްތައް ނޭވާހޮޅީގެ ވަށައިގެންވާ މަސްތަކަށް ދޫކަން ގެނެސްދީ ހަމައަކަށް އަޅުވައި، ނޭވާހޮޅި ފުޅާކޮށްދޭތީ އެވެ. މިކަމުގެ ސަބަބުން ނޭވާހޮޅި ހުޅުވި ފަސޭހައިން ފުއްޕާއަށް ވައި އެތެރެވެ، ބޭރުވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ނޭވާލާން ފަސޭހަވެގެން ދެއެވެ. ހަފްތާއަކު 2 ފަހަރަށްވުރެ ގިނައިން މިފަދަ ބޭސްތައް ބޭނުންކުރަންޖެހޭނަމަ އޭގެ މާނައަކީ ނޭވާހިއްލުން ރަގަޅަށް ކޮންޓްރޯލްވެފައި ނެތުމެވެ. ކަސްރަތުކުރުމުން ނޭވާހިއްލުމުގެ އުދަނގޫ ކުރިމަތިވާ މީހުންނަށް ކަސްރަތު ކުރުމުގެ ކުރިން މިބޭސް ބޭނުންކުރުމަށް ލަފާދެއެވެ.

ނޭވާހިއްލުމުގެ އުދަނގޫތަކަށް އަވަސް ލުޔެއް ހޯދައިދޭ ބޭސްތަކުގެ ތެރޭގައި ހިމެނެނީ:-
·         ކުރުމުއްދަތަކަށް އޭގެ އަސަރު ހުންނަ (އަވަހަށް މަސައްކަތްކުރާ)، ބީޓާ އެގޮނިސްޓް ތައް
·         އެންޓިކޮލިނަރޖިކްސް
·         ސްޓީރޮއިޑް އިންޖެކްޝަން

ނޭވާހިއްލުމަށް ފަރުވާ ކުރުމުގައި ބޭނުންކުރާ ބޭސްތައް
ނޭވާހިއްލުމަށް ފަރުވާ ކުރުމުގައި ބޭނުންކުރާ ބޭސްތަކަކީ އެފަދަ ބަލިމީހަކަށް ފުރާނަ ސަލާމަތްކޮށްދޭ އެއްޗަކަށް އޮންނަނީ ވެފައެވެ. ނޭވާހިއްލުމުގެ ފަރުވާގައި ބޭނުންކުރެވޭ ބޭސްތައް މައިގަނޑު ގޮތެއްގައި ބަހާލެވިފައިވަނީ 2 ބަޔަކަށެވެ. އެއީ:-

(ހ) – ސްޓީރޮއިޑް އަދި އެހެނިހެން ދުޅަތިރިކުރާ ބޭސްތައް (steroids and othe anti-infalmmatory drugs)
އަނގައިން އެތެރެއަށް ދަމާ ސްޓީރޮއިޑަކީ ނޭވާހިއްލުން ޖެހިފައިވާ މީހުންނަށް ދެވޭ އެންމެ މުހިއްމު އެއް ފަރުވާ އެވެ. މިއީ ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ދުރުކޮށްދީ، ނޭވާހިނގާ މަގުގައި ދަވަ އުފެދުން ކުޑަކޮށްދީ، އެހިސާބުގައި އުފެދޭ ދުޅަ ތިރިކޮށްދޭ ބޭހެކެވެ. އަދި މިއީ ނޭވާހިއްލުން ގޯސްކުރުވާ ކަންތައްތަކަށް ނޭވާހިގާ މަގު އިޖާބަދިނުން ކުޑަކޮށްދޭ ބޭހެއް ވެސް މެއެވެ.

ސްޓީރޮއިޑްގެ އިތުރުން ނޭވާހިއްލުމުގެ ފަރުވާގައި ބޭނުންކުރެވޭ ދުޅަ ތިރިކޮށްދޭ (ނޭވާހޮޅީގެ އެތެރޭގައި އުފެދޭ ދުޅަކަން) ބޭސް ތަކުގެ ތެރޭގައި ލިއުކޯޓްރީން މޮޑިފަޔަރ ، މަސްޓު ސެލް ތައް ހަމައަކަށްއަޅުވައިދޭ ބޭސްތައް އަދި އިމިއުނޯމޮޑިއުލޭޓަރ ތައް ފަދަ ބޭސްތައް ހިމެނެއެވެ.

އަނގައިން ދަމާ ސްޓީރޮއިޑް(inhaled steroid) އަކީ ނޭވާހިއްލުން ކޮންޓްރޯލް ކުރުމުގެ އަސާސީ ފަރުވާ އެވެ. އަނގައިން ދަމާ ސްޓީރޮއިޑް ބޭނުންކުރުމުން ނޭވާހިއްލުން ކޮންޓްރޯލް ކުރަން ފަސޭހަވެ، ނޭވާހިއްލުމުގެ އުދަނގޫތައް ކުޑަކޮށްދީ، ނޭދެވޭ އަސަރުކުރިމަތިވުން ދަށްކޮށްދެއެވެ. އަދި ނޭވަޔަށް އުދަނގޫވުމުގެ ސަބަބުން ހޮސްޕިޓަލްގައި އެދުމަތިކުރަންޖެހޭ މިންވަރު ދަށްކޮށްދެއެވެ.

ނޭވާހިއްލުން ކޮންޓްރޯލްކުރުމަށް އެދެވޭ ނަތީޖާއެއް ހާޞިލްކުރުމަށް ކޮންމެ ދުވަހަކު ގަވާޢިދުން އަނގައިން ދަމާ ސްޓީރޮއިޑް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މިފަދަ ސްޓީރޮއިޑް ބޭނުންކުރާތާ 3-1 ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކޮންމެވެސް ވަރަކަށް ނޭވާހިއްލުން ރަގަޅުވާކަން ފާހަގަ ކުރެވޭނެ އެވެ. އެންމެ އެދެވޭ ނަތީޖާއެއް ފާހަގަކުރެވޭނީ ހުއްޓުމެއްނެތި ގަވާޢިދުން އިންހޭލަރ ބޭނުންކުރާތާ 3 މަސް ފާއިތުވުމުންނެވެ.

ސްޓީރޮއިޑް އިންހޭލާރ ދަށް ޑޯޒެއްގެ ގޮތުގައި ބޭނުންކުރުމުން ނޭދެވޭ އަސަރު ކުރުމަކީ ވަރަށް މަދުންނޫނީ ދިމާނުވާ ކަމެކެވެ. ނަމަވެސް މަތީ ޑޯޒެއްގެ ގޮތުގައި ސްޓީރޮއިޑް އިންހޭލަރ ބޭނުންކޮށްފިނަމަ، އަނގައިގައި ކުނިއެޅުން، އަދި އަޑުކުރަކިވުމަކީ ވެދާނެ ގޮތެކެވެ. އިންހޭލަރ ބޭނުންކުރުމަށްފަހު ރަގަޅަށް އަނގަޔާ ކަރުތެރެ ދޮވެ ހަދާނަމަ މިކަން ކުރިމަތިވުމުގެ ފުރުޞަތު ކުޑަވާނެ އެވެ. އަދި އިންހޭލަރ(inhaler) އާއެކު ސްޕޭސަރ(spacer) ބޭނުންކުރާނަމަ ވެސް މިފަދަ ނޭދެވޭ އަސަރު ކުރިމަތިވުމަކީ ނާދިރު ކަމެކެވެ. އާންމު ގޮތެއްގައި އަނގައިގައި ކުނިއެޅުން ފަދަ ކަންކަން އެކަމަށް ޚާއްޞަ ފަންގަސްއާއ ދެކޮޅަށް މަސައްކަތްކުރާ ބޭހުގެ އެހީގައި ރަގަޅުކުރެވޭނެ އެވެ.

ސްޓީރޮއިޑް އިންހޭލަރ ތަކަކީ ކުޑަކުދިންނާ ބޮޑެތި މީހުންނަށް ވެސް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ އެއްޗެކެވެ. ސްޓީރޮއިޑް އިންހޭލަރ ބޭނުންކުރުމުން  ލިބޭ ފައިދާ ތަކުގެ ތެރޭގައި ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ކުރިމަތިވާ މިންވަރު ދަށްވުން، ނޭވާހޮޅި ފުޅާކޮށްދޭ ބޭސްތައް ބޭނުންކުރަންޖެހޭ މިންވަރު މަދުވުން، ފުއްޕާމޭގެ މަސައްކަތް ރަގަޅުވުން، ނޭވާހިއްލުމުގެ އުދަނގޫ ކުރިމަތިވެގެން ޑޮކްޓަރަށް ދައްކަންޖެހޭ ނިސްބަތް ދަށްވުން

(ށ) – ނޭވާހިނގާ މަގު ފުޅާކޮށްދޭ ބޭސްތައް (bronchodilators)
މިއީ ނޭވާހިއްލުން ޖެހޭ މީހުންނަށް ކުރިމަތިވާ ނޭވާހިނގާ މަގު ފިތި ހަނިވެގެންދާ ދިއުމުގައި ކުރުގެޅިގެންދާ މަސްކޮޅުތަކަށް ދޫކަން ގެނެސްދީ، ހަމައަކަށް އަޅުވައިދޭ ބޭސްތަކެވެ. ނަތީޖާއެއްގެ ގޮތުން ނޭވާހިނގާ މަގު ފުޅާވެ، ހުޅުވިގެންދާނެ އެވެ. ކުރުމުއްދަތަކަށް އޭގެ އަސަރު ހުންނަ (އަވަހަށް މަސައްކަތްކުރާ) ނޭވާހޮޅި ފުޅާކުރާ އެތެރެއަށް ދަމާ ބޭސް() ތަކަކީ ނޭވާހިއްލުމުން ކުރިމަތިވާ ކެއްސުމާ، ނޭވާލާއިރު ހުންނަ ތޫލިއަޑު، ނޭވާކުރުވުން، އަދި މެޔަށް ވާންވެ ފިތުން ފަދަ ކަންތައްތައް ލުއިކޮށްދޭ ބޭސް ތަކެކެވެ. ކަސްރަތު ކުރުމުން ނޭވާހިއްލުން ކުރިމަތިވާނަމަ ކަސްރަތު ކުރަން ފެށުމުގެ ކުރިން މިފަދަ އެތެރެއަށް ދަމާ ބޭސްތައް ބޭނުންކުރެވިދާނެ އެވެ. ދިގުމުއްދަތަކަށް އޭގެ އަސަރު ހުންނަ(ލަހުން މަސައްކަތްކުރާ) މިފަދަ ބޭސްތައް ބޭނުންކުރެވެނީ ނޭވާހިއްލުމުގެ އުދަނގޫތައް ކޮންޓްރޯލް ކުރުމަށްޓަކައި، ދެވޭ އެތެރެއަށްދަމާ ސްޓީރޮއިޑް ފަދަ ބޭސްތަކާ އެކުގައެވެ. ދިގުމުއްދަތަކަށް އޭގެ އަސަރު ދެމިހުންނަ މިފަދަ ބޭސްތައް ނޭވާހިއްލުމުގެ ފަރުވާގައި ދިގުމުއުދަތަކަށް ބޭނުންކޮށެއް ނޫޅެއެވެ.

ނޭވާހިއްލުން ޖެހިފައިތިބޭ ހުރިހާ އެންމެން ކަހަލަ ގޮތަކަށް މިބަލީގެ ފަރުވާގައި ބޭނުންކުރާ ނޭވާހޮޅި ފުޅާކޮށްދޭ ބޭސްތައް ބޭނުންކޮށް އުޅެއެވެ. ނޭވާހިއްލުމުގެ އުދަނގޫތަކަށް އަވަހަށް ލުއިހޯދައިދިނުމަށް ބޭނުންކުރެވެނީ ކުރުމުއްދަތަކަށް އޭގެ އަސަރު ހުންނަ (އަވަހަށް މަސައްކަތްކުރާ) ނޭވާހޮޅި ފުޅާކޮށްދޭ ބޭސްތަކެވެ. ނަމަވެސް ނޭވާހިއްލުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވެނީ ދިގުމުއްދަތަކަށް އޭގެ އަސަރު ހުންނަ (ލަހުން މަސައްކަތްކުރާ)ނޭވާހޮޅި ފުޅާކޮށްދޭ ބޭސް ތަކެވެ.

ނޭވާހޮޅި ފުޅާކޮށްދޭ ތަފާތު 3 ބޭހެއް ނޭވާހިއްލުން ކޮންޓްރޯލް ކުރުމަށް ބޭނުން ކުރެވެއެވެ. އެއީ ބީޓާ އެގޮނިސްޓް ތަކާ، އެންޓިކޮލިނަރޖިކް ތަކާ، އަދި ތިއޯފައިލިން އެވެ. ނޭވާހޮޅި ފުޅާކޮށްދޭ ބޭސްތައް އެކި ސިފައިގައި އުފައްދައި ބޭނުންކުރަމުން ދިޔަނަމަވެސް އެންމެފައިދާ ބޮޑު ގޮތަކީ އިންހޭލަރ ގެ ސިފައިގައި މިފަދަ ބޭސްތައް ބޭނުންކުރަމުން ގެންދިއުމެވެ.


ކުރުމުއްދަތަކަށް އޭގެ އަސަރު ހުންނަ (އަވަހަށް މަސައްކަތްކުރާ) ނޭވާހޮޅި ފުޅާކޮށްދޭ ބޭސްތަކަކީ އެބޭސްތައް ބޭނުންކުރުމުން ބަލީގެ ސަބަބުން ހަނިވެ ހިމަވެފައިވާ ނޭވާހޮޅި ފުޅާކޮށް ހުޅުވައިދޭ ބޭސް ތަކެކެވެ. މިކަމުގެ ސަބަބުން ނޭވާހިއްލުމުގެ އުދަނގޫތަކަށް ލުއިކަން ހޯދައިދެއެވެ. ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުން ފަދަ ހާލަތްތަކުގައި ބޭނުންކުރަން އެންމެ ރަގަޅީ މިފަދަ ބޭސްތަކެވެ. އިންހޭލަރ ގެ ސިފައިގައި ހުންނަ މިފަދަ ބޭސްތައް އެތެރެއަށް ދަމާލާތާ ދެތިން މިނިޓްގެ ތެރޭގައި ހަށިގަނޑަށް އޭގެ އަސަރު ކުރަން ފަށައެވެ. އަދި އޭގެ އަސަރު ހަށިގަނޑުގައި 4-2 ގަޑިއިރާ ދެމެދުގެ ވަގުތެއް ވަންދެން ދެމިހުރެއެވެ. ކަސްރަތުކުރުމުން ނޭވާހިއްލުން ކުރިމަތިވާ މީހުންނަށް ކަސްރަތުކުރަން ފެށުމުގެ ކުރިން މިބޭސް ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. ދިޔާބޭހުގެ ގޮތުގައި ހުންނަ މިފަދަ ބޭސް އާވިއެރުވުމުގައި ބޭނުންކުރެވެއެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި އަލްބިއުޓިރޯލް ،ވެންޓޯލިން، އަދި އެލޫޕެންޓް ފަދަ ބޭސްތައް ހިމެނެއެވެ.

ދިގުމުއްދަތަކަށް އޭގެ އަސަރު ހުންނަ (ލަހުން މަސައްކަތްކުރާ)ނޭވާހޮޅިފުޅާކޮށްދޭބޭސްތަކަކަކީ ނޭވާހިއްލުން ކޮންޓްރޯލްކުރުމަށް ދިގުމުއްދަތަކަށް ބޭނުންކުރވިދާނެ ބޭސްތަކެކެވެ. ނޭވާހިއްލުން ކޮންޓްރޯލްކުރުމަށް މިބޭސްތައް ބޭނުންކުރުން ހަމައެކަނި އެދެވިގެންވަނީ ސްޓީރޮއިޑް އިންހޭލަރ ތަކާއެކުގައެވެ. މިބޭސްތައް އާންމުގޮތެއްގައި ބޭނުންކުރުން އެދެވިގެންވަނީ ދުވާލަކު 2 ފަހަރުއެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ސަލްމެޓްރޯލް،އަދިފޯމޮޓިރޯލް ފަދަ ބޭސްތައް ހިމެނެއެވެ.

ނޭވާހޮޅިފުޅާކޮށްދޭ ބޭސްތައް ބޭނުންކުރުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހިތްހަމަނުޖެހުން، ނިދިނައުން، ގައިގައިރިހުން، ބަނޑަށް އުދަނގޫވުން އަދި ހިތުގެ ވިންދު އަވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ނޭވާހޮޅި ފުޅާކޮށްދޭ އެންޓިކޮލިނަރޖިކް(anticholinergics) ގެ ގޮތުގައި ބެލެވޭ ބޭސްތައް އާންމުކޮށް ބޭނުންކުރެވެނީ ފުއްޕާމޭގެ ބައްޔެއް ކަމުގައިވާ "ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް"(COPD) އަށް ފަރުވާ ކުރުމަށެވެ. ނޭވާހިއްލުމަށް ފަރުވާކުރުމަށް އެންޓިކޮލިނަރޖިކް ބޭސް ތައް އާންމުކޮށް ބޭނުންކޮށެއް ނޫޅެއެވެ. ނޭވާހޮޅި ފުޅާކޮށްދޭ މިފަދަ އެއް ބޭހަކީ "އެޓްރޯވެންޓް" އެވެ. އިންހޭލަރގެ އިތުރުން އާވިއަރުވާ މެޝިނަށް އަޅާ ދިޔާބޭހުގެ ގޮތުގައި އެޓްރޯވެންޓް ބޭނުންކުރެވެއެވެ. މިފަދަ ބޭސްތައް ބޭނުންކުރުމުން އަނގަޔާ ކަރުތެރެ ހިކުމަކީ ވެދާނެ ގޮތެކެވެ. ލޮލަށް ބޭހުގެ އަސަރުކޮށްފިނަމަ އިރުކޮޅެއް ވަންދެން ލޯފުސްވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ނޭވާހޮޅި ފުޅާކޮށްދޭ ބޭސްތަކުގެ ތެރެއިން ތިއޯފައިލިން(theophyline) އަކީ ނިސްބަތުން ބާރުދަށް އަގުހެޔޮ ބޭހެކެވެ. ތިއޯފައިލިންގެ މަސައްކަތަކީ ނޭވަޔަށް އުދަނގޫވުމުން ހަނިވެ ހިމަވެގެންދާ ނޭވާހޮޅީގެ މަސްތަކަށް ދޫކަން ގެނެސްދީ، ހަމައަކަށް އަޅުވައި، ނޭވާހޮޅި ފުޅާކޮށް، ނޭވާހިނގާ މަގު ހުޅުވައި ދިނުމެވެ. އާންމު ގޮތެއްގައި ނޭވަޔަށް އުދަނގޫކުރުމުގެ ފަރުވާގައި ވަރަށް މަދުން ބޭނުންކުރެވޭ ތިއޯފައިލިން ގުޅަ ބޭސް، ދިޔާ ބޭސް، އަދި އިންޖެކްޝަންގެ ގޮތުގައި ތައްޔާރުކޮށްފައި ހުރެއެވެ. ތިއޯފައިލިން ބޭނުންކުރުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރު ތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލުން، ބޭރަށްހިންގުން، ބަނޑުގައި ރިހުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ހިތްހަމަ ނުޖެހުން އަދި ހިތުގެ ވިންދު އަވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ނޭވާހިއްލުމުގެ ފަރުވާގައި ބޭނުންކުރެވޭ އަނގައިން އެތެރެއަށް ދަމާ ބޭސްތައް
އަނގައިން އެތެރެއަށް ދަމާ ބޭސް(inhalers) ތަކަކީ އެންމެ ފަސޭހައިން ފުއްޕާމެޔާ ހަމައަށް ބޭސްތައް ފޯރުކޮށްދޭނެ ވަސީލަތެވެ. ނުވަތަ މިއީ ސީދާ ފުއްޕާމެޔަށް ބޭސް ފޯރުކޮށްދޭނެ އާލަތެކެވެ. ތަފާތު ގޮތްތައް އެތެރެއަށް ދެމުމުގައި ބޭނުންކުރެވޭ ތަފާތު ބޭސްތައް ހުރެއެވެ. އިންހޭލާރ ބޭނުންކުރުމުން އޭގެ ނަތީޖާ ފެންނަލެން އަވަސްވެފައި، ބޭހުގެ ނޭދެވޭ އަސަރު ކުރާ މިންވަރު ކުޑައެވެ.
ބައެއް އިންހޭލަރ ތަކުގައި އެންމެ ބޭހެއް ހުންނައިރު އަނެއްބައި ހޭލަރ ތަކުގައި އެއް ބޭހަށްވުރެ ގިނަ ބޭސް އެއްކޮށްފައި ހުރެއެވެ. ދެބޭސް އެއްކޮށް ހުންނަ އިންހޭލަރ ބޭނުންކުރުމުން ފަސޭހަކަމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެބޭސް ހަށިގަނޑަށް ފޯރުކޮށްދެވި، ފަރުވާގެ މުއްދަތު ކުރުވެގެން ދިއުމަށް އެހީތެރިވެދެއެވެ. އާންމުކޮށް އިންހޭލަރ ތަކުގެ ގޮތުގައި ބޭނުންކޮށްފައި ހުންނަނީ ސްޓީރޮއިޑް (ޕްރެޑްނިސޯން) ފަދަ ދުޅަތިރިކޮށްދޭ ބޭސްތައް، އަދި ނޭވާހޮޅި ފުޅާކޮށްދޭ ބޭސްތައް، ނުވަތަ މިދެބާވަތުގެ ބޭސް އެއްކޮށެވެ.

އާންމުކޮށް ބޭނުންކުރެވޭ އިންހޭލަރ ގެ ވައްތަރު ތަކުގެ ތެރޭގައި ހިމެނެނީ މީޓަރޑް ޑޯޒް އިންހޭލަރ، ޑްރައި ޕައުޑާރ އިންހޭލަރ އަދި ނެބިއުލައިޒަރ ގެ ގޮތުގައި ބޭނުންކުރެވޭ އިންހޭލަރ ތަކެވެ.

ނޭވާހިއްލުމުގެ ފަރުވާގައި އާވިއަރުވާ މެޝިން ބޭނުންކުރުން
ކުދި އިންހޭލަރ ތައް ބޭނުންކުރަން އުދަނގޫނަމަ ބައެއް ފަހަރު ޑޮކްޓަރުން އާވިއަރުވާ މެޝިން(nebulizer) ޚިޔާރުކުރުމަށް ލަފާދެ އެވެ. އާވިއަރުވާ މެޝިނުގެ ބޭނުމަކީ ދިޔާކޮށް ހުންނަ ބޭސް އާތްވަށް ބަދަލުކުރުމެވެ. މިހެން ހެދުމުން ބޭސް ފަސޭހަ ކަމާއެކު ފުއްޕާމެޔަށް ދަމާލައެވެ. މިއީ ތުއްތު ކުދިންނާ ކުޑަކުދިންނަށް ނޭވާހިއްލުން ކޮންޓްރޯލް ކުރުމަށް ބޭސް ހަށިގަނޑަށް ފޯރުކޮށްދެވޭނެ އެންމެ ފަސޭހަ ގޮތެވެ.

އެތެރެއަށްދަމައިގެން ނަގަންޖެހޭ ބޭހުގެ މަތީ ޑޯޒެއް ބަލިމީހާއަށް ބޭނުންވާ ޙާލަތުގައި ވެސް އާވިއަރުވާ މެޝިން ބޭނުންކުރެވިދާނެ އެވެ. އާވިއަރުވާ މެޝިން މެދުވެރިކޮށް ވެސް ނޭވާހިއްލުން ކޮންޓްރޯލްކުރުމުގައި ބޭނުންކުރާ ތަފާތު ބޭސްތައް ހަށިގަނޑަށް ފޯރުކޮށްދެވޭކަން ފާހަގަކުރެވެއެވެ.

އާވިއަރުވާ މެޝިންގެ ދެވައްތަރެއް ހުންނަކަން ފާހަގަ ކުރެވެއެވެ. އެއީ މޭޒުމަތީ ބަހައްޓައިގެން ކަރަންޓަށް ޖަހައިގެން ގޭގައި ބޭނުންކުރެވޭ ވައްތަރަކާ، ހިފައިގެން އެއްތަނުން އަނެއްތަނަށް ފަސޭހަ ކަމާއެކު ގެންދެވިދާނެ، ސައިޒުން ކުޑަ، ބެޓެރި ބޭނުންކުރަންޖެހޭ ވައްތަރެކެވެ. އާވިއަރުވާ މެޝިން ބޭނުންކުރުމަށްފަހު ކޮންމެ ފަހަރަކު ރަގަޅަށް ސާފުކުރުމަށް ސަމާލުކަން ދޭންޖެހޭނެ އެވެ. އެއީ ރަގަޅަށް ސާފުނުކުރެވިއްޖެނަމަ އިންފެކްޝަން އުފެދުމަށް މަގުފަހިވާތީ އެވެ. އާވިއަރުވާ މެޝިން ސާފުކުރަންވާނީ ހިރަފުހާ ދުމުން އެއްކިބާ ކުރެވިފައިވާ ތަނެއްގައެވެ.

ކުއްލިއަކަށް ނޭވާހިއްލުން ގޯސްވުމުން ޕްރެޑްނިސޯން ބޭނުންކުރުން

ޕްރެޑްނިސޯން އަކީ ސްޓީރޮއިޑް އެކެވެ. މިއީ ކުއްލިއަކަށް ނޭވާހިއްލުމުން ކުރުމުއްދަތަކަށް ބޭނުންކުރަން އިރުޝާދު ދީފާނެ ބޭހެކެވެ. މިއީ އާންމުކޮށް ގުޅަ ބޭހުގެ ގޮތުގައި ހުންނަ ބޭހެކެވެ. ނަމަވެސް އިންހޭލަރ ގެ ގޮތުގައި ވެސް ތައްޔާރުކޮށްފައި ހުރެއެވެ. އިންހޭލަރ ގެ ގޮތުގައި ހުންނަ ސްޓީރޮއިޑް ސީދާ ފުއްޕާމޭގެ ތެރެއަށް ދިޔަ ނަމަވެސް ގުޅަބޭހުގެ ގޮތުގައި ކެވޭ ބޭސްތައް ވާޞިލްވަނީ ލޭގެ ތެރެއަށެވެ.

ސްޓީރޮއިޑް ކުރުމުއްދަތަކަށް (2 ހަފްތާއަށްވުރެ މަދުން) ބޭނުންކުރި ނަމަވެސް އޭގެ ނޭދެވޭ އަސަރު މާބޮޑަކަށް ނުކުރާނެއެވެ. ނަމަވެސް ބައެއް ކަހަލަ ނޭދެވޭ އަސަރުތައް ކުރުމުއްދަތަކަށް ބޭނުންކުރުމުން ވެސް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ދިގުމުއްދަތަކަށް ބޭނުންކޮށްފިނަމަ އޭގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުގެ ސަބަބުން ދާއިމީ ގެއްލުމެއް ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ. ސްޓީރޮއިޑް ކުރުމުއްދަތަކަށް ބޭނުންކުރުމުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ބަރުދަން އިތުރުވުން، ހަށިގަނޑުގައި ފެންޖަމާވުން، ލޭމައްޗަށްދިއުން، އަދި ހަކުރު މައްޗަށްދިއުން ފަދަ ކަންތައްތައް ހިމެނެއެވެ. ސްޓީރޮއިޑް ދިގުމުއްދަތަކަށް ބޭނުންކުރުމުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ބޮޑުނުވުން، ހަކުރު ބަލިޖެހުން، ލޯފުސްވުން، މަސްތަކުގެ ވަރުދެރަވުން އަދި ކަށިތައް ތުނިވެ ކަށިފީވުން ކުރިމަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ. ދިގުމުއްދަތަކަށް ސްޓީރޮއިޑް ބޭނުންކުރުމުން ދިމާވާ އެންމެ އާންމު އެއް މައްސަލައަކީ ކަށިތައް ތުނިވެ ފީވުން ކަމަށްވުމުން މިކަން ކުޑަކުރުމަށް ސްޓީރޮއިޑް ބޭނުންކުރާއިރު ކެލްސިއަމް ގުޅަ ބޭސް ބޭނުންކުރުމަށް ލަފާދީފާނެ އެވެ.

ޕްރެޑްނިސޯންގެ އިތުރުން ނޭވާހިއްލުމަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ އެހެނިހެން ސްޓީރޮއިޑް ތަކުގެ ތެރޭގައި މީތައިލް ޕްރެޑްނިސޯން، ޕްރެޑްނިސޯލޯން، އަދި ޑެކްސަމިތަޒޯން ފަދަ ބޭސްތައް ހިމެނެއެވެ.

ނޭވާހިއްލުމަށް ފަރުވާކުރުމުގައި އެލާޖީއަށް ޖަހާ ވެކްސިން ބޭނުންކުރެވޭތަ؟
ފަހުގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އެލާޖީ ހުންނަ ކުދިންނަށް އެލާޖީ އިން ރައްކާތެރިވުމުގެ ގޮތުން އެލާޖީއަށް ޚާއްޞަ ވެކްސިން ދިނުމުން އެލާޖީގެ އުދަނގޫތައް ކުޑަވެ ލުއިވުމުގެ އިތުރުން، އެފަދަ ކުދިންނަށް ނޭވާހިއްލުމުގެ ފުރުޞަތު ކުޑަވެގެންދާކަމަށް ބެލެވިފައި ވެއެވެ. ވަރަށް ގިނަފަހަރު އެއްޗަކާ ނުގުޅިގެން ނޭވާހިއްލުން ކުރިމަތިވާތީ، އެލާޖީ ކޮންޓްރޯލް ކުރުމަކީ ނޭވާހިއްލުން ގޯސްވުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެއްކަމަށް ބެލެވެއެވެ.


ނޭވާހިއްލުމާއެކު ދިރިއުޅުން
ނޭވާހިއްލުމުން ދިމާވާ އުދަނގޫތައް ދެނެގަނެ، އެއުދަނގޫތައް ގޯސްވާ ކަންތައްތައް ހޯދައި ދެނެގަނެ އެކަންކަން ރަގަޅަށް އޮޅުން ފިލާފައި ހުރުމަކީ ނޭވާހިއްލުމުގެ މައްސަލަ ހުންނަ ކޮންމެ މީހަކަށްމެ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. އެހެންކަމުން ނޭވާހިއްލުން ހުންނަ މީހަކު ދިރިއުޅުމުގައި ބަލަންޖެހޭ ކަންކަމައި ބަލައި ސަމާލުވާންޖެހޭ ކަންކަމަށް އަބަދު ވެސް ސަމާލުވެ ހުރުމަކީ މުހިއްމު ކަމެކެވެ.

ނޭވާހިއްލުމާ ކާނާ ބޭނުންކުރުން
ނޭވާހިއްލުން ހުންނަ މީހުންނަ ވަކި ޚާއްޞަ ކާނާ އެއް ނުވަތަ ކެއުމެއް ނުހުރެއެވެ. ނޭވާހޮޅި ހިނގާ މަގުގައި ދުޅަ އުފެދުން ކުޑަކޮށްދޭނެ ވަކި ބާވަތެއްގެ ކާނާއެއް އަދި ހޯދިފައެއް ނުވެއެވެ. ވަކި ކާއެއްޗަކާ ނުގުޅޭނަމަ އެކާއެއްޗެއް ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. ސަބަބަކީ އެލާރޖީ ގެ ސަބަބުން ބައެއް ފަހަރު ނޭވާހިއްލުމުގެ އުދަނގޫތައް ފެންމަތިވުން ނުވަތަ ގޯސްވެގެންދިއުމަކީ ވެދާނެ ގޮތެކެވެ. ހެދިފައިވާ ދިރާސާތަކަށް ރިއާޔަތްކުރާއިރު ވަކި ކަހަލަ ކާނާއެއް ބޭނުންކުރުމުން ނޭވާހިއްލުން ގޯސްވާކަމަށް ފާހަގަކުރެވޭ ކެއުމެއް ނުވަތަ ކާނާގެ ބާވަތެއް އަދި ހޯދިފައެއް ނުވެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކެއުމުގައި ވިޓަމިންސީ، ވިޓަމިން އީ، ބީޓާ ކެރޮޓީން، ފްލޭވޮނޮއިޑްސް، އޮމެގާ-3 ފެޓީ އެސިޑް، މެގްނީޒިއަމް، އަދި ސިލެނިއަމް ފަދަ މާއްދާތައް ހިމެނޭ ވައްތަރުތައް ގިނައިން ހިމަނާނަމަ، ނޭވާހިއްލުން ކުރިމަތިވުމުގެ ފުރުޞަތު ދަށްކޮށް ދެއެވެ. މީގެތެރެއިން ގިނަ މާއްދާ ތަކަކީ ސެލްތަކަށް ފްރީ ރެޑިކަލްސް ތަކުގެ ސަބަބުން ލިބިދޭ ގެއްލުމުން ހިމާޔަތްކޮށްދޭ އެންޓިއޮކްސިޑެންޓް ތަކެވެ.

ނޭވާހިއްލުމާ، ކާނާ އާ ހުރި ގުޅުމުގެ މައްޗަށް ފަހުން ހަދާފައިވާ ދިރާސާ އަކުން އެނގިފައިވާ ގޮތުގައި ރަގަޅުކާނާ ނުލިބޭ ކުދިންނާ ފައިދާހުރި ކާނާ ބޭނުން ނުކުރާ ކުދިންނަށް ނޭވާހިއްލުމުގެ އުދަނގޫތައް މެދުވެރިވުމުގެ ފުރުޞަތު ބޮޑެވެ. އެކަށޭނަ ވަރަށް ވިޓަމިންސީ، ވިޓަމިން އީ އަދި އޮމެގާ – 3 – ފެޓީ އެސިޑް ހިމެނޭ ވައްތަރުތައް ކެއުމުގައި ނުހިމަނަނާނަމަ، ފުއްޕާމޭގެ މަސައްކަތް ދަށްވާކަމަށް ވެސް މިދިރާސާއިން ފާހަގަ ކުރެވިފައި ވެއެވެ. 2007 ގައި ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި މޭބިސްކަދުރު، އާފަލް، ޓޮމާޓޯ، އަދި މަދުގެ ވައްތަރުތައް ބޮޑުވަމުން އަންނައިރު ބޭނުންކުރާ ކުދިންނަށް ނޭވާހިއްލުމުގެ އުދަނގޫތައް ކުރިމަތިވުމުގެ ފުރުޞަތު ކުޑައެވެ.

ނޭވާހިއްލުން ހުންނަ މީހުން ވެސް ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. ފައިދާހުރި ކާނާ ހަށިގަނޑަށް ނުލިބުމަކީ ތަފާތު ބަލިތައް ޖެހުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި އެއީ އަރިދަފުސް ރޯގާ ފަދަ ބަލިތައް ރަގަޅުވުން ލަސްކޮށްދޭނެ ކަމެކެވެ. ޖުމުލަކޮށް ބަލާއިރު އެހެން ބޮޑެތި ބަލިތަކެކޭ އެއްފަދައިން ނޭވާހިއްލުން ހުންނަ މީހުން ވެސް މޭވާ އާ ތަރުކާރީ، އަދި އޮމެގާ – 3 – ފެޓީ އެސިޑް ހިމެނޭ ބާވަތްތައް އެކުލެވޭ، ހަށިގަނޑަށް ފައިދާހުރި ކެއުމެއް ޚިޔާރު ކުރުމަކީ ބޭނުންތެރި ކަމެކެވެ.

ނޭވާހިއްލުމާ ކަސްރަތުކުރުން
ނޭވާހިއްލުމަށްދެވޭ ފަރުވާގެ އެއްއަމާޒަކީ އުފާވެރި ދިރިއުޅުމެއް ހޭދަކުރުމަށް ބަލިމީހާއަށް އެހީތެރިވެ ދިނުމެވެ. ކަސްރަތު ކުރުމާ އެހެނިހެން ދިރިއުޅުމުގެ ކަންކަމުގައި ޝާމިލްވެ އުޅެވޭނެ ގޮތެއް ފޯރުކޮށްދިނުމަށް އެހީތެރިވެ ދިނުމެވެ. މިކަންކަން ޙާޞިލް ކުރުމަށް ގަވާއިދުން ބޭސް ބޭނުންކުރުމާ، ނޭވާހިއްލުން ގޯސްކުރުވާ އާދަތަކާ ކަންކަމާ ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ. އަދި ދޭތެރެ ދޭތެރެއިން ފުއްޕާމޭގެ މަސައްކަތް ހުންނަ ނުހުންނަ ގޮތް ބަލަމުން ގެންދިއުމަކީ ވެސް މުހިއްމު ކަމެކެވެ. ކަސްރަތުކުރުމުން ނޭވާހިއްލުމުގެ އުދަނގޫ އިތުރުވާނަމަ ޑޮކްޓަރަކާ މަޝްވަރާކޮށްގެން އެހީތެރިކަން ހޯދިދާނެ އެވެ.

ނޭވާހިއްލުން ހުންނަ މީހުންނަށް ކުރެވިދާނެ ބައެއް ކަސްރަތު ތަކުގެ ތެރޭގައި ފެތުން، ބައިސްކަލް ދުއްވުން، ދުވުން، ހިނގުން، އަދި އެރޯބިކްސް ފަދަ ކަންތައްތައް ހިމެނެއެވެ. ނޭވާހިއްލުން ހުންނަ މީހަކު ކަސްރަތުކުރަން ފެށުމުގެ ކުރިން އަންނަނިވި ކަންތައްތަކަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ.
·         ކަސްރަތު ކުރަން ފެށުމުގެ ކުރިން އިންހޭލަރ ބޭނުންކުރުން
·         ކަސްރަތު ކުރަން ފެށުމުގެ ވޯރމްއަޕް ކުރުމުގެ ގޮތުން ލުއި ކަސްރަތެއްކޮށްލުން
·         މާބޮޑަށް ފިނިނަމަ ތަނެއްގެ ތެރޭގައި ކަސްރަތުކުރުން
·         ކަންކަމާ ނުގުޅިގެން ނޭވާހިއްލުން ކުރިމަތިވާނަމަ ވައި ނުސާފުއިރު ބޭރުތެރޭގައި ކަސްރަތު ނުކުރުން
·         އަރިދަފުސް ރޯގާ ޖެހިގެން އުޅޭ ދުވަސްވަރު ކަސްރަތު ކުރުމާ ދުރުހެލިވުން
·         ތިމާއަށް އެކަށޭނަ ވަރަކަށް ކަސްރަތު ކުރުން

ކަސްރަތު ކުރަމުން ދަނިކޮށް ނޭވާހިއްލުމުގެ އުދަނގޫތައް ފެންނަން ފަށައިފިނަމަ، ކަސްރަތުކުރުން ހުއްޓާލުމަށްފަހު އިންހޭލަރ ބޭނުންކުރެވިދާނެ އެވެ. އިންހޭލަރ ބޭނުންކުރުމުން އުދަނގޫތައް ފިލައި ގޮސް ލުއިކަން ލިބިއްޖެނަމަ އަލުން ކަސްރަތު ކުރަން ފެށިދާނެ އެވެ. ނަމަވެސް އެކަން ދެވަނަ ފަހަރު ތަކުރާރުވިނަމަ އެދެވިގެންވަނީ ކަސްރަތު ކުރުން ހުއްޓާލުމަށްފަހު ވީއެންމެ އަވަހަކަށް ޑޮކްޓަރެއް ލަފަޔާ އެހީތެރިކަން ހޯދުމެވެ.

ނޭވާހިއްލުމާ ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް
ދިރިއުޅުމުގައި ދިމާވާ ފިއްތުއްތައް، ހާސްވެ ކަންބޮޑުވުން، ފިކުރުބޮޑުވުން ފަދަ ކަންކަމަކީ ނޭވާހިއްލުން ގޯސްކުރާ ކަންތައްތަކެވެ. ނޭވާހިއްލުމުގެ އުދަނގޫތައް އެކަމެއް ކުރުމުން ފެށިގެން އަންނަ ކޮންމެ ކަމަކީ ނޭވާހިއްލުން ގޯސްކުރުވާ ކަމެއް ކަމުގައި ބެލެވިދާނެ އެވެ. އެހެންކަމުން ނޭވާހިއްލުން ހުންނަ މީހަކު ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާ ދުރުހެލިވެ، އެކިއެކި ކުށްހީތަކުން އެއްކިބާވެ، ފިކުރުބޮޑުވުންތަކާ ދުރުވެ ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާ ހާސްވެ ފިކުރުބޮޑުވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ގަވާޢިދުން ކޮންމެ ދުވަހަކު ކަސްރަތު ކުރުން، ކަންކަމާމެދު ދެކޭގޮތް ބަދަލުކުރުން، ކަންކަމާމެދު ރަގަޅުގޮތަށް ވިސްނުން، މީހުންނާ ވާހަކަ ދައްކައި ކަންކަން ހިއްސާކޮށްހެދުން، ރަގަޅަށް ނިދުން، ފައިދާހުރި ކާނާ ބޭނުންކުރުން، ކޮންމެ ދުވަހަކު ވެސް ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވާލައިގެން ކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ނޭވާހިއްލުމުން ރައްކާތެރިވުން
ނޭވާހިއްލުމުގެ އުދަނގޫތައް ދޭތެރެ ދޭތެރެއިން ކުރިމަތިވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ގަވާޢިދުން ކުރަމުން ގެންދިއުމަކީ ނޭވާހިއްލުމުން ރައްކާތެރިވެ، އެކަމުގެ އުދަނގޫތައް ކުރިމަތިވުން ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) – ނޭވާހިއްލުން ގޯސްކުރާ ކަންތައްތަކާ، ތަކެތި ފާހަގަކޮށް އެކަންކަމާ ތަކެއްޗާ ވީވަރަކުން ދުރުހެލިވުން
v     ދުންފަތުގެ ދުމާ ދުރުހެލިވުން
v     ހިރަފުހުން ސަލާމަތްވެ ހުރުން
v     ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން ނުވަތަ ކުރިޔަ ނުދިނުން
v     އެކިއެކި މަސައްކަތްކުރާއިރު އެކަމަކާ ގުޅޭގޮތުން ރައްކާތެރިވުމަށް ބޭނުންކުރަންޖެހޭ އަދަވާތްތައް ބޭނުންކުރުން
v     ގޭތެރެ ރަގަޅަށް ސާފުކުރުން ، ހިރަފުސް ހަރުލައި ހުންނަ ތަންތަން ވަކިން  ރަގަޅަށް ސާފުކުރުން
v     އެދުގައި އަޅާ ބެޑްޝީޓު، ތުވާލި، ދޮރުފޮތި ފަދަ ތަކެތި ރަގަޅަށް ދޮވެ ސާފުކުރުން
v     ކުރަފި ފަދަ ތަކެތި ގޭގައި އާލާނުވާނެގޮތަކަށް ގޭތެރެ ބައްޓަންކުރުން
v     ސެންޓް އެއަރ ފްރެޝްނަރ، ޝެލްޓެކްސް ފަދަ ތަކެތީގެ ވަހާ ދުރުހެލިވުން
v     ބުޅާ ފަދަ ތަކެތި ގޭގައި ނުގެންގުޅުން
v     ބެޑްޝީޓު ރަޖާ ގަނޑު ފަދަ ތަކެއްޗަކީ ކެހެރި ނެގޭ ތަކެތި ކަމުގައި ނުވުން
v     ކައްކާއިރު އަރާ ދުމާ ދުރުހެލިވުން
v     ދަރު ލަކުނޑި ފަދަ ތަކެތި އަންދާއިރު އަރާ ދުމާ ދުރުހެލިވުން
v     ކާތަކެއްޗަށް ކުރަފި، މެހި،، މީދާ، ބުޅާ، ހޯނު ފަދަ ތަކެއްޗަށް ވާޞިލްނުވެވޭނެ ހެން ނިވާކޮށްފައި ބެހެއްޓުން
v     ވައިގަދަ ދުވަސްވަރު މާބޮޑަށް ބޭރުތެރެއަށް ނިކުމެ ނޫޅުން
v     މަލުކުނޑި، ފަދަ ތަކެއްޗަށް ހުށަހެޅުމުން ދުރުހެލިވުން
v     ބޭރުތެރޭގައި އުޅެފައި ގެޔަށް އައިސް ފެންވަރާ ސާފުވުން
v     ސޫފި ފަދަ ތަކެއްޗަށް ކަށިނުޖެހޭނެ ގޮތަކަށް ހެދުން އެޅުން
v     ގޭގައި އޮންނަ ކާޕެޓް، ފައިފުހި ފަދަ ތަކެތި ރަގަޅަށް ދޮވެ ސާފުކުރުން
(ށ) – ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދުރުހެލިވެހުރުން
(ނ) – އަރިދަފުސް ރޯގާ އިން ރައްކާތެރިވެ ހުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން : އަތްދޮވުން
(ރ) – ދިރިއުޅޭ ވެއްޓަކީ ނޭވާހިއްލުން ގޯސްކުރާ ކަންތައްތައް އެކުނުލެވޭނެ މާހައުލަކަށް ހެދުން
(ބ) – މޫސުމީ އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ހުންނަ ފުލޫ ވެކްސިން(flu shot)  ކޮންމެ އަހަރަކު އެއްފަހަރު ޖެހުން
(ޅ) – އެލާރޖީ ޝޮޓް(allergy shots) ޖަހަމުން ގެންދިއުން
ނޯޓް : މިލިޔުމަކީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެވިފައިވާ ލިޔުމެކެވެ.
މަޢުލޫމާތު:
WebMD. (n.d.). Asthma Health Center (asthma guide). Retrieved 07 27, 2013, from http://www.webmd.com/: http://www.webmd.com/asthma/guide/asthma-overview-facts

No comments:

Post a Comment