Saturday, December 28, 2013

ލޭގައި މެޓްހީމަގްލޯބިން އިތުރުވުން

ލޭގައި މެޓްހީމަގްލޯބިން އިތުރުވުން
ލޭގައި މެޓްހީމަގްލޯބިން އިތުރުވު(methaemoglobinemia)މަކީ ލޭގައި ހުންނަ އުނިކަމެކެވެ. ހީމަގްލޯބިން އަކީ ހަށިގަނޑުގެ އެކިއެކި ގުނަންތަކާއި، ހިސާބުތަކަށް އޮކްސިޖަން އުފުލައިދޭ މާއްދާ އެވެ. ލޭގައި މެޓްހީމަގްލޯބިން އިތުރުވުން ނިސްބަތް ކުރަނީ އާދަޔާ ޚިލާފަށް ލޭގައި މެޓްހީމަގްލޯބިން ގިނަވެ އިތުރުވުމަށެވެ. މިހެންވުމުން ހަށިގަނޑުގެ ޓިޝޫތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ހީމަގްލޯބިން ނުކުޅެދެއެވެ.

މެޓްހީމަގްލޯބިން(methaemoglobin) އަކީ ހީމަގްލޯބިން ގެ ވައްތަރެކެވެ. ލޭގައި މަދު މިންވަރަކަށް މެޓްހީމަގްލޯބިން ހުރެއެވެ. އާންމުކޮށް ވެސް ލޭގައި މެޓްހީމަގްލޯބިން %1 އަށްވުރެ މަދުން ނުވަތަ ގާތްގަނޑަކަށް %1 ގައި ހުންނާނެ އެވެ.  

ލޭގައި މެޓްހީމަގްލޯބިން އިތުރުވުން ކުރިމަތިވާގޮތް
ލޭގައި މެޓްހީމަގްލޯބިން އިތުރުވުން ކަމަށް ބަލަނީ ލޭގެ ރަތް ސެލްގައި މެޓްހީމަގްލޯބިން ހުންނަ މިންވަރު %1 އަށްވުރެ މައްޗަށް ދިއުމުންނެވެ. އާންމުކޮށް ވެސް ލޭގައި މެޓްހީމަގްލޯބިން %1 އަށްވުރެ މަދުން ނުވަތަ ގާތްގަނޑަކަށް %1 ގައި ހުންނާނެ އެވެ.  ލޭގައި މެޓްހީމަގްލޯބިން އުފެދެނީ ލޭގެ ރަތް ސެލްގައި ހިމެނޭ ހީމަގްލޯބިންގައި ދަގަނޑު އާންމުކޮށް ހުންނަ "ފެރަސް ފޯރމް"(Fe2+)ގެ ބަދަލުގައި "ފެރިކް ފޯރމް"(Fe3+) އަށް ހުރުމުންނެވެ. މިހެންވުމުން ޓިޝޫތަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ ބާރު ދަށްވެއެވެ. ނުވަތަ ހީމަގްލޯބިން އަށް އޮކްސިޖަން އާއި ތަތްވުމުގެ ގާބިލިއްޔަތު ކުޑަވެގެން ދެއެވެ. މާނައަކީ މެޓްހީމަގްލޯބިން އޮކުސިޖަން އަކާ ނުގުޅޭނެ އެވެ. އަދި މިހެންވުމުން ލޭދަށްވާގޮތް ވެއެވެ.

ލޭގެ ރަތް ސެލްގައި ހިމެނޭ ހީމަގްލޯބިންގައި ދަގަނޑު އާންމުކޮށް ހުންނަ "ފެރަސް ފޯރމް"(Fe2+)ގެ ބަދަލުގައި މެޓްހީމަގްލޯބިންގައި ދަގަނޑު ހުންނަނީ "ފެރިކް ފޯރމް"(Fe3+) ގައެވެ. މިހެންވުމުން ހީމަގްލޯބިން އަށް އޮކްސިޖަން އާއި ތަތްވުމުގެ ގާބިލިއްޔަތު ކުޑަވެގެން ދެއެވެ. އާންމުކޮށް ވެސް ލޭގައި މެޓްހީމަގްލޯބިން %1 އަށްވުރެ މަދުން ނުވަތަ ގާތްގަނޑަކަށް %1 ގައި ހުންނާނެ އެވެ. މައްސަލަ އުފެދެނީ އަބަދު ވެސް ލޭގައި މެޓްހީމަގްލޯބިން ހުންނަންޖެހޭ މިންގަނޑަށްވުރެ އިތުރުވެ މަތިވުމުންނެވެ. މެޓްހީމަގްލޯބިން އޮކުސިޖަން އާއި ތަތްވުމުގެ ގާބިލިއްޔަތު ނުހުންނާތީ، ލޭގައި މެޓްހީމަގްލޯބިން އިތުރުވުމުން މަޑުމަޑުން ލޭދަށްވުން(anemia) ކުރިމަތިކުރުވާނެ އެވެ.

ލޭގައި ހިމެނޭ ހީމަގްލޯބިން ގައި ހަތަރު އޮނިގަނޑު ހުންނާނެ އެވެ. އެގޮތުން ކޮންމެ ހީމަގްލޯބިން މޮލިކިޔޫލް އެއްގައި 4 "ޕޮލީޕެޕްޓައިޑްފަށް"(polypeptide chain) ހުންނާނެ އެވެ. މިއިން ކޮންމެ ޕޮލީޕެޕްޓައިޑް ފަށެއްގައި "ހީމް"(heme) ގުރޫޕެއް އިންނާނެ އެވެ. މިހީމް ގުރޫޕްގައި ދަގަނޑު ހުންނާނީ "ފެރަސް ފޯރމް"(Fe2+) ގައެވެ. މިގޮތަށް ދަގަނޑު ހުންނައިރު އިލެކްޓްރޯން އެއް ހިއްސާކޮށްގެން، އޮކުސިޖަން އާއި އެއްވާނެ އެވެ. މިގޮތަށް ދަގަނޑު އޮކުސިޖަން އާއި އެއްވުމުން "އޮކްސީހީމަގްލޯބިން" އުފެދެއެވެ. އޮކްސީހީމަގްލޯބިން އިން އޮކުސިޖަން ބޭރުކޮށް ޓިޝޫތަކަށް ދޫކޮށްލުމުން އަނެއްކާ ވެސް އޭގެ އަސްލު "ފެރަސް ފޯރމް"(Fe2+) އަށް ބަދަލުވާނެ އެވެ.

ހީމަގްލޯބިން އިން އޮކްސިޖަން ބަލައިގަނެ، އޭގައި އޮކްސިޖަން އުފުލާނީ، ހަމައެކަނި އޭގައިވާ ދަގަނޑު ޒައްރާ "ފެރަސް ފޯރމް"(Fe2+) ގައި ހުރެއްޖެނަމަ އެވެ. ހީމަގްލޯބިން އިން އިލެކްޓްރޯން އެއް ދޫވުމުން (މަދުވުމުން ، ގެއްލުމުން) ، އޮކްސިޑައިޒްވެ، އޭގައި ހިމެނޭ ދަގަނޑުގެ ޒައްރާ "ފެރިކް ފޯރމް"(Fe3+) އަށް ބަދަލުވެ "މެޓްހީމަގްލޯބިން" އުފެދިގެން ދެއެވެ. މެޓްހީމަގްލޯބިން ގައި އޮކުސިޖަން އާއި އެއްވުމަށް ބޭނުންވާ އިލެކްޓްރޯން ނުހުރުމުން އޮކުސިޖަން އާއި އެއްވުމުގެ ކުޅަދާނަކަން ނުވަތަ ގާބިލިއްޔަތު މެޓްހީމަގްލޯބިން އަށް ލިބިގެނެއް ނުވެއެވެ.

އާންމު ގޮތެއްގައި ލޭގައި މެޓްހީމަގްލޯބިންގެ މިންވަރު ހުންނަނީ ގާތްގަނޑަކަށް %1 ނުވަތަ 1% އަށްވުރެ ދަށުގައެވެ. ނަމަވެސް "އޮކްސިޑޭޓިވް ސްޓްރެސް" އެއް ކުރިމަތިކޮށްފާނެ ހާލަތްތަކުގައި މެޓްހީމަގްލޯބިންގެ މިންވަރު މަތިވެގެން ދެއެވެ. މެޓްހީމަގްލޯބިންގެ މިންވަރު ލޭގައި ދަށްކޮށް ހިފަހައްޓައިދެނީ ތަފާތު ދެގޮތަކަށް ކަންހިގައިންނެވެ. ފުރަތަމަ ގޮތަކީ ލޭގެ ރަތް ސެލްގެ ތެރޭގައި ހިންގާ "ހެކްސޯސް-މޮނޮފޮސްފޭޓް ޝަންޓް ޕާތުވޭ" ގެ ބޭނުން ހިފުމެވެ. މިގޮތުން "އޮކްސިޑައިޒިން އެޖެންޓް" ތައް ހަލާކުކޮށް އޭގެ ބާރުދަށްކޮށްލަނީ "ގުލޫޓަތައިއޯން" ކިޔާ މާއްދާއެއްގެ އެހީގައެވެ. ދެވަނަ ގޮތަކީ ތަފާތު ދެ އެންޒައިމެއް ހިމެނޭ ނިޒާމެއްގެ ބޭނުން ހިފުމެވެ. މިނިޒާމުގައި ހިމެނޭ ދެ އެންޒައިމް އަކީ "ޑައަފޮރޭޒް1" ، އަދި "ޑައަފޮރޭޒް2" އެވެ. ޑައަފޮރޭޒް1 ގެ އެހީގައި މެޓްހީމަގްލޯބިން ގައި ހިމެނޭ ދަގަނޑުގެ ބައި "ފެރިކް ފޯރމް" އިން "ފެރަސް ފޯރމް" އަށް ބަދަލުވުމަށް "ނިކޮޓިނަމައިޑް އެޑިނީން ޑައިނިއުކްލިއަޓައިޑް"(NADH) ގެ ބޭނުން ހިފައެވެ. ޑައަފޮރޭޒް2 ގެ އެހީގައި މެޓްހީމަގްލޯބިން ގައި ހިމެނޭ ދަގަނޑުގެ ބައި "ފެރިކް ފޯރމް" އިން "ފެރަސް ފޯރމް" އަށް ބަދަލުވުމަށް "ނިކޮޓިނަމައިޑް އެޑިނީން ޑައިނިއުކްލިއަޓައިޑް ފޮސްފޭޓް"(NADPH) ގެ ބޭނުން ހިފައެވެ. "ނިކޮޓިނަމައިޑް އެޑިނީން ޑައިނިއުކްލިއަޓައިޑް ފޮސްފޭޓް"(NADPH) އަށް ބަރޯސާވެގެން ޑައަފޮރޭޒް2ގެ އެހީގައި ލެއިން މެޓްހީމަގްލޯބިން މަދުކޮށް ބޭރުކުރަނީ ވަރަށް ކުޑަ މިންވަރަކަށެވެ. ޑައަފޮރޭޒް2 ހިމެނޭ ނިޒާމްގައި މެޓްހީމަގްލޯބިން ހީމަގްލޯބިން އަށް ބަދަލުކުރުމަށް ގުލޫޓަތައިއަން އުފެއްދުން، އަދި ޖީ6ޕީޑީ އެންޒައިމްގެ އެހީތެރިކަން ހޯދާކަން ފާހަގަ ކުރެވެއެވެ. "ސައިޓަކްރޯމް ބީ5 ރިޑަކްޓޭޒް" މަދުވުމުން ދިމާވާ މެޓްހީމަގްލޯބިން އިތުރުވުމުން މެޓްހީމަގްލޯބިންގެ މިންވަރު ތަންޒީމު ކުރުމުގައި ޑައަފޮރޭޒް2 އެންޒައިމް ސިސްޓަމްގެ ބޭނުން ހިފާ މިންވަރު އިތުރުކަން ފާހަގަ ކުރެވެއެވެ.

ސަބަބު
ލޭގައި މެޓްހީމަގްލޯބިން އިތުރުވުމަކީ ބައެއް ފަހަރު މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަކޮށްފާނެ ކަމެކެވެ. އެހެންކަމުން މިއީ އުފަންވާއިރު އުފެދުމުގައި ހުރެދާނެ ކަމެކެވެ. އުފެދުމުގައި މެޓްހީމަގްލޯބިން އުފައްދާ މިންވަރު އިތުރުވުމާއި، މެޓްހީމަގްލޯބިން ބޭރުކުރާ މިންވަރު މަދުވުމަކީ ލޭގައި މިއުސޫލުން މެޓްހީމަގްލޯބިން ގެ މިންވަރު ގިނަވެ އިތުރުވެދާނެ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު ބޭނުންކުރެވޭ ބޭހެއް، ކާއެއްޗެއް، ނުވަތަ ހުށަހެޅޭ ކެމިކަލް އެއްގެ ސަބަބުން ވެސް ލޭގައި މެޓްހީމަގްލޯބިންގެ މިންވަރު އާދަޔާ ޚިލާފަށް ގިނަވެ އިތުރުވެގެން ހިގައިދާނެ އެވެ.
ވައްތަރުތައް

ލޭގައި މެޓްހީމަގްލޯބިން އިތުރުވުން ވާރުތަވު(congenital methemoglobinemia)މުގެ ދެވައްތަރެއް ފާހަގަ ކުރެވިފައި ވެއެވެ.
(ހ) - ފުރަތަމަ ވައްތަރު : މިއީ މައިންބަފައިންގެ ތެރެއިން ދެމީހުންގެ ފުށުން ވާރުތަވާ ވައްތަރެވެ. މިވައްތަރުގައި މައިންބަފައިންގެ ކިބައިގައި ބަލި ނުހުއްޓަސް، ބަލިވާރުތަކުރުވާ "ވިރާސީ ބަހާ"(gene) ހުރެއެވެ. މިވައްތަރު ކުރިމަތިވަނީ "ސައިޓަކްރޯމް ބީ5 ރިޑަކްޓޭޒް"(cytochrome b5 reductase) ކިޔާ އެންޒައިމެއްގައި މައްސަލަ ހުރުމުންނެވެ. މިގޮތުން ލޭގައި މެޓްހީމަގްލޯބިން އިތުރުވުން ތަފާތު ދެބަޔަކަށް ބަހާލެވިފައި ވެއެވެ.
·         ފުރަތަމަ ވައްތަރު(ލޭގެ ރަތް ސެލްތަކުގައި ރިޑަކްޓޭޒް މަދުވުން) (erythrocyte reductase deficiency): މިއީ ހަމައެކަނި ލޭގެ ރަތް ސެލްތަކުގައި "ސައިޓަކްރޯމް ބީ5 ރިޑަކްޓޭޒް" އެންޒައިމް މަދުވުމުން ނުވަތަ ނުހުރުމުން ކުރިމަތިވާ ވައްތަރެކެވެ.
·         ދެވަނަ ވައްތަރު (އާންމުކޮށް މުޅި ހަށިގަނޑުގައި ރިޑަކްޓޭޒް މަދުވުން) (generalized reductase deficiency): މިއީ ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި "ސައިޓަކްރޯމް ބީ5 ރިޑަކްޓޭޒް" އެންޒައިމް މަސައްކަތް ނުކުރުމުން ކުރިމަތިވާ ވައްތަރެކެވެ.
(ށ) - ދެވަނަ ވައްތަރު : ދެވަނަ ވައްތަރަކީ "ހީމަގްލޯބިން އެމް ޑިޒީޒް"(Haemoglobin M disease) އެވެ. މިއީ ލޭގައި ނުވަތަ ހީމަގްލޯބިން ގައި ހުންނަ އުނިކަމަކުން ދިމާވާ މައްސަލަ އެކެވެ. މައިންބަފައިންގެ ތެރެއިން އެކަކުގެ ފުށުން ބަލީގެ ވިރާސީ ބަހާ ދަރިފުޅަށް ވާރުތަވި ނަމަވެސް ދަރިފުޅަށް ބަލިޖެހޭނެ އެވެ.

(ނ) - އަމިއްލައަށް ކުރެވޭ ކަމަކުން ލޭގައި މެޓްހީމަގްލޯބިން އިތުރުވުން (Acquired methaemoglobinemia): ބޭނުންކުރެވޭ ބޭހެއް، ކާއެއްޗެއް ނުވަތަ ކެމިކަލް އެއްގެ ސަބަބުން ލޭގައި މެޓްހީމަގްލޯބިން އިތުރުވުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން ބައެއް ކަހަލަ ބޭސް ބޭނުންކުރުމުން، ނުވަތަ ބައެއް ކަހަލަ ކެމިކަލް އަށް ހުށަހެޅުމުން، ލޭގައި މެޓްހީމަގްލޯބިން ގިނަވެ އިތުރުވާގޮތް ވެއެވެ. އެގޮތުން އެބޭހެއް ބޭނުންކުރުމުން ލޭގައި މެޓްހީމަގްލޯބިން އިތުރުކޮށްދާނެ ބޭސްތަކުގެ ތެރޭގައި:-
·         އައްސިކުރާ ބޭސްތައް : މިސާލަކަށް ބެންޒޯކެއިން
·         ބެންޒީން
·         ބައެއް ކަހަލަ އެންޓިބަޔޮޓިކްތައް : މިސާލަކަށް ޑެޕްސޯން، ކްލޯރޯކީން
·         ނައިޓްރައިޓްސް : ކާތަކެތި ގިނަ ދުވަހު ހަލާކުނުވެ ބެހެއްޓުމަށް ބޭނުންކުރެވޭ މާއްދާއެއް
މާގިނައިން ނައިޓްރައިޓް ހުންނަ ކާނާ (ބީޓު ރޫޓް ފަދަ ތަކެތި) ނުވަތަ ނައިޓްރައިޓް ގިނަ ތަރުކާރީ ކާންދޭ ކުޑަކުދިންނަށް މިމައްސަލަ ކުރިމަތިވެދާނެ އެވެ.
އަލާމާތްތައް
ފުރަތަމަ ވައްތަރު (ލޭގެ ރަތްސެލްގައި ރިޑަކްޓޭޒް މަދުވުން) ގެ އަލާމާތްތައް : ހަމުގެކުލަ ނޫވުން
ދެވަނަ ވައްތަރު (މުޅި ހަށިގަނޑުގައި ރިޑަކްޓޭޒް މަދުވުން) ގެ އަލާމާތްތައް : ބޮޑުވުން ލަސްވުން، ބޮޑުނުވުން، ވިސްނުމުގެ އުނިކަންހުރުން، ފިޓުޖެހުން
ހީމަގްލޯބިން އެމް ޑިޒީޒްގެ އަލާމާތްތައް : ހަމުގެކުލަ ނޫވުން
ބޭސް، ކެމިކަލްގެ ސަބަބުން ބަލިޖެހުމުން ފެނިދާނެ އަލާމާތްތައް : ހަމުގެކުލަ ނޫވުން، ބޮލުގައި ރިހުން، ވަރުބަލިވުން، ނޭވާކުރުވުން، ހަކަތަ ހުސްވުން

ދިމާވެދާނެ ނުރައްކާތައް : ޝޮކުޖެހުން، ފިޓުޖެހުން، މަރުވުން

ބަލީގެ ކުރީކޮޅުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ބޮލުގައި ރިހުން، އަދި ރޯނގާގެ އުދަނގޫތައް ހިމެނެއެވެ. މިއުދަނގޫތަކަކީ އާންމުކޮށް ތަފާތު ރޯގާތައް ޖެހުމުން ފެންނަ އުދަނގޫތައް ކަމަށްވުމުން ބައެއް ފަހަރު އާދައިގެ ވަރަކަށް މެޓްހީމަގްލޯބިން ލޭގައި އިތުރުވި ނަމަވެސް އެކަން ފާހަގަނުވެ ހިގައިދާނެ އެވެ.

ބަލީގެ އަލާމާތްތައް ގިނަ ފަހަރު ބަރޯސާވަނީ ލޭގައި މެޓްހީމަގްލޯބިން ހުންނަ ނިސްބަތެއްގެ މައްޗަށެވެ. އާންމު ގޮތެއްގައި ލޭގައި މެޓްހީމަގްލޯބިން ހުންނަނީ ގާތްގަނޑަކަށް %1 (%3 – 0އާއި ދެމެދު) ގައެވެ. މެޓްހީމަގްލޯބިންގެ މިންވަރު ލޭގައި މަތިވެ އިތުރުވުމުން ފެނިދާނެ އަލާމާތްތައް (މެޓްހީމަގްލޯބިން ހުންނަ ނިސްބަތަށް ރިއާޔަތްކޮށް) ތިރީގައި މިވަނީ އެވެ.
·         %15 - %3 : ހަމުގެ ކުލަ އާދައިގެ ވަރަކަށް ބަދަލުވުން ( ފަނޑުހުދު، އަޅި، ނޫކުލަ)
·         %20 - %15 : ހަމުގެ ކުލަ ނޫވުން – ގިނަ ފަހަރު ބަލީގެ އެހެން އުދަނގޫތަކެއް ނުފެންނާނެ އެވެ.
·         %50 - % 25 : ބޮލުގައި ރިހުން، ނޭވާކުރުވުން، ބޯއެނބުރުން، ހޭނެތުން، ވަރުދެރަވުން، ވާނުވާނޭނގުން، މޭތެޅުން، މޭގައި ރިހުން
·         %70 - %50 : ހިތުގެ ވިންދު ތަރުތީބު ނުވުން، ހޭވެރިކަމަށް ބަދަލުއައުން، ޝައްކު އަދި ވަހުމު އުފެދުން، ފިޓުޖެހުން، ކޯމާއަށް ދިއުން، އެސިޑްގެ މިންވަރު ހަށިގަނޑުގައި މަތިވުން ނުވަތަ ހަށިގަނޑުގައި އެސިޑް ޖަމާވުން
·         %70 އަށްވުރެ މަތިވުން : މަރުވުން (ނިޔާވުން)

ބަލިޖެހުމުން ފެނިދާނެ އަލާމާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·         ހަމާއި، ލޭގެ ކުލަ ބަދަލުވުން (ހަމުގެ ކުލަ ނޫވުން ނުވަތަ އަޅިކުލައަށްހުރުން ، ލޭގެ ކުލަ މުށި ނުވަތަ ގަދަ ޗޮކްލެޓް ކުލައިގައި ހުރުން)
·         ހަމުގެ ކުލަ ނޫވުން
·         ފިޓުޖެހުން
·         ހޭނެތުން،
·         ހިތުގެ ވިންދު ތަރުތީބު ނުވުން
·         ލޭގައި ވިހަ ގިނަވުން
·         ސިކުނޑި، ނުވަތަ ހިތުގެ ހިސާބުތަކަށް ލޭދިއުން ދަށްވުން
·         ހަންގަނޑު، އަދި ލޮލުގެ ހުދުކަޅީގެ މަތީގައި ތުނިދުލީގެ ކުލަ ފަނޑުވުން
·         ކަށީގެ އައިބުތައް ހުރުން އަދި ވިސްނުމުގެ އުނިކަން ހުރުން

ދެނެގަތުން
ލޭގައި މެޓްހީމަގްލޯބިން ހުރި މިންވަރު ދެނެގަތުމަށް ލޭގެ ޓެސްޓެއް ހަދައިގެން ބަލިހުރިކަން ދެނެގަނެވިދާނެ އެވެ. ގިނަ ފަހަރު މިފަދަ ކުދިން (ލޭގައި މެޓްހީމަގްލޯބިން ގިނަވެ އިތުރުވެފައިވާ ކުދިން) އުފަންވާއިރު އޮންނާނީ ވަރަށް ބޮޑަށް ނޫވެފައެވެ. ނުވަތަ އުފަންވުމަށްފަހު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެފަދަ ކުދިން ނޫވެދާނެ އެވެ. ލޭގައި ގޭސް (ކާބަންޑައިއޮކްސައިޑް، އޮކްސިޖަން) ހުންނަ މިންވަރު، ހިތުގެ ވިންދު، އަދި ހަށިގަނޑުގައި އޮކްސިޖަން ހިފަހައްޓައިދޭ މިންވަރު، ވެސް ބައެއް ފަހަރު ދެނެގަންނަން ޖެހިދާނެ އެވެ.

ލޭގައި މެޓްހީމަގްލޯބިން އިތުރުވުމުން ހަދަންޖެހިދާނެ ލެބޯޓްރީ ޓެސްޓުތަކުގެ ތެރޭގައި:-
·         ލޭގެ ރަތް ސެލްތައް ބައިބައިވުން ކުރިމަތިވެފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓުތައް
o       ކަމްޕްލީޓް ބްލަޑް ކައުންޓް
o       ލޭގެ ހުދު ސެލްތަކުގެ މިންވަރު
o       ލެކްޓޭޓް ޑިހައިޑްރޯޖިނޭޒް
o       އިންޑައިރެކްޓް ބިލިރޫބިން
o       ހެޕަޓޯގްލޯބިން
·         ތަފާތު ގުނަވަންތަކުގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓުތައް
o       ގުރުދާގެ މަސައްކަތްހުރިނެތްގޮތް ބެލުން
o       މޭގަނޑުގެ މަސައްކަތް ހުރިނެތްގޮތް ބެލުން
o       އިލެކްޓްރޯލައިޓްގެ މިންވަރު ހުރިނެތްގޮތް ބެލުން
·         ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން ބަލިވެއިންތޯ ބެލުމަށް ޓެސްޓުކުރުން (ބޮޑެތި މީހުންނަށް)
·         ހެއިންޒް ބޮޑީ ޕްރެޕަރޭޝަން
·         ހީމަގްލޯބިން އިލެކްޓްރޯފެރީސިސް : މިއީ ހީމަގްލޯބިން އެމް ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.
·         ތަފާތު އެންޒައިމްތައް (އެއެންޒައިމްގެ މައްސަލަ ހުރެގެން ބަލި މެދުވެރިކުރުވާ އެންޒައިމްތައް) ހުރިނެތް މިންވަރު ބެލުން
·         ބެޑްސައިޑް ޓެސްޓުތައް : ލޭގެ ކުލަ ހުރިނެތްގޮތް ބެލުން – ގިނަ ފަހަރު މެޓްހީމަގްލޯބިން އިތުރުވެފައި ހުރިނަމަ ލޭގައި ހުންނާ ކަޅު އަދިރި ކުލައެކެވެ.
·         ލޭގައި ނައިޓްރައިޓް އަދި އެހެނިހެން ގެއްލުންދެނިވި ކެމިކަލްތައް ހުރި މިންވަރު ބެލުން

އަންނަނިވި ޓެސްޓުތަކުގެ އެހީގައި ލޭގައި އޮކުސިޖަން އުފުލުމުގެ ގާބިލިއްޔަތު ހުރިނެތް މިންވަރު ވެސް ބެލިދާނެއެވެ.
·         ލޭގައި ގޭސްތައް ހުރި މިންވަރު ބެލުން (ABG)
·         ކޯ-އޮކްސިމެޓްރީ
·         ޕަލްސް – އޮކްސިމެޓްރީ
މީގެ އިތުރުން ވެސް އަންނަނިވި ޓެސްޓުތައް ވެސް ހަދައިފާނެ ކަމަށް ބަލަންޖެހޭނެ އެވެ.
·         ޕޮޓޭސިއަމް ސައެނައިޑް ޓެސްޓު : މިއީ މެޓްހީމަގްލޯބިން އަދި ސަލްފަރހީމަގްލޯބިންގެ ތަފާތު ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ.
·         ބޮލުގެ ސީޓީ ސްކޭނެއް ހެދުން
·         މޭގެ އެކްސްރޭ ނެގުން : މިއީ ހިތުގެ އަދި ފުއްޕާމޭގެ މައްސަލައެއް ފެންނަންހުރިތޯ ބެލުމަށް ނެގޭ އެކްސްރޭ އެކެވެ.
·         ހިތުގެ އީކޯ ޓެސްޓު ހެދުން : މިއީ އުފެދުމުގައި ހިތުގެ މައްސަލައެއް ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

ފަރުވާ
ލޭގައި ނުރައްކާތެރި ދަރަޖައަކަށް މެޓްހީމަގްލޯބިން އިތުރުވެގެން ދިއުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. އަދި މިއީ އަވަސްފަރުވާ ބޭނުންވާނެ ހާލަތެކެވެ. އާދައިގެ މިންވަރަކަށް ލޭގައި މެޓްހީމަގްލޯބިން އިތުރުވި ނަމަވެސް ބައެއް ފަހަރު އޭގެ އަލާމާތްތައް ނުފެނި ހުރުމަކީ ވެދާނެ ގޮތެކެވެ. އުފެދުމުގައި ލޭގައި މެޓްހީމަގްލޯބިން އިތުރުވުން ވާރުތަކޮށްފައި ހުރުމަކީ އޭގެ ޒާތުގައި ބޭހުގެ ފަރުވާ ބޭނުންވާނެ ކަމެއް ނޫނެވެ.

ލޭގައި މެޓްހީމަގްލޯބިން އިތުރުވުމުން ފުރަތަމަ ދޭނީ އޮކުސިޖަންގެ ފަރުވާ އެވެ. އެއަށްފަހު ލޭގައި މެޓްހީމަގްލޯބިން އިތުރުވާން ދިމާވި ސަބަބު ދެނެގަތުން މުހިއްމެވެ. އަދި ކަނޑައެޅިގެން އެކަން ކުރިމަތިވީ ވަކި ކެމިކަލްއެއް، ބޭހެއް، ކާއެއްޗެއްގެ ސަބަބުން ކަމުގައިވާނަމަ، އެފަދަ އެއްޗަކާއި ދުރުވުން މުހިއްމެވެ.

އާދަޔާ ޚިލާފަށް ބޮޑަށް ލޭގައި މެޓްހީމަގްލޯބިން އިތުރުވެފައިވާނަމަ، ފަރުވާގައި "މިތައިލީން ބުލޫ"(methylene blue) ކިޔާ ބޭހެއް ބޭނުން ކުރެއެވެ. މިތައިލީން ބުލޫ އަކީ ގުލްކޯޒު-6-ފޮސްފޭޓް ޑިހައިޑްރަޖިނޭޒް އެންޒައިމް މަދުވުން(G6PD) ހުންނަ މީހުން ބޭނުންކުރުން އެދެވިގެންވާ ބޭހެއް ނޫނެވެ. އަދި ހީމަގްލޯބިން އެމް ބަލި ހުންނަ މީހުންނަށް މިބޭހުން ފައިދާއެއް ނުކުރެއެވެ.  ލޭގައި މެޓްހީމަގްލޯބިން އިތުރުވުމުން ދެވޭ އަސާސީ އެއް ބޭހަކީ މިއީ އެވެ.

ލޭގައި އިތުރުވެ ގިނަވެފައިވާ މެޓްހީމަގްލޯބިން ގެ މިންވަރު ދަށްކުރުމަށް ބައެއް ފަހަރު "އެސްކޯބިކް އެސިޑް"(ascorbic acid) ނުވަތަ ވިޓަމިން ސީ ވެސް ބޭނުންކޮށްފާނެ އެވެ. މީގެ އިތުރުން ވެސް "ރައިބޯފްލެވިން"(riboflavin) ، "ސިމެޓިޑީން"(cimetidine)، އަދި "އެން-އެސީޓައިލް ސިސްޓެއިން"(N-acetylcysteine) ފަދަ ބޭސްތައް ބޭނުންކޮށް އުޅެއެވެ.

ދެވިދާނެ އިތުރު ފަރުވާތަކުގެ ތެރޭގައި "ހައިޕަރބެރިކް އޮކްސިޖަން ތެރަޕީ"(hyperbaric oxygen therapy) އަދި "އެކްސްޗޭންޖް ޓްރާންސްފިއުޝަން"(exchange transfusion) ހިމެނެއެވެ. އެކްސްޗޭންޖް ޓްރާންފިއުޝަން އަކީ ލޭގައި މެޓްހީމަގްލޯބިން އިތުރުވުމުން ދެވޭ މިތައިލީން ބުލޫ އިން ރަގަޅުނުވާ މީހުންނާއި، އަދި ލޭގައި މެޓްހީމަގްލޯބިން އިތުރުވުމާއެކު، ޖީ6ޕީޑީ މަދުވުން ހުންނަ މީހުންނަށް ދެވޭ ފަރުވާ އެކެވެ. ހައިޕަރބެރިކް އޮކްސިޖަން ތެރަޕީ އަކީ ވެސް މިފަދަ މީހުންނަށް ދެވޭ ފަރުވާ އެކެވެ.

ލޭގައި މެޓްހީމަގްލޯބިން އިތުރުވުމުގެ ވައްތަރު ތަކުގެ ތެރެއިން ފުރަތަމަ ވައްތަރު، އަދި ހީމަގްލޯބިން އެމް ޑިޒީޒް ހުންނަ ކުދިންނަކީ އާންމުކޮށް ޞިއްޙަތު ސަލާމަތުން ތިބޭ ދުޅަހެޔޮ ބައެކެވެ. އެންމެ ނުރައްކާ ވައްތަރަކީ ދެވަނަ ވައްތަރެވެ. އާންމު ގޮތެއްގައި މިވައްތަރު ހުންނަ ކުދިން އުމުރުގެ ކުރީކޮޅު ނިޔާވެއެވެ. ބޭހެއް، ކެމިކަލްއެއް، ކާއެއްޗެއްގެ ސަބަބުން މައްސަލަ ކުރިމަތިވިނަމަ، އެމައްސަލަ ކުރިމަތިވި، ބޭސް، ކާތަކެތި، ނުވަތަ ކެމިކަލް ފާހަގަކޮށް، އެއާއި ދުރަށް ދިއުމުން ރަގަޅުވެއެވެ.

ބައެއް ފަހަރު ލޭގައި މެޓްހީމަގްލޯބިން އިތުރުވުމުން އެދުމަތިކޮށްގެން އައިވީ ފެން ދީގެން ހަށިގަނޑުގައި ފެނުގެ މިންވަރު ހިފެހެއްޓޭތޯ ބަލައެވެ. އަދި ބައިކާބޮނޭޓް ވެސް ދީއުޅެއެވެ. މިގޮތަށް ފަރުވާކުރަނީ ލޭގައި މެޓްހީމަގްލޯބިން އިތުރުވުމުގެ ސަބަބުން "މެޓަބޮލިކް އެސިޑޯސިސް"(metabolic acidosis) ކުރިމަތިވެފައިވާނަމަ އެވެ.

ރައްކާތެރިވުން
ކައިވެނިކުރުމުގެ ކުރިން މެޓްހީމަގްލޯބިން ލޭގައި ގިނަވެ އިތުރުވެފައިވޭތޯ ބެލުން މުހިއްމެވެ. ޚާއްޞަކޮށް ދެފަރާތުގެ އާއިލާގައި ލޭގައި މެޓްހީމަގްލޯބިން އިތުރުވުން ކުރިމަތިވެފައިވާ މީހުން ތިބިނަމަ މިއީ ވަރަށް މުހިއްމު ކަމެކެވެ.

މައުލޫމާތު :

No comments:

Post a Comment