Saturday, November 26, 2011

ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅު ތައް

ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅު ތައް
ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅު (Alveolusނުވަތަ ވައިބޮކި ތަކަކީ  ފުއްޕާމޭގެ ތެރޭގައި ލެޔާއި ފުއްޕާމެޔާއި ދެމެދު ހިގާ ގޭސްތައް ބަދަލުކުރުމުގެ މަސައްކަތް(އޮކްސިޖަން ލެޔަށް ފޯރުކޮށްދީ، ކާބަން ޑައިއޮކްސައިޑް ފުއްޕާމޭގެ ތެރެއަށް ދޫކުރުން) ހިންގާ މައިމަރުކަޒެވެ. މިއީ ނޭވާލާ ނިޒާމްގައިވާ ވައިދައުރުކުރާ ހޮޅިތައް ކަފިކަފިވެ، ބައިބައިވަމުން ގޮސް ނިމޭ ތަނެވެ. ފުއްޕާމޭގެ ތެރޭގައިވާ ކުދި ވައިކޮތަޅު ތަކުގެ ޖުމުލަ ސާރފޭސް އޭރިޔާ އަކީ 100 ސްކެއަރ މީޓަރެވެ. ފުއްޕާމޭގެ ތެރޭގައި މިކުދި ވައިކޮތަޅުތައް ހުންނަނީ ފުއްޕާމޭގައިވާ " ގޭސްބަދަލުކުރާ ސަރަހައްދު"(Respiratory zone) ގައެވެ.
ނޭވާހިނގާ މަގުގެ ކޮޅުގައިވާ ހިމަހޮޅިތައް
ފުއްޕާމޭގައިވާ ވައިނޮޅީގެ ކުދި ކަފިތަކުގެ ތެރެއިން ބައިވަމުން އުފެދިފައިވާ އެންމެ ފަހު ކަފި ނުވަތަ ނޭވާލުމުގައި ޝާމިލްވެ، ބައިވެރިވާ ކުދިކުދި ކަފި(Respiratory bronchioles) ކަފިތަކާއި ކުދި ވައިކޮތަޅު(Alveolus) ތައް ގުޅުވައިދެނީ އެދެމެދުގައިވާ ވައި ދައުރުކުރާ ހިމަހޮޅި (Alveolar ducts) ނުވަތަ ކަފިތަކަކުންނެވެ. މިއީ ނޭވާހިނގާ މަގުގައި ވައިދައުރުވާ އެންމެ ފަހު އަދި އެންމެ ހިމަ ހޮޅި ތަކެވެ. މީގެ 2- 1.5 މިލިޔަން އާއި ދެމެދު މިންވަރަށް މިފަދަ ހޮޅިތައް ކޮންމެ ފުއްޕާމެއެއްގައި ހުރެއެވެ. މިއިން ކޮންމެ ހޮޅިއެއްގެ ނިމޭކޮޅުން 3-2 ކުދި ވައިކޮތަޅަށް ބައިވެގެން ގޮސްފައި ވެއެވެ. މިހޮޅިތަކުގެ ބަތާނައިގައި ހޮޅިމަހުން(Smooth muscle) އުފެދިފައިވާ ފަށަލައެއް ވާއިރު، އެތެރޭ ތެތް ދުލިފަށަލައިގައި ހުންނަނީ "ސިމްޕަލް ކިޔުބޮއިޑަލް ނަން ސިލިއޭޓެޑް އެޕިތީލިއަމް"(Simple cuboidal non-ciliated epithelium) އެވެ. މިހޮޅިތަކުގައި ވެސް ހިމެނޭ ހޮޅިމަހުގެ ފަށަލަ އަކީ ބޭނުންވުމުން ހަނިވެ، ހިމަވުމާއި، ބޭނުންވުމުން ދެމި ފުޅާވުމުގެ ގާބިލިއްޔަތު ލިބިފައިވާ މަސްފަށަލަ އެކެވެ.
ވައިނޮޅީގެ ކުދި ކަފިތައް ކަފިވެ ބައިވެގެން ގޮސް ނިމިފައި ހުންނަނީ ފުއްޕާމޭގެ އެންމެ އެތެރޭގައި ހުންނަ ކުދިކުދި ވައިކޮތަޅު(Alveolus) ތަކަށެވެ. ނުވަތަ ވައިބޮކިތަކަށެވެ. ފުއްޕާމޭގައި ގާތްގަނޑަކަށް 500 - 300 މިލިޔަން އާއި ދެމެދުގެ އަދަދަކަށް، ވައިބޮކި ހުރެއެވެ. ކޮންމެ ވައިބޮތްކެއްގެ ވަށައިގެން ކުދިކުދި، ހިމަ ލޭނާރުތަކުން ފުރިފައިވާ ދާގަނޑެއް ވެއެވެ. މިވައިކޮތަޅު ތަކުގެ ބޯމިނުގައި 0.2 މައިކްރޯމީޓަރު ހުރެއެވެ. މިވައިކޮތަޅުތަކުގެ ވަށަމިނުގައި 200 މައިކްރޯމީޓަރު ހުރެއެވެ. އަދި އެތެރެއަށް ނޭވާލާއިރު ދެމި ފުޅާވުމުން، އޭގެ ވަށަމިން އިތުރުވެގެންދާނެ އެވެ.
ފުއްޕާމޭގެ ތެރޭގައިވާ މިފަދަ ކުދި ވައިކޮތަޅު ތަކުގައި "ކޮލަޖެން" އަދި "އިލާސްޓިކް ފައިބަރު" ތައް ހުރެއެވެ. މިއިލާސްޓިކް ފައިބަރު ތަކުގެ ސަބަބުން އެތެރެއަށް ނޭވާލާއިރު އޮކްސިޖަން ވަދެ، ކުދިވައިކޮތަޅު ތަކުގެ އެތެރެ ފުރުމުން، ދެމި، އަދި ބޭރަށް ނޭވާލާއިރު ކުދިވައިކޮތަޅުތަކުން ކާބަންޑައި އޮކްސައިޑް ބޭރުވެ، ހިނދުމުގެ ގާބިލިއްޔަތު ލިބިގެން ދެއެވެ. 

ފުއްޕާމޭގެ ތެރޭގައިވާ ކުދި ވައިކޮތަޅުތަކުގެ ބަތާނަ ނުވަތަ ތެތް ދުލިފަށަލަ
ފުއްޕާމޭގެ އެތެރޭގައިވާ ކުދި ވައިކޮތަޅުގެ އެތެރޭ ފާރުގެ ތެތް ދުލިފަށަލައިގައި މައިގަނޑު 3 ވައްތަރެއްގެ ސެލް ހުރެއެވެ.
(ހ) - ފުރަތަމަ ވައްތަރުގެ ސެލް (Type 1 pneumocyte): މިއީ ފުރަތަމަ ވައްތަރުގެ "ނިއުމޯސައިޓް"(Pneumocyte) އެވެ. މިއީ ވައިކޮތަޅުގެ ފާރު ބިނާވެގެންވާ ސެލްތަކެވެ. ނުވަތަ ވައިކޮތަޅުތައް ބިނާކޮށްދޭ ސެލްތަކެވެ. ވައިކޮތަޅު ތަކުގެ ސަތަހައިގެ ބޮޑުބައެއް ނިވާކުރެވިފައިވަނީ (95 އިންސައްތަ) މިވައްތަރުގެ ސެލްތަކުންނެވެ. މިއީ ބޮޑެތި، އަދަދުގެ ގޮތުންގިނަ، ތުނިކޮށް ހުންނަ ސެލްތަކެވެ. ގޭސް ބަދަލުކުރުމުގެ މަސައްކަތް މިސެލްތަކުގެ ވަށައިގެން ހިނގައެވެ. މިވައްތަރުގެ ސެލް އަކަށް ގިނަވެ އިތުރުވުމުގެ ގާބިލިއްޔަތު ލިބިފައެއް ނުވެއެވެ. ފުއްޕާމެޔަށް ލިބޭ އަނިޔާއެއްގައި މިވައްތަރުގެ ސެލް މަދުވުމުން އެބައި އަނބުރާ ހޯދުމަށް، ދެވަނަ ވައްތަރުގެ ސެލްތައް އިތުރުވެ، އެއިން ފުރަތަމަ ވައްތަރުގެ ސެލްތައް އުފެދޭގޮތް ދިމާވެއެވެ.
(ށ) - ދެވަނަ ވައްތަރުގެ ސެލް (Type 2 pneumocyte): މިއީ ދެވަނަ ވައްތަރުގެ "ނިއުމޯސައިޓް"(Pneumocyte) އެވެ. މިސެލްތަކުން ''ސާރފެކްޓެންޓް'' (Surfactants)ކިޔާ މާއްދާއެއް ދޫކުރެއެވެ. މިއީ ކިއުބެއްގެ ބައްޓަމަން ހަތަރެސްކަނަށް ހުންނަ ސެލްތަކެވެ. އަދި މިއީ ކުދި އަދަދުގެ ގޮތުން މަދު ސެލްތަކެވެ. މިސެލްތަކުން ނިވާކުރެވިފައިވަނީ ވައިކޮތަޅުތަކުގެ ސަތަހައިގެ އެންމެ 5 އިންސައްތަ އެވެ. މިވައްތަރުގެ ސެލްތައް ބަލިވެއިނުމަށްފަހު 24 ވަނަ ހަފްތާގެ ތެރޭގައި އުފެދެން ފަށައެވެ. އަދި ކޮންމެ ވެސް ވަރަކަށް ސާރފެކްޓެންޓް ދޫކުރާނެ އެވެ. ނަމަވެސް އެކަށޭނަ ވަރަށް ސާރފެކްޓެންޓް މިސެލްތަކުން ދޫކުރާނީ ބަނޑަށް 35 ހަފްތާ ފުރިހަމަ ވުމަށްފަހު ގައެވެ. 35 ހަފްތާ ފުރިހަމަވުމުގެ ކުރިން އުފަންވާ ކުދިންނަށް ނޭވާލާންދަތިވުމުގެ މައްސަލަ ދިމާވަނީ މިހެންވެގެންނެވެ. މާނައަކީ އެކަށޭނަ ވަރަށް މިދެންނެވި ސެލްތަކުން ސާރފެކްޓެންޓް ދޫނުކުރާތީ އެވެ. މިވައްތަރުގެ ސެލްތަކަށް ވައިކޮތަޅުތަކުގެ އެތެރޭގައި ގިނަވެ އިތުރުވެވޭނެ އެވެ. ފުރަތަމަ ވައްތަރުގެ ނިއުމޯސައިޓް ފުއްޕާމެޔަށް ލިބޭ އަނިޔާއެއްގައި މަދުވުމުން އެބައި އަނބުރާ ހޯދުމަށް، ދެވަނަ ވައްތަރުގެ ސެލްތައް އިތުރުވެ، އެއިން ފުރަތަމަ ވައްތަރުގެ ސެލްތައް އުފެދޭގޮތް ދިމާވެއެވެ.
ކުރިން ވެސް ބުނެވުނު ފަދައިން ފުއްޕާމޭގެ ތެރޭގައި "ސާރފެކްޓެންޓް"(Surfactant) ދޫކުރާ މައިގަނޑު ސެލްތަކަކީ މިއީ އެވެ. ސާރފެކްޓެންޓް އަކީ ވައިކޮތަޅުތަކުގެ އެތެރޭގެ "ސާރފޭސް ޓެންޝަން"(Surface tension)  ދަށްކުރާ "ފޮސްފޯލިޕިޑް"(phospholipid) ތަކުގެ ގުރޫޕެކެވެ. ސާރފެކްޓެންޓް ގައި މައިގަނޑު ގޮތެއްގައި ހުންނަނީ "ޑިޕަލްމިޓޮއިލްފޮސްފެޓިޑައިލްކޯލީން"(Dipalmitoylphosphatidylcholine) ކިޔާ ފޮސްފޯލިޕިޑް އެކެވެ. މީގައި ދެ "ޕެލްމިޓިކް އެސިޑް"(Palmitic acid) އެކުލެވިގެން ވެއެވެ.
(ނ) - ތިންވަނަ ވައްތަރުގެ ސެލް (Dust cell):  މިއީ ފުއްޕާމޭގެ ކުދި ވައިކޮތަޅު ތަކުގެ ފާރުގައި ހުންނަ މެކްރަފޭޖް ތަކުގެ ޚާއްޞަ ވައްތަރެކެވެ. މިސެލްތަކުން ބެކްޓީރިއާ ފަދަ ހަށިގަނޑާ ނުގުޅޭ މާއްދާތައް މަރައި ނެތިކޮށްލައެވެ. ހަށިގަނޑުގެ އެކި ހިސާބުގެ ޓިޝޫތަކުގައި އެކި ނަންނަމުގައި މެކްރަފޭޖް ތައް ހަރަކާތްތެރިވަމުން ދެއެވެ. 

ފުއްޕާމޭގެ ތެރޭގައިވާ ކުދި ވައިކޮތަޅުތަކުގެ މަސައްކަތް
ނޭވާލާ ނިޒާމްގެ މައިގަނޑު އެއް މަސައްކަތަކީ ގޭސް ބަދަލު ކުރުމެވެ. ނޭވާލުމުގެ ތެރޭގައި ގޭސް ބަދަލު ކުރުމުގެ މަސައްކަތް ހިގަނީ ކުދި ވައިކޮތަޅު(Alveolus) ތަކާއި އެވައިކޮތަޅު ތަކުގެ ފާރުގައިވާ ކުދިކުދި ހިމަ ލޭހޮޅި (Pulmonary Capillaries)ތަކާ ދެމެދުގައެވެ. ވައިކޮތަޅު ތަކުގެ ފާރަކީ ވަރަށް ތުނި އެއްޗެކެވެ. ގާތް ގަނޑަކަށް އޭގެ ބޯމިން އުޅެނީ 0.2 މައިކްރޯމީޓަރު ގައެވެ. ވައިކޮތަޅުގެ ފާރުގައިވާ ކުދި ލޭހޮޅިތަކުގެ ފާރަކީ ވެސް ތުނި އެހާމެ ތުނި އެއްޗެކެވެ. އެހެންކަމުން ފަސޭހަ ކަމާއެކު އެދެމެދުގައި ގޭސް ބަދަލުކުރެވެއެވެ.  
އެތެރެއަށް ނޭވާލުމުގެ ތެރޭގައި، ވަޔާއެކު ފުއްޕާމޭގެތެރެއަށް ވަންނަ އޮކްސިޖަން ލޭގެ ތެރެއަށް ދަނީ މިވައިބޮކިތައް ހުރަސްކޮށެވެ. އެގޮތުން ވައިބޮކިތަކުގެ އެތެރޭގައި ހުރި އޮކްސިޖަން ލޭގެތެރެއަށް ދަނީ ވައިބޮކިތަކުގެ ފާރު ހުރަސްކޮށް، އޭގެ ވަށައިގެންލެވިފައިވާ ކުދިކުދި ލޭނާރުތަކުގެ ޒަރީޢާއިންނެވެ. އެއަށްފަހު ލޭގެ ރަތް ސެލްތަކާއި އެއްވެގެން އޮކްސިޖަން ލޭގެ އާރުގެ ތެރޭގައި ދައުރުވަމުން ހިތާއި ހަމައަށް ދިއުމުން ހިތުން ހަށިގަނޑުގެ ހުރިހާ ހިސާބުތަކަށް ލޭގެ ޒަރީޢާއިން އޮކްސިޖަން ފޯރުކޮށްދެއެވެ. ހަމަ މިއުސޫލުން ލޭގެެތެރޭގައި ދައުރުވަމުން އަންނަ ކާބަންޑައި އޮކްސައިޑް ދައުރުވަ މުން ގޮސް، ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިބޮކިތަކުގެ ތެރެއަށް ވަދެއެވެ. އަދި ބޭރަށް ނޭވާލުމުގެ ތެރޭގައި ވަޔާއެކު މިވިހަ ގޭސް ހަށިގަނޑުން ބޭރުކުރެއެވެ. 

No comments:

Post a Comment