Wednesday, October 28, 2020

ރަހިމުގެ ކެންސަރު

ރަހިމުގެ ކެންސަރު

ރަހިމުގެ ކެންސަރު(Uterine cancer)  އަކީ އަންހެނުންށަށް ވަރަށް އާންމުކޮށްޖެހޭ ކެންސަރެކެވެ. މިއީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ކެންސަރެކެވެ. އާންމު ގޮތެއްގައި ރަހިމުގެ ކެންސަރު އެންމެ އާންމުކޮށް އުފެދެނީ ރަހިމުގެ އެންމެ އެތެރޭގައިވާ ރަހިމުގެ ބަތާނަ ފަށުގެ ސެލްތަކުންނެވެ. ރަހިމުގެ ކެންސަރު ވެސް އުފެދިގެން އަންނަނީ ރަހިމުގެ ބަތާނަ ފަށުގައި ނުވަތަ މަސްފަށަލައިގައި ޣައިރު ތަބީޢީ ސެލްތައް އުފެދި، ކޮންޓްރޯލެއްނެތި ހެދިބޮޑުވާން ފެށުމުންނެވެ. ކެންސަރުގެ ޓިއުމަރު ރަހިމުގައި އުފެދޭ ފަދައިން ބައެއް ފަހަރު ރަހިމުގައި ފައިބްރޮއިޑް އުފެދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.


ރަހިމުގެ ކެންސަރުގެ ވައްތަރުތައް

ދެވައްތަރެއްގެ ރަހިމުގެ ކެންސަރު ހުރެއެވެ. އެއީ ރަހިމުގެ އެންމެ އެތެރޭގައިވާ ފަށަލަ ނުވަތަ ރަހިމުގެ ބަތާނަ ފަށު(Endometrium) ގައި އުފެދޭ ކެންސަރާއި، ރަހިމުގެ މަސްފަށަލަ(Myometrium) އިގެ ތެރޭގައި އުފެދިގެން އަންނަ ކެންސަރެވެ.

(ހ) އެންޑޯމެޓްރީއަލް ކެންސަރު : މިއީ ރަހިމުގެ ބަތާނަ ފަށުގައި ނޫނީ އެންޑޯމީޓްރިއަމްގައި އުފެދޭ ކެންސަރެވެ. ރަހިމުގެ ބަތާނަ ފަށުގައި އުފެދޭ ކިޔަނީ "އެންޑޯމެޓްރީއަލް ކެންސަރު"(Endometrial cancer) އެވެ. ރަހިމަށްޖެހޭ ކެންސަރުގެ %95 އަކީ ރަހިމުގެ ބަތާނަ ފަށުގައި އުފެދިގެން އަންނަ ކެންސަރެވެ. ރަހިމުގެ ކެންސަރުގެ ސެލްތައް އެންމެ އާންމު ގޮތެއްގައި ފެށިގެން އަންނަނީ ރަހިމުގެ ބަތާނަ ފަށުގެ ސެލްތަކުން ކަމަށްވާތީ ވަރަށް ގިނަ ފަހަރު ރަހިމުގެ ކެންސަރަށް "އެންޑޯމެޓްރީއަލް ކެންސަރު" (Endometrial cancer) އޭ ކިޔައެވެ. އެންޑޯމެޓްރީއަލް ކާސިނޯމާގެ %95 އަކީ "އެޑީނޯކާސިނޯމާ"(Adenocarcinoma)  އެވެ. ދެވައްތަރެއްގެ އެންޑޯމެޓްރީއަލް ކެންސަރު ހުރެއެވެ. ފުރަތަމަ ވައްތަރު (ޓައިޕް 1 ) އަކީ އެންޑޯމެޓްރީއަލް އެޑީނޯކާސިނޯމާ އެވެ. މިއި އެންމެ އާންމު ވައްތަރު ވެސް މެއެވެ. މިވައްތަރު ކުރިމަތިވުމާ ހަށިގަނޑުގައި އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަތިވުމާއި ގުޅުމެއް އޮވެއެވެ. މިއީ އާންމު ގޮތެއްގައި ވަރަށް ލަހުން ހެދިބޮޑުވާ ކެންސަރަކަށްވުމުން އެހެން ހިސާބުތަކަށް ފެތުރިގެން ދިއުމުގެ ފުރުޞަތު ކުޑަވެފައި، ލަސްވެސް މެއެވެ. ދެވަނަ ވައްތަރު (ޓައިޕް2) ގައި ހިމެނެނީ ޔުޓެރައިން ސިރަސް ކާސިނޯމާ(Uterine serous carcinoma) އަދި ކްލެއަރ ސެލް ކާސިނޯމާ(Clear cell carcinoma) އެވެ.

(ށ) ރަހިމުގެ މަސްފަށަލައިގެ ކެންސަރު : މިއީ ރަހިމުގެ މަސްފަށަލައިގައި އުފެދޭ ކެންސަރެވެ. ރަހިމުގެ މަސްފަށަލައިގައި އުފެދޭ ކެންސަރަށް ކިޔަނީ "ޔުޓެރައިން ސާރކޯމާ"(uterine sarcoma) އެވެ. ރަހިމުގެ މަސްފަށަލައިގައި އުފެދޭ ކެންސަރަކީ ވަރަށް މަދުން ފެންނަ ކެންސަރުގެ ބާވަތެކެވެ. މިވައްތަރުގެ އާންމު ގޮތެއްގައި ލޭގެ ތެރެއިން ހަށިގަނޑުގެ އެހެން ހިސާބުތަކަށް ޚާއްޞަކޮށް ފުއްޕާމެޔަށް ފެތުރިގެން ދިއުމުގެ ފުރުޞަތު ބޮޑެވެ. ރަހިމުގެ މަސްފަށަލައިގައި އުފެދޭ ކެންސަރުތަކުގެ ތެރެއިން އެންމެ އާންމު ވައްތަރަކީ "ލެއިއޯމެޔޯސާރކޯމާ"(Leiomyosarcoma) އެވެ.

ސަބަބު

 ރަހިމުގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބު ކަނޑައެޅިގެން ހޯދިފައެއް ނުވެއެވެ.

މަގުފަހިކުރާ ކަންތައްތައް

(ހ) އުމުރު : އުމުރުން ދުވަސްވާވަރަކަށް ރަހިމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުވެއެވެ. ރަހިމުގެ ކެންސަރު ގިނަފަހަރު ޖެހެނީ އުމުރުން 40 -74 އަހަރާއި ދެމެދުގެ މީހުންނަށެވެ. އުމުރުން 40 އަހަރުން ދަށުގެ މީހުންގެ ތެރެއިން ރަހިމުގެ ކެންސަރު ދެނެގަނެވެނީ އެނެމެ %1 މީހުންނަށެވެ.

(ށ) އިއްދައިން ކެނޑުމަށްފަހު އެސްޓްރަޖަން ހުރި މިންވަރު : ހަށިގަނޑު އެސްޓްރަޖަން ހޯރމޯން އަށް ހުށަހެޅޭ މިންވަރާއި، ރަހިމުގެ ކެންސަރާއި ގުޅުމެއް އޮވެއެވެ. އެސްޓްރަޖަން ހޯރމޯން އަކީ އަންހެނާގެ ދަރިމައިވުމުގެ ނިޒާމް ތަންޒީމުކުރާ އެއް ހޯރމޯން އެވެ. މިއީ އަންހެން ހޯރމޯންގެ ގޮތުގައި ސިފަކުރާ ހޯރމޯން އެކެވެ. ދަރިމައިވުމުގެ ނިޒާމް ތަންޒީމުކުރުމުގައި ބައިވެރިވާ އަނެއް ހޯރމޯން އަކީ ޕްރޯޖެސްޓަރޯން ހޯރމޯން އެވެ.

·         ބިސްރަވަ އިން ބިސްދޫކުރުމަށް އެސްޓްރަޖަން ހޯރމޯން ބާރުއަޅައެވެ. އަދި ރަހިމުގެ ބަތާނަ ފަށުގެ ސެލްތައް ބައިބައިވުން ކުރިމަތިކުރުވައެވެ.

·         ބިސްރަވަ އިން ދޫކުރާ ބިސް، ބަލައިގަތުމަށް ރަހިމު ތައްޔާރުކޮށްދެނީ ޕްރޯޖެސްޓަރޯން ހޯރމޯން އެވެ.

އާންމު ގޮތެއްގައި އިންސާނާގެ ހަށިގަނޑުގައި ޕްރޯޖެސްޓަރޯން އާއި އެސްޓްރަޖަންގެ މިންވަރު ހުންނަނީ ހަމަހަމަކޮށެވެ. ބައެއް ފަހަރު  އެސްޓްރަޖަން އާއި ވާދަކުރާނެ ހޯރމޯން އެއް ނެތުމުން، ޕްރޯޖެސްޓަރޯން އަށްވުރެ އެސްޓްރަޖަންގެ މިންވަރު މަތިވެއެވެ، މިގޮތަށް ހުންނަ އެސްޓްރަޖަން އަށް ކިޔަނީ "އަންއޮޕޯސްޑް އެސްޓްރަޖަން" އެވެ. އިއްދައިން ކެނޑުމަށްފަހު ޕްރޯޖެސްޓަރޯން ހޯރމޯން އުފެއްދުން ހުއްޓެއެވެ. ނަމަވެސް އިއްދައިން ކެނޑުމަށްފަހު ވެސް އެސްޓްރަޖަން މަދު މިންވަރަކަށް ނަމަވެސް އުފައްދައެވެ. ކުރިން ބުނެވުނު އަންއޮޕޯސްޑް އެސްޓްރަޖަން ހޯރމޯންގެ ސަބަބުން ރަހިމުގެ ބަތާނަފަށުގެ ސެލްތައް ބައިބައިވެ، ރަހިމުގެ ކެންސަރުގެ ޖެހުމުގެ ހިރާސް އިތުރުކުރުވައެވެ.

(ނ) މާބޮޑަށް ފަލަވުން : ސަރުބީ ސެލޯށި ތަކުގައި އެސްޓްރަޖަން އުފެދެއެވެ. މާބޮޑަށް ފަލަވުމުން ހަށިގަނޑުގައި އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަތިވެއެވެ. ހަށިގަނޑުގައި އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަތިވުމަކީ ރަހިމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މާބޮޑަށް ފަލަކޮށް ބުރަހެލިކޮށް ތިބޭ އަންހެނުންނަށް ރަހިމުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 3 ގުނަ އިތުރެވެ. އަދި އާދަޔާ ޚިލާފަށް ބޮޑަށް ވަރަށް ފަލަކޮށް ތިބޭ މީހުންނަށް ރަހިމުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 6 ގުނަ އިތުރެވެ.

(ރ) ދަރިމައިވުން :އެއްގޮތަކަށް ވެސް ދަރިމައިނުވާ އަންހެނުންނަށް ރަހިމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރެވެ. މިއީ މާބަނޑުވުމުން ޕްރޯޖެސްޓަރޯންގެ މިންވަރު މަތިވެ، އެސްޓްރަޖަން ހޯރމޯންގެ މިންވަރު ދަށްވުމުން ރަހިމުގެ ބަތާނަފަށް ހިމާޔަތްކޮށްދޭތީ، ދަރިމައިނުވާތީ އެކަން އެގޮތަށް ނުހިނގާތީ ދިމާވާ ކަމަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

(ބ) ޓެމޮކްސިފެން ބޭނުންކުރުން :އުރަމަތީގެ ކެންސަރަށް ފަރުވާ ކުރުމުގައި ބޭނުންކުރާ ޓެމޮކްސިފެން ބޭނުންކުރުމަކީ ރަހިމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. އެހެންކަމުން ޓެމޮކްސިފެން ބޭނުންކުރަމުން ދަނިކޮށް، ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއަންނަނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

(ޅ) އިންސިއުލިންގެ މިންވަރު މަތިވުން : ލޭގައި އިންސިއުލިންގެ މިންވަރު މަތިވުން ފަދަ ހާލަތްތަކަކީ ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށް ވުރެ ގިނައިން އިންސިއުލިން އުފައްދާ ހާލަތްތަކެވެ. މިފަދަ ކަންކަމުގެ ސަބަބުން ރަހިމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރު ކުރުވައެވެ.

(ކ) ބިސްރަވައިގައި ސިސްޓް އުފެދުން : ބިސްރަވައިގައި އާދަޔާ ޚިލާފަށް ގިނައިން ސިސްޓް އުފެދުމަކީ ރަހިމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުވާނެ ކަމެކެވެ. މިގޮތަށް ދިމާވަނީ މިފަދަ މީހުންގެ ހަށިގަނޑުގައި އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަތިކޮށް ހުންނާތީ އެވެ. ނުވަތަ މިއީ ހޯރމޯންތަކުގެ ހަމަހަމަކަން ގެއްލުމުން ދިމާވާ ކަމަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

(އ) ރަހިމުގެ އެންމެ އެތެރޭގައިވާ ބަތާނަފަށް ބޯވުން : ރަހިމުގެ އެންމެ އެތެރޭގައިވާ ބަތާނަފަށް ބޯވުން ކުރިމަތިވުމަކީ ރަހިމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކޮށްދާނެ ކަމެކެވެ. މިގޮތަށް ރަހިމުގެ ބަތާނަފަށް ބޯވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މައްސަރުކަންތައް ޖެހުމުން އާދަޔާ ޚިލާފަށް ގިނައިން ލޭއައުން، ދެމައްސަރު ދޭތެރޭގައި ވެސް ލޭއައުން، އަދި އިއްދައިން ކެނޑުމަށްފަހު ކުރިމަތި ފަރާތުން ލޭއައުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ވ) މައްސަރު ކަންތައް ޖެހުން : މައްސަރު ކަންތައް ޖެހުމާއި، މައްސަރު ކަންތައް ހުއްޓުމާއި ވެސް ރަހިމުގެ ކެންސަރު ކުރިމަތިވުމާއި ގުޅުމެއް ވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އުމރުުން 12 އަހަރު ނުފުރެނީސް ހައިޟުވުން ނުވަތަ މައްސަރު ކަންތައް ޖެހުމަކީ ރަހިމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. ހަމަ އެގޮތަށް އުމރުުން 50 އަހަރުން ދޮށީވެގެންދާއިރު ވެސް އިއްދައިން ނުކެނޑުމަކީ ނޫނީ އުމުރުން 55 އަހަރުވުމަށްފަހު އިއްދައިން ކެނޑުމަކީ ރަހިމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

(މ) އާއިލާގެ ތެރޭގައި ބަލިދައުރުވުން : ދިރާސާތަކުން ދައްކާގޮތުގައ ރަހިމުގެ ކެންސަރު ޖެހިފައިވާ މީހުންގެ އަންހެން ދަރިންނަށް ރަހިމުގެ ކެންސަރު ޖެހުމުގެ ފުރުޞަތު އެހެން މީހުންނަށްވުރެ ބޮޑެވެ. އާއިލާގެ ގާތްތިމާގެ މީހުންގެ ތެރޭގައި ރަހިމުގެ ކެންސަރު ކުރިން ޖެހިފައިވާ މީހުން ތިބިނަމަ، އެމީހަކަށް ރަހިމުގެ ކެންސަރު ޖެހުމުހެ ހިރާސް އިތުރުކުރުވައެވެ.

(ފ) ކުރިން ބައެއް ކަހަލަ ކެންސަރު ޖެހިފައިވުން : ކުރިން އުރަމަތީގެ ކެންސަރު އަދި ބިސްރަވައިގެ ކެންސަރު ޖެހިފައިވުމަކީ ރަހިމުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. ފަހަރުގައި މިއީ މާހައުލުގައި ހުންނަ އެއްގޮތް ސިފަތަކެއް ނުވަތަ އެމީހެއްގެ ޒާތުގައި ހުންނަ އެއްގޮތް ސިފަތަކެއްގެ ސަބަބުން ކުރިމަތިވާ ކަމަކަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިސާލަކަށް އުރަމަތީގެ ކެންސަރު ޖެހި ރަނގަޅުވާ މީހުންގެ ތެރެއިން ފަލަކޮށް ތިބޭމީހުންނަށް ރަހިމުގެ ކެންސަރު ޖެހުމުގެ ހިރާސް ބޮޑެވެ.

(ދ) ހޯރމޯން ތެރަޕީ ނެގުން : ހޯރމޯންގެ ފަރުވާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ހަމައެކަނި އެސްޓްރަޖަން ހިމެނޭ ހޯރމޯން ތެރަޕީ ނެގުމަކީ ރަހިމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުވާ ކަމެކެވެ. މިސަބަބާހުރެ ހަމައެކަނި އެސްޓްރަޖަން އެކުލެވޭ ހޯރމޯން ތެރަޕީ ޑޮކްޓަރުން ލިޔެދެއްވަނީ ރަހިމުގެ ނަގާފައިވާ އަންހެނުންނަށެވެ.

(ތ) ހަކުރު ބަލި ޖެހުން : ވަރަށް ގިނަ ދިރާސާތަކުން ދައްކާގޮތުގައި ހަކުރުބަލި ހުންނަ މީހުންގެ މެދުގައި ރަހިމުގެ ކެންސަރު އާންމެވެ. ނޫނީ ހަކުރުބަލީގެ އަހުލުވެރިންނަށް ރަހިމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރެވެ. ފަހަރުގައި މިއީ ބަރުދަން އިތުރުވެ، ބަރުހެލިވުމުން ދިމާވާ ކަމަކަށްވުމަކީ ވެސް ވެދާނެ ގޮތެކެވެ.

(ލ) އެހެނިހެން ކަންތައްތައް : ރަހިމުގެ ކެންސަރު ޖެހުމަށް މަގުފަހިކޮށްދާނެ އިތުރު ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ލޭމައްޗަށްދިއުން

·         އާއިލާގެ މެންބަރަކަށް ކުރިން ބިސްރަވަ، ރަހިމު، އަދި ގޮހޮރުގެ ކެންސަރު ޖެހިފައިވުން

·         ކައުޑެން ސިންޑްރޯމް ނުވަތަ ލީންޗް ސިންޑްރޯމް ފަދަ ވާރުތަވާ ބައްޔެއް ހުރުން

·         ކަށިވަތް ނުވަތަ ޅިނދު ހިމެނޭ ހިސާބަށް ކުރިން ރޭޑިއޭޝަން ދީފައިވުން

·         ހަށިގަނޑުގައި އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަތިވުން

އަލާމާތްތައް

·         ކުރިމަތި ފަރާތުން ލޭއައުން : މިއީ ރަހިމުގެ ކެންސަރުގެ އެންމެ އާންމު އަލާމާތެވެ.ޚާއްޞަކޮށް އިއްދައިން ކެނޑުމަށްފަހު ކުރިމަތި ފަރާތުން ލޭއައުމަކީ ތަބީޢީ ކަމެއް ނޫނެވެ. އިއްދައިން ނުކެނޑޭނަމަ ތަބީޢީ ނޫން ގޮތެއްގައި ކުރިމަތިން ލޭއައުން ކަމުގައި ބެލެވޭ ކަންކަމުގެ ތެރޭގައި މައްސަރުގެ ތެރޭގައި މާގިނައިން ކުރިމަތި ފަރާތުން ލޭއައުން، އަދި ދެމައްސަރު ދޭތެރޭގައި ކުރިމަތި ފަރާތުން ލޭއައުން ފަދަ ކަންތައްތައް ހިމެނެއެވެ.

o       މައްސަރު ކަންތައް ޖެހުމުން މާގިނައިން ކުރިމަތި ފަރާތުން ލޭއައުން

o       މައްސަރު ކަންތައް ރަނގަޅުނުވެ، ދިގުލައިދިއުން

o       މަހަކު އެއްފަހަރަށްވުރެ ގިނައިން މައްސަރުކަންތައް ޖެހުން

o       ޖީންސީގުޅުން ހިންގުމުގެ ކުރިން ނޫނީ ޖިންސީގުޅުން ހިންގުމުގެ ފަހުން ކުރިމަތި ފަރާތުން ލޭއައުން

o       އިއްދައިން ކެނޑުމަށްފަހު ވެސް ކުރިމަތި ފަރާތުން ލޭއައުން

o       މައްސަރު ކަންތައް ޖެހުން ނޫން ދުވަސްވަރު ވެސް ކުރިމަތި ފަރާތުން ލޭއައުން

o       އާދަޔާ ޚިލާފަށް ދޭތެރެ ދޭތެރެ އިން އަންހެނުންގެ ކުރިމަތި ފަރާތުން ލޭއައުން

·         ޑީއެންސީ ހެދުމަށްފަހު ނަގާ ތަކެތިން ކެންސަރުގެ އަސަރު ފެނުން

·         ކުރިމަތި ފަރާތުން ފެން ކަހަލަ ހަޑިއެއްޗެހި އައުން :އެގޮތުން އަންނަ އެއްޗެހީގައި ވަރަށް ނުބައި ވަހެއް ހުރެދާނެ އެވެ.

·         ބަރުދަން ލުއިވުން

·         ކުޑަކަމުދާން އުނދަގޫވުން

·         ބަނޑުގައި ރިހުން

·         ޖިންސީގުޅުން ހިންގާއިރު ތަދުވުން

·         ކުޑަކަމުދާތަކެތީގައި ލޭހުރުން

ރަހިމުގެ ކެންސަރު ޖެހި ގިނަ ދުވަސްވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި

·         އުނަގަނޑުގައި ރިހުން

·         ކާހިތްނުވުން

·         ވަރުބަލިވުން

·         މޭނުބައިކުރުން

ކުރިމަތި ފަރާތުން ލޭއައުމަކީ ރަހިމުގެ ކެންސަރު ނޫން ބައެއް ބަލިތަކުގައި ވެސް ފެނިދާނެ އަލާމާތެކެވެ. އެގޮތުން ކުރިމަތި ފަރާތުން ލޭއައުން ކުރިމަތިކުރުވާ ބަލިތަކުގެ ތެރޭގައި އަންނަނިވި ބަލިތައް ހިމެނެއެވެ.

·         އެންޑޯމެޓްރީއޯސިސް

·         ރަހިމުގައި ފައިބްރޮއިޑް ހެދުން

·         ރަހިމުގެ ބަތާނަފަށް ބޯވުން

·         ރަހިމުގެ ބަތާނަފަށުގައި ޕޮލީޕް ހެދުން

·         ވަކި ސަބަބެއްނެތި ލޭއައުން (ޑިސްފަންކްޝަނަލް ޔުޓެރައިން ބްލީޑިންގ)

ދެނެގަތުން

އާންމު ގޮތެއްގައި ރަހިމުގެ ކެންސަރު ދެނެގަތުމަށްޓަކައި ކުރެވޭ ކަންތައްތަކާއި ހެދޭ ޓެސްޓުތައް ތިރީގައި މިވަނީ އެވެ.

(ހ) ޖިސްމާނީ ގޮތުން ބެލުން : އާންމު ގޮތެއްގައި ބަލިމީހާގެ ބަނޑު ބަލައި ޗެކުކުރާނެއެވެ. މިއީ އެއްވެސް ކަހަލަ ދުޅައެއް ތަފާތު ކަމެއް ހުރިތޯ ބެލުމަށް ކުރާ ކަމެކެވެ. އެއަށްފަހު ޕެލްވިކް އެގްޒާމް ހަދާނެއެވެ. ޕެލްވިކް އެގްޒާމް ހެދުމަށް ކުރިމަތި ފަރާތަށް އެއްއަތުގެ ދެއިގިލި ލުމަށްފަހު، އަނެއްއަތުން ދަށްބަނޑަށް އޮންބައި،  ކުރިމަތި ފަރާތާއި، ރަހިމުގެ ތެރޭގައި އެއްވެސް ކަހަލަ ތަފާތު ކަމެއް އިހުސާސްވޭތޯ ބަލާނެއެވެ. ބައެއް ފަހަރު ސްޕެކިޔުލަމް ކުރިމަތި ފަރާތަށް ލައްވައި ހުޅުވާލުމަށްފަހު، ކުރިމަތި ފަރާތާއި، ރަހިމުގެ ދޮރުގެ ހާލަތު ދެނެގަންނާނެ އެވެ.

(ށ) ޓްރާންސްވެޖައިނަލް އަލްޓްރާ ސައުންޑް : މިއީ ކުރިމަތި ފަރާތް ސްކޭން ކުރުމެވެ. އެގޮތުން ކުރިމަތި ފަރާތް ސްކޭން ކުރުމަށް ބޭނުންކުރަނީ ކުޑަ ޕްރޯބެކެވެ. މިޕްރޯބަކީ ސްކޭނަރ އެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ. މިސްކޭންގެ އެހީގައި ބިސްރަވަ، އަދި  ރަހިމުގެ ސައިޒު އެނގޭނެ އެވެ. އަދި ރަހިމުގެ އެތެރޭގެ ބަތާނަފަށުގެ ބޯމިން ހުރިވަރު ދެނެގަނެވޭނެ އެވެ. އެއްވެސް އާދަޔާ ޚިލާފުކަމެއް ފާހަގަވެއްޖެނަމަ ބަޔޮޕްސީ ހެދުމަށް ލަފާދޭނެއެވެ.

(ނ) ބަޔޮޕްސީ ހެދުން : އާންމު ގޮތެއްގައި ރަހިމުގެ ކެންސަރު ހުރެއްޖެނަމަ ހަދައި އުޅެނީ ރަހިމުގެ ބަތާނަ ފަށުގެ ބަޔޮޕްސީ(endometrial biopsy) އެކެވެ. ބަޔޮޕްސީ ހެދުމަށްޓައި ތުނި، ހިމަ ހޮޅިއެއް ކުރިމަތި ފަރާތުން ލައްވައި، ރަހިމަށް ފޯރުވުމަށްފަހު، ރަހިމުގެ ބަތާނަ ފަށުން އެތިކޮޅެއް (ދިރުކޮޅެއް / ސެލްތަކެއް) ނެގޭނެ އެވެ. އެއަށްފަހު ނެގުނު ސެލްތައް ލެބޯޓަރީގައި ޓެސްޓު ކުރެވޭނެ އެވެ. އާންމު ގޮތެއްގައި ބަޔޮޕްސީ ހަދާއިރު ފަހަރުގައި ކޮންމެވެސް މިންވަރަކަށް ތަދުހުރެދާނެ އެވެ. އެހެންކަމުން ބަޔޮޕްސީ ހެދުމުގެ ކުރިން ބޭނުންނަމަ، ތަދުކަނޑުވާ ބޭހެއް ބޭނުންކޮށްލެވިދާނެ އެވެ.

(ރ) ހިސްޓިރޮސްކަޕީ ހެދުން : މީގެ މާނައަކީ ޓެލެސްކޯޕް-ކަހަލަ ޑިވައިސް (ހިސްޓިރޯސްކޯޕް) އެއް ކުރިމަތި ފަރާތުން ލައްވައި، ރަހިމަށް ފޯރުވުމަށްފަހު، ރަހިމުގެ އެތެރެ ބެލުމެވެ. ނުވަތަ މިއީ ކެމެރާއެއް ލައްވައިގެން ރަހިމުގެ އެތެރެ (ބަތާނަފަށް) ބެލުމެވެ. ހިސްޓިރޮސްކަޕީ ހެދުމުގެ ތެރޭގައި ވެސް ބަޔޮޕްސީ ހެދުމަށް ބޭނުންވާ ސެލްކޮޅެއް ނޫނީ ޓިޝޫ ކޮޅެއް ރަހިމުގެ ބަތާނަ ފަށުން ނެގިދާނެ އެވެ.

(ބ) ލޭ އަދި ކުޑަކަމުދާ ތަކެތި ޓެސްޓުކުރުން : މިއީ އާންމުކޮށް އެއްވެސް ކަހަލަ އިތުރު މައްސަލަތަކެއް ހުރިތޯ ބެލުމަށް ހަދައިފާނެ ޓެސްޓު ތަކެކެވެ.

(ޅ) ރަހިމުގެ ކެންސަރުކަން ކަނޑައެޅުމަށްފަހު އޭގެ ދަރަޖަކުރުމަށް ހެދޭ ޓެސްޓުތައް :ރަހިމުގެ ކެންސަރުކަން ކަނޑައެޅުމަށްފަހު ކެންސަރު ދަރަޖަ ކުރުމަށް އިތުރު ޓެސްޓުތައް ހެދެއެވެ. އެގޮތުން ހެދޭ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.

ü      މޭގެ އެކްސްރޭ ނެގުން : ފުއްޕާމެޔަށް ކެންސަރުގެ އަސަރު ގޮސްފައިވޭތޯ ބެލުމަށް މޭގެ އެކްސްރޭ ނެގެއެވެ.

ü      އެމްއާރުއައިހެދުން : މިއީ ހަށިގަނޑުގެ އެހެން ބައިތަކަށް ކެންސަރު ފެތުރިފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

ü      ސީޓީ ސްކޭން ހެދުން : މިއީ ހަށިގަނޑުގެ އެހެން ބައިތަކަށް ކެންސަރު ފެތުރިފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

ü      ޕެޓް ސްކޭން ހެދުން : މިއީ ވެސް ހަށިގަނޑުގައި ކެންސަރުގެ އަސަރު ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ.

ރަހިމުގެ ކެންސަރު ބަހާލެވިފައިވާ ދަރަޖަތައް

ރަހިމުގެ ކެންސަރު ދަރަޖަކުރެވި ބަހާލެވިފައިވާ ގޮތް ތިރީގައި މިވަނީ އެވެ.

ދަރަޖަ

ތަފްސީލް

1A

ރަހިމުގެ މަސްފަށަލަ އަށް (މަސްފަށަލައިގެ ½ އަށްވުރެ ކުޑަކޮށް) ކެންސަރު ފެތުރުން

1B

ރަހިމުގެ މަސްފަށަލަ އަށް (މަސްފަށަލައިގެ ½ އަށްވުރެ ބޮޑަށް) ކެންސަރު ފެތުރުން

2

ރަހިމުގެ ކެންސަރު ރަހިމުގެ ދޮރަށް ފެތުރުން

3A

ރަހިމުގެ ބޭރު ދުއްޔަށް ކެންސަރު ފެތުރުން ، ނުވަތަ ، ބިސްދަތުރުކުރާ ހޮޅި އަދި ބިސްރަވައަށް ފެތުރުން

3B

ކުރިމަތިފަރާތަށް (ޖިންސީގުނަވަން) ކެންސަރު ނުވަތަ ރަހިމުގެ ވަށައިގެންވާ ސެލޯށިތަކަށް ފެތުރުން

3C

ކައިރީގައިވާ ލިމްފް ގޮށްތަކަށް ކެންސަރު ފެތުރުން

4A

ރަހިމުގައި އުފެދުނު ކެންސަރު ބޮޑު ގޮހޮރަށް ނޫނީ މަސާނާއަށް ފެތުރިގެންދިއުން

4B

ދުރުގައިވާ ލިމްފް ގޮށްތަކަށް ކެންސަރު ފެތުރުން/ފުއްޕާމޭ، ފުރަމޭ، ސިކުނޑި ކަށިފަދަ ގުނަވަންތަކަށް ފެތުރުން

ފަރުވާ

ރަހިމުގެ ކެންސަރު ބަލީގެ އަސަރު ކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރުންނެވެ. އެގޮތުން އާންމުކޮށް ރަހިމުގެ ކެންސަރަށް ދެވޭ ފަރުވާތައް ތިރީގައި މިވަނީ އެވެ. ހަގީގަތަށް ބަލާނަމަ ރަހިމުގެ ކެންސަރުގެ މައިގަނޑު ފަރުވާ އަކީ ރަހިމު(ރަހިމުގެ ދޮރު ހިމެނޭގޮތަށް)، ބިސްދަތުރުކުރާ ހޮޅިއާއި އަދި ބިސްރަވަ ހިމެނޭގޮތަށް އޮޕަރޭޝަންކޮށްގެން ނެގުމެވެ. އެއަށްފަހު ރޭޑިއޭޝަން ތެރަޕީ އަދި ކީމޯތެރަޕީ ވެސް ކުރިޔަށް ގެންގޮސްދާނެ އެވެ.

އޮޕަރޭޝަންކުރުން

ރަހިމުގެ ކެންސަރުގެ ފަރުވާގައި ދެވޭ އެންމެ އާންމު ފަރުވާ އަކީ އރަހިމާއި، ރަހިމުގެ ދޮރު އޮޕަރޭޝަންކޮށްގެން ނެގުމެވެ. މިއޮޕަރޭޝަނަށް ކިޔަނީ "ޓޯޓަލް ހިސްޓިރެކްޓަމީ"(total hysterectomy) އެވެ. މާނައަކީ އޮޕަރޭޝަންކޮށްގެން އެއްކޮށް ރަހިމު (ރަހިމުގެ ދޮރުވެސް ހިމެނޭގޮތަށް) ނެގުމެވެ. ބައެއް ފަހަރު ރަހިމާއި، ރަހިމުގެ ދޮރުގެ އިތުރުން ދެފަރާތުގެ ބިސްދަތުރުކުރާ ހޮޅިއާއި، ދެފަރާތުގެ ބިސްއުފައްދާ ތަން ނުވަތަ ބިސްރަވަ ވެސް އޮޕަރޭޝަންކޮށްގެން ނެއެވެ. މި އޮޕަރޭޝަނަށް ކިޔަނީ "ބައިލެޗްރަލް ސަލްޕިންގޯ – އޫފެރެކްޓަމީ"(bilateral salpingo-oophorectomy) އެވެ.

އާންމު ގޮތެއްގައި މިގޮތަށް އޮޕަރޭޝަންކުރާއިރު ބިސްރަވަ ނެގޭ ސަބަބަކީ ބިސްރަވަ ނުނަގައިފިނަމަ، ބިސްރަވައިން ދޫކުރާ އެސްޓްރަޖަން ހޯރމޯންގެ ސަބަބުން ކެންސަރުގެ ސެލްތައް ހެދިބޮޑުވެ، އަލުން ކެންސަރު އުފެދުމުގެ ފުރުޞަތު އޮވެދާނެތީ އެވެ.

ބަނޑުން ތަންކޮޅެއް ކަފާލައިން ނޫނީ ބަނޑުގައި ލޯވަޅު އަޅައިގެން ވެސް މިއޮޕަރޭޝަން ކުރެވެއެވެ. ހޭނައްތައިގެން ކުރާ މިއޮޕަރޭޝަންގެ ތެރޭގައި ވަށައިގެން ހުންނަ ލިމްފް ގޮށްތައް ވެސް ނަގައިފާނެ އެވެ. ޚާއްޞަކޮށް ކަށިވަތުގައި ނޫނީ ޅިނދުގައި ހުންނަ ލިމްފް ގޮށްތައް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

އާންމުކޮށް ކުރެވޭ އޮޕަރޭޝަންތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އޮޕަރޭޝަންކޮށްގެން ރަހިމު ރަހިމުގެ ދޮރާއި އެއްކޮށް ނެގުން

·         އޮޕަރޭޝަން ކޮށްގެން ރަހިމު، ބިސްދަތުރުކުރާ ހޮޅި، ބިސްރަވައާއި އެއްކޮށް ނެގުން

·         އޮޕަރޭޝަން ކޮށްގެން ކަށިވަތުގެ ލިމްފް ގޮށްތައް ނެގުން

ރޭޑިއޭޝަން ތެރަޕީ ދިނުން

ރޭޑިއޭޝަން ތެރަޕީ އަކީ ކެންސަރުގެ ސެލްތައް މަރާލައި، އޭގެ އަސަރު ނައްތާލުމަށްޓަކައި ދެވޭ ފަރުވާ އެކެވެ. އާންމު ގޮތެއްގައި މިފަރުވާ ދެވެނީ ކެންސަރު އަލުން އުފެދުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައެވެ. މީގެ އިތުރުން އޮޕަރޭޝަން ކުރުމަށް ނުކުޅެދޭ ނޫނީ އޮޕަރޭޝަން ނުކުރެވޭ ހާލަތްތަކުގައި ވެސް އެމީހަކަށް ރޭޑިއޭޝަން ދީގެން ފަރުވާ ކުރެވެއެވެ.

ރޭޑިއޭޝަން ގެ ފަރުވާ ދެގޮތަކަށް ދެވެއެވެ. އެއީ އެކްސްޓާނަލް ރޭޑިއޭޝަން އަދި އިންޓާނަލް ރޭޑިއޭޝަން އެވެ. ކަށިވަތް ނޫނީ ޅިނދު ހިމެނޭ ހިސާބަށް ރޭޑިއޭޝަންގެ ފަރުވާ ދިނުމަކީ ފަހަރުގައި އިއްދައިން ކެނޑުން ކުރިމަތިކުރުވައިފާނެ ކަމެކެވެ.

ހޯރމޯން ތެރަޕީ ދިނުން

ހޯރމޯން ތެރަޕީ ދެނީ އާންމު ގޮތެއްގައި އޮޕަރޭޝަން ކުރުމަށްފަހު ނޫނީ ރޭޑިއޭޝަން ދިނުމަށްފަހު ކެންސަރު އަނބުރާ އާލާވެއްޖެނަމަ އެވެ. ނޫނީ ކެންސަރު ދުރު ހިސާބުތަކަށް ފެތުރިފައިވާނަމަ އެވެ. ރަހިމުގެ ކެންސަރު ޖެހިފައިވާ އަންހެނުންނަށް އެންމެ އާންމުކޮށްދެވޭ ހޯރމޯންގެ ފަރުވާ އަކީ "ޕްރޮޖެސްޓަރޯން ހޯރމޯން" އެވެ. މި ހޯރމޯން ދެވެނީ ގުޅަ ބޭސް ނޫނީ އިންޖެކްޝަންގެ ސިފައިގައެވެ. މިއީ ކެންސަރުގެ ޓިއުމަރު ހިންދާލައި، ކެންސަރު އުދަނގޫތައް ލުއިކޮށް ކުޑަކުރުމަށް ދީއުޅޭ ފަރުވާ އެކެވެ.

ކީމޯތެރަޕީ ދިނުން

ކީމޯތެރަޕީ އަކީ ރަހިމުގެ ކެންސަރުގެ ފަރުވާގައި ބައެއް ފަހަރު ދީއުޅޭ ފަރުވާ އެކެވެ. އެގޮތުން އޮޕަރޭޝަންކޮށްގެން ކެންސަރުގެ ޓިއުމަރު ނެގުމަށްފަހު، ނޫނީ ރޭޑިއޭޝަން ދީގެން ކެންސަރުގެ ސެލްތައް މަރާލައި، ނައްތާލުމަށްފަހު، ކެންސަރުގެ ސެލްތައް އަނބުރާ ދިރި، ކެންސަރު އާލާވެއްޖެނަމަ ނޫނީ ހޯރމޯންގެ ފަރުވާއަށް ކެންސަރު ނުގުޑައިފިނަމަ ކީމޯތެރަޕީ ދީ އުޅެއެވެ. މިއީ ކެންސަރު ކޮންޓްރޯލްކޮށް، ކެންސަރުގެ އުދަނގޫތައް ކުޑަކޮށް ލުއިކުރުމަށް ދީއުޅޭ ފަރުވާ އެކެވެ. އާންމު ގޮތެއްގައި ކީމޯތެރަޕީ ދީއުޅެނީ ލޭނާރަށްޖަހާ އިންޖެކްޝަންގެ ސިފައިގައެވެ.

ރަހިމުގެ ކެންސަރުގެ ހިރާސް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

ރަހިމުގެ ކެންސަރުން ރައްކާތެރިވުމަށް ކުރެވޭނެ ވަކި ޚާއްޞަ ކަންތައްތަކެއް ނެތެވެ. ނަމަވެސް ކެންސަރު ޖެހުމުގެ ހިރާސް ކުޑަކުރުމަށްޓަކައި އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.

·         ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުން

·         ގަވާޢިދުން ކަސްރަތުކުރުމާއި ހެލިފެލިވެއުޅުން އިތުރުކުރުން

·         ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރެއްގައި ބެހެއްޓުމަށް މަސައްކަތްކުރުން

·         އެސްޓްރަޖަން ހޯރމޯން ބޭނުންކުރާނަމަ، އެއާއެކު ޕްރޯޖެސްޓަރޯން ހޯރމޯން ބޭނުންކުރުން

ހަވާލާ

·         މުހައްމަދު އިސްމާޢީލް ފުޅު : ކެންސަރ ދެނެގަންނާނީ ކިހިނެއް؟

·         ޔާސިރު ޞާލިހް : ކެންސަރ ފުރާނައަށް ނުރައްކާތެރި ބައްޔެއް

·         https://www.cancer.org.au/cancer-information/types-of-cancer/uterine-cancer

·         https://www.nhs.uk/conditions/womb-cancer/

·         https://www.cdc.gov/cancer/gynecologic/basic_info/index.htm

·         https://www.cancerresearchuk.org/about-cancer/womb-cancer

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment