Thursday, February 19, 2015

ކުއްލިއަކަށް ހިތް ހުއްޓުން


ކުއްލިއަކަށް ހިތް ހުއްޓުން
ހިތް ހުއްޓުމަ(Cardiac Arrest) ކީ ހިތް ކޮންޓްރެކްޓުވުން ފޭލްވުމުގެ ސަބަބުން ކުއްލި އަކަށް ހަށިގަނޑުގެ ބައިތަކަށް ލޭފޯރުކޮށްދިނުން ހުއްޓުމަކަށް އައުމެވެ. ބައެއް ފަހަރު ހިތް ހުއްޓުން އަށް ލޭދައުރުވުން ހުއްޓުން މިހެން ވެސް ކިޔައި އުޅެއެވެ. ހިތް ހުއްޓުމުން ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން ފޯރުކޮށެއް ނުދޭނެއެވެ. މިހާލަތަށް ކުއްލިއަކަށް ހިތް ހުއްޓުން މިހެން ވެސް ކިޔައެވެހިތް ހުއްޓުން ކުރިމަތިވެއްޖެނަމަ ސިކުނޑި އަށް އޮކްސިޖަން ފޯރުކޮށްދިނުން ހުއްޓި، ހޭނެތުން، ނުވަތަ ޚަބަރު ހުސްވުން، ނޭވާ ހުއްޓުން، ނުވަތަ ނޭވާލުން ދަށްވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ

ކުއްލިއަކަށް ހިތް ހުއްޓުމަކީ(sudden cardiac arrest) ކުރިން އެއްވެސް އިންޒާރެއް އަދި ސީރިޔަސް ބައްޔެއްގެ އަލާމާތެއް ފެނުމެއްނެތި، ކުއްލިއަކަށް ހިތުގެ ވިންދު އެކީގައި ހުއްޓުމެވެ. މިހެން ދިމާވުމުން ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ކަމަށްވާ ސިކުނޑި އަދި އެނޫން ވެސް މުހިއްމު ގުނަވަންތަކަށް ލޭގެންގޮސްދިނުން ހުއްޓެއެވެ. ނަތީޖާޢެއްގެ ގޮތުން މަދު މިނިޓްކޮޅެއްގެ ތެރޭގައި އެގުނަވަންތަކުގެ މަސައްކަތްކުރުން ވެސް ހުއްޓާލައެވެ. އަދި މިމަދު މިނިޓްކޮޅުގެ ތެރޭގައި ހިތުގެ ވިންދު އަލުން އަނބުރާ ނުގެނެވިއްޖެނަމަ، އެމީހާ މިދުނިޔެއާއި ވަކިވެއެވެ.

ކުއްލިއަކަށް ހިތް ހުއްޓުމަކީ އިންޒާރަކާ ނުލައި، ހިތުގެ މަސައްކަތް ހުއްޓި، ނޭވާލުން ހުއްޓި، ޚަބަރު ހުސްވުމެވެ. މިއީ ހިތުން ހިންގާ ކަރަންޓުގެ މަސައްކަތަށް ބުރޫއަރައި، ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިނުދިނުމުން ކުރިމަތިވާ ކަމެކެވެ. ކުއްލިއަކަށް ހިތް ހުއްޓުމަކީ އަވަސް ފަރުވާ ބޭނުންވާނެ ހާލަތެކެވެ. އެހެނީ އެކަށޭނަ ފަރުވާ ނުދެވިއްޖެނަމަ ކުއްލިއަކަށް "ހިތްމަރުވުން"(cardiac death) ކުރިމަތިވާނެ އެވެ. އަވަހަށް އެކަށޭނަ ފަރުވާ ދެވިއްޖެނަމަ ފުރާނަ ސަލާމަތް ކުރެވިދާނެ އެވެ. 

ހާރޓް އެޓޭކް ޖެހުމާއި ހިތް ހުއްޓުމުގެ ތަފާތު
ކުއްލިއަކަށް ހިތްހުއްޓުމާއި ހާރޓް އެޓޭކް ޖެހުން އާއި ތަފާތު ތަކެއްވެއެވެ. ހާރޓް އެޓޭކްޖެހުމުގެ މާނައަކީ ހިތުގެ މަސްތަކަށް ލޭ ގެނެސްދޭ ހޮޅިއެއް ބަންދުވުމުގެ ސަބަބުން، ހިތުގެ ހިނގުމަށް ބަދަލުއައިސް ވަކި ހިސާބަކަށް ލޭފޮނުވައިދިނުން ދަށްވެ، އެހިސާބުގެ މަސްގަނޑުން ބައެއް މަރުވުމެވެ. މިހާލަތުގައި ކުއްލިއަކަށް ހިތެއް ނުހުއްޓޭނެ އެވެ. ނަމަވެސް ހަދާން ބަހައްޓަންވީ ބައެއް ފަހަރު ހާޓް އެޓޭކް ޖެހުމުން ވެސް ހިތުގެ ކަރަންޓްގެ މަސައްކަތަށް ބުރޫއަރައި، ކުއްލިއަކަށް ހިތް ހުއްޓުމުގެ ބަދަލުގައި މަޑުމަޑުން ގޮސް، ހިތް ހުއްޓިދާނެ ކަމެވެ. ހިތް ހުއްޓުމަކީ ހިތް ކޮންޓްރެކްޓުވުން ފޭލްވުމުގެ ސަބަބުން ހިތުގެ ވިންދުޖެހުން އެއްކޮށް ހުއްޓި، ކުއްލި އަކަށް ހަށިގަނޑުގެ ބައިތަކަށް ލޭފޯރުކޮށްދިނުން ހުއްޓުމަކަށް އައުމެވެ.

ހާރޓް އެޓޭކް ޖެހުމަކީ ކޮބާ؟
ހިތް ހުއްޓުމަކީ ކޮބާ؟
ތައާރަފް
ހާޓް އެޓޭކް ޖެހެނީ ހިތުގެ ވަކި ހިސާބަކަށް ލޭފޯރުވައި ނުދިނުމުން
ހިތް ހުއްޓެނީ ހިތުގެ މަސައްކަތަށް ބުރޫއަރައި،ހިތުގެ ވިންދުޖެހުން އެއްކޮށް ހުއްޓުމުން

ބެދިފައިވާ ލޭހޮޅީގެ ސަބަބުން ހިތުގެ ވަކި ހިސާބަކަށް ލޭފޮނުވުމަށް ހުރަސްއަޅައެވެ. މިހެންވުމުން އެހިސާބުގެ މަސްގަނޑު މަރުވެއެވެ.
ހިތް ހުއްޓެނީ ހިތުގެ ކަރަންޓްގެ މަސައްކަތަށް ބުރޫއަރައި، ހިތުގެ ވިންދު ތަރުތީބު ގެއްލިދެއެވެ. މިހެންވުމުން ސިކުނޑި، ފުއްޕާމޭ ފަދަ މުހިއްމު ގުނަވަންތަކަށް ލޭފޮނުވުން ހުއްޓެއެވެ.
މައްސަލަ
ލޭދައުރުވުމުގެ މައްސަލައެއް
ހިތުން ހިންގާ ކަރަންޓްގެ މަސައްކަތުގެ މައްސަލައެއް
ވާގޮތް
އަލާމާތްތައް ކުއްލިއަކަށް ފެނިދާނެއެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭގައި ރިހުން، ނޭވާލާން އުދަނގޫވުން، ދާހިއްލުން، މޭނުބައިކުރުމާއި ހޮނޑުލެވުން ހިމެނެއެވެ. ހާޓް އެޓޭކެއް ޖެހުމުގެ ކުރިން މިއަލާމާތްތައް މަޑުމަޑުން ފެންނަމުން އިތުރުވަމުން އައިސްފާނެ އެވެ. ހިތް ހުއްޓުމާ ޚިލާފަށް ހާޓް އެޓޭކް ޖެހުނަސް އާންމުކޮށް ހިތުގެ  ވިންދުޖެހުމެއް ނުހުއްޓޭނެ އެވެ. ފަރުވާ ލިބުން ލަސްވާވަރަކަށް ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުވާނެ އެވެ.
ހިނދުކޮޅެއްގެ ތެރޭގައި ހޭނެތި، ނޭވާލުން ހުއްޓެއެވެ. އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ މަދު މިނިޓް ކޮޅެއްގެ ތެރޭގައި މަރުވެއެވެ.
ހާޓް އެޓޭކް ޖެހުމާއި ހިތް ހުއްޓުމާއި ހުރި ގުޅުން
ހާޓް އެޓޭކް ޖެހޭ ގިނަފަހަރު ހިތެއް ނުހުއްޓޭނެ އެވެ. ނަމަވެސް ހިތް ހުއްޓޭ ގިނަ ފަހަރު ހާޓް އެޓޭކް އެއީ އާންމު ސަބަބަށް އޮންނަނީ ވެފައެވެ. ހާޓް އެޓޭކް ޖެހުން ނޫން އެހެން ބައެއް ހާލަތްތަކުގެ ސަބަބުން ވެސް ހިތުގެ ވިންދުޖެހުމަށް ބުރޫއަރައި، ހިތް ހުއްޓުމަކީ ވެދާނެ ކަމެކެވެ.
ކުއްލިއަކަށް ހިތް ހުއްޓުމުން ފެނިދާނެ އަލާމާތްތައް
ކުއްލިއަކަށް ހިތް ހުއްޓުމުން ފެނިދާނެ އަލާމާތްތަކަކީ ވަރަށް އަވަހަށް ފެންނަ އަލާމާތްތަކެކެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·         ކުއްލިއަކަށް ޚަބަރު ހުސްވުން
·         ވިންދު ނުލިބުން (ވިންދުޖެހުން ހުއްޓުން)
·         ނޭވާނުލުން (ނޭވާލުން ހުއްޓުން)
ގިނަ ފަހަރު ކުއްލިއަކަށް ހިތް ހުއްޓެނީ ކުރިން އޭގެ އެއްވެސް އިންޒާރަކާ ނުލައި ހަމަ ކުއްލިއަކަށެވެ. ނަމަވެސް ބައެއް ފަހަރު ކުއްލިއަކަށް ހިތް ހުއްޓުމުގެ ކުރިން ބައެއް އެހެން އަލާމާތްތައް ފެނިދާނެ އެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·         ވަރުބަލިވެ ވާޅުވުން
·         ޚަބަރު ހުސްވުން
·         ހިނދުކޮޅަކަށް ހޭވެރިކަން ގެއްލުން
·         ބޯއެނބުރުން
·         މޭގައި ރިހުން
·         ނޭވާލާން އުދަނގޫވުން
·         ވަރުދެރަވުން
·         ވިންދު އަވަސްވުން
·         ހޮނޑުލުން
ދިމާވެދާނެ ނުރައްކާތައް
ކުއްލިއަކަށް ހިތް ހުއްޓުމަށްފަހު އެންމެ ފުރަތަމަ އޭގެ އަސަރު ކުރާނެ ގުވަނަކީ ސިކުނޑި އެވެ. ސިކުނޑިއަށް ލޭ އެކަށޭނަ ވަރަށް ނުލިބިއްޖެނަމަ ހޭނެތޭނެ އެވެ. ހިތުގެ ވިންދު ޖެހުން ހަމައަކަށް ނޭޅިއްޖެނަމަ، ސިކުނޑިއަށް ގެއްލުންވެ، ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ. ކުއްލިއަކަށް ހިތް ހުއްޓޭތާ 10 މިނިޓަށްވުރެ ގިނައިރު ވެއްޖެނަމަ ފުރާނަ ސަލާމަތްކުރުމަކީ ނާދިރު ކަމެކެވެ. 

ކުއްލިއަކަށް ހިތް ހުއްޓެން މެދުވެރިވާ ސަބަބުތައް
ކުއްލިއަކަށް ހިތް ހުއްޓުން މެދުވެރިވާ އަސްލު ސަބަބަކީ ހިތުގެ ވިންދުޖެހުމުގެ ތަރުތީބު އޮޅުން(arrhythmia) ނުވަތަ ވިންދުޖެހުން ތަރުތީބު ނުވުމެވެ. ހަށިގަނޑުގައި ހުންނަ އެހެން މަސްތަކާއި ޚިލާފަށް ހިތުގެ މަސްތަކުގައި ކަރަންޓްގެ މަސައްކަތް ހިންގަނީ ހިތުގެ ކަނާތް ފަރާތުގެ މަތީބައި "ކަނާތު އެޓްރީއަމް" ގައި "ސައިނަސް ނޯޑް" އޭ ކިޔާ ޚާއްޞަ ސެލްތަކަކުންނެވެ. ސައިނަސް ނޯޑް އިން ފޮނުވާ ކަރަންޓް ސިގުނަލް ތައް ހިތުގައި ވަކި ތަރުތީބެއްގެ މަތިން ދައުރުކުރަމުން ގެންދާނެ އެވެ. މިކަމުން ހިތުގެ ވިންދުޖެހުމާއި، ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވުމަށް އެހީތެރިވެދޭނެ އެވެ. 

ސައިނަސް ނޯޑް އިން ފޮނުވާ ކަރަންޓް ސިގުނަލްތަކަށް މައްސަލައެއް ދިމާވެއްޖެނަމަ،ހިތުގެ ކަރަންޓް ދަތުރުކުރަންޖެހޭ ތަރުތީބުން ދަތުރު ނުކުރުމުގެ ސަބަބުން ހިތުގެ ވިންދުޖެހުމުގެ ތަރުތީބު އޮޅުން(arrhythmia)  ނުވަތަ ވިންދުޖެހުން ތަރުތީބުނުވާގޮތް ވެއެވެ. މާނައަކީ ހިތުގެ ވިންދުޖެހުން އަވަސްވުން، ނުވަތަ ހިތުގެ ވިންދުޖެހުން ލަސްވުން ކުރިމަތި ކުރުވައެވެ. ހިތުގެ ވިންދުގެ ތަރުތީބު އޮޅުމަކީ ބައެއް ފަހަރު ކުއްލިއަކަށް ހިތް ހުއްޓިދާނެ ކަމެކެވެ. އެންމެ އާންމުކޮށް ހިތް ހުއްޓެނީ "ވެންޓްރިކިޔަލަރ ފިބްރަލޭޝަން"(ventricular fibrillation) އޭކިޔާ ހިތުގެ ވިންދުގެ ތަރުތީބުނުވުމުގެ ވައްތަރަކުންނެވެ. 

ކުއްލިއަކަށް ހިތް ހުއްޓެން މެދުވެރިވާ ހިތުގެ މައްސަލަތައް
(ހ) - ހިތުގެ ލޭހޮޅިތަކުގެ ބަލިތައް (coronary heart disease):ހިތުގެ މަސްތަކަށް ލޭގެނެސްދޭ ލޭހޮޅިއެއްގައި ތެރޭގައި ގަނޑުލޭކޮޅު އުފެދުން ނުވަތަ ސަރުބީގެ ސަބަބުން ލޭހޮޅިއެއް ބެދި، ބަންދުވެ، ލޭނުލިބި، ހިތުގެ މަސްގަނޑުގެ ވަކި ހިސާބެއް މަރުވެއްޖެކަމަށްވާނަމަ، އެތަނުން އެދަތުރުކުރާ ކަރަންޓް އެހެން ހިސާބުތަކަށް ގެންގޮސް ދިނުމުގައި ހުރަސްތަކެއް ދިމާވެއެވެ. ހިތުގެ ކަރަންޓް ދަތުރުކުރަންޖެހޭ ތަރުތީބުން ދަތުރު ނުކުރުމުގެ ސަބަބުން ހިތުގެ ވިންދު ތަކުގެ ތަރުތީބު އޮޅި، ލޭ ޕަމްޕްކުރުމުގައި މައްސަލަ ދިމާވެއެވެ. މިއީ ކުއްލިއަކަށް ހިތް ހުއްޓިދާނެ ސަބަބެކެވެ.

(ށ) - ހާޓް އެޓޭކް ޖެހުން (heart attack):ހިތުގެ ލޭހޮޅިތަކުގެ ބައްޔެއްގެ ސަބަބުން، ހާޓް އެޓޭކް ޖެހިއްޖެނަމަ، "ވެންޓްރިކިޔަލަރ ފިބްރަލޭޝަން" ކުރިމަތިވެ، ކުއްލިއަކަށް ހިތް ހުއްޓުމަކީ ވެދާނެ ގޮތެކެވެ. މީގެ އިތުރުން ހާޓް އެޓޭކް ޖެހުމަކީ ހިތުގައި މަސްގަނޑުގައި ލަކުނު އުފެދޭނެ ކަމެކެވެ. މިގޮތަށް އުފެދޭ ލަކުނުތަކުގެ ވަށައިގެން ހުންނަ ކުދި ކަރަންޓް ސާކެޓް ތަކުގެ ސަބަބުން ހިތުގެ ވިންދު ތަރުބީއޮޅި ހިތް ހުއްޓޭގޮތް ވެއެވެ. 

(ނ) - ހިތުގެ މަސްގަނޑަށް ޖެހޭ ބަލިތައް / ހިތުގެ ސައިޒުން ބޮޑުވުން (cardiomyopathy): މިގޮތަށް އާންމުކޮށް ދިމާވަނީ ހިތުގެ މަހުގެ ފާރު ދެމި، ބޯވެ، ބޮޑުވުމުންނެވެ. މިހެންވުމުން ހިތުގެ ޓިޝޫތަކަށް ގެއްލުންވެ، ހިތުގެ ވިންދަށް ބަދަލު އައިސް ހިތް ހުއްޓޭގޮތް ވެއެވެ. 

(ރ) -ހިތުގެ ވޭލްތަކުގެ ބަލިތައް (valvular heart disease):ހިތުގެ ވޭލްތައް ހިމަވުން، ނުވަތަ އެވޭލްތަކުން ލޭ ލީކުވުމަކީ ހިތުގެ މަސް ފަށަލަ ދެމި، ބޯވާނެ ކަމެކެވެ. މިހެންވުމުން ހިތް އުފެދުމުގައި ބަހާލެވިފައިވާ ބައިތައް(chambers) ބޮޑުވެ، ހިތުގެ ވިންދު ތަރުތީބު އޮޅުމުގެ ފުރުޞަތު އިތުރުކުރެއެވެ. ހިތުގެ ވިންދަށް ބަދަލު އައުމަކީ ކުއްލިއަކަށް ހިތް ހުއްޓިދާނެ ކަމެކެވެ. 

(ބ) - އުފެދުމުގައި ހުންނަ ހިތުގެ ބަލިތައް (congenital heart disease): ކުޑަކުދިންނަށް ނުވަތަ ފުރާއުމުރުގެ ކުދިންނަށް ކުއްލިއަކަށް ހިތް ހުއްޓުން ކުރިމަތިވަނީ އުފެދުމުގައި ހުރި ހިތުގެ ބައްޔެއްގެ ސަބަބުން ކަމަށް ވެދާނެ އެވެ. އުފެދުމުގައި ހިތުގައި އުފެދޭ ޢައިބެއް ރަގަޅުކުރުމަށް އޮޕަރޭޝަން ކޮށްފައިތިބޭ ބޮޑެތި މީހުންނަށް ވެސް ކުއްލިއަކަށް ހިތް ހުއްޓުމުގެ ފުރުޞަތު އޮންނަކަން ފާހަގަ ކުރެވެއެވެ.

(ޅ) -ހިތުގެ ކަރަންޓް ދައުރުކުރުމުގެ މައްސަލަތައް :ހިތުގެ ލޭހޮޅިތަކާއި، ވޭލްތައް، މަސްގަނޑުގައި ހުންނަ މައްސަލައެއްގެ ބަދަލުގައި ހިތުގެ ކަރަންޓް ދައުރުކުރުމުގައި ހުންނަ މައްސަލައެއްގެ ސަބަބުން ވެސް ކުއްލިއަކަށް ހިތް ހުއްޓިދާނެއެވެ. މިފަދަ ހާލަތްތަކުގެ ތެރޭގައި "ބުރުގެޑާ ސިންޑްރޯމް"(brugada syndrome) "މާރފަން ސިންޑްރޯމް"(marfan syndrome) "މެޔޯކާޑައިޓިސް"، އަދި "ލޯންގ ކިޔޫޓީ ސިންޑްރޯމް"(long QT syndrome) ހިމެނެއެވެ.

(ކ) - އެހެނިހެން ސަބަބުތައް :
-         ލޭގެ ތެރޭގައި ހިމެނޭ ޕޮޓޭސިއަމް ގިނަވުމަކީ ވެސް ހިތުގެ ކަރަންޓް ސަޕްލައިއަށް އަސަރުކުރާ ކަމެކެވެ. އޭގެ ސަބަބުން ހިތުގެ ވިންދަށް ބަދަލު އައިސް ހިތް ހުއްޓޭގޮތް ދިމާވެއެވެ
-         ހިތުގެ ވިންދުޖަހާ ތަރުތީބަށް ބަދަލުގެންނަ ކަންތައްތައް ތަކުގެ ތެރޭގައި ވަކިވައްތަރެއްގެ ބޭސް މާގިނައިން ބޭނުންކުރުމުގެ ސަބަބުން އޭގެ ވިހައިގެ އަސަރު ލޭގެ ތެރެއަށް ފެތުރިގެން ދިއުން ފަދަ ކަންތައްތައް ހިމެނެއެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ލޭގައި ދައުރުކުރަންޖެހޭ އޮކްސިޖަން ސަޕްލައި މަދުވުން ވެސް ހިމެނެއެވެ. މިއީ ވެސް ކުއްލިއަކަށް ހިތް ހުއްޓިދާނެ ސަބަބެކެވެ
-         ސަޔަނައިޑް އަދި ކާބަން މޮނޮކްސައިޑް ފަދަ ވިހަތަކަކީ ލޭގެތެރޭގައިވާ ހިމަގްލޯބިންގެ މަސައްކަތަށް އަސަރު ފޯރުވާ އެއްޗިއްސަށް ވުމާއެކު ލޭގެ ތެރޭގައިވާ އޮކްސިޖަން ސަޕްލައި ދަށްވެ، ހިތުގެ މަސައްކަތަށް އިސާހިތަކު އަސަރުކުރެއެވެ. މިއީވެސް ކުއްލިއަކަށް ހިތްހުއްޓެން ދިމާވާ ސަބަބެކެވެ
-         ސިކުނޑިއާއި ފަތިނާރުތަކަށް އަސަރުކުރާ ކަހަލަ ބައެއް ބޭސްތައް ކަމަށްވާ ތަދުކަނޑުވާ ބައެއް ބޭސްތަކުން ވެސް ސިކުނޑި ނިންދުވާލައެވެ. ސިކުނޑީގައި އަބަދުވެސް ހޭލާ ހުންނަންޖެހޭ މަރުކަޒުތައް ނިދައިފިނަމަ ނޭވާލުން ފަދަ މުހިއްމު ވަޒީފާތައް ހަދާން ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތެއްގައި ހިތުގެ ހިނގުމަށް ބަދަލު އަންނާނެއެވެ
-         ކުއްލިއަކަށް ހިތްހުއްޓި މަރުވުމަކީ ބައެއް ފަހަރު ނިދީގައި ވެސް ވެދާނެ ކަމެކެވެ. އޭގައި އެއްވެސް ސަބަބެއް ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މަގުފަހިކުރާ ކަންތައްތައް
ކުއްލިއަކަށް ހިތް ހުއްޓުމަކީ ވަރަށް ބޮޑަށް ހިތުގެ ލޭހޮޅިތަކަށް ޖެހޭ ބަލިތަކާއި ގުޅިފައިވާ ކަމަކަށްވުމާއެކު، ހިތުގެ ލޭހޮޅިތަކަށް ބަލިޖެހުމަށް މަގުފަހިކުރާ ކަންތައްތަކަކީ އެކަންތައްތަކުގެ ސަބަބުން ކުއްލިއަކަށް ހިތް ހުއްޓިދާނެ ކަންކަން ފާހަގަ ކުރެވެއެވެ. އެގޮތުން ކުއްލިއަކަށް ހިތް ހުއްޓުން މެދުވެރިވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:-
·         އާއިލާގެ ތެރޭގައި ހިތުގެ ލޭހޮޅިތަކަށް ޖެހޭ ބަލިތައް ދައުރުވަމުން ދިއުން
·         ދުންފަތުގެ އިސްތިއުމާލުކުރުން
·         ލޭމައްޗަށްދިއުން
·         ލޭގައި ސަރުބީ މަތިވުން
·         އާދަޔާ ޚިލާފަށް ފަލަވެ ބަރުހެލިވުން
·         ހަކުރު ބަލި ޖެހުން
·         ހެލިފެލިވެ އުޅުން މަދުވުން
·         މާގިނައިން ބަނގުރާ ބުއިން
ކުއްލިއަކަށް ހިތް ހުއްޓުން މެދުވެރިވެދާނެ އެހެން ބައެއް ސަބަބުތަކުގެ ތެރޭގައި:-
·         ކުރިން ހިތް ހުއްޓުން މެދުވެރިވުން / އާއިލާގެ މެންބަރަކު ހިތް ހުއްޓިގެން މަރުވުން
·         ހިތުގެ ބައްޔެއް ހުރުން / އާއިލާގެ ތެރޭގައި ހިތުގެ ބަލިތައް ދައުރުވަމުން އައުން
·         ކުރިން ހާޓް އެޓޭކް ޖެހުން
·         އުމުރު : ކުއްލިއަކަށް ހިތް ހުއްޓުމުގެ ފުރުޞަތު 45 އަހަރުން މަތީގެ ފިރިހެނުންނަށް، އަދި 55 އަހަރުން މަތީގެ އަންހެނުންނަށް އިތުރުކަން ފާހަގަ ކުރެވެއެވެ.
·         ޖިންސް : އަންހެނުންނަށްވުރެ ފިރިހެނުންނަށް ކުއްލިއަކަށް ހިތް ހުއްޓުމުގެ ފުރުޞަތު 3-2 ގުނަ އިތުރުކަން ފާހަގަ ކުރެވެއެވެ.
·         މަސްތުވާތަކެތި ބޭނުންކުރުން : މަސްތުވާތަކެތި ކަމަށްވާ ކޮކޭން އަދި މެތަންފިޓަމިން ، އެމްފިޓަމިން، ފަދަ ތަކެއްޗަކީ ހިތުގެ މަސައްކަތްތަކަށް ބުރަބޮޑުކުރާ ތަކެއްޗެވެ. މިފަދަ ބޭސްތައް ބޭނުންކުރުމުން ހިތުގެ ކަރަންޓްގެ މަސައްކަތަށް ބަދަލުއައިސް ކުއްލިއަކަށް ހިތް ހުއްޓުމަކީ ވެދާނެ ގޮތެކެވެ
ދެނެގަތުން
ކުއްލިއަކަށް ހިތް ހުއްޓި ސަލާމަތްވާ މީހުންނަށް އެކަން މެދުވެރިވީ ކިހިނެއްވެގެންތޯ ބެލުމަށް ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދެއެވެ. އެގޮތުން ހެދިދާނެ ޓެސްޓުތަކުގެ ތެރޭގައި:-

އީސީޖީ ނެގުން
އީސީޖީ ހެދުމުން ހިތުގެ ވިންދު ޖަހާގޮތް ދެނެގަނެވޭނެ އެވެ. އަދި ވިންދުޖެހުމުގައި ހުންނަ މައްސަލަތައް ދެނެގަނެވޭނެ އެވެ. ހިތުގެ ކަރަންޓުގެ އޮއިވަރަށް އަންނަ ބަދަލުތައް އީސީޖީގެ އެހީގައި ހޯދިދާނެ އެވެ. ހިތުގެ މަސްގަނޑެއް މަރުވުމުން އެތަނުގައި ކަރަންޓް އޮއިވަރު ދައުރުނުކުރާނެތީ، އީސީޖީގެ އެހީގައި ހާޓް އެޓޭކް ޖެހިފައި ހުރިކަން ދެނެގަނެވިދާނެ އެވެ. 

ލޭގެ ޓެސްޓުތައް
(ހ) - ކާޑިއެކް އެންޒައިމްތަކުގެ މިންވަރު ބެލުން : ހާޓް އެޓޭކެއްގެ ސަބަބުން ހިތަށް ގެއްލުން ލިބިއްޖެނަމަ ބައެއް ކަހަލަ ކާޑިއެކް އެންޒައިމްތައް ލޭގެ ތެރެއަށް ދޫކުރާނެ އެވެ. ހާޓް އެޓޭކް ޖެހުމަކީ ކުއްލިއަކަށް ހިތް ހުއްޓުމަށް މަގުފަހިކުރާ ކަމަކަށްވުމުން، ހާޓް އެޓޭކް ޖެހުނުތޯ ޔަގީންކުރުން މުހިއްމެވެ. މިއެންޒައިމްތަކުގެ މިންވަރު ދެނެގަނެގެން ހާޓް އެޓޭކް ޖެހިފައިވާކަން ހޯދަން ފަސޭހަވާނެ އެވެ. 

(ށ) - ލޭގައި ލޮނުގެ ބައިތައް ހުރި މިންވަރު ބެލުން : ޕޮޓޭސިއަމް، މެގްނީޒިއަމް، އަދި ކެލްސިއަމް ފަދަ ލޮނުގެ ބައިތައް ލޭގައި ހުރިތޯ ބެލުމަށް ޓެސްޓުކުރުމަކީ މުހިއްމު ކަމެކެވެ. ލޭ އަދި ޖިސްމީ ދިޔަ ތަކުގައި ހުންނަ މިމައުދަންތަކަކީ ކަރަންޓްގެ އޮއިވަރު ހިންގުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. މިމައުދަންތަކުގެ ހަމަގެއްލުމަކީ ހިތުގެ ވިންދުގެ ތަރުތީބު އޮޅި، ކުއްލިއަކަށް ހިތް ހުއްޓުމަށް މަގުފަހިވާނެ ކަމެކެވެ.

(ނ) - ލޭގައި ކުއްލިއަކަށް ހިތް ހުއްޓުން މެދުވެރިވެދާނެ ފަދަ ބޭހެއްގެ އަސަރު ހުރިތޯ ބެލުން : އެގޮތުން ހިތުގެ ވިންދުގެ ތަރުތީބު އޮޅޭފަދަ ބޭހެއް ނުވަތަ މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރާ މަނާ ބޭހެއްގެ އަސަރު ލޭގައި ހުރިތޯ ބެލުމަކީ މުހިއްމު ކަމެކެވެ.

(ރ) - ތައިރޮއިޑް ހޯރމޯން ހުރި މިންވަރު ބެލުން : ތައިރޮއިޑް ހޯރމޯންގެ މިންވަރު ބަލަނީ ހައިޕަތައިރޮއިޑިޒަމް ނުވަތަ ތައިރޮއިޑް މަތިވުން ކުރިމަތިވެފައިވޭތޯ ބެލުމަށް ތައިރޮއިޑް މަތިވުމަކީ ކުއްލިއަކަށް ހިތް ހުއްޓުން މެދުވެރިވުމަށް މަގުފަހިކޮށްދާނެ ކަމެކެވެ. 

އިމޭޖިންގ ޓެސްޓުތައް
(ހ) - މޭގެ އެކްސްރޭ ނެގުން (chest x-ray): މޭގެ އެކްސްރޭގެ އެހީގައި ހިތާއި ލޭހޮޅިތަކުގެ ސައިޒާއި ބައްޓަން ދެނެގަނެވޭނެ އެވެ. މިއެކްސްރޭގެ އެހީގައި "ހިތް ފޭލްވުން" ކުރިމަތިވެފައިވޭތޯ ވެސް ބެލިދާނެ އެވެ. 

(ށ) - އީކޯ ކާޑިއޯގްރާމް ހެދުން (echocardiogram): މިއީ އަޑުގެ ބާނި ތަކެއްގެ އެހީގައި އުފައްދައިދޭ ހިތުގެ ކުރެހުމެކެވެ. އީކޯކާޑިއޯގްރާމް ގެ އެހީގައި ހާޓް އެޓޭކްގެ ސަބަބުން ހިތަށް ގެއްލުންލިބި، ހިތުން އެކަށޭނަ ވަރަށް ލޭފޮނުވައިނުދޭތޯ، ނުވަތަ ފޮނުވަން އެދެވޭ އެންމެ މަތީ މިންވަރަށް ފޮނުވައިދޭތޯ، އަދި ވޭލްތަކުގެ މައްސަލައެއް ހުރިތޯ ދެނެގަނެވޭނެ އެވެ. 

(ނ) - އިޖެކްޝަން ފްރެކްޝަން ޓެސްޓު ހެދުން (ejection fraction testing): ކުއްލިއަކަށް ހިތް ހުއްޓުމުގެ ފުރުޞަތު އޮތްކަން އަންގައިދޭނެ އެންމެ މުހިއްމު އެއް ފާހަގަ އަކީ ހިތުން ލޭ ބޭރުކޮށްދިނުމުގެ ގާބިލިއްޔަތު ހުރި މިންވަރު އެނގުމެވެ. އިޖެކްޝަން ފްރެކްޝަން ކަނޑައަޅައިގެން، ހިތުން ލޭ ޕަމްޕްކޮށްދިނުމުގެ ގާބިލިއްޔަތު ހުރި މިންވަރު ކަނޑައެޅިދާނެ އެވެ. "އިޖެކްޝަން ފްރެކްޝަން"(ejection fraction) އަކީ ކޮންމެ  ވިންދަކާއެކު ލެއިން ފުރިފައިވާ "ވެންޓްރިކަލް" އިން ލޭބޭރަށް ފޮނުވައިދޭ އިއްސައްތަ އެވެ. އާންމުކޮށް އިޖެކްޝަން ފްރެކްޝަން ހުންނަނީ 70-50 އިންސައްތަ އާއި ދެމެދުގައެވެ. އިޖެކްޝަން ފްރެކްޝަން 40 އިންސައްތަ އަށްވުރެ ދަށުގައި ހުރުމުގެ މާނައަކީ ކުއްލިއަކަށް ހިތް ހުއްޓުމުގެ ފުރުޞަތު ބޮޑުވުމެވެ. އިޖެކްޝަން ފްރެކްޝަން މިންކުރެވިދާނެ ގޮތްތަކުގެ ތެރޭގައި އީކޯކާޑިއޯގްރާމް ހެދުން، މެގްނެޓިކް ރިސޯނަންސް އިމޭޖިންގ، ނިއުކްލިއަރ ސްކޭން ހެދުން، ސީޓީ ސްކޭން ހެދުން، އަދި ކާޑިއެކް ކެތީޓެރައިޒޭޝަން ހިމެނެއެވެ.  

(ރ) - ނިއުކްލިއަރ ސްކޭން ހެދުން (Nuclear scan): މިއީ ހިތުގެ ލޭދައުރުވުމުގައި މައްސަލައެއް ހުރިކަން ދެނެގަނެވޭނެ ޓެސްޓެކެވެ. 

އެހެނިހެން ޓެސްޓުތައް ހެދުން
(ހ) - އިލެކްޓްރިކަލް ސިސްޓަމް ޓެސްޓިންގ އެންޑް މެޕިންގ (electrical system testing and mapping): މިއީ ގިނަފަހަރު ކުއްލިއަކަށް ހިތް ހުއްޓި ފުރާނަ ސަލާމަތްކުރެވިއްޖެނަމަ، އެކަންކުރިމަތިވި ސަބަބު ހޯދުމަށް ހަދާ ޓެސްޓެކެވެ. މިޓެސްޓުގެ އެހީގައި ހިތުގެ ވިންދު ތަރުތީބު އޮޅިގެންދަނީ ހިތުގެ ކިހާ ހިސާބަކުންކަން ދެނެގަނެވޭނެ އެވެ. 

(ށ) - އެންޖީއޯ ގްރާމް ހެދުން (angiogram): އެންޖީއޯގްރާމް ހެދުމުން ހިތުގެ ލޭހޮޅިތައް ހިމަވެ، ބެދިފައިވާނަމަ އެކަން އެނގޭނެ އެވެ. އެންޖީއޯގްރާމް ހެދުމުގެ ތެރޭގައި ބެދިފައިވާ ލޭހޮޅި ހުޅުވިފައި ބެހެއްޓުމަށް "ސްޓެންޓް" އެއް ލެއްވިދާނެ އެވެ. މިމަސައްކަތަށް ކިޔަނީ "އެންޖީއޯޕްލާސްޓީ" އެވެ. 

ފަރުވާ
ކުއްލިއަކަށް ހިތް ހުއްޓުމަކީ އަވަސް ފަރުވާ ބޭނުންވާނެ ހާލަތެކެވެ. އެހެން ކަމުން ލަސްނުކޮށް "ސީޕީއާރު" ދޭންފަށަންވާނެ އެވެ. ހޭވެރިކަން އަންނަންދެން، ނޭވާލާން ފަށަންދެން ނުވަތަ އަވަސްފަރުވާދޭ ތަނަކާއި ހަމައަށް ބަލިމީހާ ގެންދެވެންދެން ސީޕީއާރު ދެވިދާނެ އެވެ. ކުއްލިއަކަށް ހިތް ހުއްޓުމަށްފަހު ފުރާނަ ސަލާމަތްކުރެވޭ ހާލަތްތަކުގައި ހަދަންޖެހޭ ހުރިހާ ޓެސްޓުތަކެއް ހެދުމަށްފަހު ބަލިމީހާގެ ހާލަތަށް ރިއާޔަތްކޮށް ދޭންޖެހޭ ފަރުވާ ޑޮކްޓަރުން ކަނޑައަޅާނެއެވެ. 

ރައްކާތެރިވުން
ކުއްލިއަކަށް ހިތް ހުއްޓުމުން ޔަގީން ކަމާއެކު ރައްކާތެރިވެވޭނެ ގޮތެއް ނެތެވެ. އެހެން ކަމުން އެދެވިގެންވަނީ ކުއްލިއަކަށް ހިތް ހުއްޓުމަށް މަގުފަހިވާފަދަ އަމަލުތަކާއި، ކަންތައްތަކާއި ދުރުހެލިވެގެން ހުރުމެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ގަވާއިދުން ޑޮކްޓަރަށް ދައްކައިގެން ހިތުގެ ބައްޔެއް ހުރިތޯ ބެލުން
·         ދުޅަހެޔޮ ހިތެއް ދެމެހެއްޓޭނެ ބީދައިން ދިރިއުޅުމުގެ ވައްޓަފާޅިތައް ބައްޓަން ކުރުން
·         ދުންފަތުގެ އިސްތިއުމާލު ނުކުރުން
·         ބަނގުރާނުބުއިން
·         ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުން
·         ގަވާޢިދުން ކަސްރަތުކުރުން
·         ހަކުރު ބަލި ، ސަރުބީ މަތިވުން، ލޭމައްޗަށްދިއުން ފަދަ ކަންކަމަށް ދީފައި ހުންނަ ބޭސްތައް ގަވާއިދުން ބޭނުންކުރުން
·         ހިތުގެ މައްސަލައެއް ހުންނަނަމަ އެކަމަށް ދީފައި ހުންނަ ބޭސްތައް ގަވާއިދުން ބޭނުންކުރުން
މައުލޫމާތު :



No comments:

Post a Comment