Tuesday, December 23, 2014

ތައިރޮއިޑް މަތިވުން - ހައިޕަތައިރޮއިޑިޒަމް

ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިތުރުވުން
ތައިރޮއިޑް މަތިވުން ނުވަތަ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހަލުވިވެ އިތުރުވު(Hyperthyroidism)މަކީ ވަރަށް އާންމު ޞިއްހީ މައްސަލަ އެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ދަތްދޮޅިއަށްވުރެ ތިރިން ކަރުގެ ކުރިމަތި ފަރާތުގައި އިންނަ ގްލޭންޑް އެކެވެ. ހަށިގަނޑުގައި ހިނގާ ވަރަށް ގިނަ މަސައްކަތްތަކަށް އެހީތެރިވެދީ އަދި އެމަސައްކަތްތަކުގައި ބައިވެރިވާ ހޯރމޯންތައް (ތައިރޮކްސިން ހޯރމޯން އަދި ޓްރައިއަޔޯޑޯ ތައިރޮނީން ހޯރމޯން) މިގްލޭންޑް އިން އުފައްދައެވެ. ވުމާއެކު މިގްލޭންޑްގެ މަސައްކަތަށް ބުރޫއަރާ ކޮންމެ ކަމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ގިނަ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ކާތަކެތިން ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ ހަކަތަ ހޯދުމަށް ހިންގާ މަސައްކަތް(metabolism) ކޮންޓްރޯލް ކުރަނީ ތައިރޮއިޑް ގްލޭންޑުންނެވެ.

ތައިރޮއިޑް ގްލޭންޑަށް ޖެހޭ ވަރަށް ގިނަ ބަލިތައް ހުރެއެވެ. ތައިރޮއިޑް ގްލޭންޑަށް ޖެހޭ ބަލިތަކުގެ ތެރޭގައި ތައިރޮއިޑް ގްލޭންޑް ދުޅަވެ ފުއްޕާލުން، ތައިރޮއިޑް ގްލޭންޑްގެ ކެންސަރު، ތައިރޮއިޑް ހޯރމޯން އެކަށޭނަވަރަށް ނުއުފެއްދުން (ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުން)، އަދި ތައިރޮއިޑް ހޯރމޯން އެކަށޭނަވަރަށް ވުރެ ގިނައިން އުފެއްދުން (ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތް އިތުރުވުން ނުވަތަ ހަލުވިވުން) ވެސް ހިމެނެއެވެ.

ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިތުރުވު(Hyperthyroidism)މުގެ މާނައަކީ އެގްލޭންޑް އިން އުފައްދާ ހޯރމޯން ތައް (ތައިރޮއިޑް ހޯރމޯން ތައް) އުފެއްދުން އާދަޔާ ޚިލާފަށް ގިނަވެ އިތުރުވުމެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި އިގިރޭސި ބަހުން މިބައްޔަށް ކިޔަނީ "ހައިޕަތައިރޮއިޑިޒަމް"(Hyperthyroidism) އެވެ. ތައިރޮއިޑް ހޯރމޯންގެ މިންވަރު މަތިވެ އިތުރުވުމަކީ އޭގެ އަސަރު މުޅި ހަށިގަނޑަށް ކުރާނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ތައިރޮއިޑް ހޯރމޯން އާއި ގުޅުންހުރި ހަށިގަނޑުގެ އެކިއެކި މަސައްކަތްތަކަށް ބަދަލު އާދެއެވެ. ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވެދާނެ އެވެ. ވަރުބަލިވެ ވަރުދޫވެދާނެ އެވެ. އަތް ތުރުތުރު އަޅައިފާނެ އެވެ. ހިތުގެ ތެޅުން އަވަސްވެދާނެ އެވެ. ނޭވާލަން އުދަނގޫވެދާނެ އެވެ. މާބޮޑަށް ހޫނުވެ، މާގިނައިން ދާހިއްލައިފާނެ އެވެ. ހިތްހަމަނުޖެހުމާއި ހިތްނުތަނަވަސްވެ، ކުއްލިއަކަށް ރުޅިއާދެވޭގޮތް ވެދާނެއެވެ. މާގިނައިން ބޮޑުކަމުދާން ޖެހިދާނެ އެވެ. އިސްތަށި ފައިބައި އިސްތަށިތައް މަދުވެދާނެއެވެ.

ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިތުރުވެ ހަލުވިވުމުގެ މައްސަލަ ކޮންމެ އުމުރެއްގައި  ވެސް ދިވާވެދާނެ އެވެ. ނަމަވެސް ކުޑަކުދިންނަށް މިކަން ދިމާވުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. ފިރިހެނުންނަށްވުރެ އަންހެނުންނަށް މިމައްސަލަ ދިމާވުން އިތުރުކަން ފާހަގަ ކުރެވެއެވެ.

ތައިރޮއިޑް ހޯރމޯންގެ މަސައްކަތް ހިނގާގޮތް
ތައިރޮއިޑް ގްލޭންޑުން މައިގަނޑު ދެހޯރމޯން އެއް އުފައްދައެވެ. އެއީ ތައިރޮކްސިން ހޯރމޯން އަދި ޓްރައިއަޔޯޑޯ ތައިރޮނީން ހޯރމޯން އެވެ. މިހޯރމޯންތައް ކޮށްދޭ ކަންތައްތަކުގެ ތެރޭގައި އަހަރެމެން ބޭނުންކުރާ ކާތަކެތީގައި ހުންނަ ކާބޯހައިޑްރޭޓް އަދި ފެޓް ހަށިގަނޑުން ބޭނުންކުރާ މިންވަރު އިންތިޒާމުކޮށް ބެލެހެއްޓުން، ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމަށް އެހީތެރިވެދިނުން، ހިތުގެ ވިންދު ޖެހުމަށް އެއްހަމައެއްގައި ހުރުމަށް ވާގިވެރިވުން، އަދި ހަށިގަނޑުގައި ޕްރޮޓީން އުފައްދާ މިންވަރު އިންތިޒާމުކޮށް ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ހަށިގަނޑުގައި ހުންނަ ކެލްސިއަމް ގެ ނިސްބަތް އިންތިޒާމެއްގެ މަތީގައި ބެހެއްޓުމަށް އެހީތެރިވެދޭ "ކެލްސިޓޯނިން" ހޯރމޯން ވެސް ތައިރޮއިޑް ގްލޭންޑުން އުފައްދައެވެ.

ތައިރޮއިޑް ގްލޭންޑުން އުފައްދާ ތައިރޮއިޑް ހޯރމޯންތައް ލޭގެ ތެރެއަށް ދޫވުން ކޮންޓްރޯލްކުރަނީ ސިކުނޑީގެ ތެރޭގައި އިންނަ ޕިޓޫއިޓަރީ ގްލޭންޑުންނާއި، ސިކުނޑީގައިވާ "ހައިޕޯތަލަމަސް" އޭ ކިޔާ ހިސާބުންނެވެ. ހައިޕޯތަލަމަސް އިން ޕިޓޫއިޓަރީ ގްލޭންޑަށް ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އުފެއްދުމަށް ސިގްނަލް ދިނުމުން، ޕިޓޫއިޓަރީ ގްލޭންޑުން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އުފައްދައި ދޫކުރާނެ އެވެ. އެގޮތުން މިހޯރމޯން ދޫކުރާ މިންވަރު ބަރޯސާވަނީ ލޭގައި ތައިރޮއިޑް ހޯރމޯން ހުންނަ ނިސްބަތެއްގެ މައްޗަށެވެ. ލޭގައި ތައިރޮއިޑް ހޯރމޯންގެ މިންވަރު މަދުނަމަ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯންގެ މިންވަރު އިތުރުވެ މަތިވާނެ އެވެ. އަދި ލޭގައި ތައިރޮއިޑް ހޯރމޯންގެ މިންވަރު މަތިނަމަ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯންގެ މިންވަރު މަދުވެ ދަށްވާނެ އެވެ. ބައްޔެއް ޖެހުމުގެ ސަބަބުން މާގިނައިން ތައިރޮއިޑް ހޯރމޯން އުފައްދާނަމަ، ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯންގެ މިންވަރު ހުންނާނީ އާންމުކޮށް ހުންނަވަރަށްވުރެ ދަށުގައެވެ. އަދި ބައްޔެއްގެ ސަބަބުން އެކަށޭނަ ވަރަށް ތައިރޮއިޑް ހޯރމޯން އުފައްދައި ނުދޭނަމަ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން ހުންނާނީ ހުންނަންޖެހޭ މިންވަރަށްވުރެ މަތީގައެވެ.

ސަބަބު
ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯރމޯން އުފެއްދުން އިތުރުކުރުވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ސަބަބުތަކުގެ ތެރޭގައި:-

(ހ) - ގްރޭވްސް ބަލި (Graves’ disease): ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑަށް ޖެހޭ ބައްޔެކެވެ. ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުން އިތުރުކުރާ އެންމެ އާންމު އެއް ސަބަބެވެ. ތައިރޮއިޑް ގްލޭންޑަށް ޖެހޭ އެހެން ބަލިތަކެކޭ އެއްފަދައިން މިއީ ވެސް އާއިލާގެ ތެރޭގައި ދައުރުވާ ބައްޔެކެވެ. ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑަށް ކުރިމަތިވާ "އުޓޯއިމިޔޫން ޑިސްއޯޑަރ" އެކެވެ. މިބަލިޖެހެނީ ދިފާޢީ ނިޒާމުން އުފައްދާ ހަށިދަމަނަތަކެއްގެ ސަބަބުން، އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުމަށް ތައިރޮއިޑް ގްލޭންޑަށް ބާރުއަޅާތީ އެވެ. އާންމު ގޮތެއްގައި ހަށިދަމަނަ ތަކުގެ ބޭނުމަކީ ތަފާތު ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމުތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުން ކަމަށްވިޔަސް، ގްރޭވްސް ބަލީގައި ހަށިދަމަނަ ތައް ތައިރޮއިޑް ގްލޭންޑަށް ހަމަލާ ދެއެވެ. އަދި ބައެއް ފަހަރު ލޮލުގެ ފަހަތުގައި ހުންނަ ޓިޝޫތަކަށް ( ލޮލުގެ މައްސަލަ ދިމާވާ ސަބަބު)، އަދި ކަށިމަތީގެ ހަމަށް މި ހަށިދަމަނަ ތައް ހަމަލާ ދެއެވެ. މިބަލި ޖެހުމުން އެއްލޯ ނުވަތަ ދެލޯހުންނާނީ ވަރަށް ބޮޑަށް ބޭރަށް ނިކުމެފައެވެ.

(ށ) - ތައިރޮއިޑް ނޮޑިޔޫލް (thyroid nodules): ތައިރޮއިޑް ނޮޑިޔޫލް އަކީ ތައިރޮއިޑް ގްލޭންޑްގައި އުފެދޭ ތަބީޢަތާ ޚިލާފު އުފެދުމެކެވެ. ނުވަތަ ތައިރޮއިޑް ގްލޭންޑްގައި އުފެދޭ ދުޅަކަމެކެވެ. ތައިރޮއިޑް ގްލޭންޑް ގައި ނޮޑިޔޫލް އުފެދުމަކީ ވެސް ތައިރޮއިޑް ގްލޭންޑް ތައިރޮއިޑް ހޯރމޯން ތައް އުފެއްދުން އިތުރުކޮށްދޭ ކަމެކެވެ. ތައިރޮއިޑް ނޮޑިޔޫލްގެ ތެރޭގައި ތައިރޮއިޑް ގްލޭންޑްގައި އުފެދޭ ބިނައިން ޓިއުމަރު، ތައިރޮއިޑް ގްލޭންޑް ފުއްޕުން (ގޮއިޓަރު) ފަދަ ހާލަތްތައް ހިމެނެއެވެ.

(ނ) - ތައިރޮއިޑް ގްލޭންޑް ދުޅަވުން (Thyroiditis): ތައިރޮއިޑް ގްލޭންޑް ގައި އިންފްލެމޭޝަން އުފެދި ދުޅަވަނީ ހަށިގަނޑުގައި ތައިރޮއިޑް ގްލޭންޑަށް ގެއްލުންދޭ (ހަލާކުކޮށްލާ) ހަށިދަމަނަ(Antibodies) ތައް އުފެދުމުންނެވެ. ނަމަވެސް ތަފާތު ބެކްޓީރިޔާ އަދި ވައިރަސް ފަދަ ޖަރާސީމު ތަކުގެ ސަބަބުން ވެސް ތައިރޮއިޑް ގްލޭންޑް ދުޅަވެދާނެ އެވެ. ތައިރޮއިޑް ގްލޭންޑް ދުޅަވުމުގެ ސަބަބުން ފުރަތަމަ ކޮޅު ލޭގައި ތައިރޮއިޑް ހޯރމޯންގެ ނިސްބަތް މަތިވިނަމަވެސް، މަޑުމަޑުން ތައިރޮއިޑް ހޯރމޯން އުފައްދާ މިންވަރު ދަށްވެ، ތައިރޮއިޑް ދަށްވުން(hypothyroidism) ކުރިމަތިވާގޮތް ވެއެވެ. ބައެއް ފަހަރު ވިހެއުމަށްފަހު ތައިރޮއިޑް ގްލޭންޑް ދުޅަވުމަކީ ވެސް ވެދާނެ ގޮތެކެވެ. ތައިރޮއިޑް ދުޅަވުމުން ބައެއް ފަހަރު ތަދުވެ ރިއްސައިފާނެ އެވެ. އަނެއް ބައިފަހަރު ތަދުނުވެވެސް ހިގައިދާނެ އެވެ.

(ރ) - އެހެނިހެން ސަބަބުތައް : ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯރމޯންތައް އުފެއްދުން އިތުރުވެ، ތައިރޮއިޑް ގްލޭންޑް މަސައްކަތް އާދަޔާ ޚިލާފަށް މަތިކުރާ އެހެނިހެން ސަބަބުތަކުގެ ތެރޭގައި އެކި ކަހަލަ ޓިއުމަރު އުފެދުން ، ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން (ލޭމައްޗަށްދާ މީހުންނަށް ދީއުޅޭ އެމިއެޑެރޯން ކިޔާ ބޭހެއް)، އަދި އަޔޮޑީން ގިނަ ކާނާ މާގިނައިން ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

މަގުފަހިކުރާ ކަންތައްތައް
ހައިޕަތައިރޮއިޑިޒަމް އަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި:-
·         އަންހެނަކަށްވުން
·         އާއިލާގެ މެންބަރުންގެ ތެރޭގައި ތައިރޮއިޑް މައްސަލަ ހުރުން
·         ހަކުރު ބަލި، އެޑްރީނަލް ގްލޭންޑުން އެކަށޭނަ ވަރަކަށް ހޯރމޯން އުފައްދައި ނުދިނުމުން ފެންމަތިވާ "އެޑިސަންސް ބަލި"(addison’s disease) ފަދަ ބައްޔެއް ހުރުން
·         ދުންފަތުގެ އިސްތިއުމާލުކުރުން

އަލާމާތްތައް
ހައިޕަތައިރޮއިޑިޒަމް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·         ހިތްހަމަނުޖެހުން، ނުތަނަވަސްވުން، މިޒާޖު ގޯސްވެފައި ހުރުން، ކުއްލިއަކަށް ރުޅިއާދެވުން، މާއަވަހަށް ވަރުބަލިވުން، މަސްތަކުގެ ވަރުދެރަވުން
·         އަތް ތުރުތުރުއެޅުން، ހިތުގެ ތެޅުން އަވަސްވުން (ވިންދު އަވަސްވުން)، ނޭވާލާން އުދަނގޫވުން
·         ހޫނުވުން، ދާހިއްލުން، (ހޫނަށް ކެތްކުރަން އުދަނގޫވުން)، ހަމުގައި ރަތްކަމެއް އުފެދުން އަދި ހަންގަނޑު ހިރުވައި ކަހަން ބޭނުންވުން، ހަންގަނޑު ތުނިވުން
·         ޢާންމުކޮށް ދެވޭ ވަރަށްވުރެ ގިނައިން ބޮޑުކަމުދާން ޖެހުން، ބައެއް ފަހަރު ބޭރަށް ހިންގުން
·         ބޮލުންނާއި ގައިން އިސްތަށި ފޭބުން، އަދި އިސްތަށިގަނޑު ތުނިވުން
·         ބަރުދަން ލުއިވުން : ބަރާބަރަށް ކައިހެދިޔަސް ބަރުދަން ލުއިވަމުން ދިއުން
·         ތައިރޮއިޑް ގްލޭންޑް ފުއްޕުން (goiter)

ހަމަމިހެން ބައެއް އަންހެނުންނަށް މައްސަރު ކަންތަކުގެ ތަރުތީބު ގެއްލިދިއުން (މާއަވަސް އަވަހަށް މައްސަރު ކަންތައް ޖެހުން) ނުވަތަ މައްސަރު ކަންތައް ނުޖެހުން ފަދަ ކަންކަން ކުރިމަތިވެދާނެ އެވެ. ބައެއް ފިރިހެނުންގެ އުރަމަތި ބޮޑުވެދާނެއެވެ. ހަދާން ބަހައްޓަންވީ ހުރިހާ އެންމެންނަށް ބަލީގެ އުދަނގޫތައް އެއްގޮތް ނުވެދާނެ ކަމެވެ. އަލާމާތްތައް ބަރޯސާވަނީ ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯރމޯންތައް އުފައްދާ މިންވަރާއި، ހައިޕަތައިރޮއިޑިޒަމް ކުރިމަތިވުމަށްފަހު ހޭދަވި މުއްދަތު، އަދި ބަލިމީހާގެ އުމުރު ގެ މައްޗަށެވެ. ބައެއް ފަހަރު އުމުރުން ދުވަސްވުމުން މިއުދަނގޫތައް ކުރިމަތިވުމުން އެއީ މުސްކުޅި ބަލީގެ އުދަނގޫތަކެއް ކަމުގައި ހީކުރެވި އޮޅުންއަރާގޮތް ވެސް ވެއެވެ.

ގްރޭވްސް ބަލީގެ ޚާއްޞަ އަލާމާތްތައް
ގްރޭވްސް ބަލި ހުންނަ މީހުންނަށް މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އިތުރުން އަންނަނިވި ކަންތައްތައް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.
·         ގޮއިޓަރު (goiter): މިއީ ތައިރޮއިޑް ގްލޭންޑްގައި އުފެދޭ ތަދެއް ނުހުންނަ (ފުއްޕުމެއް) ދުޅަކަމެކެވެ.
·         ނިޔަފަތި ބޯވުން
·         ފައި އަދި ފައިތިލަ ދުޅަވެ ފޮއްސިވުން (ފެންޖަމާވުން)
·         ނިޔަފަތީގެ ކޮޅު ސަމުސަލުގެ ބައްޓަމަށް ހުރުން
·         ލޮލުގެ މައްސަލަ ކުރިމަތިވުން : ލޯބޮޑުވެ ބޭރަށް ނިކުތުން (Exophthalmos)

ދިމާވެދާނެ ނުރައްކާތައް (ބަލީގައި ދިގުލައިދިއުމުން ދިމާވެދާނެ މައްސަލަތައް)
ހައިޕަތައިރޮއިޑިޒަމް އާއި ގުޅިގެން ލޮލުގެ މައްސަލަ ދިމާވުމަކީ ވެދާނެގޮތެކެވެ. ބައެއް ފަހަރު އެހެން އުދަނގޫތައް ފެނުމުގެ ކުރިން، ނުވަތަ ބަލީގައި ދުވަސްވުމުން ވެސް ލޮލުގެ މައްސަލަ ފެންމަތިވެދާނެ އެވެ. ނުވަތަ އެހެން އުދަނގޫތަކާއި އެކުއެކީގައި ވެސް ކުރިމަތިވެދާނެ އެވެ. ހައިޕަތައިރޮއިޑިޒަމް ގެ މައްސަލަ ހުރެމެ އެކަމަށް ފަރުވާނުކުރާނަމަ ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި:-

(ހ) - ލޮލުގެ މައްސަލަ ކުރިމަތިވުން : ހައިޕަތައިރޮއިޑިޒަމް އާއި ގުޅިގެން ލޮލަށް ކުރިމަތިވެދާނެ މައްސަލަ ތަކުގެ ތެރޭގައި ލޯބޮޑުވެ ވަރަށް ބޮޑަށް ބޭރަށް ނިކުމެފައިހުރުން، ލޯރަތްވުން، ލޯހިރުވުން، އައްޔަށް ތަހައްމަލު ނުކުރެވުން (ލޮލަށް އަލިއެޅުމުން އުދަނގޫވުން)، ލޯފުސްވުން، ލޯނުސާފުވުން، ލޮލުން ފެންއައުން، ލޮލަށް އުދަނގޫވުން، އެއްޗިއްސާއި ތަންތަން ތަކުރާރުކޮށް ފެންނަން ހުންނަހެން ހީވުން، ފަދަ ކަންތައްތައް ހިމެނެއެވެ. ހައިޕަތައިރޮއިޑިޒަމްގެ ސަބަބުން ލޯބޮޑުވެ ބޭރަށް ނިކުމެފައި ހުންނަ މީހެއްގެ ލޮލަށް ބަލާލުމުން ހީވަނީ ކަޅިއަޅައިގެން ހުންނަހެންނެވެ. ބައެއް ފަހަރު ލޮލުގެ ކައިރި ފަށުގައި ހުންނަ ޓިޝޫތައް ހުންނާނީ ހަލާކުވެ، ދުޅަވާގޮތް ވެފައެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ހައިޕަތައިރޮއިޑިޒަމް އާއި ގުޅިގެން ކުރިމަތިވާ ލޮލުގެ މައްސަލަ ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.

(ށ) - ހިތުގެ މައްސަލަތައް ކުރިމަތިވުން : ހިތުގެ ވިންދު އަވަސްވުމާއެކު "އެޓްރިއަލް ފިބްރިލޭޝަން" ކިޔާ ހިތުގެ މައްސަލަ އެއް ކުރިމަތިވުން، އަދި ހިތުގެ މަސައްކަތް ފޭލްވުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ. ހިތުގެ މަސައްކަތް ފޭލްވުމޭ ބުނެވޭ ބަހުގެ މާނައަކީ ހަށިގަނޑުގެ އެކި ހިސާބުތަކަށް ބޭނުންވާ ވަރަށް ލޭފޮނުވައިދިނުމަށް ހިތް ނުކުޅެދިގެންވުމެވެ.

(ނ) - ކަށިފީވުން : މިއީ ހައިޕަތައިރޮއިޑިޒަމްގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރޭގައި ހިމެނިގެން ހަށިގަނޑުގައި ކެލްސިއަމް އަދި އެހެނިހެން މައުދަން ތައް ރައްކާކޮށްފައި ބެހެއްޓުމުގެ މަސައްކަތަށް ބުރޫއެރުމާއި ގުޅިގެން ދިމާވާ ކަމެކެވެ. ކަށިފީވުން ކުރިމަތިވެއްޖެނަމަ ކަށިތައް ދެރަވެ ނިކަމެތިވާނެ އެވެ. ވަރަށް ފަސޭހައިން ކަށިތަކުގައި ރެނދުލައި، ބިނދޭގޮތް ވުމަކީ ވެދާނެ ގޮތެކެވެ.

(ރ) - ހަން ރަތްވެ ދުޅަވުން :  ޚާއްޞަކޮށް ފައިތިލަ، އަދި ފައިގެ ކަށިމަތި ހިމެނޭ ހިސާބުގެ ހަންގަނޑު ރަތްވެ، ދުޅަވުމަކީ ހައިޕަތައިރޮއިޑިޒަމް އާއި ގުޅިގެން މަދުން ނަމަވެސް ދިމާވެދާނެ ކަމެކެވެ.

(ބ) - ތައިރޯޓޮކްސިކް ކްރައިސިސް : މިއީ ވަގުތުން އަވަސް ފަރުވާ ބޭނުންވާނެ ހާލަތެކެވެ. މިހާލަތުގައި ހުންއައުން، ހިތުގެ ވިންދު އަވަސްވުން، ފަދަ ކަންތައްތައް މެދުވެރިވެދާނެ އެވެ.

ދެނެގަތުން
ހައިޕަތައިރޮއިޑިޒަމް ދެނެގަތުން ބަރޯސާވަނީ ބަލިމީހާގެ ކިބައިން އަހައި އޮޅުން ފިލުވައިގެން ލިބޭ މައުލޫމާތު ތަކާއި، ހަށިގަނޑު ޗެކުކޮށް ބަލާބެލުންތަކުން ފާހަގަވާ ކަންތައްތަކާއި، އަދި ލެބޯޓްރީގައި ކުރެވޭ ތަހުލީލުތަކުން ލިބިދޭ ނަތީޖާ ތަކުގެ މައްޗަށެވެ.

ހައިޕަތައިރޮއިޑިޒަމް ހުރިކަމަށް ޝައްކުކުރެވޭނަމަ އަންނަނިވި ޓެސްޓުތައް ހެދުމަށް އިރުޝާދު ދެއެވެ.
(ހ) - ލޭގައި ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން ހުރި މިންވަރު ބެލުން : ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން(TSH) އަކީ ސިކުނޑީގައިވާ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައި ގައި ހުންނަ "ތައިރޯޓްރޯޕް"(thyrotrope) ސެލް ތަކުން އުފައްދައި ދޫކުރާ ހޯރމޯން އެކެވެ. ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ކޮންޓްރޯލް ކުރަނީ މިހޯރމޯން އިންނެވެ. މިހޯރމޯންގެ މައިގަނޑު މަސައްކަތަކީ ތައިރޮއިޑް ގްލޭންޑުން "ޓްރައިއަޔޯޑޯ ތައިރޮނީން"(Triiodothyronine) އަދި "ތައިރޮކްސިން"(thyroxin) އުފައްދައި ދޫކުރުމަށް ބާރުއެޅުމެވެ. ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯންގެ މިންވަރު ދަށްނަމަ އިތުރު ޓެސްޓުތައް ހަދަން ޖެހިދާނެއެވެ.

(ށ) - ލޭގައި ތައިރޮއިޑް ހޯރމޯން ތައް ހުރި މިންވަރު ބެލުން : އެގޮތުން ތައިރޮއިޑް ގްލޭންޑުން ދޫކުރާ ތައިރޮއިޑް ހޯރމޯންގެ ގޮތުގައި ބެލެވޭ "ޓްރައިއަޔޯޑޯ ތައިރޮނީން"(Triiodothyronine/T3) އަދި "ތައިރޮކްސިން"(thyroxin/T4) ލޭގައި ހުރި މިންވަރު ބެލެއެވެ. ތައިރޮއިޑް ހޯރމޯންގެ މިންވަރު މަތިނަމަ އޭގެ މާނައަކީ ހައިޕަތައިރޮއިޑިޒަމް ކުރިމަތިވެފައި ވުމެވެ.

ހައިޕަތައިރޮއިޑިޒަމް އަށް ފަރުވާކުރެވެމުންދާ ދުވަސްވަރު ދޭތެރެ ދޭތެރެއިން މަތީގައި ބަޔާންކުރެވުނު ހޯރމޯންތައް ލޭގައި ހުރި މިންވަރު ބެލެއެވެ. މީގެ ބޭނުމަކީ ފަރުވާގެ ގޮތުގައި ދޭ ބޭސް ރަގަޅުތޯ ބެލުމެވެ. ނުވަތަ ބޭހަށް ހަށިގަނޑު އިޖާބަދޭގޮތް ބެލުމެވެ.

ހައިޕަތައިރޮއިޑިޒަމް ކަން ކަނޑައެޅުމަށްފަހު އަންނަނިވި ޓެސްޓުތައް ހަދަން ޖެހިދާނެއެވެ.
·         އެންޓިތައިރޮއިޑް އެންޓިބޮޑީ ޓެސްޓު : މިއީ ތައިރޮއިޑް ގްލޭންޑާއި ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީޒް (ހަށިދަމަނަތައް) ހަށިގަނޑުގައި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. މިއީ ގްރޭވްސް ބަލި އަދި "އުޓޯއިމިޔޫން ތައިރޮއިޑައިޓިސް" ފަދަ ބަލިތައް ދެނެގަތުމަށް އެހީތެރިވެދޭ ޓެސްޓެކެވެ.
·         ތައިރޮއިޑް ގްލޭންޑްގެ ސްކޭން ހެދުން
·         ރޭޑިއޯއެކްޓިވް އަޔޯޑީން ތައިރޮއިޑް ގްލޭންޑަށް ނަގާ މިންވަރު ބެލުން

ހައިޕަތައިރޮއިޑިޒަމްގެ ސަބަބުން ލޮލުގެ މައްސަލަތައް ކުރިމަތިވެފައިވާނަމަ، ސްކޭންގެ އިތުރުން، އެމްއާރުއައި، އަދި ސީޓީ ސްކޭން ފަދަ ޓެސްޓުތައް ވެސް ހަދަންޖެހިދާނެއެވެ. ބައެއް ފަހަރު ހަކުރާއި، ސަރުބީ ހަށިގަނޑުގައި ހުރި މިންވަރު ވެސް ބަލައި ޗެކުކުރެއެވެ.

ފަރުވާ
ހައިޕަތައިރޮއިޑިޒަމް އަކީ ފަރުވާކުޑަކޮށްފިނަމަ އޭގެ ސަބަބުން ނޭދެވޭ މައްސަލަތަކެއް ނިކުމެދާނެ ބައްޔަކަށްވުމުން ބަލީގެ އުދަނގޫތައް މާބޮޑަށް ކުރިމަތިވެފައި ނުވިޔަސް ޓެސްޓުތަކުން ހައިޕަތައިރޮއިޑިޒަމް ހުރިކަމަށް ދައްކާނަމަ، އެދެވިގެންވަނީ ހުއްޓާނުލައި ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމެވެ.

ހައިޕަތައިރޮއިޑިޒަމްގެ ފަރުވާގައި އެންމެ އާންމުކޮށް ބޭނުންކޮށް އުޅެނީ "އެންޓިތައިރޮއިޑް ބޭސް"(Antithyroid medicine) އަދި "ރޭޑިޔޯއެކްޓިވް އަޔޮޑީންގެ ފަރުވާ"(Radioactive iodine) އެވެ. މަދު ފަހަރަކު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރަންޖެހިދާނެއެވެ. ބައްޔާއި ގުޅިގެން ދޭންޖެހޭ ފަރުވާ ބަލިމީހާގެ ހާލަތަށް ބަލައި ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. އެމީހަކަށް ބައްޔާއި ގުޅިގެން ދޭންޖެހޭ ފަރުވާ ބިނާވެފައި އޮންނަނީ ބަލިމީހާގެ އުމުރާއި، ހައިޕަތައިރޮއިޑިޒަމް ޖެހުމަށް މެދުވެރިވި ސަބަބާއި، ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯރމޯން އުފައްދާ ނިސްބަތެއްގެ މައްޗަށެވެ. ހައިޕަތައިރޮއިޑިޒަމްގެ ފަރުވާގައި ފުރަތަމަ ދެވެނީ އެންޓިތައިރޮއިޑް ބޭސް ނޫނީ ރޭޑިޔޯއެކްޓިވް އަޔޮޑީން އެވެ.

ހައިޕަތައިރޮއިޑިޒަމް އަށް ފަރުވާކުރަމުންދާއިރު ދޭތެރެ ދޭތެރެއިން ލޭގެ ޓެސްޓުތައް ހަދައި ތައިރޮއިޑް ހޯރމޯން ތަކާއި، ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން ލޭގައި ހުރި މިންވަރު ބަލައި ހަދަންޖެހެއެވެ. މީގެ ބޭނުމަކީ ފަރުވާގެ ގޮތުގައި ދެވޭ ބޭހުން އެދެވޭ ނަތީޖާއެއް ނިކުމޭތޯ ބެލުމެވެ. މިގޮތަށް ފަރުވާކުރަމުންދާ ދުވަސްވަރު ހެދޭ ޓެސްޓުތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް ދެމުންގެންދާ ފަރުވާ ބަދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ބޭސް ކަމުން އައިމީހަކު އޮޕަރޭޝަން ކުރަންޖެހިދާނެއެވެ. އެންޓިތައިރޮއިޑް ބޭސް ކަމުން އައި މީހަކު ރޭޑިޔޯއެކްޓިވް އަޔޮޑީންގެ ފަރުވާ އަށް ބަދަލުކުރަން ޖެހިދާނެ އެވެ. އެންޓިތައިރޮއިޑް ބޭސް، ރޭޑިޔޯއެކްޓިވް އަޔޮޑީންގެ ފަރުވާ، އަދި ތައިރޮއިޑް އޮޕަރޭޝަން ކުރުމުގެ އިތުރުން ބައެއް ފަހަރު ހިތުގެ ވިންދު ޖެހުން ދަށްކުރުމަށްޓަކައި "ބީޓާ ބްލޮކަރ"(Beta blocker)ގެ ގޮތުގައި ގުނާލެވޭ ބޭހެއް ނަގަންޖެހިދާނެ އެވެ.

އެންޓިތައިރޮއިޑް ބޭސް
ހައިޕަތައިރޮއިޑިޒަމްގެ ފަރުވާގައި ގިނައިން ބޭނުންކޮށްއުޅެނީ އެންޓިތައިރޮއިޑް ބޭސް އެވެ. ސަބަބަކީ ރޭޑިޔޯއެކްޓިވް އަޔޮޑީންގެ ފަރުވާ އަށްވުރެ އަވަހަށް އެންޓިތައިރޮއިޑް ބޭހަށް އިޖާބަދޭތީ އެވެ. އެންޓިތައިރޮއިޑް ބޭސް ބޭނުންކޮށްގެން ތައިރޮއިޑް ގްލޭންޑަށް ދާއިމީ ގެއްލުމެއް ނުލިބޭނެ އެވެ. ނަމަވެސް ރޭޑިޔޯއެކްޓިވް އަޔޮޑީންގެ ފަރުވާ ނެގުމުން ތައިރޮއިޑް ގްލޭންޑް ދާއިމީކޮށް ހަލާކުވާގޮތް ދިމާވެއެވެ. އެންޓިތައިރޮއިޑް ބޭސް ބޭނުންކުރަން ފެށުމަށްފަހު އޭގެ ނަތީޖާ ފެންނަން ފަށަން 12-6 ހަފްތާއާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. އެންމެ އާންމުކޮށް ބޭނުންކުރެވޭ އެންޓިތައިރޮއިޑް ބޭސްތަކަކީ "ޕްރޮޕައިލްތިއޯޔުރެސިލް" އަދި "މެތިމެޒޯލް" އެވެ.

އެންޓިތައިރޮއިޑް ބޭސް ނަގަންޖެހިދާނެ ހާލަތްތައް
·         އާދައިގެ ވަރަކަށް ހައިޕަތައިރޮއިޑިޒަމް ހުރުން،
·         ގްރޭވްސް ބައްޔަށް ފުރަތަމަ ފަހަރު(އަލަށް) ފަރުވާކުރުން
·         އުމުރުން 50 އަހަރަށްވުރެ ދަށުގެ ބަލިމީހަކަށްވުން
·         ތައިރޮއިޑް ގްލޭންޑް ކުޑަކޮށް ނުވަތަ އާދައިގެ ވަރަކަށް ދުޅަވެފުއްޕުން
·         އޮޕަރޭޝަން ކުރުމުގެ ކުރިން
·         ރޭޑިޔޯއެކްޓިވް އަޔޮޑީންގެ ފަރުވާ ފެށުމުގެ ކުރިން
·         މާބަނޑު މީހުން
·         ގާތުންދޭ މައިން

ރޭޑިޔޯއެކްޓިވް އަޔޮޑީންގެ ފަރުވާ
ރޭޑިޔޯއެކްޓިވް އަޔޮޑީންގެ ފަރުވާ އަކީ އެންމެ ފަހަރަކު ދެވޭ ފަރުވާ އެކެވެ. ރޭޑިޔޯއެކްޓިވް އަޔޮޑީން ދެވެނީ ކެޕްސޫލް ނުވަތަ ދިޔާ ބޭހުގެ ސިފައިގައެވެ. ރޭޑިޔޯއެކްޓިވް އަޔޮޑީން ތައިރޮއިޑް ގްލޭންޑަށް ވާޞިލްވެ، އޭގައިހުރި ރޭޑިޔޭޝަންގެ ބާރުގައި މުޅި ތައިރޮއިޑް ގްލޭންޑް ބާރު ނެތިކޮށްލައެވެ. ރޭޑިޔޯއެކްޓިވް އަޔޮޑީންގެ އެންމެ ޑޯޒަކުން ގިނަ މީހުންނަށް ފުދެއެވެ. ރޭޑިޔޯއެކްޓިވް އަޔޮޑީންގެ ފަރުވާ ލިބިގަންނަ ގިނަ މީހުންނަށް ތައިރޮއިޑް ދަށްވުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. މިފަރުވާ އެދެވޭ ނަތީޖާ ފެންނަން 6-3 މަހުގެ މުއްދަތެއް ހޭދަވާނެ އެވެ.

ރޭޑިޔޯއެކްޓިވް އަޔޮޑީން ގެ ފަރުވާ ދޭންޖެހިދާނެ ހާލަތްތައް
·         ގްރޭވްސް ބަލި ކުރިމަތިވެފައިވުން
·         އުމުރުން 50 އަހަރަށްވުރެ ދޮށީ ބަލިމީހަކަށްވުން
·         ތައިރޮއިޑް ނޮޑިޔޫލް އުފެދިފައި ހުރުން

ރޭޑިޔޯއެކްޓިވް އަޔޮޑީންގެ ފަރުވާ ދިނުން އެދެވިގެންނުވާ ހާލަތްތައް
·         ބަލިވެއިނުން،
·         ގާތުންދިނުން
·         ކުޑަކުދިން
·         އާދައިގެ ވަރަކަށް ކުރުމުއްދަތަކަށް ތައިރޮއިޑް ދުޅަވުން ފަދަ ހާލަތެއް ކުރިމަތިވުން
ނޯޓް : ބަލިވެ އިންނަށް ބޭނުންނަމަ އެކަމަށް މަސައްކަތް ކުރަން ފެށުމުގެ 6 މަސް ކުރިން ރޭޑިޔޯއެކްޓިވް އަޔޮޑީންގެ ފަރުވާ ހުއްޓާލަން ޖެހޭނެއެވެ.

ތައިރޮއިޑް އޮޕަރޭޝަން ކުރުން
ހައިޕަތައިރޮއިޑިޒަމް ހުރުމުގެ ސަބަބުން އޮޕަރޭޝަން ކުރަންޖެހެނީ ތައިރޮއިޑް އާދަޔާ ޚިލާފަށް ބޮޑަށް ދުޅަވެ، ފުއްޕުމުގެ ސަބަބުން ކާތަކެތި ދިރުވަން އުދަނގޫވުން ނުވަތަ ނޭވާލާން އުދަނގޫވުން ފަދަ ކަމެއް ކުރިމަތިވާނަމަ އެވެ. ތައިރޮއިޑް ނޮޑިޔޫލް އެއް އުފެދިފައިހުރެމެ، އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން އުފައްދާ ނަމަވެސް އޮޕަރޭޝަން ކުރަންޖެހިދާނެއެވެ. ތައިރޮއިޑް އޮޕަރޭޝަން ކުރާއިރު، ތައިރޮއިޑް ގްލޭންޑް އެއްކޮށް، ނުވަތަ ތައިރޮއިޑް ގްލޭންޑުން ބައެއް ވެސް ނަގައިފާނެއެވެ.

ތައިރޮއިޑް އޮޕަރޭޝަން ކުރަންޖެހިދާނެ ހާލަތްތައް
·         ތައިރޮއިޑް އާދަޔާ ޚިލާފަށް ބޮޑަށް ދުޅަވެ، ފުއްޕުމުގެ ސަބަބުން ކާތަކެތި ދިރުވަން އުދަނގޫވުން ނުވަތަ ނޭވާލާން އުދަނގޫވުން
·         ތައިރޮއިޑް ގްލޭންޑަށް ކެންސަރު ޖެހުން ނުވަތަ ކެންސަރު ޖެހިފައިވާކަމަށް ޝައްކުވުން
·         އެންޓިތައިރޮއިޑް ބޭހުގެ ނޭދެވޭ އަސަރު އާދަޔާ ޚިލާފަށް ބޮޑަށްކޮށްފައިވުން
·         ރޭޑިޔޯއެކްޓިވް އަޔޮޑީންގެ ފަރުވާއިން ދުއްވާ ނުލެވޭވަރަށް ބޮޑަށް ތައިރޮއިޑް ގްލޭންޑް ދުޅަވެ ފުއްޕުން
·         ތައިރޮއިޑް ނޮޑިޔޫލް އުފެދިފައި ހުރުމާއެކު، ރޭޑިޔޯއެކްޓީވް އަޔޮޑީންގެ ފަރުވާ އަށް ނުގުޑުން އަދި އެއާއެކު އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯރމޯން އުފެއްދުން

ރައްކާތެރިވުން
ގްރޭވްސް ބަލީގެ ސަބަބުން ކުރިމަތިވާ ހައިޕަތައިރޮއިޑިޒަމް އަކީ ވާރުތަވާ ކަމަކަށްވުމުން މިއީ ރައްކާތެރިވުމަށް ކަމެއްކުރެވޭނެ ހާލަތެއް ނޫނެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށްވުރެ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ގްރޭވްސް ބަލި ޖެހުމާއި، ގްރޭވްސް ބައްޔާއި ވިދިގެން ލޮލުގެ މައްސަލަތައް ޖެހުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވޭތީ، ދުންފަތުގެ އިސްތިއުމާލުކުރުން ކުރުމުން ދުރުހެލިވުމަކީ މިފަދަ ކަންކަމުން މިންޖުވުމަށް އެހީއަކަށްވެއެވެ.

ގޭގައި ސަމާލުވާންޖެހޭ ކަންތައްތައް
ހައިޕަތައިރޮއިޑިޒަމް އަށް ފަރުވާކުރަން ފެށުމަށްފަހު ގަވާއިދުން ޑޮކްޓަރަށް ދައްކަންޖެހޭނެ އެވެ. އެއީ ބޭހަށް އިޖާބަދޭގޮތް ބެލުމާއި، ބޭހުގެ ސަބަބުން ނޭދެވޭ އަސަރެއް ކުރިމަތިވެފައިވޭތޯ ބެލުމެވެ. އަދި ފަރުވާ ބަދަލުކުރަންޖެހޭނަމަ އެކަން ކަނޑައެޅުމެވެ. ކޮންމެ ދުވަހަކު އެއްގަޑިއެއްގައި ބޭސް ކެއުމަށް އާދަކުރަންޖެހޭނެ އެވެ.

ގްރޭވްސް ބަލީގެ ސަބަބުން ލޮލުގެ މައްސަލަ ކުރިމަތިވެފައިވާނަމަ، ލޯތެތްކަންމަތީ ބެހެއްޓުމަށް ލޮލަށް ޖައްސާ ތިކި ބޭނުންކުރަންޖެހިދާނެއެވެ. އަދި ލޯރައްކާތެރިކުރުމަށް ބޭރަށްނިކުމެ އުޅޭއިރު އަވިއައިނު އަޅަންޖެހިދާނެ އެވެ. ހައިޕަތައިރޮއިޑިޒަމްގެ އުދަނގޫތައް ކުޑަކުރުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުވާން ޖެހެއެވެ.
·         ހާސްވެ ކަންބޮޑުވުމާއި ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކުން ދުރުހެލިވެހުރުން
·         ކެފޭން ހުންނަ ކާބޯތަކެތީގެ ބާވަތްތަކާއި ދުރުހެލިވުން
·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
·         ކެލްސިއަމް އަދި ވިޓަމިންޑީ އިން މުއްސަދި ކާނާގެ ބާވަތްތައް ބޭނުންކުރުން
·         ގަވާޢިދުން ކަސްރަތު ކުރުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ބޭނުމުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :