Sunday, July 30, 2023

ނޯރޯވައިރަސް އިންފެކްޝަން

 

ނޯރޯވައިރަސް އިންފެކްޝަން (ނޯރޯވައިރަހުން ޖެހޭ ބޭރަށްހިންގުން)

ނޯރޯވައިރަސް(Norovirus) އިންފެކްޝަން އަކީ ނޯރޯވައިރަސް ގެ ސަބަބުން ކުރިމަތިވާ މައްސަލަ ތަކެވެ. އެންމެ އާންމުކޮށް ކުރިމަތިވާ މައްސަލަ އަކީ ބޭރަށް ހިންގުމެވެ. ނޯރޯވައިރަސް އަކީ އޭގެ ސަބަބުން ކުއްލިއަކަށް ހޮޑުލުމާއި ބޭރަށްހިންގުން ކުރިމަތިކުރުވާ ވައިރަސް އެކެވެ. މިއީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެކެވެ.

ގިނަ މީހުން މާބޮޑު ފަރުވާއަކާއި ނުލައި ރަނގަޅުވެދެއެވެ. ނަމަވެސް ބައެއް މީހުންނަށް ޚާއްޞަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުން، ދިފާޢީ ބާރު ދަށްވެފައިވާ މީހުން، އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ނޯރޯވައިރަސްގެ ސަބަބުން ކުރިމަތިވާ ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ ސަބަބުން ހަށިގަނޑުން ފެންމަދުވުމުގެ މައްސަލަ ކުރިމަތިވާގޮތް ވެއެވެ.

ނޯރޯވައިރަސްގެ ސަބަބުން ކުރިމަތިވާ ބަލި (ބޭރަށްހިންގުން) ބޮޑަށް ފެތުރެނީ ބަންދުވެފައި ހުންނަ، މީހުން ގިނަ، ތޮށްޖެހިފައިވާ މާހައުލުތަކުގައެވެ. މިސާލަކަށް ހޮސްޕިޓަލް، ނާރސިންގ ހޯމް، ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒު، ސުކޫލް، މަދަރުސާ، ޖަލު، ރިހިބިލިޓޭޝަން ސެންޓަރު، އަދި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ފަދަ ތަންތަނުގައެވެ. އެހެން ކަމުން މީހުން ގިނައިން އެއްވެ، ގައިގޯޅިވެ އުޅެންޖެހޭ ފަދަ ތަންތަނުގައި ބަލި ބާރަށް ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.



ނޯރޯވައިރަސް

ނޯރޯވައިރަސްގެ ވަރަށް ގިނަ ވައްތަރު ނޫނީ ސްޓްރެއިން ތައް ހުރެއެވެ. ނޯރޯވައިރަސްގެ ތެރެއިން ބޭރަށްހިންގުން ޖެހޭ ވައްތަރު ނިސްބަތްވަނީ ކެލްސިވިރިދޭ ވައިރަސް އާއިލާ އަށެވެ. މިއާއިލާގެ 10 ގުރޫޕުން 48 ވައްތަރުގެ ވައިރަސް ހޯދިފައި ވެއެވެ. އެންމެ އާންމުކޮށް ފެންނަ ނޯރޯވައިރަސް އަކީ (GII.4) އެވެ. ކޮންމެ އަހަރަކު 685 މިލިޔަން މީހުންނަށް ނޯރޯވައިރަސްގެ ސަބަބުން އިންފެކްޝަންޖެހެއެވެ. އޭގެތެރެއިން 200 މިލިޔަން ހާލަތަކީ ކުޑަކުދިންނެވެ.

ތާރީޚް

އެންމެ ފުރަތަމަ ނޯރޯވައިރަސްގެ އައުޓް ބްރޭކެއް ފެތުރުނީ އެމެރިކާގެ އޯހިއޯގެ ނޯރވޯކް ގެ ސުކޫލެއްގައި 1968 ވަނަ އަހަރުގައެވެ. މިސަބަބަށްޓަކައި ނޯރޯވައިރަސްގެ އެންމެ ފުރަތަމަ ފެނުނު ސްޓްރެއިން އަށް ކިޔަނީ "ނޯރވޯކް ވައިރަސް"(Norwalk virus) އެވެ.  

ސަބަބު

ނޯރޯވައިރަސް އަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެކެވެ. މާނައަކީ ނޯރޯވައިރަސް އިންޖެހޭ އިންފެކްޝަން (ބޭރަށްހިންގުން) ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކުގެ ގަޔަށް އަރައިފާނެއެވެ. ބަލިޖެހުނު ނޫނީ ޖެހިފައިވާ މީހާގެ ބޮޑުކަމު ނަޖިހާއި، ހޮޑުގައި ނޯރޯވައިރަސް ހުރެއެވެ. ބަލިޖެހިފައިވާ މީހާގެ ފުށުން އަލާމާތްތައް ފެންނަ ދުވަހުން ފެށިގެން ގޮސް، ރަނގަޅުވުމަށްފަހު ދެތިން ހަފްތާ ވަންދެން ވެސް އެހެން މީހުންނަށް ބަލި ފަތުރައިދާނެއެވެ. ނޫނީ އެމީހާގެ ފުށުން އެހެން މީހުންނަށް ބަލި ފެތުރިގެން ހިނގައިދާނެއެވެ. ނޫނީ އެމީހާގެ ފުށުން އެހެން މީހުންނަށް ބަލިޖެހިދާނެއެވެ. ސަތަހަ ތަކާއި (ތަންތަނާއި) އެއްޗެހި ތަކުގެ މަތީގައި ނޯރޯވައިރަސް ދުވަސްތަކުން ފެށިގެން ހަފްތާތަކެއް ވަންދެން ވެސް މަރުނުވެ ހަރުލައި ހުރެދާނެ އެވެ.

މަގުފަހިކުރާ ކަންތައްތައް

ނޯރޯވައިރަސް އިން ބޭރަށް ހިންގުން ފަދަ އިންފެކްޝަންތައް ޖެހުމަށް މަގުފަހިކުރާ ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ނޯރޯވައިރަސް އިން ޖެހޭ ބޭރަށްހިންގުން ޖެހިފައިޥާ މީހަކާ ގާތުންއެއްތާކުވުން

·         ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެންބުއިން ނޫނީ ކާބޯތަކެތި ކެއުން – މިގޮތަށް ދިމާވުމުގެ ފުރުޞަތު ބަލި ފެތުރޭ ދުވަސްވަރު ބޭރުން ކެއުމުން އިތުރުވެގެން ދާގޮތް ވެއެވެ.

·         ބަލިޖެހިފައިވާ ކުދިން ސުކޫލު މަދަރުސާތަކަށް ދިއުން

·         ބަލިޖެހިފައިވާ މީހުންނާއި، ކުދިން ބަލިޖެހިފައިވާ ތިބޭ ދުވަސްވަރު (ބަލި ފެތުރޭ ދުވަސްވަރު) މީހުން ގިނައިން އެއްވާ ތަންތަނަށް ގޮސް އުޅުން

·         ބަލީގެ ޖަރާސީމު ހަރުލާފައި ހުރެފާނެ ހެން ހީވާ ތަންތަނުގައި އަތްލައި ހެދުން

ބަލި ފެތުރޭގޮތް

ނޯރޯވައިރަސް އިން ޖެހޭ އިންފެކްޝަން އާންމުކޮށް ފެތުރެނީ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުމުންނާއި، ޖަރާސީމާއި ތަޣައްޔަރުވެފައިވާ އެއްޗެއް ނޫނީ ތަނެއްގައި އަތްލުމަށް ފަހު،  (ޖަރާސިމާއި (ނޯރޯވައިރަސްއާއި) ތަޣައްޔަރުވެފައިވާ) އަތްނުދޮވެ، އަނގަޔަށް ، އަތްލުމުންނެވެ. ބަލިޖެހިފައިވާ މީހަކާއި ގައިގޯޅިވެ އުޅުމުން ވެސް ބަލި ޖެހުމުގެ ފުރުޞަތު އޮވެދާނެ އެވެ. އެއީ މިފަދަ ހާލަތުގައި އެފަދަ މީހެއްގައިގައި އަތްލައި ހެދުމުން ( އެމީހެއްގެ ހަށިގަނޑުގެ ބޭރު ސަތަހައިގައި ހުރެދާނެ ޖަރާސީމު)، ސަލާމާތުން ހުރި މީހެއްގެ ހަށިގަނޑަށް ވައިރަސް ވާޞިލްވުމުގެ ފުރުޞަތު އޮންނާނެތީ އެވެ.

ބަލިޖެހުނު ނޫނީ ޖެހިފައިވާ މީހާގެ ބޮޑުކަމު ނަޖިހާއި، ހޮޑުގައި ނޯރޯވައިރަސް ހުރެއެވެ. ބަލިޖެހިފައިވާ މީހާގެ ފުށުން އަލާމާތްތައް ފެންނަ ދުވަހުން ފެށިގެން ގޮސް، ރަނގަޅުވުމަށްފަހު ދެތިން ހަފްތާ ވަންދެން ވެސް (ގާތްގަނޑަކަށް 4 ހަފްތާ ވަންދެން ވެސް) އެހެން މީހުންނަށް ބަލި ފަތުރައިދާނެއެވެ. ނޫނީ އެމީހާގެ ފުށުން އެހެން މީހުންނަށް ބަލި ފެތުރިގެން ހިނގައިދާނެއެވެ. ނޫނީ އެމީހާގެ ފުށުން އެހެން މީހުންނަށް ބަލިޖެހިދާނެއެވެ. ސަތަހަ ތަކާއި (ތަންތަނާއި) އެއްޗެހި ތަކުގެ މަތީގައި ނޯރޯވައިރަސް ދުވަސްތަކުން ފެށިގެން ހަފްތާތަކެއް ވަންދެން ވެސް މަރުނުވެ ހަރުލައި ހުރެދާނެ އެވެ. ދިފާޢީ ބާރުދަށް މީހަކަށް ބަލިޖެހިއްޖެނަމަ 3-2 މަސް ވަންދެން ވެސް އެމީހެއްގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރައިދާނެ އެވެ. އެއީ މިމުއްދަތުގައި އެމީހުން ބޮޑުކަމު ނަޖިހުގައި ނޯރޯވައިރަސްގެ އަސަރު ހުންނާތީ އެވެ.

ބަލިޖެހިދާނެ ގޮތްތައް

·         ބަލީގެ ޖަރާސީމާއި (ނޯރޯވައިރަސްއާއި) ތަޣައްޔަރުވެފައިވާ ކާތަކެތި ބޭނުންކުރުން ނޫނީ ކެއުން – ބަލިޖެހިފައިވާ މީހާ ބޮޑުކަމު ދިއުމަށް ފަހު ސައިބޯނި ލައިގެން އަތްނުދޮވެ، ކާތަކެތީގައި އަތްލުމުން އެކާތަކެތި ޖަރާސީމާއި ތަޣައްޔަރުވެގެން ދެއެވެ.

·         ބަލީގެ ޖަރާސީމާއި (ނޯރޯވައިރަސްއާއި) ތަޣައްޔަރުވެފައިވާ ފެންބުއިން

·         ޖަރާސީމާއި ތަޣައްޔަރުވެފައިވާ އެއްޗެއް ނޫނީ ތަނެއްގައި އަތްލުމަށްފަހު، އަތްނުދޮވެ އަނގަޔަށްލުން - ބަލިޖެހިފައިވާ މީހާ ބޮޑުކަމު ދިއުމަށް ފަހު ސައިބޯނި ލައިގެން އަތްނުދޮވެ، ތަކެއްޗާއި، ތަންތަނުގައި އަތްލުމުން އެތަންތަނާއި، ތަކެތި ޖަރާސީމާއި ތަޣައްޔަރުވެގެން ދެއެވެ.

·         ބަލިޖެހިފައިޥާ މީހަކާއެކު އެކުގައި ނޫނީ މާބޮޑަށް ގައިގޯޅިވެއުޅުން - ބަލިޖެހިފައިވާ މީހާ ބޮޑުކަމު ދިއުމަށް ފަހު ސައިބޯނި ލައިގެން އަތްނުދޮވެ، އެހެން މީހުންގެ ގައިގައި އަތްލުމުން ނޫނީ އަތުގައި އަތްލުމުން އަތް ޖަރާސީމާއި ތަޣައްޔަރުވެގެން ދެއެވެ. އަދި އެއަތް ނުދޮވެ އަނގަޔަށް ލައިފިނަމަ ބަލިޖެހިދާނެއެވެ.

·         ބަލިޖެހިފައިވާ މީހާ ބޮޑުކަމު ދިއުމަށްފަހު ސައިބޯނި ލައިގެން އަތްނުދޮވެ، ކާތަކެތި ތައްޔާރުކުރުމުން، ބަލިނުޖެހޭ މީހާ އެކާބޯތަކެތި ކެއުމުން ބަލިޖެހިދާނެއެވެ.

·         މަދު ފަހަރަކު ބޭރުވެގެންދާ ހޮޅުކޮޅުގައި އަތްލުމަށްފަހު އަތްނުދޮވެ، ބަލިނުޖެހޭ މީހާ އެއަތް އަނގަޔަށް ލައިފިނަމަ ބަލިޖެހިދާނެއެވެ.

ނޯރޯވައިރަސް އަކީ މަރާލަން ނޫނީ ނައްތާލަން އުދަނގޫ ވައިރަސް އެކެވެ. ހޫނަށް ނޫނީ ފިންޏަށް ވައިރަސް ތަހައްމަލުކުރެއެވެ. މާނައަކީ މާބޮޑަށް ހޫނުވެގެން ނޫނީ ފިނިވިޔަސް ވައިރަސް މަރުނުވުމެވެ. އަދި ވަރަށް ގިނަ ޖަރާސީމު ނައްތާލުމަށް ހުންނަ އެއްޗެހިން ވެސް ނޯރޯވައިރަސް މަރުނުވާކަން ފާހަގަ ކުރެވެއެވެ.

އަލާމާތްތައް

ބަލީގެ ޖަރާސީމު ހަށިގަނޑުގައި ހުރެމެ، ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ވެސް ހިނގައިދާނެ އެވެ. ބޮޑެތި މީހުންނާއި، ކުޑަކުދިންގެ ފުށުންވެސް ފެންނަނީ ހަމަ އެއް އަލާމާތް ތަކެކެވެ. ބޮޑެތި މީހުން ބޭރަށްހިންގުން އިތުރުވެފައި ކުޑަކުދިންނަށް ހޮޑުލުން އިތުރުކަން ބައެއް ފަހަރު ފާހަގަ ކުރެވިފައި ވެއެވެ. ނޯރޯވައިރަސް އިންފެކްޝަން ގެ ސަބަބުން  އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         މޭނުބައިކުރުން

·         ހޮޑުލެވުން

·         ބަނޑުގައި ރިހުން

·         ބޭރަށް ހިންގުން

·         ހުންއައުން

·         ބޮލުގައި ރިހުން

·         ގައިގައި ރިހުން

·         ގައިންވަރުދޫވުން

ނޯރޯވައިރަސްގެ ސަބަބުން ކުރިމަތިވާ ހޮޑުލުމާއި، ބޭރަށްހިންގުމާއި، ބަނޑުގައިރިހުން އާންމުގޮތެއްގައި ފެށެނީ ވައިރަސް ހަށިގަނޑަށް ވަންނަތާ 48-12 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. މިވައިރަސްގެ ސަބަބުން ކުރިމަތިކުރުވާ އިންފެކްޝަން (ބޭރަށްހިންގުން) އާންމު ގޮތެއްގައި ދެމިހުންނަނީ 3-1 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ. އަދި ބަލީގެ އުދަނގޫތައް ފިލައި ރަނގަޅުވުމަށް ފަހު، ދެތިން ހަފްތާ ވަންދެން ވެސް ބަލިޖެހުނު މީހުންގެ ބޮޑުކަމު ނަޖިހާއެކު، ނޯރޯވައިރަސް ބޭރުވަމުން ހިނގައިދާނެއެވެ. އެހެން ބޮޑު ބައްޔެއް ތަހައްމަލުކުރަމުން ދާނަމަ، މިގޮތަށް ބޮޑުކަމު ނަޖިހާއެކު ނޯރޯވައިރަސް ބޭރުވުން ނޫނީ ބޮޑުކަމު ނަޖިހުގައި ނޯރޯވައިރަސް ހުރުން ދެތިން ހަފްތާއިން ފެށިގެން ދެތިން މަހުގެ މުއްދަތަށް ވެސް ދިގުދެމި ހިނގައިދާނެއެވެ.

ދިމާވެދާނެ ނުރައްކާތައް

މާބޮޑު އިތުރު ޞިއްޙީ މައްސަލަތަކެއް ކުރިމަތިކުރުވުމަކާ ނުލައި ގިނަ މީހުންނަށް ނޯރޯވައިރަސްގެ ސަބަބުން ޖެހޭ އިންފެކްޝަން (ބޭރަށްހިންގުން) ދެތިން ދުވަހުގެ ތެރޭގައި ރަނގަޅުވެގެން ދެއެވެ. ނަމަވެސް ބައެއް މީހުންނަށް ޚާއްޞަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުން، ދިފާޢީ ބާރު ދަށްވެފައިވާ މީހުން، އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ނޯރޯވައިރަސްގެ ސަބަބުން ކުރިމަތިވާ ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ ސަބަބުން ހަށިގަނޑުން ފެންމަދުވުމުގެ މައްސަލަ ކުރިމަތިވުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ. މިބަލި ޖެހި ހަށިގަނޑުން ފެނާއި ލޮނުގެ ބައިމަދުވެގެން ދިއުމަކީ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމެކެވެ.

ހަށިގަނޑުން ފެންމަދުވުމުގެ އިންޒާރީ ނިޝާންތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         މާބޮޑަށް ވަރުބަލިވެ ވާޅުވުން

·         ދުލާއި، އަނގަތެރެ އާއި ކަރުތެރެ ހިކުން

·         ބޯއެނބުރުން

·         ކުޑަކަމުދެވޭ މިންވަރު މަދުވުން – ކުޑަކުދިން 8-6 ގަޑިއިރު ވާއިރުވެސް ކުޑަކަމުގޮސްފައި ނުވުން

ކުޑަކުދިންނަށް ފެންމަދުވުން ކުރިމަތިވެއްޖެނަމަ ރޯއިރު ކަރުނަނުހުރުން، އަދި އަބަދު ނިދަން ބޭނުންވުން ނޫނީ ތާއްޔަށްޖެހުން ނޫނީ އަބަދު ނިދާފައި އޮތުން ނޫނީ ފުސްމޫނު ހަދައިގެން އުޅުން ފަދަ ކަންކަން ހުރެދާނެއެވެ.

ދެނެގަތުން

ނޯރޯވައިރަސް ޖެހޭ ބޭރަށްހިންގުން ދެނެގަންނަނީ ކުރިމަތިވެފައިވާ އުދަނގޫތަކަށް ނޫނީ ބަލީ އަލާމާތްތަކަށް ރިޢާޔަތްކޮށްގެންނެވެ. ނަމަވެސް ބޮޑު ކަމު ނަޖިސް ޓެސްޓުކޮށްގެން އޭގައި ވައިރަސް ހުރިތޯ ދެނެގަނެވިދާނެ އެވެ. ދިފާޢީ ބާރު ދަށްވުން ނޫނީ ބޮޑު ބައްޔަކަށް ބޭސް ބޭނުންކުރާނަމަ، ބޮޑުކަމުނަޖިސް ޓެސްޓުކޮށް އޭގައި ނޯރޯވައިރަސް ހުރިތޯ ބައެއް ފަހަރު ޑޮކްޓަރުން ބަލައިފާނެއެވެ.

ފަރުވާ

ނޯރޯވައިރަސް އިންޖެހޭ ބޭރަށްހިންގުމަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. އާންމު ގޮތެއްގައި ގިނަ މީހުންނަށް ދެތިން ދުވަހުގެ ތެރޭގައި ބަލީގެ އުދަނގޫތައް ނެތިގޮސް، ބަލިން ލުއިވެ، ފަސޭހަވެދެއެވެ. ހޮޑުލައި ބޭރަށް ހިންގުމަކީ ހަށިގަނޑުން ވަރަށް ބައިވަރު ފެން ބީވެގެންދާނެ ކަމަކަށްވާތީ، ބަލިޖެހުމުން ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ލޮނު ޕެކެޓް ބޭނުންކުރުން ރަނގަޅެވެ. ހަކުރުބަލި، ލޭމައްޗަށްދިއުން ފަދަ ބަލިތައް ހުންނަ މީހުންނަށް ވެސް މިފަދަ ހާލަތުގައި ލޮނު ޕެކެޓް ބޭނުންކުރެވިދާނެ އެވެ. އެކަށޭނަ ވަރަށް ދިޔާތަކެތި ބޭނުން ނުކުރެވޭނަމަ، ނޫނީ ކެއިން ބުއިމަށް ނުކުޅެދޭނަމަ ފަހަރުގައި އައިވީ ގުޅަންވެސް ޖެހިދާނެ އެވެ. އެއީ ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށްޓަކައެވެ. އާންމު ގޮތެއްގައި ބޭސް ދޭނީ ހުންތިރިކުރުމަށާއި، ބޭރަށްހިންގުން އަދި ހޮޑުމަނާކުރުމަށެވެ.

ގޭގައި (އަމިއްލައަށް) ކުރެވިދާނެ ކަންތައްތައް

ބަލިފެތުރޭ ދުވަސްވަރު ގޭގައި ލޮނު ޕެކެޓް ފަދަ ތަކެތި ބެހެއްޓުން ބުއްދިވެރި އެވެ. ހޮޑުލައި ބޭރަށް ހިންގާނަމަ ކުޑަކުދިންނާއި ބޭޑެތި މީހުންނަށް ވެސް ލޮނު ޕެކެޓް ބޭނުންކުރެވިދާނެ އެވެ. ހަކުރުބަލި، ލޭމައްޗަށްދިއުން ފަދަ ބަލިތައް ހުންނަ މީހުންނަށް ވެސް މިފަދަ ހާލަތުގައި ލޮނު ޕެކެޓް ބޭނުންކުރެވިދާނެ އެވެ. ބޭރަށްހިންގައި ހޮޑުލާއިރު ހަކުރު ގިނަ ބުއިންތައް މިސާލަކަށް ސޮފްޓް ޑްރިންކްސް ފަދަ ލުއި ބުއިންތައް، މޭވާ ޖޫހުގެ ވައްތަރުތައް ބޭނުންކުރުމުން ފަހަރުގައި ބަނޑުދިޔާވެ، ބޭރަށްހިންގުން އިތުރުވެދާނެއެވެ. ކެފެއިން އަދި އަލްކޮހޯލް އެކުލެވޭ ދަޅާއި ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތައް ބޭނުންކުރުން ވެސް ރަނގަޅެއް ނޫނެވެ. ކުރުބާ ފެން ބޭނުންކުރެވިދާނެ އެވެ. މީގެ އިތުރުން ވީވަރަކުން އަރާމު ކުރުމަކީ ވެސް މުހިއްމު ކަމެކެވެ.

މޭނުބައިކޮށް ހޮޑުލެވޭނަމަ އެއްފަހަރާ ބައިވަރު ކެއުމުގެ ބަދަލުގައި އިރުއިރުކޮޅާ އެތިކޮޅުކޮޅުން ކެއުން ކުރިޔަށް ގެންދެވިދާނެއެވެ. އެހެން ނޫންނަމަ، ފަސޭހައިން ހެފޭ، ފަސޭހައިން ހަޖަމުވާފަދަ ތަކެތި މަދުމަދުން ބޭނުންކުރަން ފެށިދޭނެ އެވެ. މިސާލަކަށް  ހަކުރު ނުހުންނަ ލޮނު ބިސްކޯދު ފަދަ ބިސްކޯދު، ޓޯސްޓު، ދޮންކެޔޮ، ބަތްޕެން، ސުރުވާ ފަދަ ތަކެތި ބޭނުންކުރެވިދާނެ އެވެ. ނަމަވެސް މިފަދަ ތަކެތި ބޭނުންކުރަން ފެށުމުން މާބޮޑަށް މޭނުބައިކުރާނަމަ އެތަކެތި އެވަގުތަށް ބޭނުންކުރުން ހުއްޓާލައި ދިޔާތަކެތި ގިނައިން (އެތިފޮދުފޮދުން) ބޭނުންކުރަމުން ގެންދެވިދާނެއެވެ. ކިރާއި ކިރުގެ އުފެއްދުންތައް، އަލްކޮހޯލް، ނިކޮޓިން، ކެފެއިން ހުންނަ ބުއިންތަކާއި ދުރުހެލިވާންޖެހޭނެ އެވެ. އަދި ކުޅި، ތެޔޮ، ހަވާދުލީ ބާވަތްތަކާއި ވެސް ދުރުހެލިވާންޖެހޭނެ އެވެ.

މީގެ އިތުރުން ބަލިޖެހުމުން އަތުގެ ސާފުތާހިރުކަމަށް އިސްކަންދީ، އެހެން މީހުންނާއި ގައިގޯޅިވެ އުޅުމުން ދުރުހެލިވެ، ބޭރަށް ނުގޮސް ގޭގައި މަޑުކޮށްލުމަކީ ވެސް ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމެވެ.

ރައްކާތެރިވުން

ނޯރޯވައިރަސް އިންޖެހޭ ބޭރަށްހިންގުމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން – ސައިބޯނި ލައިގެން އަތްދޮވުމުން ވައިރަސް ނައްތާލަން ފަސޭހަވެއެވެ. ސެނިޓައިޒަރ އިން ނޫނީ އަލްކޮހޯލް އިން ވައިރަސް މަރުނުވެދާނެ އެވެ. ނޫނީ ނައްތާ ނުލެވިދާނެ އެވެ.

·         ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެންބުއިމާއި، އެފަދަ ކާބޯތަކެތި ބޭނުންކުރުމުން ދުރުހެލިވުން – މިކަން ކުރުމަށް ބޭރުން ކެއުން ފަދަ އާދަތަކާ ދުރުހެލިވުން މުހިއްމެވެ.

·         ބަލިޖެހިފައިވާ މީހުން ދިރިއުޅޭ ތަންތަން ނުވަތަ ޖަރާސީމު ހަރުލާފައި ހުރެފާނެ ހެން ހީވާ ތަންތަން (އެފަދަ މީހުން އޮންނަ އެދާއި، ވަށައިގެންވީ ހިސާބުގެ ސަތަހަތައް، އެފަދަ މީހުން އޮންނަ ކޮޓަރީގައި ހުންނަ ގޮޑި މޭޒު ފަދަ ހިފައިގެންގުޅޭ ތަކެތި، ބަލިމީހާ އޮންނަ ކޮޓަރީގައި ހުންނަ އަލަމާރި، ކަބަޑު ފަދަ ތަކެތި ހުޅުވަން ހުންނަ އަތްގަނޑު ، ދޮރުގެ އަތްގަނޑު ފަދަ ތަންތަނާއި ތަކެތި) ރަނގަޅަށް ސާފުކުރުން – މިފަދަ ތަންތަން ސާފުކުރަންވާނި ގޭގައި ހުންނަ ނޫނީ ބޭނުންކުރާ ލައްފިލުވާ ފެނަށް ގިރުވައިގެން، އެބޭނުންކޮށްގެންނެވެ. ލައްފިލުވާ ފެން ނޫނީ ބުލީޗު ފެން ހެދުމަށް – 3.8 ލީޓަރުގެ ފެނަށް 375-75 އެމް އެލް އާއި ދެމެދުގެ މިންވަރަކަށް ލައްފިލުވާ އަޅައި ރަނގަޅަށް ގިރާލާނީ އެވެ. މިފެން ތައްޔާރުކުރާއިރު، ތަންތަން ސާފުކުރަން ގެންގުޅޭ އެހެން އެއްވެސް ބާވަތެއްގެ އެއްޗެއް މިފެނަށް އަޅައި އެއްކޮށް ހަދައިގެން ނުވާނެއެވެ (ޑރ މުހައްމަދު ޢަލީ ،2023). މިގޮތަށް ތަންތަން ސާފުކުރާއިރު އަންގި އެއް ފަދަ އެއްޗެއް ބޭނުންކުރެވިދާނެ އެވެ.

·         މޭވާ، ތަރުކާރީ ފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވެ ސާފުކުރުން

·         ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން

ބަލިޖެހުމަށްފަހު އެހެން މީހުންނަށް ތިބާގެ ފުށުން ބަލި ފެތުރުން ކުޑަކުރުމަށްޓަކައި އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

·         ބަލިޖެހިފައިވާ ދުވަސްވަރު އެހެން މީހުންނާއި ގައިގޯޅިވެނޫޅުން

·         ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން

·         ބަލިޖެހުމުން ބޭރަށް ނުގޮސް ރަނގަޅުވަންދެން ގޭގައި މަޑުކޮށްލުން

·         އެހެން މީހުން ގެންގުޅޭ އެއްޗެތީގައި އަތްލައި، އަދި ތަންތަނުގައި އަތްލައި ނުހެދުން

·         ބަލިޖެހިފައިވާ ދުވަސްވަރު އެހެން މީހުންނަށް ކާބޯތަކެތި ތައްޔާރުކުރުމުން ދުރުހެލިވުން

·         ބަލިޖެހިފައިވާ މީހުންނާއި ކުދިން ލާ ހޮޑު އަދި ބޮޑުކަމު ނަޖިސް (ކުޑަކުދިންގެ ނެޕީ ފަދަ ތަކެތި) ފަރުވާތެރިކަމާއެކު ނައްތާލުން

·         ބަލިޖެހުމަށްފަހު ރަނގަޅުވަންދެން ފެރީ، ބަސް، ކާރު ފަދަ ތަކެތިން ދަތުކުރުމުން ދުރުހެލިވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.nhs.uk/conditions/norovirus/

·         https://www.mayoclinic.org/diseases-conditions/norovirus/symptoms-causes/syc-20355296

·         https://www.nhs.uk/conditions/norovirus/

·         https://my.clevelandclinic.org/health/diseases/17703-norovirus