Wednesday, June 6, 2012

މޮނަލައިއެސިސް

މޮނަލައިއެސިސް
މޮނަލައިއެސިސް(Moniliasis) އަކީ ހަށިގަނޑުގެ ކޮންމެ ވެސް ހިސާބެއްގައި އާދަޔާ ޚިލާފަށް ގިނައިން ބަލި ޖައްސާ ޖަރާސީމު "ކެންޑިޑާ" އިތުރުވެ، ގިނަވުމުގެ ސަބަބުން އުފަންވެގެން އަންނަ ބައްޔެކެވެ. އަދި މިއީ ބައެއް ފަހަރު ޖިންސީގުޅުމުން ވެސް ފެތުރޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އަންހެނުންގެ ފަރުޖާއި ކުރިމަތި ފަރާތް، އަދި ޖިންސީ ގުނަވަނަށް ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ އާންމު ބައްޔަކީ މޮނަލައިއެސިސް އެވެ. މިބައްޔަށް ބައެއް ފަހަރު "ކެންޑިޑައިއެސިސް"(Candidiasis) މިހެން ވެސް ކިޔައި އުޅެއެވެ.   

ކެންޑިޑައެސިސް ނުވަތަ ފަންގަސް އިންފެކްޝަންގެ ސަބަބުން ދިމާވާ ބައެއް މައްސަލަތަކެއް ނަޒަރެއް
·        ކެންޑިޑާ އިންފެކްޝަން ބޮޑަށް އަށަގަންނަނީ ހަށިގަނޑުގައި ތެތް ހޫނު ހިސާބުތަކުގައެވެ. މިސާލަކަށް ފަައިވަޅު، ކިހިލިފަތްދޮށް ފަދަ ތަންތަނުގައެވެ. ތުއްތު ކުދިންނަށް ފަންގަސްގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވަނީ ފޫކޮޅު (ނެޕީ ޖެހުމުން ފޫކޮޅު ހަލާކުވުން)، އަދި އަނގަ (އަނގައިގައި ކުނިއެޅުން) އަށެވެ. ހަމުގައި ކަނޑައިގެން ގޮސްފައި ހުންނަ ހިސާބު ހުރަސްކޮށް ހަށިގަނޑަށް ބައެއް ފަހަރު މިފަންގަސް ވާޞިލް ވެއެވެ.
·        އަންހެނުންނަށް ފަންގަސް ގެ ސަބަބުން ކުރިމަތި ފަރާތުގައި ފަންގަސް އަށަގަންނަގޮތް ދިމާވެއެވެ.
·        ބޮޑެތި މީހުންނަށް އަނގައިގައި ކުނިއެޅުމުގެ ފުރުޞަތު އުމުރުން މަތިވާ ވަރަކަށް އިތުރުވެއެވެ. މީގެ އިތުރުން ބޮޑެތި މީހުންގެ ހަށިގަނޑުގައި ދެހަންޖެހޭގޮތަށް ހުންނަ ހިސާބު (އުރަމަތީގެ ދަށުގައި ހަމުގައި އުރަމަތި ޖެހޭ ހިސާބު)، ތައް، ދަށްބަނޑު، ނިޔަފަތީގެ ދަށްފުށް، ފަދަ ހިސާބުތަކުގައި ފަންގަސް އަށަގަންނަގޮތް ވެއެވެ.
·        ވަރަށް މަދު ފަހަރަކު ހަށިގަނޑުގެ ހިސާބެއްގައި އުފެދޭ ފަންގަސް އިންފެކްޝަންގެ އަސަރު ލޭގެ ތެރެއަށް ފޯރާގޮތް ވެއެވެ. މިހެން ދިމާވެއްޖެނަމަ މުޅި ލޭގެ ތެރެއަށް ފަންގަސްގެ އަސަރު ފެތުރޭގޮތް ވެއެވެ. ހިސާބުތަކުން ދައްކާގޮތުގައި ލޭގެ ތެރޭގއި ފަންގަސް އަށަގަންނަ 45 އިންސައްތަ މީހުންގެ ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ.
·        ތަކުރާރުކޮށް ފަންގަސް އިންފެކްޝަން ކުރިމަތިވުމަކީ ފަހަރުގައި ހަކުރުބަލި، ލޭގެ ކެންސަރު، ނުވަތަ އޭޑްސް ފަދަ ބައްޔެއްގެ ނިޝާނަކަށް ވުމަކީ ވެސް ވެދާނެ ގޮތެކެވެ.
ސަބަބު
ފަންގަސް އަކީ ހަށިގަނޑުގެ ހުރިހާ ހިސާބެއްގައި ވެސް ހަށިގަނޑަށް ގެއްލުމެއްނުދީ ދިރިއުޅޭ ޖަރާސީމެކެވެ. ޚާއްޞަކޮށް ހަށިގަނޑު ތެތް ހޫނު ހިފެހެއްޓޭ ހިސާބުތަކުގައި މިޖަރާސީމު ދިރިއުޅެއެވެ. ކެންޑިޑާ ފަންގަސްގެ ތަފާތު 20 އަށްވުރެ ގިނަ ވައްތަރު މިހާތަނަށް ހޯދިފައި ވެއެވެ. ނަމަވެސް އެންމެ އާންމު ވައްތަރަކީ ކެންޑިޑާ އަލްބިކަންސް އެވެ.  މޮނަލައިއެސިސް އަކީ ފަންގަސްގެ ވައްތަރެއް ކަމުގައިވާ ''ކެންޑިޑާ އަލްބިކަންސް''(Candida albicans)ގެ ސަބަބުން ޖެހޭ ބައްޔެކެވެ. ބޮޑުގޮހޮރުގެ ތެރޭގައި އިންސާނާއަށް އެއްވެސް އުދަގުލެއް އެއިން މެދުވެރި ކުރުވުމަކާއި ނުލައި ''ކެންޑިޑާ'' ދިރިއުޅެއެވެ. އަންހެނާގެ ހަށިގަނޑުގައި ފުރަގަސްފަރާތު ދޮރާއި، ކުރިމަތީ ފަރާތު ދޮރު ތަބީއީގޮތެއްގައި ހުންނަލެން ކައިރިކަމުން ފުރަގަސްފަރާތުން ކުރިމަތިފަރާތަށް ''ކެންޑިޑާ'' ވާސިލްވުމަކީ އެކަށީގެންވާ ކަމެކެވެ. ގެއްލުމެއް ނުލިބޭ މިންވަރަކަށް އަންހެނުންގެ ޖިންސީ ގުނަވަނުގެ ތެރޭގައި ވެސް ''ކެންޑިޑާ'' ދިރިއުޅެއެވެ.

އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔައިގެ އެސިޑް އެކުލެވޭ މިންވަރު ސާބިތުކަންމަތީ ހުރެއްޖެ ނަމަ އިސްވެ ބަޔާން ކުރެވުނު ދެހާލަތުގައި (ފުރަގަސްފަރާތުން ކުރިމަތި ފަރާތަށް ކެންޑިޑާ ވާސިލްވުން / އަންހެނުންގެ ޖިންސީ ގުނަވަނުގައި ކެންޑިޑާ ހުރުން) ވެސް މޮނަލައިއެސިސްގެ އަލާމާތެއް ނުފެންނާނެއެވެ. އެއީ އެސިޑިޓީ ގެ ސަބަބުން ކެންޑިޑާ ފެތުރުމަށް ހުރަސް އަޅާތީއެވެ. ނަމަވެސް އެއާއިޚިލާފަށް އެސިޑިޓީ ދަށްވެއްޖެނަމަ ނުވަތަ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެއްޖެ ނަމަ އަންހެނާގެ ޖިންސީ ގުނަވަން ތެރޭގައި ކެންޑިޑާ ފެތުރި، މޮނަލައިއެސިސްގެ އަލާމާތްތައް ފެންނަށް ފަށައެވެ.

ކެންޑިޑާ ފަންގަސްގެ ބާވަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުގެ ތެރޭގައި:-
·        އަންހެނާގެ ކުރިމަތި ފަރާތުގައި ފަންގަސް އަށަގަތުން
·        އަނގައިގައި ކުނިއެޅުން (އަނގައިގައިި ފަންގަސް އަށަގަތުން)
·        ނެޕީ ޖެހުމުން ފޫކޮޅު ހަލާކުވުން (ހަމުގައި ފަންގަސް އަށަގަތުން)
·        ނިޔަފަތީގެ ކަންވަނުން (ނިޔަފަތި ދަށުގައި ފަންގަސް އަށަގަތުން)

ބަލިޖެހޭގޮތް
ކެނޑިޑާ ދިރިއުޅެނީ އެސިޑީޓީގެ އަސަރު ކުޑަ ހޫނު ތެތް ތަންތަނުގައެވެ. އެހެންކަމުން އަންހެނާގެ ޖިންސީ ގުނަވަން(Vagina) ނުވަތަ ކުރިމަތި ފަރާތަކީ ކެންޑިޑާ އަށް އެންމެ އެކަށޭނަ ވެއްޓެއްނޫނެވެ. ނަމަވެސް ބައެއް ކަހަލަ ކަންކަމުގެ ސަބަބުން އަންހެނާގެ ކުރިމަތި ފަރާތުގެ ތަބީއަތު ބަދަލުވެ އެއީ ކެންޑިޑާ ދިރިއުޅެން އެކަށޭނަ ވެއްޓަކަށް ވެގެންދެއެވެ. މިބުނި ކަންތައްތަކުގެ ތެރޭގައި ބްރޯޑް ސްޕެކްޓްރަމް އެންޓިބަޔޮޓިކް ފަދަ ބޭސްތައް ބޭނުންކުރުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ކުރިމަތި ފަރާތުގައި އެކުލެވޭ ފައިދާހުރި ޖަރާސީމްތައް ނެތިގޮސް ނުރައްކާތެރި ޖަރާސީމްތައް އަށަގަތުމަށް މަގުފަހިވެގެން ދެއެވެ. މޮނަލައިއެސިސް ޖެހިފައި ހުރިމީހަކާއި ޖިންސީ ގުޅުން ހިންގުމުން ވެސް ބަލި ޖެހިދާނެއެވެ.

·        ބަލިޖެހިފައިވާ މީހަކާއެކު ޖިންސީގުޅުން ހިންގުން : މިސާލަކަށް ފިރިހެނުންނަށް ބަލިޖެހެނީ ބަލިޖެހިފައިވާ އަނބިމީހާ އާއި އެކު އެންދާން ކުރުމުންނެވެ. ބަލިޖެހިފައިވާ ފިރިހެނާގެ ކިބައިން ވެސް ސަލާމަތުން ހުރި އަންހެނަކަށް މިބަލި ފޯރާފާނެއެވެ. މޮނަލައިއެސިސް އެކަކު ގައިން އަނެކަކުގެ ގަޔަށް އަރަނީ ޖިންސީގުޅުމުގެ ޒަރީޢާއިންނެވެ. އެހެން ކަމުން ބަލިޖެހިފައިވާ މީހަކާއި އެކު ޖިންސީ ގުޅުން ހިންގައިފިނަމަ ސަލާމަތުން ހުރިމީހާއަށް މޮނަލައިއެސިސް ޖެހެއެވެ.
·        ބައެއް ކަހަލަ ކަންތައްތަކުގެ ސަބަބުން އަންހެނާގެ ކުރިމަތި ފަރާތަކީ ކެންޑިޑާ ދިރިއުޅެން އެކަށޭނަ ވެއްޓަކަށްވުން : މިސާލަކަށް ބައެއް ކަހަލަ އެންޓިބަޔޮޓިކް ބޭނުންކުރުން ، ބައްޔަކާއި ގުޅިގެން ހަށިގަނޑު ދިފާޢީ ބާރު ދަށްވުން
·        ޚިތާނުނުކުރުން : ޚިތާނުނުކޮށް ތިބޭ ފިރިހެނުންނަށް ފަސޭހައިން މޮނަލައިއެސިސް ޖެހޭގޮތް ވެއެވެ. އެއީ ޚިތާނުނުކޮށް ހުންނައިރު ފިރިހެންހަށީގެ ކުރީކޮޅުގައިވާ އޮޅިފައިވާ ހަންގަޑުގެ ދަށުގައި ފަސޭހަކަމާއި އެކު ކެންޑިޑާ އޭގެ ހިޔާވަހިކަން ހޯދާތީއެވެ.
·        ހަކުރު ބަލިޖެހުން : ހަކުރު ބަލި ޖެހިފައި ތިބޭމީހުންނަށް މޮނަލައިއެސިސް ޖެހުމުގެ ފުރުސަތު ބޮޑުކަމުގައި ފާހަގަކުރެވިފައި ވެއެވެ. ހަކުރު ބަލިޖެހިފައި ތިބޭ މީހުން ފަރުވާހޯދަމުން ދާ ދުވަސްވަރު އެމީހުންނާއި އެކު އެއްދާން ކުރުމަކީ ރަގަޅު ކަމެއްނޫނެވެ. އެއީ ހަކުރުބަލީގެ އަހުލުވެރި ފިރިހެނުންނަށް މޮނަލައިއެސިސް ޖެހޭ މިންވަރު އިތުރުކަން ސާބިތުވެފައި ވާތީއެވެ.

އަލާމާތްތައް
އަންހެނުންނަށް މޮނަލައިއެސިސް ޖެހުން : އަންހެނާގެ ކުރިމަތި ފަރާތް(Vagina) ނުވަތަ ޖިންސީ ގުނަވަނުން ބޭރުވާ ދިޔައިގެ މިންވަރު އިތުރުވެ، އޭގެ ކުލަ، އަދި ވަސް ބަދަލުވެފައިވާ ކަން ފާހަގަވާނެއެވެ. މިދުވަސްވަރު ބޭރުވާ ދިޔަ ހުންނަނީ ބޯކޮށް ހުދުކުލައިގައެވެ. ނުވަތަ ކިރު ޔޯގަޓް ހުންނަ ކުލައަށެވެ. ޖިންސީގުނަވަން ހިމެނޭ ހިސާބުގައި ދިލަނެގުން، ހިރުވައި ކެހުން، އަދި ފަރުޖުގެ ހަންގަޑު ރަތްވެ، ފާރުވުން މިއީ ފެނިދާނެ ބައެއް އަލާމާތްތަކެވެ. ކުޑަކަމުދާތަކެތި ހިގާހޮޅި އަށް ބަލީގެ އަސަރު ފޯރައިފިނަމަ ކުޑަކަމުދެވޭ މިންވަރު އިތުރުވެ، އަދި ކުޑަކަމުދާއިރު ދިލަނަގައި ރިއްސާގޮތް ވެއެވެ. ފަރުޖު ގައި ހިރުވައި ކެހޭގޮތްވަނީ އިންފެކްޝަން އާއި ފަރުޖުގެ ޓިޝޫތަކާއި ނުގުޅޭ އަސަރު(Allergy) ކުރިމަތިވާތީ އެވެ. ބައެއް އަންހެނުންނަށް މިކަން ފާހަގަނުވެ ހިގައިދާނެއެވެ. އެއީ އެކިމީހުންނަށް މޮނަލައިއެސިސް ސަބަބުން އަލާމާތްތައް ފެންނަ ގޮތާއި މިންވަރު ތަފާތުވާތީ އެވެ.

ފިރިހެނުންނަށް މޮނަލައިއެސިސް ޖެހުން : އަންހެނުންނަށް ޖެހޭބީދައިން ފިރިހެނުންނަށް މޮނަލައިއެސިސް ޖެހުމަކީ ނާދިރުކަމެކެވެ. އެއީ ފިރިހެނުންގެ ފުރަގަސްފަރާތު ދޮރާއި، ޖިންސީ ގުނަވަން ދުރުގައި ވާތީއެވެ. ފިރިހެނުންނަށް މޮނަލައިއެސިސް ޖެހެނީ ބަލިޖެހިފައިވާ އަނބިމީހާގެ ކިބައިންނެވެ. ޚިތާނުނުކޮށް ތިބޭ ފިރިހެނުންނަށް ފަސޭހައިން މޮނަލައިއެސިސް ޖެހޭގޮތް ވެއެވެ. އެއީ ޚިތާނުނުކޮށް ހުންނައިރު ފިރިހެންހަށީގެ ކުރީކޮޅުގައިވާ އޮޅިފައިވާ ހަންގަޑުގެ ދަށުގައި ފަސޭހަކަމާއި އެކު ކެންޑިޑާ އޭގެ ހިޔާވަހިކަން ހޯދާތީއެވެ. ހަކުރު ބަލި ޖެހިފައި ތިބޭމީހުންނަށް މޮނަލައިއެސިސް ޖެހުމުގެ ފުރުސަތު ބޮޑުކަމުގައި ފާހަގަކުރެވިފައި ވެއެވެ.

އަންހެނުންނާއި އަޅާ ބަލާއިރު ފިރިހެނުންނަށް ފެންނަ އަލާމާތްތައް ކުޑައެވެ. އެންމެ އާންމު އަލާމާތަކީ ފިރިހެންހަށީގައި (ކުރިމަތި ފަރާތުގައި) ކެހުން ހުރުމެވެ. ބައެއް ފަހަރު ކުޑަކަމުދާތަކެތި ހިގާހޮޅިގައި އިންފްލެމޭޝަން އުފެދި ސާފު ދިޔައެއް ކުރިމަތި ފަރާތުން ބޭރުވެއެވެ. އަނެއްބައިފަހަރު އެއްވެސް އަލާމާތެއް ނުފެނިވެސް ހިގައިދެއެވެ. މިފަދަ ހާލަތުގައި އަނބިމީހާއަށް ބަލި ވާސިލްވެއެވެ.

މޮނަލައިއެސިސް އާއި ގުޅިގެން ކުރިމަތިވެދާނެ އެހެނިހެން ބައެއް އުދަގޫތައް
މޮނަލައިއެސިސް އަކީ އާދައިގެ ބައްޔެކެވެ. ނަމަވެސް ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ޖިންސީގުނަވަނުގެ ވަށައިގެންވާ ހިސާބުތަކަށް ބަލި ފެތުރި ނުތަނަވަސް ކަން ގެނުވައެވެ. އާންމުކޮށް ކުރިމަތިވާ ބޮލުގައި ރިހުން، ހަޖަމު ގޯސްވުން، އަދި ކަރުތެރެ ދުޅަވުން ފަދަ ކަންކަމުގެ އަސްލަކީ ބައެއް ފަހަރު މޮނަލައިއެސިސް ކުރިމަތިވެފައިވުން ކަމުގައި ބެލެވެއެވެ. ބައެއް ފަހަރު ވަގުތީގޮތުން ދަރިން ނުލިބޭގޮތް މެދުވެރިކުރުވައެވެ.

މޮނަލައިއެސިސް އަށް މަގުފަހިކުރާ ބައެއް ކަންތައްތައް
(ހ) - ހަކުރުބަލި ޖެހިފައިވާ ފިރިމީހާގެ ފަރާތުން އަނބިމީހާ އަށް މޮނީލިއޭސިސް ނަގުލުވުން : މޮނަލައިއެސިސް އެކަކު ގައިން އަނެކަކުގެ ގަޔަށް އަރަނީ ޖިންސީގުޅުމުގެ ޒަރީޢާއިންނެވެ. އެހެން ކަމުން ބަލިޖެހިފައިވާ މީހަކާއި އެކު ޖިންސީ ގުޅުން ހިންގައިފިނަމަ ސަލާމަތުން ހުރިމީހާއަށް މޮނަލައިއެސިސް ޖެހެއެވެ. ހަމަމިހެން ބަލިޖެހިފައިވާ ފިރިހެނާގެ ކިބައިން ވެސް ސަލާމަތުން ހުރި އަންހެނަކަށް މިބަލި ފޯރާފާނެއެވެ. ޚާއްސަކޮށް ހަކުރު ބަލިޖެހިފައި ތިބޭ މީހުން ފަރުވާހޯދަމުން ދާ ދުވަސްވަރު އެމީހުންނާއި އެކު އެއްދާން ކުރުމަކީ ރަގަޅު ކަމެއްނޫނެވެ. އެއީ ހަކުރުބަލީގެ އަހުލުވެރި ފިރިހެނުންނަށް މޮނަލައިއެސިސް ޖެހޭ މިންވަރު އިތުރުކަން ސާބިތުވެފައި ވާތީއެވެ.

(ށ) - ދޭތެރެދުރުކުރުމަށް ބޭނުންކުރާ ބޭސް: ދޭތެރެދުރުކުރުމަށް ދޭ ގުޅަބޭސް ބޭނުންކުރުމަކީ މޮނަލައިއެސިސް ޖެހުމަށް މެދުވެރިވާ ކަމެކެވެ. މިގޮތުން މަތީ ނިސްބަތަކަށް އެސްޓްރަޖަން(Estrogen) ހޯރމޯން އެކުލެވޭ ބޭސް ބޭނުންކުރުމުން ހަށިގަނޑުގައި އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަތިވެ، ކުރިމަތި ފަރާތުން ބޭރުވާ ދިޔައިގައި ގްލައިކޯޖެން(Glycogen) އެކުލެވޭ މިންވަރު ވެސް އިތުރުވެގެން ދެއެވެ. ގްލައިކޯޖެން އަކީ ހަކުރު ކޮންމެވެސް ވަރަކަށް އެކުލެވޭ ނުވަތަ ހަކުރާއި އެއްގޮތް ގޮތެއް ހުންނަ މާއްދާއަކަށް ވެފައި، އަދި ކެންޑިޑާ އޭގެ ޒާތުގައި ހަކުރުން މުއްސަދިވެފައިވާ ވެއްޓަށް ގަޔާވާ މައިކްރޯބަކަށް ވުމުން މޮނަލައިއެސިސް ޖެހުމަށް މެދުވެރިވަނީ އެވެ. މާބަނޑު ދުވަސްވަރު މޮނަލައިއެސިސް ޖެހެނީ މިބީދައިންނެވެ. ހަމަމިހެން މާބަނޑު ދުވަސްވަރު އެހެނިހެން ބައެއް މައިކްރޯބްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދިފާއީ ބާރު ކުޑަވުމުން ވެސް މޮނަލައިއެސިސް ޖެހޭގޮތްވެއެވެ.

ހަމައެކަނި ޕްރޯޖެސްޓީރޯން ހޯރމޯން އެކުލެވޭ ގުޅަބޭސް (Mini pills)ބޭނުންކުރުމަކުން ގްލައިކޯޖެންގެ މިންވަރު އިތުރެއް ނުވެއެވެ. މިހާލަތުގައި މޮނަލައިއެސިސް ޖެހެނީ ވެޖައިނާއިން ބޭރުވާ ދިޔައިގެ ނިސްބަތް އިތުރުވެ، ވަށައިގެންވާ ހިސާބުގެ ތެތްކަން ގަދަވެގެންދާތީއެވެ. އެހެން ކަމުން މޮނަލައިއެސިސް ކުރިމަތިވާނަމަ ދޭތެރެދުރުކުރުމަށް ދޭ ގުޅަ ބޭސް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

(ނ) - ދޭތެރެދުރުކުރުމަށް ރަހިމަށްލައްވާ ލޫޕުބޭނުންކުރުން : ދޭތެރެދޫކުރުމަށް ލޫޕް ބޭނުންކުރުމަކީ ބައެއް ފަހަރު ގުޅަބޭސް ބޭނުންކުރުމަށްވުރެ ނުރައްކާތެރި ކަމަކަށް ވެއެވެ. އެއީ ލޫޕް ބޭނުންކުރުން އަންހެނާގެ ޖިންސީގުނަވަނުގައި އާންމުގޮތެއްގައި އިންފެކްޝަން އުފެދޭގޮތް ވެއެވެ. އެއީ ލޫޕުގައި ވާ ހިމަރޮދިފަށް ރަހިމުގެ ކަރުން ބޭރުވުމުން ރޮދިފަށުގެ އެހީގައި މައިކްރޯބްތައް ރަހިމާއާއި ހަމައަށް ދަތުރުކުރާތީއެވެ.

ޙައިޟުގެ ކުރީގައި އޮންނަ ދުވަސްވަރު ބައެއްމީހުންނަށް މޮނަލައިއެސިސް ކުރިމަތިކުރުވައެވެ. އެއީ މިދުވަސްވަރު ފަރުޖުގައި އެކުލެވޭ އެސިޑިޓީގެ ނިސްބަތް ދަށްވެގެންދާތީއެވެ. ބައެއް ފަހަރު ފަރުޖުގެ ދޮރުގައި ތެތްކަން އުފެދުމުގެ ކުރިން ޖިންސީގުޅުން ހިންގަން ފެށުމުން ވެސް މޮނަލައިއެސިސް ޖެހޭގޮތްވެއެވެ. ފަރުޖުގައި ތެތްކަމެއް ނެތްހާލުގައި ޖިންސީގުޅުން ހިންގުމަކީ އަންހެނާއަށް ތަދާއި ވޭން ލިއްބައިދޭ ކަމެކެވެ. ހަމަމިހެން ބައެއް ފަހަރު ހަންގަޑު މެށި އެހިސާބުގައި އިންފްލެމޭޝަން އުފެދޭގޮތްވެއެވެ. ބައެއް ފަހަރު ފިރިހެނުންގެ މަނަވީހައިވާން އެކުލެވޭ ދިޔައިގައި އަލްކަލައިންގެ ނިސްބަތް އާންމުކޮށް ހުންނަވަރަށްވުރެ މަތިވެގެން ދެއެވެ. މިފަދަ ހާލެއްގައި ވަނިކޮށް ޖިންސީގުޅުން ހިންގައިފިނަމަ ފަރުޖުން ބޭރުވާ ދިޔައިގެ އެސިޑިޓީގެ ނިސްބަތް ދަށްވެ އިންފެކްޝަން ކުރިމަތިވާގޮތް ވެއެވެ.

(ރ) - ގަޔަށްބާރު ޖީންސް ފަދަ އަންނައުނު ބޭނުންކުރުން : ބައެއް ކަހަލަ އަންނައުނުގެ ސަބަބުން ކެންޑިޑާއަށް އެކަށޭނަ ވެއްޓަކަށް ފަރުޖު އެކުލެވޭ ހިސާބު ވެގެން ދެއެވެ. މިސާލަކަށް އުނަގަޑަށް ބާރު ޖީންސް، ހަރުވާޅު ނުވަތަ ބެލްސް ފަދަ އެއްޗެތި ހިމެނެއެވެ. މިފަދަ އަންނައުނު ބޭނުންކުރުމުން ފަރުޖު އެކުލެވޭ ހިސާބުގެ ވައިބަދަލުވުމަށް ހުރަސް އެޅި، ދާހިއްލުން އިތުރުވެ، ހޫނުވާގޮތް ވެއެވެ. މިބުނި ކަންތައްތަކަކީ ކެންޑިޑާ ބޮޑުވެ އިތުރުވުމަށް ލިބޭ ބާރެކެވެ. ހަމަމިހެން ނައިލޯނުން އުފައްދާފައި ހުންނަ ޖަގިޔާ ބޭނުންކުރުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. އެއީ މިވައްތަރުގެ އަންނައުނު ބޭނުންކުރުމުން ހަށިގަނޑުން ބޭރުވާ ދާ އެއަށް ދެމުމަށް ހުރަސް އެޅޭތީއެވެ. އެހެންކަމުން ހެދުން އެޅުމުގައި އެންމެ ރަގަޅު ގޮތަކީ ކޮޓަނުން ފަހާފައި ހުންނަ ގަޔަށްދޫ ހެދުން ބޭނުންކުރުމެވެ.

(ބ) - ބައެއް ވައްތަރުގެ ސާބޯނި އަދި ކެމިކަލްތައް : ސާފުވުމަށް ބޭނުންކުރެވޭ ސާބޯނި، ޝޭމްޕޫ، ފަދަ ބާވަތްތަކުގައި އެކުލެވޭ އެކިބާވަތުގެ ކެމިކަލްތަކުގެ ސަބަބުން ބައެއް ފަހަރު ފަރުޖު ގެ ޓިޝޫތަަކަށް ގެއްލުން ލިބި ހަލާކުވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ފަރުޖުން ބޭރުވާ ދިޔައިގެ ތަބީއަތު ބަދަލުވެ، މޮނަލައިއެސިސް ކުރިމަތިކުރުވައެވެ.

(ޅ) - ނަފްސާނީ މައްސަލަތައް އަދި ރަގަޅަށް ނުކެއުން : ނަފްސާނީ ފިއްތުންތަކާއި، އަދި ރަގަޅުކާނާ ބޭނުން ނުކުރުމަކީ ވެސް މޮނަލައިއެސިސް އަށް މަގުފަހި ވާކަމެކެވެ. ހިތްހަމަނުޖެހުން، ހާސްވެ ކަންބޮޑުވެ، ފިކުރުބޮޑުވުން ފަދަ ކަންތައްތައް އަދި ރަގަޅު ކާނާ ބޭނުން ނުކުރުމުގެ ސަބަބުން ހަށިގަނޑު ނިކަމެތިވެ ދިއުމުން ބަލިތަކާއި ދެކޮޅަށް ހަށިގަނޑު ދިފާއު ކުރުމުގެބާރު ވެސް ކުޑަވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ކެންޑިޑާ ފަދަ ފަންގަސްތައް ހަށިގަނޑާއި ދެކޮޅަށް ހަރަކާތްތެރިވާން ފަށައެވެ.

ބައެއް ފަހަރު ކެއުމުގައި ގެންގުޅެވޭ ނުރަގަޅު އާދަތަކުގެ ސަބަބުން ވެސް މޮނަލައިއެސިސް ޖެހޭގޮތް ވެއެވެ. މިސާލަކަށް ހަކުރު އެކުލެވޭ ފޮނިކާނާ މާގިނައިން ބޭނުންކުރުމުން މޮނަލައިއެސިސް ޖެހުމަށް މަގުފަހިވެއެވެ. އެއީ ކެންޑިޑާގެ މައިގަނޑު ކާނާ އަކީ ހަކުރުގިނައަދަދަކަށް އެކުލެވޭ މާއްދާތަކަށް ވާތީއެވެ.ހަކުރުބަލީގެއަހުލުވެރިން ނަށް މޮނަލައިއެސިސް ގެ އަސަރު ކުރުން އިތުރުވަނީ މިސަބަބާއި ހުރެއެވެ. އެހެނީ ހަކުރުބަލި ޖެހުމުން ލޭގައި ހަކުރު ހުރި ނިސްބަތް މަތިވެ، ފަރުޖުން ބޭރުވާ ދިޔައިގައި ގްލައިކޯޖެންގެ މިންވަރު ވެސް މަތިވެގެން ދެއެވެ. ހަމަމިހެން ކުޑަކަމުދާތަކެއްޗާއި އެކު ހަކުރު ހަށިގަނޑުން ބޭރުވުމުން ވެސް މޮނީލިއޭސިސް ޖެހުމުގެ ފުރުސަތު އިތުރުކުރެއެވެ. އެއީ ކުޑަކަމުދާތަކެތި ބޭރުވާ މަގާއި ފަރުޖުގެ ދޮރު ކައިރިކައިރީގައި ހުންނާތީއެވެ.

މޮނަލައިއެސިސް ޖެހިފައިވާކަން ދެނެގަތުން
މޮނަލައިއެސިސް ޖެހިފައވާކަން ދެނެގަނެވެނީ ހަށިގަނޑު ހޯދައި ބަލާ ބެލުންތަކުގެ އެހީގައެވެ. ޚާއްޞަކޮށް ޖިންސީ ގުނަވަން ހިމެނޭ ހިސާބު(އަންހެނުންގެ) ސްޕެކިއުލަމްގެ އެހީގައި ރަގަޅަށް ބަލަން ޖެހެއެވެ. ކުރިމަތި ފަރާތުން ސޯބެއް ނަގައިގެން އޭގެ އެހީގައި ޖަރާސީމު ހުރިތޯ ކަލްޗަރ ކުރެއެވެ. ޑޮކްޓަރަށް ދެއްކުމުގެ ކުރިން އޮންނަ 2 ދުވަހު ޖިންސީ ގުޅުން ހިންގުން ރަގަޅެއް ނޫނެވެ. ސަބަބަކީ ޑޮކްޓަރު ބަލާ ބެލުންތަކުގައި ކުރިމަތި ފަރާތަށް އަތްލައިގެން ޖިންސީ ގުނަވަނާއި، ރަހިމާއި، ބިސްހޮޅި، އަދި ބިސްރަވައިގައި އެއްވެސް ކަހަލަ ދުޅައެއް ފަދަ ކަމެއް ހުރިތޯ ބަލާނެތީ އެވެ.

މޮނަލައިއެސިސްގެ ފަރުވާ
މޮނަލައިއެސިސް އަށް ފަރުވާކުރުމަށް ތަފާތު އެންޓިފަންގަލް ތައް ބޭނުންކުރެވެއެވެ. އެގޮތުން ބޭނުންކުރެވޭ ބައެއް ބޭސްތަކުގެ ތެރޭގައި؛-
·        މައިކޮނަޒޯލް
·        ޓިއޯކޮނަޒޯލް
·        ބިއުޓޯކޮނަޒޯލް
·        ކްލޯޓްރިމަޒޯލް
·        ފްލޫކޮނަޒޯލް
މަތީގައި ބަޔާންކުރެވުނު ބޭސްތައް ކުރިމަތި ފަރާތާއި ވަށައިގެންވާ ޓިޝޫ ތަކުގައި އުގުޅަން ނުވަތަ ހާކާން ޖެހެއެވެ. އެގޮތުން އާންމުކޮށް އުގުޅާނީ 7-1 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ.

މޮނަލައިއެސިސް އިން ރައްކާތެރިވުން
އަންނަނިވި ކަންތަކަކީ މޮނަލައިއެސިސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެވެ.
·        އުނަގަނޑަށް ބާރު ޖަގިޔާ ޖިންސް ފަދަ ތަކެތި ބޭނުން ނުކުރުން: މިފަދަ ތަކެތި ބޭނުންކުރުމުން އެހިސާބުގެ ވައިބަދަލުވުމަށް ހުރަސް އެޅި، ހޫނުވެ، ދާހިއްލައި، ހިރުވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ބަލިޖެހުމަށް ފަސޭހަ ވެގެން ދެއެވެ. ނައިލޯނުން ހަދާފައި ހުންނަ ޖަގިޔާ ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ ގައިން ހިއްލާ ދާ އެއަށް ނުދަމާތީއެވެ. އެންމެ އެދެވޭ ގޮތަކީ ކޮޓަނުން ފަހާފައި ހުންނަ ގަޔަށްދޫ އަންނައުނު ބޭނުންކުރުމެވެ.
·        ފަރުޖާއި ޖިންސީ ގުނަވަން ސާފުކުރުމަށް ފާޑުފާޑުގެ ސާބޯނި ފަދަތަކެތި ބޭނުން ނުކުރުން: މިފަދަ ތަކެތިން ހަށިގަނޑުގެ އެހެން ހިސާބުތަކަށް ގެއްލުން ނުލިބުނަސް ޖިންސީ ގުނަވަން ހިމެނޭ ހިސާބަށް ގެއްލުން ކުރިމަތި ކުރުވައެވެ. އެއީ އެލާރޖީ ވާތީއެވެ. އެހެންކަމުން ސާފުކުރުމުގައި އެންމެ އެދެވިގެންވަނީ އެއްވެސް ކެމިކަލް އެކުލެވޭ މާއްދާއެއް ބޭނުންކުރުމަކާއި ނުލައި، ސާފު ތާފަނާ ފެނުން ސާފުކުރުމެވެ.
·        ފެންވެރުން: ބޮޑަށް ރަގަޅުވާނީ މާގަނޑު ބޭނުންކޮށްގެން ފެންވެރުމެވެ. އެއީ ތަފާތު ވައްތަރުގެ ކެމިކަލް ބޭނުންކޮށްގެން ހަދައިފައި ހުންނަ ޝަވަރޖެލް ފަދަ ތަކެތި ޓަބަށް އަޅައިގެން އެއަށް އެރި ފެންވެރުމުން ބައެއް ފަހަރު ޖިންސީގުނަވަން ހިމެނޭ ހިސާބުގައި އިންފްލެމޭޝަން އުފެދޭގޮތް ވާތީއެވެ.
·        ޖިންސީ ގުޅުން ހިންގުން: ޖިންސީގުޅުން ހިންގަން ފަށަންވާނީ ފަރުޖުން ތެތް އޮލަ ދިޔައެއް ނިކުންނަށް ފެށުމުންނެވެ. އެއީ ހިކިފައިވަނިކޮށް ޖިންސީގުޅުން ހިންގަން ފަށައިފިނަމަ އަންހެނާއަށް ވޭންލިބި، އިންފެކްޝަން ކުރިމަތިވުމަށް މަގުފަހިވެއެވެ. ނަފްސާނީކަމެއްގެ ސަބަބުން ނުވަތަ އެނޫން ކަމެއްގެ ސަބަބުން ވިޔަސް ފަރުޖުގައި ތެތްކަން ނެތްނަމަ ޖިންސީ ގުޅުން ހިންގަން ފެށުމުގެ ކުރިން ބޭބީ އޮއިލް ފަދަ ތެލެއް ބޭނުން ކުރެވިދާނެއެވެ. ޣައިރު ޝަރުއީ ގުޅުންތަކާއި ދުރުހެލިވެ، ދީނީ ހަމަތަކުގެ މަތީން ޖިންސީގުޅުން ހިންގުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭ ރަގަޅު ފިޔަވަޅެކެވެ.
·        ދޭތެރެ ދުރުކުރުމަށްދޭ ގުޅަ ބޭސް، ލޫފް،ފަދަ ތަކެތި ބޭނުންކުރުމާއި ދުރުހެލިވުން
މަޢުލޫމާތު:
·        ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް – ދުނިޔޭގެ އޭޑްސް ދުވަސް 2004– ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2004
·        ޖިންސީ ގުޅުމުން އަރާ ބަލިތައް - – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2002
·        ކަވާސާ.ކޮމް
·        އިންޓަނެޓްގެ ބައެއް ވެބްސައިޓް ތައް


No comments:

Post a Comment