Wednesday, July 5, 2017

ރޯދަ މަހު ދިމާވެދާނެ ޞިއްޙީ މައްސަލަތަކާ، އެކަންކަން ކުޑަކުރެވިދާނެ ގޮތްތައް

ރޯދަ މަހު ދިމާވެދާނެ ޞިއްޙީ މައްސަލަތަކާ، އެކަންކަން ކުޑަކުރެވިދާނެ ގޮތްތައް
ނޯޓް: މިއީ 6 ޖޫން 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
ރޯދަ މަހަކީ ވެސް ޞިއްޙީ ތަފާތު މައްސަލަތައް ދިމާވެދާނެ މަހެކެވެ. ރޯދަ މަހުގައި ދިމާވާ ޞިއްޙީ މައްސަލަތަކާ އަހަރެމެންގެ ކެއުންބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތަކާ ވަރަށް ގިނަ ފަހަރު ގުޅިފައި އޮންނަކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރޯދަ މަހުގައި ދިމާވެދާނޭ ޞިއްޙީ މައްސަލަތަކާއި، އެކަންކަން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ބަލާލަމާ ހިނގާށެވެ.

މަތިންއެރުމާއި، މޭއެންދުން
މަތިން އެރުމާއި މޭއެންދުމަކީ ރޯދަމަހުގައި ބައެއް މީހުންނަށް ދިމާވެދާނެ ކަމެކެވެ. އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުން ރޯދަ ވީއްލާ ވަގުތު ވަރަށް ގިނައިން ކާން ބޭނުންވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިގޮތަށް އެއްފަހަރާ މާގިނައިން ކެއުމަކީ ޞިއްޙީ ގޮތުން ބަލާއިރު އެހާ ރަނގަޅު ކަމެއް ނޫނެވެ. ރޯދައަށް ހުންނައިރު މޭއެންދުމާއި މަތިން އެރުން މެދުވެރިވަނީ ކެއުން މަދުވެ، ކެއުމުގެ ދޭތެރެ ދުރުވެ، ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވެ، ބަނޑުގައި މާގިނައިން ގޭސް އުފެދުމުގެ ސަބަބުންނެވެ. މާގިނައިން ކުޅި، ހަވާދުލީ ތަކެތި ބޭނުންކުރުމާއި، ތެލާއި ސަރުބީ އެކުލެވޭ ތަކެތި ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް ރޯދައަށް ހުންނަ ވަގުތުތަކުގައި މަތިންއެރުމާއި، މޭއެންދުމާއި، މެއިން ދިލަނެގުން ކުރިމަތިވުމަށް މަގުފަހިވާ ކަންތައްތަކެވެ.


ރޯދައަށް ހުންނައިރު ކުރިމަތިވާ މޭއެންދުމާއި، މަތިންއެރުމުން ދުރުވެ ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ކެއުން ނުވަތަ އެއްފަހަރާ މާގިނައިން ނުކެއުން، ތެޔޮ ކާނާ މާގިނައިން ބޭނުންނުކުރުން، ހަވާދުލީ ކުޅިތެޔޮ ތަކެތި މާގިނައިން ބޭނުންނުކުރުން، ކެފެއިން އެކުލެވޭ ކާނާއާއި، ބުއިންތައް ބޭނުންނުކުރުން، ދުންފަތުގެ އިސްތިއުމާލުނުކުރުން، ނިދާއިރު ބޯދަށަށް އިތުރު ބާލީހެއްލައި ބޯ ކުޑަކޮށް މައްޗަށް އުފުލައިގެން އޮތުން، އަދި ބަރުދަން ލުއިކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

މާބޮޑަށް ފަލަވުން
ރޯދަމަހު ރޯދަޔަށް ނުކައި ގިނަ އިރުތަކެއް ހުންނައިރު ވެސް ބައެއް މީހުންނަށް ރޯދަ މަހުގައި ފަލަވުން ވެފައި އޮންނަނީ ގަބޫލުކުރަން އުދަނގޫ ކަމަކަށް ވެފައެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިގޮތަށްދިމާވަނީ ރޯދަޔަށް ހުރުމަށްފަހު ރޯދަ ވީއްލާ ވަގުތާއި، ރޭގަނޑުގެ ވަގުތު ތަކުގައި އެއްވެސް ކަހަލަ ބެލުމެއްނެތި ކެއިންބުއިމުގެ ކަންކަން ގެންގުޅުމުންނެވެ. މިސާލަކަށް އާދަޔާ ޚިލާފަށް ގިނައިން ހަކުރު އެކުލެވޭ ފޮނި ކާތަކެތި ކެއުމާއި، ހަށިގަނޑަށް އެކަށޭނަ ވަރަށްވުރެ ގިނައިން ކެއުމާއި،އެއްފަހަރާ މާގިނައިން ކެއުމާއި، މާގިނައިން ނިދުމާއި، އަދި ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވެ، ހެލިފެލިވެ އުޅުން މަދުވުމުންނެވެ.

ރޯދަމަހުގެ ވެސް ކެއުމުގައި ޞިއްޙީ ގޮތުން ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތީގެ ބޭނުންކުރުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، އެކަށޭނަ ވަރަށް ނިދުމާއި، ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުމަކީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދީ މާބޮޑަށް ހަށިގަނޑު ބަރުހެލިވެ، ފަލަވުމުން ދުރުކޮށްދޭނެ ކަމެކެވެ.

ހަށިގަނޑުން ލޮނާއި ފެން މަދުވުން
ހަށިގަނޑު ލޮނާއި ފެން މަދުވުމަކީ ވެސް ރޯދަ މަހުގައި ދިމާވެދާނެ ޞިއްޙީ މައްސަލައެކެވެ. އެގޮތުން ރޯދައަށް ހުންނައިރު ހަށިގަނޑުން ލޮނާއި ފެންމަދުވާގޮތް ދިމާވަނީ ރޯދައަށް ހުންނަ ވަގުތުތަކުގައި ވެސް ނޭވާލުމާއި، ދާހިއްލުމާއި، ކުޑަކަމުދިއުމުގެ ތެރެއިން ލޮނާއި، ފެން ހަށިގަނޑުން ބީވެދާތީ އެވެ. ރޭގަނޑުގެ ވަގުތުތަކުގައި އެކަށޭނަ ވަރަށް ދިޔާތަކެތި ނުބުއިމާއި، ރޭގަނޑުގެ ވަގުތުތަކުގައި ކޮފީ، ކޯލާ، އެނާޖީ ޑްރިންކް ފަދަ ކެފޭއިން ހުންނަ ބުއިންތައް މާގިނައިން ބޭނުންކުރުމަކީ ވެސް ހަށިގަނޑުން ލޮނާއި ފެން މަދުވުމަށް މަގުފަހިކުރާ ސަބަބުތަކެކެވެ.

ހަށިގަނޑުން ލޮނާއި ފެން މަދުވުން ކުޑަކުރުމަށްޓަކައި ރޭގަނޑުގެ ވަގުތުތަކުގައިވީހާވެސް ގިނައިން ދިޔާތަކެތި ބުއިމަކީ މުހިއްމު ކަމެކެވެ. ދިޔާތަކެތީގެ ގޮތުގައި ބުއިމަށް އެންމެ ރަނގަޅީ ފެނެވެ. އެގޮތުން ކޮންމެ ރެޔަކުމެ 12-8 ތަށްޓާއި ދެމެދުގެ މިންވަރަކަށް ފެންބުއިމަކީ މުހިއްމު ކަމެކެވެ.ހާރުކައިގެން ވެސް އެކަށޭނަ ވަރަކަށް ފެންބުއިމަށް ސަމާލުކަން ދޭންވާނެއެވެ.

ބޮލުގައި ރިހުން
ބޮލުގައި ރިހުމަކީ ވެސް ރޯދަ މަހުގައި ވަރަށް ގިނަ މީހުންނަށް ދިމާވެދާނެ ކަމެކެވެ. ރޯދަމަހުގައި ބޮލުގައި ރިހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މާބޮޑަށް ބަނޑުހައިވުން، ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުން، ނޫނީ ރޭގަނޑުގެ ވަގުތުތަކުގައި އެކަށޭނަ ވަރަށް ދިޔާތަކެތި ނުބުއިން، އެކަށޭނަ ވަރަކަށް އަރާމު ނުކުރެވުން ނޫނީ ނިދި ފުރިހަމަނުވުން، ރޯދައަށް ހުރެ އަވީގައި މާގިނައިރު ހޭދަކުރުން، އަދި ރޭގަނޑުގެ ވަގުތުތަކުގައި ކޮފީ، ކޯލާ، އެނާޖީ ޑްރިންކް ފަދަ ކެފެއިން އެކުލެވޭ ބުއިންތައް ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
ރޯދަ މަހު ކުރިމަތިވާ ބޮލުގައި ރިހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ރޭގަނޑުގެ ވަގުތުތަކުގައި އެކަށޭނަ ވަރަށް ދިޔާތަކެތި ބުއިން، ކަރާ ފަދަ ފެން ގިނައިން އެކުލެވޭ މޭވާގެ ބާވަތްތައް ބޭނުންކުރުން، ރޯދަޔަށްހުރެ އަވީގައި ގިނައިރު ނޫޅުމާއި، އަވީގައި އުޅޭނަމަ، ތޮފި އައިނު ފަދަ ތަކެތި ބޭނުންކުރުން، ކޮފީ، ކޯލާ، އެނާޖީ ޑްރިންކް ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން ފަދަ ކަންތައްތައް ހިމެނެއެވެ.މައިގްރޭން ފަދަ މައްސަލަތައް ހުންނަ މީހުން ޑޮކްޓަރުން ލިޔެދީފައި ހުންނަ ބޭސްތައް ގަވާޢިދުން ބޭނުންކުރުން ސަމާލުވުމަކީ މުހިއްމު ކަމެކެވެ.

ބަނޑުހަރުވުން
ބަނޑުހަރުވުމަކީ ވެސް ރޯދަމަހުގައި ބައެއް މީހުންނަށް ދިމާވެދާނެ ކަމެކެވެ. ބަނޑުހަރުވުމަށް ދިމާވާ މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ އެކަށޭނަ ވަރަށް ދިޔާތަކެތި ނުބުއިމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވުމެވެ. ރޭގަނޑުގެ ވަގުތުތަކުގައި އެކަށޭނަ ވަރަށް ދިޔާތަކެތި ބުއިމާއި، މޭވާއާއި ތަރުކާރީ ފަދަ ފައިބަރުން މުއްސަދި ކާނާގެ ބާވަތްތައް ބޭނުންކުރުމާއި، ހެލިފެލިވެއުޅުމާއި، ގަވާއިދުން ކަސްރަތުކުރުމަކީ ވެސް ބަނޑުހަރުވުން ފަދަ އުދަނގޫތަކަށް ލުއިކަން ގެނެސްދޭނެ ކަންކަމެވެ.

ހާސްވެ ފިކުރުބޮޑުވުން
ރަމަޟާން މަހުގައި ރޯދައަށް ހުންނަ ހުރުމުގައި ނުކައި ގިނައިރު ހުރުމާއި، ރޭގަނޑުގެ ވަގުތު ތަކުގައި އެކަށޭނަ ވަރަށް ދިޔާތަކެތި ނުބުއިމާއި، ރަގަޅަށް ނުނިދުން ފަދަ ކަންކަމަކީ އޭގެ ސަބަބުން ރޯދައަށް ހުންނައިރު ހާސްވެ ފިކުރުބޮޑުވުން ކުރިމަތިކޮށްފާނެ ކަންކަމެވެ. ހާސްވެ ފިކުރުބޮޑުވުން ކުޑަކުރުމަށް ގިނަ ވަގުތު ދީނީ އަޅުކަމުގައި ހޭދަކުރުން މުހިއްމެވެ.މާބުރަކޮށް މަސައްކަތުގައި ނޫޅުމާއި، އަވީގައި ގިނައިރު ހޭދަނުކުރުމާއި، ރުޅި ކޮންޓްރޯލްކުރުމަކީ ވެސް ފިކުރުތަކުން ދުރުހެލިވުމަށް އެހީތެރިވެދޭނެ ކަންކަމެވެ.ކެފެއިން ހުންނަ ބުއިންތައް ބޭނުންކުރުމުން ދުރުހެލިވުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އާދަތަކުން ދުރުހެލިވުމަކީ ވެސް ހާސްވެ ފިކުރުބޮޑުވުން ކުޑަކޮށްދޭނެ ކަމެކެވެ.

ހަކުރު ދަށްވުން އަދި ހަކުރު ބަލި ކޮންޓްރޯލް ނުކުރެވުން
ހަކުރު ބަލީގެ އަހުލުވެރިންނަށް ރޯދަމަހު ހަކުރު ދަށްވުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މާބޮޑަށް ހަކުރު ދަށްވެ، އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ، ޚަބަރު ހުސްވުމަކީ ވެދާނެގޮތެކެވެ. ހަކުރު ދަށްވުމުން ފެނިދާނެ އުދަނގޫތަކުގެ ތެރޭގައި ބޯއެނބުރުން، މޫނުމައްޗަށް އަދިރިވުން، ވާނުވާނޭގުން، ދާހިއްލުން، އަދި އާދަޔާ ޚިލާފަށް ރުޅިގަދަވުން، ފަދަ ކަންތައްތައް ހިމެނެއެވެ.އެހެންކަމުން ރޯދަމަހު ހަކުރު ކޮންޓްރޯލް ގައި ބެހެއްޓުމަށްޓަކައި، ރޯދަމަސް ފެށުމުގެ ކުރިން ޑޮކްޓަރަށް ދައްކައި، ބޭސްކާންޖެހޭ ރަނގަޅު ގޮތް އޮޅުން ފިލުވާފައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހަކުރު ބަލި ހުންނަނަމަ، ކެއުމަށް ވަކި ބަދަލެއް ގެންނަންޖެހޭތޯ ކަމުގެ ޚާއްޞަ ޑޮކްޓަރުންގެ ކިބައިން އޮޅުން ފިލުވުން މުހިއްމެވެ. ހަކުރު ހުރި މިންވަރު ބަލަމުން ގެންދިއުން ވެސް މުހިއްމާއި، ހަކުރު ބައްޔާއި ގުޅިގެން ޑޮކްޓަރުން ލިޔެދީފައި ހުންނަ ބޭސްތައް، ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ކުރިޔަށް ގެންދަންވާނެއެވެ.

ލޭމައްޗަށްދިއުމާއި، ސަރުބީ މަތިވުމާއި، ހިތުގެ ބަލި، ގުރުދާ ބަލިތައް ފަދަ ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކުގެ ރޯދަމަސް ފެށުމުގެ ކުރިން ޑޮކްޓަރަށް ދައްކައި، ބޭސް ކެއުން ކުރިޔަށްގެންދަންވީގޮތް އޮޅުން ފިލުވާފައި ބެހެއްޓުމަކީ ބުއްދިވެރި ކަމެކެވެ. ރޯދަމަހު ދިމާވާ ތަފާތު ޞިއްޙީ މައްސަލަތަކުން ދުރުހެލިވުމަށް އެކަންކަމާ ގުޅޭގޮތުން ދީފައިވާ އިރުޝާދުތައް އެނގި އެއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން މުހިއްމެވެ. ޞިއްޙީ މައްސަލަތަކުން ސަލާމަތްވެހުރެ، ދުޅަހެޔޮކަންމަތީ ރޯދަ މަސް ހޭދަކުރެވޭނީ މިކަންކަމަށް އިސްކަންދީގެންނެވެ. 

No comments:

Post a Comment