Sunday, July 25, 2021

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް

 

ބިސްރަވައިގައި ސިސްޓް އުފެދޭ ބަލި

ބިސްރަވަ ނުވަތަ އޯވަރީގައި ސިސްޓް އުފެދޭ ބަލި (Polycystic Ovary Syndrome)ނުވަތަ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް އަކީ ދަރިމައިވުމުގެ އުމުރުފުރާގެ އަންހެނުންގެ މެދުގައި އާންމު ހޯރމޯނަލް ޑިސްއޯޑަރ އެކެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހުންނަށް ބައެއް ފަހަރު މައްސަރުކަންތައް ވަރަށް ކުޑަކޮށް ޖެހިދާނެ އެވެ. އަނެއްބައި ފަހަރު މައްސަރު ކަންތައް ޖެހުމަށްފަހު ރަނގަޅުނުވެ ދިގުލައި ހިނގައިދާނެ އެވެ. މިމައްސަލަ ހުންނަ އަންހެނުންގެ ހަށިގަނޑުގައި ފިރިހެން ހޯރމޯން " އެންޑްރޯޖަން" ގެ ނިސްބަތް މަތިވެދާނެ އެވެ.

ސަބަބު

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ކުރިމަތިކުރުވާ ސީދާ ނޫނީ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އަންނަނިވި ކަންތައްތަކަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ކުރިމަތިވުމަށް މަގުފަހިކުރާ ކަންތައްތައް ކަމަށް ފާހަގަ ކުރެވިފައި ވެއެވެ.

(ހ) – އިންސިއުލިންގެ މިންވަރު މާމަތިވުން : ހަށިގަނޑުގައި ހަކުރު ގެ މިންވަރު ކޮންޓްރޯލް ކުރާ ހޯރމޯން އިންސިއުލިން އުފައްދާ މިންވަރު މަތިވުމަކީ އެކަމުގެ ސަބަބުން އެންޑްރޯޖަން ހޯރމޯން އުފެއްދުން އިތުރުވެދާނެ ކަމެކެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބިސްރަވައިން ބިސްދޫކުރުމުގެ މަސައްކަތަށް ބުރޫއަރާ ގޮތް ވެއެވެ. މާބޮޑަށް ބަރުހެލިވެ ފަލަވުމަކީ ވެސް އިންސިއުލިން އުފެއްދުން އިތުރުކުރާ ކަމެކެވެ.

(ށ) – ކޮންމެ ވެސް މިންވަރަކަށް އިންފްލެމޭޝަން އުފެދުން : ދިރާސާތަކުން ދައްކާގޮތުގައި ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހުންގެ ކިބައިން ކޮންމެވެސް މިންވަރަކަށް އިންފްލެމޭޝަންގެ އަސަރު ފެނެއެވެ. މިފަދަ އިންފްލެމޭޝަންގެ ސަބަބުން ބިސްރަވައިގައި ސިސްޓް އުފެދިފައި ހުންނަ ބިސްރަވައިން އެންޑްރޯޖަން އުފެއްދުމަށް ބާރުއަޅައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ހިތާއި، ލޭހޮޅިތަކުގެ މައްސަލަތައް މެދުވެރިކުރުވައެވެ.

(ނ) – ވާރުތަވުން : ދިރާސާތަކުން ދައްކާގޮތުގައި ބައެއް ކަހަލަ ވިރާސީ ބަހާތައް ހުރުމާއި، ބިސްރަވައިގައި ސިސްޓް އުފެދުމާއި ގުޅުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް އާއިލާތަކުގެ ތެރޭގައި ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ މައްސަލަ ވާރުތަވަމުން އަންނަ ކަމެއްގެ ގޮތުގައި ދައުރުވާކަން ފާހަގަ ކުރެވެއެވެ. މާނައަކީ އާއިލާގެ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ ބައެއްގެ ކިބައިގައި ކުރިން ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރިނަމަ، އެއާއިލާގެ އެހެން މެންބަރުންގެ ކިބައިގައި ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ ހުރުމުގެ ފުރުޞަތު އޮތުމެވެ.

(ރ) – އެންޑްރޯޖަންގެ މިންވަރު މަތިވުން : ބިސްރަވައިން އާދަޔާ ޚިލާފަށް ގިނައިން އެންޑްރޯޖަން އުފެއްދުމުގެ ސަބަބުން މޫނުމަތިން އޮށާޅަނެގުމާއި، އާދަޔާ ޚިލާފަށް ގިނައިން އިސްތަށިފެޅުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ.

އިންސިއުލިން އަށް އިޖާބަނުދިނުން

އިންސިއުލިން އަކީ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ޗިސްމޭ އިން އުފައްދާ ހޯރމޯން އެކެވެ. މިއީ ލެއިން ހަށިގަނޑުގެ ސެލްތަކަށް ނޫނީ ދިރުތަކަށް ގުލްކޯޒު ނުވަތަ ހަކުރު ގެންގޮސްދިނުމަށް އެހީތެރިވެދޭ ހޯރމޯން އެކެވެ. ހަށިގަނޑުގެ ދިރުތަކުގެ ތެރޭގައި  ގުލްކޯޒު ބައިކޮށް ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދައިދެއެވެ.

އިންސިއުލިން އަށް އިޖާބަ ނުދިނުމުގެ މާނައަކީ ހަށިގަނޑުގެ ސެލޯށިތައް އިންސިއުލިންގެ މަސައްކަތަށް އިޖާބަނުދިނުމެވެ. މިހެންވުމުން ހަށިގަނޑުން އިތުރު އިންސިއުލިން އުފެއްދުމަށް ބާރުއަޅައެވެ.

އިންސިއުލިންގެ މިންވަރު މަތިވުމުން ބިސްރަވައިން ޓެސްޓޮސްޓަރޯން އުފެއްދުން އިތުރުކުރެއެވެ. މިއީ ބިސްރަވައިގައި އުފެދޭ ފޮލިކަލް (ބިސްރަވައިގެ ތެރޭގައި ބިސް ހެދިބޮޑުވާ ކޮތަޅުތައް) ތައް ހެދިބޮޑުވުމަށް ހުރަސްއަޅައި، ބިސްދޫކުރުމުން ދުރުކޮށްދޭ ހޯރމޯން އެކެވެ.

އިންސިއުލިން އަށް އިޖާބަ ނުދިނުމަކީ އެކަމުގެ ސަބަބުން ބަރުދަން އިތުރުވުމަށް ވެސް މަގުފަހިވާ ކަމެކެވެ. މާނައަކީ އޭގެ ސަބަބުން ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ އުދަނގޫތައް އިތުރުވެގެން ދެއެވެ.


ހޯރމޯންތަކުގެ ހަމަހަމަކަން ގެއްލުން

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ ވަރަށް ގިނަ މީހުންގެ އަންނަނިވި ހޯރމޯންތަކުގެ ހަމަހަމަކަން ގެއްލިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

-          ޓެސްޓޮސްޓަރޯން ހޯރމޯންގެ މިންވަރު މަތިވުން : މިއީ ފިރިހެން ހޯރމޯން އެއްގެ ގޮތުގައި ބެލެވޭ ހޯރމޯން އެއް ކަމުގައި ވިޔަސް ވަރަށް މަދު މިންވަރަކަށް އަންހެނުންގެ ހަށިގަނޑުގައި ވެސް މިހޯރމޯން އުފައްދައެވެ.

-          ލޫޓިނައިޒިންގ ހޯރމޯންގެ މިންވަރު މަތިވުން : މިއީ ބިސްރަވައިން ބިސްދޫކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ. ނަމަވެސް މާގިނައިން އުފައްދައިފިނަމަ އޭގެ ނޭދެވޭ އަސަރު ބިސްރަވަ އަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

-          ސެކްސް ހޯރމޯން ބައިންޑިންގ ގްލޯބިޔުލިންގެ މިންވަރު ދަށްވުން : މިއީ ޓެސްޓޮސްޓަރޯންއާއި ތަތްވެ، އޭގެ އަސަރު ކުޑަކުރުވައިދޭ، ލޭގައި އެކުލެވޭ ޕްރޮޓީން އެކެވެ.

-          ޕްރޯލެކްޓިން ހޯރމޯންގެ މިންވަރު މަތިވުން : މިއީ މާބަނޑު ދުވަސްވަރު އުރަމަތީގެ ގޮށްތަކުން ކިރު އުފައްދައިދިނުމަށް އެހީތެރިވެދޭ ހޯރމޯން އެކެވެ.

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހުންގެ ހަށިގަނޑުގައި މިފަދަ ހޯރމޯންތަކުގެ ހަމަހަމަކަން ގެއްލެނީ ކީއްވެގެންކަން ޔަގީންކަމާއެކު އަދި ހޯދިފައެއް ނުވެއެވެ.

ފާހަގަކުރެވޭ އަލާމާތްތަކާ ނިޝާންތައް

ކޮންމެ މީހަކަށް ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ އަލާމާތްތައް ނޫނީ އުނދަގޫތައް ކުރިމަތި ނުވެދާނެ އެވެ. އަދި އަލާމާތްތައް ފެނުނު ކަމުގައި ވިޔަސް އެކި މީހުންނަށް އެކި މިންވަރަށް އަލާމާތްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މީހުންނަށް ހަމައެކަނި މައްސަރު ކަންތަކަށް ބަދަލު އައިސް އުނދަގޫތައް ކުރިމަތިވެދާނެ އެވެ. އަނެއް ބައި މީހުންނަށް ދަރިމައިވުމުގައި މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އަދި އަނެއް ބައި މީހުންނަށް މައްސަރުކަންތައް ތަރުތީބުން ކުރިމަތިނުވުމާއެކު، ދަރިމައިވުމުގައި ވެސް ދަތިތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ އަލާމާތްތަކާއި، ނިޝާންތައް އާންމު ގޮތެއްގައި ފުރާވަރުގެ ދުވަސްވަރު، ބާލިޣުވާތަނާހެން ނުވަތަ މައްސަރުކަންތައް ޖެހެން ފަށާތާ ކުރީކޮޅު ފެންނަށް ފަށައެވެ. އަނެއްބައި ފަހަރު މިބަލީގެ އަލާމާތްތައް ތަންކޮޅެއް ލަހުން ވެސް ފެންނަށް ފަށައިފާނެއެވެ. ޚާއްޞަކޮށް ހަށިގަނޑުގެ ބަރުދަން އިތުރުވެ ފަލަވުމުން މިބަލީގެ އަލާމާތްތައް ފެންނަށް ފެށުމަކީ އެކަށީގެންވާ ކަމެކެވެ.

މައިގަނޑު ސިފަތައް

އިގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާރވިސް އިން ހާމަކޮށްފައިވާ ގޮތުގައި ތިރީގައި ބަޔާންކޮށްފައިވާ 3 ކަމަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް މައިގަނޑު 3 ސިފަ ނުވަތަ ދިމާވެދާނެ މައިގަނޑު 3 ކަންތަކެވެ. އެހެންކަމުން އަންނަނިވި ކަންތައްތަކުގެ ތެރެއިން މަދުވެގެން 2 ކަމެއް ތަޖުރިބާ ކުރެވޭނަމަ ނޫނީ ކުރިމަތިވެފައިވާނަމަ، އެއީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ކަމުގައި ބެލެވިދާނެ އެވެ.

(ހ) – ގަވާޢިދުން މައްސަރުކަންތައް ނުޖެހުން : މީގެ މާނައަކީ ބިސްރަވަ އިން ގަވާއިދުން ބިސްދޫކުރަމުން ނުދިއުމެވެ. ގަވާޢިދު މައްސަރު ކަންތައް ނުޖެހުން، ނޫނީ މައްސަރު ކަންތައް މާބޮޑަށް ދިގުލައި ދިއުން ފަދަ ކަންކަމަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ގައި ފެންނަ އެންމެ އާންމު އަލާމާތް ތަކެވެ. މިސާލަކަށް އަހަރެއްގެ ތެރޭގައި 9 ފަހަރަށް ވުރެ މަދުން މައްސަރު ކަންތައް ޖެހިދާނެ އެވެ. ނޫނީ ދެމައްސަރު ދޭތެރޭގައި 35 ދުވަހަށްވުރެ ގިނަ ދުވަސް ހޭދަވެދާނެ އެވެ. ނޫނީ މައްސަރު ތެރޭގައި އާދަޔާ ޚިލާފަށް ގިނައިން ލޭފައިބައިފާނެ އެވެ.

(ށ) –އެންޑްރޯޖަން ގެ މިންވަރު މަތިވުން : އަންހެނާގެ ހަށިގަނޑުގައި ފިރިހެން ހޯރމޯން "އެންޑްރޯޖަން"ގެ ނިސްބަތް މަތިވުމަކީ އެކަމުގެ ސަބަބުން ހަށިގަނޑުން ތަފާތު ނިޝާންތައް ފެނިދާނެ ކަމެކެވެ. އެގޮތުން ފެނިދާނެ ނޫނީ ފާހަގަ ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި މޫނުމައްޗާއި، ހަށިގަނޑުގެ އެކި ހިސާބުތަކުގައި މާގިނައިން އިސްތަށިފެޅުން، ދޭތެރެއަކުން ވަރަށް ބޮޑަށް މޫނުމަތީގައި އޮށާޅަނެގުން، އަދި ފިރިހެނުންނެކޭ އެއްބީދައިން ބޮލުން އިސްތަށި ފޭބުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ނ) – ބިސްރަވައިގައި ބައިވަރު ސިސްޓް އުފެދުން : މީގެ މާނައަކީ ބިސްރަވަ ބޮޑުވެ، އޭގެ ތެރޭގައި ދިޔާތަކެތިން-ފުރިފައިވާ ކޮތަޅުތަކެއް (ފޮލިކްލްސް) އުފެދުމެވެ. ބިސްރަވަ ސައިޒުން ބޮޑުވެ، އޭގެ ތެރޭގައި ސިސްޓް އުފެދި، ބިސްރަވައިން ދޫކުރާ ބިސްތަކުގެ ވަށައިގެން ސިސްޓް ތައް އުފެދޭގޮތް ވެއެވެ. ނޫނީ ހަރުލާފައި ހުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބިސްރަވައަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމަށް ހުރަސްތަކާ ކުރިމަތިވެއެވެ.

ޕޮލީސިސްޓިކް އޯވަރީ

ޕޮލީސިސްޓިކް އޯވަރީގެ މާނައަކީ މީގެ މާނައަކީ ބިސްރަވަ ބޮޑުވެ، އޭގެ ތެރޭގައި ދިޔާތަކެތިން-ފުރިފައިވާ ކޮތަޅުތަކެއް (ފޮލިކްލްސް) އުފެދުމެވެ. ނުވަތަ ބައިވަރު ސިސްޓް ބިސްރަވައިގައި ނޫނީ އޯވަރީގައި ހުރުމެވެ. އާންމު ގޮތެއްގައި މިފަދަ ބީދައިން ސިސްޓް އުފެދިފައި ހުންނަ އޯވަރީ އެއްގައި ވަރަށް ބައިވަރު ސިސްޓް ތައް ހުރެއެވެ. މިސިސްޓް ތަކުގެ ސައިޒު އުޅެނީ 8 މިލިމީޓަރު ވަރުގައެވެ.

ފޮލިކްލް ތަކަކީ ބިސް އޭގެ ތެރޭގައި ހެދިބޮޑުވާ ރަނގަޅަށް ފުރިހަމަނުވާ ކޮތަޅު (ސެކް) ތަކެއް ފަދަ އެއްޗެކެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގައި މި ސެކް ތަކުން ބިސްދޫކުރަން ނުކުޅެދެއެވެ. މާނައަކީ ބިސްރަވައިން ބިސް ދޫނުކުރުމެވެ. ބެލެވިފައިވާގޮތުގައި އިގިރޭސި ވިލާތު ގައި ކޮންމެ 10 މީހުންކުރެ 1 އަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ މައްސަލަ ދިމާވެފައިވާ މީހެކެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހުންގެ ތެރެއިން ½ އަށްވުރެ ގިނަ މީހުންނަށް ބަލީގެ އަލާމާތްތައް ނޫނީ އުނދަގޫތައް ކުރިމައްޗެއް ނުވެއެވެ.

އަލާމާތްތައް

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ގެ ނިޝާންތަކާއި، އަލާމާތްތައް އެކަކު އަނެކަކާއި ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ޢާންމު ގޮތެއްގައި ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރިނަމަ އޭގެ އަލާމާތްތައް ފެންނަށް ފަށަނީ ފުރާވަޅުގެ ފަހުކޮޅުގައެވެ. ނުވަތަ އުމުރުން 20 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ.

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         މައްސަރު ކަންތައް ގަވާއިދުން ނުޖެހުން ، ނޫނީ އެއްގޮތަކަށް ވެސް މައްސަރުކަންތައް ނުޖެހުން

·         ދަރިމައިވުމަށް އުނދަގޫވުން – މިއީ ބިސްރަވައިން ބިސްދޫކުރުން ތަންޒީމުނުވުމުން ނޫނީ އެއްގޮތަކަށް ވެސް ބިސްރަވައިން ބިސްދޫނުކުރުމުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ.

·         މާގިނައިން އިސްތަށި ފެޅުން – ޚާއްޞަކޮށް މޫނު، މޭމަތި، ބުރަކަށި ނުވަތަ ފިދު މަސްގަނޑުގައި އާދަޔާ ޚިލާފަށް އިސްތަށި ފަޅާފައި ހުރެދާނެ އެވެ.

·         ބަރުދަން އިތުރުވުން

·         ބޮލުން އިސްތަށި ފޭބުން ނުވަތަ ބޮލުގެ އިސްތަށިގަނޑު ތުނިވުން

·         ހަންގަނޑު ތެޔޮވުން ނޫނީ ހަމުން އޮށާޅަނެގުން

ދަރިމައިނުވުން

ދަރިމައިނުވުން ނުވަތަ ދަރިމައިވުމަށް އުނދަގޫވުމަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. ނޫނީ ދަރިމައިނުވުމަށް ދިމާވާ އެންމެ އާންމު ސަބަބަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް އެވެ. ވަރަށް ގިނަ މީހުންނަށް ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރިކަން ދެނެގަނެވެނީ ދަރިޔަކު ހޯދަން ބޭނުންވެ، ކާމިޔާބު ނުވުމުން އެކަން ދެނެގަތުމަށް ހެދޭ ޓެސްޓުތަކުގެ ތެރެއިންނެވެ.

އާންމު ގޮތެއްގައި ކޮންމެ މައްސަރެއްގެ ތެރޭގައި މަހަކު އެއްފަހަރު ބިސްރަވައިން ރަހިމުގެ ތެރެއަށް ބިސްދޫކުރަމުން ގެންދާނެއެވެ. ނަމަވެސް ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރިނަމަ މިގޮތަށް ބިސްރަވައިން ބިސްދޫކުރުމަށް ހުރަސް އަޅައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މައްސަރުކަންތައް ނުޖެހުން، ނޫނީ މައްސަރު ކަންތައް ތަރުތީބު ނުވުން ފަދަ ކަންތައް ކުރިމަތިވެ، ދަރިމައިވުމަށް ހުރަސްއެޅޭގޮތް ވެއެވެ.

ނުރައްކާތައް

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         ދަރިމައިނުވުން

·         މާބަނޑު ދުވަސްވަރު ހަކުރުމަތިވުން

·         މާބަނޑު ދުވަސްވަރު ލޭމައްޗަށްދިއުން

·         ދުވަސްނުފުރާ ވިހެއުން

·         ބައިގެންދިއުން

·         ސަރުބީ ޖަމާވެ، ފުރަމޭ ދުޅަވުން

·         ހަކުރު ބަލި ޖެހުން

·         ސަރުބީ މަތިވުން

·         ލޭމައްޗަށްދިއުން

·         މެޓަބޮލިކް ސިންޑްރޯމް ކުރިމަތިވުން

·         ނިދީގައި ނޭވާ ހުއްޓުން

·         މާޔޫސްވުން، ހާސްވެކަންބޮޑުވުން، އަދި ކެއުމާއި ގުޅުންހުރި ސިއްޙީ މައްސަލަތައް ކުރިމަތިވުން

·         ޣައިރު ތަބީޢީ ގޮތެއްގައި ކުރިމަތި ފަރާތުން ލޭއައުން

·         ރަހިމުގެ ބަތާނަ ފަށުގައި ކެންސަރު އުފެދުން

ދެނެގަތުން

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ދެނެގަތުމަށްޓަކައި ހެދޭ ވަކި ޚާއްޞަ ޓެސްޓެއް ނުހުރެއެވެ. ފެށުމުގެ ގޮތުން އާންމު ގޮތެއްގައި ބަލިމީހާގެ ފަރާތުން މައްސަރުގެ ކަންތައް ހުރިނެތް ގޮތާއި، ބަރުދަން ހުރިނެތްގޮތް ، އަދި އެހެނިހެން ގުޅުންހުރި މުހިއްމު ކަންތައްތައް އަހައި، ސާފުކޮށް، އޮޅުންފިލުވައި، ބަލައިހަދާނެއެވެ. ޖިސްމާނީ ބެލުންތަކުގެ ތެރެއިން މޫނުމަތީގައި އޮށާޅަނެގުން، މާގިނައިން އިސްތަށިފެޅުން ފަދަ ކަމެއް ހުރިތޯ ބަލާނެއެވެ.

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރިކަމަށް ޝައްކުވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް ލަފާދީފާނެއެވެ.

(ހ) – ޕެލްވިކް އެގްޒާމް : ޕެލްވިކް އެގްޒާމްގެ މާނައަކީ ޅިނދު ހިމެނޭ ހިސާބު ނުވަތަ އަންހެނާގެ ދަރިމައިވުމުގެ ނިޒާމުގެ ގުނަވަންތައް ހިމެނޭ ހިސާބު ބަލައިހެދުމެވެ. އެގޮތުން މިހިސާބުގައި ޣައިރު ތަބީޢީ އުފެދުމެއް ، ނޫނީ ދުޅައެއް ނޫނީ ގަނޑެއް ފަދަ އެއްޗެއް އުފެދިފައިވޭތޯ ޑޮކްޓަރުން ބަލާނެއެވެ.

(ށ) – ލޭގެ ޓެސްޓުހެދުން : ލޭގެ ޓެސްޓު ހަދައި ފަހަރުގައި ލޭގައި އެންޑްރޯޖަން ހުރި މިންވަރު ބަލައިފާނެ އެވެ. މީގެ އިތުރުން ލޭގައި ހަކުރު، އަދި ސަރުބީ ހުރި މިންވަރު (ޖުމުލަ ކޮލެސްޓްރޯލް އަދި ޓްރައިގްލައިސެރައިޑްގެ މިންވަރު) ވެސް ދެނެގަނެފާނެ އެވެ. ފަހަރުގައި ގުލުކޯޒް ޓޮލެރެންސް ޓެސްޓު ހެދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

(ނ) – ޓްރާންސްވެޖައިނަލް އަލްޓްރާ ސައުންޑް : މިއީ ކުރިމަތި ފަރާތަށް އެއްޗެއް (ޓްރާންސްޑިޔުސަރ) ލައްވައިގެން ސްކޭންކުރުމެވެ.  ރަހިމުގެ ބޯމިނާއި، ބިސްރަވައިގެ ހާލަތު ހުރިނެތްގޮތް ސްކޭންކޮށްގެން ދެނެގަނެވޭނެ އެވެ. ނޫނީ ދެނެގަންނާނެ އެވެ.

ފަރުވާ

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް އަށް ވަކި ޚާއްޞަ ފަރުވާ އެއް ނޯވެއެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ ފަރުވާ އަމާޒުކުރަނީ އެމައްސަލަ ދިމާވެފައިވާ ކޮންމެ މީހެއްގެ ހުރި ވަކި ޙާލަތަށެވެ. މިސާލަކަށް ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރެގެން ދަރިމައިނުވާނަމަ އެކަމަށެވެ. މާގިނައިން ހަށިގަނޑުން އިސްތަށި ފަޅާފައިވާނަމަ އެކަމަށެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރިނަމަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް ވަކި ބޭސްތަކެއް ވެސް ބޭނުންކުރަން ލަފާދީފާނެ އެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުން

ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރެއިން މައިގަނޑުގެ ގޮތެއްގައި މަސައްކަތްކުރަނީ ކަސްރަތުކޮށްގެންނާއި، ދުޅަހެޔޮ ގޮތެއްގައި ކެއުންބުއިން ބައްޓަން ކޮށްގެން ހަށިގަނޑުގެ ބަރުދަން އެއްހަމައެއްގައި ބެހެއްޓުމަށެވެ. ނުވަތަ ހަށިގަނޑުގެ ބަރުދަން ބޭނުންވާ ނޫނީ ހުންނަންޖެހޭ ހަމަމިނަށް ތިރިކުރުމަށް ނުވަތަ ދަށްކުރުމަށެވެ. ބަރުދަން ހަމައަކަށްއެޅި، މީހާގެ ބަރުހެލިކަން ކުޑަވެގެން ދިއުމަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ މައްސަލައަށް ލުއިކަން ލިބި، އެކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަރިމައިނުވުމުގެ މައްސަލައަށް ކުރިއެރުން ލިބިގެން ގޮސްފާނެ ކަމެކެވެ.

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރެ، މާބޮޑަށް ހަށިގަނޑު ބަރުހެލިނަމަ، ކަސްރަތުކޮށްގެންނާއި، ދުޅަހެޔޮ ކެއުން ބުއިމެއް ޚިޔާރުކޮށްގެން ބަރުދަން ލުއިކުރެވިއްޖެނަމަ، ބަލީގެ ބައެއް އުދަނގޫތައް ކުޑަކުރެވިދާނެ އެވެ. އެގޮތުން ހަށިގަނޑުގެ ބަރުދަނުން 5% ލުއިކޮށްލެވުނަސް ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ އުދަނގޫތަކަށް ލުއިކަން ލިބި ބަދަލުތައް އަންނަކަން ފާހަގަ ކުރެވެއެވެ. ބަރުދަން ލުއިކުރުމަށްޓަކައި ކުރިން ވެސް ބަޔާންކުރި ފަދައިން ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ބޭނުންކުރުން މުހިއްމެވެ. ފައިދާހުރި ކާނާގެ ގޮތުގައި ތަރުކާރީ އާއި މޭވާ ކެއުމުގައި ހިމެނުން (ދުވާލަކު 5 މުށް ނޫނީ 5 އަތްގޮށީގެ މިންވަރު) މުހިއްމެވެ. މީގެ އިތުރުން ކެއުމުގައި ހޯލް ފުޑް ( ހޯލް ގްރެއިން، ހޯލްމީލް ބްރެޑް، ސީރިޔަލް އަދި ރަތްހަނޑޫ ފަދަ ބާވަތްތައް ) ގެ ބާވަތްތައް ހިމެނިދާނެއެވެ. އެއްގަމު މަހާއި، ކަނޑުމަސް އަދި ކުކުޅު މަސް ވެސް ކެއުމުގައި ހިމެނުން ރަނގަޅެވެ.

ހަށިގަނޑުގެ ބަރުދަން ހުރީ އެކަށޭނަ ވަރެއްގައި ތޯ ބެލުމަށްޓަކައި ބޮޑީ މާސް އިންޑެކްސް ހުރި މިންވަރު ދެނެގަތުން ރަނގަޅެވެ. އާންމު ގޮތެއްގައި ބޮޑީ މާސް އިންޑެކްސް ހުންނަންޖެހެނީ 24.9 – 18.5 އާއި ދެމެދުގައެވެ.

ބޭސް ބޭނުންކުރުން

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ކުރިމަތިވުމުގެ ސަބަބުން މައްސަރުކަންތަކަށް ބަދަލުއައިސް އޭގެ އިންތިޒާމަށް ބަދަލު އައިސްފައިވާ މީހުންނަށް މައްސަރުކަންތައް ހަމަމަގަށް އެޅުވުމަށްޓަކައި ބޭސް ދިނުމަކީ އެކަށީގެންވާ ކަމެކެވެ. މާގިނައިން އިސްތަށި ފަޅާފައިހުރިނަމަ އެކަން ކުޑަކުރުމަށް ވެސް ބޭސް ދިނުމަކީ އެކަށީގެންވާ ކަމެކެވެ.

ދޭތެރެ ދުރުކުރާ ބޭސް (ކޮމްބައިންޑް) : ދޭތެރެ ދުރުކުރާ ބޭސްތަކުގެ ތެރެއިން އެސްޓްރޯޖަން އަދި ޕްރޮޖެސްޓަރޯން ހިމެނޭ ބޭސް ދިނުމަކީ އެންޑްރޯޖަން އުފެއްދުން ދަށްކޮށްދީ، އެންޑްރޯޖަން އުފެއްދުން ކޮންޓްރޯލްކޮށް ތަންޒީމުކޮށްދޭނެ ކަމެކެވެ. ހަށިގަނޑުގެ މިދެންނެވި ފަދަ ހޯރމޯންތަކުގެ މިންވަރު ހަމައަކަށް އެޅުމަކީ ރަހިމުގެ ބަތާނަފަށަށް ކެންސަރު ޖެހުން، ރަހިމުން އާދަޔާ ޚިލާފަށް ލޭފޭބުން، ހަށިގަނޑުން މާގިނައިން އިސްތަށިފެޅުން އަދި މޫނުމަތީގައި މާގިނައިން އޮށާޅަނެގުން ފަދަ ކަންތައްތަކުގެ ހިރާސް ކުޑަކޮށްދޭނެ ކަމެކެވެ.

ހަމައެކަނި ޕްރޯޖެސްޓިން ހޯރމޯންގެ ފަރުވާ : ކޮންމެ 1 ، 2 މަހަކަން ޕްރޯޖެސްޓަރޯން ހޯރމޯން 14-10 ދުވަހުގެ މުއްދަތަށް ބޭނުންކުރުމަކީ މައްސަރުކަންތައް ހަމައަކަށް އެޅި، ރަހިމުގެ ބަތާނަ ފަށަށް ކެންސަރު ޖެހުމުގެ ހިރާސް ކުޑަކޮށްދޭނެ ކަމެކެވެ. ޕްރޯޖެސްޓަރޯން ހޯރމޯންގެ ފަރުވާ އަކީ އެންޑްރޯޖަން ހޯރމޯންގެ މިންވަރު ހަމައަކަށް އަޅުވައިދީ އަދި ދަރިމައިވުމުން ދުރުކޮށްދޭ ފަރުވާ އެއް ނޫނެވެ. ދަރިމައިވުމުން ރައްކާތެރިވުމަށް ބޭނުންވާ ރަނގަޅީ ހަމައެކަނި ޕްރޯޖެސްޓިން ހުންނަ މިނީ ޕިލް ނުވަތަ ޕްރޯޖެސްޓިން އެކުލޭވެ ރަހިމަށް ލައްވާ އެތިކޮޅު ބޭނުންކުރުމެވެ.

އެހެނިހެން ބޭސްތައް : ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރެ ދަރިޔަކު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ އާންމުކޮށް އަދި އެންމެ ފުރަތަމަ ދީއުޅޭ ބޭހަކީ "ކްލޮމިފިން" އެވެ. ކްލޮމިފިން އަކީ ބިސްރަވައިން ބިސްދޫކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ. ކްލޮމިފިން ބޭނުންކޮށްގެން ބިސްދޫކުރުން ކާމިޔާބުނުވެއްޖެނަމަ، "މެޓްފޯރމިން" ކިޔާ ބޭހެއް ދީއުޅެއެވެ. މެޓްފޯރމިން އަކީ ހަކުރު ބައްޔަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެކެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހުންނަށް މެޓްފޯރމިން ދިނުމުން ލޭގައި އިންސިއުލިންގެ މިންވަރު ދަށްކޮށްދީ ހަކުރުގެ މިންވަރު ވެސް ދަށްކޮށްދެއެވެ. ބައެއް ފަހަރު ބިސްރަވައިން ބިސްދޫކުރުމަށް ބާރުއެޅުމަށްޓަކައި ކްލޮމިފިންގެ ބަދަލުގައި ލެޓްރޯޒޯލް ކިޔާ ބޭހެއް ވެސް ދީއުޅެއެވެ.

ލެޕަރޯސްކަޕިކް އޯވަރިއަން ޑްރިލިންގ : މިއީ ލޭޒަރ ނުވަތަ ހީޓް ގެ އެހީގައި ބިސްރަވައިގައި ހުންނަ އެންޑްރަޖަން އުފައްދާ ސެލޯށިތައް ހަލާކުކޮށްލުމަށް ހެދޭ އާދައިގެ ސަޖިކަލް ޕްރޮސީޖަރ އެކެވެ. މިޕްރޮސީޖަރ ހެދުމުން ޓެސްޓޮސްޓަރޯން ހޯރމޯން އަދި ލޫޓިނައިޒިންގ ހޯރމޯންގެ މިންވަރު ދަށްކޮށްދީ އަދި ފޮލިކްލް ސްޓިމިޔުލޭޓިންގ ހޯރމޯންގެ މިންވަރު މަތިކޮށްދެއެވެ.

ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތަކާއި ގޭގައި ކުރެވިދާނެ ކަންތައްތައް

(ހ) ހަށިގަނޑުގެ ބަރުދަން އެއްހަމައެއްގައި ބެހެއްޓުމަށް މަސައްކަތްކުރުން : ހަށިގަނޑުގެ ބަރުދަން ލުއިވުމަކީ އިންސިއުލިން އަދި އެންޑްރޯޖަންގެ މިންވަރު ދަށްކޮށްދީ، ބިސްދޫކުރުން އަލުން ފަށައިދީފާނެ ކަމެކެވެ. އެހެންކަމުން ކަސްރަތު ޕްރޮގްރާމެއްގައި ބައިވެރިވެގެން ނަމަވެސް ބަރުދަން ލުއިކުރުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެކެވެ.

(ށ) ކާބޯހައިޑްރޭޓް ކެއުމުގައި ހިމެނޭ މިންވަރު މަދުކުރުން : ކާބޯހައިޑްރޭޓް ގިނައިން ހުންނަ ކާނާ ކެއުމަކީ ލޭގެ އިންސިއުލިންގެ މިންވަރު އިތުރުކޮށްދާނެ ކަމެކެވެ. ކާބޯހައިޑްރޭޓް ކެއުމުގައި ހިމަނާއިރު ސާދާ ކާބޯހައިޑްރޭޓްގެ ބަދަލުގައި ސާސްތާ ކާބޯހައިޑްރޭޓް ހިމެނޭ ވައްތަރުތައް ކެއުމުގައި ހިމެނުން މުހިއްމެވެ. ސާސްތާ ކާބޯހައިޑްރޭޓް ބޭނުންކުރުމުން ސާދާ ކާބޯހައިޑްރޭޓް އާއި ޚިލާފަށް ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް މައްޗަކަށް ނުދާނެ އެވެ. އޭގެ ބަދަލުގައި ސާސްތާ ކާބޯހައިޑްރޭޓްގައި ހިމެނޭ ހަކުރު ހަށިގަނޑަށް ނަގާނީ ވަރަށް ލަސްލަހުން މަޑުމަޑުންނެވެ.

(ނ) ހަރަކާތްތެރިވެ އުޅުން : ކަސްރަތުކޮށް ހެލިފެލިވެ އުޅުމަކީ ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދޭނެ ކަމެކެވެ. ޕޮލީސިސްޓް އޯވަރީ ސިންޑްރޯމް ހުރިނަމަ، ވަކިން ޚާއްޞަކޮށް ގަވާޢިދުން ކަސްރަތުކުރަން ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދީ، ނޫނީ ބަރުދަން އެއްވަރެއްގައި ބަހައްޓައިދީ ، ބަލީގެ އުދަނގޫތައް ކުޑަކުރުމަށް އެހީތެރިވެދެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/pcos/symptoms-causes/syc-20353439

·         https://www.nhs.uk/conditions/polycystic-ovary-syndrome-pcos/

No comments:

Post a Comment