Wednesday, October 21, 2020

ލޮލުގެ އޯބިޓް

ލޮލުގެ އޯބިޓް

ލޮލުގެ އޯބިޓް(eye orbit) ނުވަތަ ލޮލުގެ ކަށީގެ އޯބިޓަކީ ލޯ ހިފެހެއްޓުމަށް ބޮލުގެ ނާށިގަނޑުގައި ކަށިން އުފެދިފައިވާ ސޮކެޓެކެވެ. މިއީ ބޮލުގެ ނާށިގަނޑުގައި މޫނުމަތީގައި ނުވަތަ ކުރިމަތީގައި ދެފަރާތުން، ދެލޯ ހިފެހެއްޓުމަށް ނޫނީ ބެހެއްޓުމަށް ކަށިން އުފެދިފައިވާ ބައެކެވެ. މިއީ ލޯ އެތަނެއްގެ ތެރޭގައި ހިފެހެއްޓިފައިވާ ކަށިން އުފެދިފައިވާ  ހުސް ޖާގައެކެވެ. ނުވަތަ ކަށިން އުފެދިފައިވާ ހޮއެކެވެ.ލޮލުބޯޅަ(eyeball)  ނުވަތަ ލޮލާއި އެއާއި ގުޅިފައިވާ އެހެން ބައިތައް ހިފަހައްޓަކީ ރައްކާތެރިކޮށްދޭ ކަށީގެ އޮނިގަނޑަކީ މިއީ އެވެ. ބޭރުފުށުން ލޮލަށް ލިބޭ އެކި ކަހަލަ އަނިޔާތަކުން އޯބިޓްގެ ސަބަބުން ލޮލަށް ރައްކާތެރިކަން ލިބެއެވެ. އުފެދުމުގައި އޯބިޓް އިންނަނީ ހަތަރު ފަރާތް އިންނަ ޕިރަމިޑެއްގެ ބައްޓަމަށް ނޫނީ ނާސްޕަތީ އެއްގެ ބައްޓަމަށެވެ. ލޮލުގެ އޯބިޓަކީ ލޮލުގެ ރައްކާތެރިކަމުގެ އިތުރުން، ލޮލުގެ މަސައްކަތްތަކަށް އެހީތެރިވެދޭ ބައެކެވެ.


އުފެދިފައިވާ ގޮތާއި، ގުޅުންތައް، އަދި ލެވިފައިވާ ބޯޑަރުތައް

އާންމު ގޮތެއްގައި ލޮލުގެ އޯބިޓް އިންނަނީ 4 ފަރާތާއި، ކުރިމައްޗާއި ކޮޅު ހިމެނޭ ގޮތަށް ޕިރަމިޑެއްގެ ބައްޓަމަށް، ބޮލުގެ ނާށިގަނޑުގައި ހިމެނޭ ކަށިތަކުން ބައެއް ކަށިތައް ހިމެނިގެން އުފެދިފައެވެ.އާންމު ގޮތެއްގައި ލޮލުގެ އޯބިޓް އުފެދިފައިވާއިރު އޭގެ ވަށައިގެން ބޯޑަރު ލެވިފައިވަނީ ބޮލުގެ ނާށިގަނޑުގައި އެކުލެވޭ ތަފާތު 7 ކަށިގަނޑެއް ޝާމިލްވެގެންނެވެ. އެގޮތުން ލޮލުގެ ކަށީގެ އޯބިޓް އުފެދިފައިވާ ގޮތާއި، ބޯޑަރުތައް ބެހިފައިވާގޮތް، ހިމެނިފައިވާ ބައިތަކާ، ކަށިތައް ތިރީގައި މިވަނީ އެވެ.

ތަޅުންގަނޑު (floor): އޯބިޓްގެ ތަޅުން ނުވަތަ ތިރީ ފާރު(Inferior wall) އުފެދިފައިވަނީ ބޮލުގެ ނާށިގަނޑުގެ ކަށިތަކުގެ ތެރޭގައި ހިމެނޭ ކޯކަށިގަނޑު(zygomatic bone)، މަތިމަސްކަށިގަނޑު(maxillary bone)، އަދި ތަލިކަށިގަނޑު(palatine bone) ން ބައިތައް ހިމެނޭގޮތަށެވެ. މެގްޒިލަރީ ސައިނަސް(maxillary sinus) ތަކާއި، އޯބިޓް ވަކިކޮށްދެނީ މަތިމަސްކަށިގަނޑުންނެވެ.

ފުރާޅު (roof): އޯބިޓްގެ ފުރާޅު ނުވަތަ މަތީ ފާރު(superior wall)އުފެދިފައިވަނީ ނިއްކުރި ކަށިގަނޑު(frontal bone) ން ލޮލުގެ ފުރާޅު އުފެދުމުގައި ބައިވެރިވާ އޯބިޓަލް ޕްލޭޓް(orbital plate or orbital process)، އަދި ބޮލުގެ ނާށިގަނޑުގައި ހިމެނޭ "ސްފިނޮއިޑް ކަށިގަނޑު''(sphenoid bone) ގެ ކުޑަ ބައެއް ނުވަތަ ކުޑަ ފިޔަ(lesser wing) ހިމެނިގެންނެވެ. ނިއްކުރި ކަށިގަނޑަކީ ބޮލުގެ ނާށިގަނޑު އުފެދުމުގައި ހިމެނިފައިވާ "ބޮލުގެ ނާށިގަނޑުގެ ކުރިމަތީ އަޑިގަނޑު"(Anterior cranial fossa) ނުވަތަ އަޑިގަނޑާއި، އޯބިޓް ވަކިކޮށްދޭ ހުރަހެވެ

ގައިގެ މެދާއި ކައިރިވީ ފަރާތް (Medial wall): ލޮލުގެ އޯބިޓުން ގައިގެ މެދާއި ކައިރިވީ ފަރާތް އުފެދިފައިވަނީ އެތުމޮއިޑް ކަށިގަނޑު(ethmoid bone)، މަތިމަސް ކަށިގަނޑު(frontal process of maxilla)، ސްފިނޮއިޑް ކަށިގަނޑު(Sphenoid bone)، އަދި ކަރުނަ ކަށިގަނޑު(lacrimal bone) ގުޅިގެންނެވެ. ނުވަތަ ހިމެނިގެންނެވެ. ލޮލުގެ އޯބިޓާއި، އެތްމޮއިޑް ސައިނަސް(ethmoid sinus) ވަކިކޮށްދެނީ އެތްމޮއިޑް ކަށިގަނޑުންނެވެ.

ގައިގެ މެދާއި ދުރުވީ ފަރާތް (lateral wall): ލޮލުގެ އޯބިޓުން ގައިގެ މެދާއި ދުރުވީ ފަރާތް އުފެދިފައިވަނީ ސްފިނޮއިޑް ކަށިގަނޑު ގެ ބޮޑުފިޔަ(greater wing of sphenoid bone) ،  އަދި ކޯކަށިގަނޑު، ގުޅިގެންނެވެ.

އޭޕެކްސް (Apex): ޕިރަމިޑެއްގެ ބައްޓަމަށް އޯބިޓް އިންނައިރު އޭގެ ކޮޅު ނުވަތަ އޭޕެކްސް(Apex) އިންނަނީ ބޮލުގެ ނާށިގަނޑުގެ ތެރެއަށް ވާގޮތަށެވެ. ނުވަތަ ފަހަތަށެވެ. ލޮލުގެ މައިނާރު އަދި ލޮލަށް ސާފުލޭ ގެނެސްދޭ ލޭނާރު ލޮލުގެ ތެރެއަށް ވަންނަ ހޮއި(optic foramen) އިންނަނީ އޭޕެކްސްގައެވެ.

ބޭސް (base): ޕިރަމިޑެއްގެ ބައްޓަމަން އޯބިޓް އިންނައިރު އޭގެ ކުރިމަތި ނުވަތަ ބުޑު އިންނަނީ ކުރިމައްޗަށް ވާގޮތަށެވެ. ކުރިމަތި ބޯޑަރުލެވި ނިވާކުރެވެނީ ލޮލުގެ ބޮޑި(eye lids) ންނެވެ.

އޯބިޓްގެ މިންތައް

އޯބިޓްގެ ދާރަފަށުގެ އުސްމިން : 40 މިލިމީޓަރ

އޯބިޓްގެ ދާރަފަށުގެ ފުޅާމިން : 35 މިލިމީޓަރ

އޯބިޓްގެ ފުންމިން : 50-40 މިލިމީޓަރ

އިންޓައޯބިޓަލް ސްޕޭސް ގެ ދުރުމިން : 25 މިލިމީޓަރ

އޯބިޓްގެ ވޮލިޔުމް : 30 cm3

ލޮލުގެ އޯބިޓްގެ ތެރޭގައި ހިމެނޭ ބައިތައް

އާންމު ގޮތެއްގައި ލޮލުގެ އޯބިޓަކީ ލޮލުގެ ބޯޅަ، ނުވަތަ ލޮލާއި އެއާއި ގުޅިފައިވާ އެހެނިހެން ބައިތައް ހިފަހައްޓައިދިނުމަށް ކަށިން އުފެދިފައިވާ ޖާގައެކެވެ.

އެކްސްޓްރާ އޮކިޔުލަރ މަސްކޮޅުތައް (extra ocular muscles): މިއީ ލޮލުން ބޭރުގައި ހުންނަ މަސްކޮޅު ތަކެކެވެ. ލޮލާއި، ލޮލުގެ މަތީބޮޑި ހަރަކާތްކުރުމުގެ ޒިންމާވަނީ މިމަސްކޮޅު ތަކެވެ.

ލޮލުގެ ބޮޑި (eyelids): މިއީ ލޯ ކުރިމަތިން ނިވައިކޮށްދޭ ނިވައި ފަށްގަނޑެވެ.

ފަތިނާރުތައް (nerves): ތަފާތު ކްރެނިއަލް ފަތިނާރު ތައް ލޮލާއި، އޭގެ ބައިތަކުގެ މަސައްކަތްތައް ފުރިހަމަ ކުރުމުގައި ބައިވެރިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ފަތިނާރު ތަކުގެ ތެރޭގައި "ލޮލުގެ މައިނާރު"(optic nerve)، "ލޮލުގެ ހަރަކާތާއި ގުޅޭ ނާރު"(oculomotor nerve)، ޓްރައިޖެމިނަލް ނާރވް"(trigeminal nerve)، އެބްޑިޔުސެންޓް ނާރވް"(abducent nerve)، އަދި "ޓްރޮކްލިއަރ ނާރވް"(trochlear nerve) ހިމެނެއެވެ.

ލޭހޮޅިތައް (blood vessels):ލޮލަށް ލޭގެނެސްދޭ ސާފުލޭހޮޅިތަކާއި، ލޮލުން ލޭބޭރުކޮށްދޭ ނުސާފުލޭ އުފުލާ ހޮޅިތައް ލޮލުގެ ތެރޭގައި ހުރެއެވެ. މައިގަނޑު ގޮތެއްގައި ލޮލަށް ސާފުލޭ ލިބެނީ ލޮލަށް ސާފުލޭ ގެނެސްދޭ މައިނާރު (ophthalmic artery) އިންނެވެ. ލޮލުން ނުސާފުލޭ ބޭރުކޮށްދެނީ ތިރީގައިވާ ނުސާފުލޭ ބޭރުކޮށްދޭ ލޭނާރު(inferior ophthalmic vein) ، އަދި ލޮލުގެ މަތީގައިވާ ނުސާފުލޭ ބޭރުކޮށްދޭ ލޭނާރު(superior ophathalmic veins) އިންނެވެ.

އޯބިޓަލް ފެޓް (orbital fact): ލޮލުބޯޅަ(eyeball)  ނުވަތަ ލޯ، އަދި އޭގެ ވަށައިގެންވާ ވަޒީފީ މަސްތަކުގެ ފަށަލައިގެ ވަށައިގެން އޯބިޓްގެ ތެރޭގައި ހުންނަ ސަރުބީތައް(orbital fat)  ހުރެއެވެ. ލޯ ވިދިފައި ނޫނީ ހިފެހެއްޓިފައި ނޫނީ ހަރުލައި ހުންނަނީ މިސަރުބީ ތަކުގެ މަތީގައެވެ. އެހެން ކަމުން މިސަރުބީތައް ސިފަކުރެވެނީ ލޮލަށް ބާލީހެއްގެ ގޮތުގައެވެ. މިސަރުބީތަކުގެ މަތީގައި އަމާންކަމާއެކު ލޮލަށް އެކި ފަރާތަށް ދައުރުވެ، ލެނބި، އުދަނގުލަކާ ނުލައި، ހަރަކާތްތެރިވެވެއެވެ.

ލޮލުގެ އޯބިޓާއި ގުޅިފައިވާ ހުޅުވުންތަކާއި، މަގުތައް

ލޮލުގެ އޯބިޓާއި ގުޅިފައިވަނީ މައިގަނޑު 3 މަގަކުންނެވެ.

އޮޕްޓިކް ކެނަލް ނުވަތަ އޮޕްޓިކް ފޮރަމަން(optic canal or optic foramen) : މިއީ އޯބިޓްގެ އޭޕެކްސްގައި ލޮލުގެ އެންމެ އެތެރެއިން ސްފިނޮއިޑް ކަށިގަނޑުގައި އިންނަ ކުޑަ ލޯވަޅެކެވެ. ލޮލުގެ މައިނާރު(optic nerve) އަދި ލޮލަށް ލޭގެނެސްދޭ ލޭނާރު، ނުވަތަ ލޮލަށް ސާފުލޭ ގެނެސްދޭ ލޭނާރު(ophthalmic artery) އަދި ސެންޓްރަލް ރެޓިނަލް ވެއިން ލޮލުގެ ތެރެއަށް ވަންނަނީ ލޮލުގެ އޯބިޓުގެ އޭޕެކްސް ގެ ނޭފަތާ ކައިރިވީ ފަރާތުގައި އިންނަ ހޮއި(optic foramen)، ނުވަތަ ލޯވަޅަކުންނެވެ.

ސްޕީރިއަރ އޯބިޓަލް ފިޝަރ (Superior orbital fissure): ސްޕީރިއަރ އޯބިޓަލް ފިޝަރ އަކީ ލޮލުގެ އެންމެ އެތެރެއިން ކަށިގަނޑުގައި އިންނަ ބޮޑު ހޮޔެކެވެ. ނޫނީ ލޯވަޅެކެވެ. ނޫނީ ހުޅުވުމެކެވެ. މިފިޝަރގެ ދެފަރާތުން ވެސް އިންނަނީ ސްފިނޮއިޑް ކަށިގަނޑުކަން ފާހަގަ ކުރެވެއެވެ. ލޮލުން ނުސާފުލޭ ބޭރުކޮށްދޭ ބޮޑެތި ލޭނާރު ތަކުގެ ތެރެއިން "ސްޕީރިއަރ އޮފްތަލްމިކް ވެއިން(Superior ophthalmic veins)، އަދި ބައެއް ފަތިނާރު(nerves) ތައް ލޮލުން ބޭރުވަނީ ލޮލުގެ އޯބިޓްގެ ފުރާޅު ނުވަތަ މަތީ ފަރާތުގައިވާ މިހޮއިންނެވެ. މިތަން ހުރަސްކޮށް ލޮލުގެ ތެރެއަށް ވަދެފައިވާ ފަތިނާރު ތަކުގެ ތެރޭގައި ލެކްރިމަލް ނާރވް، ފްރަންޓަލް ނާރވް، ޓްރޮކްލިއަރ ނާރވް، އެބްޑިޔުސެންޓް ނާރވް، އޮކިޔުލޮމޮޓޯ ނާރވް، އަދި ނޭސޯސިލިއަރީ ނާރވް ތައް ހިމެނެއެވެ. މި ފަތިނާރުތަކުން ތަދު ފަދަ ފެނުމުގައި ބައިވެރިނުވާ އިހުސާސީ މެސެޖުތައް ތަފާތު އިހުސާސީ ނާރުތައް(sensory nerves) މެދުވެރިކޮށް ފޮނުވައިދެއެވެ. ނޫނީ މިފަތިނާރުތަކުގެ ތެރޭގައި ލޮލުގެ މަސްތަކުގައި ހަރަކާތް ގެނައުމުގައި ބައިވެރިވާ ހަރަކާތީ ނާރުތައް(motor nerves) ހިމެނިފައިވުމަކީ އެކަށީގެންވާ ކަމެކެވެ. މިފިޝަރ ހުރަސްކޮށް ލޮލުގެ ތެރެއަށް ވަދެނިކުމެފައިވާ އެހެން ސެލޯށިތަކަށް ބަލާއިރު، މިޑްލް މެނިންޖިއަލް އާޓަރީގެ އޯބިޓަށް އައިސްފައިވާ ގޮފި، ލެކްރިމަލް އާޓަރީގެ ރިކަރަންޓް ގޮފި، އަދި ސްޕީރިއަރ އޯބިޓަލް ވެއިން ހިމެނެއެވެ.

އިންފީރިއަރ އޯބިޓަލް ފިޝަރ (inferior orbital fissure): އިންފީރިއަރ އޯބިޓަލް ފިޝަރ އަކީ ލޮލުގެ އެންމެ އެތެރެއިން ކަށިގަނޑުގައި އިންނަ ހޮޔެކެވެ. ނޫނީ ލޯވަޅެކެވެ. ނޫނީ ހުޅުވުމެކެވެ. މެގްޒިލަރީ ނާރވް ގެ ޒައިގޮމެޓިކް ބްރާންޗް، ނުވަތަ ޒައިގޮމެޓިކް ނާރވް، އިންފްރައޯބިޓަލް ނާރވް، އިންފްރައޯބިޓަލް ވެއިން، އިންފްރައޯބިޓަލް އާޓަރީ، އިންފީރިއަރ އޮފްތަލްމިކް ވެއިން، އަދި ސިމްޕެތެޓިކް ނާރވް ތައް ލޮލުގެ ތެރެއަށް ވަންނަނީ މި ހޮއި ހުރަސްކޮށެވެ.

މީގެ އިތުރުން އެހެނިހެން ހޮއިތަކާއި، ހޮރުތަކާ، މަގުތައް އޯބިޓްގެ ކަށިތަކުގެ ތެރެއިން އޯބިޓަށް ހުޅުވިފައި ހުރެއެވެ. މިތަންތަނުންވެސް ފަތިނާރު ތަކާއި، ލޭހޮޅިތައް އޯބިޓް ގެ ތެރެއަށް އެތެރެވެ، ބޭރުވެފައި ހުރެއެވެ. އެގޮތުން ހުންނަ ތަންތަނުގެ ތެރޭގައި އަންނަނިވި ތަންތަން ހިމެނެއެވެ.

ނޭސޯލެކްރިމަލް ކެނަލް (nasolacrimal duct or canal): މިއީ އޯބިޓްގައި ގައިގެ މެދާކައިރިވީ ފަރާތުން ލޮލުގެ ތިރިންނާއި މަތިން ނޭފަތާ ދިމާލަށް ހުޅުވިފައި އިންނަ ކުޑަ ލޯވަޅެކެވެ. މިލޯވަޅު ހުރަސްކޮށް ލޮލުގައި އުފެދޭ ދިޔަ ނުވަތަ ކަރުނަ ނޭފަތުގެ މަގަށް ފޮނުވައިދެއެވެ.

ސްޕްރަ އޯބިޓަލް ފޮރަމެން (Supraorbital foramen): މިއީ ނިއްކުރީގެ ތިރިން ލޮލުގެ އޯބިޓްގައި ބުމައިގައި ދަށުގައި ކަށިގަނޑުގައި އިންނަ ކުޑަ ދިގު ލޯވަޅެކެވެ.

އިންފްރަ އޯބިޓަލް ކެނަލް (Infraorbital canal): މިއީ ލޮލުގެ އޯބިޓްގައި އޯބިޓްގެ ތަޅުމުގައި ކަށިގަނޑުގައި އިންނަ ކުޑަ ލޯވަޅެކެވެ. އިންފްރަ އޯބިޓަލް ނާރވް، އިންފްރައޯބިޓަލް ވެއިން އަދި އިންފްރަ އޯބިޓަލް އާޓަރީ ހުރަސްކުރަނީ (އިންފީރިއަރ އޯބިޓަލް ފިޝަރއަށް ދަނީ) މި ހޮއި މެދުވެރިކޮށެވެ.

ހަވާލާ

·         https://www.britannica.com/science/human-eye

·         https://teachmeanatomy.info/head/organs/eye/bony-orbit/

·         https://www.dartmouth.edu/~humananatomy/part_8/chapter_45.html

·         https://emedicine.medscape.com/article/835021-overview

·         https://www.daviddarling.info/encyclopedia/O/orbit_eye.html

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment