Saturday, September 21, 2013

ހީމަގްލޯބިން އީ

ހީމަގްލޯބިން އީ (އެޗް.ބީ.އީ)
ހީމަގްލޯބިން އީ (އެޗް.ބީ.އީ) އަކީ ލޭގައި ހުންނަ އާދަޔާ ޚިލާފު ކަމެކެވެ. ހީމަގްލޯބިން އަކީ ލެއަށް ރަތްކަން ގެނެސްދީ، ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ އެވެ. ހީމަގްލޯބިން އުފެދިފައިވަނީ ދެބީޓާ އަދި ދެއަލްފާ ޗެއިން ގުޅިގެންނެވެ. 
ހީމަގްލޯބިން އީ އަކީ މީގެތެރެއިން ބީޓާ ޗެއިން ގައިވާ އާދަޔާ ޚިލާފު ކަމެކެވެ. މިއީ މަދުން ނަމަވެސް ދިވެހިރާއްޖެ އިން ފެންނަ ވައްތަރެކެވެ.

ހީމަގްލޯބިން އީ ކެރިއަރ (އެޗްބީއީ ކެރިއަރ)
ހީމަގްލޯބިން އީ ކެރިއަރ ނުވަތަ އީ ޓްރެއިޓް އަކީ ޞިއްޙަތު ސަލާމަތުން ތިބޭ އާދައިގެ ބައެކެވެ. މީގެ ސަބަބުން އެމީހަކަށް އިތުރު އުދަގުލެއް ނުވާނެއެވެ. މިކަން ވާރުތަވަނީ މައިން ބަފައިންގެ ފަރާތުންނެވެ.
ހީމަގްލޯބިން އީ ކެރިއަރެއްކަން ބެލޭނީ މިކަމަށްކުރާ ޚާއްޞަ ލޭގެ ޓެސްޓަކުންނެވެ. ހީމަގްލޯބިން އީ ކެރިއަރުންނާއި، ތެލެސީމިޔާގެ ބައެއް އެހެން ވައްތަރުތަކުގެ ކެރިއަރުންނާއި ކައިވެނި ކުރުމުން ލޭއަޅާކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.

އެޗްބީއީ ކެރިއަރުންނާއި ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން
އެޗްބީއީ ކެރިއަރުން ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން، އޭނާއަކީ އެޗްބީއީ ކެރިއަރަކަށްވީތީ، ކައިވެނީގެ ފަހުން ދިމާވެދާނެ ކަންކަމާމެދު، ނުވަތަ ލިބޭ ދަރިންނަށް ވާނެގޮތެއް އެނގިފައި އޮތުން މުހިއްމެވެ. އެގޮތުން އެޗްބީއީ ކެރިއަރަކު ، ލޭއަޅާ ބައްޔާއި ގުޅުންހުރި އެކި އެކި ބަލިތަކުގެ މީހުންނާއި ކައިވެނި ކުރުމުން ނިކުމެދާނެ ނަތީޖާތައް ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.
(1) - އެޗްބީއީ ކެރިއަރަކާ + އާދައިގެ މީހަކާ : މިފަދަ ދެމީހެއް ކައިވެނިކޮށްގެން ލޭއަޅާ ކުއްޖެއް ނުލިބޭނެ އެވެ. ލިބޭކުދިންގެ ތެރޭގައި އެޗްބީއީ ކެރިއަރުން ތިބުން އެކަށީގެންވެއެވެ.
އެޗްބީއީ ކެރިއަރަކާ އާދައިގެ މީހަކު ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·        %50 – އާދައިގެ ކުދިން
·        %50 – އެޗްބީއީ ކެރިއަރުން



(2) - އެޗްބީއީ ކެރިއަރަކާ + އެޗްބީއީ ކެރިއަރަކާ : އެޗްބީއީ ދެކެރިއަރުން ކައިވެނިކޮށްގެން ލޭއަޅާ ކުއްޖެއް ނުލިބޭނެއެވެ. ނަމަވެސް އެޗްބީއީ ކެރިއަރުން އަދި އެޗްބީއީ ހޯމޯޒައިގަސް ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ. އެޗްބީއީ ހޯމޯޒައިގަސް އަކީ ބައްޔެއް ނޫނެވެ. ބައެއް ފަހަރު މިފަދަ ކުދިންގެ ލޭ ހުންނާނީ ދަށްކޮށެވެ. ނަމަވެސް ލޭއަޅާކަން ނުޖެހޭނެ އެވެ.
އެޗްބީއީ ދެކެރިއަރުން ކައިވެނިކޮށް ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·        %25 - އާދައިގެ ކުދިން
·        %25 – އެޗްބީއީ ހޯމޯޒައިގަސް
·        %50 - އެޗްބީއީ ކެރިއަރުން
(3) - އެޗްބީއީ ކެރިއަރަކާ + ބީޓާ ތެލެސީމިޔާ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްފިނަމަ ލޭއަޅާ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ. އެއީ އެޗްބީއީ ބީޓާ ތެލެސީމިޔާ ކުދިންނެވެ. މީގެ ތެރޭގައި ނުރައްކާ ވައްތަރަކާ ނުރައްކާތެރިކަން ކުޑަ ވައްތަރެއް ހިމެނެއެވެ. އެއީ މިކުދިންނަށް ލޭއަޅަންޖެހޭ މުއްދަތު ތަފާތު ވުމެވެ. ބައެއް ފަހަރު 3 މަހުން 1 ފަހަރު ނުވަތަ އެއަށްވުރެ މަދުން، ނުވަތަ މަހަކު 1 ފަހަރު ވެސް ލޭއަޅަން ޖެހިދާނެ އެވެ.
އެޗްބީއީ ކެރިއަރަކާ ބީޓާ ތެލެސީމިޔާ ކެރިއަރަކާ ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·        %25 - އާދައިގެ ކުދިން
·        %25 - ބީޓާ ތެލެސީމިޔާ ކެރިއަރުން
·        %25 - އެޗްބީއީ ކެރިއަރުން
·        %25 - އެޗްބީއީ ބީޓާ ތެލެސީމިޔާ
(4) - އެޗްބީއީ ކެރިއަރަކާ + އަލްފާ ތެލެސީމިޔާ ކެރިއަރަކާ : މިފަދަ ދެކެރިއަރުން ކައިވެނިކޮށްގެން އެޗްބީއީ ކެރިއަރުން، އަލްފާ ތެލެސީމިޔާ ކެރިއަރުން، އާދައިގެ ކުދިން، އަދި އެޗްބީއީ އަލްފާ ތެލެސީމިޔާ ކެރިއަރ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.
އެޗްބީއީ އަލްފާ ތެލެސީމިޔާ ކެރިއަރުންނަށް ލޭއަޅާކަން ނުޖެހޭނެ އެވެ. މިއީ ކެރިއަރުންނާއި އެއްގޮތް ބައެކެވެ.
އެޗްބީއީ ކެރިއަރަކާ އަލްފާ ކެރިއަރަކާ ކައިވެނިކޮށް ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·        %25 - އާދައިގެ ކުދިން
·        %25 - އަލްފާ ތެލެސީމިޔާ ކެރިއަރުން
·        %25 - އެޗްބީއީ ކެރިއަރުން
·        %25 - އެޗްބީއީ އަލްފާ ތެލެސީމިޔާ
(5) - އެޗްބީޑީ ކެރިއަރަކާ + އެޗްބީއީ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްގެން ލޭއަޅާ ކުދިންނެއް ނުލިބޭނެ އެވެ. ނަމަވެސް އެޗްބީޑީ ކެރިއަރުން، އެޗްބީއީ ކެރިއަރުން، އާދައިގެ ކުދިން، އަދި އެޗްބީޑީ އެޗްބީއީ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ. އެޗްބީޑީ އެޗްބީއީ ތެލެސީމިޔާ ކުދިންނަކީ ކެރިއަރުން ފަދައިން ޞިއްޙަތު ސަލާމަތުން ތިބޭ ބައެކެވެ.
އެޗްބީޑީ ކެރިއަރަކާ، އެޗްބީއީ ކެރިއަރަކާ ކައިވެނިކޮށްގެން ބަލިވެއިންނަ ކޮންމެ ފަހަރަކު:-
·        %25 – އާދައިގެ ކުދިން
·        %25 – އެޗްބީޑީ ކެރިއަރުން
·        %25 – އެޗްބީއީ ކެރިއަރުން
·        %25 – އެޗްބީޑީ އެޗްބީއީ ތެލެސީމިޔާ
(6) - އެޗްބީއީ ކެރިއަރަކާ + އެޗްބީއެސް(ސިކްލް) ކެރިއަރަކާ : މިފަދަ ދެކެރިއަރުން ކައިވެނިކޮށްގެން ލޭއަޅާ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ. އެއީ އެޗްބީއީ ސިކްލް ޑިޒީޒް ކުދިންނެވެ. މިކުދިންނަށް މަދުން ނަމަވެސް ލޭއަޅަން ޖެހޭނެ އެވެ.
އެޗްބީއީ ކެރިއަރަކާ އެޗްބީއެސް (ސިކްލް) ކެރިއަރަކާ ކައިވެނިކޮށް ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·        %25 – އާދައިގެ ކުދިން
·        %25 – ސިކްލް ސެލް ކެރިއަރުން
·        %25 – އެޗްބީއީ ކެރިއަރުން
·        %25 – އެޗްބީއީ ސިކްލް ޑިޒީޒް

މަޢުލޫމާތު:
·        "ތެލެސީމިއާ" ލީފްލެޓް : ކުލުނު 118 – ޖަނަވަރީ 1998 – ޝީ – މާލެ – ދިވެހިރާއްޖެ
·        'އަލްފާ ތެލެސީމިޔާ" ލީފްލެޓް : ކުލުނު 135 – ޖޫން 1999 – ޝީ – މާލެ – ދިވެހިރާއްޖެ
·        "ހިމޯގްލޮބިން އީ" ލީފްލެޓް : ކުލުނު 143 – ފެބުރުއަރީ 2000 – ޝީ – މާލެ – ދިވެހިރާއްޖެ
·        "ތެލެސީމިޔާ އަށް ޓެސްޓުކުރުމުގައި ނަތީޖާ ޔަގީންނުވާ ސަބަބުތައް" ލީފްލެޓް : ކުލުނު 177 – ޑިސެމްބަރ 2002 – ޝީ – މާލެ – ދިވެހިރާއްޖެ
·        "ހިމޯގްލޮބިން ޑީ" ލީފްލެޓް : ކުލުނު 198 – ސެޕްޓެމްބަރ 2004– ޝީ – މާލެ – ދިވެހިރާއްޖެ
·        "ތެލެސީމިއާގެ ފަރުވާ " ލީފްލެޓް : ކުލުނު 235 – އޮކްޓޯބަރ 2007 – ޝީ – މާލެ – ދިވެހިރާއްޖެ
·        "އަލްފާ ތެލެސީމިޔާ" އާ ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ މައުލޫމާތު ގަނޑެއް



No comments:

Post a Comment