Saturday, January 7, 2023

ވެނޭޑިއަމް

ވެނޭޑިއަމް

ވެނޭޑިއަމް އަކީ ހަށިގަނޑަށް ބޭނުންވާ ޓްރޭސް އެލިމެންޓް ތަކުގެ ތެރޭގައި ހިމެނޭ މަޢުދަނެކެވެ. ވެނޭޑިއަމް އަކީ ރިހި އަޅިކުލައިގެ ވިލުން ހުންނަ މަޑު މައުދަނެކެވެ. މިއީ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބަހައްޓަން ކާނާގައި ހިމަނަންޖެހޭ 21 މައުދަނުގެ ތެރެއިން މާމަދުން ބޭނުންވާ ޒާރީ ވަށްތިއެކެވެ.

ތާރީކަށް ބަލާއިރު 1876 ވަނަ އަހަރު ބެލެވިފައިވަނީ މިމައުދަން ކާނާގައި ހުރުމަކީ ވިހަވެދާނެ ކަމެއް ކަމަށެވެ. ނަމަވެސް ޖެހިގެން އައި 100 އަހަރުގެ ތެރޭގައި ކުރެވުނު ދިރާސާތަކަށްފަހު 1974 ވަނަ އަހަރު ސައިންސްވެރިން ކަނޑައެޅީ ވެނޭޑިއަމް އަކީ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ބޭނުންވާ އޮށްޓަރެއް ކަމަށެވެ. ވެނެޑައިލް ސަލްފޭޓް ގެ ގޮތުގައި ގުޅަބޭހެއްގެ ގޮތުގައި ވެސް ވެނޭޑިއަމް ލިބެން ހުންނަކަން ފާހަގަ ކުރެވެއެވެ (ލައިވްސައިންސް.ކޮމް، 2023).  

މަޞްދަރު

ވެނޭޑިއަމް ލިބޭ ކާނާގެ ތެރޭގައި، ނުކަނޑާހުންނަ ގޮވާން، ޕާން، މޮޅާގެ ވައްތަރުތައް، ތަރުކާރީ ތެޔޮ، އެކިވައްތަރުގެ މަދު، ކިރުކޮޕީފަތް (ލެޓިއުސް)، ސްޓޯބެރީ، ތަފާތު ވައްތަރުގެ ފަރުމަސް، ކަނޑުމަސް، ފަލަމަޑީގެ ބާވަތްތައް ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2003). މީގެ އިތުރުން ތަފާތު ވައްތަރުގެ ބޮލިމަސް (މިސާލަކަށް ކަކުނި، ރާކަނި، އިހި، ހަންދާ، ގޮޅާ މަސް ފަދަ މަސްތައް)ތައް، ކަޅު އަސޭމިރުސް، ހަންޑިކުޑަ، ޒުވާރި، ޒައިތޫނި އަދި ޒައިތޫނި ތެޔޮ ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014). ކާނާގެ ތެރޭގައި ހިމެނޭ ތަކެތީގެ ތެރެއިން ނުކައްކާ ބޭނުންކުރާ ތަކެތީގައި ވެނޭޑިއަމްގެ މިންވަރު ގިނަވާނެއެވެ. އެކަމަކު ސްޓެއިންލެސް ސްޓީލް ތެލީގައި މިފަދަ ތަކެތި ކައްކާނަމަ ވެނޭޑިއަމް ހުންނަ މިންވަރު ދަށަށް ދެއެވެ. ވެނޭޑިއަމް އަކީ ނޭވާލާ ވައި، އަދި ބޯފެނުގައި ވެސް ހުންނަ މާއްދާ އެކެވެ. ނަމަވެސް ހަށިގަނޑަށް ފުދޭވަރަކަށް ލިބެނީ ކާބޯތަކެތިންނެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން ވެސް ޕާރސްލީ، ބިއަރު، ބަނގުރާ އަދި ގޮވާމުގެ ބާވަތްތަކުގައި ވެސް ވެނޭޑިއަމް ހުރެއެވެ (މައުންޓްސިނާއީ. އޯރގް، 2023).

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ވެނޭޑިއަމް ހުންނަ މިންވަރު

މިންވަރު / ވައްތަރު

މިންވަރު

100ގ ކަޅު އަސޭމިރުސް

92 މައިކްރޯގްރާމް

ހަނޑޫ

2.1 މައިކްރޯގްރާމް

100ގ ކުކުޅު ބިހުގެ ގޮބޮޅި

2.1 މައިކްރޯގްރާމް

100ގ ކުކުޅުގެ ހުދުމަހުގައި

2.2 މައިކްރޯގްރާމް

ވެނޭޑިއަމްގެ ވަޒީފާ

ވެނޭޑިއަމް ހަށިގަނޑުގައި މަސައްކަތްކުރަނީ ލޭގެ ތެރެއަށް ހަކުރު ގެންދިއުމަށާއި، ކޮލެސްޓްރޯލް އުފެއްދުމަށާއި، ކޮލެސްޓްރޯލް ހުންނަވަރު ކޮންޓްރޯލްކޮށް ދަށްކުރުމަށާއި، ކަށިތަކާއި ދަތްޕިލާ ފުރިހަމަ ކުރުމަށެވެ. ތައިރޮއިޑް ގްލޭންޑްގެ މަސައްކަތަށް އެހީވުމާއި، ހޯރމޯން އުފެއްދުމަށް މަސައްކަތްކުރާ ޅިންތާތަކަށް ނުވަތަ އެންޒައިމްތަކަށް ވާގި ދިނުމަކީ ވެސް ވެނޭޑިއަމްގެ މަސައްކަތެކެވެ (ސާލިހު އަދި ވަހީދު، 2003). ވެނޭޑިއަމް އަކީ ހަށިގަނޑުގެ ތެރޭގައި އުފެދޭ ކީމިޔާވީ މާއްދާތައް އެކަތި އަނެކެއްޗާއި ލާމެއްސައި، ރެކި ހެދުމަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. އަދި މިއީ ލޭގައި ކޮލެސްޓްރޯލް އިތުރުވިޔަނުދިނުމަށް މަސައްކަތްކުރާ، އަދި ލޭގައި އިންސިއުލިން ރަމަތަކުރާ އެއްޗެކެވެ. އަދި މައިކަށީގެ ބަދަތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ވެސް ކޮންމެހެން ބޭނުންވާ މައުދަނެކެވެ. އެހެންކަމުން ކެއުމުގައި ފުދޭ ވަރަކަށް މިމައުދަން ހިމަނާނަމަ، ހިތުގެ ބަލިތަކާއި، މައިކަށި ހީނަރުވުމުން ދުރުވުމަށް އެހީތެރިކަން ލިބެއެވެ.

ވެނޭޑިއަމްގެ ދައުރު ބެލުމަށް ހެދިފައިވާ ގިނަ ދިރާސާތައް ހުރީ ޖަނަވާރު ބޭނުންކޮށްގެން ހަދާފައެވެ. މަދު ދިރާސާތަކެއް އިންސާނުން ބޭނުންކޮށްގެން ވެސް ހަދާފައި ވެއެވެ. އެގޮތުން ހަކުރުބަލީގެ މީހުން ބޭނުންކޮށްގެން ހެދިފައިވާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި ވެނޭޑިއަމް އަކީ ހަށިގަނޑުގެ ޖުމުލަ ސަރުބީގެ މިންވަރު އަދި ނުރަނގަޅު ސަރުބީގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ ކަނީޒެކެވެ (މައުންޓސިނާއީ.އޯރގް، 2023). ހެދިފައިވާ ދިރާސާއަކުން ހޯދިފައިވާގޮތުގައި ވެނޭޑިއަމް އަކީ ހަކުރު ބަލީގެ މީހުންނަށް ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދީފާނެ މައުދަނެކެވެ (ލައިވްސައިންސް.ކޮމް، 2023).

އިންސާނާގެ ހަށިގަނޑުގައި ވެނޭޑިއަމް

ބޮޑުމީހެއްގެ ހަށިގަނޑުގައި 100 މައިކްރޯގްރާމްގެ ވެނޭޑިއަމް ހުރެއެވެ (ސާލިހު އަދި ވަހީދު، 2003). އެވްރެޖް ބޮޑުމީހެއްގެ ހަށިގަނޑުގައި ގާތްގަނޑަކަށް 20 މިލިގްރާމްގެ ވެނޭޑިއަމް ހުރެއެވެ (ސާލިހު އަދި ވަހީދު، 2014).  މިމިންވަރު އެކުލެވިގެންވަނީ، ލޭ، ސެލޯށިތައް އަދި ކަށިތަކުގައެވެ (ސާލިހު އަދި ވަހީދު، 2003، 2014). ކާބޯތަކެތީގައި ހުންނަ ވެނޭޑިއަމް އިން ހަށިގަނޑަށް ނެގެނީ އެންމެ 10-5 އިންސައްތައާއި ދޭތެރޭގެ އަދަދަކަށެވެ. ބާކީ ހުންނަ ވެނޭޑިއަމް ނަޖިހާއެކުވެގެން ހަށިގަނޑުން ބޭރުވެގެން ދެއެވެ (ސާލިހު އަދި ވަހީދު، 2003، 2014). އާންމުކޮށް ވެނޭޑިއަމް ކޮށާރު ކުރެވިފައި ހުންނަނީ ހަށިގަނޑުގައި ހުންނަ ފެޓް ގައެވެ. 

ހަށިގަނޑަށް ބޭނުންވާ މިންވަރު

ވެނޭޑިއަމްގެ ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) ކަމަށް ބެލެވެނީ އުމުރުން 13-9 އަހަރާއި ދެމެދުގެ ކުދިންނަށް 10 މައިކްރޯގްރާމް އަދި ބޮޑެތި މީހުންނަށް 50 މައިކްރޯގްރާމް އެވެ. އެހެންކަމުން ދުވަހެއްގެ ކާބޯތަކެތީގައި 10 އާއި 60 މައިކްރޯގްރާމް އާއި ދެމެދުގެ ވެނޭޑިއަމް ހިމެނޭނަމަ، ފުދޭނެކަމަށް ބެލެވެއެވެ.

ވެނޭޑިއަމް މަދުވުން

ވެނޭޑިއަމް ހަށިގަނޑުގައި މަދުވެއްޖެނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށްދިއުން، ދަތްފަނިކެއުން، މޭގައި ރިއްސުން، ރޯގާގެ އަސަރުތައް ކަމުގައިވާ ކެއްސުން، ކިނބިހިއެޅުން އަދި ނޭފަތުން ފެންފޭބުން ފަދަ ކަންތައްތައް ހިމެނެއެވެ (ސާލިހު އަދި ވަހީދު، 0214). ވެނޭޑިއަމް ހަށިގަނޑުން މަދުވެއްޖެނަމަ، ކޮލެސްޓްރޯލް މައްޗަށްދިއުން، އަދި ހިތުގެ ބަލިތައްޖެހުން، އަދި އުރަމަތީގެ ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެދާނެ ކަމަށް ބެލެވެއެވެ (ސާލިހު އަދި ވަހީދު، 2003، 2014). ޖަނަވާރުން ބޭނުންކޮށްގެން ހެދިފައިވާ ދިރާސާތަކުން ދައްކަނީ އުފަންވަނިވުމާއި، ކަށި ފުރިހަމަވުން ވެސް ހީނަރުވާ ކަމަށެވެ (ސާލިހު އަދި ވަހީދު، 0214). 

ވެނޭޑިއަމް ގިނަވުން

ވެނޭޑިއަމް ހަށިގަނޑުގައި ގިނަވެގެން ވިހަވާނެ ވަރެއް ވެސް އަދި ސާބިތެއް ނުކުރެވެއެވެ. އެކަމަކު މުއްތިދާރުން ވިދާޅުވަނީ ދުވަހަކު 1800 މައިކްރޯގްރާމް އަށްވުރެ އިތުރު ނުކުރުމަށެވެ. މިމާއްދާ މަދުވެއްޖެނަމަ ހެދިބޮޑުވުން ލަސްވުން، ކާހިތްނުވުން އަދި ބޭރަށްހިންގުން ކުރިމަތިވެދާނެ ކަމަށް ޖަނަވާރު ބޭނުންކޮށްގެން ހެދިފައިވާ ދިރާސާތަކުން ދައްކައެވެ (ސާލިހު އަދި ވަހީދު، 0214).

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.mountsinai.org/health-library/supplement/vanadium

·         https://www.livescience.com/29155-vanadium.html

  

ކޮޕަރ

ކޮޕަރ

ރަތުލޮއި(copper) ނުވަތަ ކޮޕަރ އަކީ ސާފުކޮށްލުމުން ރަތް އޮރެންޖު ކުލައިގައި ފެންނަ މައުދަނެކެވެ. މިއީ އައްޒަމާނުއްސުރެ އިންސާނުން ހިފާ ގެންގުޅޭ ތަކެތި ހަދަން ބޭނުންކޮށް އުޅޭ މައުދަނެކެވެ. އޭގެ ފަހުން ގިނަ ބާވަތްތައް ހަދާއުޅެނީ ރަންވަންލޮއި އިންނެވެ. ރަންވަން ލޮއި އަކީ ކޮޕަރ އާއި ޓިން އާއި އެކުވެގެން އުފައްދާ މައުދަނެކެވެ. ކޮޕަރ އަކީ ދުޅަހެޔޮކަންމަތީ ހަށިގަނޑު ބަހައްޓަން ކާންޖެހޭ 21 މައުދަނުގެ ތެރެއިން ކާނާގައި ހިމަނަންޖެހޭ ޒާރީ ވަށްތި އެކެވެ. މިކަން ހޯދުނީ 1966 ވަނަ އަހަރުގައެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ކޮޕަރ އަކީ އާންމު ގޮތެއްގައި ފެން، ވެލި އަދި ހިލައިގައި ތަބީޢީ ގޮތުން ހުންނަ މައުދަނެކެވެ


މަސްދަރު

ކޮޕަރ ލިބޭ ކާނާގެ ތެރޭގައި، ކަނޑުމަސް، އެއްގަމުމަސް، އަދި އެކި ވައްތަރުގެ މަދާއި، ގޮވާމުގެ ބާވަތްތައް ހިމެނެއެވެ. މަހުގެ ބާވަތްތަކުގައި ކޮޕަރ އެންމެ ގިނައީ މޭގަނޑު ފަދަ އެތެރޭ ގުނަވަންތަކުގައެވެ. ހަރުތޮށި ގަނޑެއް ހުންނަ އިހި، ހަންދާ، ގޮޅާ ފަދަ ބޮލި މަސްތަކަކީ ކޮޕަރ ގިނަ އެއްޗިއްސެވެ. ބިލެތަކީ ވެސް ކޮޕަރ ލިބޭ މަޞްދަރެކެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން ގެރިމޭ، ކެށޫމަދު، ސަނާމުގު، ކަޅު ޗޮކްލެޓް، ބިންބި، ބޯވެލިފަތް، އަދި އަލުވި ފަދަ ބާވަތްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022). 

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ކޮޕަރ ހުންނަ މިންވަރު

100ގ ގައި

މިލިގްރާމް

100ގ ގައި

މިލިގްރާމް

ކެށޫމަދު

2.20

ދޮންކެޔޮ

0.21

އިހިމަސް

1.70

ފޭރު

0.14

ބަރަބޯ

1.40

އަލަ

0.12

ކާށި

0.40

ފާގަ

0.10

އަންނާރު

0.34

ކޮތަރުމަސް

0.60

ހަށިގަނޑުގައި ކޮޕަރ

ބޮޑު މީހެއްގެ ހަށިގަނޑުގައި 150-75 މިލިގްރާމް އާއި ދެމެދުގެ އަދަދަކަށް  ކޮޕަރ ހުރެއެވެ. މީގެތެރެއިން ½ ހުންނަނީ ކަށިތަކާއި މަސްތަކުގައެވެ. މިމާއްދާ ނިސްބަތުން އެންމެ ގިނައީ ސިކުނޑި އާއި ފުރަމޭ ގައެވެ. ކޮޕަރ ޖަމާވާނީ ނުވަތަ ކޮށާރުކުރެވެނީ ބަނޑާއި ކުޑަ ގޮހޮރުގައެވެ.

ކޮޕަރގެ ވަޒީފާ

ރަތުލޮއި ނުވަތަ ކޮޕަރ އަކީ އިންސާނުންނާއި، ޖަނަވާރުންނާއި، އަދި ގަސްގަހާއި ގެއްސަށްވެސް ވަރަށް ބޭނުންތެރި މަޢުދަނެކެވެ. ކޮޕަރ ބޭނުންވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި، މީހާ ހެދި ބޮޑުވުމާއި، ކަށިތަކާއި، ހުޅުތަކާއި، ހަންގަނޑާއި، ލޭނާރުތަކާއި، ނޭވާލާ ނިޒާމް އާއި، އަދި ލޭގައި ހުންނަ ދިރުތައް ރައްކާތެރިކޮށްދިނުން ހިމެނެއެވެ. އަދި މިބައިތައް ދުޅަހެޔޮކަންމަތީ ބެހެއްޓުން ހިމެނެއެވެ.  ބޮޑުމީހެއްގެ ދުވަހެއްގެ ކެއުމުގައި 1.5 – 3.0 މިލިގްރާމް އާއި ދޭތެރޭގެ އަދަދަކަށް ކޮޕަރ ލިބޭ ކާނާ ހިމަނަން ޖެހެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ކޮޕަރ މަސައްކަތްކުރަނީ ދަގަނޑާއި އެކުގައެވެ. ދަގަނޑު ހިމަގްލޯބިން އަށް ބަދަލުކޮށްލަނީ ކޮޕަރ އެވެ. ހިމަގްލޯބިން އަކީ ލެޔަށް ރަތްކުލަ ގެނެސްދީ، އަދި އޮކްސިޖަން ހަށިގަނޑުގެ އެތަން މިތަނަށް ގެންގޮސްދޭ މާއްދާ އެކެވެ. ހަކުރު މާގިނައިން ކާނަމަ ކޮޕަރ ގިރިބިން ކުރަން، ނުވަތަ ހަށިގަނޑަށް ބޭނުން ހިފޭގޮތް ހެދުމަށް ދަތިވެއެވެ. އަދި ކުކުޅު ބިހުގެ ގޮބޮޅި އާއި އެކު ހަށިގަނޑަށް އެތެރެވާ ކޮޕަރ ގިރިބިން ވިޔަނުދީ، ގޮހޮރުގައި ހިފަހައްޓާލައެވެ. ކެންސަރާއި، އާތުރައިޓިސް ފަދަ ބައްޔަށް ފަރުވާގެ ގޮތުގައި ވެސް ކޮޕަރ ހުންނަ ބޭސްތައް ބޭނުން ކުރެވެއެވެ. ކޮޕަރ އަކީ ލޭހޮޅިތަކުގައި ދޯޅަޖެހުމުން ދުރުކޮށްދޭ މާއްދާ އެކެވެ (ސާލިހު އަދި ވަހީދު، 2014).

ހަށިގަނޑަށް ބޭނުންވާ މިންވަރު

އުމުރުން 13-9 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ދުވަހެއްގެ ކާނާގައި 700 މައިކްރޯގްރާމް އަދި ބޮޑު މީހެއްގެ ދުވަހެއްގެ ކެއުމުގައި 900 މައިކްރޯގްރާމްގެ ކޮޕަރ ލިބޭ ކާނާ ހިމަނަންޖެހެއެވެ. ކިރުމައިން އަދި މާގަމައިންނަށް ދުވާލަކު 1300މައިކްރޯގްރާމްގެ ކޮޕަރ ދުވާލަކަށް ބޭނުންވާނެ އެވެ. ބޮޑެތި މީހުންނާއި، ކިރުމައިން އަދި މާގަމައިންނަށް ރައްކާތެރި މަތީ މިނަކީ ދުވާލަކަށް 10،000 މައިކްރޯގްރާމް އެވެ (ހާވަރޑް.އެޑިޔު، 2022).  

ކޮޕަރ މަދުވުން

އިންސާނާގެ ހަށިގަނޑުގައި ކޮޕަރ މަދުވެއްޖެނަމަ ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި ހިތުގެ ބަލިތައް، ނާރުގެ ބަލިތައް ޖެހޭގޮތްވުމާއި، އަދި ސެލޯށިތައް ރަގަޅަށް އުފެދޭގޮތްނުވުން ހިމެނެއެވެ. ކެންސަރު އަދި ހުޅުތައް ދުޅަވުން އަށް ފަރުވާގެ ގޮތުގައި ކޮޕަރ ހުންނަ ބޭސް ބޭނުން ކުރެވެއެވެ (ސާލިހު އަދި ވަހީދު، 2003).

ބަނޑަށް ޖެހުން ފަދަ ނިކަމެތި ހާލަތެއް މެދުވެރިވެގެން މެނުވީ ކޮޕަރ ހަށިގަނޑުން މާ މަދުވެގެން ނުދާނެ އެވެ. ކޮޕަރ މަދުވުމުގެ އަލާމާތްތަކުގެ ތެރޭގައި ބޮނޑިބޮނޑިއަށް އިސްތަށި ފޭބުން، ދަދުޖެހުން، ލޭފަނޑުވުން، ވަރުނެތުން، މޮޅިވުން، ހިތުގެ މަސްތައް އަނަރޫފަވުން، ހަމުގެ ކުލަ ބަދަލުވުން، އިންފެކްޝަން ހެދުން، ލޭފަނޑުވުން، އަދި ކަށިގިރޭބަލީގެ އުދަނގޫތައް ފެށުން (ކަށިފީވުން، ފަސޭހައިން ރެނދުލުން) ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014).

ކޮޕަރ މަދުވުން އާންމުކޮށް ކުރިމަތިވަނީ ވާރުތި ބަލިތަކާއި، ކާނާ ހަށިގަނޑަށް ނެގުމުގައި މައްސަލަތައް ކުރިމަތިވާ ބަލިތައް (މިސާލަކަށް ކްރޯންސް ބަލި، ސިލިއެކް ބަލި ފަދަ ބަލިތައް)، ހުންނަ މީހުންނަށެވެ. މީގެ އިތުރުން ވާރުތި ބައްޔެއް ކަމުގައިވާ މެންކެޒް ބަލީގައި ހަށިގަނޑަށް ކޮޕަރ ނެގުމަށް ހުރަސް އަޅައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރާނައަށް ނުރައްކާވެ، ކޮޕަރ އިންޖެކްޝަންގެ ޒަރީޢާޢިން ހަށިގަނޑަށް ފޯރުކޮށްދޭންޖެހެއެވެ. މީގެ އިތުރުން މަތީ މިންވަރަކަށް ޒިންކު ބޭހުގެ ގޮތުގައި ބޭނުންކުރުމުން ވެސް ހަށިގަނޑަށް ކުޑަގޮހޮރުގެ ތެރެއިން ކޮޕަރ ނެގުމަށް ހުރަސް އަޅައެވެ (ހާވަރޑް.އެޑިޔު، 2022).

ކޮޕަރ ގިނަވުން

ކޮޕަރ ހަށިގަނޑުގައި ގިނަވެއްޖެނަމަ އަކުނިވަޔަށްދެމުން، ބޭރަށްހިންގުން، ހޮޑުލެވުން، ހުޅުހުޅުގައި ރިއްސުން، އަދި މޮޅިވުން ހިމެނެއެވެ. މޮޅިވުމަކީ ކޮޕަރ ގިނަ ވިޔަސް ނުވަތަ މަދުވިޔަސް ވެދާނެ ގޮތެކެވެ. އެހެންކަމުން ރަނގަޅު މޫޑެއްގައި ހުރުމަށް ކޮޕަރ ހުންނަވަރު މީޒާންވުމަކީ ބޭނުންތެރި ކަމެކެވެ. ހަނުހުރެވޭގޮތް ކުޑަވުމަކީ ވެސް ކޮޕަރ މަދުވުމުން ދިމާވެދާނެ ގޮތެކެވެ (ސާލިހު އަދި ވަހީދު، 2014).

ކޮޕަރ ކާނާގައި ގިނަވެގެން ވިހަވުމަކީ ވަރަށް ދުރުކަމެކެވެ. ވިލްސަން ޑިޒީޒް(wilson’s disease) ފަދަ ވާރުތަވާ މަދު ބައްޔެއްގެ ސަބަބުން މޭގަނޑާއި ސިކުނޑީގައި ކޮޕަރ ގިނަވެ، ވިހަވެދާނެ އެވެ(ސާލިހު އަދި ވަހީދު، 2014).މިގޮތަށް ދިމާވަނީ މިބަލީގައި ހަށިގަނޑުން ކޮޕަރ ބޭރުވުމަށް ހުރަސްއަޅައި، ލޭގައި ކޮޕަރ ގިނަވާތީ އެވެ (ހާރވަޑް. އެޑިޔު، 2022). ކޮޕަރ މަދަނުގެ ގޮތުގައި ވިހަވާ ވަރަށް ކެވިއްޖެނަމަ، ހޮޑުލެވުމާއި، ހޮޑުގައި ލޭހުރުން، ބަނޑަށް އުދަނގޫވުން އަދި ކޯމާއަކަށް ދިއުން ނުވަތަ ހުވާސްނެތުން ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014). 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/copper/

  

ފްލޮރައިޑް

ފްލޮރައިޑް

ފްލޮރައިޑް އަކީ ވެސް ޓްރޭސް އެލިމެންޓް އެކެވެ. ހަށިގަނޑަށް އެތެރެވާ ފްލޮރީން ބަދަލުވަނީ ފްލޮރައިޑް އަށެވެ. ފްލޮރައިޑް އަކީ ދުޅަހެޔޮކަންމަތީ ހަށިގަނޑު ބަހައްޓަން ކާނާގައި ހިމަނަންޖެހޭ 21 ކަނީޒުގެ ތެރޭގައި ހިމެނޭ ޒާރީ އުންސުރެކެވެ.

މަޞްދަރު

ފްލޮރައިޑް ލިބޭ ކާނާގެ ތެރޭގައި ފެން، ސައި، އެއްގަމު މަސް، ކަނޑު މަސް ހިމެނެއެވެ. ހަށިގަނޑަށް ބޭނުންވާ ފްލޮރައިޑް އާންމުކޮށް ލިބެނީ ބޯ ފެނުންނެވެ. އަދި އެންމެ ގިނައިން ވެސް ފްލޮރައިޑް ލިބެނީ ބޯފެނުންނެވެ. ބޯފެނުގައި ފްލޮރައިޑް ހުންނަން ޖެހެނީ މިލިޔަން ބައިކުޅަ އެއްބަޔަށެވެ. ދުނިޔޭގެ ބައެއް ހިސާބު ތަކުގެ ފެނުގައި ފްލޮރައިޑް ވަރަށް މަދެވެ. އެހެންކަމުން ބޯން ދޫކުރާއިރު ފެނަށް ފްލޮރައިޑް އަޅައެވެ. ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި މިކަމާމެދު ބަހުސް ކުރެވެމުން އަދިވެސް ދެއެވެ. ނަމަވެސް ކުރެވިފައިވާ ހުރިހާ ދިރާސާތަކަށް ބަލާ، ހުރިހާ ގައުމީ އަދި ބައިނަލް އަގުވާމީ ޖަމްއިއްޔާތަކުން އާންމުކޮށް ދޫކުރާ ބޯފެނަށް ފްލޮރައިޑް އެޅުމަށް ބާރުއަޅައެވެ (ސާލިހު އަދި ވަހީދު، 2014). ދަތްއުގުޅާ ބޭހުގައި ވެސް ފްލޮރައިޑް އަޅާފައި ހުރެއެވެ (ހާވަރޑް.އެޑިޔު، 2022).

ބޯފެނުގައި ފްލޮރައިޑް ހުންނަންޖެހެނީ މިލިޔަން ބައިކުޅަ އެއްބަޔެވެ. ނުވަތަ ފެން ލިޓަރެއްގައި 0.7 މިލިގްރާމް އެވެ. ތަނުގެ ތާފަނާ ކަމާއި، އެތަނެއްގައި ބޭނުންކުރާ ކާބޯތަކެތީގައި ފްލޮރައިޑް ހުންނަ ވަރަށް ބަލައިގެން މިއަދަދު 1.2 މިލިގްރާމް އާޢި، ހަމައަށް ބައެއް ރަށްތަކުގައި އިތުރު ކުރެއެވެ (ސާލިހު އަދި ވަހީދު، 2014).

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ފްލޮރައިޑް ހުންނަ މިންވަރު

100ގ ގައި

މައިކްރޯގްރާމް

100ގ ގައި

މައިކްރޯގްރާމް

އަސޭމިރުސް

34.2

ބަޓަރު

2.8

ގެރިމަސް

22.4

ދޮން ވިލާތުބަށި

2.3

ކެރޮޓް

3.2

ކިޔުކަންބާ

1.3

އާފަލު

3.3

ފިޔާ

1.1

ބޮޑު މިރުސް

3

ބޮނޑިކޮޕީ

0.9

ފްލޮރައިޑް ހިމެނޭ ކާބޯތަކެތީގެ ތެރޭގައި ކަޅުސައި، ކޮފީ، ބޮލިމަސް، އިހި، ޑިނގާ، ކަކުނިމަސް ފަދަ ކަނޑުކާނާގެ ބާވަތްތަކާއި، ހިކި މޭބިސްކަދުރު، އޯޓްމީލް އަދި އަލުވި ފަދަ ބާވަތްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).

ފްލޮރައިޑްގެ ވަޒީފާ

ފްލޮރައިޑް ހުންނަންވާ ވަރަށް ހަށިގަނޑުގައި ހުރުމަކީ ކަށިތަކާއި ދަތްތައް ވަރުގަދަކޮށްދޭ، އަދި ދަތްޕިލާ  ފަނިކައި، ގިރި، ހަލާކުވިޔަނުދީ ހިފެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. ފްލޮރައިޑް އަކީ ކާނާގައި ހުންނަ އެސިޑްގެ ސަބަބުން ދަތަށް ލިބޭ ގެއްލުންތައް ފޫބައްދައިދޭ އެއްޗެކެވެ. މިސަބަބަށްޓަކައި ވަރަށް ގިނަ ދަތްއުގުޅާ ބޭހުގައި ފްލޮރައިޑް ހުރެއެވެ. އަދި ފްލޮރައިޑް އަކީ ކަށި މުރަނަ ވުމާއި، އަވަހަށް ބިނދޭގޮތްވުމުން ވެސް ދުރުކޮށްދޭ އެއްޗެކެވެ.

ހަށިގަނޑުގައި ފްލޮރައިޑް

ހަށިގަނޑަށް އެތެރެވާ ފްލޮރީން ބަދަލުވަނީ ފްލޮރައިޑް އަށެވެ. ފްލޮރައިޑް ހުންނަނީ ކަށިތައް، ހަންގަނޑު، ދަތްތައް، އަދި ތައިރޮއިޑް ގްލޭންޑް ގައެވެ. ހަށިގަނޑަށް ފްލޮރައިޑް ނަގަނީ ހަޖަމުކުރާ ނިޒާމުގެ ބައިތަކުންނެވެ. ހަށިގަނޑަށް ނަގައިނުދޭ ފްލޮރައިޑް ހަށިގަނޑުން ބޭރުކުރަނީ ކުޑަކަމު ނަޖިހުގެ ތެރެއިންނެވެ (ހާވަރޑް.އެޑިޔު، 2022) ފްލޮރައިޑް އަކީ ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެއްޖެނަމަ މިތަންތަނަށް (ކަށި، ދަތްތައް) ބޭނުންވާ ކެލްސިއަމް ލިބުމުގައި ހުރަސް އަޅާ އެއްޗެކެވެ. ބޯފެނަށް ފްލޮރައިޑް އެޅުމާ މެދު ބަހުސް ކުރެވެނީ މިސަބަބާ ހުރެއެވެ. އެމީހުންގެ ޒުވާބަކީ ބޯފެން ހުންނަންވާނީ އިތުރު އެއްޗެއް ނާޅައެވެ. އެވްރެޖް ހަށިގަނޑެއްގައި 2.6 ގްރާމް ފްލޮރައިޑް ހުރެއެވެ (ސާލިހު އަދި ވަހީދު، 2014).  

ފްލޮރައިޑް މަދުވުން

ކުޑަކުދިން ދަތްފަޅަމުން އަންނަ ދުވަސްވަރު ހަށިގަނޑުގައި ފްލޮރައިޑް މަދުވެއްޖެނަމަ، ދަތްތައް ހަލާކުވުން އަވަސްވެއެވެ. ދިވެހިން މިކިޔާ ގޮތް ދަތްފަނިކާގޮތް ނުވަތަ ބޭރުގެ ހަރުތޮށި ހަލާކުވާގޮތް ދިމާވެއެވެ. ދަތުގެ ބޭރު ފަށަލަ އަކީ ކޮންމެ ދުވަހަކު ވެސް ބައުފޭރާން ބާލާ އައު ފޭރާން ލާ އެއްޗެކެވެ. މާނައަކީ ދަތުގައި ހުންނަ މައުދަންތަކުގެ ތެރެއިން ބައު މައުދަންތައް ދޫކޮށްލާ އައު މައުދަންތައް ޖަމާކޮށްލާ އެއްޗެކެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ވެސް ފްލޮރައިޑް ކާނާގައި ހިމަނަންޖެހެއެވެ. އެއީ ފްލޮރައިޑް އަކީ ކާނާގައި ހުންނަ އެސިޑްގެ ސަބަބުން ދަތަށް ލިބޭ ގެއްލުންތައް ފޫބައްދައިދޭ އެއްޗެކެވެ. މިސަބަބަށްޓަކައި ވަރަށް ގިނަ ދަތްއުގުޅާ ބޭހުގައި ފްލޮރައިޑް ހުރެއެވެ. އަދި ފްލޮރައިޑް އަކީ ކަށި މުރަނަ ވުމާއި، އަވަހަށް ބިނދޭގޮތްވުމުން ވެސް ދުރުކޮށްދޭ އެއްޗެކެވެ. ފްލޮރައިޑް ހުންނަންވާ ވަރަށް ހަށިގަނޑުގައި ހުރުމަކީ ކަށިތަކާއި ދަތްތައް ވަރުގަދަކޮށްދޭ، އަދި ދަތްޕިލާ ހަލާކުވިޔަނުދީ ހިފެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެކެވެ( ސާލިހު އަދި ވަހީދު، 2014).

ހަށިގަނޑަށް ބޭނުންވާ މިންވަރު

ފްލޮރައިޑްގެ ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. އަދި ބޭނުންވަނީ ކިހާ މިންވަރެއް ކަމެއްވެސް ނޭގެއެވެ. އެކަމަކު ދުވަހެއްގެ ކެއުމުގައި 1.5 އާއި 4 މިލިގްރާމް އާއި ދޭތެރޭގެ މިންވަރެއް ހިމެނުމަށް ލަފާދެއެވެ. ކުދިންނަށް ދޭން ރަނގަޅު ވަރަކީ ދުވާލަކަށް 2.5 މިލިގްރާމް އަށްވުރެ ގިނަނުވާ ވަރަށެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ހާވަރޑް ޔުނިވަސިޓީގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް އުމުރުން 19 އަހަރުން މަތީގެ މީހުން ފްލޮރައިޑް ނެގުން އެދެވިގެންވާ މިންވަރަކީ ފިރިހެނުންނަށް 4 މިލިގްރާމް އަދި އަންހެނުންނަށް 3 މިލިގްރާމް އެވެ. މީގެ އިތުރުން މާބަނޑު މީހުންނާއި، ކިރުމައިންނަށް ވެސް އެދެވިގެންވަނީ ދުވާލަކަށް 3 މިލިގްރާމް ގެ ފްލޮރައިޑް ބޭނުންކުރުމެވެ (ހާވަރޑް.އެޑިޔު، 2022).    

ފްލޮރައިޑް ގިނަވުން

ބައެއް ހިސާބުތަކުގައި ލިބޭ ފެނުގައި ފްލޮރައިޑް ވަރަށް ގިނައެވެ. މިގޮތަށް ފްލޮރައިޑް ގިނަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ފްލޮރޯސިސްގެ މައްސަލަ އާއި ކުރިމަތި ވެއެވެ. ފްލޮރޯސިސް އަކީ ދަތުގެ އޮފުކަން ކެނޑި، ދަތްތައް ރީނދޫވެ، ކަޅުމުށިކުލައިގެ ތިކިތަކެއް ދަތުގައި ޖެހުމަށް ކިޔާނަމެކެވެ(ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަޙީދު، 2014). އާންމު ގޮތެއްގައި ފްލޮރޯސިސް ކުރިމަތިވަނީ އެތަނެއްގައި ބޯން ބޭނުންކުރާ ފެނުގައި ކޮންމެ ލިޓަރަކަށް 2މިލިގްރާމް އަށްވުރެ މަދުން ފްލޮރައިޑް ހިމަނާފައިވާނަމަ އެވެ (ހާވަރޑް.އެޑިޔު، 2022). މިކަން ހައްލުކުރުމަށް ދުވާލަކު 2 ފަހަރަށްވުރެ ގިނައިން ފްލޮރައިޑް ހިމެނޭ ބޭހުން ދަތް ނުއުގުޅުމާއި، ދަތްއުގުޅާއިރު އުފެދޭ ފްލޮރައިޑް އެކުލެވޭ ކުޅު ދިރުވުމުގެ ބަދަލުގައި ބޭރުކުރުން ފަދަ ކަންތައްތައް ކުރެވިދާނެއެވެ (ހާވަރޑް.އެޑިޔު، 2022). އާންމުކޮށް އުމުރުން 6 އަހަރު ދަށުގެ ކުދިންނަށް މިގޮތަށް އަމަލުކުރުން ބުއްދިވެރި އެވެ. އެއީ މިއުމުރުގެ ކުދިންނަށް ފްލޮރޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރުވާތީ އެވެ. ފްލޮރޯސިސް ކުރިމަތިވުމުގެ ހިރާސް އުމުރުން 8 އަހަރުވުމުން ދަށްވެގެންދެއެވެ. އެއީ މިއުމުރުގައި ދަތުގެ އެނަމެލް ފުރިހަމަވާތީ އެވެ (ހާރވަޑް.އެޑިޔު، 2022). 

މާގިނައިން ފްލޮރައިޑް އެތައް ދުވަހަކު ކައިފިނަމަ، ކަށިތަކުގައި ފްލޮރައިޑް ގިނަވެ، ތައިރޮއިޑް ހޯރމޯންތައް ގިނަވާގޮތް ވެއެވެ (ސާލިހު އަދި ވަހީދު، 2014). ފްލޮރައިޑް އަށް ވިހަވާވަރުވަނީ ދުވާލަކު ކެއުމަށް ލަފާދޭ ވަރުގެ 2500 ގުނަ އިތުރުވެގެންނެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ފްލޮރައިޑްއަށް ވިހަވުމަކީ ވަރަށް ނާދިރު ކަމެކެވެ. ގިނަ ފަހަރު މިހެން ދިމާވަނީ ތަބީއީ ގޮތުން ފެނުގައި ހުރުން ނޫނީ ފެނަށް ފްލޮރައިޑް އަޅާފައިވާ މިންވަރު މަތިވެގެންނެވެ. ނޫނީ ނޭނގި ނަމަވެސް ފްލޮރައިޑް ސަޕްލިމެންޓް މާގިނައިން ބޭނުންކުރެވުމުންނެވެ (ހާވަރޑް. އެޑިޔު، 2022).

ފްލޮރައިޑް އަށް ވިހަވުމުން ފެނިދާނެ އަލާމާތްތައް

·         މޭނުބައިކުރުން

·         ހޮޑުލެވުން

·         ބޭރަށްހިންގުން

·         ބަނޑުގައި ރިހުން

·         ހުޅުތަކުގައި ރިހުން

·         ކަށިތައް ހަލާކުވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/fluoride/

 

އަޔަޑިން

އަޔަޑިން

އަޔަޑިން(iodine)  އަކީ އިންސާނުންނަށް ވަރަށް މުހިއްމު ޒާރީ ވައްތި އެކެވެ. އަޔަޑިން އަކީ ކަޅުނޫކުލައިގެ މައުދަނެކެވެ. މިމައުދަނަށް މިނަން ދެވުނީ އެންދުމުން ނުކުންނަ ދުމުގައި ދަނބުކުލަ ހުންނާތީ، ޔޫނާނީ ބަހުން ދަނބުކުލައަށް ކިޔާ ނަން ދިނީމައެވެ. މިއީ ފަސޭހައިން ފެނަށްގިރޭ މައުދަނެކެވެ. އަދި ދުޅަހެޔޮކަންމަތީ ހަށިގަނޑު ބަހައްޓަން ކާނާގައި ހިމަނަންޖެހޭ 21 މައުދަންގެ ތެރެއިން ވަރަށް މުހިއްމު ޒާރީ އުންސުރެކެވެ (ސާލިހު އަދި ވަހީދު، 2014).

އަޔަޑިން އަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު މައުދަންތަކުގެ ތެރެއިން ފުރަތަމަ އެނގުނު އެއް މައުދަނެވެ. އަދި މިހާތަނަށް ޖެހެންދެން ވެސް ކުރެވުނު ދިރާސާތަކުން ދައްކަނީ މިއީ އިންސާނުންނަށް ވަރަށް މުހިއްމު ޒާރީ އުންސުރެއް ކަމެވެ (ސާލިހު އަދި ވަހީދު، 2014).


ގޮއިޓަރ ނުވަތަ ކަރުގޮނޑި(goiter) އަކީ އަންޒަމާނުއްސުރެ މީހުންނަށް ޖެހޭ ބައްޔެކެވެ. މިއީ ޖަޕާން ފިޔަވައި ދުނިޔޭގެ ގިނަ ގައުމު ތަކުގެ ކޮންމެވެސް ހިސާބެއްގައި އުޅުނު ބައްޔެކެވެ. މިބައްޔަށް މޫދު ހުއި އަންދައިގެން އޭގެ އަޅި ބޭސްކޮށް ހެދިއެވެ. ފަހުގެ ހޯދުންތަކުން އެނގުނީ ޖަޕާންގައި މިބަލި ނުޖެހެނީ އެމީހުން ކެއުމުގައި މޫދުހުއި ބޭނުންކުރާވަރު ގިނަ ކަމުންނެވެ (ސާލިހު އަދި ވަހީދު، 2014).  

އަޔަޑިން އަލަށް ފެނުނީ 1811 ވަނަ އަހަރު ޑރ ބީ ކޯޓޮއިސްއަށް އިއްތިފާގުން މޫދު ހުއިގެ އަޅިންނެވެ. އެކަމަކު މިމާއްދާ އެހެން މާއްދާތަކާ ވަކިކުރެވުނީ 1819 ވަނަ އަހަރު ފައިޕް ކިޔާ ޑޮކްޓަރަކަށެވެ. އެކަމަކު އަޔަޑިން އަކީ ކަރުގޮނޑިއަށް ފަރުވާއެއްކަމަށް ސާބިތު ކުރެވުނީ މީގެ ސަތޭކައެއްހާ އަހަރު ފަހުން އެމެރިކާގެ ސުކޫލްކުދިންގެ މެދުގައި މޭރައިން އާޢި ކިމްބޯ ކުރި ދިރާސާ އަކުންނެވެ (ސާލިހު އަދި ވަހީދު، 2014).

ކަރުގޮނޑި އުފެދުނު ނުދިނުމަށް މިއީ އަބަދުހެން ކާނާގައި ހިމަނަންޖެހޭ ބައެކެވެ. އެހެންކަމުން މިބައި ކާނާގައި މަދުވެދާނެކަމަށް ބަލައި ގައުމުތަކުގައި އެތަންތާގެ ސަރުކާރުތަކުން ކަންކަން ބޭނުންކުރާ ލޮނު އުފައްދާއިރު މިބައި އެއްކުރަން މަޖުބޫރު ކުރުވައެވެ. އަދި ސަރުކާރުތަކުން އަޔަޑިން ނާޅާ ލޮނު ބޭނުން ނުކުރުމަށް އަންގަމުން ގެންދެއެވެ (ސާލިހު އަދި ވަހީދު، 2014).  

މަޞްދަރު

އަޔަޑިން އަކީ ބިމުގެ މަތީ ފަށަލައިގައި އެކުލެވިގެންވާ ފަސޭހައިން ފެނަށްގިރޭ މާއްދާ އެކެވެ. އެހެން ކަމުން ފުރިހަމައަށް އަޔަޑިން ހުންނަ ބިމެއްގައި ހައްދާ ގަސްގަހާގެހިން ލިބޭ ކާބޯތަކެތީގައި ފުރިހަމައަށް އަޔަޑިން އެކުލެވިގެންވާނެއެވެ. އާންމުކޮށް ފަރުބަދަމަތީ ރަށްތަކުގެ ބިމުގައި އަޔަޑިން ހުންނަލެން މަދުވާނެއެވެ (ސާލިހު އަދި ވަހީދު، 2003). އަދި ފެންބޮޑުވެގެން ކަނޑަށް ފެންގަނޑު ދެމިގެންދާ ރަށްތަކުގައި ވެސް އަޔަޑިން މަދުވެއެވެ. އަދި އަޔަޑިންގެ ބައި މަދު ބިންތަކުގައި ހައްދާ ގަސްގަހާގެހިން ލިބޭ ކާބޯތަކެތީގައި އަޔަޑިން މަދުވާނެއެވެ. އެއީ އަޔަޑިން އަކީ ބިމުގެ މަތީ ފަށަލައިގައި ހުންނަ މައުދަނަކަށްވެފައި ފެނަށް ގިރޭލެން އަވަސްވެފައި، ފެންގަނޑާއެކު ކަނޑަށް ދެމިގެންދާތީ އެވެ. މޫދުގެ ލޮނުގަނޑުގައި އަޔަޑިން ގިނަވަނީ މިހެންވެގެންނެވެ (ސާލިހު އަދި ވަހީދު، 2014).

ކެއިން ބުއިމުގެ ތެރޭގައި ހިމެނޭ އެއްގަމު މަސް، ކަނޑުމަސް، އަދި ދޫނި ސޫފާސޫފީގެ މަހުގައި، އެކުލެވޭ އަޔަޑިންގެ މިންވަރު އެތަކެތި ކައިބޮއިއުޅޭ ތަކެތީގެ ގޮތުން ތަފާތު ވެއެވެ. މިސާލަކަށް ގެރިމަސް އަދި ގެރިކިރުގައި އެކުލެވޭ އަޔަޑިންގެ މިންވަރު މަދުވާނެއެވެ. އެއީ އޭތި ކައިއުޅޭ ފަތްޕިލާވެލީގައި އަޔަޑިން މަދުވީމައެވެ. އެކަމަކު ކަނޑުމަހުގެ ބާވަތްތަކުގައި (ޚާއްޞަކޮށް ފަޅުގައި އުޅޭ މަހުގައި) އަޔަޑިން ގިނަވާނެއެވެ. އެއީ ކަނޑުގެ ލޮނުގަނޑުގައި އަޔަޑިން ހުރުމާއި، އެފަދަ މަސްތައް ކައިއުޅޭ މޫދު ހުއިގައި އަޔަޑިން އެކުލެވޭ މިންވަރު ގިނަވީމައެވެ (ސާލިހު އަދި ވަހީދު 2003، ސާލިހު އަދި ވަހީދު، 2014). ބައެއް ދިރާސާ ވެރިން ވިދާޅުވާގޮތުގައި ތައިރޮއިޑް ގްލޭންޑް އަށް ތައިރޮއިޑް އުފެއްދެނީ ހަމައެކަނި އަނގައިން އެތެރެވާ އޯގަނިކް (ދިރޭ ނަސްލުތަކާ ގުޅިފައިވާ) އަޔަޑިން އިންނެވެ (ސާލިހު އަދި ވަހީދު، 2014).

އަޔަޑިން އާންމު ގޮތެއްގައި ހުންނަނީ ބިމާއި، ކަނޑުގައެވެ. އަޔަޑިން އާންމު ކޮށް ހުންނަނީ ޖަނަވާރުގެ ޕްރޮޓީން އާޢި، މޫދުހުއި، އަދި ފޯޓިފައިޑް ކިރު، ސީރިއަލް އަދި ޕާން ގައެވެ. އަޔަޑިން އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި ކަނޑުވިނައިގެ ބާވަތްތައް، ކަނޑުމަސް، ބޮލިމަސް، އިހި، ޑިނގާ، މިޔަރުމަސް، ކިރާޢި ކިރުގެ އުފެއްދުންތައް، ކުކުޅުބިސް، ގެރިމޭ، ގެރިމަސް، ކުކުޅުމަސް ފަދަ ބާވަތްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).  

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި އަޔަޑިން ހުންނަ މިންވަރު

100ގ ގައި

މައިކްރޯގްރާމް

100ގ ގައި

މައިކްރޯގްރާމް

ހިކި މޫދުހުއި

63500

ޔޯގަޓް(ދަހީ)

33.1

އަލުވިތޮއްޓާއެކު

7700

ކުކުޅުބިސް

12

އަވެލި

66.7

ދިޔާ ގެރިކިރު

24.8

ފަޅުމަސް

48

ބޮލިމަސް (ގޮޅާ/ރާކަނި/ހަންދާ

14

ހިމަގޮދަން

46.6

ކަނޑުމަސް

30

ހަށިގަނޑުގައި އަޔަޑިން

ބޮޑު މީހެއްގެ ހަށިގަނޑުގައި 50-20 މިލިގްރާމް އާއި ދޭތެރޭގެ މިންވަރަކަށް އަޔަޑިން ހުރެއެވެ. މީގެ ތެރެއިން 60 އިންސައްތަ އަށްވުރެ ގިނަބައި ހުންނަނީ ތައިރޮއިޑް ގްލޭންޑް ގެ ތެރޭގައެވެ. ބާކީ ބައި ހުންނަނީ ލޭގައި ހުންނަ ތައިރޮއިޑް ހޯރމޯން ގަޔާއި، ބިސްރަވަ، އަދި މަސްތަކުގައެވެ (ސާލިހު އަދި ވަހީދު، 2014).

އަޔަޑިންގެ ވަޒީފާ

އަޔަޑިން އަކީ ތައިރޮއިޑް ހޯރމޯން ކަމަށްވާ ތައިރޮކްސިން އުފެއްދުމަށް އެންމެ ބޮޑަށް ބޭނުންވާ އެއް މާއްދާ އެވެ. އިންސާނާގެ ސިކުނޑި އާއި ސިކުނޑިއާއި ގުޅިފައިވާ ނާރުތައް ފުރިހަމަވުމާއި، އޭގެ މަސައްކަތް އެންމެ ފުރިހަމައަށް ހިންގުމަށާއި، ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށާއި، ހަށިގަނޑަށް ހަކަތަ ބޭނުންވާ ވަރު ރަމަތަކުރުމަށާއި، ހަށިގަނޑުގެ ފިނިހޫނުމިން (ތާފަނާމިން) ހުންނަން ޖެހޭ މިންވަރު އޭގެ ރާޖީގައި ނުވަތަ މަތީ މިނާއި، ދަށުމިނާއި ދެމެދުގައި ހިފެހެއްޓުމަށް ތައިރޮއިޑް ހޯރމޯން ވަރަށް މުހިއްމު ދައުރެއް ކުޅެއެވެ. އަދި މީގެ އިތުރުން ކުޑަކުދިން ހެދިބޮޑުވަމުން އަންނަ ދުވަސްވަރު މިހޯރމޯން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ (ސާލިހު އަދި ވަހީދު، 2014).

ހަށިގަނޑަށް ބޭނުންވާ މިންވަރު

އަޔަޑިންގެ ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ކަމަށް ބަލަނީ އުމުރުން 19 އަހަރުން މަތީގެ ފިރިހެނުންނާއި އަންހެނުންނަށް 150 މައިކްރޯގްރާމް އެވެ (ސާލިހު އަދި ވަހީދު،  2003، ސާލިހު އަދި ވަހީދު، 2014). އަޔަޑިންގެ ކެލަމިން ކަމަށް ބެލެވެނީ އުމުރުން 8-1 އަހަރާއި ދެމެދުގެ ކުދިންނަށް ދުވާލަކަށް 90 މައިކްރޯގްރާމް، އަދި އުމުރުން 13-9 އަހަރާއި ދެމެދުގެ ކުދިންނަށް ދުވާލަކަށް 120 މައިކްރޯގްރާމް އެވެ (ސާލިހު އަދި ވަހީދު، 2014).

އަޔަޑިން އެކުލެވޭ ބޭސްތައް ބޭނުންކުރެވޭ ކަންތައްތަކުގެ ތެރޭގައި އަޔަޑިން މަދުވުމުން ދިމާވާ ކަންތައްތަކަށާއި، އަދި އުރަމަތީގައި ހިމެނޭ ފައިބްރޯސިސްޓް އަށް ދޭ ފަރުވާއެއްގެ ގޮތުގައި ހިމެނެއެވެ. ނަމަވެސް ބޭހެއްގެ ގޮތުގައި ޚާލިޞް އަޔަޑިން ކާންވާނީ އެކަމުގެ ޚާއްޞަ މާހިރެއްގެ ލަފާގެ މަތިންނެވެ. ހަށިގަނޑަށް އަޔަޑިން ތަހައްމަލުކުރެވޭ ގިނަމިނަކީ ނުވަތަ ރައްކާތެރި މަމިން އަކީ ދުވަހަކު 1100 މައިކްރޯގްރާމް އެވެ (ސާލިހު އަދި ވަހީދު، 2014).  

އަޔަޑިން މަދުވުން

ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އަޔަޑިން ހަށިގަނޑުގައި މަދުނަމަ ތައިރޮއިޑް ބޮޑުވުން ފަދަ މައްސަލަތައް ޖެހުން ވަރަށް ކައިރިވާނެއެވެ. މިބައި ހަށިގަނޑުގައި ހަމައަށް ބެހެއްޓުމަށްޓަކައި އެންމެ ރަގަޅު ގޮތަކީ އަޔަޑިން އެޅި ލޮނު ކާތަކެތި ކެއްކުމުގައި ބޭނުންކުރުމެވެ. ބޮޑެތި ވަމުން އަންނަ ކުދިންނަށް އަޔަޑިން މަދުވެއްޖެނަމަ ތޫނުފިލިކަން ވެސް ދަށްވެއެވެ. (ސާލިހު އަދި ވަހީދު، 2003).

ފެނިދާނެ އަލާމާތްތައް

·         ލޭފަނޑުވުން

·         ވަރުނެތުން

·         ކަންނެތްވުން

·         އެއްދާންކުރާހިތްނުވުން

·         ވިންދު ލަސްވުން

·         ލޭގެ ޕްރެޝަރު ދަށްވުން

·         މޮޓާވުން

މާބޮޑަށް އަޔަޑިން މަދުވެއްޖެނަމަ ލޭގައި ކޮލެސްޓްރޯލް ގިނަވުން އަދި ހިތުގެ ބަލިތަކަށް ހުށަހެޅޭގޮތް ވެއެވެ. މިބައި ހަށިގަނޑުގައި ހަމައަށް ބެހެއްޓުމަށްޓަކައި އެންމެ ރަގަޅު ގޮތަކީ އަޔަޑިން އެޅި ލޮނު ކާތަކެތި ކެއްކުމުގައި ބޭނުންކުރުމެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން އަޔަޑިން މަދުވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ބަނޑުހިކުން، ވާޅުވުން، ފިނިވުމުން އުދަނގޫވުން، ހަންގަޑު ކަހައި ހިރުވުން، އިސްތަށިތައް ހިކުން، އަދި ބަރުދަން ލުއިވުން ހިމެނެއެވެ (ހާވަރޑް. އެޑިޔު، 2022).

އަޔަޑިން މަދުވުމުގެ ހިރާސް އިތުރު ފަރާތްތަކުގެ ތެރޭގައި މާބަނޑު މީހުން، އަޔަޑިން އެޅި ލޮނު ބޭނުންނުކުރާ މީހުން، ހުސް ތަރުކާރީ ފަދަ ތަކެތި މައިގަނޑު ކެއުމުގައި ކައިއުޅޭ މީހުން އަދި ބިމުގައި އަޔަޑިން މަދު ހިސާބުތައް މިސާލަކަށް ފަރުބަދަ މަތީ ހިސާބުތަކުގައި ދިރިއުޅޭ މީހުން ފަދަ ފަރާތް ތައް ހިމެނެއެވެ (ހާވަރޑް. އެޑިޔު، 2022).

އަޔަޑިން ގިނަވުން

އަޔަޑިން ކެއުމުގައި ގިނަވެގެން ލިބިދާނެ ގެއްލުމެއް އެނގޭކަން ނެތެވެ. ނަމަވެސް މާގިނައިން ހަށިގަނޑަށް އަޔަޑިން އެތެރެވުމުން ވިހަވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބަނޑުގައި ރިހުން، މޭނުބައިކުރުން، ހޮޑުލެވުން، އަނގަ،ކަރު،ބަނޑުން ދިލަނެގުން އަދި ހޭނެތުން ފަދަ ކަންތައްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022). އަޔަޑިން އަށް ވިހަވުމުގެ ހިރާސް އޮންނަ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިން، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، އަދި ތައިރޮއިޑް ބަލި ހުންނަ މީހުން ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/iodine/