Wednesday, November 18, 2015

މާބަނޑުދުވަސްވަރު ކުރިމަތި ފަރާތުން ދިޔަބޭރުވުން



މާބަނޑު ދުވަސްވަރު - އަންހެނާގެ ކުރިމަތި ފަރާތުން ދިޔަ ބޭރުވުން
މާބަނޑު ދުވަސްވަރު އަންހެނާގެ ކުރިމަތިފަރާތުން ހަޑިއެއްޗެތި ނޫނީ ދިޔަ ބޭރުވާ މިންވަރު އިތުރުވުމަކީ އާންމު ކަމެކެވެ. މިއީ އާންމުކޮށް އެހާ ނުރައްކާތެރި ކަމެއް ނޫނެވެ. މާބަނޑުވުމުގެ ކުރިން ވެސް ކުރިމަތި ފަރާތުން ބޭރުވާ ދިޔަ، މާބަނޑުވުމުން ތަންކޮޅެއް ގިނައިން ބޭރުވާގޮތްވަނީ އެވެ. 

އާންމުކޮށް އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ހުދު ދިޔައަށް ކިޔަނީ ''ލިއުކޯރިއާ''(Leukorrhea)އެވެ.މިދިޔަތައް ހުންނަނީ ހުންނަނީ  ހުދުކޮށް ނުވަތަ ސާފުކޮށް ބޯކޮށް ކިރުހެންނެވެ. މިދިޔައަކީ އަންހެނާގެ ކުރިމަތި ފަރާތް ސާފުކޮށްދޭ ދިޔައެކެވެ. މިއީ އަންހެނާގެ ރަހިމުގެ ދޮރުން އަންނަ ދިޔަ އެކެވެ. މާބަނޑުވުމުން އަންހެނާގެ ކުރިމަތި ފަރާތުން ދިޔަ ބޭރުވުން އިތުރުވަނީ މާބަނޑުވުމާއި ގުޅިގެން ހަށިގަނޑުގައި ލޭދައުރުވުން (ކުރިމަތި ފަރާތް ހިމެނޭ ހިސާބުގެ ހަމާއި. މަސްތަކުގައި) އިތުރުވެގެންދާތީ އެވެ. 

ވިހަން ކައިރިވާ ވަރަކަށް މިގޮތަށް އަންނަ ދިޔައިގެ މިންވަރު އިތުރުވެދާނެ އެވެ. އަދި ވަރަށް ގިނަ އިން ވެސް ދިޔަ އަތުވެދާނެއެވެ. ވިހަން ކައިރިވާއިރު އަންނަ ދިޔައިގައި ލޮނދިކޮޅުތަކެއް ގޮތަށް، ރޮނގުތަކެއްގެ ސިފައިގައި ލޭކޮޅުކޮޅު ވެސް ހުރެދާނެ އެވެ. މިއީ ރަހިމުގެ ދޮރު ނިވާކޮށްދޭ ދަވަގަނޑު ނޫނީ ލޮދިގަނޑު(mucus plug)ން އަންނަ ދިޔައެވެ. 

މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ދިޔަ އައުން އިތުރުވާނަމަ ހަދާނީ ކިހިނެއް؟
މާބަނޑު ދުވަސްވަރު އަންހެނާގެ ކުރިމަތިފަރާތުން ހަޑިއެއްޗެތި ނޫނީ ދިޔަ ބޭރުވާ މިންވަރު އިތުރުވުމަކީ އާންމުކޮށް އެހާ ނުރައްކާތެރި ކަމެއް ނޫނެވެ. މާބަނޑުވުމުގެ ކުރިން ވެސް ކުރިމަތި ފަރާތުން ބޭރުވާ ދިޔަ، މާބަނޑުވުމުން ތަންކޮޅެއް ގިނައިން ބޭރުވާގޮތްވަނީ އެވެ. މިގޮތަށް  ކުރިމަތި ފަރާތުން ދިޔަ އައުން އިތުރުވުމުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-

·         ގިނަގިނައިން ޖަނގިޔާ ބަދަލުކުރުން : ބޮޑަށް އެދެވިގެންވަނީ މިގޮތަށް ދިޔަ ބޭރުވާ  ދުވަސްވަރު ކަފަބޭނުންކޮށްގެން ހަދާފައި ހުންނަ ޖަގިޔާފަދަ ތަކެތި ބޭނުންކުރުމެވެ.
·         ކުރިމަތި ފަރާތް ކޮންމެ ދުވަހަކު ވެސް ރަނގަޅަށް ސާފުކުރުން : އެގޮތަށް ދޮންނައިރު މާވަސްގަދަ ނޫން ސައިބޯންޏާއި، ފެން ބޭނުންކުރުން ރަނގަޅެވެ. ޓަބަށްއެރިގެން ވަސްދުވާ ފާޑުފާޑުގެ ސައިބޯނިތައް ބޭނުންކޮށްގެން ފެންވެރުން ރަނގަޅެއް ނޫނެވެ. ކުރިމަތި ސާފުކުރުމަށް ހޮޅިއެއް ފަދަ އެއްޗަކުން ފެންޖަހައިގެން ދޮވުން ވެސް ރަނގަޅެއް ނޫނެވެ.
މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން އަންނަ ދިޔައަކީ ނުރައްކަލުގެ ނިޝާނަކަށް ވެދާނެތަ؟
މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން އަންނަ ދިޔައިގެ ސިފަޔަށް ބަދަލު އައިސްފިނަމަ، ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. އެގޮތުން އަންނަނިވި ކަންތައްތައް ފާހަގަވާނަމަ ޑޮކްޓަރަށް ދެއްކުމަކީ ބޭނުންތެރި ކަމެކެވެ.
·         ކުރިމަތި ފަރާތުން އަންނަ ދިޔައިން ނުބައި (މަސް ވަސް ކަހަލަ) ވަސް ދުވުން
·         ކުރިމަތި ފަރާތުން އަންނަ ދިޔަ އަޅިކުލައިގައި ހުރުން
·         ކުރިމަތި ފަރާތުން އަންނަ ދިޔައި ކުޅުހެން (ބޮކިއަރާފައި) ހުރުން އަދި ފެހި، ނޫނީ ރީނދޫ ކުލައިގައި ހުރުން
·         ކުރިމަތި ފަރާތުން އަންނަ ދިޔަ ތަތްކޮށް، ޗީޒުގަނޑެއްހުރުން
·         ޖިންސީގުޅުން ހިންގާއިރު ތަދުވުން
·         ކުރިމަތިފަރާތުގައި ހިރުވައި ކެހުން
·         ކުރިމަތި ފަރާތް ފާރުވުން
އަލާމާތްތަކަށް ރިއާޔަތްކޮށް ބަލާއިރު ފަހަރުގައި ކުރިމަތި ފަރާތުގައި އިންފެކްޝަން އަށަގަނެފައި ހުރުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން ކުރިމަތިވެދާނެ އިންފެކްޝަން ތަކުގެ ތެރޭގައި ބެކްޓީރިއަލް ވެޖައިނޯސިސް، ޓްރައިކޮމޮނައިއެސިސް، ކެންޑިޑައިއެސިސް، ފަދަ އިންފެކްޝަންތައް ހިމެނެއެވެ. މިފަދަ އިންފެކްޝަނެއް ހުރިނަމަ، ލަސްނުކޮށް ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ. އެއީ މިފަދަ އިންފެކްޝަން ތަކުގެ ސަބަބުން ދުވަސްނުފުރާ ވިހެއުން އަދި ބައިގެންދިއުން ފަދަ ކަންކަން ކުރިމަތިވެދާނެތީ އެވެ. 

މާބަނޑު ދުވަސްވަރު ކުރިމަތިފަރާތުގައި އުފެދޭ އިންފެކްޝަންތަކުން ރައްކާތެރިވާނީ ކިހިނެއް؟
ކުރިމަތި ފަރާތުގައި އުފެދޭ އިންފެކްޝަން ތަކުން އެއްކޮށް ރައްކާތެރިވެވޭނެ ގޮތެއް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް މިފަދަ އިންފެކްޝަންތަކުން ރައްކާތެރިވެ ހުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·         ކުރިމަތި ފަރާތް ދޮވެ ސާފުކުރުމަށް ހުންނަ "ޑިއޯޑްރަންޓް" ފަދަ އުފެއްދުންތައް ބޭނުންނުކުރުން
·         ޖަނގިޔާ ފަދަ ތަކެތި ރަނގަޅަށް އޯމޯގެ އަސަރު ފިލަންދެން ދޮވުން
·         މާގަދަޔަށް ވަސް ހުންނަ ސައިބޯނި ފަދަ ތަކެތި ބޭނުންކޮށްގެން ކުރިމަތި ފަރާތް ސާފުނުކުރުން
·         ކުރިމަތި ފަރާތުގައި އަތްލުމުގެ ކުރިންނާއި، އަތްލުމުގެ ފަހުން ދެއަތްތިލަ ސައިބޯނިލައިގެން ރަނގަޅަށް ދޮވުން
·         ކުރިމަތި ފަރާތް ރަނގަޅަށް ތެތްވުމުން ނޫނީ ޖިމާޢުނުވުން
·         ގަޔަށް ދޫކޮށް ހުންނަ ކަފައިން ތައްޔާރުކޮށް ހުންނަ ޖަނގިޔާ ފަދަ އަންނައުނުލުން
·         ބޮޑުކަމު ދިއުމަށްފަހު ކުރިމަތިން ފަހަތަށް ވާގޮތަށް ސާފުކުރުން
·         ދުންފަތުގެ އިސްތިއުމާލުކުރާނަމަ، އެކަން ހުއްޓާލުން
·         ތުނި ޕެޑެއް ބޭނުންކުރުން
·         ކުރިމަތި ފަރާތުގައި ހިރުވައި، ފާރުވެ، އައިސްފައި ހުންނަ އެއްޗެހީގައި ކުލަ، ނޫނީ ވަހެއް ހުންނަނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން
މައުލޫމާތު :
·         ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}


No comments:

Post a Comment