Monday, March 26, 2012

ޓޮކްސޯޕްލާޒްމޯސިސް


ޓޮކްސޯޕްލާޒްމޯސިސް
ޓޮކްސޯޕްލާޒްމޯސިސް(Toxoplasmosis) އަކީ ބުޅާ ފަދަ ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ޖަރާސީމަކުން (ޕެރަސައިޓް) ޖެހޭ ބައްޔެކެވެ. ދިފާޢީ ނިޒާމް ރަގަޅަށް ހުންނަ މީހުންގެ ހަށިގަނޑަށް މިޖަރާސީމް ވާޞިލްވި ނަމަވެސް އޭގެ އަލާމާތްތައް ނުފެނިހުރެއެވެ. ނަމަވެސް ދިފާޢީ ނިޒާމް ބަލިކަށިވެއްޖެނަމަ ބަލީގެ އަލާމާތްތައް ފެނި، އުދަނގޫތައް ފެންނަން ފަށައެވެ. މިބަލީގެ ނުރައްކާބޮޑީ މިބަލީގެ ސަބަބުން ލޮލަށް ގެއްލުންވުމާއި، މާބަނޑު މީހުންނާއި އަދި ބަނޑުގައިވާ ދަރިފުޅަށް ބަލީގެ އަސަރުކުރުން ގާތްކަމުންނެވެ.

ބަލިޖެހެނީ ކިހިނެއް؟ (ސަބަބު އަދި ފެތުރޭގޮތް)
ޓޮކްސޯޕްލާޒްމޯސިސް ޖެހެނީ ޕެރަސައިޓްގެ ވައްތަރެއް ކަމުގައިވާ "ޓޮކްސޯޕްލާޒްމާ ގޮންޑި"(Toxoplasma gondi) ގެ ސަބަބުންނެވެ. ޓޮކްސޯޕްލާޒްމޯސިސް ޖެހެނީ ބަލި ޖައްސާ ޖަރާސީމް ނުވަތަ ފަނީގެ ބިސް ހަށިގަނޑަށް ވަނުމުންނެވެ. މިއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމަކަށްވާތީ، މިޖަރާސީމް ބުޅަލުގެ ނަޖިހުގެ ޒަރީޢާއިން އިންސާނުންނަށާއި، އެހެނިހެން ޖަނަވާރުންނަށް ވާޞިލްވާގޮތް މެދުވެރިވެއެވެ.
މައިގަނޑު ގޮތެއްގައި ބަލިޖެހެނީ:-
(1)   – އަނގައިގެ ޒަރިއްޔާއިން
ü      ބުޅަލުގައި އަތްލައި ހެދުމުގެ ތެރޭގައި ބުޅަލުގައި ނަޖިހާއި އަތް ތަޣައްޔަރުވެ، އެއަތްނުދޮވެ އަނގަޔަށްލުމުން ބަލީގެ ފަނީގެ ބިސް ހަށިގަނޑަށް ވާޞިލްވުން
ü      ބަލިޖައްސާ ފަނީގެ ބިސް ފެނާއެކު ބޮވުން ނުވަތަ ކާތަކެއްޗާއެކު ކެއުން
ü      ބަލިޖައްސާ ފަނީގެ ބިސް ހުރި މަސް ރޯކޮށް، ނުވަތަ ރަގަޅަށް ނުކައްކައި ހުއްޓައި ކެއުން

ބުޅަލަށް މިބަލިޖެހިފައިވާ ދުވަސްވަރު ދުވާލެއްގެ މައްޗަށް 100 މިލިޔަނަށްވުރެ ގިނަ ޕެރަސައިޓް ގެ ފަންޏާއި، ބިސް، އޭގެ ބޮޑުކަމު ނަޖިހާއެކު ބޭރުކުރެއެވެ. އެގޮތުން ބޭރުކުރާ "ސްޕޮރޮޒޮއިޓް"(Sporozoite) އެކުލެވޭ ބިހަކީ ވެލީގެ ތެރޭގައި އެތައް އަހަރުތަކެއް ވަންދެން ދިރިހުރުމުގެ ގާބިލިއްޔަތު ލިބިފައިވާ އެއްޗެކެވެ. މީގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް "ބްރެޑިޒޮއިޓް"(Bradyzoite) އެކުލެވޭ ބިހެއް ކެވުމަކީ ވެސް ބަލިޖެހޭނެ ކަމެކެވެ. މިފަދަ އެންމެ ބިހަކުން ވެސް ބަލިޖެހިދާނެ އެވެ. ރަގަޅަށް ފްރިޖްނުކުރެވޭ މަސް، އަދި ރަގަޅަށް ރޯނުފިލައި ހުންނަ މަހުގައި ވަރަށް ގިނަ ފަހަރު މިޕެރަސައިޓްތައް ހުންނަ ގޮތް ވެއެވެ. އެގޮތުން މިފަދަ މަސް ބޭނުންކުރުމަކީ ވަރަށް ފަސޭހައިން އެމީހަކަށް ބަލިޖެހޭނެ ކަމެކެވެ.

(2)   – ލޭ، އަދި ގުނަވަން ބަދަލުކުރުމުގެ ޒަރިއްޔާއިން
ü      ބަލީގެ ޕެރަސައިޓް އާއި ތަޣައްޔަރުވެފައި ހުރި ލޭއެޅުމަކީ ވެސް ބަލިޖެހޭނެ ކަމެކެވެ.
ü      އަދި ގުނަވަނެއް ބަދަލުކުރުމުގެ ތެރޭގައި އެގުނަވަނުގައި ބަލީގެ ޖަރާސީމު ހުއްޓައި އަނެކާގެ ހަށިގަނޑަށް ލެއްވުމަކީ ވެސް ބަލިޖެހޭނެ ކަމެކެވެ.
ü      ގުރުދާ އާއި ހިތް ބަދަލުކޮށްފައިވާ މީހުންގެ ފުށުން އެގުނަވަންތައް ބަދަލުކުރުމާއިގެން އޭގެ ފަހުން ޓޮކްސޯޕްލާޒްމޯސިސްގެ އަސަރު ފެނިފައިވާކަން ދިރާސާތަކުން ދައްކައެވެ.

(3)   – މައިމީހާގެ ފުށުން ބަނޑުގައިވާ ތުއްތު ދަރިފުޅަށް
ü      މާބަނޑު ދުވަސްވަރު ބަލިޖެހޭ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންގެ ފުށުން ބަނޑުގައިވާ ދަރިފުޅަށް ބަލީގެ އަސަރު ކުރުވައެވެ.
ü      ތުއްތު ދަރިފުޅަށް ބަލީގެ އަސަރުކުރުން ބަރޯސާވަނީ ބަލިޖެހުނު އިރު ބަނޑަށްވީ ދުވަހަކަށެވެ. ނުވަތަ ބަނޑުގައިވާ ތުއްތު ދަރިފުޅަށްވީ ދުވަހަކަށެވެ.
ü      ބަލިވެއިނުމުގެ 6 މަސްކުރިން މައިމީހާއަށް ބަލިޖެހުނަސް ތުއްތު ދަރިފުޅަށް އޭގެ އަސަރެއް ނުކުރާނެއެވެ.
ü      ބަލިޖެހުނުތާ 6 މަހަށްވުރެ ކުރުމުއްދަތެއްގެ ތެރޭގައި ބަލިވެ އިނދެއްޖެނަމަ ތުއްތު ދަރިފުޅަށް ބަލީގެ އަސަރުކުރުމުގެ ފުރުޞަތު ބޮޑެވެ.
ü      މާބަނޑުވާތާ ފުރަތަމަ 3 މަހުގެ ތެރޭގައި މައިމީހާއަށް ބަލިޖެހިއްޖެނަމަ، ތުއްތު ދަރިފުޅަށް ބަލިޖެހުމުގެ ފުރުޞަތު ކުޑައެވެ. ނަމަވެސް ކުޑަދަރިފުޅަށް ބަލީގެ އަސަރުކޮށްފިނަމަ، އޭގެ ނުރައްކާ ވަރަށް ބޮޑުވާނެ އެވެ.
ü      މާބަނޑުވާތާ ފަހު 3 މަހުގެ ތެރޭގައި މައިމީހާއަށް ބަލިޖެހިއްޖެނަމަ، ތުއްތު ދަރިފުޅަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ. ނަމަވެސް ކުޑަދަރިފުޅު އުފަންވާއިރު ބަލިޖެހިފައިހުރެ އޭގެ އަލާމާތްތައް ފެންނަން ނުހުރެދާނެ އެވެ.
ü      އުފަންވާއިރު ބަލިޖެހި، އަލާމާތްތައް ނުފެންނަ ކުދިންނަށް އުގެނުމުގެ ނުކުޅެދުންތެރިކަމާއި، ނާރުތަކުގެ މައްސަލަތައް ދިމާވުމުގެ ފުރުޞަތު ބޮޑެވެ.
ü      ޓޮކްސޯޕްލާޒްމޯސިސް ޖެހޭ މާބަނޑު މީހުންގެ ތެރެއިން އަލާމާތްތައް ފެންނަނީ އެންމެ 20 އިންސައްތަ މީހުންގެ ފުށުންނެވެ.

ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަދެދާނެ ސަބަބުތަކުގެ ތެރޭގައި:-
·         ބުޅާ އުޅޭ ފުރާޅުތަކުން ފެންނަގައިގެން އެފެން ބޮވިގެން
·         ތަރުކާރީ އާއި މޭވޭ އަދި، ފަތްޕިލާވެލި ކާންބޭނުންކުރުމުގައި ރަގަޅަށް ނުދޮވެހުރުން (ނުދޮވެ ބޭނުންކުރުން) : ގަސްކާނާގެ ގޮތުގައި ބޭނުންކުރާ ގެރިގުއިގެ ތެރޭގައި ޖަރާސީމްހުރެ، އެތަކެތި ފަތްޕިލާވެލީގައި ހޭކިފައި ހުރެދާނެތީ އެވެ.
·         އެއްގަމު ޖަނަވާރުގެ މަސްކެއުމުގައި އެމަހުގައި ޓޮކްސޯޕްލާޒްމޯސިސް ފަނީގެ ބިސްހުރިނަމަ އެމަސް ކެވިގެން : މިފަދަ މަސްކާނަމަ ރަގަޅަށް ކައްކައިގެން ކާށެވެ.
·         މާބަނޑުމީހުންގެ ފުށުން ބަނޑުގައިވާ ދަރިފުޅަށް
·         ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ގުނަވަނެއް ލެއްވުން

ބަލީގެ ޢަލާމާތްތައް : ކުރުކުރުކޮށް
·         ހުން ވައްތަރުވެފައި ހުންނަ ކަހަލަ އިހްސާސެއްވުން
·         ގައިގައި ރިހުން، ބޮލުގައި ރިހުން، ކަރުގައި ރިހުން، ކަރުގައި ގޮށްލުން
·         ލޯރަތްވުން
·         ލޮލުގެ ފެނުން ފުސްވެފައި ހުރުން
·         ކުނޑިކޮޅުތަކެއް ލޮލުގެ ކުރިމަތިން ފެންނަހެން ހީވުން

އާންމު ގޮތެއްގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި ދިފާޢީ ބާރު ރަގަޅު މީހަކަށް ޓޮކްސޯޕްލާޒްމޯސިސް ޖެހުނު ނަމަވެސް އޭގެ އަލާމާތްތަކެއް ނުފެންނާނެ އެވެ. އަދި އޭގެ ޒާތުގައި ބަލި ރަގަޅުވެދާނެ އެވެ. ބަލިޖެހޭ ބޮޑެތިމީހުންނާއި ކުދިންގެ ތެރެއިން 90-80 އިންސައްތަ މީހުންނަށް މިކަން ފާހަގަނުވެ ހިގައިދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. މިސަބަބާހުރެ މާބަނޑު ދުވަސްވަރު ވެސް މައިމީހާއަށް ބަލިޖެހުނު ނަމަވެސް އޭގެ އުދަނގޫތައް ނުފެންނާތީ، އެކަން ދެނެނުގަނެވުމަކީ ވެދާނެ ގޮތެކެވެ.

އުފަންވާއިރު ޓޮކްސޯޕްލާޒްމޯސިސް މައިމީހާގެ ފުށުންޖެހޭ ތުއްތުކުދިންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ސިކުނޑިތެރޭގައި ފެންޖަމާވެ، ބޯބޮޑުވުން، ބޯމާކުޑަވުން، ސިކުނޑީގައި އުނިކަމެއްހުރުން، އަދި ލޮލުގެ އަލިދުލި ދުޅަވުން ފަދަ ކަންތައްތައް ހިމެނެއެވެ. ބަނޑުގައިވާ ތުއްތު ދަރިފުޅަށް ބަލީގެ އަސަރު މާބޮޑަށް ކޮށްފިނަމަ، ގުނަވަންތަކުގެ މަސައްކަތްހުއްޓި، ތުއްތު ދަރިފުޅު ބަނޑުގެ ތެރޭގައި މަރުވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ހަށިގަނޑުގެ ދިފާޢީ ބާރު ރަގަޅު މީހުންގެ ފުށުން ފެނިދާނެ އަލާމާތްތައް
ޓޮކްސޯޕްލާޒްމޯސިސް ޖެހުމުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހެއްގެ ފުށުން އެންމެ އާންމުކޮށް ފެނިދާނެ އެއް އަލާމާތަކީ ކަރުގައި ގޮށްލުމެވެ. މިއީ ކަރުގައި ހުންނަ ލިމްފް ގޮށްތައް ދުޅަވުމުން ދިމާވާ ކަމެކެވެ. ބައެއް ފަހަރު އެންމެ ގޮށެއް ދުޅަވެ ގޮށްލައިފާނެ އެވެ. އަނެއް ބައިފަހަރު ބައިވަރު ގޮށްތައް ދުޅަވެ ގޮށްލައިފާނެ އެވެ. އާންމުކޮށް މިގޮށްތަކުގައި އަތްލައި ބީހުމުން ތަދު އިހްސާސެއް ނުކުރެވޭނެ އެވެ. އަދި ގޮށްތަކުގައި ހުންނަ ހަރުކަން އެއްގޮށް އަނެއްގޮށާއި ތަފާތު ވެދާނެ އެވެ. މީގެ އިތުރުން ބޮލުގެ ފަހަތާއި، ކޮނޑުމައްޗާއި، ފައިވަޅުގައި ވެސް ގޮށްލުމަކީ ވެދާނެ ކަމެކެވެ. ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން 30-20 އިންސައްތަ މީހުންނަށް މުޅި ހަށިގަނޑުގައިވާ ލިމްފް ގޮށްތައް ދުޅަވެ ގޮށްލުމުގެ މައްސަލަ މެދުވެރި ވެއެވެ.
ޓޮކްސޯޕްލާޒްމޯސިސް އާއި ގުޅިގެން ހަށިގަނޑުގައި ގޮށްލުމުގެ މައްސަލަ ދިމާވާ މީހުންގެ ތެރެއިން 40-20 އިންސައްތަ މީހުންނަށް ގޮށްލުމާއެކު، ހުންއައުން، ބޮލުގައި ރިހުން، ނުތަނަވަސްވުން، އަދި ވަރުބަލިވުން ކުރިމަތިވެއެވެ. މަދުބަޔަކަށް މަސްތަކުގައި ރިހުން، ކަރުތެރެ ހަލާކުވުން، ބަނޑުގައިރިހުން، ގައިން ބިހިނެގުން، ސިކުނޑިއާއި އޭގެ ވަށައިގެންވާ  ދުލިފަށްދުޅަވުން، އަދި ވާނުވާ ނޭގުން ފަދަ ކަންތައްތައް ކުރިމަތި ވެއެވެ. ބައްޔާއި ގުޅިގެން މަދުން ނަމަވެސް ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި، ނިއުމޯނިޔާ، ހިތުގެ ވަށައިގެންވާ ދުލިފަށަލަ، އަދި މަސްފަށަލަ ދުޅަވުން، މަސްތައް ދުޅަވުން، އަދި ސިކުނޑި ދުޅަވުން ފަދަ ކަންތައްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ބައްޔާއި ގުޅިގެން ފެންނަ އަލާމާތްތައް ހައެއްކަ ހަފްތާގެ ތެރޭގައި ރަގަޅުވެދެއެވެ. އަދި ގޮށްލުމުގެ މައްސަލަ ދެތިން މަހަށް ދިގުދެމި ހިގައިދާނެ އެވެ.

ހަށިގަނޑުގެ ދިފާޢީ ބާރު ދެރަވެފައިވާ މީހުންގެ ފުށުން ފެނިދާނެ އަލާމާތްތައް
އޭޑްސް ބަލިޖެހިފައިވާ މީހުންނާއި، ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވާ ފަދަ ފަރުވާ ނަގަމުންދާ މީހުންނަށް ޓޮކްސޯޕްލާޒްމޯސިސް ޖެހުމުގެ ފުރުޞަތު ބޮޑެވެ. މިފަދަ މީހުންނަށް ކުރީކޮޅު ފަރުވާ ނުކޮށްފިނަމަ، ފުރާނައަށް ގެއްލުންވުމަކީ ވެސް ވެދާނެ ގޮތެކެވެ. ޓޮކްސޯޕްލާޒްމޯސިސް އަކީ އޭޑްސް ބަލިޖެހިފައިވާ މީހުންނަށް ކުރިމަތިވާ އެންމެ އާންމު "އޮޕޮޗުނިސްޓިކް އިންފެކްޝަން"(Opportunistic infection) އެވެ. މިފަދަ މީހުންނަށް ޓޮކްސޯޕްލާޒްމޯސިސް ޖެހިއްޖެނަމަ، ސިކުނޑިއަށް އަސަރުކޮށް ސިކުނޑި ދުޅަވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އަދި މިފަދަ މީހުންނަށް ދިމާވާ ޓޮކްސޯޕްލާޒްމޯސިސް އާއި ގުޅިގެން ކުރިމަތިވާ އުދަނގޫތައް ގުޅިފައި ހުންނަނީ ނާރުތަކުގެ ނިޒާމާއެވެ. މިފަދަ މީހުންނަށް ޓޮކްސޯޕްލާޒްމޯސިސް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ވިސްނުމުގެ (ސިކުނޑީގެ) ޙާލަތަށް ބަދަލުއައުން، ވާގިއެރުން ނުވަތަ ފިޓްޖެހުން، ހުންއައުން، ބޮލުގައި ރިހުން، ވާހަކަ ނުދެއްކުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ހަރަކާތްކުރަން އުދަނގޫވުން، ބައެއް ނާރުތަކަށް އަސަރުކޮށް އޭގެ އުދަނގޫތައް ކުރިމަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޓޮކްސޯޕްލާޒްމޯސިސް ގެ އަސަރު ނޭވާލާ ނިޒާމަށް ކުރުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި، ހުންއައުން، ނޭވާކުރުވުން، ކެއްސުން، ކެއްސާއިރު ލޭއައުން، އަދި ނޭވާލުން ފޭލްވެ، ނޭވާހުއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބަލީގެ ނުރައްކާ
ü      މާބަނޑު ދުވަސްވަރު ބަލިޖެހުމުން ބަނޑުގައިވާ ދަރިފުޅަށް އަސަރުކުރުން
ü     ބަލިޖެހޭތާ ކުރީކޮޅު ފަރުވާނުކުރެވިއްޖެނަމަ ލޮލަށް އަސަރުކުރުން
ü     ނިއުމޯނިޔާ
ü     ސިކުނޑި ދުޅަވުން
ü     ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން
ü     ހިތުގެ މަސައްކަތަށް ބުރޫއެރުން
ü     ފުއްޕާމޭގެ މަސައްކަތަށް ބުރޫއެރުން

އުފަންވާއިރު ޓޮކްސޯޕްލާޒްމޯސިސް ޖެހިފައިހުރުން  / މާބަނޑު މީހުންނަށް މިބަލިޖެހުން
އުފަންވާއިރު ޓޮކްސޯޕްލާޒްމޯސިސް(Congenital toxoplasmosis) ޖެހުމަކީ މާބަނޑު ދުވަސްވަރު މައިމީހާއަށް ޖެހުނު ބަލި، ބަނޑުގައިވާ ތުއްތު ދަރިފުޅަށް ވާޞިލްވުމެވެ. މާބަނޑު ދުވަސްވަރު މައިމީހާއަށް ޓޮކްސޯޕްލާޒްމޯސިސް ޖެހުމުން މަހަށް އޭގެ އަސަރު ކުރެއެވެ. އަދި މަހުގެ ޒަރިއްޔާއިން ލޭގެ ތެރެއިން ބަނޑުގައިވާ ތުއްތު ދަރިފުޅަށް ބަލި ވާޞިލް ކުރުވައެވެ.

ބަލިވެއިންނަތާ ކުރީކޮޅު މައިމީހާއަށް ބަލިޖެހުމަކީ ދަރިފުޅަށް އޭގެ ނުރަގަޅު އަސަރު ކުރުމުގެ ފުރުޞަތު ބޮޑުކަމެކެވެ. އަދި ބަލިވެ އިންނަތާ ފަހުކޮޅު މައިމީހާއަށް ބަލިޖެހުމަކީ ދަރިފުޅަށް އޭގެ ނުރަގަޅު އަސަރު ކުރުމުގެ ފުރުޞަތު ކުޑަކަމެކެވެ. ބައެއް ފަހަރު ބަލިޖެހިފައި ހުއްޓަސް އުފަންވާއިރު އޭގެ އަލާމާތްތައް ނުފެނިހުރެދާނެ އެވެ. ނަމަވެސް މިގޮތަށް ހުންނަ ޕެރަސައިޓްތައް ތުއްތު ދަރިފުޅުގެ ހަށިގަނޑުގައިހުރެ، އޭގެ ޒަމާންތަކެއް ފަހުން ވެސް އެދަރިފުޅަށް ނުރަގަޅު އަސަރުތަކެއް ފޯރުވުމަކީ ވެދާނެ ކަމެކެވެ. ކުރިން ޓޮކްސޯޕްލާޒްމޯސިސް ޖެހިފައި ހުރި މީހަކު ބަލިވެ އިންނަމަވެސް ބަނޑުގައިވާ ދަރިފުޅަށް ބަލި ވާޞިލްވުމުގެ ފުރުޞަތު ކުޑައެވެ.

އުފަންވާއިރު ތުއްތު ދަރިފުޅަށް ޖެހޭ ޓޮކްސޯޕްލާޒްމޯސިސް ގެ ނުކުޅެދުންތެރިކަން އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި:-
Ø      ބަލިދެނެގަތުން ލަސްވުން
Ø      ފަރުވާ ފެށުން ލަސްވުން
Ø      ތުއްތު ދަރިފުޅު އުފަންވާއިރު އޮކްސިޖަންމަދުވެ، ހަކުރުދަށްވެފައި ހުރުން
Ø      ތުއްތު ދަރިފުޅުގެ ލޮލަށް އަސަރުކުރުން
Ø      ތުއްތު ދަރިފުޅު ބޯބޮޑުވެ، އެކަން ރަގަޅުނުކުރެވުން
Ø      ތުއްތު ދަރިފުޅުގެ ސިކުނޑިތެރޭގެ ޕްރެޝަރު މަތިވުން

އުފަންވާއިރު ޓޮކްސޯޕްލާޒްމޯސިސް ޖެހޭ ކުދިންނަށް ރަގަޅަށް ފަރުވާ ކުރެވިއްޖެނަމަ، 70 އިންސައްތަ ކުދިން ރަގަޅުވެގެން ދެއެވެ. އަދި އެފަދަ ކުދިންނަށް ބޮޑުވުމުގައި އެއްވެސް މައްސަލައެއް ދިމާއެއް ނުވެއެވެ. އަދި އެއްވެސް ކަހަލަ ނުކުޅެދުންތެރިކަމެއް ކުރިމައްޗެއް ނުވެއެވެ.

މާބަނޑު ދުވަސްވަރު މައިމީހާއަށް ޓޮކްސޯޕްލާޒްމޯސިސް ޖެހުން : ބަލިވެ އިންނަތާ ކުރީކޮޅު މިބަލީގެ ޖަރާސީމް ހަށިގަނޑަށް ވާޞިލްވެއްޖެނަމަ ދަރިފުޅަށް މީގެ އަސަރުކުރުން ބޮޑުވެއެވެ. އެގޮތުން:-
·         ބައިގެންދިއުން
·         ލޮލުގެ ރެޓިނާ ފަށަލަ ދުޅަވެ، ލޮލުގެ ފެނުމަށް ބަދަލުއައުން
·         ސިކުނޑީގައި ފެންހެދުން
·         ބޮޑުވަމުން އަންނަ ދުވަސްވަރު ބުއްދިއަށް ހީނަރުކަން އައުން
·         ކަންފަތުގެ މައްސަލަޖެހުން
·         ފުރަމޭ ދުޅަވުން
·         ހުންކޮށި ދުޅަވުން
·         އުފަންވުމާއެކު ރީނދޫވުމުގެ ފުރުޞަތު އިތުރުވުން

ލޮލަށް ޓޮކްސޯޕްލާޒްމޯސިސް ޖެހުން
ލޮލަށް ޓޮކްސޯޕްލާޒްމޯސިސް(Ocular toxoplasmosis) ގިނަ ފަހަރު ޖެހެނީ އުފަންވާއިރު އެކުއްޖަކަށް ޖެހިފައިވާ ޓޮކްސޯޕްލާޒްމޯސިސް ގެ ސަބަބުންނެވެ. މިނޫން ގޮތަކަށް ލޮލަށް ޓޮކްސޯޕްލާޒްމޯސިސްގެ އަސަރުކުރަނީ ވަރަށް މަދުންނެވެ. ޓޮކްސޯޕްލާޒްމޯސިސް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، ލޯފުސްވެ، ލޮލުގެ ފެނުމަށް ބަދަލުއައުން، ލޮލުގައި ރިހުން، އަލިވުމުން އުދަނގޫވުން ނުވަތަ އައްޔަށް ތަހައްމަލު ނުކުރެވުން، އަދި ލޮލުގެ ވަކި ދިމާލަކުން ފެނުމަށް ބަދަލުއައުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު މިބަލީގެ ސަބަބުން "މެކިޔުލަރ ޑިޖެނެރޭޝަން"(Macular degeneration) ކުރިމަތިކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ލޮލުގެ މެދުބަޔާއި ދިމާލުން ފެނުން ގެއްލޭގޮތް ވެއެވެ. ބައެއް ހާލަތްތަކުގައި މިބަލީގެ ސަބަބުން އަވަރުވުމަކީ ވެސް ވެދާނެ ގޮތެކެވެ. ބަލި ރަގަޅުވެގެން އައިނަމަވެސް ދޭތެރެ ދޭތެރެއިން ބައެއް މީހުންނަށް ލޮލުގެ މައްސަލަތައް ދިމާވާކަން ފާހަގަ ކުރެވެއެވެ. ބައެއް ފަހަރު ލޮލުގެ އަލިދުއްޔަށް ގެއްލުންވެ، ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިވާ ބައްޔެއްކަމަށްވާ "ގުލަކޯމާ"(Glaucoma)ގެ މައްސަލަ ފެންމަތިވެގެން ދެއެވެ.

ލޮލަށް ލިބޭ ގެއްލުން ބިނާވެފައި އޮންނަނީ ބަލީގެ އަސަރުކުރާ މިންވަރަށާއި، ފަރުވާގެ އަވަސް ލަސްމިނަށެވެ. ބަލިޖެހުމާއި ގުޅިގެން އަވަހަށް ބޭސް ބޭނުން ނުކުރެވިއްޖެނަމަ، ލޮލުގެ ކޮޔަށް ލިބޭ ގެއްލުމުގެ ސަބަބުން ލަކުނު ލައި، ލޮލުގެ ފެނުމަށް ބުރޫއެރުން އަދި ލޮލަށް ނުފެނުން ވެސް އެކަށީގެން ވެއެވެ.

ބަލި ދެނެގަތުން
ބަލި ދެނެގަތުމަށް ލޭގެ ޓެސްޓުހެދުން
·         ބަލިހުރިތޯ ބެލުމަށް ލޭގެ ޓެސްޓެއްކުރުން : ލޭގެ ޓެސްޓުގައި ބައްޔާއި ގުޅިގެން އުފެދޭ އައިޖީޖީ(IgG)، އަދި އައިޖީއެމް(IgM) އެންޓިބޮޑީޒް ތައް ލޭގައި ހުރިތޯ ބަލާނެއެވެ. ބަލިޖެހޭތާ އެންމެ 3-2 ހަފްތާގެ ތެރޭގައި ވެސް އައިޖީޖީ އެންޓީބޮޑީޒް މިންވަރު (10:1 އަަށްވުރެ މަތި) މަތިވެ، ނަތީޖާ އައިޖީޖީ އެންޓިބޮޑީޒް އަށް ޕޮޒިޓިވް ވެދާނެ އެވެ. އައިޖީޖީ ގެ މިންވަރު އެންމެ މަތިވާނީ ބަލިޖެހޭތާ 8-6 ހަފްތާއާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. އެއަށްފަހު މަޑުމަޑުން އައިޖީޖީ އެންޓިބޮޑީޒް ގެ މިންވަރު ދަށްވަމުންދާނެއެވެ. އައިޖީއެމް އެންޓިބޮޑީޒްގެ މިންވަރު ދެނެގަތުމުން ބަލިޖެހުނު ދުވަސްވަރު ހޯދަން ފަސޭހަ ވެއެވެ.

އުފަންވާއިރު ޓޮކްސޯޕްލާޒްމޯސިސް ޖެހިފައިހުރިތޯ ދެނެގަތުން
·         ބަނޑުގައިވާ ދަރިފުޅަށް ބަލީގެ އަސަރުކޮށްފައިވޭތޯ ބެލުމަށް ފެންދުލިން އެތިކޮޅެއް ނަގައިގެން ޓެސްޓްކުރުން : އެގޮތުން ޕޮލިމެރޭޒް ޗެއިން ރިއެކްޝަން ކިޔާ ޓެސްޓެއްގެ އެހީގައި ފެންދުލިން ނަގާ އެތިކޮޅުގައި "ޓޮކްސޯޕްލާޒްމާ ގޮންޑައި" ގެ "ބީވަން ޖީން"(B1gene) ހުރިތޯ ބަލައެވެ.
·         ލޭގެ ޓެސްޓު ހެދެނީ އައިޖީޖީ ހުރިތޯ ބެލުމަށާއި، އުފަންވާތާ 1 ހަފްތާގެ ފަހުން އައިޖީއެމް އެންޓިބޮޑީ އަށް ޕޮޒިޓިވްތޯ ބެލުމަށެވެ.
·         އައިޖީޖީ އެންޓިބޮޑީ ހުރިނެތްގޮތް ގޮތް ކޮންމެ ދެމަހުން އެއްފަހަރު ބަލަމުންގެންދަން ވާނެއެވެ.
·         އުފަންވާތާ ހަފްތާއެއްގެ ފަހުން އައިޖީއެމް އެންޓިބޮޑީ މަތިވެފައި ހުރުމަކި އެކިއުޓް އިންފެކްޝަން ހުރިކަމުގެ ހެއްކެކެވެ.
·         ބަލިޖެހިފައި އުފަންވާ 25 އިންސައްތަ ކުދިންގެ ލޭގެ ޓެސްޓުން ކަމެއް ފާހަގައެއް ނުވާނެއެވެ. އަދި ހަށިގަނޑު ބަލާ ބެލުންތަކުން ވެސް ކުއްޖާ ފެންނާނީ ރަގަޅަށެވެ.
·         ސިކުނޑިއާއި ލޮލުގެ ޙާލަތު ހުރިނެތްގޮތް ބެލުން، ސިކުނޑިތެރޭގައި ހުންނަ ފެން ޓެސްޓުކުރުން، އެކްސްރޭ ނެގުން، ސީޓީ ސްކޭން ހެދުން ފަދަ ކަންކަމަކީ ބަލިދެނެގަތުމަށް ކުރެވޭ މުހިއްމު ކަންތައްތަކެކެވެ.

ލޮލަށް ޓޮކްސޯޕްލާޒްމޯސިސްގެ އަސަރުކޮށްފައިވޭތޯ ދެނެގަތުން
·         އައިޖީޖީ އެންޓިބޮޑީ ގެ މިންވަރު ޕޮޒިޓިވް ވުމާއެކު، ލޮލުގައި ބަލީގެ އަސަރު ފެންނަން ހުރުމަކީ ބަލި ދެނެގަތުމަށް އެހީތެރިވެދޭ ކަމެކެވެ.

ފަރުވާ
މިބަލީގެ އުދަގޫތައް ނުވާނަމަ ފަރުވާ ބޭނުމެއް ނުވެއެވެ. ނަމަވެސް ހަށިގަނޑުގެ ދިފާޢީ ނިޒާމް ބަލިކަށިވެ، ބަލީގެ އުދަގޫވާނަމަ ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. ބަލީގެ ފަރުވާ ދިނުމުގައި ބޮޑަށް ސަމާލުކަން ދެވެނީ މާބަނޑު މީހުންނަށާއި، އަލަށްއުފަންވާ ތުއްތު ކުދިންނަށެވެ. ޚާއްޞަކޮށް ލޮލަށް ބަލީގެ އަސަރުކޮށްފިނަމަ، އަވަހަށް ފަރުވާކުރުން މުހިއްމެވެ.

އުފަންވާއިރު ޓޮކްސޯޕްލާޒްމޯސިސް ޖެހިފައި ތިބޭކުދިންނަށް ދެވޭ ފަރުވާ
v     ބަލީގެ ފަރުވާގައި އަހަރެއްގެ މުއްދަތަށް "ޕައިރިމިތަމައިން" އަދި "ސަލްފަޑިއޭޒިން" ބޭނުންކުރަން
o       ޕައިރިމިތަމައިން : ބަރުދަނުގެ ކޮންމެ ކިލޯއަކަށް 1-05 މިލިގްރާމްގެ މަގުން ކޮންމެ ދުވަހަކު -1 އަހަރަށް
o       ސަލްފަޑިއޭޒިން : ބަރުދަނުގެ ކޮންމެ ކިލޯއަކަށް 100މިލިގްރާމްގެ މަގުން  ކޮންމެ ދުވަހަކު -1 އަހަރަށް
o       ސްޕައިރަމައިސިން : ބަރުދަނުގެ ކޮންމެ ކިލޯއަކަށް 100މިލިގްރާމްގެ މަގުން – ބޭނުންކުރެވިދާނެ އެވެ.
o       ޕްރެޑްނިސޯން : ބަރުދަނުގެ ކޮންމެ ކިލޯއަކަށް 1މިލިގްރާމްގެ މަގުން – ބޭނުންކުރެވިދާނެ އެވެ.

ދިފާޢީބާރު ރަގަޅު ބޮޑެތި މީހުންނާއި ކުދިންނަށް ދެވޭ ފަރުވާ
v     ބޮޑެތި މީހުންނާއި ކުދިންނަށް ދިފާޢީ ބާރު ރަގަޅުވެފައި، ހަމައެކަނި ހަށިގަނޑުގައި ގޮށްލުން ކުރިމަތިވެފައިވާނަމަ ވަކި ޚާއްޞަ ފަރުވާއެއް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ނުރައްކާތެރި އަލާމާތްތަކެއް ފެނިއްޖެނަމަ ފަރުވާ ދޭންވާނެ އެވެ.
v     ލޮލަށް ޓޮކްސޯޕްލާޒްމޯސިސްގެ އަސަރުކޮށްފިނަމަ، އެއް މަސް ދުވަހުގެ މުއްދަތަކަށް ޕައިރިމިތަމައިން އާއެކު ސަލްފަޑިއޭޒިން ނޫނީ، ކްލިންޑަމައިސިން ބޭނުންކުރަން ވާނެއެވެ.
v     ވިހެއުމުގެ ކުރިން މައިމީހާއަށް އެންޓިބަޔޮޓިކް ދީގެން ފަރުވާކުރުމަކީ ބަނޑުގައިވާ ދަރިފުޅަށް ބަލި ޖެހޭ ނިސްބަތް ކުޑަކޮށްދޭނެ ކަމެކެވެ.

ދިފާޢީބާރު ދެރަ ބޮޑެތި މީހުންނާއި ކުދިންނަށް ދެވޭ ފަރުވާ
v     އޭޑްސް ޖެހިފައިވާ މީހަކަށް ޓޮކްސޯޕްލާޒްމޯސިސް ޖެހިއްޖެނަމަ އެކަމަށް ފަރުވާ ކުރަންވާނެ އެވެ.
v     އޭޑްސް ޖެހިފައިވާ މީހުންނަށް ވެސް ދެވެނީ ޕައިރިމިތަމައިން އަދި ސަލްފަޑިއޭޒިން އެވެ.
v     ޓްރައިމިތޮޕްރިމް-ސަލްފަމިތޮކްސަޒޯލް ކުރިން ބުނެވުނު ދެބޭހުގެ ބަދަލުގައި ބައެއް ފަހަރު ދީއުޅެއެވެ.
v     ޓްރައިމިތޮޕްރިމް-ސަލްފަމިތޮކްސަޒޯލް އަށް ތަހައްމަލުނުކުރެވޭ މީހުންނަށް ޑެޕްސޯން-ޕައިރިމިތަމައިން ދެވިދާނެ އެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
·         ބުޅަލުގެ ނަޖިހުން ރައްކާތެރިވުން
·         ފުރާޅުން ފެންނެގުމުގައި ރައްކާތެރި ގޮތްތައް އަބަދުވެސް ބޭނުންކުރުން
·         ފުރާޅުން ނަގާފެން ކައްކައިގެން ނޫނީ ބޭނުންނުކުރުން
·         ތަރުކާރީއާއި މޭވާ، އަދި ފަތްޕިލާވެލި ވަރަށް ރަގަޅަށް ދޮވެގެން ނޫނީ ބޭނުންނުކުރުން
·         ރޯކިރު، އެއްގަމު މަސް ރަގަޅަށް ކައްކައިގެން ބޭނުންކުރުން
·         ބިމަށް އަތްލައިގެންކުރާ މަސައްކަތްތައް ކުރުމަށްފަހު ސާބޯނިލައިގެން ރަގަޅަށް އަތްދޮވުން
·         ތުއްތުކުދިން ބުޅާ ފަދަ ތަކެތީގައި އަތްލައި ހެދިޔަނުދިނުން
·         ބުޅާ ގެންގުޅޭ ފަރާތްތަކުން ވެސް ބުޅާ އުފުލައި ހެދުމުގައި ބަލައިގެންއުޅުން
·         ލޭއެޅުމުގެ ކުރިން އެއީ ޖަރާސީމުން އެއްކިބާކުރެވިފައިވާ ލެޔެއްތޯ ޔަގީންކުރުން
·         މާބަނޑުވުމުގެ ކުރިންނާއި، މާބަނޑު ދުވަސްވަރު ވެސް މިބައްޔަށް ޓެސްޓުކުރުން

މަޢުލޫމާތު
·         ކުލުނު 236 – ނޮވެމްބަރު 2007

No comments:

Post a Comment