Sunday, October 30, 2011

ހިމަގޮހޮރު


ހިމަގޮހޮރު
ު
ހިމަގޮހޮރު (Small intestine) އަކީ ހަޖަމުކުރާ ނިޒާމް ގައި މައިދާ،އަދި ބޮޑު ގޮހޮރާ ދެމެދުގައިވާ ގުނަވަނެކެވެ. އެހެންކަމުން ހިމަގޮހޮރު ފެށިފައި އިންނާނީ މައިދާ ނިމޭ ހިސާބުންނެވެ. އަދި ނިމިފައި އިންނާނީ ބޮޑު ގޮހޮރު ފެށޭ ހިސާބަށެވެ. އިންސާނުންގެ ހިމަ ގޮހޮރުގެ ދިގުމިނުގައި ގާތްގަނޑަކަށް 7 މީޓަރު ނުވަތަ 21 ފޫޓް ހުރެއެވެ. ބައެއް އިލްމު ވެރިން ވިދާޅުވާ ގޮތުން ހިމަ ގޮހޮރުގެ ދިގުމިނުގައި އެވްރެޖްގޮތެއްގައި ހުންނަނީ 7-4 މީޓަރާއި ދެމެދުގެ މިންވަރެކެވެ.  ހިމަގޮހޮރަށް ބައެއް ފަހަރު ކުޑަ ގޮހޮރު މިހެން ވެސް ކިޔައެވެ.

ހިމަގޮހޮރު އެކުލެވިގެންވަނީ 3 ބައެއްގެ މައްޗަށެވެ. އެއީ:-
·         ހިމަ ގޮހޮރު ގެ ފުރަތަމަ ބައި ނުވަތަ ޑޫއަޑިނަމް
·         ހިމަ ގޮހޮރު ގެ މެދުބައި ނުވަތަ ޖެޖޫނަމް
·         ހިމަ ގޮހޮރު ގެ ފަހުބައި ނުވަތަ އިލިއަމް

އާންމު ގޮތެއްގައި ބޮޑު ގޮހޮރަށްވުރެ ހިމަގޮހޮރު 5-4 ވަރަކަށް ގުނަ ބޮޑުވެފައި ދިގެވެ. ހިމަ ގޮހޮރުގެ އެތެރޭގެ ހުރަސް ދިގު ވަށަމިނުގައި އެވްރެޖްގޮތެއްގައި ހުންނަނީ ގާތްގަނޑަކަށް 3-2.5 ސެންޓި މީޓަރާއި ދެމެދުގެ މިންވަރެކެވެ. މިމިން [[ބޮޑު ގޮހޮރު]]ގައި އުޅެނީ 7.6 ސެންޓި މީޓަރުގައެވެ.

ހިމަގޮހޮރުގެ ބައިތައް
ހިމަގޮހޮރު އެކުލެވިގެންވަނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ.
1-      ހިމަގޮހޮރު ގެ ފުރަތަމަ ބައި
ހިމަގޮހޮރުގެ ފުރަތަމަ ބައި (Duodenum) އަކީ  މައިދާ އާއި، ހިމަގޮހޮރުގެ މެދުބައި ގުޅުވައިދޭ ހޮޅިއެވެ. މިއީ ހިމަގޮހޮރުގެ އެންމެ ކުރު އަދި އެންމެ ފުރަތަމަ ބައި ވެސް މެއެވެ. އިގިރޭސި ''ސީ'' (C) އަކުރުގެ ބައްޓަމަން އިންނަ މިބަޔަކީ ގިނަ ކެމިކަލް މާއްދާތައް ހަޖަމުކޮށް ހަށިގަނޑަށް ބޭނުން ބައި ނަގައިދޭ ތަނެވެ. މިބަޔަށް ކުޑަގޮހޮރުގެ ފުރަތަމަ ބައި މިހެން ވެސް ކިޔައެވެ. އިންސާނުންގެ ޑުއަޑީނަމް ގެ ދިގުމިނުގައި އެވްރެޖް ގޮތެއްގައި ހުންނަނީ 26 ސެންޓި މީޓަރެވެ.

2-      ހިމަގޮހޮރު ގެ މެދުބައި
ހިމަގޮހޮރުގެ މެދުބައި (Jejunum) އަކީ  ހިމަގޮހޮރު ބެހިފައިވާ 3 ބައިގެ ތެރެއިން މެދަށް އިންނަ ބައެވެ. ނުވަތަ ހިމަގޮހޮރުގެ ފުރަތަމަ ބަޔާއި، ހިމަގޮހޮރުގެ ފަހުބަޔާއި، ގުޅުވައިދިނުމަށް، އެދެމެދުގައިވާ ބައެވެ. ފުރާ ފުރިހަމަ އިންސާނެއްގެ ހިމަގޮހޮރުގެ ދިގުމިނަކީ 7-4 މީޓަރު ވަރެވެ. އޭގެތެރެއިން 2.5 މީޓަރު ހުންނަނީ ހިމަގޮހޮރުގެ މެދުބައި ގައެވެ. ހިމަގޮހޮރުގެ މެދުބައިގެ ޕީއެޗް ހުންނަނީ 8-7 އާއި ދެމެދުގައެވެ. ކާތަކެތި މިބައިގެ ތެރޭގައި ދައުރުވުން ފަސޭހަކުރުމަށްޓަކައި ގުދުރަތީ ގޮތުން މިބައިގެ ފާރުގައި މަސްފަށަލައެއް ލެވިފައި ވެއެެވެ. މިބަޔަށް ކުޑަގޮހޮރުގެ މެދުބައި މިހެން ވެސް ކިޔައެވެ.

3-      ހިމަގޮހޮރު ގެ ފަހުބައި
ހިމަގޮހޮރު ގެ ފަހުބައި (Ileum) އަކީ  ހިމަ ގޮހޮރު ބެހިފައިވާ 3 ބައިގެ ތެރެއިން އެންމެ ފަހު ބައެވެ.. އިންސާނުންގެ ހިމަގޮހޮރުގެ ފަހުބައިގެ ދިގުމިނުގައި 4-2މީޓަރު ވަރު ހުރެއެވެ.ބޮޑު ގޮހޮރު ގެ ބައެއް ކަމުގައިވާ ސީކަމް އާއި، އިލިއަމް ވަކިކޮށްދެނީ ''އިލިއޯސީކަލް ވޭލް''(Ileocecal valve) އިންނެވެ. ހިމަގޮހޮރުގެ ފަހުބައިގެ ޕީއެޗް ހުންނަނީ 8-7 އާއި ދެމެދުގައެވެ. މިބަޔަށް ކުޑަގޮހޮރުގެ ފަހުބައި މިހެން ވެސް ކިޔައެވެ. 

ހިމަގޮހޮރުގެ ވަޒީފާ
ހިމަގޮހޮރުން އަދާކުރާ ވަޒީފާތަކަކީ:-
·         ކާތަކެތި ހަޖަމުކުރުން
·         ކާތަކެތީގެ ތެރޭގައި ހިމެނޭ ކާނާގެ ބައިތައް ހަށިގަނޑަށް ނެގުން
·         ތަފާތު ހޯރމޯންތައް ދޫކުރުން
·         ތަފާތު އެންޒައިމްތައް ދޫކުރުން
·         ހަޖަމުކުރުމަށް އެހީވެދޭ ޖޫހެއް ދޫކުރުން
ހ- ކާނާ ނުވަތަ ކާތަކެތި ހަޖަމުކުރުން
ޕްރޮޓީންތައް، ޕެޕްޓައިޑް ތަކާއި، އެމީނޯ އެސިޑް (Amino acid) ތަކަށް ބަދަލުވުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ހިންގަނީ މައިދާގެ ތެރޭގައެވެ. ނަމަވެސް މިމަސައްކަތް ކޮންމެވެސް ވަރަކަށް ހިމަ ގޮހޮރުގެ ތެރޭގައި ވެސް ހިންގައެވެ. ހިމަ ގޮހޮރަކީ ގިނަ ކެމިކަލް މާއްދާތަކެއް ހަޖަމުވެގެންދާ މަރުކަޒެވެ.
ޕެޕްޓައިޑް ތައް ބައިވެ، އެމީނޯ އެސިޑްތައް އުފެދެނީ ހިމަ ގޮހޮރުގެ ތެރޭގައެވެ. ކުރިން ބުނިހެން ކެމިކަލްތައް ހަޖަމުކުރުމުގެ މަސައްކަތް ފެށިގެން އަންނަނީ މައިދާއިން ކަމަށްވިޔަސް އޭގެ މަރުހަލާއެއް ހިމަ ގޮހޮރުގައި ވެސް ފުރިހަމަ ކުރެއެވެ. ޗިސްމޭ އިން ދޫކުރާ ޕްރޮޓީން ބައިކުރާ އެންޒައިމް(Proteolytic enzyme) ތައް ކަމަށްވާ ޓްރީޕްސިން(Trypsin)  އަދި ކީމަޓްރީޕްސިން(Chymotrypsin)ގެ އެހީގައި ޕްރޮޓީންތައް ކުދި ޕެޕްޓައިޑް ތަކަށް ބަދަލުކޮށްލައެވެ.ޗިސްމޭ އިން ދޫކުރާ ކާރބޮކްސީޕެޕްޓައިޑޭސް(Carboxypeptidase)  ޕޮލިޕެޕްޓައިޑް މޮލިކިޔޫލް ތަކުން އެމީނޯ އެސިޑް ވަކިކުރުމަށް އެހީވެދެއެެވެ.
ފެޓްތައް ބައިވެ، ފެޓީއެސިޑް(Fatty acid)  އަދި ގްލިސެރޯލް(Glycerol) އުފެދެނީ ވެސް ހިމަ ގޮހޮރުގެ ތެރޭގައެވެ. ޕެންކްރީއެޓިކް ލައިޕޭސް ހިމަ ގޮހޮރުގެ ތެރެއަށް ވާޞިލް ވެއެވެ. ޕެންކްރީއެޓިކް ލައިޕޭސް(Pancreatic lipase)އަކީ ޓްރައިގްލިސެރައިޑް (Triglyceride)  މޮނޯގްލިސެރައިޑް(monoglyceride)  އަދި ފެޓީ އެސިޑް އަށް ބަދަލުކުރުވާ މުރާލި ހީވާގި އެންޒައިމް އެކެވެ. ބައިލް ސޯލްޓް ހުރުމަކީ މިއެންޒައިމްގެ މަސައްކަތް ހަލުވިކުރުވާ ކަމެކެވެ.
ކާބޯހައިޑްރޭޓް ތައް ގުލްކޯޒް އަށް ބަދަލުވަނީ ހިމަ ގޮހޮރުގެ ތެރޭގައެވެ. ހިމަ ގޮހޮރުގެ ތެރޭގައި ޕެންކްރީއެޓިކް އެމިލޭސް(Pancreatic amylase) ގެ އެހީގައި ސްޓާރޗް، މޮލްޓޯސް( maltose) ،މޮލްޓޯޓްރިއޯސް(maltotriose) އަދި އަލްފާ ލިމިޓް ޑެކްސްޓްރިން އަށް ބަދަލުކުރުވައެވެ.
ށ- ކާތަކެތީގެ ތެރޭގައި ހިމެނޭ ކާނާގެ ބައިތައް ހަށިގަނޑަށް ނެގުން
ހިމަ ގޮހޮރުގެ ބައިތަކުގެ އެތެރޭގެ ތެތް ދުލިފަށަލައިގައި ހިމެނޭ ވިލަސް(villus) ތަކަކީ ކާނާގެ ބައިތައް ހަށިގަނޑަށް ނެގުމަށްޓަކައި ސާރފޭސް އޭރިއާ(Surface Area) މަތިކޮށްދޭ ބައިތަކެކެވެ. ކޮންމެ ވިލަސް އެއްގައި ލެކްޓިއަލް(Lacteal) އޭކިޔޭ ލިމްފްހޮޅި ތަކާއި، ކުދި ލޭހޮޅި(Capillary) ތައް އެކުލެވިގެން ވެއެވެ. ހަޖަމުވެފައި ހުންނަ ފެޓް ނުވަތަ ސަރުބީ ލެކްޓިއަލް ތަކުގެ އެހީގައި ލިމްފެޓިކް ނިޒާމް އަށް ވާޞިލްވެ، އޭގެ ފަހުން ލޭދައުރުކުރާ ނިޒާމް އަށް ވާޞިލް ވެއެވެ. ފެޓް ފިޔަވައި ދެން ހަޖަމުވެފައި ހުންނަ ކާނާގެ ބައިތައް ހަށިގަނޑަށް ނަގަނީ ކުރިން ބުނި ކުދި ލޭހޮޅި ތަކުންނެވެ.
ހަށިގަނޑަށް ކާނާގެ ގިނަ ބައިތައް ދަމަނީ ހިމަގޮހޮރުގެ މެދުބައިގެ ތެރޭގައެވެ. ނަމަވެސް ބައެއް މާއްދާތައް އެހެން ބައިތަކުން ވެސް ހަށިގަނޑަށް ނަގައެވެ. ތިރީގައި މިވަނީ ވަކި ބައިތަކުން ނަގާކަމަށް ފާހަގަކުރެވޭ ބައެއް މާއްދާތަކެވެ.
- ދަގަނޑު ހަށިގަނޑަށް ދަމަނީ ހިމަގޮހޮރުގެ ފުރަތަމަ ބައިގެ ތެރޭގައެވެ.
- ވިޓަމިން ބީ12 އަދި ބައިލް ސޯލްޓް ހަށިގަނޑަށް ދަމަނީ ނުވަތަ ނަގަނީ ހިމަ ގޮހޮރުގެ ފަހު ބައިގެ ތެރޭގައެވެ.
- ފެޓް އަދި ފެން ހަށިގަނޑަށް ދަމަނީ ޕެސިވް ޑިފިޔޫޒަން (Passive diffusion) ގެ އެހީގައެވެ.
- ފުރަކްޓޯސް ހަށިގަނޑަށް ދަމަނީ ފެސިލިޓޭޓެޑް ޑިފިޔޫޒަން  (Facilitated diffusion) ގެ އެހީގައެވެ.
ނ- ތަފާތު ހޯރމޯންތައް ދޫކުރުން
ސިކްރީޓިން : ސިކްރީޓިން (Secretin) އަކީ  ހިމަ ގޮހޮރުގެ ފުރަތަމަ ބައިގައި ހުންނަ ''އެސް ސެލް''(S-Cell) ތަކުން ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން ގެސްޓްރިކް އެސިޑް ، ބައިކާބޮނޭޓް އާ ބަފަރކޮށްގެން، ހިމަ ގޮހޮރު ގެ ފުރަތަމަބައި ގައި ހުންނަ ތަކެތީގެ ޕީއެޗް ކޮންޓްރޯލް ކުރުމުގައި އެހީތެރި ވެއެވެ. ސިކްރީޓިން ދޫކުރަން ފަށަނީ ހިމަ ގޮހޮރުގެ ފުރަތަމަ ބައި ޕީއެޗް ދަށްވެއްޖެ ހާލަތެއްގައި އެތާގެ ޕީއެޗް ހަމަހަމަކަން މަތީ ބަހައްޓައިދީ ކޮންޓްރޯލް ކުރުމަށްޓަކައެވެ.
ކޯލިސިސްޓަކައިނިން: ކޯލިސިސްޓަކައިނިން ނުވަތަ (Cholecystokinin) އަކީ  ހިމަ ގޮހޮރުގެ ފުރަތަމަ ބައި ގައި ހުންނަ ''އައި ސެލް''(I-Cell) ތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. އިންސާނާގެ ހަށިގަނޑުގައި ޕްރޮޓީން އަދި ސަރުބީ ހަޖަމުކުރުމަށް ބާރުއަޅައި، ވާގިވެރިވެ ދިނުމުގައި ޒިންމާވާ ހޯރމޯން އަކީ ވެސް މިއީއެވެ. މިހޯރމޯންގެ ސަބަބުން ޗިސްމޭ އިން ''ހަޖަމުކުރާ އެންޒައިމް'' ތައް އަދި ފިތުގެ ތެރޭގައި އުފެދޭ ''ބައިލް'' ބޭރުވުން މެދުވެރި ކުރުވައެވެ. ކުރިން މިހޯރމޯން އަށް ''ޕެންކްރިއޯޒައިމިން''(Pancreozymin) އޭ ކިޔާފައި ވެއެވެ.
ރ- ހިމަގޮހޮރުން ދޫކުރާ ޖޫސް
ދުވާލަކު ގާތްގަނޑަކަށް 1 ލިޓަރުގެ ޖޫސް ނުވަތަ ދިޔަ (Intestinal juice) ހިމަގޮޮހޮރުން އުފައްދައި ދޫކުރެއެވެ. ހިމަގޮހޮރުން އުފައްދައި ދޫކުރާ ޖޫހުގައި އެކުލެވިގެންވާ ބައިތައް ތިރީގައި މިވަނީ އެވެ.

އަލްކަލައިން ދިޔަ : ހިމަ ގޮހޮރު ޖޫހުގައި އަލްކަލައިން ތަބީޢަތުގައި ހުރި ދިޔައެއް އެކުލެވެއެވެ. މިއީ ކުޑަ ގޮހޮރުގެ އެތެރޭ ތެތް ދުލިފަށުގެ ސަތަހައިގައި އެކުލެވޭ ކްރިޕްޓް އޮފް ލެއިބަރކުން( Crypt of Lieberkuhn) އިން ބޭރުކުރާ ދިޔައެކެވެ. މިިދިޔައިގައި މައިގަނޑު ގޮތެއްގައި ހުންނަނީ ސޯޑިއަމް ކްލޮރައިޑް އަދި ސޯޑިއަމް ބައިކާބޮނޭޓް އެވެ. އެކަމަކު ހަޖަމުކުރާ އެންޒައިމް ތަކެއް މިދިޔައިގެ ތެރޭގައި ނުހުރެއެވެ. މިދިޔަ ހިމަ ގޮހޮރުގެ ތެރެއަށް ކްރިޕްޓް ތަކުން ދޫކުރާތާ އިރުކޮޅެއްގެ ތެރޭގައި ވިލަސް ތަކުން އަނެއްކާ ވެސް މިދިޔަ ހަށިގަނޑަށް ނުވަތަ ވިލަސް ގެ ތެރެއަށް ދަމައިގަނެއެވެ.
ދަވަ : ދަވަ(Mucus) ބޭރުވަނީ މިޔޫސިންގެ ގޮތުގައެވެ. އެއަށްފަހު ދިޔާވެ، ޖެލް ފާޑުގެ ދަވަ އަށް ބަދަލުވެއެވެ. ގޮބްލިޓް ސެލް(Goblet cell) ތަކާއި އެޕިތީލިއަލް ސެލްތަކުން ބޭރުކުރާ ދަވަތަކުން ދަވައިގެ ފޮށާ(Mucus blanket) އެއް އުފެދިގެން ދެއެވެ. މީގެ ބޭނުމަކީ ހިމަ ގޮހޮރުގެ އެޕިތީލިއަމް ނިވާކޮށް، ތެޔޮކޮށްދީ ރައްކާކޮށްދިނުމެވެ. ނަމަވެސް ބްރަނާރސް ގްލޭންޑް (Brunner's gland) ތަކުން ބޭރުކުރާ ދަވަތައް ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ އެތެރޭގެ ތެތްދުލިފަށް ގެސްޓްރިކް އެސިޑް ނުވަތަ ހައިޑްރޯކްލޮރައިޑް އިން ހިމާޔަތްކޮށްދެއެވެ.
މިޔޫކޯސަލް ސެލް : އާންމު ގޮތެއްގައި މިޔޫކޯސަލް ސެލް (Mucosal cell) ތައް ހުއްޓުމެއްނެތި ހިމަ ގޮހޮރުގެ ތެރެއަށް ފައިބަފައިބާ ހުރެއެވެ. އަދި ހިމަ ގޮހޮރު ޖޫހާއި މިސެލްތައް އެއްވެގެން ދެއެވެ. މިސެލްތަކުގައި ހަޖަމުކުރާ އެންޒައިމްތައް ހުރެއެވެ.
ބ- ހިމަ ގޮހޮރުން ދޫކުރާ ތަފާތު އެންޒައިމްތައް
ހިމަ ގޮހޮރުގެ އެންޒައިމް (Intestinal enzyme)ތައް މައިގަނޑު ގޮތެއްގައި ހުންނަނީ މިޔޫކޯސަލް ސެލް(Mucosal cell) ތަކުގެ ބޭރު ފަށަލައިގައެވެ. ޚާއްޞަކޮށް ވިލަސް( Villus) ތަކުގެ ކޮޅު ނިވާކޮށްދޭ ކުދިކުދި ވިލަސް(Microvillus) ތަކުގައެވެ. އާންމު ގޮތެއްގައި ހިމަ ގޮހޮރުގެ ތެރޭގައި ހަޖަމުކުރުމުގެ މަސައްކަތް ހިންގަނީ މިބުނި ކުދިކުދި ވިލަސް ތަކުގެ ތެރޭގައެވެ. ހިމަ ގޮހޮރު އެންޒައިމް ތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި އެންޒައިމް ތަކެވެ.
އެންޓިރަކައިނޭސް(Enterokinase): މިއެންޒައިމް އަކީ ޓްރީޕްސިނަޖަން ހިމަ ގޮހޮރުގެ ތެރޭގައި ހީވާގިކޮށް، ޓްރީޕްސިން އަށް ބަދަލުކުރުވާ އެންޒައިމެކެވެ. މިއީ ހިމަ ގޮހޮރުން ދޫކުރާ ޖޫހުގެ ގެތެރޭގައި މިނިވަންކަންމަތީ ހުންނަ ހަމައެކަނި އެންޒައިމް ވެސް މެއެވެ. މިއެންޒައިމް ބޭރުވުމަށް ބާރުއަޅައިދޭ މާއްދާ އަކީ ކޯލިސިސްޓަކައިނިން ހޯރމޯން އެވެ.
ޕެޕްޓައިޑޭސް(Peptidase) ތައް: މިއީ ބޮޑެތި އަދި ކުދި ޕެޕްޓައިޑް ތަކުން އެމީނޯ އެސިޑް ވަކިކުރުމަށް އެހީވެދޭ ޕްރޮޓީން ބައިކުރާ އެންޒައިމް ތަކެކެވެ. މީގެ ބައެއް އެންޒައިމްތައް މިޔޫކޯސަލް ސެލް ތަކުގެ ސައިޓަޕްލާޒަމް ގައި ވެސް ހުރެއެވެ. އެހެން ކަމުން މިއީ ޕްރޮޓީން ހަޖަމުކުރުމުގެ ފަހު މަރުހަލާގައި ބައިވެރިވާ އެންޒައިމް ތަކެކެވެ.
ޑައިސެކަރައިޑޭސް(Disaccharidase) އަދި އޮލިގަސެކަރައިޑޭސް(Oligosaccharidase) ތައް: މިއީ ޑައިސެކަރައިޑް އަދި އޮލިގަސެކަރައިޑް ތައް މޮނަސެކަރައިޑް ތަކަށް ބަދަލުކުރުވާ އެންޒައިމް ތަކެކެވެ. އެހެން ކަމުން މިއީ ކާބޯހައިޑްރޭޓް ހަޖަމުކުރުމުގެ ފަހު މަރުހަލާގައި ބައިވެރިވާ އެންޒައިމް ތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ އަންނަނިވި އެންޒައިމް ތަކެވެ.
·         މޮލްޓޭސް(Maltase): މިއީ މޮލްޓޯސް ،އަދި މޮލްޓޯޓްރިއޯސް ، ގުލްކޯޒް އަށް ބަދަލުކުރުވާ އެންޒައިމެކެވެ.
·         ލެކްޓޭސް(Lactase): މިއީ ލެކްޓޯސް، ގުލްކޯޒް، އަދި ގެލެކްޓޯސް އަށް ބަދަލުކުރުވާ އެންޒައިމެކެވެ.
·         ސޫކްރޭސް(Sucrase): މިއީ ސޫކްރޯސް، ގުލްކޯޒް ، އަދި ފްރަކްޓޯސް އަށް ބަދަލުކުރުވާ އެންޒައިމެކެވެ.
·         އަލްފާ ލިމިޓް ޑެކްސްޓްރިނޭސް(Alpha limit dextrinase): މިއީ އަލްފާ ލިމިޓް ޑެކްސްޓްރިން ، ގުލްކޯޒް އަށް ބަދަލުކުރުވާ އެންޒައިމެކެވެ.
އިންޓެސްޓިނަލް ލައިޕޭސް(Intestinal lipase): މިއީ އަނގަ، މައިދާ އަދި ޗިސްމޭ ފަދަ ގުނަވަން ތަކުން ދޫކުރާ ލައިޕޭސް ތަކުގެ މަސައްކަތް ފުރިހަމަކުރުމަށް އެހީތެރިވެދޭ އެންޒައިމެކެވެ.
ތަފާތު ނޫކްލީއޭސް(Nuclease) ތައް: މިވައްތަރުގެ އެންޒައިމް ތަކުގެ ތެރޭގައި ނޫކްލީއަޓައިޑޭސް ތަކާއި، ނޫކްލީއަސައިޑޭސް ތައް ހިމެނެއެވެ.
ހިމަ ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް
ހިމަ ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް(Intestinal mucosa) އުފެދިފައިވަނީ ކަލަމްނަރ އެޕިތީލިއަލް ސެލް(Simple columnar epithelial cell)ގެ ފަށަލަ އަކާއި، ލެމިނާ ޕްރޮޕްރިއާ(Lamina propria) އޭ ކިޔޭ ކަނެކްޓިވް ޓިޝޫގެ ފަށަލަ އަކާއި، އަދި މަސްކިޔުލަރިސް މިޔުކޯސާ(Muscularis mucosa) އޭ ކިޔޭ މަސް ފަށަލަ އަކުންނެވެ. މިދުލިފަށުގެ ސަތަހައިގައި އިގިލިތަކެއް ހެން ނިކުމެފައި ހުންނަ ނިކުތުން ތަކެއް ހުރެއެވެ. މިއަށް ކިޔަނީ ވިލަސް(Villus) އެވެ. އަދި ހަމަ ތެތްދުލިފަށުގެ ސަތަހައިގައި ކުދި ހޮޅިތަކެއްގެ ސިފަޔަށް ހުންނަ ގްލޭންޑް ތަކެއް ހުރެއެވެ. މިގްލޭންޑް ތައް ކުޑަ ގޮހޮރުގެ ތެރެއަށް ހުޅުވިފައި ހުންނަނީ ކުރިން ބުނެވުނު ވިލަސް ތަކުގެ ދޭތެރެ ދޭތެރޭގައެވެ. މިގްލޭންޑް ތަކަށް ކިޔަނީ ކްރިޕްޓް އޮފް ލެއިބަރކުން( Crypt of Lieberkuhn) އެވެ.
ހިމަ ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށުގައި ލިމްފް ނޮޖޫލް(Lymph nodule) ތައް ހުރެއެވެ. ހިމަ ގޮހޮރުގައި މައިގަނޑު ގޮތެއްގައި މި ލިމްފް ނޮޖޫލް ތައް ވަކިވަކިން ހުރި ނަމަވެސް، ހިމަ ގޮހޮރުގެ ފަހުބައި ގައި މި ނޮޖޫލްތައް ޖަމާވެ، ޕެޔާރސް ޕެޗް(Peyer's patch) ތައް އުފެދިގެން ދެއެވެ.
ހިމަ ގޮހޮރުގެ ފުރަތަމަބައިގެ ތެރޭގައި ބްރަނާރސް ގްލޭންޑް (Brunner's gland)އޭ ކިޔޭ ދަވަ ބޭރުކުރާ ގޮށް ތަކެއް ހުރެއެވެ. އިލިއަމްގައި ހުންނަ ކްރިޕްޓް ތަކުގައި ގޮބްލިޓް ސެލް(Goblet cell) އޭ ކިޔޭ މިޔޫސިން(Mucin) ބޭރުކުރާ ސެލް ތަކެއް ހުރެއެވެ. އަދި އެންޓީރަކްރޮމަފިން(enterochromaffin cell) އޭ ކިޔޭ ސިރަޓޯނިން(Serotonin) ބޭރުކުރާ ސެލްތަކެއް ހުރެއެވެ.
ހިމަ ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށުގެ ކޮންމެ އަކަ މިލިމީޓަރެއްގައި 40-20 އާއި ދެމެދުގެ އަދަދަކަށް ވިލަސް ހުރެއެވެ. އަދި ކޮންމެ ވިލަސް އެއްގެ އުސްމިނުގައި 1-0.5 މިލިމީޓަރު ވަރު ހުރެއެވެ.


No comments:

Post a Comment