Monday, June 11, 2012

ނޭފަތް


ނޭފަތް
ނޭފަތް (Nose) ނުވަތަ ނޭފަތަކީ ނޭވާލާ ނިޒާމްގެ ބައިތަކުގެ ތެރެއިން ހަށިގަނޑުން ބޭރަށް ފެންނަ އިންނަ ގުނަވަނެކެވެ. ނޭފަތުގެ ބައްޓަން ކަނޑައަޅައިދެނީ އުފެދުމުގައި ނޭފަތުގެ ދަށުގައިވާ ''އެތުމޮއިޑް ކަށިކޮޅު''(Ethmoid bone)  އަދި ނޭފަތުގެ ދެހިނދުރި، ވަކިކުރުމަށް އިންނަ މަޑުކަށީގެ ފާރު(Nasal septum)  އިންނެވެ. ނޭފަތް ހިމެނޭ ހިސާބުގެ، އެތެރޭގެ ލޭހޮޅިތައް ސިކުނޑީގައިވާ ލޭނާރު ފުންޏަކާއި ގުޅިފައި ވެއެވެ. މިކަމުގެ ސަބަބުން ނޭފަތުގެ އެތެރޭގެ ހިސާބުތަކުގައި އަށަގަންނަ ޖަރާސީމްގެ އަސަރު، ބައެއް ފަހަރު ސިކުނޑިއަށް ފޯރާގޮތްވެއެވެ. މިބުނި ހިސާބަކީ ނޭފަތުގެ މަތިން ފެށިގެން ތިރިއަށް އަނގައިގެ ދެފަރާތުގެ ދެކަނަށެވެ. މިގޮތުން ކަނޑައެޅޭ ހިސާބަށް ޑޮކްޓަރުން ''މޫނުގެ ނުރައްކާތެރި ތިނެސްކަން''(Danger triangle of the face) އޭ ކިޔައެވެ. ނުވަތަ މޫނުގެ ނުރައްކާތެރި ހިސާބު މިހެން ވެސް ކިޔައެވެ.
ނޭފަތާއި ގުޅުންހުރި މުހިއްމު ބައިތައް
(1)- ނޭފަތުގެ ހިނދުރި (Nostril): ނޭފަތުގެ ހިނދުރި އަކީ ނޭފަތުން ބޭރަށް ހުޅުވިފައި އިންނަ ހުޅުވުމެވެ. ނޭވާލުމުގެ ތެރޭގައި އޮކްސިޖަން ހަށިގަނޑަށް އެތެރެވެ، އަދި ކާބަން ޑައިއޮކްސައިޑް ހަށިގަނޑުން ބޭރުވެގެން ދަނީ ނޭފަތުގެ ހިނދުރި ހުރަސްކޮށެވެ. ނޭފަތުގެ ހިނދުރީގެ ދޮރުމަތީގައި ވެސް ކުދިކުދި ލޯލި އިސްތަށިތައް ހުންނާނެ އެވެ
(2) - ނޯށުތެރެ (Nasal cavities): ނޭފަތުގެ އެތެރެ ނުވަތަ ނޯށުތެރެ އަކީ ނޭފަތުގެ ހިނދުރީގެ އެތެރެއެވެ. މިއީ މޫނުގެ މެދުގައި ނޭފަތުގެ ތެރޭގައި ވައި ޖަމާވެފައި ހުންނަ ތަނެކެވެ. މިއީ ހަށިގަނޑަށް ވައި ވަންނަ މައި ދޮރާއްޓެވެ. ނޭވާލުމުގެ ތެރޭގައި ނޯށުތެރެ ހުރަސްކޮށް ވައި ދައުރުވާ ދައުރުވުމުގައި އެވައި ފިނި ނުވަތަ މަޑު ތެތްކަމެއް ހުންނަ އެއްޗަކަށް ހަދައެވެ. އަދި މިހިސާބުގައި ހިމެނޭ ކުދިކުދި ލޯލި އިސްތަށި ތަކުގެ އެހީގައި ވައިގެ ތެރޭގައި ހިމެނޭ ހިރަފުހާއި، އެހެނިހެން ހަށިގަނޑާ ބީރައްޓަހި މާއްދާތައް ވަކިކޮށް ހަށިގަނޑުން ބޭރުކުރުވައެވެ. ނުވަތަ މިލޯލި އިސްތަށި ތަކުގެ ސަބަބުން ހިރަފުހާއި ކުނިބުނި، ނޭވާލާ ނިޒާމާއި ހަށިގަނޑުގެ ތެރެއަށް ވާޞިލްވުމަށް ހުރަސް އަޅައެވެ. ހަމަ މިގޮތަށް ނޯށުތެރޭގައި އުފެދޭ ދަވަ މިބުނި ލޯލި އިސްތަށި ތަކުގެ އެހީގައި ފަހަތަށް ގެންގޮސް އަރުތެރެއަށް ފޯރުކުރުވައި، ދިރުވާލައެވެ. މިސަބަބުތަކާހުރެ ނޭފަތުގެ އެތެރޭގައި ނުވަތަ ނޯށުތެރޭގައި ފަޅާފައި ހުންނަ ލޯލި އިސްތަށިތައް އުފުރައި ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ.
ނޯށުތެރެ އެއްފަޅި އަނެއް ފަޅިއާއި ވަކިވަނީ ދެހިނދުރި ދެމެދުގައި ކައްޓާއި، މަޑުކަށިން އުފެދިފައިވާ ފާރު(Nasal septum)  އިންނެވެ. މިމަޑުކަށީގެ ފާރުގެ ކުރީބައިގައި ހުންނަނީ "ހައެލިން ކާޓިލޭޖް"(Hyaline cartilage) އެވެ. ފަހަތުގައި ބައިގައި ތިރިން ހުންނަނީ "އެތްމޮއިޑް ކަށިކޮޅު"(Ethmoid bone) ގެ ބައެކެވެ. އަދި މަތިން އިންނަނީ "ވަސްކަށި"(Nasal bone) އެވެ.
"ކަރުނަވަޅާއި ނޭފަތް ގުޅުވައިދޭ ހޮޅި"(Nasolacrimal duct)  އިންނަނީ ނޭފަތުގެ އަރިމަތިން ލޮލުގެ ކަރުނަވަޅާއި ދެމެދުގައެވެ. މާނައަކީ ކަރުނަވަޅުން ފެށިގެން ނޯށުގެ ތެރެއަށް އައިސްފައެވެ. އެހެން ކަމުން ލޮލުގައި އުފެދޭ ކަރުނަ އަހަރެމެންނަށް އެނގުމަކާ ނުލައި ވެސް އޭގެ އަމިއްލަ އިޚްތިޔާރުގައި ކަރުނަވަޅާއި ނޭފަތް ގުޅުވައިދޭ ހޮޅި ކަނޑަތުކޮށް ނޯށުގެތެރެއަށް އަންނަމުން ދާނެއެވެ. 
(3) - ނޭފަތުގެ ވަށައިގެން ހުންނަ ވައިކޮތަޅުތައް (Paranasal sinuses): ނޭފަތުގެ ވަށައިގެން ހުންނަ  ވައިކޮތަޅު ތަކަކީ މޫނުމަތީގެ ކަށިތަކުގެ ތެރޭގައި ވައި ހިފެހެއްޓިފައި ހުންނަ ހޮއިތަކެކެވެ. މިހޮއިތައް ހުންނަނީ ނޯށުތެރެއާއި ގުޅިފައެވެ. މިވައިކޮތަޅު ތަކުގެ އެތެރޭގެ ތެތް ދުލިފަށަލަ ވެސް ހުންނަނީ ނޯށުތެރޭގައި ހުންނަ ގޮތަށެވެ. މާނައަކީ ތެތްދުލި ފަށަލަ ތަކުގައި ކުދިކުދި ލޯލި އިސްތަށިތަކެއް ފަޅާފައި ހުންނާނެ އެވެ. މިވައިކޮތަޅު ތަކަކީ ބައެއް ފަހަރު އަޑު އުފެއްދުމުގައި އެހީތެރިވެދޭ ޓިޝޫ ތަކެކެވެ. މައިގަނޑު ގޮތެއްގައި ހުންނަ ވައިކޮތަޅު ތަކަކީ:-
·         މެކްޒިލަރީ ސައިނަސް
·         ފްރަންޓަލް ސައިނަސް
·         ސްފިނޮއިޑަލް ސައިނަސް
·         އެތުމޮއިޑަލް ސައިނަސް
(4) - ނޭފަތާގުޅޭ އަރުތެރެ : ނޭފަތާގުޅޭ އަރުތެރެ (Nasopharynx) ހުންނަނީ ނޭފަތުގެ މަގު ނުވަތަ ނޯށުގެ ފަހަތުގައެވެ. ނުވަތަ ނޭފަތުގެ ފަހަތުގައެވެ. މަޑު ތައްޔަށްވުރެ މަތީގައިވާ ނޭފަތާގުޅޭ އަރުތެރެ އިންނަނީ އަނގަޔާގުޅޭ އަރުތެރެ އަދި އަޑުފޮށްޓާގުޅޭ އަރުތެރެއާއި ޚިލާފަށް އަބަދުވެސް އޭގެ މަގު ހުޅުވިފައެވެ. ނޭފަތާގުޅޭ އަރުތެރެ ކުރިމަތިން ގުޅިފައިވަނީ ނޭފަތުގެ މަގު އަދި ނޭފަތުގެ ހިނދުރި އާއެވެ.

ނޭފަތުގެ އެތެރޭގެ ބަތާނަ ފަށް
ނޭފަތުގެ އެތެރޭގެ ތެތްދުލި ފަށަލައިގައި ހުންނަނީ "ސިލިއޭޓަޑް ކޮލަމްނަރ އެޕިތީލިއަމް"(Ciliated columnar epithelium) އެވެ. މިއީ ވަރަށް ބޮޑަށް ލޭ އެކުލެވޭ ފަށަލަ އެކެވެ. މިފަށަލައިގައި ދަވަދޫކުރާ "ގޮބްލިޓް ސެލް"(Goblet cells) ތައް ހުރެއެވެ. މިބައި އެތެރެއިން ފަހަތުން ގުޅިފައި ނުވަތަ ހުޅުވިފައި އިންނާނީ އަރުތެރޭގެ ބައެއް ކަމުގައިވާ ނޭފަތާގުޅޭ އަރުތެރެ (Nasopharynx) އަށެވެ. ބޭރަށް ހުޅުވިފައި އިންނަނީ ނޭފަތުގެ ހިނދުރިންނެވެ. އަދި ބޭރުން ގުޅިފައި ހުންނަނީ މޫނުމަތީގެ ހަންގަނޑާ އެވެ.
ނޭވާލުމުގައި ނޭފަތުގެ ދައުރު
ނޭފަތަކީ ހަށިގަނޑަށް ވައި ވައްދައި ބޭރުކުރާ ފުރަތަމަ ދޮރޯއްޓެވެ. ނޭފަތުގެ މައިގަނޑު ދައުރަކީ ހަށިގަނޑަށް ނޭފަތުގެ ހިނދުރި ހުރަސްކޮށް، ނޯށުތެރެއިން ވަންނަވައި، ހޫނުކޮށްދީ، އޭގައި ތެތްކަމެއް އުފައްދައި، ފުރާނާލުމެވެ. ނޯށުތެރޭގައި ނޭފަތުގެ ފާރުން ނިކުމެފައި ހުންނަ "ކޮންކީ"(Conchae) އޭ ކިޔާ ފަށަލަތަކުގެ ސަބަބުން ނޭފަތުގެ ސާރފޭސް އޭރިޔާ މަތިކޮށްދީ، އެތެރެއަށް ވަންނަ ވައިގައި ރާޅުބާންޏެއް އުފައްދައެވެ. މިރާޅުބާނީގެ ސަބަބުން ނޯށުގެ ހުރިހާ ހިސާބަކަށް ވައި ފެތުރިގެންދެއެވެ. ސާރފޭސް އޭރިޔާ އިތުރުވުމަކީ ވައިގައި ހޫނުކަމާއި ތެތްކަން އުފައްދައިދީ، އެފުރާނާލާ މިންވަރު އިތުރުކޮށްދޭނެ ކަމެކެވެ.
·         ވައިހޫނުކޮށްލުން (warming): ހަށިގަނޑަށް ވަންނަ ވައި ހޫނުކޮށްލަދެނީ ނޯށުތެރޭގައި ލޭދައުރުވާ މިންވަރު މަތިވެ، އެހިސާބުގެ ބަތާނަ ފަށުގައި ގިނަ އަދަދަކަށް ލޭހޮޅި އެކުލެވޭތީ އެވެ. މިސަބަބާހުރެ ނޭފަތުން ލޭއަންނައިރު ހޯސްލާފައި ވަރަށް ބައިވަރު ލޭއަންނަކަން ފާހަގަވާނެ އެވެ.
·         ވައި ފުރާނައި ސާފުކޮށްލުން (filtration): ނޯށުތެރޭގައި ހުންނަ ލޯލި އިސްތަށިތަކަކީ ހަށިގަނޑަށް ވަންނަ ބޮޑެތި ޓުކުޅު ތައް ހިފެހެއްޓުމުގެ ގާބިލިއްޔަތު ލިބިފައިވާ އެއްޗެހި ތަކެކެވެ. ހިރަފުހާއި ބެކްޓީރިޔާ ފަދަ ކުދި ޓުކުޅު ތައް ދަވަތަކުގައި ތަތްލައެވެ. ދަވައަކީ ބަތާނަ ފަށުގައި ހުންނަ އެޕިތީލިއަމް ހަލާކުވިޔަނުދީ، ހިކުނުނުދީ ތެތްކަންމަތީ ހިފަހައްޓައިދޭ އެއްޗެކެވެ. ނޯށުތެރޭގައި ހުންނަ ލޯލި އިސްތަށިތަކުގެ އެހީގައި ދަވަތައް ފަހަތަށް ގެންގޮސް އަރުތެރެއަށް ފޮނުވާލައެވެ. އެއަށްފަހު އަރިދަފުހުގެ ގޮތުގައި ކެއްސާއިރު ހަށިގަނޑުން ބޭރުވެއެވެ.
·         ވައިގެ ތެރޭގައި ތެތްކަމެއް އުފެއްދުން (Humidification): ތެތްދުލިފަށަލަ ތަކުގެ މަތީގައި ވައި ދައުރުވަމުންދާއިރު، އާތްވާއި ވައި އެއްވެއެވެ. ނޯށުތެރޭގެ ތެތްދުލި ފަށަލަ ހިލިގަތުމަކީ ކިނބިހިއެޅުން މެދުވެރިވާނެ ކަމެކެވެ.
·         ވަސްދުވުމުގެ ހިއްސު (sense of smell): ވަސްދުވުމުގައި ޒިންމާވާ މައިގަނޑު ގުނަވަނަކީ ނޭފަތެވެ. ވަސް ދެނެގަތުމުގެ ގާބިލިއްޔަތު ލިބިފައިވާ ނާރުތަކުގެ ނިމުން ތައް ހުންނަނީ ނޭފަތުގެ ފުރާޅުގައެވެ. އެގޮތުން މިބުނި ނާރުތަކުގެ ނިމުން ވައިގެ ތެރޭގައި ދައުރުވަމުންދާ ވަހުގެ ސަބަބުން ހީވާގިވެ، ހަރަކާތްތެރިވާން ފަށައެވެ. އެގޮތުން ނާރުތަކުގެ ނިމުން ތައް ހީވާގިވެ ހަރަކާތްތެރިވުމުން އުފެދޭ މެސެޖުތައް "އޮލްފެކްޓަރީ ނާރު"(Olfactory nerve) ގެ އެހީގައި ސިކުނޑިއަށް ފޯރައެވެ. އަދި އެމީހަކަށް އޭރަކު ދުވި ވަހެއް އިހްސާސް ކުރެވޭނެ އެވެ. ނުވަތަ އެވަސް ދުވާނެއެވެ.
·         ވައި ފުރޭނުން
·         ވައި ހޫނުކޮށްލުން
·         ވައިގެ ތެރޭގައި ތެތްކަމެއް އުފެއްދުން
·         ބަސްމޮށުންތެރިކަމުގައި ތަފާތު އަޑުތައް އުފެއްދުމުގައި ބައިވެރިވުން

No comments:

Post a Comment