Saturday, May 25, 2013

ދޫނި ރޯގާ - އެޗް7 އެން9

ދޫނި ރޯގާ – އެޗް7 އެން9
އިންފުލުއެންޒާ އޭ ވައިރަސްގެ ތަފާތު ސްޓްރެއިންތައް ހިމެނެއެވެ. އެގޮތުން ތާރީޚުގައި އިންފުލުއެންޒާ ވައިރަސް އޭގެ އެކި ސްޓްރެއިންތަކުގެ ސަބަބުން ބަލިތައް ފެތުރި އެތައް ބަޔަކު ދުނިޔެދޫކޮށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. ފަހުގެ ތާރީޚެއްގައި މިގޮތުން ފާހަގަ ކުރެވިފައިވަނީ 2005 ހިސާބުގައި ޗައިނާ އިން ފެނުނު ދޫނި ރޯގާ – އެޗް5 އެން1 އަދި އޭގެ ފަހުން ފެންމަތިވެގެންދިޔަ އޫރު ރޯގާ – އެޗް1 އެން1 އެވެ. މުޅިން އަލަށް ފެނުނު އިންފުލުއެންޒާ ވައިރަސް އޭގެ ސްޓްރެއިން އަކުން ޗައިނާގައި ދޫނިތަކާ އިންސާނުންނަށް ދަނީ ބަލިމަޑުކަން ކުރިމަތިވަމުންނެވެ. އެގޮތުން މިފަހަރު ފެނުނު އިންފުލުއެންޒާ ވައިރަސް އޭގެ އާ ސްޓްރެއިން އަކީ "އެޗް7 އެން9" އެވެ.

އެޗް7 އެން9 ވައިރަސް ގެ ސަބަބުން ދޫނިރޯގާ ޖެހުނު މީހުންގެ ތެރެއިން 20 އިންސައްތަ މީހުން ވަނީ މަރުވެފައެވެ. މިވައިރަސްގެ ސަބަބުން އުފެދޭ ބަލި ގައިންގަޔަށް އަރާކަން އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. ގިނަ މީހުންނަށް ބަލިޖެހިފައިވަނީ ބަލިޖެހިފައިވާ ދޫނިތަކުގައި އަތްލައި ހެދުމުން ނުވަތަ ބަލީގެ ވައިރަސްއާ ތަޣައްޔަރުވެފައިވާ ތަނެއްގައި އުޅުމުގެ ސަބަބުންކަން ފާހަގަ ކުރެވެއެވެ. 

ސ: އެޗް7 އެން9 ވައިރަސް އަކީ ކޮބާ؟
ޖ: އެޗް7 އެން9 އަކީ އިންފުލުއެންޒާ ވައިރަސް އޭގެ ސްޓްރެއިން އެކެވެ. ދޫނިތަކުގެ ހަށިގަނޑުން ފެންނަ މިވައިރަހުގެ ސަބަބުން އާންމުކޮށް އިންސާނުންނަށް ބަލީގެ ހާލަތު މެދުވެރިއެއް ނުކުރުވައެވެ. 2013 މާރޗު މަހުގެ ފަހުކޮޅުން ފެށިގެން އެޗް7 އެން9 އިންފެކްޝަން އިންސާނުންނާ ދޫނިތަކުގެ ހަށިގަނޑުން ފެންނަމުންދާ ކަމަށް ޗައިނާ އިން ރިޕޯޓްކޮށްފައި ވެއެވެ. މިއީ ކުރިން ފެނިފައިވާ އެޗް7 އެން9 ސްޓްރެއިން އާ ވިރާސީގޮތުން މުޅިން ތަފާތު ސްޓްރެއިން އެކެވެ.

ސ: އެޗް7 އެން9 ގެ އާ ސްޓްރެއިން އިން އިންސާނުންނަށް ބަލިޖެހޭތަ؟
ޖ: އެޗް7 އެން9 ސްޓްރެއިން ގެ ސަބަބުން ކުރިން އިންސާނުންނަށް ބަލިޖެހިފައި ނުވިޔަސް 31 މާރޗް 2013 އިން ފެށިގެން 30 އެޕްރީލް 2013 ގެ ނިޔަލަށް ޗައިނާއިން 126 މީހަކަށް އެޗް7 އެން9 އާ ސްޓްރެއިން ގެ ސަބަބުން ބަލިޖެހިފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ސ: އެޗް7 އެން9 ގެ ސަބަބުން އިންސާނުންނަށް ބަލިޖެހެނީ ކިހިނެއް؟ ދޫނި ރޯގާ ޖެހެނީ ކިހިނެއް؟
ޖ: ޗައިނާއިން ދޫނިތަކުގެ ހަށިގަނޑުން ބަލި ފެނުނު ބައެއް ހިސާބުތަކުގައި އިންސާނުންނަށް ވެސް މިބަލިޖެހިފައި ވެއެވެ. ލިބިފައިވާ ހެކިތަކަށް ބަލާއިރު ގަބޫލުކުރެވެނީ އިންސާނުންނަށް ބަލިޖެހިފައިވަނީ ބަލިޖެހިފައިވާ ދޫނިތަކާ ގައިގޯޅިވެ އުޅުމުގެ ސަބަބުން (މަރުވެފައިވާ ނުވަތަ ދިރިތިބި ދޫނިތަކުގައި އަތްލައި އުފުލައި ހެދުން) ނުވަތަ ބަލީގެ ޖަރާސީމު ހުރި ތަނެއްގައި (މިސާލަކަށް ދޫނި ގެންގުޅޭ ކޮށި، ވިއްކާ ފިހާރަ ފަދަ ތަންތަނުގައި) އުޅުމުގެ ސަބަބުންނެވެ.
ބަލިޖެހިފައިވާ ދޫނިތަކުގެ އަނގައިން ބޭރުވާ ދަވަ، ބޮޑުކަމު ނަޖިސް ފަދަ ތަކެއްޗާއެކު ވަރަށް ބައިވަރު ވައިރަސްތައް އެތަކެތީގެ ހަށިގަނޑުން ބޭރު ކުރެއެވެ. ބަލިޖެހިފައިވާ ދޫންޏެއްގައި އަތްލުމަށްފަހު، ނުވަތަ ބަލީގެ ވައިރަސް އާ ތަޣައްޔަރުވެފައިވާ ތަނެއްގައި އަތްލައި ހެދުމަށްފަހު، އެއަތް ނުދޮވެ، ލޯ، ނޭފަތް، އަނގަޔަށް ލައިފިނަމަ، އެމީހަކަށް ބަލިޖެހިދާނެ އެވެ. ލިބިފައިވާ ހެކިތަކަށް ބަލާއިރު ވައިގެ ތެރެއިން ދައުރުވާ ވައިރަސް ސަލާމަތުން ހުރިމީހާގެ ނޭވާލާ ނިޒާމަށް ވާޞިލްވުމުން ވެސް ބަލިޖެހުމަކީ ވެދާނެ ގޮތެކެވެ.

ސ: އެޗް7 އެން9 ގެ ސަބަބުން ދޫނި ރޯގާ ޖެހުމަކީ ނުރައްކާތެރި ކަމެއްތަ؟
ޖ: އެޗް7 އެން9 ގެ ސަބަބުން ބަލި ޖެހުނުކަމަށް ފާހަގަކުރެވުނު ގިނަ މީހުންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިޔަކަން އެނގެން އެބަހުއްޓެވެ. ބައެއް މީހުންނަށް ވަރަށް އާދައިގެ ވަރަކަށް އަރިދަފުސް ރޯގާގެ އުދަނގޫ ވަރަށް އާދައިގެ މިންވަރަކަށް ކުރިމަތި ވެފައި ރަގަޅުވެފައި ވެސް އެބަހުއްޓެވެ. ބަލީގެ ވައިރަސް އަށް ޕޮޒިޓިވް ވި އެއްވެސް މީހެއްގެ ފުށުން އަލާމަތެއް ނުފެނި ގޮސްފައިވާކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ސ: އެޗް7 އެން 9 ވައިރަސްގެ ސަބަބުން މިހާރު އިންސާނުންނަށް ބަލިޖެހެން ދިމާވަނީ ކީއްވެ؟
ޖ: އެޗް7 އެން9 ވައިރަސްގެ ސަބަބުން އިންސާނުންނަށް ބަލިޖެހެން މިފަހުން މިދިމާވެފައިވަނީ ކީއްވެގެން ކަމެއް ނޭގެ އެވެ. ސަބަބަކީ އިންސާނުން ބައްޔަށް ހުށަހެޅުމަށް މެދުވެރިވާ އަސްލު މަޞްދަރު އަދި އެނގިފައި ނުވުމެވެ. ނަމަވެސް މިވައިރަސްތަކުގެ ވިރާސީ ބަހާ ތަހުލީލުކުރި ކުރުމުން އެނގެނީ މިއީ ދޫނިތަކުން އުފަންވެގެން އައި ވައިރަސްތަކެއް ނަމަވެސް މިފަދަ ވައިރަސްތައް ދޫނިތަކަށް ރޯގާ ޖައްސާ އެހެން ވައިރަސްތަކަށްވުރެ ފަސޭހަ ކަމާއެކު މަންމަލި ޖަނަވާރު ތަކަށް ބަލިޖައްސުވާފާނެ ކަމެވެ.

ސ: ކުރިން ފެނިފައިވާ އެޗް7 ގެ ވައިރަސްތަކާ ބެހޭގޮތުން އެނގިފައިވާ ކަންތައްތަކަކީ ކޮބާ؟
ޖ: 1996 ން 2012 އަށް އެޗް7 ވައިރަސްގެ ވައްތަރުތަކުން ( H7N2,H7N3,H7N7) އެކި ފަހަރު މަތިން އެކި ގައުމުތަކުގައި އިންސާނުންނަށް ބަލިމަޑުކަން ކުރިމަތިކުރުވާފައި ވެއެވެ. އެގޮތުން ގިނަ ފަހަރު އިންސާނުންނަށް މިވައިރަސްތަކުގެ ސަބަބުން ބަލިޖެހިފައިވަނީ ދޫނިތަކަށް އާދަޔާ ޚިލާފަށް ގިނައިން މިވައިރަސް ތަކުގެ ސަބަބުން ރޯގާ ޖެހޭ ދުވަސްވަރު ގައެވެ. މައިގަނޑު ގޮތެއްގައި މިވައިރަސްތަކުގެ ސަބަބުން ކުރިމަތިވެފައިވަނީ ލޮލުރޯގާ އާއި އަރިދަފުސް ރޯގާގެ އުދަނގޫތަކެވެ. ނަމަވެސް ނެދަރލޭންޑްގައި އެކަކު މަރުވެފައި ވެއެވެ. މީގެ ކުރިން ޗައިނާއިން އެޗް7 ވައިރަހުގެ ވައްތަރަކުން އިންސާނުންނަށް ބަލިމަޑުކަން ކުރިމަތި ވެފައެއް ނުވެއެވެ.

ސ: އިންފުލުއެންޒާ އޭ (އެޗް7 އެން9) ކުރިން ފެންމަތިވި، އެޗް1 އެން1 އަދި އެޗް5 އެން 1 އާ ތަފާތުތަ؟
ޖ: އެޗް7 އެން 9 ، އެޗް1 އެން1 އަދި އެޗް5 އެން1 މި 3 ވައިރަހަކީ ވެސް އިންފުލުއެންޒާ ވައިރަސް އޭ ގެ ތަފާތު 3 ވައިރަހެކެވެ. ނުވަތަ ތަފާތު 3 ސްޓްރެއިން އެކެވެ. މި 3 ވައިރަހަކީ ވެސް އިންފުލުއެންޒާ އޭ ގެ 3 ސްޓްރެއިން ކަމަށް ވިޔަސް އުފެދިފައިވާ ގޮތުން އެކަތި އަނެކެއްޗާ ތަފާތެވެ. އެޗް7 އެން9 ، އަދި އެޗް5 އެން1 އަކީ ދޫނި ރޯގާގެ ދެވައްތަރު ކަމުގައި ބުނެވިދާނެ އެވެ. އަދި އެޗް1 އެން1 އަކީ އޫރު ރޯގާ އެވެ.

ސ: އެޗް7 އެން9 ގެ ސަބަބުން ޕެންޑެމިކެއް ފެށުމުގެ ބިރުވެރިކަން އެބައޮތްތަ؟
ޖ: ޖަނަވާރުތަކަށް ރޯގާ ޖައްސާ އިންފުލުއެންޒާ ވައިރަސް އަށް އިންސާނުންނަށް ބަލި ޖެއްސުމުގެ ގާބިލްކަން ލިބިއްޖެނަމަ، ނަޒަރީގޮތުން ބަލާއިރު ޕެންޑެމިކެއް (ކުރުމުއްދަތެއްގެ ތެރޭގައި ގިނަ ގައުމުތަކަކަށް ބަލިފެތުރިގެންދިއުން) ފެށުމުގެ ފުރުޞަތު އޮންނާނެ އެވެ. ނަމަވެސް އެޗް7 އެން9 ގެ ސަބަބުން ޕެންޑެމިކެއް ފެށިދާނެއޭ ބުނާކަން އަދި ނޭނގެއެވެ.

ސ: ޞިއްޙީދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެޗް7 އެން9 ގެ ސަބަބުން ދޫނި ރޯގާ ޖެހުމުގެ ފުރުޞަތު ބޮޑުތަ؟
ޖ: ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ އާންމުކޮށް ބަލިމީހުންނާ ގައިގޯޅިވެ އުޅުމުގެ ފުރުޞަތު ބޮޑު ބައެކެވެ. އެހެންކަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ލަފާދެނީ ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކަށް ޞިއްޙީ ޚިދުމަތް ދޭ ތަނުގައި ގަވާއިދުން އަމަލުކުރަމުން ގެންދިއުމެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ފަރާތުގެ ޞިއްޙީ ޙާލަތު ގާތުން ބަލަމުން ގެންދިއުމެވެ. ބަލިޖެހިފައިވާ މީހުންނަށް އަޅާލާ ފަރުވާ ކުރުމުގައި ބައިވެރިވާ ފަރާތްތައް ވަކިން ބޮޑަށް ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމަށް ސަމާލުކަން ދޭންޖެހޭނެ އެވެ.

ސ: އެޗް7 އެން9 ސަބަބުން ދޫނި ރޯގާ ޖެހުމުން ފެނިދާނެ އަލާމަތްތަކަކީ ކޮބާ؟
ޖ: މިބަލީގެ އުދަނގޫތައް ފެށިގެން އަންނަނީ ގަދަހުމާ ކެއްސުމާ އެކުގައެވެ. ބައެއް ފަހަރު ނޭވާކުރުވުމާ، ނޭވާލާން ދަތިވުމަކީ ވެދާނެ ގޮތެކެވެ. ވަރަށް ގިނަ މީހުންގެ ހާލަތު ގޯސްވެ، ނިއުމޯނިޔާ، އަދި އެކިޔުޓް ރެސްޕިރޭޓްރީ ޑިސްޓްރެސް ސިންޑްރޯމް، ސެޕްޓިކް ޝޮކް (ޝޮކުޖެހުން) ފަދަ ހާލަތްތައް ކުރިމަތިވެ، ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތަށް ބުރޫއަރައި، އާޚިރު ނަތީޖާއެއްގެ ގޮތުން ބަލީގައި ރަގަޅުނުވެ ދުނިޔެ ދޫކޮށް ގޮސްފައި ވެއެވެ.

ސ: އެޗް7 އެން9 ވައިރަސް ގައިންގަޔަށް އަރާތަ؟ އަދި މިވައިރަސް ގައިންގަޔަށް އެރުމަކީ އެކަށީގެންވާ ކަމެއްތަ؟
ޖ: ޗައިނާގެ ޞިއްޙީ އިދާރާތަކުން މިބަލީގެ ހާލަތު ވަރަށް ފަރުވާތެރިކަމާއެކު ދިރާސާ ކުރަމުންނެވެ. ބަލިޖެހުނު މީހުންނާ ގައިގޯޅިވެ އުޅުނު އެއްވެސް މީހަކަށް ބަލިޖެހުނުތޯ ބަލަމުން ގެންދެއެވެ. މިގޮތަށް ބަލިޖެހުނު މީހުންނާ ގައިގޯޅިވެ އުޅުނު މީހުންގެ ހާލަތު ބަލަމުންގެންދިއުމަކީ ބަލި ގައިންގަޔަށްއަރާތޯ ޔަގީންކުރުމަށް މުހިއްމު ކަމެކެވެ. އެގޮތުން ބަލިޖެހުނު މީހުންނާ ގައިގޯޅިވެ އުޅުނު މީހުންގެ ތެރެއިން 2000 އަށްވުރެ ގިނަ މީހުން ގެ ހަށިގަނޑު ޗެކްކޮށް ބެލިބެލުމުން މިބަލި ގައިންގަޔަށްއަރާ ކަމުގެ އެއްވެސް ހެއްކެތް އަދި ފެނިފައެއް ނުވެއެވެ.
ޖ: ކުރިން ފެތުރިފައިވާ ތަފާތު ދޫނި ރޯގާ ޖައްސާ ވައިރަސް ތަކަށް ރިއާޔަތްކޮށް ބަލާއިރު، މުސްތަގުބަލުގައި އެޗް7 އެން9 ގައިންގަޔަށް އެރުމަކީ އެކަށީގެންވާ(ވެދާނެ) ކަމެކެވެ. އިންފުލުއެންޒާ ޖައްސާ ވައިރަސް ތަކަކީ ވަރަށް އަވަސް އަވަހަށް އޭގެ ވިރާސީ އޮނިގަނޑަށް ބަދަލު އަންނަމުންދާ ވައިރަސް ތަކަކަށް ވުމުން ފަސޭހަކަމާއެކު ގައިންގަޔަށް އެރުމުގެ ކުޅަދާނަކަން މިވައިރަސް އަށް ލިބިފައިވޭތޯ ބަލަމުންގެންދިއުމަކީ މުހިއްމު ކަމެކެވެ. ޕެންޑެމިކެއް (ގިނަ ގައުމުތަކަކަށް ކުރުމުއްދަތެއްގެ ތެރޭގައި ބަލިފެތުރިގެން ދިއުން) ފެށުމަށް ފަސޭހަކަމާއެކު އިންސާނުންގެ ތެރޭގައި މިބަލި ގަޔަށްއެރުމަކީ ކޮންމެހެން ބޭނުންވާނެ ކަމެކެވެ. މާނައަކީ އެފަދަ ގޮތަކަށް ބަލި ފެތުރިގެންދާނީ މިވައިރަސް ފަސޭހަކަމާއެކު ގައިންގަޔަށްއަރާ ނަމައެވެ.

ސ: އެޗް7 އެން9 ގެ ސަބަބުން ދޫނި ރޯގާ ޖެހުމުން ދެނެގަންނަނީ ކިހިނެއް؟
ޖ: އެޗް7 އެން9 އާ އެފަދަ އެހެން ވައިރަސްތައް ފަސޭހަ ކަމާއެކު ވަކިކުރުމަށް ހަދާލެވޭ ޓެސްޓެއް އަދި ނެތެވެ. ނަމަވެސް ބަލިޖެހިފައިވާ މީހާގެ ނޭފަތާ، ކަރުތެރެ އަދި ފުއްޕާމެއިން ސާމްޕަލް ނަގައިގެން "ރިއަލް ޓައިމް ރިވާސް ޓްރާންސްކްރިޕްޓޭސް ޕޮލިމެރޭޒް ޗެއިން ރިއެކްޝަން" ކިޔާ ޓެސްޓެއް ހެދެއެވެ. މިއީ ވަކި ޚާއްޞަ ލެބޯޓްރީތަކުގައި ނޫނީ ހެދެން ހުންނަ ޓެސްޓެއް ނޫނެވެ. މިއީ ވަރަށް ފަސޭހަ ކަމާއެކު މިފަދަ ވައިރަސްތައް ދެނެގަނެވިދާނެ އަގުބޮޑު ޓެސްޓެކެވެ.

ސ: އެޗް7 އެން9 ޖެހޭ ދޫނިރޯގާ އަށް ފަރުވާ ކުރުމަށް ބޭހެއް ހުރޭތަ؟
ޖ: އެޗް7 އެން9 ގެ ސަބަބުން ދޫނިރޯގާ ޖެހިއްޖެނަމަ ފަރުވާ ކުރުމުގައި އޮސެލްޓަމިވިރް (ޓެމިފްލޫ) އަދި ޒެނަމިވިރް(ރިލެންޒާ) ބޭނުންކުރުމަށް ސީޑީސީ އިން ލަފާދެއެވެ. މިއީ ކުރިން ފެތުރުނު ދޫނި ރޯގާ – އެޗް5 އެން1 އަދި އޭގެ ފަހުން ފެތުރުނު އޫރު ރޯގާ – އެޗް1 އެން1 އަށް ފަރުވާ ކުރުމަށް ވެސް ބޭނުންކުރެވުނު ބޭސް ތަކެވެ. މިހާތަނަށް ހޯދިފައިވާ ގޮތުން ދޫނި ރޯގާ ޖައްސާ ގިނަ ވައިރަސް ތަކަކީ މިބޭސްތަކަށް ނާޒުކު ވައިރަސް ތަކެކެވެ. މޫސުމީ އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ތަކެކޭ އެއްފަދައިން ދޫނި ރޯގާ ޖައްސާ ވައިރަސް ތަކަކީ ވެސް ވައިރަސް އާ ދެކޮޅަށް ބޭނުންކުރެވޭ ބޭހެއް ކަމުގައިވާ "އެޑެމެންޓޭންސް" އަށް ނުގުޑާ ވައިރަސް ތަކެކެވެ.
އިންފުލުއެންޒާ ޖައްސާ ވައިރަސްތައް ވިރާސީ ބަދަލުތައް އަންނަމުން ދިއުމަކީ އެކަމުގެ ސަބަބުން ބައެއް ފަހަރު މިފަދަ ބޭސްތައް ބޭނުންކުރުމުން އެންމެ އެދެވޭ ނަތީޖާއެއް ނުނިކުމެދާނެ ކަމެކެވެ. މޫސުމީ އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތަކަށް މިހެން ދިމާވެފައިވާތީ، ޗައިނާ އިން އަލަށް ފެނުނު އެޗް7 އެން9 ވައިރަސް އަށް ވެސް މިހެން ދިމާވުމަކީ (މިބޭސް ބޭނުންކުރުމުން އެދެވޭ ނަތީޖާއެއް ނުނިކުތުމަކީ) ވެދާނެ ކަމެކެވެ. އެހެންކަމުން މިހާރު ވެސް މިބޭސްތަކުގެ ސަބަބުން އެޗް7 އެން9 އަށް ހުރި ނާޒުކުކަން ދެނެގަތުމަށް ދިރާސާ ކުރެވެމުން އެބަދެއެވެ.  

ސ: އެޗް7 އެން9 ސަބަބުން ޗައިނާ އަށް ދަތުރުނުކުރުމަށް ބާރުއަޅާތަ؟ އަދި ޗައިނާއަށް ދާނަމަ ސަމާލުވާންޖެހޭ ކަންކަމަކީ ކޮބާ؟
ޖ: އެޗް7 އެން9 ވައިރަސް ފަސޭހަ ކަމާއެކު ގައިންގަޔަށް އަރާކަން އަދި ޔަގީން ކުރެވިފައިނުވާތީ ޗައިނާއަށް ދަތުރުނުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ނުވަތަ އެހެން އެއްވެސް ފަރާތަކުން އަދި ބާރެއް ނާޅައެވެ. އަދި ޗައިނާއަށް ދަތުރު ނުކުރުމަށް އިންޒާރު ދީފައެއް ވެސް ނުވެއެވެ. ނަމަވެސް ޗައިނާއަށް ދަތުރުކުރާ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުވުމަށް ލަފާދެއެވެ. މިސާލަކަށް ދޫނި ފަދަ ތަކެތީގައި އަތްނުލުން، ގިނަގިނައިން އަތްދޮވުން ފަދަ ކަންކަމަށް ބާރުއަޅައެވެ. ކުކުޅާ ދޫނި ފަދަ ތަކެއްޗާ، އެތަކެތީގެ އުފެއްދުންތައް ރަގަޅަށް ރޯފިލާވަރަށް ކައްކައިގެން ބޭނުންކުރުމަށް ބާރުއަޅައެވެ.

ސ: އެއްގަމު މަހާ ދޫނި މަސް ކެއުމަކީ ރައްކާތެރި ކަމެއްތަ؟
ޖ: ރަގަޅަށް ކައްކާފައި ހުރި އެއްގަމު މަސް، ނުވަތަ ދޫނި މަސް ކައިގެން ދޫނި ރޯގާއެއް ނުޖެހޭނެ އެވެ. އާންމުކޮށް ކެއްކުމަށް ބޭނުންކުރާ ހޫނުމިން (70ޑިގްރީ ސެލްޒިއަސް) ގައި އިންފުލުއެންޒާ ވައިރަސްގެ ބާރު ދުއްވާލަ އެވެ. އެހެންކަމުން އެއްގަމު މަހާ ދޫނިމަސް ރަގަޅަށް ރޯފިލާވަރަށް ކައްކައިގެން ބޭނުންކުރުމަކީ މައްސަލަ އެއް ނޫނެވެ. ބަލިޖެހިފައިވާ ޖަނަވާރެއްގެ އެއްގަމު މަސް، ނުވަތަ ބަލިޖެހިގެން މަރުވި ޖަނަވާރެއްގެ އެއްގަމު މަސް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. ރޯކޮށް ހުރި އެއްގަމުމަސް، ނުވަތަ ރަގަޅަށް ނުކައްކައި ހުރި އެއްގަމު މަސް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

ސ: އެޗް7 އެން9 ގެ ސަބަބުން އިންސާނުންނަށް ދޫނި ރޯގާ ޖެހުމުން ރައްކާތެރިވާނީ ކިހިނެއް؟
ޖ: ބަލިޖެހެން މެދުވެރިވާ އަސްލު މަސްދަރާ، އަދި ބަލި ފެތުރޭގޮތް ޔަގީންކަމާއެކު ހޯދިފައި ނުވާތީ، އާންމު އުސޫލުގެ މަތިން ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަށް ސަމާލުކަން ދެވިދާނެއެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         އަތުގެ ސާފުތާހިރުކަމަށް ރައްކާތެރިވުން : ގިނަގިނައިން އަތްދޮވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މިއީ ތަފާތު ބަލިތަކުން ރައްކާތެރިވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން ކެއުމުގެ ކުރިންނާ، ކާނާ ތައްޔާރުކުރުމުގެ ކުރިން،  ފާޚާނާކުރުމަށްފަހު، ދޫންޏާ އެހެނިހެން ޖަނަވާރު ފަދަ ތަކެތި އުފުލާ ހެދުމަށްފަހު، އަތް މާބޮޑަށް ހަޑިވުމުން، އަދި ބަލިމީހަކަށް އަޅާލާ ހެދުމުގެ ކުރިން އަތް ދޮންނަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.
·         އަނގަޔާ ނޭފަތް ނިވާކުރުން : ކެއްސާ ކިނބިހިއަޅާ ހަދާއިރު އަނގަޔާ ނޭފަތް ނިވާކުރުމަކީ ވެސް ރޯގާ ތަކުން ރައްކާތެރިވެ ހުރުމަށާ، އަދި އެހެން މީހުންނަށް ރޯގާ ފެތުރުނަ ނުދިނުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަނގަޔާ ނޭފަތް ނިވާކުރުމަށް ޓިޝޫ ބޭނުންކުރުމަށްފަހު ވަގުތުން ޓިޝޫ ނައްތާލުމަކީ މުހިއްމު ކަމެކެވެ. އަތް ބޭނުންކޮށްފިނަމަ ވަގުތުން އަތްދޮވުމަކީ  ވެސް މުހިއްމު ކަމެކެވެ.

ސ: އެޗް7 އެން9 ވައިރަސް އިން ރައްކާތެރިވުމަށް ވެކްސިނެއް ހުރޭތަ؟
ޖ: އެޗް7 އެން9 ވައިރަސް އިން ރައްކާތެރިވުމަށް އަދި ވެކްސިނެއް އުފައްދާފައެއް ނުވެއެވެ. ބޭނުންވެއްޖެ ހިނދެއްގައި ވެކްސިން އުފެއްދުމަށް ބޭނުންކުރުމަށް "ވެކްސިން ކެންޑިޑޭޓް ވައިރަސް" އެއް އުފެއްދުމުގެ މަސައްކަތް ސީޑީސީ އަދި އެހެން ފަރާތައް ގުޅިގެންދަނީ މަސައްކަތްކުރަމުންނެވެ.
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު:
CDC. (2013, 5 13). http://www.cdc.gov/features/h7n9flu/index.html. Retrieved 5 25, 2013, from http://www.cdc.gov/: http://www.cdc.gov/features/h7n9flu/index.html
CDC. (2013, 5 22). http://www.cdc.gov/flu/avianflu/h7n9-faq.htm. Retrieved 5 25, 2013, from http://www.cdc.gov/: http://www.cdc.gov/flu/avianflu/h7n9-faq.htm
WHO. (2013, 4 30). http://www.who.int/influenza/human_animal_interface/faq_H7N9/en/. Retrieved 5 25, 2013, from http://www.who.int/: http://www.who.int/influenza/human_animal_interface/faq_H7N9/en/




No comments:

Post a Comment