Wednesday, October 21, 2020

ކޮރޮއިޑް

ކޮރޮއިޑް

ކޮރޮއިޑް(Choroid) އަކީ ލޮލުގެ މެދުތެރޭ ލޭއެކުލެވޭ ފަށަލައިގައި ނުވަތަ ލޭނާރީ ފަށަލައިގައި ހިމެނޭ 3 ބައިގެ ތެރެއިން ބަޔެކެވެ. މިއީ ކަޅު މުށި ނުވަތަ ޗޮކްލޭޓް ކުލައަށް ހުންނަ ލެއިން މުއްސަދި، ތުނި ދުއްޔެކެވެ. ލޮލުގެ މެދުތެރޭ ލޭއެކުލެވޭ ފަށަލައިގެ ނުވަތަ ލޭނާރީ ފަށަލައިގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކޮރޮއިޑް އެވެ. އެގޮތުން ލޮލުގެ ބޯޅައިގެ ނުވަތަ ލޮލުގެ ފަހަތު 6/5 ބަޔަކީ މިފަށަލައިގައި (މެދުތެރޭ ލޭއެކުލެވޭ/ ލޭނާރީ ފަށަލައިގައި) ކޮރޮއިޑް އެވެ. ކޮރޮއިޑް ފަހަތުން ދެމެދުން ކުރިޔަސް ނުވަތަ ކުރިމައްޗަށް ގޮސް، ލޮލުގެ އަލިދުލީގައި ހިމެނޭ "އޯރާ ސިރޭޓާ"(ora serrate) އާއި ހަމައަށް ގޮސްފައި ވެއެވެ. ކޮރޮއިޑް ކަޅުކަޅި އާއި ގުޅުވާދެނީ ސިލިއަރީ ބޮޑީ އިންނެވެ. ކޮރޮއިޑްގެ ފަހަތު ބައިގައި ކޮރޮއިޑް ގެ ތެރެއަށް ލޮލުގެ މައިނާރު ވަދެފައި ވެއެވެ. ނިސްބަތުން ކުރިމައްޗަށްވުރެ ފަހަތުގައި ކޮރޮއިޑް ގެ ދުލިފަށް ބޯވާނެ އެވެ.


ކޮރޮއިޑް އަކީ ލޮލުގެ މެދުތެރޭގައި ލޭ އެކުލެވޭ ފަށަލައިގެ ބައެއް ކަމުގައިވުމުން ކޮރޮއިޑްގެ ބޭރު ސަތަހަ އޭގެ މަތީގައިވާ ފަށަލައިގައި ހިމެނޭ ހުދުކަޅި އާއި ގުޅުވައިދެނީ ވަރަށް ދޫކޮށް ހުންނަ "ލެމިނާ ސްޕްރަކޮރޮއިޑޭ"(lamina suprachoroidea) އޭ ކިޔާ ތުނި ދުއްޔެއް މެދުވެރިވެގެންނެވެ. އަދި އެތެރޭ ސަތަހަ ތަތްވެފައިވަނީ ލޮލުގެ އެތެރޭ ނާރީ ފަށަލައިގައި ހިމެނޭ ލޮލުގެ އަލިދުލީގެ "ޕިގްމެންޓެޑް" ފަށަލަ އާއެވެ.

ކޮރޮއިޑް އެކުލެވިގެންވާގޮތް

ކޮރޮއިޑް މައިގަނޑު ގޮތެއްގައި އެކުލެވިގެންވަނީ ބޯކޮށް ހުންނަ "ކެޕިލަރީ ޕްލެކްސަސް"(capillary plexus) ތަކުގެ މައްޗަށެވެ. މީގެ އިތުރުން ކޮރޮއިޑް ގައި މިޕްލެކްސަސް ތަކަށް ސާފުލޭ ފޯރުކޮށްދޭ، އަދި ޕްލެކްސަސް ތަކުން ނުސާފުލޭ އަނބުރާ ގެންގޮސްދޭ ކުދި ލޭހޮޅިތައް (Arteries & veins) އެކުލެވިގެން ވެއެވެ. ކޮރޮއިޑް ބޭރު ސަތަހައިގައި ވަރަށް ތުނި ލޭއެކުނުލެވޭ ލެމިއްލާ އިން(non vascular lamellae) އުފެދިފައިވާ "ލެމިނާ ސްޕްރަކޮރޮއިޑޭ"(lamina suprachoroidea) އޭ ކިޔާ ތުނި ދުއްޔެއްވެއެވެ. ކޮންމެ ލެމިއްލާ އިން އެކުލެވިގެންވަނީ ވަރަށް ހިމަ ސާދާ އިލާސްޓިކް ފައިބަރުގެ ވިއުގަ އަކުންނެވެ. ލެމިއްލާ ތަކުގެ ދެމެދުގައި ނުވަތަ އޭގެ ތެރޭގައި ކަފިވެފައިވާ "ޕިގްމެންޓެޑް ސެލް"(branched pigmented cells) ތައް ހުރެއެވެ. ލެމިއްލާ ތަކުގެ ދެމެދުގައިވާ ހުސްޖާގައަށް ވާގޮތަށް އޭގެ ބަތާނަފަށް(endothelium) ވެއެވެ. މިބައި ހުޅުވިފައިވަނީ ކޮރޮއިޑްގެ ތެރޭގައި ލިމްފް ދައުރުވާ ޖާގަ(perichoroidal lymph space) ތަކަށެވެ. ކޮރޮއިޑްގައި ހިމެނޭ މިފަދަ ލިމްފް ސްޕޭސް ތަކާއި، ހުދުކަޅީގައިވާ ލިމްފް ސްޕޭސް ތައް(periscleral lymph space) ގުޅުވައިދެނީ ހުދުކަޅީގައިވާ ހޮއި(perforations) ތައް މެދުވެރިވެގެންނެވެ. މިހޮއި ތަކުގެ ތެރެއިން ލާފައި ލޭހޮޅިތަކާއި، ފަތިނާރުތައް ގޮސްފައި ހުރެއެވެ.

ބަޔާންކުރެވުނު ލެމިއްލާ ގެ އެތެރެއިން ދެން އިންނަނީ "ކޮރޮއިޑް ޕްރޮޕަރ"(choroid proper) އެވެ. ކޮރޮއިޑް ޕްރޮޕަރ އެކުލެވިގެންވަނީ ދެފަށަލައެއްގެ މައްޗަށެވެ.

(ހ) ބޭރަށް އިންނަ ފަށަލަ "ލެމިނާ ވެސްކިޔުލޯސާ" (lamina vasculosa): މިބައިގައި އެކުލެވިގެންވަނީ ސާފުލޭ އުފުލައިދޭ ހޮޅިތަކާއި، ނުސާފުލޭ އަނބުރާ ގެންގޮސްދޭ ލޭހޮޅިތަކުގެ މައްޗަށެވެ. މިލޭހޮޅިތަކުގެ ދެމެދުގައިވާ ޖާގައިގައި ޕިގްމެންޓެޑް ސެލްތައް ހުރެއެވެ. މިފަށަލައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުރު ސިލިއަރީ އާޓަރީ(short ciliary arteries)ތަކުގެ ބޮޑެތި ގޮފިތަކާއި، އާޓަރީތަކާއި ވެއިންތައް ގުޅުވައިދޭ ކުދިކުދި ހިމަ ލޭހޮޅ(capillaries)ިތަކާއި، އަދި ނުސާފުލޭ އުފުލައިދޭ "ވީނޭ ވޯޓިކޯރސޭ" (venae vorticosae)ކިޔާ ލޭހޮޅިތަކެވެ. މިލޭހޮޅިތަކުގެ ދެމެދުގައި ތަރި-ބައްޓަމަށް ހުންނަ ޕިގްމެންޓެޑް ސެލްތައް ހުރެއެވެ. މިސެލްތަކުގެ ޕްރޮސެސްތައް ކައިރީގައިވާ ސެލްތަކާ މުއާމަލާތްކުރެއެވެ. އަދި އެގޮތުގެ މަތިން "ސްޓްރޯމާ" އުފެދިގެން ދެއެވެ.

(ށ) އެތެރޭގައިވާ ފަށަލަ "ލެމިނާ ކޮރިއޯކެޕިލާރިސް" (lamina choriocapillaris): މިފަށަލަ އެކުލެވިގެންވަނީ ކުރު ސިލިއަރީ ލޭހޮޅިތަކުން (އާޓަރީ ތަކާއި، ވެއިންތަކުން) އުފެދިފައިވާ ވަރަށް ކުދިކުދި ހިމަ "ކެޕިލަރީ ޕްލެކްސަސް" އިންނެވެ. ކޮރޮއިޑް ގެ ފަހަތުބަޔަށްވުރެ ކުރިމަތީ ބައިގައި މިވިއުގަ ގާތްވެފައި، އުފެދިފައިވާލެން ރަނގަޅެެވެ.

މަތީގައި ބަޔާންކުރެވުނު ދެ ލެމިނާ ގުޅިފައިވަނީ ވަރަށް ހިމަ އިލާސްޓިކް ފައިބަރުތަކުން އުފެދިފައިވާ "ސްޓްރޭޓަމް އިންޓަމީޑިއަމް"(stratum intermedium) އިންނެވެ. ލެމިނާ ކޮރިއޯކެޕިލާރިސް ގެ އެތެރޭ ސަތަހައިގައި ވަރަށް ތުނިތުނި އޮނިގަނޑެއް ނެތް، ފައިބަރީ ދުއްޔެއް ވެއެވެ. މިދުއްޔަށް ކިޔަނީ "ލެމިނާ ބޭސާލިސް"(lamina basalis) އެވެ. މިދުލި އިންނަނީ ކޮރޮއިޑްގެ ސްޓްރޯމާ(choroid stroma) އާއި ގުޅިފައެވެ. އަދި ލޮލުގެ އަލިދުލީގެ ޕިގްމެންޓަރީ ފަށަލަ އާއި ކޮރޮއިޑްގެ ސްޓްރޯމާ ވަކިކޮށްދެނީ ވެސް މިތުނި ދުލިންނެވެ.

ކޮރޮއިޑްގެ ވަޒީފާ ނުވަތަ ކޮރޮއިޑް އިން ފުރިހަމަކޮށްދޭ މަސައްކަތްތައް

1. ކޮރޮއިޑް އަކީ ލޭނާރީ ފަށަލަ އެއްކަމުން ލޮލަށް ލޭ ފޯރުކޮށްދިނުމުގައި ކޮރޮއިޑް ބައިވެރި ވެއެވެ.

2. ލޮލުގެ އެތެރޭގެ ޕްރެޝަރު ދަމަހައްޓައިދެނީ ކޮރޮއިޑްގެ ލޭހޮޅިތަކުގައި ހުންނަ ލޭގެ ޕްރެޝަރުންނެވެ.

3. ކޮރޮއިޑް އަކީ "މިލަނިން"(melanin) އިން މުއްސަދި ތަނެކެވެ. ކޮރޮއިޑް ކަޅުމުށި ނުވަތަ ޗޮކްލެޓް ކުލައިގައި ހުންނަނީ މިހެންވެގެންނެވެ. އަދި މެލަނިން ހުރުމުގެ ސަބަބުން ލޮލުބޯޅައިގައި ނުވަތަ ލޮލުގައި އަނދިރި ކޯޓެއް އުފެދެއެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ލޮލުގެ ތެރެއަށް އަލީގެ ދޯދިތައް ރިފެރިވެގެންދިއުމުން މިއަނދިރި ކޯޓު ހުރަސްއަޅާނެތީ އެވެ. އަދި މިކަމުގެ ސަބަބުން ލޮލަށް ރައްކާތެރިކަމާއި، ހިމާޔަތް ލިބިގެންދެއެވެ.

4. ސިލިއަރީ މަސްކޮޅު(ciliary muscles) ތައް ހިފެހެއްޓިފައި ނޫނީ ހަރުލާފައި ހުންނަނީ ކޮރޮއިޑް ގައެވެ.

5. ލޮލުގެ އަލިދުއްޔަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުން : ކޮރޮއިޑް އަކީ ލޭނާރީ ފަށަލައެއް ކަމުން ލޮލަށް ބޭނުންވާ ލޭފޯރުކޮށް ދިނުމުގައި ކޮރޮއިޑް ބައިވެރިވެއެވެ.

6. ލޮލުގެ ކަޅުކަޅި އާއި ސިލިއަރީ ބޮޑީ އަށް ލޭހޮޅިތަކާއި، ފަތިނާރުތައް ފޯރުކޮށް ދިނުމުގައި ވެސް ކޮރޮއިޑް ބައިވެރިވެއެވެ.

ހަވާލާ

·         https://www.bartleby.com/107/225.html

  

No comments:

Post a Comment