Thursday, September 19, 2019

އޮސްޓިއޯއާތުރައިޓިސް

އޮސްޓިއޯއާތުރައިޓިސް(މަޑުކަށިގިރޭ ބަލި)
އޮސްޓިއޯއާތުރައިޓިސް(Osteoarthritis) އަކީ ހުޅުތައް ދުޅަވުމުގެ ވައްތަރެކެވެ. މިބައްޔަށް ދިވެހިބަހުން "މަޑުކަށިގިރޭ ބަލި" މިހެން ބައެއް ފަރާތްތަކުން މުޚާތަބުކޮށްއުޅޭކަން ފާހަގަ ކުރެވެއެވެ. ފަހަރުގައި މިހެން ކިޔަނީ މިބަލީގެ ސަބަބުން ހުޅުތަކުގެ ދެމެދުގައި މަޑުކަށިކޮޅު(Cartilage) ނުވަތަ ކާޓިލޭޖު، ނޫނީ ލޮނދިފަށް ހަލާކުވެ، ވީދި، ގިރެމުންދާތީ ކަމަށް ވެދާނެ އެވެ. ހުޅުތައް ދުޅަވުމުގެ ވައްތަރުތަކުގެ ތެރެއިން އެންމެ އާންމު އެއްވައްތަރަކީ ވެސް އޮސްޓިއޯއާތުރައިޓިސް އެވެ. އެންމެ އާންމުކޮށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވަނީ އަތްތިލައިގެ ހުޅުތަކާއި، ޅިނދުހުޅު، މައިބަދަ، އަދި ކަކުލު ހުޅަށެވެ. 


އޮސްޓިއޯއާތުރައިޓިސްގެ ސަބަބުން ދެހުޅުދޭތެރޭގައި މަޑުކަށިކޮޅު ހަލާކުވެ، އޭގެ ޖެހިގެން ހުޅުގައި ހިމެނޭ ކަށިތަކަށް ބަދަލުތައް ގެނުވައެވެ. މިބަދަލުތައް ކަށިތަކަށް އަންނަނީ ލަސްލަހުންނެވެ. އަދި ދުވަސްވާރަކަށް ކަށިތަކުގެ ހާލަތު ގޯސްވަމުންދާނެ އެވެ. އޮސްޓިއޯއާތުރައިޓިސްގެ ސަބަބުން ހުޅުގައި ރިހުން، ހުޅުހަރުއެރުން، އަދި ހުޅުދުޅަވުން ކުރިމަތިކުރުވައެވެ. ހުޅުތަކުގެ މަސައްކަތްތައް ދަށްވެ، ނުކުޅެދުންތެރިވާ ހާލަތަށް ކަންތައްތައް ގެންދެއެވެ. މާނައަކީ އާންމު ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ކުރުމަކީ އޮސްޓިއޯއާތުރައިޓިސް ހުންނަ މީހުންނަށް ބައެއް ފަހަރު ދަތިކަމަކަށް އޮންނަނީ ވެފައެވެ.

ސަބަބު
އޮސްޓިއޯއާތުރައިޓިސް ކުރިމަތިވަނީ ދެހުޅު ދޭތެރޭގައި ހުންނަ މަޑުކަށިތައް  ހަލާކުވެ، ވީދި، ގިރެން ފެށުމުންނެވެ. ހުޅުގެ ދެމެދުގައި ހުންނަ މަޑުކަށި ނުވަތަ ކާޓިލޭޖް އަކީ ސާބިތުކޮށް ހުންނަ، ލޮނދި، ލޫންދާލާ ސެލޯއްޓެކެވެ. މިސެލޯށީގެ ސަބަބުން ހުޅުއުފެދުގައި އިންނަ ދެކަށިކޮޅު ޖެހި، ގޭނުމަކާ ނުލައި، ހުޅު ލަންބައި، ހަރަކާތްކޮށް ހެދޭނެ އެވެ. ނަމަވެސް އޮސްޓިއޯއާތުރައިޓިސްގެ ސަބަބުން މިގޮތަށް ހުންނަ މަޑުކަށިކޮޅު ގިރުމުން ދެކަށިގަނޑު ޖެހި، ގޭނެން ފަށައެވެ. 

މަގުފަހިކުރާ ކަންތައްތައް
(ހ) ހުޅަށް އަނިޔާވުން، ނޫނީ މާބޮޑަށް އެހުޅެއްގެ ބޭނުންހިފަންޖެހުން : މިސާލަކަށް ހުޅުގެ ކަށިތަކަށް ލިބޭ އަނިޔާތައް ( ކަށިގަނޑެއް ބިދުން، ރެނދުއެޅުން، ލިގަމެންޓެއް ވީދައިގެންދިއުން، އަދި ހުޅުގެ އޮޕަރޭޝަނެއް ކުރުން) އަބަދު ހުޅު ލަންބައިގެން އިންނަންޖެހުން، ގިނައިރު ކޮޅަށް ހުންނަން ޖެހުން، މާގިނައިން ބަރު އެއްޗެހި އުފުލުން ނޫނީ އުފުލަންޖެހުން، ނޫނީ ތަކުރާރުކޮށް ހުޅަށް ބާރުބޮޑުވުން ފަދަ ކަންތައްތަކަކީ ހުޅަށް ގެއްލުންވެ، އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. އެކްސިޑެންޓް ތަކާއި، ކުޅިވަރު ކުޅުމުގެ ތެރޭގައި ހުޅަށް ލިބޭ އަނިޔާގެ ސަބަބުން ވެސް އޮސްޓިއޯއާތުރައިޓިސް އަށް މަގުފަހިކުރާކަން ފާހަގަ ކުރެވެއެވެ. 

(ށ) މާބޮޑަށް ބަރުހެލިވެ، ފަލަވުން : ހަށިގަނޑު މާބޮޑަށް ބަރުހެލިވެ، ފަލަވުމަކީ ހުޅުތަކަށް ބާރުކުރާނެ ކަމެކެވެ. ޚާއްޞަކޮށް ހަށިގަނޑުގެ ބަރުދަން ބަރޯސާވާ ހުޅުތަކަށް މިސާލަކަށް ކަކުލުހުޅާއި، ޅިނދުހުޅު ފަދަ ހުޅުތަކަށް ބާރުބޮޑުވާނެ ކަމެކެވެ. މިގޮތަށް ހުޅުތަކަށް ބާރުބޮޑުވުމަކީ އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުވާ ކަމެކެވެ. ހަށިގަނޑު ބަރުހެލިވާ ވަރަކަށް އޮސްޓިއޯ އާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. މީގެ ހަށިގަނޑުގައި ގިނަވާ ފެޓް ޓިޝޫ ތަކުން އުފައްދާ ޕްރޮޓީން ނުވަތަ އިންފްލެމޭޓަރީ ކެމިކަލް ސައިޓޯކައިން ގެ ސަބަބުން ވެސް ހުޅުތަކަށް ގެއްލުންވެ، ހުޅުވަށައިގެން ދުޅަވުން ކުރިމަތި ކުރުވައެވެ. 

(ނ) ތަކުރާރުކޮށް ހުޅަށް ބާރުބޮޑުވުން : ކުޅޭ ކުޅިވަރެއްގެ ސަބަބުން ނޫނީ ވަޒީފާގެ ގޮތުން ނަމަވެސް ތަކުރާރުކޮށް ވަކި ހުޅަކަށް ބާރު ބޮޑުވެއްޖެނަމަ، އެހުޅަކަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. 

(ރ) އުފެދުމުގައި ކަށީގައި ހުންނަ އައިބުތައް : ބައެއް މީހުން އުފަންވާއިރު ހުޅެއް ރަނގަޅަށް އުފެދިފައި ނުހުރެދާނެ އެވެ. ނޫނީ މަޑުކަށިކޮޅު ރަނގަޅަށް ނުއުފެދި ހުރެދާނެ އެވެ. މިފަދަ ހާލަތްތަކުގެ ސަބަބުން ވެސް އޮސްޓިއޯއާތުރައިޓިސް އަށް މަގުފަހިކުރެއެވެ.

(ބ) ބައެއް ކަހަލަ މެޓަބޮލިކް ބަލިތައް : މިސާލަކަށް ހަކުރު ބަލި، ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުވުން(Haemochromastosis) ފަދަ ހާލަތްތަކާ ގުޅިގެން އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެއެވެ. 

(ޅ) އުމުރު : އުމުރުން މަތިވާ ވަރަކަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ.

(ކ) ޖިންސް : ފިރިހެނުންނަށް ވުރެ އަންހެނުންނަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ޚާއްޞަކޮށް އުމުރުން 50 އަހަރުން މައްޗަށް ދިއުމަށްފަހު އިތުރުވާކަން ފާހަގަ ކުރެވެއެވެ.

(އ) ވާރުތަވުން : އާއިލާގެ މެންބަރުންގެ ތެރޭގައި އޮސްޓިއޯއާތުރައިޓިސްގެ މައްސަލަ ހުރިނަމަ އެމީހަކަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުކުރުވައެވެ. މީގެ އިތުރުން އަތްތިލައިގެ ހުޅުތަކުގައި އޮސްޓިއޯއާތުރައިޓިސްގެ މައްސަލަ ހުރިނަމަ، އެކަމުގެ ސަބަބުން ކަކުލު ހުޅަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. އުފެދުމުގައި ވިރާސީ ގޮތުން ހުންނަ ބައެއް ކަހަލަ މައްސަލަތަކުގެ ސަބަބުން ވެސް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވެދާނެ އެވެ. މިސާލަކަށް މަޑުކަށި ނުވަތަ ކާޓިލޭޖް ތައް އުފެދުމަށް ބޭނުންވާ ''ކޮލަޖަން" އޭ ކިޔާ ޕްރޮޓީން އުފެދުމުގައި އުނިކަމެއް ހުރިނަމަ، ނޫނީ ހަށިގަނޑުގައި އެ ޕްރޮޓީން އުފެއްދުމުގައި މައްސަލައެއް އުޅޭނަމަ އެކަމުގެ ސަބަބަން އޮސްޓިއޯއާތުރައިޓިސް ކުރިމަތި ވެދާނެ އެވެ. 

(ވ) ނަސްލު : އޭޝިޔާގެ ބައެއް ނަސްލުތަކުގެ މީހުންނަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް ކުޑަކަން ފާހަގަ ކުރެވެއެވެ.

އަލާމާތްތައް
އޮސްޓިއޯއާތުރައިޓިސްގެ އަލާމާތްތައް ފެންނަމުން އަންނާނީ މަޑުމަޑުން، ލަސްލަހުންނެވެ. އަދި ގިނަ ދުވަސްވާވަރަކަށް އަލާމާތްތައް އިތުރުވެ، ގޯސްވަމުންދާނެ އެވެ. މިބައްޔާއި ގުޅިގެން ފެނިދާނެ އަލާމާތްތަކާ، ނިޝާންތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·         ހުޅުގައި ރިހުން : ހުޅުތައް ހަރަކާތްކުރުމުން، ނޫނީ އޭގެ ފަހުން  ތަދާއި ރިހުން، ހުންނާނެ އެވެ.
·         ހުޅު ހަރުއެރުން : ހުޅު ހަރުއަރާފައި ހުންނަކަން އެންމެ ބޮޑަށް ފާހަގަވާނީ ހެދުނު ހޭލާއިރު، ނޫނީ ޖިސްމާނީ ހަރަކާތެއް ނުކޮށް ގިނަވަގުތު ހޭދަކުރުމަށްފަހު، ޖިސްމާނީ ހަރަކާތެއް ކުރަން ފެށުމުންނެވެ.
·         ބީހިލުމުން ރިހުން : މަޑުން މަޑުން ފިތާލި ނަމަވެސް، ނޫނީ ކައިރީގައި އަތް ހާކާލި ނަމަވެސް ތަދާއި ރިހުން އިހުސާސް ވެދާނެ އެވެ.
·         ހުޅުގެ ހަރަކާތްތެރިކަން ނޫނީ ހުޅަށް ލިބިފައިވާ އެކި ފަރާތަށް ލަންބައި، ދެމިހެދުމުގެ ގާބިލިއްޔަތު ގެއްލުން : ހުޅު ލަންބަންޖެހޭ މިންވަރަށް ނުލެންބުން، ނޫނީ އަތްފައިގެ ހުޅުތަކުގައި އޮސްޓިއޯއާތުރައިޓިސް ހުރުމުގެ ސަބަބުން އަތްފައި ދަމާލަންޖެހޭ ވަރަށް ދަމާނުލެވުން އެއީ ވެދާނެ ކަމެކެވެ.
·         ހުޅުތެރެއިން އަޑުކިޔުން : ހުޅު ހަރަކާތްކުރާއިރު، ނޫނީ ހުޅު ލަންބާއިރު ހުޅުން އަޑުކިޔުމަކީ އެކަށީގެންވާ ކަމެކެވެ.
·         އިތުރު ކަށިކޮޅު އުފެދުން : އޮސްޓިއޯއާތުރައިޓިސް ހުންނަ ހުޅުގެ ވަށައިގެން ހުންނަ ހިސާބު އިތުރު ކަށިކޮޅު އުފެދުމަކީ ވެސް ވެދާނެ ގޮތެކެވެ.
·         ހުޅު ދުޅަވުން : އާންމު ގޮތެއްގައި ހުޅު ދުޅަވަނީ ހުޅުގެ ވަށައިގެން ހުންނަ އެހެނިހެން މަޑު ސެލޯށިތައް ދުޅަވާތީ އެވެ.
އޮސްޓިއޯއާތުރައިޓިސް ދިމާވާ ހުޅެއްގެ މައްޗަށް ރިއާޔަތްކޮށް ކުރިމަތިވާ އުދަނގޫތަކުގައި ތަފާތު ކަމެއް ހުރުމަކީ ވެދާނެ ކަމެކެވެ. އެންމެ އާންމުކޮށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވާ ހުޅުތަކާ ހިސާބުތައް ތިރީގައި މިވަނީ އެވެ.
·         އުކުޅުވަޅު ހުޅު : އުކުޅުވަޅާއި، އުނަގަނޑު، އަދި ފައިގެ ފަލަމަސްގަނޑުގައި ރިހުން ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
·         ކަކުލު ހުޅު : ކަކޫ ހަރަކާތްކުރުމުން ކަކުލު ހުޅުން އަޑުކިޔާނެއެވެ.
·         އަތުގެ އިގިލިތައް : ހުޅުތައް ކައިރިން އިތުރުކަށިކޮޅުތައް އުފެދި، އިގިލިތައް ދުޅަވެ، ރަތްވެ، ބީހިލުމުން ތަދު އިހުސާސް ކުރެވޭނެ އެވެ.
·         ފައިތިލަ : ބޮޑުވައި އިގިލީގައި ބުޑުގައި އިންނަ ބޮޑު ހުޅަށް ތަދުވެ، ރިއްސާނެއެވެ. ފައިގެ އިގިލިތައް ދުޅަވެ، ނޫނީ ތަނބިކަށި ދުޅަވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ދިގުލައިދިއުމުން ދިމާވެދާނެ މައްސަލަތައް
އޮސްޓިއޯއާތުރައިޓިސް އަކީ ގިނަ ދުވަސްވާވަރަކަށް ގޯސްވަމުންދާ ބައްޔަކަށްވުމާއެކު، ހުޅުގައި ދާއިމީ ތަދެއް ނޫނީ ރިހުން ހުރުމަކީ އެންމެ އާންމު އެއް މައްސަލަ އެވެ. ހުޅުގައި ރިހުމާއި، ހުޅުހަރުއެރުން ފަދަ ކަންކަމުގެ ސަބަބުން ހުޅު ލަންބަން އުދަނގޫވެ، ދިރިއުޅުމުގެ ބޭނުންތައް ފުއްދުމުގައި ދަތި އުދަނގުލާ ކުރިމަތިލާންޖެހެއެވެ. މާނައަކީ ހެލިފެލިވެއުޅުން މަދުވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން އިތުރުވުމާއި، އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވެ، ބަރުހެލިވެގެން ދެއެވެ. އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވެ، ބަރުހެލިވުމަކީ ހަކުރު ބަލި، ހިތުގެ ބަލި، ސަރުބީ މަތިވުން، އަދި ލޭމައްޗަށްދިއުން ފަދަ ނުރައްކާތެރި މައްސަލަތަކަށް މަގުފަހިކުރާނެ ކަމެކެވެ. 

އޮސްޓިއޯއާތުރައިޓިސްގެ ސަބަބުން ބައެއް މީހުންނަށް މާޔޫސްވުމުގެ ބަލި، އަދި ނިދިނައުން ފަދަ މައްސަލަތައް ކުރިމަތިވުމަކި އެކަށީގެންވާ ކަމެކެވެ. ވެއްޓުމާއި، ކަށިގަނޑު ބިއްދައިގެން ދިއުން ފަދަ ކަންކަމަކީ ވެސް އޮސްޓިއޯއާތުރައިޓިސްގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތަކެވެ. 

ދެނެގަތުން
އޮސްޓިއޯއާތުރައިޓިސް ދެނެގަންނަނީ ޑޮކްޓަރުން ބަލާބެލުންތަކާ ހަދާ ޓެސްޓުތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. ޑޮކްޓަރުން ހުޅުތައް ބަލައިހަދާއިރު، ހުޅުގައި ބީހިލުމުން ރިހުން ހުރުން، ދުޅަހުރުން، ހުޅުގައި ހޫނުކަމެއް ހުރިތޯ ބެލުން، ރަތްކަމެއް ހުރިތޯބެލުން، ފަދަ ކަންކަން ހުރިތޯ ބަލައި ޔަގީންކުރާނެއެވެ. އޮސްޓިއޯއާތުރައިޓިސް ހުރިކަން ދެނެގަތުމަށް ހަދައިފާނެ ބައެއް ޓެސްޓުތައް ތިރީގައި މިވަނީ އެވެ. 

އިމޭޖިންގ ޓެސްޓުތައް
(ހ) އެކްސްރޭ ނެގުން (chest x ray): މަޑުކަށި ގިރޭކަން ސީދާ އެކްސްރޭ އިން ނޭނގިދާނެއެވެ. ނޫނީ ފެންނަން ނުހުރެދާނެ އެވެ. މަޑުކަށި ގިރޭނަމަ ހުޅުގެ ދެކަށިގަނޑުގެ ދެމެދުގައިވާ ޖާގަ ހަނިވަމުންދާކަން ފާހަގަ ކުރެވޭނެ އެވެ. ހުޅުގެ ވަށައިގެންވީ ސަރަހައްދުގައި އިތުރުކޮޅު ކަށިކޮޅެއް(bone spurs) އުފެދޭނަމަ އެކަން އެކްސްރޭ އިން ފެންނަށް ހުންނާނެ އެވެ. 

(ށ) މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ހެދުން (MRI): އެމްއާރުއައިގެ އެހީގައި  ރޭޑިޔޯ ރާޅުބާނި ތަކާއި، ބާރުގަދަ ދަގައްފާނީ ފީލްޑް ބޭނުންކޮށްގެން ކަށިތަކާއި، މަޑުކަށިތައް، އަދި ހުޅުގެ ވަށައިގެންވާ މަޑު ސެލޯށިތަކުގެ ތަފްސީލީ މަންޒަރެއް ކުރަހައިދޭނެ އެވެ. އޮސްޓިއޯއާތުރައިޓިސްގެ ކޮންމެ ބަލިމީހަކަށް އެމްއާރުއައި ހަދާކަން ނުޖެހޭނެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ނޫނީ ނާޒުކު ހާލަތްތަކުގައި ނުރައްކާތެރި ކަމެއް ހުރިތޯ ދެނެގަތުމަށް އެމްއާރުއައި ހަދަންޖެހިދާނެ އެވެ. 

ލެބޯޓަރީ ޓެސްޓުތައް
(ހ) ލޭގެ ޓެސްޓުތައް : އޮސްޓިއޯއާތުރައިޓިސް ދެނެގަތުމަށް ވަކި ޚާއްޞަ ޓެސްޓެއް ކަނޑައެޅިފައި ނެތަސް ބައެއް ކަހަލަ ލޭގެ ޓެސްޓުތަކުގެ އެހީގައި ހުޅުތައް ދުޅަވުމުގެ އެހެން ބައެއް ވައްތަރުތައް ދެނެގަތުމަށް އެހީތެރިކަން ލިބެއެވެ. މިސާލަކަށް ރޫމަޓޮއިޑް އާތުރައިޓިސް، އަދި ގައުޓީ އާތުރައިޓިސް ފަދަ ހާލަތްތަކުގައި ލޭގެ ޓެސްޓުތައް ހަދައި އުޅެއެވެ. 

(ށ) ހުޅުތެރޭގައި ހުންނަ ދިޔަ ތަހުލީލުކުރުން : މައްސަލަ ހުރި ހުޅުން އިންޖެކްޝަން ކަށްޓެއްގެ އެހީގައި ޑޮކްޓަރުން ހުޅުގެ ތެރެއިން ދިޔަކޮޅެއް ނަގައިފާނެއެވެ. މިދިޔަ ޓެސްޓުކުރަނީ އިންފްލެމޭޝަންގެ ސަބަބު ހޯދުމަށެވެ. ނޫނީ ކްރިސްޓަލް ހުރިތޯ ބެލުމަށެވެ. ޚާއްޞަކޮށް ހުޅު ދުޅަވެފައިވަނީ އިންފެކްޝަންގެ ސަބަބުންތޯ، ނުވަތަ ޔޫރިކް އެސިޑް މަތިވެގެންތޯ ބެލުމަށެވެ. 

ފަރުވާ
އޮސްޓިއޯއާތުރައިޓިސް އަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. އާންމު ގޮތެއްގައި ޑޮކްޓަރުން މަސައްކަތްކުރަނީ އޮސްޓިއޯއާތުރައިޓިސް އާއި ގުޅިގެން ބަލިމީހާއަށް ކުރިމަތިވާ އުދަނގޫތައް ލުއިކޮށްދިނުމަށެވެ. އެގޮތުން ފަރުވާގެ ތެރޭގައި ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުން، ބަރުދަން ލުއިކުރުން، މަސްތަކުގެ ބާރުގަދަކުރުމަށް ކުރެވޭ ކަސްރަތުތައް، އަސާ ނޫނީ އަތްދަނޑި ބޭނުންކުރުން، ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން، ފަދަ ތަފާތު އެކި ކަހަލަ ކަންތައްތައް ހިމެނިފައި ހުރެއެވެ. 

ބޭހުގެ ފަރުވާ
އޮސްޓިއޯއާތުރައިޓިސް އާއި ގުޅުވައިގެން ތަދާއި ރިހުން ލުއިކުރުމަށް ދީއުޅޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ. 

(ހ) އެސިޓަމައިނޯފަން (Acetaminophen): އާދައިގެ މިންވަރަކުން ފެށިގެން ގޮސް މެދުމިންވަރަކަށް ހުންނަ ތަދާއި ރިހުމަށް އާންމު ގޮތެއްގައި އެސިޓަމައިނޯފަން ނުވަތަ ޕެރަސިޓަމޯލްގެ ބްރޭންޑް ތައް ބޭނުންކޮށް އުޅެއެވެ. މާގިނައިން ޕެރަސިޓަމޯލް ބޭނުންކުރުމަކީ ފުރަމޭގެ މަސައްކަތަށް ބުރޫއަރާފާނެ ކަމެއްކަން ހަދާންކުރާށެވެ.

(ށ) ތަދުކަނޑުވާ ބޭސްތައް (NSAIDs): ބުރޫފަން، ޕޮންސްޓަން، ނެޕްރޮކްސިކަމް، ޕައިރޮކްސިކަމް، ވޮލްޓްރަން ފަދަ ތަދުކަނޑުވާ ބޭސްތައް އޮސްޓިއޯއާތުރައިޓިސް އާއި ގުޅިގެން ކުރިމަތިވާ ހުޅުގެ ރިހުން ކުޑަކުރުމަށް ދީއުޅެއެވެ. މިފަދަ ބޭސްތަކުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ބަނޑަށް އުދަނގޫވުން، ހިތާއި ލޭހޮޅިތަކުގެ މައްސަލަތައް، ލޭހިލުން، ގުރުދާ އަދި ފުރަމޭގެ މައްސަލަތައް ހިމެނެއެވެ. މިބޭސްތައް އުގުޅާ ބޭހުގެ ގޮތުގައި ބޭނުންކުރުމުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަވެފައި، މަދުކަން ފާހަގަ ކުރެވެއެވެ.

(ނ) ޑަލްއޮކްސީޓިން  (Duloxetine): މިއީ އާންމު ގޮތެއްގައި މާޔޫސްވުމުގެ ބައްޔަށް ފަރުވާގެ ގޮތުގައި ދޭ ބޭހެއް ނަމަވެސް އޮސްޓިއޯއާތުރައިޓިސް ފަދަ ހާލަތްތަކުގައި ހުޅުތަކުގައި ހުންނަ ދާއިމީ ތަދަށް މިބޭސް ދީއުޅެއެވެ. 

އޮޕަރޭޝަންކުރުން އަދި އެހެނިހެން އިޖުރާއާތުތައް
އޮސްޓިއޯއާތުރައިޓިސް ކުރިމަތިވެފައިވާނަމަ ބައެއް ފަހަރު އޮޕަރޭޝަންކުރުން ނޫނީ އެހެން ބައެއް އިޖުރާއާތްތައް ހަދަންޖެހިދާނެ އެވެ. އެގޮތުން އާންމުކޮށް ކޮށްއުޅޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ހުޅަށް ކޯޓިޒޯން އިންޖެކްޝަން ޖެހުން (Cortisone injection): ހުޅަށް ކޯޓިޒޯން އިންޖެކްޝަން ނުވަތަ ކޯޓިކޯސްޓީރޮއިޑް (ސްޓީރޮއިޑް) އިންޖެކްޝަން ޖެހުމުން ހުޅުގައި ހުންނަ ތަދާއި ރިހުން ކުޑަވެ، ފިލައިދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިއިންޖެކްޝަން ޖެހުމަށްޓަކައި ހުޅުގެ ވަށައިގެންވީ ހިސާބު އައްސިކޮށްލާނެއެވެ. އަދި ހުޅުގެ ތެރެއަށް ސްޓީރޮއިޑް އިންޖެކްޝަން ޖަހާނެއެވެ. އާންމު ގޮތެއްގައި އަހަރެއްގެ ތެރޭގައި ގިނަވެގެންޖެހޭނީ 4-3 އިންޖެކްޝަނެވެ. ސަބަބަކީ މާގިނައިން އިންޖެކްޝަން ޖަހައިފިނަމަ އެކަމުގެ ސަބަބުން ހުޅަށް ލިބިފައިހުރި ގެއްލުން ގޯސްވެގެން ހިގައިދާނެއެވެ. 

(ށ) ތެޔޮ އެކުލެވޭ މާއްދާއެއް ހުޅުގެ ތެރެއަށް ފޮނުވުން (lubricant injection): އިންޖެކްޝަނެއްގެ ގޮތުގައި ހުޅުގެ ތެރެއަށް "ހައިލުރޮނިކް އެސިޑް" ފޮނުވުމުން ހުޅުގެ ތެރޭގައި ލޮނދިކަމެއް އުފެދި، ފަހަރުގައި ތަދު ކުޑަވުމަކީ އެކަށީގެންވާ ކަމެކެވެ. ހައިލުރޮނިކް އެސިޑަކީ ހުޅު ތެރޭގައި ހުންނަ ދިޔައިގައި ހުންނަ މާއްދާތަކާ އެއްގޮތް ކަމެއް ހުންނަ އެއްޗެކެވެ. 

(ނ) ކަށިތައް އަލުން އަތުރާލުން (Realigning bones): އޮސްޓިއޯއާތުރައިޓިސް ގެ ސަބަބުން އެއް ފަރާތުގެ ހުޅަށްވުރެ އަނެއް ފަރާތުގެ ހުޅު މާބޮޑަށް ހަލާކުވެފައިވާ ނަމަ ހުޅުއުފެދިފައިވާ ދެކަށިގަނޑުންކުރެ ކަށިގަނޑަކުން ކަށިފޮއްޗެއް ވަކިކޮށް، އަލުން ކަށިތަކާ ހުޅު ރާވާލައި، ތަރުތީބުކޮށްލަންޖެހިދާނެ އެވެ. މިސާލަކަށް ކަކުލު ހުޅަށް އޮސްޓިއޯއާތުރައިޓިސް ދިމާވެފައިވާނަމަ، ކަކުލުގެ ތިރިން ނުވަތަ މަތިން ކަށިފޮއްޗެއް ނައްތާލުމަށްފަހު، ކަށިފޮތި ނުވަތަ ކަށިކޮޅު ނައްޓާލި ހިސާބުން ގުޅުވާލައިފާނެ އެވެ. 

(ރ) ހުޅު ބަދަލުކުރުން (joint replacement): ހުޅު ބަދަލުކުރާއިރު ހުޅުގެ ސަތަހައިގައި ހުންނަ ބައިތަށް ނެގުމަށްފަހު އޭގެ ބަދަލުގައި ޕްލާސްޓިކް، އަދި މެޓަލް ބައިތައް ހުޅުގެ ތެރެއަށް ލައްވަނީ އެވެ. ހުޅު ބަދަލުކުރުމަށްފަހު، ހުޅުދޫވުން، އަދި ހުޅު އަލުން ބަދަލުކުރަންޖެހުމަކީ ވެސް މަދުން ނަމަވެސް ދިމާވެދާނެ ކަމެކެވެ. ހުޅު ބަދަލު ކުރުމުގެ ސަބަބުން ދިމާވެދާނެ އެންމެ އާންމު ހިރާސް އަކީ އިންފެކްޝަން ހެދުމާއި، ގަނޑުލޭކޮޅު އުފެދުމެވެ. 

އެހެނިހެން ފަރުވާތައް
(ހ) ފިޒިއޮތެރަޕީ (physiotherapy): އާންމު ގޮތެއްގައި ފިޒިއޮތެރަޕީގައި މައްސަލަ ދިމާވެފައިވާ ހުޅުގެ ވަށައިގެންވާ މަސްތައް ވަރުގަދަކޮށް، ތަދުކުޑަކޮށްދީ، މައްސަލަ ދިމާވެފައިވާ ހުޅުގެ އެކިފަރާތަށް ލަންބައި، ދަމައި ހެދުމުގެ ގާބިލިއްޔަތު އިތުރުކުރުމަށް ކުރެވިދާނެ ކަސްރަތުތައް ކޮށްދީ ހަދާނެއެވެ. އަދި މިކަސްރަތުތައް ބަލިމީހާއަށް ވެސް ދަސްކޮށްދޭނެއެވެ. ފެތުމާއި، ހިނގުން ފަދަ ގަވާޢިދުން ކުރެވިދާނެ ބައެއް ކަންކަންކުރުމުން ވެސް މިފަދަ ހާލަތްތަކުގައި ލުއިކަން ހޯދިދާނެއެވެ.

(ށ) އޮކިޔުޕޭޝަނަލް ތެރަޕީ (occupational therapy): އޮކިޔުޕޭޝަނަލް ތެރަޕީގެ އެހީގައި އާންމު ދިރިއުޅުމުގެ އެކި ކަންކަން ފުރިހަމަކުރުމުގައި ފަސޭހަކަމާއި، ލުއިކަން ޚިޔާރުކުރެވޭނެ ގޮތްތައް އޮކިޔުޕޭޝަނަލް ތެރަޕިސްޓް ކިޔައިދޭނެ އެވެ. މިސާލަކަށް ކަކުލު ހުޅަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވެފައިވާނަމަ، ކޮށްޅަންހުރެ ފެންވަރަށް ދަތިވާނަމަ، ފެންވަރާގަޑީގައި ފާޚާނާގައި ގޮޑިއެއް ފަދަ އެއްޗެއް ބަހައްޓައިގެން ފެންވެރިދާނެއެވެ. މިހެން ހެދުމުން ކަކުލުހުޅަށް ކުރާ ބާރު ކުޑަވެ، ތަދާއި ރިހުން ގޯސްވިޔަނުދީ ހިފަހައްޓައިދޭނެ އެވެ. 

ހަވާލާ
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

No comments:

Post a Comment