Wednesday, November 2, 2011

ލޭދައުރުކުރާ ނިޒާމް


ލޭދައުރުކުރާ ނިޒާމް
ލޭދައުރުކުރާ ނިޒާމް ނުވަތަ ހިތާއި ލޭހޮޅިތަކުގެ ނިޒާމަކީ ހަށިގަނޑުގެ އެކި ހިސާބުގައިވާ ސެލްތަކާއި ޓިޝޫތަކަށް ލޭ ފޮނުވައި ދިނުމާއި، އަދި އެޓިޝޫ ތަކުން އަނބުރައި ލޭ ހިތާއި ދިމާލަށް ފޮނުވައި ދިނުމުގައި ޒިންމާވާ ނިޒާމެވެ. ހަށިގަނޑަށް ބޭނުންހުރި ކާނާގެ ބައިތައް ހަށިގަނޑުގެ އެކި ހިސާބުތަކަށް ފޯރުކޮށްދެނީ ވެސް ލޭގެ ޒަރީޢާއިންނެވެ. ހަށިގަނޑުގެ ފިނިހޫނުމިން ސާބިތުކަންމަތީ ހިފަހައްޓައިދީ، އަދި ހަށިގަނޑުގައި ހިމެނޭ އެސިޑް-ބޭސްގެ މިންވަރު ވެސް ހަމަހަމަކަންމަތީ ބަހައްޓައި ދިނުމުގައި ލޭދައުރުކުރާ ނިޒާމް އެހީތެރި ވެދެއެވެ.

ލޭދައުރުކުރާ ނިޒާމްގެ ބައިތައް :
ލޭދައުރުކުރާ ނިޒާމްގައި ހިމެނޭ މައިގަނޑު ބައިތަކަކީ:-
·         ލޭ
·         ހިތް
·         ލޭހޮޅި ތައް
ލޭ
ލޭ އެކުލެވިގެންވަނީ ''ޕްލާޒްމާ''(Plasma)އޭ ކިޔޭ ރީދޫކުލައިގެ ދިޔައަކާއި، އެތައް ބިލިއަން ސެލް ތަކެއްގެ މައްޗަށެވެ. ލޭގެ ސެލްތައް ހުންނަނީ ޕްލާޒްމާގެ ތެރޭގައެވެ. ލޭގައި އެންްމެ ގިނަ އަދަދަކަށް ހިމެނެނީ ލޭގެ ރަތް ސެލް (Red blood Cell) އެވެ. ލޭ ރަތް ކުލައިގައި ހުރުމުގެ ސިއްރަކީ މިސެލްތަކެވެ. މިސެލްތަކަށް ރަތްކަން ލިބެނީ އޭގައި ހިމެނޭ ހިމަގްލޯބިންގެ ސަބަބުންނެވެ. މީގެ އިތުރުން ލޭގެ ހުދު ސެލް (White blood cell) އާއި، ޕްލޭޓްލިޓް (Platelet ) ކިޔާ މާއްދާއެއް ލޭގައި ހުރެއެވެ. ޕްލޭޓްލިޓް އަކީ ލޭގަނޑުވުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ލޭގެ ރަތް ސެލްތައް އޮކްސިޖަން އާއި ކާނާގެ ހަށިގަނޑު ސެލްތައް ފޯރުކޮށްދެއެވެ. ލޭގެ ހުދުސެލްތައް ހަށިގަނޑު ދިފާޢީ ނިޒާމްގެ މަސައްކަތުގައި ބައިވެރިވާއިރު، ޕްލެޓްލެޓްތައް ބައިވެރިވަނީ ހަށިގަނޑު ތެރޭގައި ހިންގާ ލޭމަނާކުރުމުގެ މަސައްކަތުގައެވެ. ލޭގެ ރަތް ސެލްތަކަށް ''އިރިތްރޮސައިޓް''(Erythrocyte)، އަދި ހުދު ސެލްތަކަށް ''ލިއުކަސައިޓް''(Leukocyte) އަދި ޕްލެޓްލެޓް ތަކަށް ''ތްރޮމްބަސައިޓް''(Thrombocyte) އޭ ކިޔައެވެ.

ހިތުން ލޭބޭރުކުރުމުން ހަށިގަނޑުގައިވާ ކުދިބޮޑު ލޭހޮޅިތަކުގެ ޒަރީޢާއިން ހަށިގަނޑުގެ އެކިބައިތަކަށް ކާނާއާއި، އޮކްސިޖަން ގެންގޮސްދެއެވެ. ފުރިހަަމަ މީހެއްގެ ހަށިގަނޑުގައި ގާތްގަނޑަކަށް 5 ލިޓަރުގެ ލޭހުރެއެވެ. އިންސާނާގެ ބަރުދަންގެ %8-7ހިއްސާ ކުރަނީ މިބުނި ލެޔެވެ. ލޭގެ 3- 2.75 ލިޓަރަކީ ''ޕްލާޒްމާ''އެވެ. ބާކީ ބަޔަކީ ލޭގައި އެކުލެވޭ އެކިބާވަތުގެ ސެލްތަކެވެ. މާނައަކީ ލޭގެ %60-55 ހިއްސާކުރަނީ ''ޕްލާޒްމާ''ައެވެ. %45-40 ހިއްސާކުރަނީ އެކި ބާވަތުގެ ސެލްތަކެވެ.

ހިތް
ހިތަކީ ހިތަށް ޚާއްޞަ މަސްތަކަކުން އުފެދިފައި އޮންނަ ގުނަވަނެކެވެ. ހަށިގަނޑު އެކި ހިސާބުތަކަށް ބޭނުންވާ ލޭ ފޮނުވައިދެނީ ހިތުން ކުރިފަޅައި ނިކުމެފައިވާ ބޮޑު ލޭނާރަކުންނެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ''ކާޑިއެކް'' (Cardiac)މިބަހުން ދޭހަވަނީ ''ހިތާއި ގުޅުންހުރި'' މިހެންނެވެ. ހިތް އުފެދިފައިވަނީ ކުރިންވެސް ބުނިހެން ހިތަށް ޚާއްޞަ މަހުގެ ވައްތަރަކުންނެވެ. އެއީ ކާޑިއެކް މަސްލް(Cardiac muscle) އެވެ.

ހިތުގެ މުހިއްމު ބައިތައް
ކަނާތު އެޓްރީއަމް : ކަނާތު އެޓްރީއަމް އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ކަނާތް ފަރާތުން މަތީގައި އިންނަ ބައެވެ. ކަނާތު އެޓްރީއަމް އަށް ''އިންފިރިއާ ވީނާ ކޭވާ''(Inferior vena cava) އަދި ''ސްޕީރިއާ ވީނާ ކޭވާ''(Superior vena cava)  އިން ''އޮކްސިޖަން އެކުނުލެވޭ'' ލޭ ހަށިގަނޑުގެ އެކި ހިސާބުތަކުން ގެނެސްދެއެވެ. އެއަށްފަހު މިލޭ ''ޓްރައި ކަސްޕިޑް ވޭލް''(Tricuspid valve) ހުރަސްކޮށް ކަނާތު ވެންޓްރިކަލްއަށް ފޮނުވާލައެވެ.

ކަނާތު ވެންޓްރިކަލް : ކަނާތު ވެންޓްރިކަލް އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ކަނާތް ފަރާތުން ތިރީގައި އިންނަ ބައެވެ. ''އޮކްސިޖަން އެކުނުލެވޭ'' ލޭ ''ޓްރައި ކަސްޕިޑް ވޭލް''(Tricuspid valve) ހުރަސްކޮށް ކަނާތު އެޓްރީއަމްއިން ކަނާތު ވެންޓްރިކަލް އަށް އާދެއެވެ. މިގޮތުން ކަނާތު ވެންޓްރިކަލް އަށް ވާޞިލްވި ލޭ ދެން ފޮނުވާލަނީ ސެމިލޫނަރ ޕަލްމޮނަރީ ވޭލް(Semi-lunar pulmonary valve) ހުރަސްކޮށް ހިތުން ފުއްޕާމެޔަށް ލޭފޮނުވާ ލޭހޮޅީ(Pulmonary artery) ގެ ޒަރީޢާއިން ފުއްޕާމެއަށެވެ.

ވާތު އެޓްރީއަމް : ވާތު އެޓްރީއަމް އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ވާތް  ފަރާތުން މަތީގައި އިންނަ ބައެވެ. ކުރިން ކަނާތު ވެންޓްރިކަލްއިން ފުއްޕާމެއަށް ފޮނުވާލި އޮކްސިޖަން އެކުނުލެވޭ ލޭ ފުއްޕާމޭގެ ތެރޭގައި އޮކްސިޖަންއާ އެއްވެއެވެ. އެއަށްފަހު އޮކްސިޖަން އިން މުއްސަދިކުރެވުނު، ނުވަތަ އޮކްސިޖަންއާއ ލާމެހިފައިވާ ލޭ ފުއްޕާމޭ އިން ހިތަށް ލޭފޮނުވާދޭ ލޭހޮޅީ(Pulmonary vein) ގެ ތެރެއިން ގޮސް ވާތު އެޓްރީއަމް އަށް ވާޞިލްވެއެވެ. އެއަށްފަހު މިލޭ ''މައިޓްރަލް ވޭލް''(Mitral valve) ނުވަތަ  ''ބައިކަސްޕިޑް ވޭލް''(Bicuspid valve) ހުރަސްކޮށް ވާތު ވެންޓްރިކަލްއަށް ފޮނުވާލައެވެ.

ވާތު ވެންޓްރިކަލް : ވާތު ވެންޓްރިކަލް އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ވާތް ފަރާތުން ތިރީގައި އިންނަ ބައެވެ. ވާތު އެޓްރީއަމްއަށް ފުއްޕާމެއިން ފޮނުވާލި އޮކްސިޖަން އިން މުއްސަދި ލޭ ''މައިޓްރަލް ވޭލް''(Mitral valve) ހުރަސްކޮށް ވާތު ވެންޓްރިކަލް އަށް ވާޞިލްވެއެވެ. އެއަށްފަހު ''އަޔޯޓިކް ވޭލް''(Aortic valve) ނުވަތަ ސެމިލޫނަރ އައޮޓިކް ވޭލް(Semi-lunar arotic valve)  ހުރަސްކޮށް، ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭ ފޮނުވައިދޭ އެންމެ ބޮޑު ލޭހޮޅި ލޭހޮޅި(Aorta)އަށް ވާޞިލްވެ، ހަށިގަނޑުގެ ބައިތަކަށް ތަފާތު ލޭހޮޅި ތަކާއި، ލޭނާރުތަކުގެ އެހީގައި ފެތުރިގެން ދެއެވެ.

ލޭހޮޅިތައް
ލޭހޮޅި ތަކަކީ ހިތާއި ލޭހޮޅިތަކުގެ ނިޒާމް، ނުވަތަ ލޭދައުރުވާ ނިޒާމްގެ މުހިއްމު ބައިތަކެކެވެ. ލޭނާރު ނުވަތަ ލޭހޮޅިތަކުގެ ވަޒީފާ އަކީ ހިތުން ހަށިގަނޑު އެކި ހިސާބުތަކަށް ލޭ ފޯރުކޮށް ދިނުމާއި، އަދި ހަށިގަނޑުގެ އެކި ހިސާބުތަކުން ލޭ އަނބުރައި ހިތަށް ފޮނުވުމެވެ. ލޭހޮޅިތަކުގެ ތަފާތު ވައްތަރުތައް ވެއެވެ.

·         ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅި(Artery) : މިލޭހޮޅިތަކުން ހަށިގަނޑުގެ އެކިބައިތަކަށް އޮކްސިޖަން (ސާފުވައި) ލެޔާއެކު ފޮނުވައިދެއެވެ. މިބުނި އުސޫލުން އެއްކިބާވާ އެއް ލޭހޮޅި ވެއެވެ. އެއީ ހިތުން ފުއްޕާމެޔަށް ލޭފޮނުވައިދޭ ލޭހޮޅި(Pulmonary artery) ނުވަތަ ''ޕަލްމޮނަރީ އާޓަރީ'' އެވެ.

·         ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Vein) :  މިލޭހޮޅިތަކުން އޮކްސިޖަނާއި އެކުނުވާ ނުވަތަ ސާފުވައި އެކުނުލެވޭ ލޭ އަނބުރައި ހިތަށް ފޮނުވައެވެ. މިބުނި އުސޫލުން އެއްކިބާވާ ލޭހޮޅިތަކަކީ ފުއްޕާމެއިން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Pulmonary vein) އަދި ''ޕޯރޓަލް ވެއިން''(Portal vein) ތަކެވެ.

·         ކުދިކުދި ލޭހޮޅިތަައް (Capillaries) : ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅި(Artery) ތަކުން، ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Vein) ތަކަށް ނުވަތަ ''އާޓަރީ'' ތަކުން ''ވެއިން'' ތަކަށް ލޭ ވާޞިލްވަނީ އެދެވައްތަރުގެ ލޭހޮޅިތައް ގުޅުވައިދޭ ކުދިކުދި ލޭހޮޅިތައް(Capillaries) މެދުވެރި ވެގެންނެވެ.

މުހިއްމު ބައެއް ލޭހޮޅިތައް
އެއޯޓާ (Aorta): މިއީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ އެންމެ ބޮޑު ލޭހޮޅި އެވެ. މިލޭހޮޅި ކުރިފަޅައި ނިކުމެފައި އިންނަނީ ހިތުގެ ވާތު ވެންޓްރިކަލް އިންނެވެ. މިގޮތުން މިލޭހޮޅީގެ ޒަރީޢާއިން ހަށިގަނޑަށް ފެތުރިގެންދާ ލެޔަކީ ''އޮކްސިޖަން އިން މުއްސަދި'' ލެޔެކެވެ.

އެއޯޓާ ބެހިފައިވާ ބައިތައް
އެއޯޓާ ކުރިފަޅައި ބެހިގެން ގޮސްފައިވާއިރު މައިގަނޑު 3 ބަޔަކަށް ބެހިފައި ވެއެވެ.
* ހިތުން އެއޯޓާ ނިކުތުމަށްފަހު މައްޗަށް ގޮސްފައި އޮންނަ ބައި (Ascending aorta) : މިއީ އެއޯޓާ ގައި ހިތުން ނިކުމެފައިވާ ހިސާބުން ފެށިގެން އެއޯޓާގެ މަތިން ތިރިއަށް އިންނަ ލަނބާލުމާއި ދެމެދުގައިވާ ބަޔެވެ. މިބައިގެ ދިގުމިނަކީ ގާތްގަނޑަކަށް 5 ސެންޓިމީޓަރު އެވެ. މިއީ އެއޯޓާ ބެހިފައިވާ މައިގަނޑު 3 ބައިން ފުރަތަމަ ބައޭ ވެސް ބުނެވިދާނެއެވެ. އެއޯޓާ ހިތުން ނިކުމެފައިވާ އިންނަނީ ހިތުގެ ވާތު ވެންޓްރިކަލް އިންނެވެ. އެއޯޓާގެ މިބައިން ކުރިފަޅައި ނިކުމެފައިވާ ދެ އާޓަރީ އަކީ ހިތުގެ ދެފަރާތަށް ގޮސްފައިވާ ދެ ''ކޮރަނެރީ އާޓަރީ''(Coronary artery) އެވެ. މިއީ ހިތުގެ ބައިތަކަށް ލޭ ފޯރުކޮށްދޭ މައިގަނޑު ދެ ލޭނާރެވެ.

* އެއޯޓާ އިން މައްޗަށް ގޮސްފައި އިންނަ ބައިން މަތިން ތިރިއަށް އިންނަ ލެނބުން   (Arch of aorta) : މިއީ މައްޗަށްއަރާ އެއޯޓާ އާއި ތިރިއަށްފައިބާ އެއޯޓާ އާއި ދެމެދުގައިވާ އެއޯޓާގެ ބައެކެވެ. މިބައި އިންނަނީ ''ޔޫ އަކުރު'' އިދިކޮޅަށް ބެހެއްޓުމުން ހުންނަ ފަދަ ގޮތަކަށް މަތިން ތިރިއަށް ވާގޮތަށް ލަނބާލާފައެވެ. މާނައަކީ މެދަށް ވަށްކޮށް ގުދުކޮށް ދެކޮޅަށް ލެބިފައި އިންނަ ގޮތަށެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ އެއޯޓާ ބެހިފައިވާ މައިގަނޑު 3 ބައިން ދެވަނަ ބަޔޭވެސް ބުނެވިދާނެއެވެ. އެއޯޓާގެ މިލަނބާލުމުގެ މަތީ ބޯޑަރުގެ ދިގުމިނުގައި 2.5 ސެންޓިމީޓަރު ވަރުހުރެއެވެ.  

* އެއޯޓާ މަތިން ތިރިއަށް ލަނބާލުމަށްފަހު ތިރިއަށް ގޮސްފައި އޮންނަ ބައި(Descending aorta) : މިއީ އެއޯޓާ ތިރިއަށް ލެނބިފައިވާ ލެނބުމުގެ ނިމޭ ހިސާބުން ފެށިގެން ގޮސް ''ކޮމަން އިލިއެކް އާޓަރީ'' ތަކަށް ކަފިވަންދެން އެއޯޓާގައި މަތިން ތިރިއަށް ވާގޮތަށް އޮންނަ ބައެވެ. މިއީ އެއޯޓާ ބެހިފައިވާ މައިގަނޑު 3 ބައިން ފަހު ބަޔޭވެސް ބުނެވިދާނެއެވެ. މޭގެ ގުނަވަންތަކާއި، ހަޖަމުކުރާ ނިޒާމްގެ ގުނަވަންތައް ވަކިކޮށްދޭ ''ޑައަފްރަމް''އަށް ރިޢާޔަތްކޮށް އެއޯޓާގެ މިބައި ދެބަޔަކަށް ބަހާލެވެއެވެ. އެއީ:-

·         އެއޯޓާގެ ތިރިއަށް ގޮސްފައި އޮންނަ ބައިން މޭމައްޗާއި ހިސާބު އޮންނަ ބައި (Thoracic aorta) : މިއީ އެއޯޓާގެ ތިރިއަށް ގޮސްފައި އޮންނަ ބައިން  ''ޑައަފްރަމް'' އަށްވުރެ މަތީގައިވާ ބަޔެވެ. އެހެން ކަމުން މިބައި އޮންނާނީ މޭގެ ގުނަވަންތައް ހިމެނޭ ހިސާބުގައެވެ. މިބައި ފެށެނީ މޭމައްޗާ ދިމާލުން މައިބަދައިގައިވާ ކަށިކޮޅުތަކުގެ ތެރެއިން 4 ވަނަ ކަށިކޮޅުގެ ތިރީ ބޯޑަރާއި ހަމައިންނެވެ. ނިމެނޭ މޭމައްޗާ ދިމާލުން މައިބަދައިގައިވާ ކަށިކޮޅުތަކުގެ ތެރެއިން 12 ވަނަ ކަށިކޮޅާ ހިސާބުންނެވެ.  

·         އެއޯޓާގެ ތިރިއަށް ގޮސްފައި އޮންނަ ބައިން ބަނޑާއި ހިސާބު އޮންނަ ބައި (Abdominal aorta) : މިއީ އެއޯޓާގެ ތިރިއަށް ގޮސްފައި އޮންނަ ބައިން ''ޑައަފްރަމް'' އަށްވުރެ ތިރީގައިވާ ބަޔެވެ. އެހެން ކަމުން މިބައި އޮންނާނީ ހަޖަމުކުރާ ނިޒާމްގެ ގުނަވަންތައް ހިމެނޭ ހިސާބުގައެވެ. މިބައި ފެށެނީ މޭމައްޗާ ދިމާލުން މައިބަދައިގައިވާ ކަށިކޮޅުތަކުގެ ތެރެއިން 12 ވަނަ ކަށިކޮޅާ ހިސާބުންނެވެ. މިބައި ނިމޭ ހިސާބުން އިންނަނީ ''ކޮމަން އިލިއެކް އާޓަރީ''(Common iliac artery) ތަކަށް ކަފިވެގެން ގޮސްފައެވެ.

ވީނާ ކޭވާ : (Venae Cavae) ވީނާ ކޭވާ އަކީ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ މައިގަނޑު ދެ ލޭހޮޅި އެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުން ނުސާފުލޭ (އޮކްސިޖަން އެކުނުލެވޭ) ހިތުގެ ކަނާތު އެޓްރީއަމް އަށް ފޯރުކޮށްދެނީ މި ދެލޭހޮޅީގެ ޒަރީޢާއިންނެވެ. ހިތަށް އޮކްސިޖަން އެކުނުލެވޭ ލޭ ވަނުމަށްފަހު، ފުއްޕާމެޔަށް ފޮނުވާލައެވެ. ފުއްޕާމޭގައި އޮކްސިޖަން އާއި އެއްވެ، އަނބުރާ ހިތަށް ފޮނުވާލައެވެ. އަދި އޮކްސިޖަން އާއި އެއްވެފައިވާ ލޭ، ހިތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭހޮޅިތަކުގެ ޒަރީޢާއިން އަނެއްކާ ވެސް ފޮނުވާލައެވެ. އޭގެ ފަހުން އޮކްސިޖަން އެކުނުލެވޭ ލޭ ހަށިގަނޑުގެ އެކި ހިސާބުތަކުން އަނބުރާ ހިތަށް ފޮނުވާލައެވެ. މިއުސްލޫބުގެ ދަށުން ހަށިގަނޑުގައި ލޭދައުރުވެ، ދައުރުވެ، ހުރެއެވެ.

ހަށިގަނޑުގެ ހިތަށްވުރެ މަތީބައިގެ ހިސާބުތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅިއަށް ކިޔަނީ "ސްޕީރިއާ ވީނާ ކޭވާ"(Superior venae cavae) އެވެ. އަދި ހަށިގަނޑުގެ ހިތަށްވުރެ ތިރީބައިގެ ހިސާބުތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅިއަށް ކިޔަނީ "އިންފީރިއާ ވީނާ ކޭވާ"(Inferior venae cavae) އެވެ. ހަށިގަނޑުގައިވާ ހިތަށްވުރެ މަތީގައިވާ ހިސާބުތަކުންނާއި، އަދި ހިތަށްވުރެ ތިރީގައިވާ ހިސާބުތަކުން ވެސް ހިތަށް ފޯރުކޮށްދޭ ލޭ ހިތުގެ އެތެރެއަށް ވާޞިލްވަނީ ހިތުގެ ކަނާތް ފަރާތުގައި އިންނަ ކަނާތު އެޓްރީއަމް ހުރަސްކޮށެވެ.

ލޭދައުރުކުރާ ނުވަތަ ލޭދައުރުވާ ގޮތް
ހަށިގަނޑުގެ އެކި ޓިޝޫތަކުން އޮކްސިޖަން އެކުނުލެވޭ ލޭ ވާޞިލްވަނީ ހިތުގެ ކަނާތް ފަރާތުން މަތީގައިވާ ކަނާތު އެޓްރިއަމް(Right atrium) އަށެވެ. އެއަށްފަހު ދެން ވާޞިލްވަނީ ''ޓްރައިކަސްޕިޑް ވޭލް''(Tricuspid valve) ހުރަސްކޮށް ކަނާތް ފަރާތު ތިރީގައިވާ  ކަނާތު ވެންޓްރިކްލް(Right ventricle) އަށެވެ. ކަނާތު ވެންޓްރިކްލް އިން ސެމިލޫނަރ ޕަލްމޮނަރީ ވޭލް(Semi-lunar pulmonary valve) ހުރަސްކޮށް ހިތުން ފުއްޕާމެޔަށް ލޭފޮނުވާ ހޮޅިއަށް ދެއެވެ. ހިތުން ފުއްޕާމެޔަށް ލޭފޮނުވާ ލޭހޮޅި(Pulmonary artery) ގެ އެހީގައި ދެން ލޭ ވާޞިލްވަނީ ފުއްޕާމެއަށެވެ. ފުއްޕާމޭގެ ތެރޭގައި ފުއްޕާމެޔަށް ވާޞިލްވި ލޭގެ ސެލްތަކަށް އާ އޮކްސިޖަން ހޯދައިދެއެވެ. މާނައަކީ ލެޔަކީ އޮކްސިޖަން އާއި އެކުވެފައިވާ އެއްޗަކަށް ހަދައިދެއެވެ. ނުވަތަ އޮކްސިޖަން-މުއްސަދި ލެޔަކަށް ބަދަލު ކޮށްލައެވެ. އެއަށްފަހު މިލޭ ފުއްޕާމެއިން އަނބުރާ ހިތަށް ފޮނުވައެވެ. މިގޮތުން ފުއްޕާމޭގެ ތެރޭގައި އޮކްސިޖަން އާއި އެއްވެފައިވާ ލޭ ފުއްޕާމެއިން ހިތަށް ލޭ ވާޞިލްވަނީ ފުއްޕާމެއިން ހިތަށް ލޭފޮނުވައިދޭ ލޭހޮޅީ(Pulmonary vein) ގެ އެހީގައެވެ.

ބަޔާންކުރެވުނު ގޮތަށް ފުއްޕާމެއިން ހިތަށް ފޮނުވުނު ލޭ ވާޞިލްވަނީ ހިތުގެ ވާތް ފަރާތު މަތީގައިވާ ވާތު އެޓްރިއަމް(Left atrium)އަށެވެ. އެއަށްފަހު ''ބައިކަސްޕިޑް ވޭލް''(Bicuspid valve) ހުރަސްކޮށް ހިތުގެ ވާތް ފަރާތުގެ ތިރީގައިވާ ވާތު ވެންޓްރިކްލް(Left ventricle) އަށް ވާޞިލްވެ، އެތަނުން ސެމިލޫނަރ އައޮޓިކް ވޭލް(Semi-lunar arotic valve) ހުރަސްކޮށް އެހިސާބުން ނިކުމެފައިވާ ހިތުގެ ބައިތަކަށް ލޭފޮނުވައިދޭ ބޮޑު ލޭހޮޅި(Aorta) ކަނޑަތުކޮށް ހަށިގަނޑުގެ އެކި ބައިތަކަށް އޮކްސިޖަން-މުއްސަދި ލޭ ފޯރުކޮށްދެއެވެ. އަދި ހަށިގަނޑުގެ ބައިތަކުގައި އޮކްސިޖަން އިން މުއްސަދިވެފައިވާ ލޭ ދައުރުވާން ފަށައެވެ.

ހަށިގަނޑުގެ ތެރޭގައި ލޭދައުރުވަމުންދާއިރު ލޭގެ ތެރޭގައި ހިމެނޭ އޮކްސިޖަން އަދި ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ހަށިގަނޑުގެ އެކިއެކި ސެލްތަކަށް ފޯރުކޮށްދެއެވެ. އަދި ހަށިގަނޑުގެ ސެލްތަކުން ކާބަންޑައިއޮކްސައިޑް އަދި ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ލޭގެ ތެރެއަށް އާދެއެވެ. ހަށިގަނޑުގެ އެކި ހިސާބުގައިވާ ލޭހޮޅިތަކުން ހިތާ ދިމާލަށް ފޮނުވާ ލޭ ހިތަށް ވާޞިލްވަނީ މައި ދެ ލޭހޮޅި އަކުންނެވެ. އެއީ ހިތަށްވުރެ މަތީގައިވާ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭ ގެނެސްދޭ މައި ލޭހޮޅި(Superior vena cava)  އަދި ހިތަށްވުރެ ތިރީގައިވާ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭ ގެނެސްދޭ މައި ލޭހޮޅި(Inferior vena cava) އިންނެވެ. މިދެލޭހޮޅިވެސް ގުޅިފައިވަނީ ހިތުގެ ކަނާތް ފަރާތު މަތީގައިވާ ''ކަނާތު އެޓްރިއަމް'' އަށެވެ. ހިތުގެ ދެފަޅީގައިވާ ދެ އެޓްރިއަމް އަށް ބަލާއިރު ޖާގައިގެ ގޮތުން ބޮޑީ ކަނާތު އެޓްރިއަމް އެވެ. ނަމަވެސް ދެއެޓްރިއަމް ވެސް ލޭ ވާޞިލްވަނީ އެއްވަރަކަށެވެ.




No comments:

Post a Comment