Monday, July 22, 2013

ލިމްފް ދައުރުވާ ނިޒާމް

ލިމްފް ދައުރުވާ ނިޒާމް
ލިމްފް ދައުރުވާ ނިޒާމް(lymphatic system) އަކީ ލިމްފް ދައުރުވާ ނިޒާމްގައި ހިމެނޭ ހޮޅިތަކާ، ގޮށްތަކާ ގުނަވަންތަކުގައި ލިމްފް(lymph) ދައުރުކޮށްދޭ(ދައުރުވާ) ނިޒާމެވެ. ލޭދައުރުވާ ނިޒާމާ ޚިލާފަށް ލިމްފް ދައުރުވާ ނިޒާމް ގައި އެކި ހިސާބުތަކަށް ލިމްފް ފޮނުވައިދޭ މަރުކަޒެއް ފަދަ ތަނެއް ނުވެއެވެ. ލިމްފް ދައުރުކުރަނީ މަޑުމަޑުން ދަށް ޕްރެޝަރު ގައެވެ. ލޭހޮޅީގައި ހިމެނޭ ހަށިގަނޑުގެ ބައިތަކުން ހިތާ ދިމާލަށް ލޭ ގެންގޮސްދޭ "ވެއިން"(vein) ތަކެކޭ އެއްގޮތަށް ލިމްފް ހޮޅިތަކުގައި ލިމްފް ދައުރުކުރަނީ ވެސް އެއްކޮޅަށް ވާގޮތަށެވެ.


ލިމްފް ދައުރުވާ ނިޒާމްގެ މަސައްކަތްތައް

(ހ) - ހަށިގަނޑުގައި ބޭނުންވާ ވަރަށްވުރެ އިތުރަށް ޖަމާވާ ދިޔާތަކެތި ހަށިގަނޑުން ބޭރުކުރުން : ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅިތަކުގެ ކޮޅުގައިވާ ހިމަ ލޭހޮޅިތަކުން ހަށިގަނޑުގެ ޓިޝޫ ތަކުގެ ތެރެއަށް ކޮންމެ ދުވަހަކު 21 ލިޓަރުގެ ދިޔަ ޕްލާޒްމާ އިން ބޭރު ކުރެއެވެ. މިދިޔައިގެ ތެރޭގައި ޕްލާޒްމާ ޕްރޮޓީން އާ އެހެނިހެން މާއްދާތައް ހިމެނެއެވެ. މިދިޔައިގެ ބޮޑުބައެއް ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅިތަކުގެ ކޮޅުގައިވާ ހިމަ ލޭހޮޅިތަކުން އަނބުރާ ލޭގެތެރެއަށް ނަގައެވެ. ނަމަވެސް މިދިޔައިގެތެރެއިން 4-3 ލިޓަރު ލިމްފް ހޮޅި ތަކަށް ނަގައެވެ. މިގޮތަށް މިކަން ނުހިނގާނަމަ ހަށިގަނޑުގެ ޓިޝޫ ތަކުގައި ފެންހަރުލާ ގޮތްވާނެ އެވެ. އަދި ލޭ ދައުރުކުރުމުގެ މަސައްކަތް ހުއްޓުމަކަށް އަންނަގޮތް ވެދާނެ އެވެ.

(ށ) – ކުޑަ ގޮހޮރުގެ ތެރޭގައި ބައެއް މާއްދާތައް ހަށިގަނޑަށް ނެގުން : އެގޮތުން ކާނާގައި ހިމެނޭ ސަރުބީ(ފެޓް) އަދި ސަރުބީ އަށް ގިރޭ ބައެއް މާއްދާތައް (މިސާލަކަށް ސަރުބީއަށް ގިރޭ ވިޓަމިން) ކުޑަ ގޮހޮރުގެ ތެރޭގައި ހުންނަ ލިމްފް ހޮޅި ތަކުގެ ތެރެއިން ހަށިގަނޑަށް ނަގަ އެވެ.
ހަޖަމުކުރާ ނިޒާމްގެ އެތެރޭބައިގެ ފާރުގައި ލިމްފް ހޮޅިތައް ހުރެއެވެ. ކުޑަ ގޮހޮރުން ހަށިގަނޑަށް ނަގާ ކާނާގެ ބައިތައް ''ޕޯޓަލް ވެއިން''(portal vein) ހުރަސްކޮށް މޭގަނޑަށްދާއިރު، ސަރުބީ(ފެޓް) ވާޞިލްވަނީ ލިމްފް ދައުރުވާ ނިޒާމަށެވެ. އެއަށްފަހު ''ތޮރަސިކް ޑަކްޓް''(Thoracic duct)  ގެ އެހީގައި ލޭގެ ތެރެއަށް ވާޞިލް ވެއެވެ. ކުޑަ ގޮހޮރުގައި ހުންނަ ލިމްފް ދައުރުވާ ޓިޝޫ ތަކުގައި އުފެދޭ ލިމްފަށް ކިޔަނީ "ކައިލް"(chyle) އެވެ.

(ނ) – ހަށިގަނޑަށް ދިފާޢީ ބާރު ފޯރުކޮށްދިނުމުގައި ބައިވެރިވުން : ދިފާޢީ ނިޒާމްގައި ހިމެނޭ މުހިއްމު ބައެއް ސެލްތައް ކަމުގައިވާ ''ލިމްފަސައިޓް''، މޮނޯސައިޓް'' އަދި ''ޕްލާޒްމާ ސެލް'' ލިމްފް ދައުރުވާ ނިޒާމްގެ ބައިތަކުން އުފައްދައި ދެއެވެ. އެގޮތުން ލޭގެ ހުދު ސެލްގެ ގޮތުގައި ވެސް ބެލެވޭ ލިމްފަސައިޓް އުފައްދަނީ ލިމްފް ދައުރުވާ ނިޒާމްގެ ބައެއްގެ ގޮތުގައި ވެސް ބެލެވޭ ކަށީގެ މަދުންނެވެ.

ލިމްފް ދައުރުވާ ނިޒާމްގައި ހިމެނޭ މުހިއްމު ބައިތައް
ލިމްފް ދައުރުވާ ނިޒާމަކީ ތަފާތު ގުނަންތަކެއް އެކުވެ ލާމެހިގެން އުފެދިފައިވާ ވިއުގައެވެ. މިނިޒާމްގައި ހިމެނޭ މުހިއްމު ބައިތަކަކީ:-
·         ލިމްފް
·         ލިމްފް ހޮޅި ތައް
·         ލިމްފް ގޮށް ތައް
·         ލިމްފް ދައުރުވާ ގުނަވަން ތައް
·         ލިމްފޮއިޑް ޓިޝޫ ތައް
·         ކަށީގެ މަދު
ލިމްފް
ލިމްފް(lymph) އަކީ ލޭގެ ތެރޭގައި ހުންނަ ޕްލާޒްމާ އާ އެއްގޮތް ސާފު(ފެން) ދިޔައެކެވެ. ނަމަވެސް ލިމްފް ގައި ޕްލާޒްމާގެ ތެރޭގައި ހުންނަ ޕްލާޒްމާ ޕްރޮޓީން އެއް ނުހުންނާނެ އެވެ. ލޭހޮޅިތަކުން ބޭރުވާ ޕްލާޒްމާ ޕްރޮޓީން އަނބުރާ ލޭގެތެރެއަށް ގެންގޮސްދެނީ ލިމްފް ގެ ތެރެއިންނެވެ. ލިމްފްގެ ތެރޭގައި ބެކްޓީރިޔާ ފަދަ ޖަރާސީމާ، ހަލާކުވެފައިވާ ޓިޝޫތަކުން އުފައްދާ ކުނިބުނި ވެސް އުފުލައި ހަދައެވެ. އަދި ލިމްފްގެ ތެރޭގައި ދައުރުވެ. ލިމްފް ގޮށްތަކަށް ވާޞިލްވުމުން އެތަނުގައި މިބުނި ބެކްޓީރިޔާ ފަދަ ޖަރާސީމު ފަދަ ތަކެތި ނައްތައި ހަލާކުކޮށްލައެވެ. ލިމްފް ގެ ތެރޭގައި ލޭގެ ހުދު ސެލްތައް ވެސް ދައުރުވެ ދައުރުވެ ހުރެއެވެ. މީގެ ބޭނުމަކީ ހަށިގަނޑުގެ އެކި ހިސާބުތައް (ޖަރާސީމެއްގެ އަސަރު އުޅޭތޯ) ބަލަމުން ގެންދިއުމެވެ. ކުޑަ ގޮހޮރުގެ ތެރޭގައި ހުންނަ ލިމްފް ހޮޅިތަކުން ހަށިގަނޑަށް ސަރުބީ ނެގުމުން ލިމްފްގެ ކުލަ ކިރު ކުލައަކަށް ބަދަލުވެއެވެ. އަދި މިހާލަތުގައި ލިމްފަށް ކިޔަނީ "ކައިލް"(chyle) އެވެ.

ލިމްފް ހޮޅިތައް
ކުދި ލިމްފް ހޮޅި ތައް
ކުދި ލިމްފް ހޮޅި(lymph capillaries) ތައް ފެށިގެން(އުފެދިގެން) އަންނަނީ ސެލްތަކުގެ ދެމެދުގައިވާ ހުސް ޖާގަ(interstitial space) އިގެ ތެރެއިން ކޮޅު ބެދިފައިވާ ހޮޅިއެއްގެ ސިފައިގައެވެ. ކުދި ލިމްފް ހޮޅިތަކުގެ އޮނިގަނޑު އުފެދިފައިވާގޮތަށް ބަލާއިރު ހިމަ ލޭހޮޅި ތަކެކޭ އެއްގޮތެވެ. މާނައަކީ ކުދި ލިމްފް ހޮޅީގެ ބަތާނަ ފަށް ވެސް އުފެދިފައި އިންނަނީ އެތަނުގައި ހުންނަ ސެލް ތަކުގެ އެންމެ ފަށަލަ އަކުންނެވެ. ނަމަވެސް ކުދި ލިމްފް ހޮޅިތަކުގެ ފާރު ސެލްތަކުގެ ދެމެދުގައި އޮންނަ ހުސް ޖާގައިގެ ތެރޭގައި ހުންނަ ދިޔައިގައި އެކުލެވޭ މާއްދާތަކަށް( ޕްރޮޓީން، ސެލްތަކުން ބާކީކުރާ ކުނިބުނި) ހުންނަ ޝައުގުވެރިކާ ގަޔާވުން މާބޮޑަށް އިތުރެވެ. ކުދި ލިމްފް ހޮޅިތައް ގުޅިގެން ބޮޑެތި ލިމްފް ހޮޅިތައް އުފެދެއެވެ.
ގާތްގަނޑަކަށް ހަށިގަނޑުގައިވާ ހުރިހާ ޓިޝޫ ތަކެއްގައި ހެން ލިމްފް ހޮޅިތަކުން އުފެދިފައިވާ ވިއުގައެއް އެކުލެވިގެން ވެއެވެ. ލިމްފް ހޮޅިތަކުގެ ވިއުގަ ނުހުންނަ ހިސާބު ތަކަކީ، ސިކުނޑިއާ ސްޕައިނަލް ކޯޑު، ލޮލުގެ ހާމަ ދުލި، ކަށި، އަދި ހަމުގެ އެންމެ މައްޗަށް ހުންނަ ފަށަލަ ތަކެވެ.  

ބޮޑެތި ލިމްފް ހޮޅި ތައް
ބޮޑެތި ލިމްފް ހޮޅި(large lymph vessels) ތައް އާންމު ގޮތެއްގައި ހަށިގަނޑުގައިވާ ލޭހޮޅިތަ(ހިތުން ލޭފޮނުވައިދޭ ލޭހޮޅިތަކާ، ހިތާ ދިމާލަށް ލޭފޮނުވައިދޭ ލޭހޮޅިތައް)ކުގެ ކައިރީގައި ވަށައިގެން އެތުރިފައި ހުންނާނެ އެވެ. ބޮޑެތި ލިމްފް ހޮޅިތަކުގެ ފާރުގެ ބޯމިން ހިތާ ދިމާލަށް ލޭފޮނުވައިދޭ ކުދި ލޭހޮޅި ތަކުގެ ފާރާ އެއްގޮތެވެ. މާނައަކީ ބޮޑެތި ލިމްފް ހޮޅީގެ ފާރު ހުންނާނީ ބޭރަށް އިންނަ ދުލި ފަށަލައަކާ، މެދުން އިންނަ މަސް ފަށަލަ އަކާ، އަދި އެންމެ އެތެރެއިން ބަތާނަ ފަށުގައި ހުންނަ ސެލް ފަށަލަ އެއްގެ މައްޗަށެވެ. ހިތަށް ލޭފޮނުވައިދޭ ލޭހޮޅި ތަކެކޭ އެއްގޮތަށް ލިމްފް ހޮޅި ތަކުގައި ވެސް އެތެރެއިން ވޭލްތަކެއް ހުރެއެވެ. މިވޭލް ތަކުގެ ބޭނުމަކީ މެޔާ ދިމާލަށްވާގޮތަށް އެއްކޮޅަކަށް ލިމްފް ދައުރުކުރުވުމެވެ. ހިތުން ލޭ ޕަމްޕްކުރާ އުސޫލުން ލިމްފް ޕަމްޕް ނުކުރި ނަމަވެސް ލިމްފް ހޮޅިތަކުގެ ފާރުގައި ހުންނަ މަސްތައް ކޮންޓްރެކްޓްވުމުގެ ސަބަބުން ލިމްފް ދައުރުކުރުމުގެ ގާބިލިއްޔަތު ލިމްފް ހޮޅިތަކަށް ލިބިގެން ވެއެވެ.
ލިމްފް ހޮޅި ތައް އެކަތި އަނެކައްޗާ ގުޅުމުން އޭގެ ސައިޒުން ބޮޑުވެއެވެ. އެގޮތުން އެއް ލިމްފް ހޮޅި އަނެއް ލިމްފް ހޮޅިއަކާ ގުޅިގެން ބޮޑު ލިމްފް ޑަކްޓް އުފެދިގެން ދެއެވެ. އެއީ "ތޮރަސިކް ޑަކްޓް"(thoracic duct) ،އަދި "ކަނާތް ފަރާތުގެ ލިމްފް ދައުރުވާ ޑަކްޓް"(right lymphatic duct) އެވެ. މިދެ ޑަކްޓް ގެ ތެރެއިން ގޮސް ދައުރުވާ ލިމްފް ތައް ހުސްކޮށްލަނީ ކަރު ފެށޭ ހިސާބުގައި ހުންނަ " ސަބްކްލެވިއަން ވެއިން"(subclavian veins) އޭ ކިޔާ ހިތާ ދިމާލަށް ލޭފޮނުވައިދޭ ލޭހޮޅިތަކަށެވެ.

ތޮރަސިކް ޑަކްޓް
ތޮރަސިކް ޑަކްޓް(thoracic duct) ފެށިގެން އަންނަނީ "ސިސްޓާރނަ ކައިލި"(cistern chyli) އޭ ކިޔާ ލިމްފް ޖަމާވާ ކޮތަޅެއް ފަދަ ތަނަކުންނެވެ. މިބުނި ލިމްފް ޖަމާވާ ކޮތަޅު އިންނަނީ ބަނޑާދިމާލުގައިވާ މައިބަދައިގެ ކަށިކޮޅުތަކުގެ ތެރެއިން ފުރަތަމަ ދެކަށިކޮޅުގެ ކުރިމައްޗަށް ވާގޮތަށެވެ. 40 ސމ ގެ ދިގުމިން ހުންނަ ތޮރަސިކް ޑަކްޓް ނިމެނީ ކަރު ފެށޭ ހިސާބުން ވާތް ފަރާތުގައި އިންނަ "ވާތު ސަބްކްލެވިއަން ވެއިން"(left subclavian vein) އޭކިޔާ ލޭހޮޅި އަށެވެ. ހަށިގަނޑުގެ ބޮޑު ހިސާބަކުން ލިމްފް ލޭގެ ތެރެއަށް ގެންގޮސްދެނީ ތޮރަސިކް ޑަކްޓްގެ ތެރެއިންނެވެ. އެގޮތުން ތޮރަސިކް ޑަކްޓްގެ ޒަރީއާއިން ލޭގެ ތެރެއަށް ލިމްފް ފޮނުވައިދޭ ހިސާބު ތަކަކީ ދެފައި، ބަނޑު، ޅިނދު، ކަރު، ބޯ، މޭމަތީގެ ވާތް ފަރާތުގައިވާ ބަޔާ، އަދި ވާތު އަތާ އަތްތިލަ އެވެ.

ކަނާތް ފަރާތުގެ ލިމްފް ދައުރުވާ ޑަކްޓް
ކަނާތް ފަރާތުގެ ލިމްފް ދައުރުވާ ޑަކްޓް(right lymphatic duct) އަކީ ދެމި ފުޅާވެފައިވާ ލިމްފް ހޮޅި އެކެވެ. މިޑަކްޓްގެ ދިގުމިނުގައި ހުންނަނީ އެންމެ ސެންޓިމީޓަރެކެވެ. މިޑަކްޓް އިންނަނީ ކަރު ފެށޭ ހިސާބުގައެވެ. މިޑަކްޓް ނިމެނީ(ހުޅުވިފައި އިންނަނީ) "ކަނާތު ސަބްކްލެވިއަން ވެއިން"(right subclavian vein) އޭ ކިޔާ ލޭހޮޅިއަށެވެ. ކަނާތް ފަރާތުގެ ލިމްފް ދައުރުވާ ޑަކްޓް ގެ ޒަރީޢާއިން ލޭގެ ތެރެއަށް ލިމްފް ފޮނުވައިދޭ ހިސާބު ތަކަކީ ކަރު، ބޯ، މޭމަތީގެ ކަނާތް ފަރާތުގައިވާ ބަޔާ، އަދި ކަނާތު އަތާ އަތްތިލަ އެވެ.

ލިމްފް ގޮށް ތައް
ލިމްފް ގޮށް(lymph node) ތަކަކީ ހަށިގަނޑުގެ އެކި ހިސާބުގައިވާ ލިމްފް ހޮޅި ތަކުގެ ވަށައިގެން ގުރޫޕު ގުރޫޕަށް އެތުރިފައި ހުންނަ ގޮށް ތަކެކެވެ. ލިމްފް ގޮށްތައް ހުންނަނީ ކުކުޅުބިސް ބުރުގެ ނުވަތަ ތޮޅި އޮށެއްގެ ބައްޓަމަށެވެ. ލޭގެ ތެރެއަށް ލިމްފް ވާޞިލްވުމުގެ ކުރިން ގާތްގަނޑަކަށް 10-8 ލިމްފް ގޮށުގެ ތެރެއަށް ވަދެ ނިކުންނާނެ އެވެ. ލިމްފް ގޮށްތަކުގެ ސައިޒު ހުންނަނީ އެކި ވަރަށެވެ. ބައެއް ގޮށްތައް އަފުނޯސް ކަށްޓެއްގެ ބޮލާ އެއްވަރަށް ހުންނައިރު އަނެއްބައިގޮތަށް ބަދަން ފުކެއްގެ މިންވަރަށް ވެސް ހުރެދާނެ އެވެ. ލިމްފް ގޮށް ތަކުގެ މައިގަނޑު މަސައްކަތަކީ ލިމްފްގެ ތެރޭގައި ދައުރުވަމުން އަންނަ ޖަރާސީމް، މަރުވެފައިވާ ސެލްތައް ފަދަ ތަކެތި ނައްތާލުމާ، ލޭގެ ހުދު ސެލްގެ ބައެއް ވައްތަރުތައް ގިނަކޮށް އިތުރުކުރުމެވެ.

ހުންކޮށި
ހުންކޮށި(Spleen)  ނުވަތަ ހުންކޮށްޓަކީ އިންސާނާގެ އެތެރެހަށީގައި ހިމެނޭ ގުނަވަންތަކުގެ ތެރެއިން ވަރަށް މުހިއްމު ގުނަވަނެކެވެ. މިއީ ހަށިގަނޑުގެ ދުވަސްވީ ލޭގެ ސެލްތައް ހަލާކުކޮށް ނައްތާލުމާއި، އަދި ހަށިގަނޑުގެ ލޭ ހިފަހައްޓައިދޭ ރިޒާވަރެއްގެ ގޮތުގައި މަސައްކަތްކުރާ މަރުކަޒެއް ވެސް މެއެވެ. ދިފާޢީ ނިޒާމްގެ މުހިއްމު ބައެއް ކަމުގައިވާ "ރެޓިކިޔުލޯއިންޑޯތީލިއަލް ސިސްޓަމް" ގައި ވެސް ހުންކޮށީގެ ދައުރެއް އޮވެއެވެ. ބުނެވޭގޮތުގައި ހުންކޮށި ނެތުމަކީ ނުވަތަ ނުހުރުމަކީ ތަފާތު އިންފެކްޝަންތަކަށް އިންސާނާގެ ހަށިގަނޑު ހުށަހެޅުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ތައިމަސް ގްލޭންޑް
ތައިމަސް ގްލޭންޑް(Thymus gland) އަކީ ތިނަކަށިގަނޑު(sternum) ގެ ދަށުގައި ތިރިން މައްޗަށް ކަރާ ދިމާލަށް އިންނަ ގްލޭންޑް އެކެވެ. އުފަންވާއިރު ތައިމަސް ގްލޭންޑްގެ ބަރުދަނުގައި ހުންނާނީ 15-10 ގްރާމް ވަރެވެ. އަދި ބާލިޣުވަންދެން މިގްލޭންޑް ބޮޑުވަމުން އަންނާނެ އެވެ. ބާލިޣުވުމުން މިގްލޭންޑް ވަޅޯވެ ހިނދެން ފަށާނެ އެވެ. ބާލިޣުވާ އުމުރުގައި މިގްރާމު ބަރުދަނުގައި 40-30 ގުރާމުވަރު ހުރެފައި މެދު އުމުރު ފުރާ އަށް އަޅާއިރު އުފަންވިއިރު ހުރި ބަރުދަނަށް އަނބުރާ ދާނެއެވެ. މިއީ އަޅި-ފިޔާތޮށި ކުލައަކަށް އިންނަ ގްލޭންޑެކެވެ.

ޓޮންސިލް
ޓޮންސިލް(tonsil) އަކީ ކަރުތެރެއިން ދެފަރާތުގައި ހުންނަ ލިމްފޮއިޑް ޓިޝޫތަކެކެވެ. އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީ އަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އަށެވެ .މިއީ ހަގީގަތުގައި ޓޮންސިލްގެ ވައްތަރުތަކުގެ ތެރެއިން ތަލީގެ ޓޮންސިލް އެވެ.
ޓޮންސިލް އަކީ ލިމްފް ދައުރުވާ ނިޒާމްގެ އެހެން ބައިތަކޭ އެއްގޮތަށް ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި ޝާމިލްވެ، ބައިވެރިވާ ޓިޝޫ އެކެވެ. އެގޮތުން ތަފާތު އިންފެކްޝަން ތަކުން ހަށިގަނޑު ރައްކާތެރި ކޮށްދިނުމުގައި ބައިވެރި ވެއެވެ. ޚާއްޞަކޮށް، އަރުތެރެ، އަދި ނޭވާލާ ނިޒާމްގެ އިންފެކްޝަން ތަކުން ރައްކާކޮށް ހިމާޔަތް ކުރުމުގައި ޓޮންސިލް ބައިވެރިވެއެވެ.

ޕެޔާރސް ޕެޗް
ޕެޔާރސް ޕެޗް(peyer’s patch) އަކީ ކުޑަ ގޮހޮރުގެ ތެރޭގައި ހުންނަ ލިމްފޮއިޑް ޓިޝޫ ތަކެކެވެ. މިއީ ކާތަކެއްޗާއެކު ދިރުވާލެވޭ ހަށިގަނޑަށް ގެއްލުންދެނިވި މާއްދާތަކާ ޖަރާސީމުތައް ގޮހޮރުގެ ތެރެއިން ހަށިގަނޑަށް ވަނުމަށް ހުރަސް އަޅާ ޕެޗުތަކެކެވެ.

ކަށީގެ މަދު
ކަށީގެ މަދަކީ(Bone marrow) ކަށީގެ އެތެރޭގައި ހުންނަ މާއްދާއެކެވެ. ލޭގެ ހުދުސެލްގެ ވައްތަރުތައް އުފައްދަނީ ކަށީގެ މަދުގަނޑުގެ ތެރޭގައެވެ. ކަށީގެ މަދުގައި މައިގަނޑު ގޮތެއްގައި ހުންނަނީ ދެވައްތަރެއްގެ ސްޓެމް ސެލް ހުރެއެވެ. އެއީ ލޭގެ ސެލްތައް އުފައްދާ ސްޓެމް ސެލް ތަކާ އަދި ސްޓްރޯމަލް ސްޓެމް ސެލް ތަކެވެ. ކަށީގެ މަދުގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ. އެއީ ރީނދޫކުލައިގައި ހުންނަ ވައްތަރަކާ(Yellow marrow) އަދި ރަތް ކުލައިގައި ހުންނަ ވައްތަރެ (Red marrow) ކެވެ.

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :
Ann Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and Illness. Galasgow: CHURCHILL LIVING STONE.




No comments:

Post a Comment