Monday, August 15, 2022

މާބަނޑު ދުވަސްވަރު : އުފަންވާއިރު ބަރުދަން ލުއިވުން

                                          މާބަނޑު ދުވަސްވަރު : އުފަންވާއިރު ބަރުދަން ލުއިވުން

އުފަންވާއިރު ބަރުދަން ލުއިވުން(low birth weight)  މާނަކުރެވެނީ އުފަންވާއިރު ބަރުދަން 2.5 ކިލޯގްރާމް އަށްވުރެ ލުއިވުމަށެވެ.  އާންމު ގޮތެއްގައި ތުއްތު ކުއްޖަކު އުފަންވާއިރު ބަރުދަނުގައި އެވްރެޖްކޮށް 3.5 ކިލޯ ވަރު ހުންނާނެ އެވެ. އުފަންވާއިރު ބަރުދަން ލުއިވުމުން ތުއްތު ދަރިފުޅު ނިސްބަތުން ކުޑަޔަސް، އެއީ އެހެން މައްސަލައެއް ނެތް، ދުޅަހެޔޮ ކުއްޖަކަށްވުމަކީ ގާތް ކަމެކެވެ. ނަމަވެސް އުފަންވާއިރު ބަރުދަން ލުއިވުމަކީ ނުރައްކާތެރި ޞިއްޙީ މައްސަލަތައް މެދުވެރި ކުރުވައިފާނެ ކަމެކެވެ.

ސަބަބު

އުފަންވާއިރު ބަރުދަން ލުއިވާ އެންމެ


އާންމު ސަބަބަކީ ދުވަސްނުފުރާ އުފަންވުމެވެ. ދުވަސް ނުފުރާ އުފަންވާ ކުދިން (ހެދިބޮޑުވެ، ބަރުދަން ޖެއްސުމަށް) ރަހިމުގައި ހޭދަކުރާ މުއްދަތު ނިސްބަތުން ކުޑަވާނެއެވެ. އާންމު ގޮތެއްގައި ކުއްޖާގެ ބަރުދަނުގެ ބޮޑުބައެއް އިތުރުވެގެން އަންނަނީ މާބަނޑު ދުވަސްވަރުގެ ފަހު ދެތިން ހަފްތާގެ ތެރޭގައެވެ.

އުފަންވާއިރު ބަރުދަން ލުއިވާ އަނެއް ސަބަބަކީ ރަހިމުގެ ތެރޭގައި ތުއްތު ދަރިފުޅު ހެދިބޮޑުވުން ހުއްޓުން ނުވަތަ ލަސްވުމެވެ. މިއީ މާބަނޑު ދުވަސްވަރު ތުއްތު ދަރިފުޅު ރަނގަޅަށް ހެދިބޮޑުނުވާތީ ދިމާވާ ކަމެކެވެ. މިއީ ފަހަރުގައި މަހުގައި ނޫނީ މަންމަގެ ކިބައިގައި ނޫނީ ތުއްތު ދަރިފުޅުގެ ކިބައިގައި ހުރި ކަމަކުން ކުރިމަތިވާ ކަމަކަށް ވުމަކީ ގާތް ކަމެކެވެ.

ރަހިމުގެ ތެރޭގައި ހެދިބޮޑުވުން ހުއްޓޭ ކުއްޖަކު :

·         ދުވަސްފުރާ އުފަންވުން : މީގެ މާނައަކީ ބަނޑަށް 41-37 ހަފްތާއާއި ދެމެދު އުފަންވުމެވެ. ތުއްތު ދަރިފުޅު ކުޑަވި ނަމަވެސް ޖިސްމާނީ ގޮތުން ކުއްޖާ އޮންނާނީ ފުރާ ފުރިހަމަވެފައެވެ.

·         ދުވަސްނުފުރާ އުފަންވުން : ތުއްތު ދަރިފުޅު ކުޑަވެފައި، ޖިސްމާނީ ގޮތުން މުޅިން ފުރިހަމައެއް ނުވާނެއެވެ.

މަގުފަހިކުރާ ކަންތައްތައް

އުފަންވާއިރު ބަރުދަން ލުއިވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         މާބަނޑު ދުވަސްވަރު މައިމީހާގެ ކިބައިގައި އިންފެކްޝަން އަށަގަތުން

·         މާބަނޑު ދުވަސްވަރު މައިމީހާގެ ބަރުދަން އެކަށޭނަ ގޮތެއްގައި އިތުރުނުވުން

·         ކުރިން އުފަންވިއިރު ބަރުދަން ލުއިކުއްޖަކު ލިބިފައިވުން

·         ދުންފަތުގެ އިސްތިއުމާލުކުރުން

·         ބަނގުރާ ބުއިން

·         މަސްތުވާތަކެތި ބޭނުންކުރުން

·         މައިމީހާގެ އުމުރުން 15 ނޫނީ 17 އަހަރަށްވުރެ ހަނގުވުން ނޫނީ 35 އަހަރަށްވުރެ ދޮށިވުން

·         ކަޅު ނަސްލަށް ނިސްބަތްވުން

·         އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް އެއްފަހަރާ ބަލިވެއިނުން

·         މާބަނޑު ދުވަސްވަރު ރަނގަޅުކާނާ ބޭނުން ނުކުރުން

·         މާބަނޑު ދުވަސްވަރު އެކަށޭނަ ޞިއްހީ ފަރުވާ ނުހޯދުން ނޫނީ ނުލިބުން

·         މާބަނޑު ދުވަސްވަރު ތަފާތު ޞިއްޙީ މައްސަލަތައް ފެންމަތިވުން

އަލާމާތްތައް

·         ތުއްތު ދަރިފުޅު އުފަންވިއިރު ބަރުދަން ލުއިވުން

·         ތުއްތު ދަރިފުޅުގެ އުމުރާއި އަޅާބަލާއިރު ސައިޒުން ކުޑަވުން

·         ތުއްތު ދަރިފުޅުގެ ހަށިގަނޑާއި އަޅާބަލާއިރު ނިސްބަތުން ބޯބޮޑުވުން

·         ހަށިގަނޑުގައި ސަރުބީ މަދުވުމުން ހަށިގަނޑު ހިކި އަނަރޫފަވެ، ނިކަމެތިހެން ހީވުން

ނުރައްކާތައް

އުފަންވާއިރު ބަރުދަން ލުއި ކުދިންނަށް އާންމު ގޮތެއްގައި މައްސަލަތަކާ ދިމާވެއެވެ. ދުވަސްފުރައި އެކަށޭނަ ބަރުދަނެއް ހުރެ އުފަންވާ ކުދިން ވަރަށް ދުވަސް ނުފުރައި، ބަރުދަން ލުއިކޮށް އުފަންވާ ކުދިންގެ ހަށިގަނޑުގެ ވަރުގަދަ އެއް ނުވާނެއެވެ. ކެއުން، ބަރުދަން އިތުރުކުރުން އަދި އިންފެކްޝަންތަކުން ރައްކާތެރިވުމުގައި ހުރަސްތަކާ ، ނޫނީ ދަތި އުދަނގޫތަކާ މިފަދަ ކުދިން ( އުފަންވާއިރު ބަރުދަން ލުއި ކުދިން) ކުރިމަތިލާން ޖެހެއެވެ. ހަމަމިގޮތަށް މިފަދަ ކުދިންގެ ހަށިގަނޑުގައި އެކަށޭނަ ވަރަށް ސަރުބީ ނުހުންނާތީ ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް އުދަނގޫވެއެވެ.

އުފަންވާއިރު ބަރުދަން ލުއި ކުދިންނަށް ވެސް ތަފާތު ނުރައްކާތައް ކުރިމަތި ވެއެވެ. އެއީ ދުވަސްނުފުރާ އުފަންވުމުން ނޫނީ އުފަންވިއިރު މާ ކުޑަވުމުން ދިމާވާ ނުރައްކާތަކެއްކަން ބުނެދޭން ބައެއް ފަހަރު އުދަނގޫވެއެވެ. އާންމު ގޮތެއްގައި އުފަންވިއިރު ބަރުދަން ލުއި ކުދިންނަށް ތަފާތު ނުރައްކާތައް ކުރިމަތިވުމުގެ ހިރާސް އޮވެއެވެ.

އާންމުކޮށް އުފަންވާއިރު ބަރުދަން ލުއި ކުދިންނަށް ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެ އެވެ.

·         އުފަންވާއިރު އޮކްސިޖަންގެ މިންވަރު ދަށްވުން

·         ހަށިގަނޑުގެ ފިނިހޫނުމިން އެކަށޭނަ ވަރެއްގައި ހިފަހައްޓަން އުދަނގޫވުން

·         ބަރުދަން އިތުރުކުރުމާއި، ކެއިންބުއިމުގައި ހުރަސްތަކާ ކުރިމަތިވުން

·         އިންފެކްޝަންތަކަށް ހުށަހެޅުމުގެ ހިރާސް އިތުރުވުން

·         ނޭވާލުމުގެ މައްސަލަތައް

·         ފުއްޕާމޭ ރަނގަޅަށް ފުރިހަމަނުވުން

·         ސިކުނޑިއަށް ލޭއެޅުން

·         ނިކޮރޮޓައިޒިން އެންޓީރޯކޮލައިޓިސް ކިޔާ ގޮހޮރު ދުޅަވުމުގެ ވައްތަރެއް ކުރިމަތިވުން

·         ކުއްލިއަކަށް ގޮތްނޭނގޭ ގޮތެއްގައި ތުއްތު ދަރިފުޅު މަރުވުން

މީގެ އިތުރުން އުފަންވާއިރު ބަރުދަން ލުއި ކުދިންނަށް ދާއިމީކޮށް ދެމިހުންނަ ނޫނޫ ހުރެދާނެ ނުރައްކާތައް ވެސް ކުރިމަތިވެއެވެ. އެފަދަ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ސެރެބްރަލް ޕަލްސީ

·         ލޯއަނދިރިވުން

·         ބީރުވުން

·         ހެދިބޮޑޫވުން ލަސްވުން

ދެނެގަތުން

މާބަނޑު ދުވަސްވަރު ގަވާޢިދުން ޑޮކްޓަރަށް ދައްކައި، ބަލަމުން ގެންދިއުމުގެ މައިގަނޑު އެއް ބޭނުމަކީ ތުއްތު ދަރިފުޅު ރަނގަޅަށް ހެދިބޮޑުވަމުންދޭތޯ ބެލުމެވެ. މާބަނޑު ދުވަސްވަރު ތުއްތު ދަރިފުޅުގެ ސައިޒު ނުވަތަ ބޮޑުމިން އެކި ގޮތްގޮތަށް ބަލައި ހެދެއެވެ. އެގޮތުން ތުއްތު ދަރިފުޅުގެ ހެދިބޮޑުވުން ބެލޭ ބައެއް ގޮތްތައް ތިރީގައި މިވަނީ އެވެ.

(ހ) މައިމީހާގެ ބަރުދަން ބެލުން:  މައިމީހާ އެކަށޭނަ ވަރަށް ބަރުދަން އިތުރުވޭތޯ ބެލުމަކީ ތުއްތު ދަރިފުޅުގެ ހެދިބޮޑުވުން ބެލުމަށް ބޭނުންކުރެވިދާނެ ގޮތެކެވެ.

(ށ) ފަންޑަސްގެ ދިގުމުން ބެލުން : ފަންޑަސް ގެ ދިގުމިން ބެލުމަށް މައިމީހާގެ ދަށްބަނޑާއި ހިސާބު ތިރިން "ޅިނދުކަށި"ން ފެށިގެން މައްޗަށް ރަހިމުގެ މަތީ ފާރަށް ނުވަތަ ފަންޑަސް އާއި ދެމެދުގައިވާ ދުރުމިން ނޫނީ ދިގުމިން ބެލެއެވެ. ފަންޑަސް ގެ ދިގުމިން ބަލަނީ ސެންޓިމީޓަރު (ސމ) އިންނެވެ. ބަނޑަށް 20 ހަފްތާ ފުރުމަށްފަހު ފަންޑަސްގެ ދިގުމިނަކީ ހަމަ ބަނޑަށްވީ ދުވަހެވެ. މާނައަކީ ބަނޑަށް 24 ހަފްތާ ކަމުގައިވާނަމަ، ފަންޑަސްގެ ދިގުމިނަކީ 24 ސމ އެވެ. ލަފާކުރާ ވަރަށްވުރެ ފަންޑަސްގެ ދިގުމިން ކުޑަނަމަ، ފަހަރުގައި އެއީ ތުއްތު ދަރިފުޅު ރަނގަޅަށް ހެދިބޮޑުނުވާތީ (ތުއްތު ދަރިފުޅު ކުޑަވުމުން ) ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

(ނ) ސްކޭންކުރުން : މާބަނޑު ދުވަސްވަރު މައިމީހާގެ ބަނޑުގެ ސްކޭން ހެދުމަކީ ވެސް ރަހިމުގައި އޮންނަ ތުއްތު ދަރިފުޅުގެ ހެދިބޮޑުވުން ބެލުމަށް ކުރެވޭނެ ކަމެކެވެ. މިއީ ފަންޑަސް ގެ ދިގުމިން ބެލުމަށް މާ ބޭނުންތެރި ރަނގަޅު ގޮތެކެވެ. ސްކޭންގެ ތެރެއިން ބޮލުގެ، ބަނޑުގެ އަދި މާކަޅުވާ ކަށިގަނޑުގެ މިންތައް ބެލެއެވެ. މިމިންތައް ތުއްތު ދަރިފުޅުގެ ބަރުދަން ލަފާކުރުމުގައި ބޭނުން ކުރެވެއެވެ.

ބަހާލެވިފައިވާ ގިންތިތައް

އުފަންވާތާ ދެތިން ގަޑިއިރުގެ ތެރޭގައި ތުއްތު ދަރިފުޅުގެ ބަރުދަން ބެލޭނެއެވެ. ވިހޭއިރު ބަނޑަށްވީ ދުވަހަކާއި ކުއްޖާގެ ބަރުދަން އަޅާ ކިޔާނެ އެވެ. އެގޮތުން އުފަނާވާއިރު ބަރުދަން 2.5 ކިލޯގްރާމަށްވުރެ ލުއިނަމަ، އެއީ އުފަންވާއިރު ބަރުދަން ލުއިކަމަށް ބެލޭނެއެވެ. އުފަންވިއިރު ބަރުދަން 1.5 ކިލޯގްރާމަށްވުރެ ލުއިނަމަ އެއީ އުފަންވިއިރު ވަރަށް ލުއި ކުއްޖެއްގެ ގޮތުގައި ބެލޭނެ އެވެ. އަދި ބަރުދަން 1 ކިލޯގްރާމަށްވުރެ ދަށްނަމަ އެއީ އުފަންވިއިރު އާދަޔާ ޚިލާފަށް ބަރުދަން ލުއިކުއްޖެއް ކަމުގައި ބެލޭނެ އެވެ.

(ހ) އުފަންވިއިރު ވަރަށް ބަރުދަން ލުއިވުން (very low birth weight): މީގެ މާނައަކީ އުފަންވިއިރު ބަރުދަން 1.5 ކިލޯގްރާމަށްވުރެ ދަށުގައި ހުރުމެވެ.

(ށ) އުފަންވިއިރު އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން (extremely low birth weight): މީގެ މާނައަކީ އުފަންވިއިރު ބަރުދަން 1 ކިލޯގްރާމަށްވުރެ ދަށުގައި ހުރުމެވެ.

ފަރުވާ

އުފަންވާއިރު ބަރުދަން ލުއިކުދިންނަށް ދޭ ފަރުވާ ބަރޯސާވަނީ އުފަންވި ތުއްތު ދަރިފުޅަށް ކުރިމަތިވެފައިވާ އުދަނގޫތަކާއި، އުފަންވިއިރު އުމުރު (ނޫނީ މައިމީހާގެ ބަނޑަށްވީ ދުވަސް/ހަފްތާ) ، ތުއްތު ދަރިފުޅުގެ އާންމު ދުޅަހެޔޮކަން ،  އަދި ކުރިމަތިވެފައިވާ ހާލަތު ގެ ނުރައްކާތެރި ކަން ފަދަ ކަންކަމުގެ މައްޗަށެވެ.

އުފަންވާއިރު ބަރުދަން ލުއި ކުދިންނަށް ދޭ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ތުއްތު ކުދިންނަށް ޚާއްޞަ އިންޓެންސިވް ކެއަރ ޔުނިޓް ގައި ފަރުވާ ދިނުން

·         ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދޭ އެނދުގައި ފަރުވާ ދިނުން

·         ވަކި ޚާއްޞަ ގޮތަކަށް ކާންދިނުން : ބައެއް ފަހަރު ތުއްތު ދަރިފުޅަށް ދަމަށް ނޭނގޭނަމަ ކާންދިނުމަށް ބަނޑަށް ހޮޅިއެއް ގުޅަންޖެހިދާނެ އެވެ. ނޫނީ އައިވީ ގުޅައިގެން އެންއައިސީޔޫގައި އޮންނަ މުއްދަތުގައި ގަވާޢިދުން އައިވީ ދޭންޖެހިދާނެއެވެ.

އުފަންވިއިރު ބަރުދަން ލުއިކުއްޖެއްގެ ދުޅަހެޔޮކަން ނޫނީ ލިބިދާނެ ކުރިއެރުން ލަފާކުރުމުގައި އުފަންވިއިރު ހުރި ބަރުދަނަށް ބަރޯސާ ވެއެވެ. އެގޮތުން އުފަންވިއިރު ބަރުދަން 500 ގްރާމަށްވުރެ ދަށްކުދިން ސަލާމަތްވުމަކީ ވަރަށް ނާދިރު ކަމެކެވެ.

ރައްކާތެރިވުން

އުފަންވާއިރު ބަރުދަން ލުއިވުމުން ރައްކާތެރިވެވޭނީ ދުވަސްނުފުރާ އުފަންވުމުން ރައްކާތެރި ކުރެވިގެންނެވެ. އެހެންކަމުން ދުވަސްނުފުރާ އުފަންވުން ނޫނީ ދުވަސްނުފުރާ ވިހެއުމުން ރައްކާތެރިވުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.

ދުވަސްނުފުރާ އުފަންވުމުގެ ހިރާސް ކުޑަކުރުމަށްޓަކައި ނޫނީ ދުވަސްނުފުރާ ވިހެއުމުގެ ހިރާސް ކުޑަކުރުމަށްޓަކައި ދުވަސްނުފުރާ ވިހެއުން ނޫނީ އުފަންވުމަށް މަގުފަހިވާ ކަންތައްތަކާ ވީވަރަކުން ދުރުހެލިވެވިދާނެ އެވެ. އެގޮތުން ދުވަސްނުފުރާ އުފަންވުން ނޫނީ ދުވަސްނުފުރާ ވިހެއުމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

·         ބަނގުރާ ބުއިމުން ދުރުހެލިވުން

·         މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުން

·         މާބަނޑު ދުވަސްވަރު ގަވާއިދުން ޑޮކްޓަރަށް ދެއްކުން

·         ދުވަސްނުފުރާ ވިހެއުމުގެ އަލާމާތެއް ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން

 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·          https://www.stanfordchildrens.org/en/topic/default?id=low-birthweight-90-P02382

·         https://www.chop.edu/conditions-diseases/low-birthweight

No comments:

Post a Comment