Tuesday, April 7, 2015

ދުނިޔޭގެ ޞިއްޙަތު ދުވަސް


ދުނިޔޭގެ ޞިއްޙަތު ދުވަސް
މިއަދަކީ ދުނިޔޭގެ ޞިއްޙަތު ދުވަހެވެ. ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 7 ވަނަ ދުވަސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަކި ޝިއާރަށް ކަނޑައަޅައި ފާހަގަކުރަމުން އާދެއެވެ. އާންމު ނަޒަރަކުން ބަލާއިރު މިދުވަސް ފާހަގަކުރެވެނީ ޞިއްޙީ ކަންކަމާމެދު އާންމުން ހޭލުންތެރިކުރާ ދުވަހެއްގެ ގޮތުގައެވެ. ރާއްޖޭގައި މިދުވަސް އަންނަނީ އެއަހަރެއްގެ ޝިއާރާ ގުޅޭގޮތަށް ބައްޓަން ކުރެވިގެން ތަފާތު ހަރަކާތްތަކާއެކު ފާހަގަ ކުރަމުންނެވެ. އެގޮތުން މިއަހަރަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "ދަނޑުން ސުފުރާޔަށް : ކާނާ ރައްކާތެރިކުރަމާ" މިއެވެ. 



ކާނާގެ ރައްކާތެރިކަމާ ގުޅުވައިގެން މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަގުޞަދަކީ ކާނާގެ ރައްކާތެރިކަން ހިފެހެއްޓުމަށް ދައުލަތްތަކަށް ހިތްވަރުދީ، ބާރުއެޅުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާމެދު، އާންމުން ހޭލުންތެރިކުރުވައި، އާންމުންގެ ސުފުރާއާއި ހަމައަށް އަންނަ ކާނާ އަކީ ރައްކާތެރި ކާބޯތަކެތި ކަމުގައި ކަށަވަރުކުރުމަށް ދަނޑުން ސުފުރާއަށް ކާނާ ފޯރުކޮށްދިނުމުގައި ބައިވެރިވާ އެންމެންނަށް ހިތްވަރު ދިނުމެވެ. 

ރައްކާތެރި ނޫން ގޮތުގައި ކާބޯތަކެތި ބޭނުންކުރުމުން އާންމު ގޮތެއްގައި ބަލިޖެހެނީ ތަފާތު ބެކްޓީރިޔާ، ވައިރަސް، ޕެރަސައިޓް ތަކާއި ތަޣައްޔަރުވެފައި ހުންނަ ކާނާއާއި، ފެން ބޭނުންކުރުމުންނެވެ. އަދި ތަފާތު ކެމިކަލްތަކާ ތަޣައްޔަރުވެފައި ވެފައި ހުންނަ ކާނާ އާއި ފެން ބޭނުންކުރުމުގެ ސަބަބުންނެވެ. ރައްކާތެރި ނޫންގޮތުގައި ކާބޯތަކެތި ބޭނުންކުރުމުގެ ސަބަބުން 200 އަށްވުރެ ގިނަ ބަލިތައް ޖެހޭކަމަށް މިހާތަނަށް ހޯދިފައި ވެއެވެ. އެގޮތުން ބޭރަށްހިންގުމުން ފެށިގެން ގޮސް، ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހުމަކީ ވެސް ވެދާނެ ގޮތެކެވެ. މީގެ އިތުރުން މަދުން ނަމަވެސް ރާއްޖެއިން ފެންނަ ކާބޯތަކެތި ރައްކާތެރި ނޫންގޮތުގައި ބޭނުންކުރެވުމުން ޖެހިދާނެ ބަލިތަކުގެ ތެރޭގައި ޓައިފޮއިޑް ހުން، ޓޮކްސޯޕްލާޒްމޯސިސް، ލެޕްޓޯސްޕައިރޯސިސް، ހެޕަޓައިޓިސް އޭ، ލިސްޓީރިއޯސިސް، ކާނާ ވިހަވުމުގެ ވައްތަރުތައް، ފަނިވުމުގެ ވައްތަރުތައް، ފަދަ ބަލިތައް ހިމެނެއެވެ. 

ކާނާ އާއި، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ކާނާގެ ރައްކާތެރިކަން ދެމެހެއްޓުމަށް ބަލަންޖެހޭ މުހިއްމު 5 ކަމެއް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މީގެ އެތައް އަހަރެއް ކުރިން ކަނޑައަޅައި، އަމަލުކުރުމަށް ލަފާދެމުން ގެންދެއެވެ. އޭގެތެރޭގައި ކާބޯތަކެތި ސާފުތާހިރުކަންމަތީ ގެންގުޅުން، ކެއްކި، އަދި ރޯތަކެތި ވަކިކުރުން، ރަގަޅަށް ރޯފިލަންދެން ކެއްކުން، އެކަށީގެންވާ ފިނިހޫނުމިނުގައި ކާބޯތަކެތި ގެންގުޅުން، އަދި ކާބޯތަކެތި ތައްޔާރު ކުރުމުގައި ރައްކާތެރި ފެން އަދި ތާޒާ ތަކެތި ބޭނުންކުރުން ހިމެނެއެވެ.

ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 7 ވަނަ ދުވަސް ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައި ފާހަގަކުރަމަށް ނިންމާފައިވަނީ 1948 ގައި އޮތް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފުރަތަމަ އާންމު ބައްދަލުވުމުގައެވެ. ނަމަވެސް ރަސްމީ ސިފައެއްގައި ބައިނަލް އަގުވާމީ ފެންވަރެއްގައި ދުނިޔޭގެ ޞިއްޙަތު ދުވަސް ފުރަތަމަ ފާހަގަކޮށްފައިވަނީ 1950 ވަނަ އަހަރު ގައެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ހަރަކާތަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރަސްމީ ސިފައެއްގައި ބައިނަލް އަގުވާމީ ފެންވަރެއްގައި ފާހަގަކޮށް، ހިންގާ 8 ހަރަކާތު(ކޭމްޕް)ގެ ތެރެއިން އެއް ހަރަކާތެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބައިނަލް އަގުވާމީ ފެންވަރެއްގައި ރަސްމީ ސިފައެއްގައި ފާހަގަކުރާ އަނެއް 7 ހަރަކާތަކީ، ދުނިޔޭގެ ޓީބީ ދުވަސް، ދުނިޔޭގެ ވެކްސިން ހަފްތާ، ދުނިޔޭގެ މެލޭރިޔާ ދުވަސް، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް، ދުނިޔޭގެ ލޭހަދިޔާކުރާ ދުވަސް، ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް، އަދި ދުނިޔޭގެ އޭޑްސް ދުވަހެވެ. 

ރައްކާތެރި ނޫން ކާބޯތަކެތީގެ ސަބަބުން ފެތުރިދާނެ ބައެއް ބަލިތައް ތިރީގައި މިވަނީ އެވެ.
·         ހެޕަޓައިޓިސް އޭ
·         ހެޕަޓައިޓިސް އީ
·         ބޭރަށްހިންގުން އަދި ބޭރަށްހިންގުން ކުރިމަތިކުރުވާ އާންމު ބައެއް ބަލިތައް
o       ކޮލެރާ
o       ޑިސެންޓެރީ
§         ޝިގެއްލާ
§         އެމަބައިއޭސިސް
·         ކާނާ ވިހަވުން
o       ބޮޓޫލިޒަމް
·         ފަނިވުން
·         ލިސްޓީރިއޯސިސް
·         ޓައިފޮއިޑް ހުން
·         ވާބަލި (ޕޯލިއޯ)

4 comments:

  1. http://terefereitede.blogspot.com/

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. Blogging is the new poetry. I find it wonderful and amazing in many ways.

    ReplyDelete