Sunday, February 12, 2012

އޫރު ރޯގާ




އޫރު ރޯގާ
ތަޢާރަފް
އޫރު ރޯގާ (Swine flu) އަކީ ވައިރަސް އެއްގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެކެވެ. އޫރު ރޯގާ ޖެހެނީ އިންފުލުއެންޒާ ވައިރަސް އޭ(Influenza virus A) ގެ ވިރާސީ ބަހާ ބަދަލުވެގެން އުފެދިފައިވާ އާ ސްޓްރެއިން އެއް ކަމުގައިވާ " ސްވައިން އެޗްވަންއެންވަން"(Swine H1N1) ގެ ސަބަބުންނެވެ. މިއީ އޫރުތަކަށް ރޯގާ ޖައްސާ ވައިރަސް ތަކާއި، ދޫނިތަކަށް ރޯގާ ޖައްސާ ވައިރަސް ތަކާއި، އަދި އިންސާނުންނަށް މޫސުމީ އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތައް އެކަަތި އަނެކައްޗާއި، މަސްހުނިވެގެން އުފެދިފައިވާ ވައިރަހެކެވެ. އޫރު ރޯގާއަށް "އެޗްވަންއެންވަން ޕެންޑެމިކް އިންފުލުއެންޒާ"(H1N1 pandemic influenza) ، "ސްވައިން ފުލޫ"(Swine flu)، ފަދަ ނަންތަކުން ވެސް މުޚާތަބު ކުރެވެއެވެ. 2009 ވަނަ އަހަރު ކުރިމަތިވި އޫރު ރޯގާގެ ސަބަބުން 214 ގައުމަކުން 18 ހާހަށްވުރެ ގިނަމީހުން ދުނިޔެ ދޫކޮށްފައި ވެއެވެ. ބަލީގައި ގިނައިން މަރުވެފައިވަނީ އުމުރުން ހަގުކުދިންކަން ފާހަގަކުރެވެއެވެ.

ސަބަބު : އިންފުލުއެންޒާ ވައިރަސް
ދޫނި ރޯގަ ޖެހެނީ އިންފުލުއެންޒާ ވައިރަސް އޭ (Influenza virus A) ގެ ސަބަބުންނެވެ. އިންފުލުއެންޒާ އޭ ވައިރަސް ގެ ތަފާތު ވައްތަރު(Strain) ތައް ހުރެއެވެ. މިވައްތަރުތައް ކަނޑައަޅަނީ ވައިރަހުގެ ބޭރު ސަތަހައިގައި ހުންނަ ދެއެންޓިޖެން ނުވަތަ ދެ ޕްރޮޓީން އިންނެވެ. މިގޮތުން ހިމެނޭ ދެ އެންޓިޖެން އަކީ ''ހީމްއެގުލޫޓިނިން''(HA=Haemagglutinin) އަދި ''ނިއުރަމިނިޑޭސް''(NA=Neuraminidase) އެވެ. މިގޮތުން މިވައިރަސްގެ އެޗްފައިވްއެންވަން ސްޓްރެއިން H5N1 އަކީ ދޫނި ރޯގާ ޖައްސާ ވައިރަސް އެވެ. އަދި އޫރު ރޯގާ ޖައްސާ ސްޓްރެއިން އަކީ ''H1N1" އެވެ.
އިންފުލުއެންޒާ އޭ ވައިރަސްގެ ސަތަހައިގައި ހިމެނޭ މިދެންނެވި ދެ ޕްރޮޓީން އަށް ބަލާއިރު ތަފާތު 16 ވައްތަރެއްގެ ހީމްއެގުލޫޓިނިން ހުންނަ ކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި 9 ވައްތަރެއްގެ ނިއުރަމިނިޑޭސް ހުންނަކަން ފާހަގަ ކުރެވިފައެވެ. އެހެން ކަމުން ސްޓްރެއިން އަށް ނަންދެވިފައިވަނީ މި ހީމްއެގުލޫޓިނިން އަދި ނިއުރަމިނިޑޭސްގެ ނަންބަރާއި ގުޅުވައިގެންނެވެ.
އިންފުލުއެންޒާ އޭ ވައިރަސްތައް ބަހާލެވިފައިވާ އެއްގޮތަކީ ބަލި ޖައްސާ މަޚުލޫޤަށް ރިޢާޔަތްކޮށް ބަހާލާފައިވާ ބަހާލުމެވެ. އެގޮތުން ހިމެނޭ ބައެއް ވައްތަރުތަކަށް ބަލާއިރު އޫރަށް ނިސްބަތްކޮށް، އޫރު ރޯގާ، ދޫންޏަށް ނިސްބަތް ދޫނި ރޯގާ ، އަދި މީގެ އިތުރުން އިންސާނުންނަށް ޖެހޭ މޫސުމީ އަރިދަފުސް ރޯގާ ހިމެނެއެވެ. އިންފުލުއެންޒާ ވައިރަސް އޭގެ ސްޓްރެއިން އަށް ނިސްބަތްކޮށް ބަހާލެވިފައިވަނީ H1N1 / H5N1 / H3N2 / H2N2 މިގޮތަށެވެ.

އިންފްލުއެންޒާ އޭ ވައްތަރުގެ ވައިރަހަކީ ވަރަށް ގިނަ ވައްތަރުގެ ޖަނަވާރުތަކަށް ބަލިޖައްސުވާ ވައިރަހެކެވެ. އޭގެ ތެރޭގައި ދޫނި، އަސް، ކަނޑުގެރި، ބޮޑުމަސް، ފަދަ ދިރޭތަކެތި ހިމެނެއެވެ. ދޫނިތަކަށް ޖެހޭ މިވައްތަރުގެ ވައިރަސް އަށް ބައެއްފަހަރު ''އޭވިއަން އިންފުލުއެންޒާ ވައިރަސް ''(Avian Influenza virus) އެވެ. މިވައިރަސްގެ މިހާތަނަށް ހާމަވެފައިވާ ހުރިހާވައްތަރެއް ދޫނީގައި ހުރެއެވެ.އެހެން ކަމުން ދޫނި ކަނޑައެޅިފައިވަނީ އިންފުލުއެންޒާ އޭ ވައިރަސްތަކުގެ ތަބީއީ މެހުމާނު ކަމުގައެވެ.

އިންފުލުއެންޒާ ވައިރަސް ދިރިހުންނަ މުއްދަތު އަދި ނައްތާލުން
ދިރިހުންނަ މުއްދަތު : ކެއްސުމާއި ކިނބިހިއެޅުމުގެ ތެރޭގައި ހަށިގަނޑުން ބޭރުވެ، ތަފާތު ތަކެތީގައި މަތީގައި އިންފުލުއެންޒާ ވައިރަސް ތަތްވެފައި ސަލާމަތުން (އެހެންމީހުންނަށް ބަލި ފަތުރާ ޙާލަތުގައި) 8-2 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގައި ހުންނަކަން ދިރާސާ އަކުން ދައްކާފައި ވެއެވެ. އެހެންކަމުން ގިނަ ފަހަރު އެފަދަ ތަނެއްގައި އެމުއްދަތުގެ ތެރޭގައި އަތްލެވިއްޖެނަމަ، ވައިރަސް އާއި އަތް ތަޣައްޔަރުވެ ދިއުމަކީ ވެދާނެ ގޮތެކެވެ.

ނައްތާލެވިދާނެގޮތް : 100-75 ޑިގްރީ ސެލްޒިއަސްގެ ހޫނުމިނުން އިންފުލުއެންޒާ ވައިރަސް ނައްތާލެވިދާނެއެވެ.  އަދި ފަނިފަކުސަމަރާ ކެމިކަލްތަކުން ވެސް ނައްތާލެވިދާނެ އެވެ. މިސާލު ކްލޯރިން ހައިޑްރޯޖަން ޕީރޮކްސައިޑް، ސައިބޯނި، އަޔޮޑިން އެކުލެވޭ އެންޓިސެޕްޓިކް،އަލްކޮހޯލް، ފަދަ މާއްދާތައް އެކަށޭނަ މިންވަރަކަށް، އެކަށޭނަ މުއްދަތެއްގައި ބޭނުންކޮށްފިނަމަ މިވައިރަސް ނައްތާލެވިދާނެ އެވެ.

ތާރީޚް
އިންފުލުއެންޒާ އެޗް 1 އެން 1 ގެ ތާރީޚް ފެށިގެން އަންނަނީ 1918 ވަނަ އަހަރު ސްޕޭން އިން ފެންމަތިވެގެން އައި ''ސްޕޭން ރޯގާ'' އާ ހިސާބުންނެވެ. ދުނިޔޭގެ އާބާދީގެ 500 މިލިޔަން މީހުންނަށް މިބަލިޖެހި، 50 މިލިޔަން މީހުން ދުނިޔެ ދޫކުރި މިރޯގާ ގެ އަސްލަކީ އިންފުލުއެންޒާ ވައިރަސް އޭގެ އެޗް1 އެން1 ސްޓްރެއިންކަން ހޯދުނީ އޭގެ 12 އަހަރު ފަހުން 1930 ވަނަ އަހަރު ގައެވެ.
1976 ގެ ފެބުރުއަރީގައި އެމެރިކާގެ ފޯޓްޑިކްސް ގައި ސިފައިންގެ 240 މީހުންނަށް ސްވައިން ފުލޫ ޖެހިފައިވެއެވެ. ފުރަތަމަ ބަލިޖެހުނު މީހާއަށް ވަރުބަލިވުމާއި، ގައިން ބާރުދޫވުން ކުރިމަތިވެ، ޖެހިގެން އައިދުވަހު އޭނާ ދުނިޔެ ދޫކުރިއެވެ. ބަލި ފެތުރިދާނެ ކަމުގެ ބިރަށް ސްވައިންފުލޫ ވެކްސިންގެ ނަމުގައި ވެކްސިނެއް އުފައްދައި، ވެކްސިން ދޭން ފެށުނެވެ. 1976 ގެ އޮކްޓޯބަރު މަހާއި ހަމައަށް 40 މިލިޔަން މީހުންނަށް ވެކްސިން ދެވުނެވެ. އޭގެ ތެރެއިން 500 ވަރަކަށް މީހުންނަށް ވާގިނެތުމުގެ ވައްތަރެއް ކަމުގައިވާ ''ގިލައިން ބެރީ ސިންޑްރޯމް'' ޖެހުނުކަން ފާހަގަ ކުރެވުނެވެ. އަދި 25 މީހުންނަށް ނިއުމޯނިޔާ ޖެހިގެން މަރުވެދިޔައެވެ. ބުނެވޭގޮތުގައި މިވެކްސިނާއި ގުޅިގެން މީހުން މަރުވާންދިމާވީ ވެކްސިން އުފެއްދުމުގެ ބޭނުންކުރި ފޯމަލީން ގެ ސަބަބުން ކަމަށް ބުނެވެއެވެ.

މިފަހަކަށް އައިސް ކުރިމަތިވެގެން މިއުޅޭ އޫރު ރޯގާ ފެށިގެން އައީ 18 މާރޗް 2009 ގައި މެކްސިކޯ އިންނެވެ. އޭގެ ފަހުން ދުނިޔޭގެ އެކި ގައުމުތަކުން މަދުމަދުން ފެންނަށް ފަށާފައި ވެއެވެ. 11 ޖޫން 2009 ގައި 21 ވަނަ ގަރުނުގެ ފުރަތަމަ ޕެންޑެމިކްސް ގެ ގޮތުގައި އޫރު ރޯގާ އިޢުލާން ކުރެވިގެން ދިޔައެވެ. 1 އޮގަސްޓް 2010 އާއި ހަމައަށް ދުނިޔޭގެ 214 ގައުމަކަށް މިބަލި ފެތުރިގެން ގޮސްފައި ވެއެވެ. އަދި 18449 މީހުން މިބަލީގައި ދުނިޔެދޫކޮށް ގޮސްފައި ވެއެވެ.

ނޯޓް : ޕެންޑެމިކް (Pandemics) އަކީ އެއްގައުމަށްވުރެ ގިނަ ގައުމުތަކުގައި ބައްޔެއް ހަލުވިކަމާއެކު ފެތުރިގެން ދިއުން، ނުވަތަ ގިނަ ގައުމުތަކެއްގައި ވަބާއެއްގެ ސިފައިބައި ބައްޔެއް ފެތުރިގެން ދިއުން، ނުވަތަ ގިނަ ގައުމުތަކެއްގައި ބަލި ފެތުރިގެންދިއުން، ނުވަތަ ޕެންޑެމިކް އަކީ އެޕިޑެމިކް ތަކެއްގެ ގޮތުގައި ގިނަ ގައުމުތަކެއްގައި ބަލި ފެތުރުމެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަޢާރަފްގައިވާ ގޮތުން : "ދޭއް ނުވަތަ އެއަށްވުރެ ގިނަ ސަރަހައްދެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ބަލި ފެތުރެމުން ދިއުން" މިއެވެ. މިސާލަކަށް : 2009 ވަނަ އަހަރު އާންމުވެގެންދިޔަ އޫރު ރޯގާ އަކީ ޕެންޑެމިކް ގެ މިސާލެވެ.

ފެތުރޭގޮތް
އޫރު ރޯގާ ވެސް ފެތުރެނީ އާންމުކޮށްޖެހޭ އަރިދަފުސް ރޯގާއެކޭ އެއްގޮތަށެވެ. އެގޮތުން މިބަލި ފެތުރެނީ ކެއްސައި ކިނބި އަޅާ ހެދުމުގެ ތެރޭގައި އަނގަޔާއި ނޭފަތުން ބޭރުވެގެންދާ ތަކެތި، ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލްވުމުންނާއި، ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި އެއްޗެއްގައި އަތްލުމަށްފަހު އެއަތްނުދޮވެ، އަނގަޔަށް ނުވަތަ ނޭފަތަށްލުން، ނުވަތަ ލޮލުގައި އަތްލުން ފަދަ ކަމެއް ކުރުމުގެ ތެރޭގައެވެ. އޫރުމަސް ނުވަތަ އޫރުގެ އުފެއްދުންތައް ބޭނުންކުރުމަކުން އޫރު ރޯގާއެއް ނުޖެހޭނެ އެވެ.
އޫރު ރޯގާ ފެތުރެނީ
·         ކެއްސައި ކިނބި އަޅާ ހެދުމުގެ ތެރޭގައި އަނގަޔާއި ނޭފަތުން ބޭރުވެގެންދާ ތަކެތި، ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލްވުމުން
·         ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި އެއްޗެއްގައި އަތްލުމަށްފަހު އެއަތްނުދޮވެ، އަނގަޔަށް ނުވަތަ ނޭފަތަށްލުން، ނުވަތަ ލޮލުގައި އަތްލުން
އޫރު ރޯގާ އަކީ އާންމުކޮށް އިންސާނުންނަށް ޖެހޭ ބައްޔެއްނޫނެވެ. ފާއިތުވި ދުވަސްތަކުގައި މިބަލި ޖެހިފައިވަނީ ކައިރިން އޫރާ މުޢާމަލާތްކުރާ މީހުންނަށެވެ. މިސާލަކަށް އޫރުގެންގުޅެ ބޮޑުކުރާ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށެވެ. އަދި އެފަދަ މީހުންގެ ކިބައިން އެހެން މީހުންނަށް މިރޯގާ ވާޞިލްވެފައިވަނީ ވަރަށް މަދުންނެވެ. ނަމަވެސް މިހާރު ކުރިމަތިވެގެން މިއުޅޭ ރޯގާ އަކީ އިންސާނުންގެ އެކަކުގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއްކަން ވަނީ ކަށަވަރުވެފައެވެ.
އޫރު ރޯގާ ފެތުރިގެންދިއުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ މިފަދަ ވައިރަސް އަށް ކުރިން ހުށަހެޅިފައިނެތް މީހުންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި މިފަދަ ރޯގާއަކުން ސަލާމަތްވުމުގެ ބާރު ނުހުންނާނެތީ އެވެ.

އަލާމާތްތައް އަދި ނުރައްކާތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސާމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން އޫރު ރޯގާ ޖައްސާ ވައިރަސް ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް 3-1 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. މިމުއްދަތު ބައެއް ފަހަރު 7-1 ދުވަހާއި ދެމެދުގެ މުއްދަތަކަށް ދިގުދެމި ދިއުމަކީ ވެދާނެ ގޮތެކެވެ.

ގައިންގަޔަށްއަރާ މުއްދަތު (Infectious period): އޫރު ރޯގާ ޖެހިފައިވާ މީހެއްގެ ފުށުން އެހެން މީހުންގެ ގައިންގަޔަށް ބަލި އަރަނީ ބަލީގެ އަލާމާތްތައް ފެނުމުގެ 1 ދުވަސް ކުރިން ފެށިގެން ގޮސް، އަލާމާތްތައް ފެނުމަށްފަހު 7-5 ދުވަހާއި ދެމެދުގެ މުއްދަތުގައި ހޭދަވާ ދުވަސްތަކުގައެވެ. ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ މީހަކަށް ބަލިޖެހިއްޖެނަމަ ބަލި ފަތުރާ މުއްދަތު ދިގުވެގެން ދިއުން އެކަށީގެންވެއެވެ. މިސާލަކަށް ކުޑަކުދިންނަށް މިމުއްދަތު 10 ދުވަހަށް ދެމިގެންދިއުމަކީ ވެދާނެ ގޮތެކެވެ.

އަލާމާތްތައް
އޫރު ރޯގާއާއި ގުޅިގެން ކުރިމަތިވާ އުދަގޫތަކަކީ އާންމުކޮށް ކުރިމަތިވާ އަރިދަފުސް ރޯގާ އާއި ވަރަށް އެއްގޮތް އުދަގޫތަކެކެވެ.

ޢާންމު އަލާމާތްތައް : އާންމުކޮށް ފެންނަ އަލާމާތްތަކުގެތެރޭގައި ގަދަޔަށް ހުންއައުން ، ނުވަތަ ހުންވައްތަރު ވުން، (38އަށް ޑިގްރީއަށްވުރެމަތި)،ހީކެރުވުން، ވަރުބަލިވުން، ކެއްސުން، ކަރުގައި ރިހުން، ބޮލުގައި ރިހުން، ގައިގައި ރިހުން، އަދި ކާހިތްނުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބައެއް ފަހަރު ފެންނަ ޢަލާމާތްތައް : ބައެއް ފަހަރު ފެންނަ އަލާމާތްތަކުގެ ތެރޭގައި، ކިނބިހިއެޅުން، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން، ނޭފަތް ބެދުން، ކަރުތެރެ ހަލާކުވެ ފާރުވުން،ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ބައެއް މީހުންނަށް ޚާއްޞަކޮށް ކުޑަކުދިންނަށް މޭނުބައިކޮށް، ހޮނޑުލުމާއި ބޭރަށްހިންގުން ކުރިމަތި ކުރުވައެވެ.

ބޮޑެތި މީހުންގެ ފުށުން ފެންނަ ނުރައްކަލުގެ ނިޝާންތައް : ބޮޑެތި މީހުންނަށް ފެނިދާނެ ނުރައްކަލުގެ ނިޝާންތަކުގެ ތެރޭގައި ނޭވާލާން އުދަގޫވުން ނުވަތަ ނޭވާކުރުވުން، މޭމައްޗާއި ބަނޑަށް ތަދުވުން ނުވަތަ ވާންވުން، ކުއްލިއަކަށް އަބުރައިގަތުން، އަދި ހާސްވެ ވާނުވާ ނޭގުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކުޑަކުދިންގެ ފުށުން ފެންނަ ނުރައްކަލުގެ ނިޝާންތައް : ކުޑަކުދިންގެ ފަރާތުން ފެނިދާނެ ނުރައްކަލުގެ ނިޝާން ތަކުގެ ތެރޭގައި މާއަވަސް އަވަހަށް ނޭވާލުން، ނުވަތަ ނޭވާލާން އުދަގޫވުން، ހަމުގެ ކުލަ އަޅި ނޫކުލައަކަށް ބަދަލުވުން، އެކަށީގެންވާ މިންވަރަށް ދިޔާތަކެތި ނުބުއިން، ނިދިބުރަވުން ނުވަތަ ހިމޭނުން އޮތުން، އަރިދަފުސް ރޯގާގެ އުދަގޫތައް ރަގަޅުވެފައި، އަލުން ހުންއައުމާއެކު އިހުނަށްވުރެ ބޮޑަށް ކެއްސުމާއެކު އުދަގޫތައް އެނބުރިއައުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި އެންމެ ނުރައްކާތެރި ޙާލަތުގައި މޭގައި އަރިދަފުސް ހިފައި، ނޭވާލުމަށް ނުކުޅެދި، މަރުވެދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

ނުރައްކާތައް : އޫރު ރޯގާގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި، ނިއުމޯނިޔާ ޖެހުން، ސައިނަސް ހުރުން، ކަންފަތުގައި އަރިދަފުސް އެޅުން ނުވަތަ ޖަރާސީމުއެޅުން، ހަށިގަނޑުން ފެން ހުސްވުން، އަދި ނޭވާހިއްލުން، ހިތް ފޭލްވުން ކުރިމަތިވެފައިވާ މީހުންނަށް އެބަލީގެ އުދަނގޫތައް އިތުރަށް ގޯސްވެގެން ދިއުން ފަދަ ކަންތައްތައް ހިމެނެއެވެ.

ސްވައިން ފުލޫ ޖެހިގެން މަރުވާން ދިމާވަނީ ނޭވާލާން ދަތިވެ ނޭވާލުން ފޭލްވެގެން ދިއުމުންނެވެ. މިގޮތަށް ދިމާވަނީ މިރޯގާގެ ސަބަބުން ފުއްޕާމޭގައި އަރިދަފުސް އަށަގަނެ، ފެންހަރުލާގޮތްވެ، ފުއްޕާމޭގެ މަސައްކަތަށް ބުރޫއެރުމުންނެވެ. މާނައަކީ ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން ފޯރުކޮށް ނުދެވުމާއި، ހަށިގަނޑުން ކާބަންޑައި އޮކްސައިޑް ބޭރުނުކުރެވުމުން ނޭވާލާން އުދަގޫވެ، ނޭވާލުން ފޭލްވެގެން ދަނީ އެވެ.

ބަލީގެ ނުރައްކާ އަދި ބަލިޖެހުމުގެ ފުރުޞަތު ފަރާތްތައް
·         ދިހަ އަހަރުން ދަށުގެ ކުޑަކުދިން
·         އުމުރުން ދުވަސްވީ (65އަހަރުންމަތީގެ) މީހުން
·         މާބަނޑު މީހުން
·         ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ މީހުން : ހިތުގެ ބަލި، ހަކުރު ބަލި، ގުރުދާގެ ބަލިތައް، ފުރަމޭގެ ބަލިތައް،ފުއްޕާމޭގެ ބަލިތައް، ނޭވާހިއްލުން،ކެންސަރު، އެއިޑްސް ބަލި ފަދަ ދާއިމީ ބަލިތަކަށް ހުށަހެޅިފައިވާ މީހުން
ނޯޓް : މަތީގައި ބަޔާންކުރެވުނު ފަރާތްތަކަށް އޫރު ރޯގާ ޖެހިއްޖެނަމަ ނުރައްކާތައް މެދުވެރިވުމުގެ ފުރުޞަތު ބޮޑެވެ.

ދެނެގަތުން
ސްވައިން ފްލޫ ދެނެގަތުމަށް ފުރަތަމަ ކުރެވޭ ކަމަކީ އަރިދަފުސް ނުވަތަ އަނގަޔާއި ނޭފަތުން ބޭރުވާ ދިޔަ ނަގައިގެން ، ނުވަތަ އަނގަ ނުވަތަ ނޭފަތުން އަރިދަފުސްކޮޅެއް(Swab) ފަދަ އެއްޗެއްނަގައިގެން އޭގައި ހުރީ ކޮންކަހަލަ ވައިރަހެއްތޯ ބަލަނީ އެވެ. އެއީ އިންފުލުއެންޒާ ވައިރަސް އޭ ނޫނީ ބީ ނޫނީ ސީ ތޯ ދެނެގަންނަނީ އެވެ. މިސްވެބްގެ އެހީގައި ވައިރަސްގެ ވައްތަރު ދެނެގަންނަނީ ވައިރަސް ކަލްޗަރ ކޮށްގެންނެވެ. މިހާރު ރެޕިޑް ޓެސްޓް ކިޔާ ކިޓެއްގެ އެހީގައި 30 މިނިޓްގެ ތެރޭގައި އެއީ އިންފުލުއެންޒާ ވައިރަސް އޭކަން ދެނެގަނެވެއެވެ. އިންފުލުއެންޒާ ވައިރަސް އޭކަން ޔަގީންވުމުން ދެން ބަލަނީ އޭގެ ސްޓްރެއިން ދެނެގަނެވޭތޯ އެވެ. އެގޮތުން އޭގެ ސްޓްރެއިން ދެނެގަތުމަށް ހެދޭ ޓެސްޓަކީ ރިއަލް ޓައިމް ނުވަތަ ރިވާސް ޓްރާންކްރިޕްޝަން ޕޮލިމަރޭސް ޗެއިން ރިއެކްޝަން ކިޔާ ޓެސްޓެކެވެ. މިއީ ރޯގާޖެހިފައިވާކަން ޔަގީންކޮށްދޭނެ ޓެސްޓެކެވެ. މީގެ އިތުރުން މޭގެ އެކްސްރޭ ނަގައިގެން ނިއުމޯނިޔާގެ އަލާމާތްތައް ހުރިތޯ ބަލައެވެ. ކުރިން ބުނެވުނު ރިވާސް ޓްރާންސްކްރިޕްޝަން ޕޮލިމަރޭސް ޗެއިން ރިއެކްޝަން ޓެސްޓް ޕޮޒިޓިވް ވުމުގެ މާނައަކީ ސްވައިން ފުލޫ ޖެހިފައިވުމެވެ. ނަމަވެސް ބަލީގެ ނުރައްކާތެރިކަމާއި އެހުރި ދަރަޖަ މިޓެސްޓަކުން އަންގައެއް ނުދެއެވެ.

ފަރުވާ
އަރިދަފުސް ރޯގާ ޖައްސާ ވައިރަސް އަކީ އޭގެ ޒާތުގައި އަވަސް އަވަހަށް ބަދަލުވާ އެއްޗަކަށްވުމުން ކުރިން އުފައްދާފައި ހުންނަ ވެކްސިންތަކުން (Flu vaccine) އޫރު ރޯގާ ޖައްސާ ވައިރަސް އަށް އަސަރު ނުކުރުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް މިހާރު އޫރު ރޯގާ އަށް ވެކްސިނެއް ތައްޔާރުކޮށް އެ ވެކްސިން ދަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ބޭނުން ކުރެވެމުންނެވެ.

އޫރު ރޯގާގެ ފަރުވާގައި އާންމު ގޮތެއްގައި ބޭނުންކުރެވެނީ އުދަގޫތައް ކުޑަކުރުމަށް ދެވޭ ފަރުވާ އެކެވެ. އެއީ ޕެނަޑޯލް ފަދަ ބޭސް ތަކެވެ. މީގެ އޫރު ރޯގާއަށް ފަރުވާދޭ ދެ ބޭހެއް ވެއެވެ. އެއީ، އެންޓިވައިރަލް ދެބޭސް ކަމުގައިވާ އޮސެލްޓެމިވިރް އަދި ޒެނެމިވިރް އެވެ. މި ދެ ބޭހުން، އޫރު ރޯގާއަށް ފަރުވާ ލިއްބައިދޭކަން މިހާރު ވަނީ އެނގިފައެވެ.އަދި މި ދެ ބޭހަކީ، އޫރު ރޯގާ ގައިން ގަޔަށް އެރުމުގެ މިންވަރު ކުޑަކޮށްދޭ އެއްޗެއް ކަން ވެސް ވަނީ އެނގިފައެވެ. ބަޔާންކުރެވުނު ދެބޭހުގެ ސަބަބުން ރޯގާގެ ވައިރަސް ހަށިގަނޑުގެ ހިސާބުތަކަށް ފެތުރިގެންދިއުން ކުޑަކޮށްދެއެވެ. ފާހަގަކުރެވިފައިވާ ގޮތުގައި މިދެބޭހުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރޯގާގެ އުދަގޫތައް ކުރިމަތިވާތާ 48 ގަޑިއިރުގެ ތެރޭގައި ބޭނުންކޮށްފިނަމަ އެވެ. އަދި މިބޭހުގެ ސަބަބުން ރޯގާ ނުރައްކާތެރި ހާލަތަކަށް ބަދަލުވުން ކުޑަކޮށްދެއެވެ.
ކުރިން ބޭނުންކުރެވެމުން އައި ބައެއް ބޭސްތަކުގެ ތެރޭގައި ހިމެނޭ އެމެންޓެޑިން އަދި ރިމެންޓެޑިން ފަދަ ބޭސްތަކަށް މިވައިރަހަކީ ނުގުޑާ އެއްޗަކަށްވަނީ ވެފައެވެ. މާނައަކީ އެފަދަ ބޭހުން ފަރުވާކުރިއަސް ބައްޔަށް މާބޮޑު ޝިފާއެއް ނުލިބެއެވެ.

ދުރާލާ ރައްކާތެރިވުމުގެ ގޮތުން ބޭސް ދޭންޖެހޭ ނުވަތަ ބޭނުންކުރެވިދާނެ ފަރާތްތައް
·         ބަލިޖެހިފައިވާ މީހަކާއި އެއްގޭގައި އުޅޭމީހުން: މިފަދަ މީހުންނަކީ ގިނަފަހަރު އެމީހަކާއި ގައިގޯޅިވެ އުޅޭ މީހަކަށް ވުމުގެ ފުރުޞަތު ބޮޑުވާނެއެވެ.
·         ބަލިޖެހިފައިވާ މީހާގެ ގޭބިސީގައި އުޅޭ ސްކޫލް ކުދިން
·         ބަލިފެތުރިފައިވާ ހިސާބަކަށް ދަތުރުކުރާ މީހުން
·         ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން
ޓެމިފްލޫ :- (އޮސެލްޓަމިވިރް) : ޓެމިފްލޫ އަކީ އެންޓިވައިރަލް ގުޅަ ބޭހެކެވެ. އަދި ދިޔާކޮށް ވެސް މިބޭސް ލިބެން ހުރެއެވެ. ސްވައިން ފުލޫ އިން ރައްކާތެރިވުމަށާއި، އެއަށް ފަރުވާގެ ގޮތުގައި ޓެމިފްލޫ ބޭނުން ކުރެވެއެވެ. ޓެމިފްލޫ އިން ކުރިމަތިވާ މައިގަނޑު ނުރަގަޅު އަސަރުތައް ނުވަތަ ''ސައިޑް އިފެކްޓް''ތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލެވުން، އަދި ބޭރަށް ހިންގުން ހިމެނެއެވެ.
ރިލެންޒާ:- (ޒެނަމިވިރް) : ރިލެންޒާ އަކީ އަނގައިން ދަމާ އިންހޭލަރ އެވެ. ސްވައިން ފުލޫ އިން ރައްކާތެރިވުމަށް އުމުރުން 5 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް އަދި ސްވައިން ފުލޫ އަށް ފަރުވާކުރުމަށް އުމުރުން 7 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް މި އިންހޭލަރ ބޭނުން ކުރެވެއެވެ. ނޭވާހިއްލާ ބަލި އަދި ފުއްޕާމޭގެ ބަލިތައް ހުންނަމީހުންނަށް ފަރުވާކުރުމަށް ރިލެންޒާ ބޭނުންކުރުން އެދެވިގެންނެއް ނުވެއެވެ.
އޮސެލްޓަމިވިރް (ޓެމިފްލޫ)
އުމުރުފުރާ
ފަރުވާ
ރައްކާތެރިވުމަށް
ބޮޑެތިމީހުންނަށް
75 މިލިގްރާމްގެ ކެޕްސޫލް ދުވާލަކު 2 ފަހަރު ،5 ދުވަހަށް
75 މިލިގްރާމްގެ ކެޕްސޫލް ދުވާލަކު 1 ފަހަރު
ކުޑަކުދިންނަށް (12މަހަށްވުރެ ދޮށި، 15 ކިލޯއަށް ވުރެ ލުއި)
ދުވާލަކު 60 މިލިގްރާމް ދެޑޯޒަށް ބަހާލައިގެން
ދުވާލަކު 30 މިލިގްރާމް
23-15 ކިލޯ – ދެމެދުގެ ބަރުދަން ހުރި
ދުވާލަކު 90 މިލިގްރާމް ދެޑޯޒަށް ބަހާލައިގެން
ދުވާލަކު 45 މިލިގްރާމް
40 -24 ކިލޯ – ދެމެދުގެ ބަރުދަން ހުރި
ދުވާލަކު 120 މިލިގްރާމް ދެޑޯޒަށް ބަހާލައިގެން
ދުވާލަކު 60 މިލިގްރާމް
40 ކިލޯއަށްވުރެ ބަރު
ދުވާލަކު 150 މިލިގްރާމް ދެޑޯޒަށް ބަހާލައިގެން
ދުވާލަކު 75 މިލިގްރާމް
ތުއްތު ކުދިންނަށް


3 މަހުން ދަށް
12މިލިގް،ދުވާލަކު2ފަހަރު،5ދުވަހަށް
މާގޯސްނޫންނަމަ އެދެވިގެންނުވޭ
5-3 މަހާއި ދެމެދު
20މިލިގް،ދުވާލަކު2ފަހަރު،5ދުވަހަށް
20މިލިގް،ދުވާލަކު1ފަހަރު،10ދުވަހަށް
11-6 މަހާއި ދެމެދު
25މިލިގް،ދުވާލަކު2ފަހަރު،5ދުވަހަށް
25މިލިގް،ދުވާލަކު1ފަހަރު،10ދުވަހަށް
ޒެނަމިވިރް (ރިލެންޒާ)
އުމުރުފުރާ
ފަރުވާ
ރައްކާތެރިވުމަށް
ބޮޑެތި މީހުންނަށް
5-2 މިލިގްރާމް އިންހޭލްކުރަން ދުވާލަކު 2 ފަހަރު (10މިލިގްރާމް ދުވާލަކު ގިނަވެގެން)
5-2 މިލިގްރާމް އިންހޭލްކުރަން ދުވާލަކު 1 ފަހަރު (10މިލިގްރާމް ދުވާލަކު ގިނަވެގެން)
ކުޑަކުދިން
5-2 މިލިގްރާމް އިންހޭލްކުރަން ދުވާލަކު 2 ފަހަރު (10މިލިގްރާމް ދުވާލަކު ގިނަވެގެން) ، 7 އަހަރުން މަތީގެ ކުދިންނަށް
5-2 މިލިގްރާމް އިންހޭލްކުރަން ދުވާލަކު 1 ފަހަރު (10މިލިގްރާމް ދުވާލަކު ގިނަވެގެން) 5 އަހަރުން މަތީގެ ކުދިންނަށް

ރައްކާތެރިވުން
އޫރު ރޯގާއިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ އެބަލިން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން ދިނުމެވެ.
އޫރު ރޯގާއިން ރައްކާތެރިވުމަށް ދެވޭ ވެކްސިން
މޫސުމީ އަރިދަފުސް ރޯގާ، އަދި އޫރު ރޯގާ އިން ރައްކާތެރިވުމަށް ދެވޭ ވެކްސިން ދިވެހިރާއްޖެއިން ވެސް ލިބެން ހުރެއެވެ. ވެކްސިން ދިނުމަކީ ތަފާތު ބަލިތަކުން ހަށިގަނޑު ދިފާޢުކޮށްދީ މުޖުތަމަޢުގައި ބަލިފެތުރޭ މިންވަރުކުޑަކޮށްދީ، އަދި ބަލިޖެހޭ މީހުންގެ ނިސްބަތް ދަށްކޮށްދޭ ކަމެކެވެ. ސްވައިން ފުލޫ ވެކްސިން(Swine flu vaccine)  އަކީ ސްވައިން ފުލޫ އިން ރައްކާތެރިވުމަށް ދެވޭ ވެކްސިން އެކެވެ.

ވެކްސިން ދެވޭގޮތް : ޢުމުރުން 10 އަހަރަށްވުރެ ދޮށީ ކުދިންނާއި ބޮޑެތި މީހުންނަށް ދޭންޖެހެނީ ވެކްސިންގެ 1 ޑޯޒެވެ. ނަމަވެސް 10 އަހަރަށްވުރެ ކުޑަކުދިންނަށް 2 ޑޯޒް ދޭންޖެހެއެވެ. ސްވައިން ފުލޫ ވެކްސިން ދެނީ މަސްގަނޑަށް ޖަހާ އިންޖެކްޝަނެއްގެ ސިފައިގައެވެ. ބޭރު ބައެއް ގައުމުތަކުގައި ނޭފަތަށް ޖަހާ ސްޕްރޭގެ ސިފައިގައި ވެސް މިވެކްސިން ދީއުޅެއެވެ.


ވެކްސިން ޖަނީ : މާބަނޑުމީހުން، އުމުރުން 6 މަހާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިން ، އުމުރުން ދުވަސްވީ މީހުން ( 65 އަހަރުންމަތީގެ) ، ދިގުމުއްދަތަކަށް ބޭސްކުރަންޖެހޭ ބަލިތައް ތަޙައްމަލުކުރަމުން ގެންދާ މީހުން ، ޞިއްޙީ ޚިދުމަތް ދިނުމުގައި ކުރީ ސަފުގައި މަސައްކަތްކުރާމީހުން އަދި ސިފައިންނާއި ފުލުހުންގެ ތެރޭގައި ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނެވެ.

ވެކްސިން ޖެހުން އެދެވިގެންނުވަނީ : ކުކުޅު ބިސް ފަދަ ޕްރޮޓީންގެ ބާވަތްތަކަށް ވަރަށް ބޮޑަށް އެލާޖިކްވާ މީހުން، މޫސުމީ އަރިދަފުސް ރޯގާއަށް ޖަހާ ވެކްސިން އަށް ވަރަށް ބޮޑަށް އެލާޖިކްވެފައިވާ މީހުން، ބައެއް ކަހަލަ އެންޓިބަޔޮޓިކް ތަކާއި ނުގުޅޭ މީހުން، ބައްޔެއްގެ ސަބަބުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ދިފާޢީ ބާރު ދަށްވެފައިވާ މީހުންނާއި ގައިގޯޅިވެފައިވާ މާބަނޑުމީހުންނާއި އަދި ޞިއްޙީ ޚިދުމަތްތެރިންނެވެ.

ވެކްސިންގެ ރައްކާތެރިކަން : މޫސުމީ އަރިދަފުސް ރޯގާ އަށް ދެވޭ ވެކްސިން އެކޭ އެއްފަދައިން ސްވައިން ފުލޫ ވެކްސިން އަކީ ވެސް ރައްކާތެރި ވެކްސިނެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބަލާފައިވާ ބެލުންތަކުން މިވެކްސިންގެ ސަބަބުން ފުރާނައަށް ނުރައްކާވާފަދަ ނޭދެވޭ އަސަރެއް މީހަކަށް ކުރިމަތިވިކަމެއް އަދި ހޯދިފައެއް ނުވަތަ އެނގިފައެއް ނެތެވެ. އަދި ވެކްސިން ދިނުމުގެ ސަބަބުން މާބަނޑު މީހަކަށް ނުވަތަ ބަނޑުގައި އޮތް ތުއްތު ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމަށް މިހާތަނަށް ރިޕޯޓް ކުރެވިފައެއް ނެތެވެ.

އޫރު ރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
·         ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން : އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލި ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް ފޮތި ރުމާލަށްވުރެ ރުބޮޑަށް ބޭނުންކުރަން ރަގަޅީ ޓިޝޫ ފަދަ އެއްޗެކެވެ. އެއީ ބޭނުންކޮށް ނިމުމުން ފަސޭހައިން ނައްތާލެވޭނެތީއެވެ.އަދި އެފަދަ އެއްޗެއް ބޭނުންކުރާނީ އެންމެ ފަހަރަކު ކަމަށްވާތީ އެވެ. ރުމާލެއް ޓިޝޫ އެއް އެއްޗެއް ނެތްނަމަ އަތް އަޅައިގެން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ޙާލަތުގައި ވަގުތުން އަތްދޮވެ ސާފުކުރަން ޖެހޭނެއެވެ.
  • ދެއަތްތިލަދޮވެ ސާފުކޮށް ބެހެއްޓުން: ސައިބޯނި ނުވަތަ އެނޫނަސް އެންޓި ސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން އަތްދޮވެ ހެދުމަކީ އަތުގައި ހަރުލައި ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްތައް ނެތިކޮށްލާނެ ކަމެކެވެ. އަތަށް ފެންކޮޅެއް އަޅައިލުމުން އަތްދޮވެވުނީ ކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން ފެންއަޅައި ސައިބޯނި ލައިގެން އަތްދޮންނަށް ވާނެއެވެ.
  • ލޯ،އަނގަ، ނޭފަތް ފަދަ ތަންތަނަށް އަތްނުލުން: އާންމު ގޮތެއްގައި ތަފާތު ޖަރާސީމްތައް ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމްއާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު، އަތްނުދޮވެ، އެއަތް ނޭފަތް ނުވަތަ ލޯ ނުވަތަ އަނގަޔަށް ލުމުންނެވެ.
  • ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން : ބަލިޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. އެގޮތުން އެފަދަ މީހުންނާއި ސަލާމް ކުރުމާއި، މާގިނައިރު އެކުގައި ވާހަކަ ދައްކަން ހޭދަކުރުމަކީ ވެސް ބަލި ސަލާމަތުން ހުރި މީހާގެ ގަޔަށް ނަގުލުވެދާނެ ކަމެކެވެ. ގައިގޯޅިވެއުޅުން ނުވަތަ ބަލިމީހާގެ ކައިރީގައި އުޅުން ކަމުގައި ބެލެވެނީ ބަލިމީހާ އާއި 6 ފޫޓްގެ ކައިރި އިމެއްގެ ތެރޭގައި ހޭދަކުރާނަމަ އެވެ.
  • ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް މަސައްކަތްކުރަން އޮފީހަށް ދިއުން، ސުކޫލަށްދިއުން، ފަދަ ކަންތައްތައް ދެތިން ދުވަސްވަންދެން ހުއްޓާލެވިދާނެއެވެ. އެހެން ކަމުން މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭރަށް ނުދާށެވެ. ބަލިވެއްޖެނަމަ މަދުވެގެން 7 ދުވަސް ވަންދެން ގޭގައި މަޑުކުރުން ބުއްދިވެރިއެވެ. ސަބަބަކީ މިރޯގާ ގައިން ގަޔަށް އަރަނީ ބަލީގެ އަލާމާތްތައް ފެނުމުގެ އެއްދުވަސް ކުރިން ފެށިގެން އަލާމާތްތައް ފެނުމަށްފަހު އަންނަ 7 ދުވަހުގެ ތެރޭގައި ކަމަށްވާތީ އެވެ.
  • ޞިއްޙީ ރަގަޅު އެހެނިހެން އާދަތައް ހިފެހެއްޓުން: މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން، ކަސްރަތުކުރުން، ނިދިހަމަކުރުން، ހާސްކަމާއި ފިކުރުތަކާއި ދުރުހެލިވުން، ފައިދާހުރި ކާނާ ބޭނުންކުރުން ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންތައްތަކަކީ ތަފާތު ރޯގާތަކުން މީހާ ދުރުކޮށްދޭނޭ ކަންކަމެވެ.  
މައުލޫމާތު:-
·         އިންފުލުއެންޒާ އޭ އެޗް1އެން1 – މައުލޫމާތު ގަނޑު– 07 ސެޕްޓެމްބަރު 2009 ސީސީއެޗްޑީސީ– މާލެ، ދިވެހިރާއްޖެ
.  އިންފުލުއެންޒާ އޭ އެޗް1އެން1 – ލީފްލެޓް– 05 އެޕްރީލް 2009 ސީސީއެޗްޑީސީ– މާލެ، ދިވެހިރާއްޖެ
·         އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް
·         ބައެއް މެޑިކަލް ފޮތްތައް

No comments:

Post a Comment