Monday, June 10, 2013

ބިސް އުފައްދާ ތަން



ބިސް އުފައްދާ ތަން
ބިސް އުފައްދާ ތަނަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި އެންމެ މުހިއްމު އެއް މަރުކަޒެވެ. ކޮންމެ އަންހެނެއްގެ  ހަށިގަނޑުގައި ބިސް އުފައްދާ ދެތަން ހުންނާނެ އެވެ. އެއީ ރަހިމުގެ ކޮންމެ ފަރާތެއްގައި(އަރިމައްޗެއްގައި) ތަނެކެވެ. ފިރިހެނުންގެ ހަށިގަނޑުގައި ބިސް އުފައްދާ ތަނާ އެއްގޮތް ވަޒީފާއެއް އަދާކުރާ ތަނަކީ އޮށެވެ. އެއީ އޮށުގެ ތެރޭގައި ދަރިފަނި (މަނަވީ ޙައިވާން/މަނި) އުފައްދާތީ އެވެ.

ފުރިހަމަކޮށްދޭ މަސައްކަތް
ބިސް އުފައްދާ ތަނުން ފުރިހަމަކޮށްދޭ މައިގަނޑު އެއް މަސައްކަތަކީ ބިސް އުފައްދައި ދޫކުރުމެވެ. ބިސް ދޫކުރުމުގެ ކުރިން ބިސް އުފައްދައި، ރައްކާކޮށް ގުދަން ކޮށްފައި ބަހައްޓަނީ ވެސް ބިސް އުފައްދާ ތަނުގައެވެ.
ބިސް އުފައްދާ ދޫކުރުމުގެ އިތުރުން ބައެއް ކަހަލަ ހޯރމޯންތައް އުފައްދައި ދޫކުރެއެވެ. މިގޮތުން ބިސް އުފައްދާ ތަނުން އުފައްދައިދޭ އެންމެ އާއްމު އަދި މުހިއްމު ދެ ހޯރމޯން އަކީ އެސްޓްރަޖަން(Oestrogen)އަދި ޕްރޮޖެސްޓަރޯން(Progesterone) އެވެ. އެސްޓްރަޖަން އަކީ ބާލިޣުވާ އުމުރަށް އެޅުމުން އަންހެނުންގެ އަންހެންވަންތަ ސިފަތަށް އުފެއްދުމަށް އެހީތެރިވުމުގެ އިތުރުން، ބިސް އުފައްދާ ތަނުން ދޫކުރާ ބިސް ފުރިހަމަވެ ފައްކާވުމަށް އެހީތެރިދޭ ހޯރމޯން އެކެވެ. ޕްރޮޖެސްޓަރޯން އަކީ ބަލިވެއިނުމަށް ރަހިމު ތައްޔާރުކޮށްދީ، އަދި ގާތުން ދިނުމަށް އުރަމަތި ތައްޔާރުކޮށްދޭ ހޯރމޯން އެކެވެ. މީގެ އިތުރުން އެސްޓްރަޖަން އަދި ޕްރޮޖެސްޓަރޯން ގުޅިގެން މައްސަރުކަންތައް ޖެހުމުން ރަހިމުގެ ފާރަށް ބަދަލުތައް ގެނައުމުގައި ދައުރެއް އަދާކުރެއެވެ.

ބިސް އުފެދިގެން އަންނަގޮތް
ބިސް އުފެދިގެން އަންނަނީ ބިސް އުފައްދާ ތަނުގައި ހުންނަ "އޯވަރިއަން ފޮލިކަލް"(ovarian follicles) ތަކުންނެވެ. އަންހެންކުއްޖަކު ދުނިޔެއަށް އުފަންވާއިރު އުފެދޭނެ ވަރަކަށް އެކުއްޖެއްގެ ބިސް އުފައްދާތަނުގައި ބިސް ހުންނަނީ އުފެދި ނިމިފައެވެ. އުފަންވުމަށްފަހު އިތުރަކަށް ބިހެއް ނުއުފައްދާނެ އެވެ. އެގޮތުން އަންހެންކުއްޖަކު އުފަންވާއިރު ގާތްގަނޑަކަށް އެއް މިލިޔަން އޯވަރިއަން ފޮލިކަލް އެކުއްޖެއްގެ ބިސް އުފައްދާ ތަނުގައި ހުންނާނެ އެވެ. މިއިން ކޮންމެ އޯވަރިއަން ފޮލިކަލް އެއްގެ ތެރޭގައި ފުރިހަމަނުވާ (ބޮޑުނުވާ) ބިހެއް އޮންނާނެ އެވެ. އުފަންވުމާއެކު ބައެއް އޯވަރިއަން ފޮލިކަލްތައް މަރުވެދެއެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި އުފަންވިއިރު ހުރި އޯވަރިއަން ފޮލިކަލް ތަކުގެ ½ ހަށިގަނޑަށް ދަމަ(ނަގަ) އެވެ. ބާލިޣުވާއިރު އަންހެން ކުދިންގެ ހަށިގަނޑުގައި ބާކީ ހުންނާނީ ގާތްގަނޑަކަށް 4 ލައްކަ އޯވަރިއަން ފޮލިކަލް އެވެ. ބާލިޣުވުމަށްފަހު އިއްދައިން ކެނޑުމާ ދޭތެރޭގައި ގާތްގަނޑަކަށް 400 ބިސް ދޫކުރެއެވެ.

ބިސް އުފައްދާ ތަން އުފެދިފައިވާގޮތް
ބިސް އުފައްދާ ތަނުގެ ބޮޑުމިނާ ބައްޓަން އެންމެ އެއްގޮތް ވާނީ "އާމަންޑަ"ކާ އެވެ. ކޮންމެ ބިސް އުފައްދާ ތަނެއްގެ ބަރުދަނުގައި 3.5- 2 ގްރާމް ވަރު ހުރެއެވެ. ބޯމިނުގައި 1 ސެންޓިމީޓަރު ހުންނައިރު، ދިގުމިނުގައި 3.5-2.5 ސެންޓިމީޓަރު، އަދި ފުޅާމިނުގައި 2 ސެންޓިމީޓަރު ހުރެއެވެ. ބިސް އުފައްދާ ތަނުގެ ކުލަޔަކީ އަޅި-ފިޔާތޮށި ކުލަ އެވެ.
ކޮންމެ އަންހެނެއްގެ  ހަށިގަނޑުގައި، ރަހިމުގެ ކޮންމެ ފަރާތެއްގައި(އަރިމައްޗެއްގައި) ބިސް އުފައްދާ ތަނެއް ހުންނާނެ އެވެ. އެގޮތުން ބިސް އުފައްދާ ތަން ރަހިމުގައި ހަރުލާފައި އިންނަނީ ރަހިމުގެ ކޮންމެ އަރިމައްޗަކުން މަތީގައި "އޯވަރިއަން ލިގަމެންޓް"(ovarian ligament) އޭ ކިޔާ ލިގަމެންޓެއްގެ އެހީގައެވެ. އަދި އަނެއްކޮޅުން ބިސް އުފައްދާ ތަން ހަރުލާފައި އިންނަނީ ބްރޯޑް ލިގަމެންޓް(broad ligament) ގެ ފަހަތުގައެވެ.

ބިސްދޫކުރުން
ބިސްދޫކުރު(ovulation)މަކީ ބިސް އުފައްދާ ތަނުގައިވާ ބިސްތަކުގެ ތެރެއިން ބިހެއް މަހަކު އެއްފަހަރު (ވަކިވަރަކަށް) ބޮޑުވެ ފުރިހަމަވުމަށްފަހު، ބިސް އުފައްދާ ތަނުން ބޭރުވެ، ބިސް ދަތުރުކުރާ ހޮޅީގެ ކައިރިއަށް ދިއުމެވެ. ބިސް އުފައްދާ ތަނުން ދޫކޮށްލާ ބިސް ފުރަތަމަ ވާޞިލްވާނީ ބިސް ދަތުރުކުރާ ހޮޅީގެ ކޮޅުގައި އިންނަ މާގަނޑާ(fimbriae) ދިމާލަށެވެ. އަދި ރަހިމުގެ ތެރެއަށް ދާނީ އޭގެ ފަހުންނެވެ.

ކޮންމެ މަހަކު އެއްފަހަރު ކޮންމެ ވެސް އެއް ފަރާތެއްގެ ބިސް އުފައްދާ ތަނުން (ވަކިވަރަކަށް)ފުރިހަމަވެ، ފައްކާވެފައިވާ އެއް ބިސް ދޫކުރާނެ އެވެ. ކޮންމެ މަހަކު ވެސް ބިސް ދޫކުރާނީ ކޮންމެ ވެސް އެއް ފަރާތެއްގެ ބިސް އުފައްދާ ތަނުންނެވެ. އެއްވެސް ސަބަބަކާ ހުރެ އެއް ފަރާތުގެ ބިސް އުފައްދާ ތަން ނަގައިފިނަމަ، އަނެއް ފަރާތުން ބިސް ދޫކުރަމުން ގެންދާނެ އެވެ. މައްސަރު ކަންތައް ދިމާވާ ދެދޭތެރޭގައި ބިސް އުފައްދާ ދެތަނުން ކުރެ ކޮންމެ ވެސް އެއް ތަނަކުން ބިސް އުފައްދައި ދޫކުރާނެ އެވެ. އާންމު ގޮތެއްގައި ބިސް ދޫކުރާނީ(ބިސް ކޮއްޓާނީ) މައްސަރު ކަންތައް ޖެހޭތާ (ދެދޭތެރޭގެ) 12-16 ދުވަހާ ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. ބަލިވެ އިންނަން ބޭނުންވާނަމަ ބިސް ދޫކުރުމުގެ 2-1 ދުވަސް ކުރިން ނުވަތަ ބިސް ދޫކުރާތާ 1 ދުވަހުގެ ތެރޭގައި ޖިންސީގުޅުން ހިންގަންވާނެ އެވެ. އެއީ ފިރިހެނާގެ ދަރިފަނިތައް އަންހެނާގެ ކުރިމަތިފަރާތުގައި މަރުނުވެ 3-2 ދުވަސްވަންދެން ހުންނާތީ އެވެ. ނަމަވެސް އަންހެނާގެ ބިސް ފިރިހެނާގެ ދަރިފަންޏާ ބައްދަލު ނުވެއްޖެނަމަ 24 ގަޑިއިރުގެ ތެރޭގައި މަރުވާނެ އެވެ.  

"ބިސް ކޮއްޓުމާއިއެކު ބަލިވެ އިނުމަށް އަނބިމީހާ ތައްޔާރުވީއެވެ. އާއްމުގޮތެއްގައި ބިސް ކޮއްޓުމަށްފަހު ދިރިހުންނަނީ އެންމެ ގިނަވެގެން 24 ގަޑއިރުގައެވެ. ވުމާއެކު ބަލިވެއިންނަން ބޭނުންނަމަ މިމުއްދަތުގެ ތެރޭގައި ސިއްހަތު ރަނގަޅު ދަރިފަންޏެއް ބިހާއި ބައްދަލު ކުރަން ޖެހޭނެއެވެ. މިދޭތި ބައްދަލު ވުމާއިއެކު އާ އިންސާނަކު އުފެއްދުމުގެ މަސައްކަތް ފަށައެވެ.
ބިސްއޯވަރީން ބޭރުވާތާ 12-24 ގަޑިއިރުގެ ތެރޭގައި ދަރިފަނި ބިހާބައްދަލު ނުވެއްޖެނަމަ ބިސް މަރުވެއެވެ. އަދި ރަހިމަށް ގޮސް ހަށިގަނޑަށް ފޭދިގެންދެއެވެ. ބިސް މަރުވުމާއެކު އޯވަރީން ބަލިވެއިނުމަށްޓަކައި އުފައްދަމުންދާ އަންހެން ހޯމޯން އެސްޓްރޯޖިން އާއި ޕްރޮޖެސްޓެރޯން އުފެއްދުން ވަގުތީގޮތުން ހުއްޓާލައެވެ. ވުމާއެކު ބޯވެފައިވާ ރަހިމުގެ އެތެރޭގެ ފަށަލަ ލެޔާއިއެކު ފައިބައެވެ. މައްސަރުކަންތަކުގައި އަންނަ ލެޔަކީ މިއީއެވެ."(ބަނޑުގައި ދަރިފުޅު އުފެދެނީ ކިހިނެއް- ޑރ މުޙައްމަދު ފައިޞަލް- ކަވާސާ.ކޮމް)

ބިސްދޫކުރުމުގެ މަސައްކަތް ފެށުމާ، އެމަސައްކަތް ކޮންޓްރޯލް ކުރަނީ ބިސް އުފައްދާ ތަނުން އުފައްދައި ދޫކުރާ "އެސްޓްރަޖަން" ހޯރމޯންގެ މިންވަރު ދަށްވެގެން ދިއުމެވެ. އެގޮތުން އެސްޓްރަޖަން ހޯރމޯންގެ މިންވަރު ދަށްވުމުން، ސިކުނޑީގައިވާ "ހައިޕޯތަލަމަސް"(hypothalamus) އިން "ގޯނަޑަޓްރޮޕިން ރިލީޒިންގ ހޯރމޯން"(GnRH) ދޫކުރުން އިތުރުކުރުމަށް ސިގްނަލްދޭނެ(ބާރުއަޅާނެ) އެވެ. އެއާއެކު ސިކުނޑީގައިވާ "ޕިޓޫއިޓަރީ ގްލޭންޑަ"(pituitary gland) ށް "ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން"(FSH) ދޫކުރުން އިތުރުކުރުމަށް މެސެޖު ފޮނުވާނެ އެވެ.  ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން ދޫކުރުން އިތުރުވުމުން 10-20 ދެމެދު އަދަދަކަށް އޯވަރިއަން ފޮލިކަލް ތައް ބޮޑުވާން (ފުރިހަމަވެ، ފައްކާވާން) ފަށާނެ އެވެ.

އެސްޓްރަޖަން އަކީ ބިސް އުފައްދާ ތަނުގައި ހުންނަ އޯވަރިއަން ފޮލިކަލްގައި ހުންނަ ބައެއް ވައްތަރުގެ ސެލްތަކުން ދޫކުރާ ހޯރމޯން އެކެވެ. ބިސްދޫކުރަން ފެށުމުގެ ކުރިން ބޮޑުވަމުން އަންނަ ބިސް ތައް ހުރި އޯވަރިއަން ފޮލިކަލް ތައް ބިސް އުފައްދާ ތަނުގައި ސަތަހަ (ބޭރުކައިރި) އާ ދިމާލަށް ދާނެ އެވެ. ފުރިހަމަވެ ފައްކާވެފައިވާ(ބޮޑުވެފައިވާ) ބިސް، ބިސް އުފައްދާ ތަނުގެ ސަތަހައާ ހަމައަށް ވާޞިލްވުމުން ބިސް ދޫކުރަން ފަށާނެ އެވެ. އެގޮތުން ބިސް އެކުލެވޭ އޯވަރިއަން ފޮލިކަލް އަދި ބިސް އުފައްދާ ތަނުގެ ސަތަހަ ހުޅުވި، ފުރިހަމަވެ ފައްކާވެފައިވާ ބިސް، ބިސް އުފައްދާ ތަނުން ބޭރުކޮށްލާނެ އެވެ.

މީގެ އިތުރުން ބިސް އުފައްދާ ތަނުގައި ހުންނަ އޯވަރިއަން ފޮލިކަލްގައި ހުންނަ ބައެއް ވައްތަރުގެ ސެލްތަކުން ޕްރޮޖެސްޓަރޯން ހޯރމޯން ވެސް ބިސް ދޫކުރަން ފެށުމުގެ ކުޑައިރުކޮޅެއް ކުރިން އުފައްދާނެ އެވެ. ބިސް ދޫކޮށްލުމަށްފަހު ބިސް އެކުނުލެވި ހުހަށް އިންނަ އޯވަރިއަން ފޮލިކަލް އަށް ކިޔަނީ "ކޯރޕަސް ލޫޓީއަމް"(corpus luteum) އެވެ. ބިސް ދޫކުރުމަށްފަހު ބަލިވެނީދެއްޖެނަމަ، މިފޮލިކަލް އަނބުރާ ހަށިގަނޑަށް ދަމާލާނެ އެވެ. ބިސްދޫކުރުމަށްފަހު ބަލިވެއިނދެއްޖެނަމަ، މާބަނޑުވުން ދެމެހެއްޓުމަށްޓަކައި ބޭނުންވާ ބައެއް ހޯރމޯން ތައް "ކޯރޕަސް ލޫޓީއަމް" އިން ދޫކުރާނެ އެވެ. 

ބިސްދޫކުރުމުގެ ތެރޭގައި ބިސް އުފައްދާ ތަނުން ފުރިހަމަވެ ފައްކާވެފައިވާ ބިސް ބޭރުކުރުމުން ބިސް ދަތުރުކުރާ ހޮޅީގެ ތެރޭގައި އޭގެ ދަތުރު ރަހިމާ ދިމާލަށް ފަށާނެ އެވެ. ނަމަވެސް ބިހާ ދަރިފަނި ތަތްވެ މުޑުވައްވަނީ ބިސް ދަތުރުކުރާ ހޮޅީގެ ތެރޭގައެވެ. ބިސް ދަތުރުކުރާ ހޮޅީގެ ތެރޭގައި ރަހިމާ ދިމާލަށް ބިސް ދަތުރުކުރަނީ ބިސް ދަތުރުކުރާ ހޮޅީގެ ފާރުގެ މަސްތައް ކުރުގެޅި ފިތި، ހަމައަކަށް އެޅިދިއުމުގެ ތެރޭގައި އުފެދޭ ރާޅުބާންޏެއް ފަދަ ހަރަކާތުގެ އެހީގައެވެ. ބިސް ދަތުރުކުރާ ހޮޅީގެ އެތެރޭ ބަތާނަ ފަށުގައި ނަރުވާ ތަކެއް ހުރެއެވެ. މިނަރުވާ ތަކަކީ ދަރިންފަންޏާ ބިސް ބައްދަލުވުމަށް އެހީވެދޭ ނަރުވާ ތަކެކެވެ. އާންމު ގޮތެއްގައި ފުރިހަމަވެ، ފައްކާވެފައިވާ ބިހާ، ފިރިހެނާގެ ދަރިފަނި ބައްދަލުވެ މުޑުވައްވަނީ ބިސް ދަތުރުކުރާ ހޮޅިން ބިސް އުފައްދާތަނާ ގާތަށްވީ ހިސާބުގައެވެ. މުޑުވައްވެފައިވާ ބިސް، ރަހިމާ ހަމައަށް ދިއުމަށް 6-5 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :
Anatomy, G. (n.d.). http://education.yahoo.com/reference/gray/subjects/subject/266 . Retrieved from http://education.yahoo.com/reference/gray/subjects/subject/266 : http://education.yahoo.com/reference/gray/subjects/subject/266
Anne Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.
Cornforth, T. (2009, 12 14). http://womenshealth.about.com/cs/ovarianconditions/a/yrovrisovuovads.htm. Retrieved from http://womenshealth.about.com: http://womenshealth.about.com/cs/ovarianconditions/a/yrovrisovuovads.htm
Faisal, D. M. (2010, 01 01). http://kavaasaa.com/sihhat/manma-dharifulhu/maabadu/baduga-dharifulhu-ufedhenee-kihiney-59.html. Retrieved from http://kavaasaa.com/: http://kavaasaa.com/sihhat/manma-dharifulhu/maabadu/baduga-dharifulhu-ufedhenee-kihiney-59.html


No comments:

Post a Comment