Sunday, January 15, 2012

އަތާއި، ފައި، އަދި އަނގައިގެ ބަލި


އަތާއި، ފައި، އަދި އަނގައިގެ ބަލި
ތަޢާރަފް
އަތާއި، ފައި، އަދި އަނގައިގެ ބައްޔަކީ ދިވެހިރާއްޖެ އިން ވެސް ކޮންމެ އަހަރަކު ފެންނަމުންދާ ބައްޔެކެވެ. އާންމުކޮށް މިއީ ކުޑަކުދިންނަށް ޖެހޭ ބައްޔަކަށް ވިޔަސް މަދުން ނަމަވެސް ބޮޑެތި މީހުންނަށް ޖެހެއެވެ. ދޭތެރެއިން ރޯގާ ތަކުގެ ސިފައިގައި ފާއިތުވެ ދިޔަ ހައެއްކަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކި ހިސާބުތަކުން ވެސް މިބަލި ފެނިފައި ވެއެވެ.
އަތާއި،ފައި، އަދި އަނގައިގެ ބަލި(Hand foot and mouth disease) އަކީ ވައިރަސް އަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިއީ ތުއްތު ކުދިންނާއި، އަދި ކުޑަކުދިންނަށް ފަސޭހައިން ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން އަނގައިގެ ތެރޭގައި ފޮޅުނަގާ ފާރުވެ، އަތްތިލަ އަދި ފައިތިލައިގައި  ކުދިކުދި ފެން ބިހި ތަކެއް ނަގާނެއެވެ. މިބަލި ފުރަތަމަ ފެނުނީ 1956 ވަނަ އަހަރު އޮސްޓްރޭލިޔާ އިންނެވެ.
ބަލި ޖައްސާ ޖަރާސީމް
އަތާއި، ފައި، އަދި އަނގައިގެ ބަލި ޖައްސާ ޖަރާސީމަކީ އާންމުކޮށް އެންޓީރޯ ވައިރަސް(Enterovirus) އާއިލާއަށް ނިސްބަތްވާ ވައިރަސް ތަކެކެވެ. އެންޓީރޯ ވައިރަސް އާއިލާގެ ތެރޭގައި ޕޯލިޔޯ ވައިރަސް(Poliovirus)، އެންޓީރޯ ވައިރަސް(Enterovirus)، ކަކްސަކީ ވައިރަސް(Coxsackievirus)، އަދި އީކޯ ވައިރަސް(Echovirus) ހިމެނެއެވެ. އަތާއި ފައި އަދި އަނގައިގެ ބަލި ޖައްސާ ޖަރާސީމް ތަކުގެ ތެރޭގައި ކަކްސަކީ އޭ ވައިރަސް، ކަކްސަކީ ބީ ވައިރަސް، އަދި އެންޓީރޯވައިރަސް 71 އެވެ. މި 3 ވައިރަސް އަކީ ވެސް އެންޓީރޯވައިރަސްގެ ގުރޫޕްގައި ހިމެނޭ ވައިރަސް ތަކެކެވެ. މީގެ ތެރެއިން ރާއްޖޭގައި އުޅޭކަމަށް ލަފާކުރެވެނީ ކަކްސަކީ ވައިރަސް އޭ 16 އެވެ. މިވައިރަހަކީ ޖަނަވާރުންގެ ގޮހޮރުގައި ދިރިއުޅޭ ވައިރަހެކެވެ.
އަތާއި، ފައި، އަދި އަނގައިގެ ބަލި ޖައްސާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ބައެއް ވައްތަރުތަކުގެ ތެރޭގައި ކަކްސަކީ ވައިރަސް އޭ 4، އޭ7، އޭ9، އޭ10، ކަކްސަކީ ވައިރަސް ބީ1،ބީ2،ބީ3، އަދި ބީ5 ހިމެނެއެވެ. 2003 ވަނަ އަހަރު ޗައިނާގައި އީކޯ ވައިރަސް 19 އިން މިބަލި ފެތުރިފައި ވެއެވެ.
ބަޔާންކުރެވުނު ވައިރަސް ތަކުގެ ތެރެއިން އަތާއި، ފައި، އަދި އަނގައިގެ ބަލި އެންމެ ޢާންމުކޮށް ޖައްސާ ޖަރާސީމްތައް ކަމަށް ފާހަގަކުރެވިފައިވަނީ ކަކްސަކީ ވައިރަސް އޭ 16، އަދި ި އެންޓީރޯވައިރަސް 71 އެވެ.
ބަލި ފެތުރުން
އަތާއި،ފައި، އަދި އަނގައިގެ ބަލި ޖެހިފައިވާ ކުއްޖެއްގެ އަރިދަފުސް، ކުޅު، ސޮނި،ނޭފަތުން ފައިބާ ފެން، އަދި ފޮޅުން ނިކުންނަ ދިޔަ، އަދި ބޮޑުކަމުދާ ތަކެތީގައި މިޖަރާސީމް ހުންނާނެއެވެ. ބަލީގެ ފުރަތަމަ ހަފްތާގެ ތެރޭގައި ގިނަ އަދަދަކަށް ކުއްޖާގެ ނަޖިހުގައި މިޖަރާސީމް ހުންނާނެއެވެ. މިހެންކަމުން ސާފުތާހިރުކަން ކުޑަވެއްޖެނަމަ ހެޔޮ ހާލުގައި ތިބި ކުދިންގެ އެތެރެހައްޓަށް ކާބޯތަކެތީގެ ޒަރީޢާއިން މިޖަރާސީމް ފަސޭހަ ކަމާއެކު ވާޞިލް ވެއެވެ. ކެއްސާ ކިބިހި އަޅާއިރު ވައިގެ ތެރެއަށް ނިކުންނަ ތަކެތީގައި ވެސް މިޖަރާސީމް ހުރެއެވެ.
ބަލި ފެތުރެނީ
·         ކެއްސާ ކިނބިއެޅުން އަދި ކުޅުޖެހުން ފަދަ ކަންކަމުގެ ތެރޭގައި ބޭރުވާ ޖަރާސީމުން : ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، ސޮނި، ބޮޑުކަމުދާ ތަކެތި، އަރިދަފުސް، އަދި ގައިގާ ނަގައިފައިވާ ބިހިފަދަ ތަކެތިން ބޭރުވާ ދިޔައިގެ ޒަރީޢާއިންނެވެ. މިހެން ދިމާވާ ސަބަބަކީ އެތަކެތި ވައިގެ ތެރެއަށް ފެތުރުމުން ވައިގެ ޒަރީޢާއިން އަނެކާގެ ހަށިގަނޑަށް ވާޞިލްވެ ބަލިޖެހުމެވެ.
·         ބަލީގެ ޖަރާސީމް ހޭކިފައި ހުންނަ ތަންތަނުގައި އަތްލެވިގެން : ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު އެއަތް ނުދޮވެ އަނގަ ނޭފަތް ފަދަ ތަންތަނުގައި ޖައްސައިފިނަމަ ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ޖަރާސީމް ވާޞިލްވެދާނެ އެވެ. މިސާލަކަށް: ގެންގުޅޭ ތުވާލި، ބާލީސް، ރަޖާ ، މޭޒު، ގޮނޑި، ފަދަ ތަކެތީގައި ހޭކިފައި ހުންނަ ޖަރާސީމުން މިބުނި އުސޫލުގެ މަތީން ބަލި ފެތުރެއެވެ.
·         ބަލީގެ ޖަރާސީމް ހުރި ނަޖިހާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ކެއުން: ބަލިޖެހިފައިވާ ކުއްޖާގެ ގޮހޮރުގައި މިޖަރާސީމް ހުންނާތީ، ބޮޑުކަމުދާ ނަޖިހާއެކު ޖަރާސީމް ބޭރުވެއެވެ. އަދި ބޮޑުކަމުދާ ނަޖިހާއި ކާބޯތަކެތި ތަޣައްޔަރުވެފައިވަނިކޮށް ކައިފިނަމަ، އެމީހެއްގެ ހަށިގަނޑަށް ބަލީގެ ޖަރާސީމް ވާޞިލްވުމުގެ ފުރުޞަތުއޮވެއެވެ.
ބަލީގެ އަލާމާތްތައް ފެންނަ ދުވަހުން ފެށިގެން ފޮޅުތައް ފެޅި ރަގަޅުވުމާއި ހަމައަށް ހޭދަވާ މުއްދަތުގެ ތެރޭގައި ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރުވައެވެ. މާނައަކީ މިމުއްދަތުގެ ތެރޭގައި ކުރިން ބުނި އުޞޫލުން ބަލި ސަލާމަތުން ތިބި މީހުންގެ ހަށިގަނޑަށް ވާޞިލްވުމުގެ ފުރުޞަތު ބޮޑެވެ. ބަލިޖެހިފައިވާ މީހުންގެ ކިބައިން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުޞަތު އެންމެ ބޮޑުވާނީ ބަލީގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. ނަމަވެސް ބަލީގެ އަލާމާތްތައް މުޅިން ފިލައިގެންދާފަހުން ހަފްތާއެއް ވަންދެން ވެސް ބަލިމީހާގެ ކިބައިން މިބަލި އެހެން މީހުންނަށް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް ބޮޑުކަމުދާ ނަޖިހުގައި ގިނަ ދުވަސްތަކެއް ވަންދެން މިވައިރަސް ހުންނަކަމަށް ދައްކައެވެ.
ބަލިޖެހުމުން ވާގޮތް
ޖަރާސީމު ހަށިގަނޑަށް ވާޞިލްވުމާއި ނުވަތަ ބަލީގެ ވައިރަސް އަށަގަތުމާއި، ބަލީގެ އަލާމާތްތައް ފެނުމާއި ދެމެދު 3-7 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. (ބައެއް ލިޔުންތަކުގައި 6-3 ދުވަހުގެ މުއްދަތެއް އަދި 5-3 ދުވަހުގެ މުއްދަތެއް ހޭދަވާކަމަށް ބުނެފައި ވެއެވެ.) އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ ހުންއައުން،ކާހިތްނުވުން، އަދި ވަރުބަލިވުން އެވެ. އެއަށްފަހު ދެތިން ދުވަހުގެ ތެރޭގައި (1-2 ދުވަހުގެ ތެރޭގައި) ކަރު އަނގަ، ހިރުގަނޑު،އަދި ދުލުގައި ކުދިކުދި ފެންފޮޅުތަކެއް ނަގަން ފަށައެވެ. އަދި އަތާއި ފައިގައި ވެސް އެފަދަ ފޮޅުތަކެއް ފެންނަން ފަށައެވެ. އަދި ބައެއް ފަހަރު ގައިގެ އެހެން ތަންތަނުގައި ވެސް އެފަދަ ފޮޅުތަކެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު ކަރުތެރެ ފާރުވުމާއެކު އަތާއި ފައިން ބިހިނެގުން އެއީ ހަމައެކަނި ބަލީގެ އަލާމާތްކަމުގައި ވެސް ވެދާނެ އެވެ.
އާންމު ގޮތެއްގައި މިފަދަ ފޮޅުތައް ދެތިން ދުވަހުގެ ތެރޭގައި ފަޅައިގެން ގޮސް ކުޑަ ފާރުކޮޅުތަކަކަށްވެ، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަގަޅު ވެއެވެ. ނަމަވެސް ބައެއް ފަހަރު މިފަދަ ވައިރަހުގެ ސަބަބުން ހަށިގަނޑުގެ އެހެން ނިޒާމްތަކަށް އަސަރުކުރެއެވެ. އޭގެ ތެރޭގައި ނާރުތަކާއި ސިކުނޑި ފަދަ ގުނަވަންތައް ހިމެނެއެވެ.
މިބަލި ޖައްސާ ވައިރަސް އަކީ ޕޯލިއޯ ވައިރަސް އާއި އެއްއާއިލާއެއްގެ ވައިރަސް އެއްކަމަށްވާތީ، މިބަލީގެ ސަބަބުން ނާރުތަކުގެ ނިޒާމް އަށް އަސަރުކޮށްފިނަމަ، އެފަދަ ބަލީގެ އަލާމާތްތައް ފާޅުވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ވަރަށް މަދުން ދިމާވާ ކަމެކެވެ.
(އެއަށްފަހު ކަރު އަދި އަނގައިގައި ރަތްކޮށް ހުންނަ ކުދި ބިހިތަކެއް ނަގާ ފާރުކޮޅު ތަކަކަށް ބަދަލުވެއެވެ. މިފޮޅުތައް ދުލުގައި ކޮލުގައި އަދި ތުންފަތު އެތެރޭގެ ދުލިފަށުގައި ، ހިރުގަނޑުގައި އަދި މަތީ ތަލީގައި ފެންނަށް ހުންނާނެއެވެ. ދެދުވަހެއްގެ ތެރޭގައި އަތްތިލައިގައި އަދި ފައިތިލައިގައި ކުދިކޮށް ހުންނަ ރަތްބިހިތަކެއް ނަގާ ކުދިކުދި ފެން ބިހިތަކަކަށް ބަދަލުވެއެވެ. މިބިހިތައް ފޫކޮޅުގެ މަސްގަނޑުގަޔާއި، އުޅަބޮށީގައި ވެސް ނަގާފާނެއެވެ.)
އާންމު ގޮތެއްގައި ބަލި ގިނައިން ޖެހެނީ 10 އަހަރުން ދަށުގެ ތުއްތު ކުދިންނަށެވެ. އަންހެން ކުދިންނާއި ފިރިހެންކުދިންނަށް ބަލިޖެހޭ މިންވަރު ދާދި އެއްހަމައެއްގައި ހުންނަނީ ހިފެހެއްޓިފައެވެ. ވަކި ނަސްލެއް ނުވަތަ ދަރިފަސްކޮޅެއްގެ މެދުގައި ބަލި އިތުރުކަން ފާހަގަކުރެވިފައެއް ނުވެއެވެ. ބޮޑެތި މީހުންނަށް ވެސް މިބަލި ޖެހިދާނެ އެވެ.
ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ފުރަތަމަ ހާލި ހަދަނީ އަނގައިގެ ތެތްދުލިފަށް، އަދި ކުޑަ ގޮހޮރުގެ ތެތްދުލިފަށުގެ ތެރޭގައެވެ. އެއަަށްފަހު އަނގައިގެ ތެރޭގައި ފެތުރި، ލޭގެ ޒަރީޢާއިން ހަންގަނޑަށް ވާޞިލްވެ، އުދަނގޫތައް ކުރިމަތި ކުރުވައެވެ.
އަތްފައިގައި ފެންބިއްސާއި ފޮޅުނަގައި އުފެދޭ ފާރުތައް 10-5 ދުވަހުގެ މުއްދަކަށް ދެމިހުރެއެވެ.އަނގަޔާއި ހަމުގައި ނަގާ ފޮޅުތައް 7-5 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ރަގަޅު ވެއެވެ.
ބަލީގެ އަލާމާތްތައް
  • ހުންއައުން : އާންމުކޮށް ހުންނަނީ 38-40 ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައެވެ.
  • ކާހިތްނުވުން
  • ވަރުބަލިވުން
  • ކަރުތެރެފާރުވުން
  • ކަރުގައި ރިހުން
  • ގައިގައި ރިހުން
  • ބޮލުގައި ރިހުން
  • ބަނޑުގައި ރިހުން
  • ކެއުން ބުއިމާ ދުރުވެ، ވަރުބަލިވުން
  • ދޫ އަދި އަނގައިގެ ތެރޭގައި ފެން ބިހިތަކެއް ނަގައި ފޮޅުތަކަކަށް ބަދަލުވެ، ފޮޅުތަކެއް ނަގައި ފާރުވުން : ދޫ، ތުންފަތުގެ އެތެރެފުށް، ކޮލުތެރެ، ހިރުގަނޑު އަދި މަތީ ތަލީގައި މިފޮޅުތައް ފެންނަން ހުރެއެވެ. ފެން ބިހިތަކުގެ ބޮޑޫމިނުގައި 3-2 މިލިމީޓަރު ހުރެއެވެ. އަދި ފޮޅުތަކަށް ބަދަލުވުމުން އޭގެ ބޮޑުމިނުގައި 7-3 މިލިމީޓަރު ހުރެއެވެ.
  • އަތްތިލަ، ފައިތިލައިގައި ރަތްކުލައިގައި ހުންނަ ފެންބިހިތަކެއް ނަގައި، އެއަށްފަހު ފޮޅުތަކެއް ނެގުން: މިފޮޅުތަކުގައި އަތްލުމުން ތަދުވާނެއެވެ. މިފޮޅުތައް ބޮޑަށް ހުންނަނީ އަތްތިލައިގެ ހުދު ހަމާއި، ފައިތިލައިގެ ދަށްފުށުގައެވެ.
  • ފައި(ޚާއްޞަކޮށް ކުޑަކަޅުވާގައި)،އުޅަބޮށި، ޖިންސީ ގުނަވަން، އަދި ފޫކޮޅު މަސްގަނޑުގައި ބިހިނެގުން
  • ވަރަށް މަދު ފަހަރަކު: ހޮނޑުލުން އަދި ބޭރަށް ހިންގުން ކުރިމަތި ކުރުވައެވެ.
  • ބައެއް ފަހަރު : ނޭފަތުން ފެންއައުން، ކެއްސުން
ބަލީގެ ނުރައްކާ
އަތާއި،ފައި، އަދި އަނގައިގެ ބައްޔަކީ އޭގެ ޒާތުގައި ނުރައްކާތެރި ބައްޔެއްނޫނެވެ. ހުމާއި ބިހިތައް ދެތިން ދުވަހުގެ ތެރޭގައި ފިލައެވެ. އަނގައިގެ ފާރުތައް ރަގަޅުވުމަށް ހަފްތާއެއްހާ ދުވަސް ނަގައެވެ. ނަމަވެސް ނުރައްކާވެދާނެ ސަބަބުތަކަކީ :-
  • ހުންއައިސް ފިޓްޖެހޭ ކުއްޖެއްނަމަ ފިޓްޖެހޭގޮތްވުން ނުވަތަ ފިޓްޖެހުން
  • އަނގައިގައި ފާރުވެފައިވާ ތަންތަނަށް ތަދުވުން : މީގެ ސަބަބުން ކުޑަކުދިންނަށް އެއްޗެތި ދިރުވަން އުދަގޫވެ، ވަރުދެރަވާގޮތްވެއެވެ. މިފަދަ ޙާލަތެއްގައި ނަމަ ޑޮކްޓަރާއި މަޝްވަރާކުރަންވާނެއެވެ.
  • ވައިރަސް ގެ ޒަރީޢާއިން ސިކުނޑިއަށް އަދި ހިތުގެ މަސްގަނޑަށް އަސަރުކުރުން
  • ބަލިވެ އިންނަތާ ފުރަތަމަ ދުވަސްކޮޅު މިބަލިޖެހިއްޖެނަމަ :-
    • ބައިގެންދިއުން
    • ދަރިފުޅު ބޮޑުވާންވީވަރަށް ބޮޑުނުވުން
ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް ޖަރާސީމްގެ އަސަރު ފޯރުން
ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް ޖަރާސީމަށް އަސަރު ފޯރުމުގެ ފުރުޞަތު ބަލިޖެހުނީ އެންޓީރޯ ވައިރަސް 71 އިން ކަމުގައިވާނަމަ އިތުރުކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މީގެ އިތުރުން މެލޭޝިޔާގެ ސަރަވާކް ގައި މިބަލި ފެތުރުނު ދުވަސްވަރެއްގައި ހެދުނު ދިރާސާއަކުން އެނގިފައިވާ ގޮތުގައި ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް ޖަރާސީމްގެ އަސަރުކުރުމުގެ ފުރުޞަތުބޮޑުވާ 3 ކަމެއް ފާހަގަ ކުރެވުނެވެ. އެއީ:-
-          ހުން 3 ދުވަހަށްވުރެ ދިގުލައިދިއުން
-          ފިނިހޫނުމިން 38.5 ޑިގްރީއަށްވުރެ މަތީގައި ދާއިމީކޮށް ހުރުން
-          މާބޮޑަށް ވަރުބަލިވެ، ވާނުވާ ނޭގުން ކުރިމަތިވުން
·         ވައިރަސްގެ ސަބަބުން ސިކުނޑީގެ ވަށައިގެންވާ ދުލިފަށް ދުޅަވުން : ސިކުނޑީގެ ވަށައިގެންވާ ދުލިފަށަށް ޖަރާސީމްގެ އަސަރު ފޯރައިފިނަމަ، ހުންއައުން، ބޮލުގައި ރިހުން، ބުރަކަށީގައި ރިހުން، އަދި ކަރު ހަރުއެރުން ފަދަ ކަންތައް ކުރިމަތިވެއެވެ. އަދި ބައެއް ފަހަރު މިހެން ދިމާވުމުން އެދުމަތި ކޮށްގެން ފަރުވާ ދޭންޖެހެއެވެ.
·         ސިކުނޑި ދުޅަވުން : ސިކުނޑިއަށް ޖަރާސީމްގެ އަސަރު ފޯރައިފިނަމަ، ސިކުނޑި ދުޅަވުން ކުރިމަތި ވެއެވެ. ނަތީޖާއެއްގެ ގޮތުން ވާގިނެތުން ނުވަތަ ވާވުން ފަދަ ކަންތައް މެދުވެރި ވެއެވެ.
·         ނިޔަފަތި ފޭބުން: މިބަލީގެ ސަބަބުން ބައެއް ފަހަރު އަތްފައިގެ އިގިލިތަކުގެ ނިޔަފަތި ފޭބުން ނުވަތަ ނިޔަފަތި ވަކިވުން މަދުން ނަމަވެސް ދިމާވާކަން ފާހަގަ ކުރެވިފައި ވެއެވެ.
ނޯޓް : މިބައްޔަކީ އިތުރު މައްސަލަތަކާއި ކުރިމަތިނުވާނަމަ ދެތިން ހަފްތާގެ ތެރޭގައި ރަގަޅުވާ ބައްޔެކެވެ.
ކަރު އަދި އަނގައިގެ ތެރެއަށް ތަދުވާތީ ތުއްތު ކުދިން ކެއުމާ ދުރުވެއެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ހަށިގަނޑުން ފެންމަދުވެ، ވަރުދެރަވާގޮތް ދިމާވެއެވެ. ދެތިން ދުވަހުގެ ތެރޭގައި ކެއިން ބުއިން ރަގަޅުވާން ފަށައެވެ. ހަފްތާއެއްގެ ތެރޭގައި ގައިގައި ހުރި ބިހިތައް، ފިލައިދެއެވެ. ފައިތިލަ އާއި އަތްތިލައިގައި ނަގާފައި ހުރި ބިހިތައް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފިލައިގެން ދެއެވެ.
މަދު ފަހަރަކު އަތާއި،ފައި، އަދި އަނގައިގެ ބަލި ޖައްސާ ޖަރާސީމް ތުއްތު ކުދިންގެ ސިކުނޑި، ހިތް، އަދި ފުއްޕާމޭ، ގައި އިންފެކްޝަން އުފައްދާނެއެވެ. ބަލިވެ އިންތާ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި މާބަނޑު މީހާގެ ހަށިގަނޑަށް މިޖަރާސީމް ވާޞިލްވެއްޖެނަމަ، ދަރިފުޅު ބޮޑުވާވަރަށް ބޮޑު ނުވާކަމަށާއި، ބައެއް ފަހަރު ބައިގެން ދިއުން ވެސް އެއީ އެކަށީގެންވާ ކަމެއްކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.
ހުންގަދަވުމުން ބައެއް ކުދިން ފިޓްޖެހުން ކުރިމަތި ވެއެވެ. ނަމަވެސް ގިނަ ފަހަރު މިބައްޔަކީ ކުރުމުއްދަތެއްގެ ތެރޭގައި އެހެން މައްސަލަތަކެއް ކުރިމަތި ނުވެ މުޅިން ފަސޭހަވާ ބައްޔެކެވެ. ދެވަނަ ފަހަރު މިބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ބަލި ޖައްސާ ތަފާތު ވައިރަސް ތައް ހުރުމާއެކު ދެވަނަ ފަހަރު ފުރަތަމަ ޖެހުނު ވައިރަސް ނޫން ވައިރަހެއްގެ ސަބަބުން ބަލިޖެހުމުގެ ފުރުޞަތު އޮންނާނެތީ އެވެ.
އެންޓީރޯ ވައިރަސް 71 ގެ ސަބަބުން ކުރިމަތިވާ އަތާއި ފައި އަދި އަނގައިގެ ބަލީގެ ސަބަބުން ނާރުތަކުގެ ނިޒާމަށް އަސަރުކުރާލެއް (ސިކުނޑި ދުޅަވުން) ، އަދި ހިތުގެ މަސްގަނޑަށް އަސަރުކުރާ މިންވަރު އިތުރެވެ.
ފަރުވާ
ބަލި ދެނެގަތުމަށްޓަކައި ކޮންމެހެން ލެބޯޓަރީ ޓެސްޓެއް ހެދުމަކީ މުހިއްމު ކަމެއް ނޫނެވެ. މިބަލި ޑައިގްނޯޒް ކުރުމުގައި ބަލަނީ ބަލިމީހާގެ ޝަކުވާތަކާއި، އަދި ބަލިމީހާ ބަލައިގެން ފެންނަ އަލާމާތްތަކާއި ނިޝާންތަކުގެ މައްޗަށެވެ.
އަތާއި، ފައި، އަދި އަނގައިގެ ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ވައިރަސް ގެ ސަބަބުން ޖެހޭ ބަލިބައްޔަކީ ރަގަޅުވާން ނަގާ މުއްދަތު ހަމަވުމުން އަމިއްލައަށް ރަގަޅުވާނެ ބަލިބައްޔެވެ. ވީމާ މިބައްޔަށް އިތުރު ބޭހެއް ދިނުން ބޭނުމެއް ނުވެއެވެ. ނުވަތަ މާގިނަ ބޭސްތަކެއް ދިނުމަކީ ބޭނުންތެރިކަމެއް ނޫނެވެ. ނަމަވެސް ބަލިމީހާގެ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމަށް ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. މިގޮތުން ސަމާލުކަން ދޭންޖެހޭ މުހިއްމު ނުކުތާތަކަކީ:-
·         މިބައްޔަކީ 10-7 ދުވަހުގެ ތެރޭގައި ފަރުވާއަކާ ނުލައިވެސް ރަގަޅުވެދާނެ ބައްޔެކެވެ.
·         ގިނަ ގިނައިން އަރާމުކުރުން : އެގޮތުން ބަލިވުމުން ވީހާ ގިނައިން އަރާމުކުރަން ހަދާންކުރާށެވެ.
·         ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން : ހުންއައުމާއެކު ހަށިގަނޑުގެ ފެންމަދުވެ، ފެންހުސްވުން ކުރިމަތިވިޔަ ނުދިނުމަށްޓަކައި ވީހާވެސް ގިނައިން ދިޔާތަކެތި ދޭންވާނެ އެވެ. ޚާއްޞަކޮށް ކަރުތެރޭގައި ފާރުއުފެދިފައިވާނަމަ، ހޫނު އަދި ހުތްކޮށް ހުންނަ ތަކެތި ކުއްޖާއަށް ދޭނަމަ އިތުރު އުދަގޫތަކާއި ކުރިމަތިވެދާނެތީ އެފަދަ ތަކެތި ނުދިނުމަކީ އެންމެ ރަގަޅު ގޮތެވެ. ހުތްތަކެތި ދޭނަމަ އަނގަ ކަރާނެއެވެ. އޭގެ ބަދަލުގައި ފިނި އެއްޗެތި ދިނުމަކީ ރަގަޅު ކަމެކެވެ. އެގޮތުން ދިޔާތަކެތި ފިނިކޮށްފައި އެތިފޮދުފޮދުން ދިނުން ރަގަޅުވާނެއެވެ. ކުޑަކޮށް ފިނިތަކެތި ދިނުމުން އަނގަޔަށް ފަސޭހަވާނެއެވެ. މާބޮޑަށް ހަށިގަނޑުން ފެން ހުސްވުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެދުމަތިކޮށް އައިވީ ގުޅައިގެން ފަރުވާ ދޭންޖެހިދާނެ އެވެ.

·         ހުންތިރިކުރުން : ހުންތިރިކުރުމަށް ބޭސް ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ. ނަމަވެސް 20 އަހަރުން ދަށުގެ ކުދިންނަށް އެސްޕިރިން ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ވުމާއެކު އެސްޕިރިން ނުހިމެނޭ ހުން ތިރިކުރާ ބޭސް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. އެންމެ އެދެވިގެންވަނީ ޕެނަޑޯލް ފަދަ ބޭހެއް ބޭނުންކުރުމެވެ. އެއްފަހަރު ބޭސް ކެއުމަށްފަހު ދެވަނަ ފަހަރު ކެއުމާއި ދޭތެރޭގައި ހުންގަދަވާނަމަ ގައިގައި ފެންފޮތި އުގުޅުން ނުވަތަ ފެންފޮތި ހޭކުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ކޮންމެ 4 ގަޑިއިރަކުން ފިނިހޫނުމިން ބަލަންވާނެ އެވެ.
·         ފޮޅު ނަގާފައިވާ ހިސާބު އުގުޅުމަށް ނުވަތަ ކެއުމަށް ޑޮކްޓަރު ލިޔެދީފައިވާ ބޭސް ގަވާއިދުން ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މިގޮތުން ދެވޭ ބޭސްތަކުގެ ތެރޭގައި ލިޑޯކެއިން، ޑައިކްލޯނިން، ބެނަޑްރައިލް(ޑައިފެންހައިޑްރަމިން) ، އަދި ސަކްރަލްފޭޓް ފަދަ ބޭސްތައް ހިމެނެއެވެ.
·         ކާންދިނުމުގައި ފަސޭހައިން ދިރުވޭގޮތަށް އަދި ހަޖަމުކުރެވޭގޮތަށް ހުންނަ ކާތަކެތި ދިނުން: އެގޮތުން ފިނިކޮށްފައި ހުންނަ ޔޮގަޓް، ކަސްޓަޑު،ޕުޑިން، ފިނިފެން، ސަރުބަތު، އައިސް ކްރީމް، ކިރު، ބަތްޕެން، ސުރުވާ ފަދަ ހަފަން ނުޖެހޭ ސާދާތަކެތި ދިނުން އެދެވިގެން ވެއެވެ. ބަޓަރު، ޗީޒް ފަދަ ތެޔޮ ހުންނަ ކާނާ ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އަދި ހަވާދު އެކުލެވޭ ކުޅި ތަކެތި ދިނުމަކީ ވެސް އެދެވިގެންވާ ކަމެއް ނޫނެވެ.
·         އިރުއިރުކޮޅުން ފިނި ލޮނުފެން ފޮދަކުން އަނގަތެރެ ދޮވެ ސާފުކުރުން : ޚާއްޞަކޮށް ތަންކޮޅެއް ބޮޑު ކުއްޖެއްނަމަ، ކޮންމެ ފަހަރަކު ކައިނިމިގެން ތާފަނާ ނުވަތަ ފިނި ފެންފޮދަކުން އަނގަ ދޮވެލެވިދާނެ އެވެ. 1 ތަށި ތާފަނާ ފެނަށް ބައި ސައިސަމުސާ ލޮނު އަޅައި ގިރާލައިގެން އަނގަދޮވުމަށް ބޭނުން ކުރެވިދާނެ އެވެ.
·         ފޮޅުތައް ނުތުއްވުން : ބިހިތަކަށް ފިއްތުން ނުވަތަ ފޮޅުތައް ތުއްވުން އެއީ ރަގަޅު ކަމެއް ނޫނެވެ. ބިހިތަކާއި ފޮޅުތައް ތެތްވިޔަނުދީ ހިކިކަންމަތީ ބެހެއްޓުން މުހިއްމެވެ. ބިހިތައް ނުވަތަ ފޮޅުތައް މަތީ މަލަން އެޅުމާއި، އެއަށް ފުށްޖެހުން ފަދަ ކަންތައް ކުރުމަކީ ރަގަޅުކަމެއް ނޫނެވެ.
·         އެއްވެސް އެންޓިބަޔޮޓިކް އެއް ނުވަތަ އެންޓި ވައިރަލް އެއް ބޭނުންކުރުން ރަގަޅެއް ނޫނެވެ.


ބަލިން ރައްކާތެރިވުން
ބަލިން ރައްކާތެރިވުމުގެ ގޮތުން ދޭނޭ ވެކްސިނެއް އަދި ތައްޔާރު ކުރެވިފައެއް ނެތެވެ. ވުމާއެކު ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ އަމިއްލައަށް އަޅަންޖެހޭ ފިޔަވަޅުތަކެކެވެ.
(ހ) - އަތުގެ ސާފުކަން : ދަރިފުޅުގެ ނެޕީ ބަދަލުކުރުމަށްފަހު، ނުވަތަ ދަރިފުޅު ތާހިރުކުރުމަށްފަހު ސައިބޯނި ލައިގެން ރަގަޅަށް އަތްދޮންނާށެވެ. އަދި ބަލީގެ އަލާމާތްތައް ފިލައިގެން ގޮސް ދެމަސް ފާއިތުވާ ފަހުން ވެސް ބޮޑުކަމުދާ ނަޖިހުގައި މިވައިރަސް ހުރުމަކީ އެކަށީގެންވާ ކަމެއްކަން ވެސް ހަދާންކުރާށެވެ. ވުމާއެކު އެމުއްދަތުގައި އެންމެ ކުޑަމިނުން ހުއްޓާނުލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެކެވެ. ތަންކޮޅެއް ބޮޑުކުއްޖެއްނަމަ ފާޚާނާ ބޭނުންކުރުމަށްފަހު ( ނެޕީ ބަދަލުކޮށްފައި ވެސް ) ސައިބޯނިލައިގެން ރަގަޅަށް އަތްދޮންނާށެވެ. ކާއެއްޗެތި ތައްޔާރުކުރުމުގެ ކުރިން އަދި ކެއުމުގެ ކުރިން ( ކާންދިނުމުގެ ކުރިން ) ސައިބޯނި ލައިގެން ރަގަޅަށް އަތްދޮންނާށެވެ.
(ށ) - ތުއްތުކުދިން ގެންގުޅޭ ތަކެތި އަދި އެނޫންވެސް ގޭތެރޭގައި ގެންގުޅޭ ތަކެތި ސާފުތާހިރުކޮށް ބެހެއްޓުން: ތުއްތުކުދިން ކުޅެން އުޅުމުގެ ތެރޭގައި އެފަދަ ތަކެތި އަގަޔަށްލުމަކީ ވަރަށް ގިނައިން ކުރާ ކަމެކެވެ. ވުމާއެކު ކުޅެ ނިމުމުން އެފަދަ ތަކެތި ކްލޮރިން ފަދަ އެއްޗެއް ބޭނުންކޮށްގެން ދޮވެލުމަކީ ރަގަޅު ކަމެކެވެ. ގޭތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން އަތްލާ އުޅޭތަންތަން ( އަދި ތުއްތު ކުދިން އަގަޔަށްލާ ތަކެތި ) ބްލީޗް އަޅާފައި ހުރި ފެންފޮދަކުން ދޮވެ ސާފުކޮށްފައި ބަހައްޓާށެވެ.
(ނ) - ބަލިޖެހިފައިވާ ކުދިން ވީވަރަކުން ވަކިން ގެންގުޅުން: ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ބަލިޖެހިފައިވާ ކުދިން އެހެންކުދިންނާއި ވަކިން ގެންގުޅުން މުހިއްމެވެ. ބަލި ރަގަޅުވަންދެން ސުކޫލް އަށާއި، އެހެންކުދިންގެ ތެރެއަށް ނުފޮނުވައި ގެންގުޅުން ރަގަޅެވެ. ހުން އަންނަކުދިން ނުވަތަ ބަލީގެ އަލާމާތްތައް ހުރި ކުދިން ސުކޫލަށް ނުފޮނުވާށެވެ. ސުކޫލަށް ފޮނުވާނީ އަނގައިގައި ހުރި ފާރު ރަގަޅުވުމުންނެވެ.
(ރ) - ބަލިކުދިންނާއި މީހުންނާއި މާބޮޑަށް ގާތްވެ ގައިގޯޅިވެނޫޅުން: ބަލިކުދިން ގައިގައި ބައްދާލައި އުރާލައި ހެދުމާއި، ދޮންދީ ހެދުމަކީ މިފަދަ ވައިރަސް އެޅުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމަކަށްވާއިރު އެފަދަ ކަންކަން ނުކުރުމަކީ އެންމެ ރަގަޅު ގޮތެވެ. އަދި އާއިލާގެ ހުރިހާ މެންބަރުންވެސް މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. ބަލިކުއްޖަކު ގެންގުޅޭ ބެލެނެވެރިން މަސައްކަތު ނިކުތުން އެއީ ރަގަޅު ކަމެއްނޫނެވެ.
(ބ) - ކާބޯތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރިވުން: އެގޮތުން ކާތަކެތި ކެއުމުގެ ކުރިން ރަގަޅަށް ދޮވެގެން ކެއުން މުހިއްމެވެ. ތަރުކާރީފަދަ ތަކެތި ހޫނު ފެނުން ކައްކައިގެން ބޭނުންކުރުން މުހިއްމެވެ. އަދި ކެއުމުގެ ކުރިންނާއި ކާތަކެތީގައި އަތްލުމުގެ ކުރިން ރަގަޅަށް ސައިބޯނިލައިގެން އަތްދޮވެގެން ކެއުން މުހިއްމެވެ.
(ޅ) - އެހެންމީހުންނަށް ޖަރާސީމް ވާޞިލްވާނެ ފަދަ ގޮތްތަކާއި ދުރުހެލިވެ އުޅުން: ފާޚާނާއަށްދިއުމާއި، ނޭފަތްފޮޅުން، ނެޕީބަދަލުކުރުން، ފަދަ ކަންތައްތަކަށް ފަހު ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުމަކީ މުހިއްމު ކަމެކެވެ. .ޖަރާސީމް އަތުގައި ހުރެ ތަންތަނުގައި އަތްނުލުން ފަދަ ކަންކަމަށް ސަމާލުވުން މުހިއްމެވެ. 
(ކ) - ސާފުތާހިރުކަމަށް ބާރުއެޅުން: ކުއްޖާ ބަލިން ރަގަޅުވި ނަމަވެސް ވައިރަސް މަހެއްހާ ދުވަސްވަންދެން ބޮޑުކަމުދާ ތަކެތީގައި ހުރެއެވެ. އެހެންކަމުން ސާފުތާހިރުކަމަށް ސަމާލުކަން ދޭންވާނެއެވެ. މިސާލަކަށް ގިނަގިނައިން އަތްދޮވުމުގެ ބޭނުންތެރިކަމާއި، ޖަރާސީމް ހުންނަ ތަންތަނުގައި އަތްނުލުމުގެ މުހިއްމުކަން ކިޔާދެވިދާނެ އެވެ. ތުއްތު ކުދިންނަށް ސާފުތާހިރު ކަމުގެ މުހިއްމުކަން ދަސްކޮށްދޭށެވެ. އަނގަޔަށް އަތްލުން ފަދަ ކަންތައް ހުއްޓުވޭތޯ މަސައްކަތްކުރާށެވެ.
މައުލޫމާތު:
·         ހޭންޑް،ފުޓް، އެންޑް މައުތު ޑިޒީޒް - ކުލުނު 234 – ސެޕްޓެމްބަރު 2007 – ޝީ – ދިވެހިރާއްޖެ
·         ހޭންޑް،ފުޓް، އެންޑް މައުތު ޑިޒީޒް – ޑރ އިސްމާޢީލް ޝަފީޢު - ޖޫން 2007 – ޑިޕާޓްމެންޓް އޮފް ޕަބްލިކް ހެލްތު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން – ދިވެހިރާއްޖެ
·         ހޭންޑް،ފުޓް، އެންޑް މައުތު ޑިޒީޒް – ޑރ ޢަބުދުﷲ ޢުބައިދު – ހަވީރު ނޫސް 23މާރޗް 2010
·         އަތާއިފައި އަދި އަނގައިގެ ބަލި – ދިވެހިވިކިޕީޑިޔާ
·         އަތާއިފައި އަދި އަނގައިގެ ބަލި – ކަވާސާ.ކޮމް
·         އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް
·         ބައެއް މެޑިކަލް ފޮތްތައް

No comments:

Post a Comment