Monday, January 23, 2012

ޗިކުންގުންޔާ

ޗިކުންގުންޔާ
ތަޢާރަފް
ޗިކުންގުންޔާ(Chikungunya) އަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ޗިކުންގުންޔާ އަކީ އެބަލީގެ އަލާމާތްތައް ޑެންގީ ހުމާއި ވަރަށް އެއްގޮތް ބައްޔެކެވެ. ޗިކުންގުންޔާ އަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ހުމެއްކަމުން މިއީ ވެސް އެބައްޔަކާއި ވިސްނައި ފަރުވާތެރިވާންޖެހޭ ބައްޔެކެވެ. 2006 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި އާދަޔާ ޚިލާފަށް ޗިކުންގުންޔާ ފެތުރިގެންދިޔަކަން ފާހަގަ ކުރެވުނެވެ. ޗިކުންގުންޔާ އަކީ އެބަލި ޖެހުމުން ވަރަށް ބޮޑަށް ހުޅުތައް ދުޅަވެ، ހުޅުތަކުގައި ތަދުވެ ރިއްސާ ބައްޔަކަށް ވުމުން، އެދުވަސްވަރު ދިވެހިރާއްޖޭގެ ބައެއް ހިސާބުތަކުގައި "ހުޅު ރޯގާ"ގެ ނަމުން މިބައްޔަށް މުޚާތަބު ކުރެވިފައި ވެއެވެ.

ޗިކުންގުންޔާ ވައިރަސް
ޗިކުންގުންޔާ ޖެހެނީ ޓޯގަވިރިޑޭ(Togaviridae) އޭ ކިޔޭ ވައިރަސް އާއިލާގެ އަލްފާ ވައިރަސް ޖީނަސް އަށް ނިސްބަތްވާ ޗިކުންގުންޔާ ވައިރަސް(Chikungunya virus) ގެ ސަބަބުންނެވެ. މިއީ ސިންގަލް ސްޓްރޭންޑެޑް އާރުއެންއޭ ވައިރަސް އެކެވެ. މިއީ ޖަނަވާރުގެ ކިބައިން އުފަންވެގެން އައިސްފައިވާ ވައިރަހެކެވެ. ޖަރާސީމް ނައްތާލުމަށް ހަދާފައި ހުންނަ ކެމިކަލްތަކާއި، ހޫނުން މި ވައިރަސް ނައްތާލެވިދާނެ އެވެ. އެހެންކަމުން މިއީ ހޫނަށް ނާޒުކު ވައިރަސް އެއް ކަންވަނީ ފާހަގަ ކުރެވިފައެވެ.

ބަލީގެ ތާރީޚް
ޗިކުންގުންޔާ ވައިރަސް ފުރަތަމަ ފެނިފައިވަނީ 1952 ވަނަ އަަހަރު ޓެންޒޭނިޔާ މީހެއްގެ ހަށިގަނޑުގެ ލެއިންނެވެ. މިބައްޔަށް ނަން ދެވިފައިވަނީ 1954 ވަނަ އަހަރު އެވެ. ޗިކުންގުންޔާ މިއީ ޓެންޒޭނިޔާގެ ދެކުނާއި މޮޒަމްބީކްގެ އުތުރު ހިސާބުތަކުގައި ވާހަކަ ދައްކައި އުޅޭ މެކޮންޑީ(Maconde) ބަހުން ނެގިފައިވާ ނަމެކެވެ. މާނައަކީ ''އެލަންބާލާ އެތި'' ނުވަތަ ''އެގުދުކޮށްލާ އެތި'' އެވެ. މިގޮތަށް ކިޔަނީ ޗިކުންގުންޔާ ޖެހުމުން ކުރިމަތިވާ ހުޅުތައް ދުޅަވުމުން ލުއިކަމެއް ކުޑަކޮށްވެސް ލިބެނީ އަތްފައިގެ ހުޅުތައް ލަންބައިގެން އޮވެގެން ކަމަށްވާތީ އެވެ. ނުވަތަ ގުދަށް އޮވެގެންކަމަށްވާތީ އެވެ. ޗިކުންގުންޔާ އަކީ މެކޮންޑީ ބަހުން އިގިރޭސި ބަހަށް ނެގިފައިވާ ހަމައެކަނި ލަފުޒެވެ. މިބަލި ހޯދާފައިވަނީ މޭރިއަން ރޮބިންސަން އެވެ. ބަލި ފުރަތަމަ އާންމުގެން ގޮސްފައިވަނީ އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގައެވެ. ޔޫރަޕުން މިބަލި ފުރަތަމަ ފެނިފައިވަނީ 2007 ވަނަ އަހަރު އިޓަލީ ވިލާތުންނެވެ.

ޗިކުންގުންޔާ ފަތުރާ މަދިރި
ޗިކުންގުންޔާ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަނީ އީޑީޒް މަދިރީގެ ފަރާތުންނެވެ. އީޑީޒް މަދިރީގެ ތަފާތު 3 ވައްތަރެއްގެ ސަބަބުން ޗިކުންގުންޔާ އިންސާނުންގެ މެދުގައި ފެތުރޭކަން ފާހަގަ ކުރެވިފައި ވެއެވެ. އެއީ އީޑީޒް އިޖިޕްޓައި(Aedes egypti)، އީޑީޒް އެލްބޯޕިކްޓަސް(Aedes albopictus)، އީޑީޒް ޕޮލިނިސިއެންސިސް(Aedes polynensis) އެވެ.

ޗިކުންގުންޔާ ޖައްސާ މަދިރީގެ ތެރެއިން އީޑީޒް އިޖިޕްޓައި އަކީ ވަރަށް ކުޑަކުޑަ ކަޅުކުލައިގެ މަދިރިއެކެވެ. މީގެ ފައިތަކާއި ބުރަކަށި މަތީގައި ހުދުކުލައިގެ ރޮނގުތަކެއް ހުރެއެވެ. ޗިކުންގުންޔާ ވައިރަސް ހުރި މަދިރިއެއް މީހެއްގެ ގައިގައި ހަފައިފިނަމަ ޗިކަންގުންޔާ ޖެހުނީ އެވެ. މިމަދިރީގެ ސައިޒަކީ ގާތްގަނޑަކަށް 5 މިލިމީޓަރު އެވެ. އާންމު ގޮތެއްގައި ޑެންގީ ހުން ވެސް ފެތުރެނީ އީޑީޒް އިޖިޕްޓައި ގެ ސަބަބުންނެވެ.

ޗިކުންގުންޔާ ޖައްސާ މަދިރި ހެފުން  : ޗިކުންގުންޔާ ޖައްސާ މަދިރި އާންމުކޮށް ގައިގައި ހަފަނީ ފަތިހާއި މެންދުރު ފަހެވެ.

ޗިކުންގުންޔާ ޖައްސާ މަދިރި އުޅޭތަން : ޗިކުންގުންޔާ ޖައްސާ މަދިރި ޖައްސާލައި މަޑުކޮށްލައިގެން ތިބެނީ ގޭގޭގެ ތެރޭގައާއި، ހިޔާވަހި ކަމުގެ ދަށުގަޔާއި، އަލަމާރި ފަދަ އަދިރި ތަންތާގައެވެ. މިފަދަ ތަންތަން ނޫން ތަންތަނުގައި މަޑުކޮށްލައިގެން ތިބެނީ އެތަންތަނަކީ ހިޔާލިބޭ ފިނިތަންތަން ކަމަށްވާނަމަ އެވެ. އަންހެން މަދިރި ބިސްއަޅާނީ ފެނުގެ ތެރެއަށެވެ. ގޭގެ އެކި ތަންތަނުގައި ހުންނަ ފެންފޮދަށާއި، ފެން ތާނގީ ތަކަށް ބިސް އަޅައެވެ. އަދި މީހުން ދިރިއުޅޭ ހިސާބުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ އެއްޗެތީގައި ހުންނަ ފެންފޮދަށް ވެސް ބިސް އަޅައެވެ. މަދިރިފަނި ވިހަނީ މަދިރި ބިހުންނެވެ. މިފަނިތައް ފެނުގައި އުޅޭނީ ހަފްތާއެއް ހާ ދުވަހުއެވެ. އޭގެ ފަހުން ވަށްކޮށް އޮންނަ ކޮމާއެއްގެ ސިފަޔަށް ބަދަލުވެއެވެ. އޭގެ ފަހުން ދެދުވަހެއްގެ ތެރޭގައި މަދިރިއަކަށްވެ އުދުހިދެއެވެ. އެއިރު ހުންނާނީ މީހުންގެ ގައިގައި  ހަފާވަރަށް މަދިރި ބޮޑުވެފައެވެ.

ޗިކުންގުންޔާ ޖައްސާ މަދިރި އާލާވުން : ފެން ހަރުލާފައި ހުންނަ ކޮންމެ އެއްޗެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ވެސް ޗިކުންގުންޔާ ޖައްސާ މަދިރި އާލާވާނެއެވެ. ހިޔަލުގައި ހުއްޓަސް، އަވީގައި ހުއްޓަސް ފެންއެޅި ހަރުލާފައި ހުންނަ އެއްޗިއްސަކީ މަދިރި އާލާވާނެ އެއްޗިއްސެވެ. ޗިކުންގުންޔާ ޖައްސާ މަދިރި އާލާވާން އެންމެ އެކަށީގެންވާ ތަންތަނަކީ ، ފެންއެޅިފައި ހުންނަ ފީފާ، ދަޅު، ފުޅި، ތެލި، އަދި ހަރުލާފައި ހުންނަ ނާށި، އުނބު، އަދި ފެންއަޅާފައި ހުންނަ ތާނގީއާއި، ފެން ހަރުލާފައި ހުންނަ ދިޔަ ދޮތްވާއި، ގަސްގަހާއި، ގަސްމުށްޓާއި، ވަޅުބުރިއާއި، ފެން ނުހިނގާ ނަރުދަމާ ތަކާއި، ފެން ހަރުލާފައި ހުންނަ ފަތްފަތާއި، ގަސްގަހާއި، ފެން ހަރުލާފައި ހުންނަ ތަންތަނުގައާއި، މިނޫންވެސް މިފަދަ ކޮންމެ ތަނެއްގައެވެ. ބޭނުންނުކޮށް ދޫކޮށްފައި ހުންނަ ވަޅުވަޅަކީ ވެސް ޗިކުންގުންޔާ ޖައްސާ މަދިރި އާލާވާނެ ތަންތަނެވެ.

ބަލި ޖެހޭގޮތް އަދި ފެތުރޭގޮތް
ޗިކުންގުންޔާ ޖެހެނީ ބަލި ޖައްސާ ވައިރަސް ނުވަތަ ޖަރާސީމް އަށަގެންފައިވާ (ޖަރާސީމާއި ތަޣައްޔަރުވެފައިވާ) އަންހެން މަދިރިއެއް ސަލާމަތުން ހުރި މީހާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި ޗިކުންގުންޔާ ޖައްސާ ވައިރަސް އެމީހެއްގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ. މިގޮތަށް އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖައްސަމުން ގެންދެއެވެ. މަދުން ނަމަވެސް ލޭއެޅުމުގެ ތެރޭގައި ޗިކުންގުންޔާ ޖައްސާ ޖަރާސީމް ހަށިގަނޑަށް ވާޞިލްވެ، ބަލިޖެހުމަކީ ވެދާނެ ގޮތެކެވެ. މަދިރީގެ ހަށިގަނޑުގައި ޗިކުންގުންޔާ ވައިރަސް އަށަގަންނަނީ ޗިކުންގުންޔާ ޖެހިފައިވާ މީހެއްގެ ހަށިގަނޑުން ލޭބުއިމުގެ ތެރޭގައެވެ.

މަދިރިއަށް ބަލާލާފައި އެމަދިރިއަކީ ޗިކުންގުންޔާ ވައިރަސް ހުރި މަދިރިއެއްކަން އެނގޭގޮތެއް ނޯވެއެވެ. ވުމާއެކު ވީހާވެސް ބޮޑަކަށް ބަލަންވީ މަދިރިން ރައްކާތެރި ވެގެން އުޅެވޭތޯ އެވެ. މިހެން ހެދުމުން އެސަލާމަތް ވެވެނީ ހަމައެކަނި ޗިކުންގުންޔާ ބައްޔަކުންނޫނެވެ.ޑެންގީ ހުން، މެލޭރިޔާ، ފައިފަލަ ބަލި، ރީނދޫ ހުން، އަދި ރިފްޓް ވެލީ ހުން ފަދަ މަދިރިން ފެތުރޭ ބަލިތަކުން ވެސް ރައްކާތެރި ވެވޭނެއެވެ.

ބަލީގެ ޢަލާމާތްތައް
ޗިކުންގުންޔާގެ އަލާމާތްތައް ފެންނަށް ފަށަނީ ޖަރާސީމް އަށަގެންފައިވާ މަދިރި ސަލާމަތުން ހުރި މީހާގެ ހަށިގަނޑުގައި ހަފާތާ 7-4 ދުވަހާ ނުވަތަ 5-2 ދުވަހާއި، ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ބައެއް މީހުންނަށް މިމުއްދަތު 12-2 ދުވަހާއި ދެމެދުގެ މުއްދަތަކަށް ދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. ޗިކުންގުންޔާ ޖެހުމަށްފަހު ޢަލާމާތްތައް ނުފެނި ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. ނަމަވެސް މިގޮތަށް އުދަގޫތައް ކުރިމަތިނުވެދަނީ ކިހާ އާންމުކޮށެއް ކަމެއް އަދި ހޯދިފައެއް ނެތެވެ.

ޗިކުންގުންޔާ ޖެހުމުން ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުން، ހީކެރުވުން، އަތްފައިގެ ހުޅުތަކުގައި ރިހުން، އަތްފައިގެ ހުޅުތައް ދުޅަވުން، ގައިގައި ރިހުން، މަސްތަކުގައި ރިހުން،ބޮލުގައި ރިހުން، މޭނުބައިކުރުން، ހޮނޑުލެވުން، އަދި ވަރުބަލިވުން ނުވަތަ ވަރުދެރަވުން ނުވަތަ ވަރުނުހުރުން ހިމެނެއެވެ. މާބޮޑަށް ހަށިގަނޑުގެ ވަރުދެރަވުމުގެ ސަބަބުން، ބައެއް ފަހަރު އަނބުރައިގަނެ ވެއްޓެންއުޅޭހެން ވެސް ހީވެދާނެއެވެ.

ބައެއް ފަހަރު ފެންނަ އަލާމާތްތަކުގެ ތެރޭގައި ބިހިނެގުން، ނޫފައިގެންފައި ހުންނަގޮތަށްް ހަންގަނޑު ހުރުން، ލޯރަތްވުން، އައްޔަށް ތަހައްމަލުކުރަން އުދަގޫވުން،ނުވަތަ އަލިވުމުން އުދަނގޫވުން، ނިދިނައުން، އަދިނޭފަތާއި ހިރުގަނޑުން ލޭއައުން ފަދަ ކަންތައްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ޗިކުންގުންޔާ ޖެހުމުން އަންނަ ހުން ހުންނަނީ 40 ޑިގްރީ ސެލްޒިއަސް އަށްވުރެ މަތީގައެވެ. ނުވަތަ 104 ޑިގްރީ ފެރެންހައިޓް އަށްވުރެ މަތީގައެވެ. މިގޮތަށް ގަދަ ހުން ހުންނަނީ 3-2 ދުވަސް ވަންދެނެވެ. އަތްފައިގެ ހުޅުތައް ދުޅަވެ، ބީހުމުން ތަދު އިހްސާސް ކުރެވޭނެ އެވެ. ވަރުބަލިވެ ވަރުނުހުރުން ހަފްތާއެއްގެ މުއްދަތަށް ދެމިގެން ހިގައިދާނެއެވެ.

ޗިކުންގުންޔާގެ އުދަގޫތައް އާންމު ގޮތެއްގައި ދެމިހުންނަނީ 7-5 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. ނަމަވެސް ޗިކުންގުންޔާއާއި ވިދިގެން ކުރިމަތިވާ ހުޅުތަކުގައި ރިހުން ވަރަށް ގިނަ ދުވަހަށް ދެމިގެންދާކަން ފާހަގަ ކުރެވެއެވެ. ބައެއް ފަހަރު ހަފްތާ އަކުން ފެށިގެންގޮސް، މަސް ދެމަސް، އަދި އަހަރުތަކަށް ދިގުދެމިގެންދާ ކަން ފާހަގަ ކުރެވެއެވެ. ޗިކުންގުންޔާ އަކީ ވަރަށް މަދުން ނޫނީ އެބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް ނޫނެވެ.

ނުރައްކާތައް
ޗިކުންގުންޔާ ޖެހުމަށްފަހު އެކަށޭނަ ފަރުވާ ނުލިބި ގިނަ ދުވަސްވުމުން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި ސިކުނޑިއާއި އޭގެ ވަށައިގެންވާ ދުލިފަށް ދުޅަވުން(Meningitis)، ހިތުގެ މައްސަލަތައް ކުރިމަތިވުން(Myocarditis) އަދި ނޭވާލުން ފޭލްވުން ފަދަ ކަންތައްތައް ހިމެނެއެވެ. ކުޑަކުދިންނަށް ފިޓްޖެހި، ސިކުނޑި އާއި ނާރުތަކަށް ގެއްލުވުމަކީ ވެދާނެ ގޮތެކެވެ. ލޮލުގައި އިންފްލެމޭޝަން އުފެދި ''އައިރިޑޯސައިކްލައިޓިސް''(Iridocyclitis) އޭ ކިޔޭ ލޮލުގެ ބައްޔެއް މެދުވެރިވުމަކީ ވެސް ޗިކުންގުންޔާ ޖެހުމަށްފަހު ވެދާނެ ގޮތެކެވެ. އަދި ބައެއް ފަހަރު ލޮލުގެ ތުތިޔާ (Retina)ނުވަތަ އަލިދުލި ހަލާކުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ވަރަށް ގިނަ މީހުންގެ ކިބައިން ފައި އަދި ފައިތިލަ ދުޅަވެ ފޮއްސިވުން ވެސް ފާހަގަ ކުރެވިފައި ވެއެވެ.

މާބަނޑުވުމާއި ޗިކުންގުންޔާ
މާބަނޑު ދުވަސްވަރު ޗިކުންގުންޔާ ޖެހުނަސް ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް ޗިކުންގުންޔާގެ އަސަރެއް ނުކުރާނެ އެވެ. މާބަނޑު އަންހެނާ ވިހެއުމުގެ ތެރޭގައި (ވިހާ ވަގުތުގައި) އެމީހާގެ ލޭގައި ޗިކުންގުންޔާ ވައިރަސް ހުރެއްޖެނަމަ އުފަންވާ ދަރިފުޅަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ. ޢާންމު ގޮތެއްގައި މާބަނޑު މީހަކަށް ޗިކުންގުންޔާ ޖެހިއްޖެނަމަވެސް ފެންނާނީ ހަމަ އާދައިގެ މީހަކަށް ބަލިޖެހުމުން ފެންނާނެ އަލާމާތްތަކެވެ. ބަލިވެ އިނުމަށްފަހު ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ޗިކުންގުންޔާ ޖެހުމުގެ ސަބަބުން ބައިގެންދިއުން ކުރިމަތިވެފައިވާ ކަމަށް ވަރަށް މަދުން ރިޕޯޓްކުރެވިފައި ވެއެވެ. ގާތުންދޭ މައިންގެ ފަރާތުން ބުއްދޭ ތުއްތު ދަރިފުޅަށް ކިރުގެ ޒަރީޢާއިން ޗިކުންގުންޔާ ވައިރަސް ވާޞިލްވާކަން އަދި ހޯދިފައެއް ނެތެވެ.

ބަލި ދެނެގަތުން
(ހ) - ވައިރަސް ވަކިކުރުން(Viral culture): މިއީ ހަށިގަނޑުން އެތިކޮޅެއް ނަގައިގެން ވަކި ކަހަލަ މީޑިއަމް އެއްގައި ވަކި ފިނިހޫނުމިނެއްގެ ތެރޭގައި، ކަނޑައެޅޭ ވަކި މުއްދަތެއް ވަންދެން ބަހައްޓައިގެން ވައިރަސް ހައްދައި ބޮޑުކޮށް އެއީ ކޮން ވައިރަސް އެއްތޯ ދެނެގަތުމެވެ.
(ށ) – އައިޖީއެމް(Immunoglobulin M) އަދި އައިޖީޖީ(Immunoglobulin G)  ހުރިތޯބެލުން : މިއީ ޑެންގޫ ހުމާއި ޗިކުންގުންޔާގެ ތަފާތު ދެނެގަތުމަށްޓަކައި، އެލައިޒާ ( Enzyme-linked immunosorbent assays ) ބޭނުންކޮށްގެން ހެދޭ ޓެސްޓެކެވެ. މިޓެސްޓް ލޭ ބޭނުންކޮށްގެންނާއި، ސިކުނޑިއާއި އޭގެ ވަށައިގެންލެވިފައިވާ ދުލިފަށަލަ އާއި ދޭތެރޭގައި ހުންނަ ދިޔަ ބޭނުންކޮށްގެން ވެސް ހެދިދާނެއެވެ. އިމިއުނޯގްލޯބިއުލިން އަކީ ހަށިގަނޑުގައި އުފެދޭ ހަށިދަމަނަ އެކެވެ. މިއީ ހަށިގަނޑުގައި ޗިގުންގުންޔާ ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރާނޭ ހަށިދަމަނަ އުފެދިފައިހުރިތޯ ބެލުމަށް ކުރެވޭ ކަމެކެވެ.
(ނ) - ރިވާސް ޓްރާންސްކްރިޕްޝަން ޕޮލިމަރޭޒް ޗެއިން ރިއެކްޝަން(RTPCR): މިއީ ވެސް ބައެއް ކަހަލަ ވައިރަހުން ޖެހޭ ބަލިތައް ޖެހިފައިވޭތޯ ޔަގީންކުރުމަށް ހެދޭ ޓެސްޓެކެވެ.

ބަލީގެ ފަރުވާ
ޗިކުންގުންޔާ އަށްދެވޭ ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. އާންމު ގޮތެއްގައި ދެވެނީ ޕެނަޑޯލް ފަދަ ތަދުކަނޑުވާ ބޭސް ތަކެވެ. ނަމަވެސް ޗިކުންގުންޔާ އާއި ގުޅިގެން ކުރިމަތިވާ ހުޅުތައް ދުޅަވެ، ރިހުމަށް އާންމުކޮށް ހުންނަ ތަދުކަނޑުވާ ބޭސްތައް ( ޑައިކްލޯފިނެކް ސޯޑިއަމް، އިންޑޯމެތަސިން، ޕައިރޮކްސިކަމް، ބުރޫފަން، ނެޕްރޮކްސީން، އެސްޕިރިން ) ބޭނުންކުރުން އެދެވިގެނެއް ނުވެއެވެ. އަދި މިފަދަ ބޭސްތައް ބޭނުން ނުކުރުމަށް ވަރަށް ގިނަ ޑޮކްޓަރުން ލަފާދެއްވައެވެ. ޗިކުންގުންޔާ އިން ރައްކާތެރިވެވޭނެ ވަކި ޚާއްޞަ ވެކްސިނެއް އަދި އުފެއްދިފައެއް ނުވެއެވެ. މިހާތަނަށް ހޯދިފައިވާ ގޮތުން ޗިކުންގުންޔާ 1 ފަހަރު ޖެހިއްޖެނަމަ ދެވަނަ ފަހަރަކު ނުޖެހޭނެ އެވެ. އެއީ ފުރަތަމަ ޖެހޭ ފަހަރު ހަށިގަނޑުގައި ޗިކުންގުންޔާ އާއި ދެކޮޅަށް މަސައްކަތްކުރާނޭ ހަށިދަމަނަ އެއް އުފެދި، އޭގެ ސަބަބުން މުޅި އުމުރަށް ޗިކުންގުންޔާ އިން ރައްކާތެރިވުމުގެ ދިފާޢީ ބާރު ހަށިގަނޑުގައި ހުންނާތީ އެވެ.

މެލޭޝިޔާގެ މަލާޔާ ޔުނިވަސިޓީއިން ހަދާފައިވާ ދިރާސާ އަކުން ފާހަގަވި ގޮތުގައި ކްލޮރޮކީން ފޮސްފޭޓްގެ 250 މިލިގްރާމް ދުވާލަކު 1 ފަހަރު ބޭނުންކުރުމުން ހުޅުތައް ދުޅަވެ ރިއްސުމަށް އެކަށޭނަ ޙައްލެއް ލިއްބައިދެއެވެ. ނަމަވެސް މިދިރާސާ އާއި ފުށުއަރާ ބައެއް ކަންތައްތައް ފަހުން ފާހަގަ ކުރެވިފައިވުމާއެކު، ޗިކުންގުންޔާގެ ފަރުވާގެ ގޮތުގައި (ހުޅުތަކުގެ ރިހުމަށް) ކްލޮރޮކީން ފޮސްފޭޓް ބޭނުމެއް ނުކުރެއެވެ. ޗިކުންގުންޔާ ޖެހުމުން އެހެނިހެން ރޯގާތަކެކޭ އެއްފަދައިން އަރާމުކުރުމާއި، ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންތައްތައް ކުރުމަށް އިރުޝާދު ދެއެވެ.

ޗިކުންގުންޔާ އިން ސަލާމަތްވުން ނުވަތަ ރައްކާތެރިވުން
ޗިކުންގުންޔާ އަށް ދޭނެ ފަރުވާއެއް ނުވަތަ ޗިކުންގުންޔާ އިން ދިފާޢުވުމަށް ދޭނެ ވެކްސިނެއް އަދި ނެތުމާއެކު، އެބަލިން ސަލާމަތްވުމަށް އަދި އެބަލި ފެތުރިގެން ދިޔަ ނުދިނުމަށް އެޅިދާނެ މުހިއްމު ދެފިޔަވަޅެއް ވެއެވެ.
1-    މަދިރި އުފެދޭ ތަންތަން ނައްތާލުން
·         ފެންއަޅާފައި ހުންނަ ތަކެތީގެ ރަގަޅަށް މަތިޖަހާފައި ބަހައްޓާށެވެ. ފެން ނަގާ ތާނގީތަކަށް މަދިރި ނުވަދެވޭގޮތަށް މަތިޖަހާ ވައި ހިނގަށް ހުންނަ ހޮޅިހޮޅީގައި މަދިރިއަށް ނުވަދެވޭ ގޮތަށް ދާކޮޅެއް ޖަހާށެވެ.
·         ފެން ހިންދާ ވަޅުގަނޑާއި، ނަޖިސް ވަޅުގަނޑަށް މަދިރިއަށް ނުވަދެވޭގޮތަށް ބަންދު ކުރާށެވެ. ވަސް ހޮޅީގައި ވެސް މަދިރިއަށް ނުވަދެވޭ ގޮތަށް ދާ ޖަހާށެވެ. އެހެން ނޫނީ އެފަދަ ތަންތަނަކީ މަދިރި އާލާވާ ތަންތަން ކަމުގައި ވެދާނެއެވެ.
·         މަދިރި އުފެދޭގޮތަށް ހުންނަ ކުނި ބުނި ނައްތާލުން މުހިއްމު އެވެ. އުކާލާފައި ހުންނަ ދަޅު، ފުޅި، ތަށި އަދި ނާއްޓަކީ ފެން އެޅިގެން ފެން ހަރުލައި، އެފެނުގައި މަދިރި އުފެދޭނެ އެއްޗެއްސަށްވާނެ އެއްޗެއްސެވެ. މިފަދަ އެއްޗެތި އެއްކޮށް އުކާލާށެވެ. ނޫނީ ވަޅުލާށެވެ. ނޫނީ އަންދާލާށެވެ.
·         ގުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން ކޮންޓްރޯލް ކުރެވިދާނެއެވެ. މަދިރި ފަނިއަޅާ ވަޅުވަޅަށް މަސްލައިގެން މަދިރި ގިނަވިޔަނުދީ ކޮންޓްރޯލް ކުރެވިދާނެއެވެ. މީގެ އެއްވައްތަރަކީ ގައްޕީޒް އެވެ. ފަނި މަރަން ޖަހާ ކަހަލަ ބޭސް ބޭނުންކުރުމުން މަދިރި ފަނި މަރުވާނެއެވެ.
·         މަދިރި މަރަން ބޭނުންކުރާ ބޭސް ބޭނުންކޮށްގެން މަދިރި ކޮންޓްރޯލް ކުރެވިދާނެއެވެ.

2-      މަދިރި ނުހަފާނެ ގޮތަކަށް ރައްކާތެރިވުން
ގައިގައި މަދިރި ނުހަފާނެ ގޮތް ހެދުމަށްޓަކައި ތިރީގައި މިވާ ކަންތައް ކުރެވިދާނެއެވެ.
·         މަދިރި ދުންދަނޑި ޖެހުން ނުވަތަ ކަރަންޓްގައި ޖަހައިގެން މަދިރި ދުރުކުރާ ދުންދަނޑި ބޭނުންކުރުން
·         ވިއްސާރަ މޫސުމްގައި މަދިރި ދުންދަނޑި ބޭނުން ކުރިޔަސް ކަރަންޓުން ބޭނުންކުރާ މަދިރި ދުރުކުރާ ގުޅަބޭސް ބޭނުންކުރިޔަސް ރަގަޅުވާނެ އެވެ. މެންދުރުން އެބުރުނީއްސުރެ އިރުއޮއްސުމާއި ދޭތެރޭ ގައްޔާއި، އިރު އަރާ ވަގުތު އެންމެ ހެދުނާ މިތަކެތީގެ ބޭނުންކުރުން ރަގަޅެވެ. ސަބަބަކީ އެވަގުތު ތަކީ ޗިކުންގުންޔާ ޖައްސާ މަދިރި އެންމެ ބޮޑަށް ހަފާނެ ވަގުތުތައް ކަމަށްވާތީ އެވެ.
·         މަދިރި ދުރުކުރާ ބޭސް: މަދިރި ދުރުކުރުމަށްޓަކައި ގައިގައި އުގުޅަން ހުންނަ ބޭސް ހާމަކޮށް ހުންނަ ހަންގަނޑުގައި އުގުޅުމުން ވެސް މަދިރި ނުހަފާނެ އެވެ. ގައިގާ އުގުޅަން ހުންނަ މިފަދަ އެއްޗެތި ކުޑަކުދިންނާއި މުސްކުޅިންގެ ގައިގާ އުގުޅުމުގައި ސަމާލުވާން ޖެހޭނެއެވެ.
·         މަދިރި ދައުޖެހުން: ކުޑަ ދޮރުތަކާއި މަދިރި ވަންނަން ހުންނަ އާނގަތަކުގައި މަދިރި ދާ ޖެހުމަކީ ގޭތެރެއަށް މަދިރި ނުވަންނާނެ ކަމެކެވެ.
·         ޗިކުންގުންޔާ ޖެހިފައި ތިބޭ ބަލިމީހުން ރައްކާތެރިކުރުން: ޗިކުންގުންޔާ ޖެހެނީ ޗިކުންގުންޔާ ފަތުރާ  އަންހެން މަދިރި ޗިކުންގުންޔާ ޖެހިފައިވާ މީހެއްގެ ގައިން ލޭބުއިމުންނެވެ. އެހެންވީމާ ޗިކުންގުންޔާ ޖެހިފައި ތިބޭ މީހުންގެ ކައިރީގައި މަދިރި ދުންދަނޑި ފަދަ އެއްޗެތި ޖެހުމާއި މަދިރިގެ ޖަހައިގެން އެމީހުން ރައްކާތެރިވެ ތިބުމަކީ ބަލި ފެތުރުން ހުއްޓުވޭނެ ގޮތެކެވެ.

ޗިކުންގުންޔާ ފެތުރުނަނުދީ ކޮންޓްރޯލްކުރުން
ޗިކުންގުންޔާގެ ބަލިމަޑުކަމެއް ފެށިއްޖެނަމަ އެހިސާބުގަނޑަކަށް ނުވަތަ އެރަށަކަށް ބޭސް ޖަހައިގެން ކޮންޓްރޯލް ކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ. ސްޕްރޭ ކުރުމާއި ބޭސް ދުން ޖަހައިގެން މިކަން ކުރެވިދާނެއެވެ. މިހެން ހެދުމުން ބޮޑެތި ވެފައި ތިބި ޗިކުންގުންޔާ ޖައްސާ މަދިރިތައް މަރުވެދާނެ އެވެ. އެހެންވީމާ ބަލިމީހުންގެ ގައިން އެހެން މީހުންގެ ގައިގާ އެފަދަ މަދިރި ހެފުން މަދުވާނެއެވެ. ނަތީޖާއަކަށް ވާނީ ބަލި ކޮންޓްރޯލް ވުމެވެ. އެތަނެއްގައި އުޅޭ މީހުންގެ އެއްބާރުލުން މިކަމުގައި ބޭނުންވާނެއެވެ. ސްޕްރޭ ކުރާއިރު ކުޑަ ދޮރުތަކާއި ބޮޑު ދޮރުތައް ޖެހޭނީ ހުޅުވާފައި ބަހައްޓާށެވެ. އެއީ ބޭސް ޖަހާއިރު އެބޭހުގެ އަސަރު ގޭތެރެއަށް ވަދެ ގޭތެރޭގައި ތިބޭ މަދިރި މަރުވާނޭގޮތް ހެދުމަށްޓަކައެވެ.

ރަގަޅުގޮތަކަށް ކުނިބުނި ނައްތާލުން
ގަވާޢިދުން ކުނިބުނި އެއްކޮށް ނައްތާލުމަކީ މަދިރި އުފެދޭނެ ތަންތަން މަދުވާނެ ކަމެކެވެ.
ގޭގެއަށް ޒިޔާރަތްކޮށް މަދިރިއުފެދޭ ފަދަ ތަންތަން ހުރިތޯ ބެލުން
ގޭގެއަށް ޒިޔާރަތްކޮށް މަދިރިއުފެދޭ ފަދަ ތަންތަން ހުރިތޯ ބަލާ އެފަދަ ތަންތަން ނައްތާލާ ނުވަތަ ރަގަޅު ކުރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ގޭގެއަށް މިކުރާ ޒިޔާރަތުގައި ފެން ތާނގީ މަދިރިން ރައްކާތެރި ކުރާނޭ ގޮތް ކިޔާދީ އެފަދަ ކަންތައްތައް ރަގަޅު ކުރެވިދާނެ އެވެ.

ޞިއްޙީ ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތްކުރުން
ޗިކުންގުންޔާ އިން އާންމުން ސަލާމަތްކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޗިކުންގުންޔާ އަކީ ކޮބާ ކަމާއި އެބަލި ޖެހޭ ގޮތާއި އެބަލިން ސަލާމަތްވާނޭގޮތުގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމެވެ.

ދަރިވަރުން ހޭލުންތެރި ކުރުވުން
މަދަރުސާ ތަކުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގައިގެން ޢާންމުކޮށް ޢާންމު ޞިއްޙަތުގެ މައްޗަށް ޚާއްޞަކޮށް ޑެންގީ އަދި ޗިކުންގުންޔާ ފަދަ މަދިރިން ފެތުރޭ އެކި ފާޑުގެ ހުމުގެ ވައްތަރުތަކުގެ މައްޗަށް ކުދިންގެ ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ސާފު ތާހިރު ކުރުމުގެ މަސައްކަތުގައި އަދި ހޭލުންތެރިކުރުވުމަށް މައުލޫމާތު ފެތުރުމުގެ މަސައްކަތުގައި ދަރިވަރުންގެ އެހީތެރިކަން ހޯދިދާނެއެވެ. މަދަރުސާއިން އެކުދިންނަށް ލިބޭ މަޢުލޫމާތު އެކުދިންގެ މައިންބަފައިންނަށާއި، އަވަށްޓެރިންނަށް ފޯރުވާދޭށެވެ. ސާފު ތާހިރު ކުރުމުގެ މަސައްކަތް ދަރިވަރުން ފަށާ ފުރަތަމަ ތަނަކީ ސުކޫލް ކަމުގައި ހެދިދާނެ އެވެ. ދެން އެކުދިން އުޅޭ ގެދޮރާއި ހިސާބު ގަނޑު ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެއެވެ.

މަދިރިން ސަލާމަތްވުން
މަދިރިން ސަލާމަތްވެ ތިބުމަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ޑެންގީ ހުން،ޗިކުންގުންޔާ ފަދަ ބަލިތަކުން ރައްކާތެރިވެ، މިފަދަ ބަލިތަކުން ގެއްލިގެންދާ ފުރާނަތައް ސަލާމަތްކުރުމަށާއި، މިކަމުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް ކުރެވެން އޮތް އެންމެ މުހިއްމު މަސައްކަތެވެ. ޚާއްޞަކޮށް މިކަން މުހިއްމުވާ އެންމެ މައިގަނޑު ސަބަބަކީ މިފަދަ ބަލިތަކުން ރައްކާތެރިވާނެ ވެކްސިނެއް ނެތުމާއި، މިފަދަ ބަލިތަކަށް ކަނޑައެޅިފައިވާ ޚާއްޞަ ފަރުވާއެއް ނެތުމެވެ. މަދިރިން ސަލާމަތްވުމަށް ކުރެވޭ މަސައްކަތް ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ތިމާގެ ގައިގައި މަދިރިހެފުމުން ރައްކާތެރިވުމާއި، މަދިރި އާލާވިޔަ ނުދިނުމެވެ.

މަދިރިހެފުމުން ރައްކާތެރިވުން
ޖަރާސީމް އަށަގެންފައިވާ މަދިރިއެއް ހެފުމުގެ ސަބަބުން ބަލިޖެހުމުން ސަލާމަތްވުމަށްޓަކައި ތިރީގައިވާ ކަންތައްތައް ކުރުން އެދެވިގެންވެއެވެ.
(ހ) - ނިވާވުން : މަދިރި ހެފުމުން ސަލާމަތްވުމަށްޓަކައި ވީހާ ބޮޑަކަށް ހަށިގަނޑު ނިވާވާ، ގަޔަށްދޫ ހެދުމެއް ބޭނުންކުރުން ބުއްދިވެރި އެވެ.
(ށ) - މަދިރި ލޯޝަން : ބޭރަށް ނުކުމެއުޅޭއިރު ހަށިގަނޑުގެ ހާމަޔަށް ފެންނަން ހުންނަ ހިސާބުގައި މަދިރި ލޯޝަން ނުވަތަ ކްރީމެއް އުގުޅާށެވެ. ދުވާލު ގަޑީގައި މިކަމުގެ މުހިއްމުކަން ވަކިން ބޮޑެވެ. އެއީ ޑެންގީ ޖައްސާ މަދިރި ކަމަށްވާ އީޑީޒް އިޖިޕްޓައި (ޗިކުންގުންޔާ ޖެއްސުމުގައި ވެސް މިމަދިރި މުހިއްމު ދައުރެއް ކުޅެއެވެ) މަދިރި އާންމުކޮށް ހަފަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށްވާތީ އެވެ. އެންމެ އިތުބާރުހުރި އަދި އެންމެ ގިނައިރުވަންދެން އަސަރު ހުންނަ މަދިރި ލޯޝަން ނުވަތަ ކްރީމަކީ ޑީޓް އެވެ. މިގޮތުން ޑީޓް އެކުލެވިފައިވާ މިންވަރު 30 އިންސައްތަ އާއި 50 އިންސައްތަ އާއި ދެމެދު ހުންނަ ބާވަތްތައް ބެލެވިފައިވަނީ އެންމެ އިތުބާރު ހުރި އަދި ގިނައިރު އޭގެ އަސަރު ހުންނަ ތަކެތި ކަމަށެވެ.

ޑީޓްގެ މިންވަރު މަދުވާވަރަކަށް އޭގެ އަސަރު ދެމިހުންނަ ވަގުތު ކުޑަވާނެއެވެ. މާނައަކީ މަދިރިން ސަލާމަތްވުމަށް ޓަކައި ލޯޝަން/ ކްރީމް އަވަސް އަވަހަށް އުގުޅަން ޖެހޭނެ އެވެ. ޑީޓް އެކުނުލެވޭ ލޯޝަނާއި ކްރީމް، ފަދަ ތަކެތި ބެލެވިފައިވަނީ އިތުބާރު ކުޑަ އޭގެ އަސަރު ދެމިހުންނަ ވަގުތު ކޮޅުވެސް ނިސްބަތުން ކުޑަ ތަކެތި ކަމަށެވެ.

ޑީޓްގެ މިންވަރު 50 އިންސައްތަ އާއި ހަމައަށް ހުންނަ ތަކެތި، ބޮޑެތި މީހުންނަށާއި، މާބަނޑު މީހުންނަށާއި، ދެމަހަށްވުރެ ދޮށީ ކުދިންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެއެވެ.

ދެމަހަށްވުރެ ކުޑަކުދިންގެ ގައިގައި މިތަކެތި އުގުޅުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. މިފަދަ ކުދިން މަދިރިން ސަލާމަތްކުރުމަށްޓަކައި މަދިރިގެ ނުވަތަ ގޮށި ބޭނުންކުރުން އެދެވިގެން ވެއެވެ. މަދިރިން ސަލާމަތްވުމަށް ގައިގައި އުގުޅާ ލޯޝަން /ކްރީމް ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ދޮންނަންވާނެ އެވެ.

(ނ) - ސްޕްރޭ : ބައެއް ފަހަރަށް ލައިގެން ހުންނަ ހެދުމުގެ މަތިންވެސް މަދިރި ހަފައެވެ. ޚާއްޞަކޮށް އެއީ ގަޔަށް ބާރުކޮށްހުރި އެއްޗެއްނަމަ މަދިރީގެ އުދަގޫ ވަކިން ބޮޑުވާނެއެވެ. މިފަދަ ހާލަތްތަކުގައި މަދިރި ހެފުމުން ސަލާމަތްވުމަށް ގަޔަށް ޖެހުމަށް ތައްޔާރުކޮށްފައި ހުންނަ ސްޕްރޭ ލައިގެން ހުންނަ ހެދުމަށް ޖެހިދާނެއެވެ. މިގޮތުން ފައިދާހުރި އަދި އެންމެ ރައްކާތެރި ސްޕްރޭ އަކީ ޕާރމެތްރިން އެކުލެވޭ ސްޕްރޭ އެވެ. ހެދުން އެންމެ ފަހަރަކު ދޮވެލުމުން ގިނަ ސްޕްރޭ ތަކުގެ އަސަރު ފިލާ ދިޔައެއް ކަމަކު ޕާރމެތްރިން އެކުލެވޭ ރަގަޅު  ސްޕްރޭއެއް ނަމަ ގާތްގަނޑަކަށް 5 ފަހަރު ދޮންނަށްދެން އޭގެ އަސަރު ދެމިހުރެއެވެ.

(ރ) - މަދިރިގެ ޖެހުން : މަދިރިން ސަލާމަތް ވުމަށްޓަކައި ކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ މަދިރިގެ ބޭނުންކުރަން ފެށުމެވެ. ޚާއްޞަކޮށް ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އަދި މިނޫންވެސް ދުވާލު ގަޑީގައި ނިދާފައި ތިބޭމީހުންނަށް މަދިރިގެ ބޭނުން ކުރުމުގެ މުހިއްމުކަން ބޮޑެވެ. ޑެންގީ ހުން ޖެހިފައިވާ ބަލިމީހަކު ގޭގައި އުޅޭނަމަ މަދިރިގެއެއްގެ ތެރޭގައި އެމީހަކު ބޭއްވުމުގެ މުހިއްމުކަން ވަކިން ބޮޑެވެ. އެއީ ބަލިވެ އުޅޭއިރު އޭނާގެ ހަށިގަނޑުގައި ޑެންގީ ގެ ޖަރާސީމް ހުންނާނެތީ އެވެ. އަދި އޭނާގެ ގައިގައި މަދިރި ހެފުމުގެ ސަބަބުން ޖަރާސީމް މަދިރިއަށް ވާޞިލްވެ، އެހެން މީހުންގެ ގަޔަށް ފެތުރޭނެ އެވެ. އެހެން ކަމުން ބަލިމީހެއްގެ ގައިގައި ހެފުމުގެ ފުރުޞަތު މަދިރިއަކަށް ނުދިނުމީ ބަލި ކޮންޓްރޯލްކޮށް، އެހެން މީހުންނަށް ބަލިޖެހުމުން ސަލާމަތްވުމަށް އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅެވެ.

މަދިރި ލޯޝަން/ކްރީމް އަދި ސްޕްރޭ ބޭނުންކުރާއިރު ސަމާލުވާން ޖެހޭ ކަންތައްތައް
މަދިރި ލޯޝަން/ ކްރީމް އަދި ސްޕްރޭ ތަކަކީ އެތައް ތަޙްލީލު ތަކެއް ކުރެވި، އެތަކެތީގެ ރައްކާތެރިކަން ޔަގީން ކުރެވިފައިވާ ތަކެއްޗެވެ. އެހެނަސް ބޭނުންކުރާ ފަރާތުގެ ރައްކާތެރި ކަމަށްޓަކައި، ތިރީގައިވާ ކަންތައްތަކަށް ސަމާލުވުން ބުއްދިވެރި އެވެ.

ގައިގައި އުގުޅުމަށް ފުދޭވަރަށް ވުރެ އިތުރަށް ލޯޝަން/ކްރީމް ބޭނުން ނުކުރާށެވެ. ބޭނުންވާ ވަރަށްވުރެ އިތުރަށް އުގުޅުމަކުން އިތުރު ފައިދާތަކެއް ނުކުރާނެއެވެ. ހެދުމުން ނިވާވެފައިވާ ހިސާބުގައި ނުއުގުޅާށެވެ. ކަނޑައިގެން ދިއުން، މަށައިގެން ދިއުން އަދި ރަތްވުން ފަދަ ހަމަށް ގެއްލުން ލިބިފައިވާ ތަންތާގައި ނުއުގުޅާށެވެ. ބަންދުވެފައިވާ ތަނެއްގައި ސްޕްރޭ ބޭނުން ނުކުރާށެވެ. އަދި ނޭވަޔާއެކު ފުއްޕާމޭގެ ތެރެއަށް ދިޔަ ނުދޭށެވެ. ސްޕްރޭ ބޭނުން ކުރާނަމަ ސީދާ މޫނަށް ނުޖަހާށެވެ. މީގެ ބަދަލުގައި އަތަށް ސްޕްރޭ ޖެހުމަށްފަހު މޫނުގައި ހާކާށެވެ. ލޮލާއި އަނގަ މަތީގައި ނުހާކާށެވެ.

މަދިރި ކޮންޓްރޯލް ކުރުން
(ހ) - މަދިރި ފަނި އާލާވިޔަ ނުދިނުން : މަދިރި އާލާވެފައި ގިނަވަނީ މަދިރިއަށް ބިސްއަޅާނެ ތަކެއްޗާއި ތަންތަން ލިބެން ހުންނާތީ އެވެ. މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި، ދިގު މުއްދަތަކަށް އަމާޒުކުރެވިގެން ކުރެވޭ  އެންމެ މުހިއްމު އެއް މަސައްކަތަކީ މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތެވެ. މިކަމަކީ ސަރުކާރުގެ ދާއިރާތަކާއި އެއްވަރަށް އަމިއްލަ ވަކިފަރުދުންގެ ޒިންމާވެސް އޮންނަ، އަދި މިދެފަރާތުންކުރެ އެއްވެސް ފަރާތަކުން އެކަށީގެންވާ ސަމާލުކަން ނުދެވިއްޖެނަމަ ނާކާމިޔާބު ވާނެ މަސައްކަތެކެވެ. ނަތީޖާއަކަށް ވާނީ ދޭތެރެ ދޭތެރެއިން މަދިރީގެ އާބާދީ ގިނަވެ ޑެންގީ ހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިކަން  އިތުރުވާން ފެށުމެވެ. އަދި އެކަމުގެ ސަބަބުން މީހުން މަރުވެގެން ދިއުމެވެ. މަދިރި ހެފުމުގައި އަދި ޑެންގީ ފަދަ ބަލިތައް ޖެހުމުގައި ވަކި މީހަކަށް ނުވަތަ ވަކި ތަނަކަށް ނުބަލައެވެ. އެހެން ކަމުން މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތަކީ ތިމާގެ އެއްވެސް ދައުރެއް އެކަމުގައި ނުވާ އަނެކާގެ ނުވަތަ އެހެން ބައެއްގެ މަސައްކަތެއް ކަމަށް ހީކޮށްގެން ތިބުމަކީ މޮޔަކަމެކެވެ. އެއީ މިކަމަށް ސަމާލުކަން ނުދީ އަޅާނުލާ ދޫކޮށްލުމުން ބަލިޖެހި މަރުވެގެންދަނީ ޚުދު ތިމާ ނުވަތަ ތިމާގެ ޢާއިލާގެ މީހެއް ނޫންކަން އެކަކަށްވެސް ކަށަވަރު ނުވާނެތީ އެވެ.

(ށ) - މަދިރި ބިސް އަދި ފަނި ނައްތާލުން : މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އަދި އެންމެ ފައިދާހުރި މަސައްކަތަކީ މަދިރިއަށް ބިސް އެޅުމުގެ ފުރުޞަތު ނުދިނުމާއި، މަދިރި ފަނި ނައްތާލުމެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ފާހަގަ ކޮށްލާނަމެވެ.
·         ދަޅު، ފުޅި، ނާށި، އުނބުގަނޑު، ޓަޔަރު ފަދަ ފެންހަރުލާ ތަކެތި ނައްތާލާށެވެ. ކިތައްމެ ކުޑަ އެއްޗެއް ކަމުގައިވިޔަސް ފެންހަރުލާފައި ހުންނަނަމަ މަދިރި ބިސްއަޅާ އާލާވާނެއެވެ. މިސާލަކަށް ފުޅީގެ މައްޗާއި، މެޓާކާފައި އެއްލާލާ ޕްލާސްޓިކް ކަރުދާސް ކޮޅުގައި ވެސް ފެންހަރުލައި މަދިރި ބިސްއަޅައި އާލާވެފައި އެބަހުއްޓެވެ.
·         ގަސްމުށި ގަނޑުގެ އަޑީގައި ހުންނަ ތައްޓާއި، ފެނުގައި ގަސް ހައްދާފައިވާ ފުޅި ފަދަ ތަކެތި މަދުވެގެން 5 ދުވަހުން އެއްފަހަރު ރަގަޅަށް ސާފުކުރާށެވެ.
·         ދިޔަ ދޮވީގައި ކުންޏާއި ފަތްފަދަ ތަކެތި ޖަމާވިޔަ ނުދޭށެވެ. އަދި ދިޔަ ދޮވީގައި ބަނޑިލާފައި ހުންނަ ނަމަ އެކަން ރަނގަޅުކުރާށެވެ.
·         ފެންތާންގީ، ބާލިދީ އަދި ހަން ފަދަ ފެންނަގާ ރައްކާކުރަން ބޭނުންކުރާ ތަކެތި މަދިރިއަށް ނުވަދެވޭގޮތަށް ރަނގަޅަށް ބަންދުކޮށްފައި ބަހައްޓާށެވެ.
·         އެއަރކޮންޑިޝަން ހޮޅި ފަދަ ފެންތިކިޖަހާ ތަންތަނުން، ފައިބާ ފެންޖަމާވެ، އަބަދު ތެތްކޮށް ހުރިޔަ ނުދޭށެވެ. މިފަދަ ތަންތަނަށް ވެސް މަދިރި ބިސްއަޅާނެއެވެ. އަދި އެތައް މަސްތަކެއް ވަންދެން ވެސް މަދިރީގެ ބިސް ހަލާކުނުވެ ދެމިހުރެއެވެ.
·         ވަޅު އަދި ހާމަކޮށް ހުންނަ ފެންގަނޑުތަކަށް ޖަޕާނުމަސް ކަށްޓަފުޅި، ފަދަ މަދިރި ފަނިކާ ބާވަތުގެ މަސްލާފައި ބަހައްޓާށެވެ.
·         ޢިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ތަންތަނަކީ ތަފާތު ސަބަބުތަކާހުރެ ފެންހަރުލާފައި ހުންނަ އަދި ބައެއް ފަހަރު ބަހައްޓަން ޖެހޭ ތަންތަނެވެ. މިއީ ދިވެހިރާއްޖޭގައި މަދިރި އާލާވާ ތަންތަނުގެ ތެރެއިން ޚާއްޞަކޮށް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. އެހެންކަމުން މިފަދަ ތަންތަނުގައި މަދިރި އާލާވިޔަ ނުދިނުމަކީ މަސައްކަތް ކުރާ ފަރާތާއި، މަސައްކަތް ކުރުވާ ފަރާތުގެ ވެސް ޒިންމާއަކަށް ވާންޖެހޭނެއެވެ. މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ ކަމެއްކަން ހަދާން ބަހައްޓަން ވާނެއެވެ.

(ނ) - އުދުހޭ މަދިރިން ސަލާމަތްވުން : މިއީ މަދިރި ކޮންޓްރޯލްކޮށް މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމުގެ މަސައްކަތުގެ ތެރެއިން އެންމެ އުނދަގޫ އަދި ނަތީޖާ އެންމެ ކުޑަ މަސައްކަތެވެ. އެހެނަސް މިއީ ފާޅުކަން ބޮޑު މަސައްކަތެއްގެ ގޮތުގައި ފެނިގެންދާ ކަމަކަށްވާތީ ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިއީ މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު މަސައްކަތް ކަމަށެވެ. އަދި ހަމަ މިސަބަބާހުރެ މަދިރި ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ޢާންމު ފަރުދުންނަށް އެންގުމަށްޓަކައި ނުވަތަ ދެއްކުމަށްޓަކައި މިފަދަ މަސައްކަތް ކުރާ އިދާރާތަކުން ކުރާ މައިގަނޑު މަސައްކަތަކީ ވެސް މިއީ އެވެ. މިހަގީގަތަކީ ހުރިހާ ފަރާތްތަކުން ވެސް ސަމާލުވާން ޖެހޭ ކަމެކެވެ. އެހެންކަމުން މިބަލާލަނީ އުދުހޭ މަދިރިން ސަލާމަތްވުމަށް ގޭގައި ނުވަތަ ފަރުދުންގެ ފެންވަރުގައި ކުރެވިދާނެ ކަންތައްތަކަށެވެ.

ގެއާއި ދިރިއުޅޭ މާހައުލުގެ ތެރެއަށް މަދިރި ވަނަ ނުދިނުމަށްޓަކައި ކުޑަ ދޮރާއި ފެން ލައިޓް ފަދަ ތަންތަނުގައި ދާޖަހާފައި ބެހެއްޓިދާނެއެވެ. މިގޮތުން ޖަހާ ދަލަކީ އެކަށީގެންވާ ސައިޒެއްގެ ގޮޅި ހުންނަ އެއްޗަކަށް ވާންޖެހޭނެއެވެ.

ސިޓިންގރޫމް ކޮޓަރީގައި ހަރުކޮށްފައި ހުންނަ ދޮރުފޮތި، ޕައިރެތްރޮއިޑް އެކުލެވޭ ކެމިކަލް އަކުން ދޮވެފައި ބެހެއްޓުމަކީ ވެސް އެފަދަ ތަންތަނުން މަދިރިވަނުން ކޮންޓްރޯލް ކުރުމަށް އެހީވެދޭނެ ކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް މީހުންގެ ގައިން ލޭބުއިމަށްފަހު އަދި އެނޫން ވެސް ވަގުތުތަކުގައި އަރާމް ކުރުމަށްޓަކައި ދޮރުފޮތީގައި އަދި ދޮރުފޮއްޗާއި ފާރާއި ދޭތެރޭގައި މަދިރި ތިބޭ ތިބުން މަދުކުރެވޭނެއެވެ.

އެލެތްރިން، ރެސެމެތްރިން، ފަދަ ޕައިރެތްރޮއިޑްސް އެކުލެވޭ ސޫފާސޫފި މެރުމަށް ޖަހާ ސްޕްރޭ އެއް ގޭތެރޭގައި  ވެސް ބޭނުން ކުރެވިދާނެއެވެ. އެހެނަސް މަދިރިއަށް ވަދެވޭގޮތަށް ހުޅުވާފައި ހުންނަ ތަނެއްނަމަ އިސާހިތަކު މީގެ އަސަރު ފިލައިދާނެއެވެ. މިގޮތުން ބޭނުންކުރަންވާނީ ހަމައެކަނި އުދުހޭ ސޫފި މެރުމަށް ބޭނުންކުރެވޭނެ ކަމަށް ލިޔެފައިވާ ތަކެއްޗެވެ. މިކަމުގެ އެންމެ ރަގަޅު ނަތީޖާ ލިބޭނީ ސްޕްރޭކުރާއިރު އަދި އެއަށްފަހު 5 މިނިޓާއި 10 މިނިޓާއި ދެމެދުގެ ވަގުތަކަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމުންނެވެ. މިގޮތަށް ބަންދުކޮށްފައި ހުންނަ ވަގުތު އެތާގެ ތެރޭގައި މީހުން ތިބުން ރައްކާތެރިއެއް ނުވާނެއެވެ.

ކަރަންޓަށް ޖަހާ ފޮތި(މެޓް) އަދި ދިޔާ ބޭސް(ވެޕަރ) ފަދަ ތަކެއްޗާއި، މަދިރި ދުންދަނޑި އަކީވެސް ގޭތެރޭގައި ބޭނުންކުރެވިދާނެ ތަކެއްޗެވެ. ނަމަވެސް މިފަދަ ތަކެތި ބޭނުންކުރާ ތަނެއްގެ ބޮޑުމިނާއި، އެކަށީގެންވާ މިންވަރަށް އެތަކެތި ބޭނުން ނުކުރެވޭނަމަ އޭގެ މާބޮޑު ފައިދާއެއް ނުކޮށްފާނެއެވެ.

މައުލޫމާތު :-
·         ޗިކުންގުންޔާ – ލީފްލެޓް – 2006 – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު - ދިވެހިރާއްޖެ
·         ޗިކުންގުންޔާ – ދިވެހިވިކިޕީޑިޔާ
·         ޗިކުންގުންޔާ – ކަވާސާ.ކޮމް
·         މަދިރިން ފެތުރޭ ބަލިތައް – ކަވާސާ.ކޮމް
·         އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް
·         ބައެއް މެޑިކަލް ފޮތްތައް 

No comments:

Post a Comment