Saturday, September 21, 2013

ހީމަގްލޯބިން ޑީ

ހީމަގްލޯބިން ޑީ (އެޗް.ބީ.ޑީ)
ހީމަގްލޯބިން ޑީ (އެޗް.ބީ.ޑީ) އަކީ ލޭގައި ހުންނަ އާދަޔާ ޚިލާފު ކަމެކެވެ. ހީމަގްލޯބިން އަކީ ލެއަށް ރަތްކަން ގެނެސްދީ، ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ އެވެ. ހީމަގްލޯބިން އުފެދިފައިވަނީ ދެބީޓާ އަދި ދެއަލްފާ ޗެއިން ގުޅިގެންނެވެ. 
ހީމަގްލޯބިން ޑީ އަކީ މީގެތެރެއިން ބީޓާ ޗެއިން ގައިވާ އާދަޔާ ޚިލާފު ކަމެކެވެ. ހީމަގްލޯބިން ޑީ ގެ ތަފާތު 7 ބާވަތެއް ހުރެއެވެ. މީގެ ތެރެއިން އެންމެ ޢާންމު ވައްތަރަށް ކިޔަނީ އެޗް.ބީ.ޑީ ޕަންޖާބް އެވެ. ދިވެހިރާއްޖެ އިން ވެސް މިހާތަނަށް ފެނިފައިވަނީ އެޗް.ބީ.ޑީ ޕަންޖާބް އެވެ. ތެލެސީމިޔާގެ އެހެން ބާވަތްތަކެކޭ އެއްފަދައިން މިއީ ވެސް މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ކަމެކެވެ.

ހީމަގްލޯބިން ޑީ ކެރިއަރ (އެޗްބީޑީ ކެރިއަރ)
ހީމަގްލޯބިން ޑީ ކެރިއަރުންނަކީ ޞިއްޙަތު ސަލާމަތުން ތިބޭ އާދައިގެ ބައެކެވެ. މީގެ ސަބަބުން އެމީހަކަށް އިތުރު އުދަގުލެއް ނުވާނެއެވެ. ނަމަވެސް ތެލެސީމިޔާގެ އެހެން ބާވަތްތަކުގެ ކެރިއަރުންނާއި ކައިވެނިކުރުމުން ދިމާވެދާނެ މައްސަލަތައް ހުރެއެވެ.

އެޗްބީޑީ ކެރިއަރުންނާއި ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން
އެޗްބީޑީ ކެރިއަރުން ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން، އޭނާއަކީ އެޗްބީޑީ ކެރިއަރަކަށްވީތީ، ކައިވެނީގެ ފަހުން ދިމާވެދާނެ ކަންކަމާމެދު، ނުވަތަ ލިބޭ ދަރިންނަށް ވާނެގޮތެއް އެނގިފައި އޮތުން މުހިއްމެވެ. އެގޮތުން އެޗްބީޑީ ކެރިއަރަކު ، ލޭއަޅާ ބައްޔާއި ގުޅުންހުރި އެކި އެކި ބަލިތަކުގެ މީހުންނާއި ކައިވެނި ކުރުމުން ނިކުމެދާނެ ނަތީޖާތައް ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

(1) - އެޗްބީޑީ ކެރިއަރަކާ + އާދައިގެ މީހަކާ: މިފަދަ މީހުން ކައިވެނިކޮށްގެން ލޭއަޅާ ކުދިންނެއް ނުލިބޭނެ އެވެ. ނަމަވެސް އެޗްބީޑީ ކެރިއަރުން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.

އެޗްބީޑީ ކެރިއަރަކާ އާދައިގެ މީހެއް ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-


·         %50 – އާދައިގެ ކުދިން
·         %50 – އެޗްބީޑީ ކެރިއަރުން
(2) - އެޗްބީޑީ ކެރިއަރަކާ + އެޗްބީޑީ ކެރިއަރަކާ : އެޗްބީޑީ ދެކެރިއަރުން ކައިވެނިކޮށްގެން ލޭއަޅާ ކުއްޖެއް ނުލިބޭނެއެވެ. ނަމަވެސް އެޗްބީޑީ ކެރިއަރުން އަދި އެޗްބީޑީ ހޯމޯޒައިގަސް ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.
އެޗްބީޑީ ހޯމޯޒައިގަސް : އެޗްބީޑީ ހޯމޯޒައިގަސް އަކީ ބައްޔެއް ނޫނެވެ. ބައެއް ފަހަރު މިފަދަ ކުދިންގެ ލޭ ހުންނާނީ ދަށްކޮށެވެ. ނަމަވެސް ލޭއަޅާކަން ނުޖެހޭނެ އެވެ.
އެޗްބީޑީ ދެކެރިއަރުން ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %50 – އެޗްބީޑީ ކެރިއަރުން
·         %25 – އާދައިގެ ކުދިން



·         %25 – އެޗްބީޑީ ހޯމޯޒައިގަސް
(3) - އެޗްބީޑީ ކެރިއަރަކާ + ބީޓާ ތެލެސީމިޔާ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްފިނަމަ ލޭއަޅާ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ. އެއީ އެޗްބީޑީ ބީޓާ ތެލެސީމިޔާ ކުދިންނެވެ. މިފަދަ ކުދިންނަށް ބައެއް ފަހަރު 3 މަހުން 1 ފަހަރު ނުވަތަ އެއަށްވުރެ މަދުން ވެސް ލޭއަޅަން ޖެހިދާނެ އެވެ.
އެޗްބީޑީ ކެރިއަރަކާ، ބީޓާ ތެލެސީމިޔާ ކެރިއަރަކާ ކައިވެނިކޮށްގެން ބަލިވެއިންނަ ކޮންމެ ފަހަރަކު:-
·         %25 – އާދައިގެ ކުދިން
·         %25 – އެޗްބީޑީ ކެރިއަރުން
·         %25 – ބީޓާ ތެލެސީމިޔާ ކެރިއަރުން
·         %25 – އެޗްބީޑީ ބީޓާ ތެލެސީމިޔާ
(4) - އެޗްބީޑީ ކެރިއަރަކާ + އެޗްބީއީ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްގެން ލޭއަޅާ ކުދިންނެއް ނުލިބޭނެ އެވެ. ނަމަވެސް އެޗްބީޑީ ކެރިއަރުން، އެޗްބީއީ ކެރިއަރުން، އާދައިގެ ކުދިން، އަދި އެޗްބީޑީ އެޗްބީއީ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ. އެޗްބީޑީ އެޗްބީއީ ތެލެސީމިޔާ ކުދިންނަކީ ކެރިއަރުން ފަދައިން ޞިއްޙަތު ސަލާމަތުން ތިބޭ ބައެކެވެ.
އެޗްބީޑީ ކެރިއަރަކާ، އެޗްބީއީ ކެރިއަރަކާ ކައިވެނިކޮށްގެން ބަލިވެއިންނަ ކޮންމެ ފަހަރަކު:-
·         %25 – އާދައިގެ ކުދިން
·         %25 – އެޗްބީޑީ ކެރިއަރުން
·         %25 – އެޗްބީއީ ކެރިއަރުން
·         %25 – އެޗްބީޑީ އެޗްބީއީ ތެލެސީމިޔާ
(5) - އެޗްބީޑީ ކެރިއަރަކާ + އެޗްބީއެސް(ސިކްލް) ކެރިއަރަކާ : މިފަދަ ދެކެރިއަރުން ކައިވެނިކޮށްގެން އެޗްބީޑީ ކެރިއަރުން، އެޗްބީއެސް ކެރިއަރުން، އާދައިގެ ކުދިން އަދި އެޗްބީޑީ އެޗްބީއެސް ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.
އެޗްބީޑީ އެޗްބީއެސް ޑިޒީޒް (އެޗްބީޑީ ސިކްލް ޑިޒީޒް) ކުދިންނަށް މަދުން ނަމަވެސް ލޭއަޅަން ޖެހޭނެއެވެ. މީގެ އިތުރުން މިކުދިންނަށް ހުޅުހުޅުގައި ރިއްސުން މެދުވެރިވެ، އަދި އެހެނިހެން ބަލިތައް ޖެހުން ވެސް އިތުރުވެދާނެ އެވެ. މިސަބަބުތަކަށްޓަކައި މިކުދިން ގަވާޢިދުން ޑޮކްޓަރަށް ދެއްކުން ވަރަށް މުހިއްމު ވާނެއެވެ.
އެޗްބީޑީ ކެރިއަރަކާ، ސިކްލް ސެލް ކެރިއަރެއް ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – އާދައިގެ ކުދިން
·         %25 – އެޗްބީޑީ ކެރިއަރުން
·         %25 – ސިކްލް ސެލް ކެރިއަރުން
·         %25 – އެޗްބީޑީ ސިކްލް ސެލް ޑިޒީޒް
(6) - އަލްފާ ތެލެސީމިޔާ ކެރިއަރަކާ + އެޗްބީޑީ ކެރިއަރަކާ : މިފަދަ ދެކެރިއަރުން ކައިވެނިކޮށްގެން އެޗްބީޑީ ކެރިއަރުން، އަލްފާ ތެލެސީމިޔާ ކެރިއަރުން، އާދައިގެ ކުދިން، އަދި އެޗްބީޑީ އަލްފާ ތެލެސީމިޔާ ކެރިއަރ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.
އެޗްބީޑީ އަލްފާ ތެލެސީމިޔާ: ކެރިއަރުންނަށް ލޭއަޅާކަން ނުޖެހޭނެ އެވެ. މިއީ ކެރިއަރުންނާއި އެއްގޮތް ބައެކެވެ.
އެޗްބީޑީ ކެރިއަރަކާ، އަލްފާ ތެލެސީމިޔާ ކެރިއަރަކާ ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – އާދައިގެ ކުދިން
·         %25 – އެޗްބީޑީ ކެރިއަރުން
·         %25 – އަލްފާ ތެލެސީމިޔާ ކެރިއަރުން
·         %25 – އެޗްބީޑީ އަލްފާ ތެލެސީމިޔާ

މަޢުލޫމާތު:
·         "ތެލެސީމިއާ" ލީފްލެޓް : ކުލުނު 118 – ޖަނަވަރީ 1998 – ޝީ – މާލެ – ދިވެހިރާއްޖެ
·         'އަލްފާ ތެލެސީމިޔާ" ލީފްލެޓް : ކުލުނު 135 – ޖޫން 1999 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ހިމޯގްލޮބިން އީ" ލީފްލެޓް : ކުލުނު 143 – ފެބުރުއަރީ 2000 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ތެލެސީމިޔާ އަށް ޓެސްޓުކުރުމުގައި ނަތީޖާ ޔަގީންނުވާ ސަބަބުތައް" ލީފްލެޓް : ކުލުނު 177 – ޑިސެމްބަރ 2002 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ހިމޯގްލޮބިން ޑީ" ލީފްލެޓް : ކުލުނު 198 – ސެޕްޓެމްބަރ 2004– ޝީ – މާލެ – ދިވެހިރާއްޖެ
·         "ތެލެސީމިއާގެ ފަރުވާ " ލީފްލެޓް : ކުލުނު 235 – އޮކްޓޯބަރ 2007 – ޝީ – މާލެ – ދިވެހިރާއްޖެ
·         "އަލްފާ ތެލެސީމިޔާ" އާ ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ މައުލޫމާތު ގަނޑެއް



No comments:

Post a Comment