ސިސްޓިކް
ފައިބްރޯސިސް
ސިސްޓިކް ފައިބްރޯސިސް (Cystic Fibrosis) އަކީ ވިރާސީ ބަހާއަށް އަންނަ ބަދަލެއްގެ
ސަބަބުން ފުއްޕާމޭ، ހަޖަމުކުރާ ނިޒާމް އަދި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް
ގެއްލުންދޭ، ވާރުތަވާ ހާލަތެކެވެ. ނޫނީ ވާރުތަވާ ބައްޔެކެވެ (މެޔޯކްލިނިކް، 2024).
ސިސްޓިކް ފައިބްރޯސިސް ގައި އަސަރުކުރަނީ
ދަވަ، ދާ، އަދި ހަޖަމީ ދިޔަ އުފައްދާ ދިރު ތަކަށެވެ. ހަށިގަނޑުގައި އުފެދޭ މި ދިޔަ
ތަކަކީ އާންމު ގޮތެއްގައި ދިޔާކޮށް، ލޫދޭހެން ނޫނީ ތެޔޮހެން ހުންނަ އެއްޗެކެވެ.
ނަމަވެސް ސިސްޓިކް ފައިބްރޯސިސް ހުރެއްޖެނަމަ ވިރާސީ ބަހާ އަންނަ ބަދަލުގެ
ސަބަބުން މިދިޔަތައް އޮލަވެ، ބޯވެ، ތަތްލާގޮތް ވެއެވެ. އެހެންކަމުން ހޮޅިތަކުގެ
ތެރޭގައި ތެޔޮމާއްދާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި މި ދިޔަތައް
ހޮޅިތަކުގެ ތެރޭގައި ތާށިވެ، ނޫނީ ހަރުލައި ހޮޅިތައް (ޚާއްޞަކޮށް ފުއްޕާމޭގެ ނޫނީ
ނޭވާލާ ނިޒާމުގެ ވައިހިނގާ މަގުތައް އަދި ޗިސްމޭގެ ހޮޅިތައް) ހިމަކޮށް
ހަނިކޮށްލައެވެ. ނޫނީ ހޮޅިތަކުގެ ތެރޭގައި ތަކެތި ދައުރުވުމަށް ހުރަސް އަޅައެވެ
(މެޔޯކްލިނިކް، 2024).
ސިސްޓިކް ފައިބްރޯސިސް އަކީ ކޮންމެ ދުވަހަކު އަޅާލުމާއި، ފަރުވާ ބޭނުންވާ ކަމެއްކަމަށް ވިޔަސް ސިސްޓިކް ފައިބްރޯސިސް ހުންނަ ހުންނަ ކުދިންނާއި މީހުންނަށް އާންމު ގޮތެއްގައި ސުކޫލް ،ނޫނީ މަސައްކަތަށް ދެވެއެވެ. ކުރިޔާ އަޅާ ބަލާއިރު ސިސްޓިކް ފައިބްރޯސިސް ހުންނަ ކުދިންނާއި، މީހުންނަށް މިހާރު ދިރިއުޅުމުގެ ގިނަ ކަންކަމުގައި އެހެން ކުދިންނެކޭ ނޫނީ މީހުންނެކޭ ވެސް އެއްފަދައިން ބައިވެރިވެ އުޅެވެއެވެ. ސިސްޓިކް ފައިބްރޯސިސް ދެނެގަތުމަށް ސްކްރީން ކުރުމާއި، ބައްޔަށް ދެވޭ ފަރުވާއަށް ފަހުގެ އަހަރުތަކުގައި އިތުރު ކުރިއެރުންތައް ވަނީ ލިބިފައެވެ. އެހެންކަމުން ސިސްޓިކް ފައިބްރޯސިސް ހުންނަ ކުދިންނާއި، މީހުންނަށް ކުރިޔާ އަޅާ ބަލާއިރު ގިނަ ދުވަހު އުފާވެރިކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބެއެވެ (މެޔޯކްލިނިކް، 2024).
ސަބަބު
ސިސްޓިކް ފައިބްރޯސިސް ވިރާސީ ބަހާ
އަކަށް އަންނަ ބަދަލުގެ ސަބަބުން ދިރުތަކަށް ލޮނު އެތެރެވެ، ބޭރުވުން
ކޮންޓްރޯލްކުރާ ޕްރޮޓީން އަށް ބަދަލުއައިސް މައްސަލަތައް ކުރިމަތި ކުރުވައެވެ.
މިގޮތުން ބަދަލު އައިސްފައިވާ ވިރާސީ ބަހާއަށް ކިޔަނީ "ސިސްޓިކް ފައިބްރޯސިސް
ޓްރާންސްމެންބްރޭން ކޮންޑަކްޓެންސް ރެގިޔުލޭޓަރ"(cystic fibrosis transmembrane conductance regulator) ޖީން އެވެ. މިވިރާސީ ބަހާއަށް އަންނަ
ބަދަލުގެ ސަބަބުން ދަވަ، ދާ، އަދި ހަޖަމީ ދިޔަ އުފައްދާ ދިރުތަކަށް
އަސަރުކުރުވައެވެ. އެހެންކަމުން ސިސްޓިކް ފައިބްރޯސިސް އާއި ގުޅިގެން އަންނަ
ވިރާސީ ބަދަލުގެ ސަބަބުން މި ޕްރޮޓީން އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރުމުން،
ހަޖަމުކުރާ ނިޒާމް، ނޭވާލާ ނިޒާމް އަދި ދަރިމައިވާ ނިޒާމު އޮލަ، ތަތް ދަވައެއް
އުފައްދައެވެ. މީގެ އިތުރުން ގައިން އޮހޮރޭ ދަލުގައި ލޮނުގެ މިންވަރު
މަތިކުރުވައެވެ (މެޔޯކްލިނިކް، 2024).
ކުއްޖެއް ނޫނީ މީހެއްގެ ކިބައިގައި
ސިސްޓިކް ފައިބްރޯސިސް ހުރުމަށް "ސިސްޓިކް ފައިބްރޯސިސް ޓްރާންސްމެންބްރޭން
ކޮންޑަކްޓެންސް ރެގިޔުލޭޓަރ ޖީން" ގެ ބަދަލުވެފައިވާ ވިރާސީ ބަހާއެއް
މައިންބަފައިންގެ ތެރެއިން ކޮންމެ މީހެއްގެ ފުށުން އެމީހަކަށް ނޫނީ އެކުއްޖަކަށް
ލިބޭނެ އެވެ. އެކުއްޖަކަށް ބަދަލުވެފައިވާ ވިރާސީ ބަހާގެ ލިބުނީ އެއް ކޮޕީ
ކަމުގައިވާނަމަ (މައިންބަފައިންގެ ތެރެއިން އެކެއްގެ ފުށުން ވިރާސީ ބަހާ
ވާރުތަވިނަމަ) އެކުއްޖަކު ވާނީ ސިސްޓިކް ފައިބްރޯސިސް ކެރިއަރ އަކަށެވެ. އަދި
މިފަދަ މީހުންގެ ފުށުން ލިބޭ ދަރިންނަށް ބަދަލުވެފައިވާ ވިރާސީ ބަހާ
ވާރުތަކުރުވަމުން ގެންދާނެއެވެ. އާންމު ގޮތެއްގައި ސިސްޓިކް ފައިބްރޯސިސް ކެރިއަރ
ފުށުން އަލާމާތްތަކެއް ނުފެންނާނެ އެވެ. އަދި އަލާމާތްތައް ފެނުނަސް ފެންނާނީ
ވަރަށް އާދައިގެ އަލާމާތް ތަކެކެވެ (މެޔޯކްލިނިކް، 2024).
މަގުފަހިކުރާ ކަންތައްތައް
ސިސްޓިކް ފައިބްރޯސިސް އަކީ
މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަކުރާ ނޫނީ ވާރުތަވާ ބައްޔަކަށްވާތީ ބަލި
އާއިލާގެ ތެރޭގައި ދައުރުވަމުން އައުމަކީ ބަލި ކުރިމަތިވުމަށް އޮންނަ ހިރާސް އަކަށް
ވެގެންދެއެވެ. ކޮންމެ ނަސްލެއްގެ މީހަކަށް ވެސް ސިސްޓިކް ފައިބްރޯސިސް
ކުރިމަތިވެދާނެ އެވެ. ނަމަވެސް ސިސްޓިކް ފައިބްރޯސިސް އެންމެ ބޮޑަށް ޢާންމު
ވެފައިވަނީ އުތުރު ޔޫރަޕުގެ ރަށްވެހިންގެ މެދުގައި ފާހަގަ ކުރެވެއެވެ. އެހެން
ނަސްލު ތަކުގެ މެދުގައި ސިސްޓިކް ފައިބްރޯސިސް އެހާ އާންމު ނުވުމުން، ގިނަ ފަހަރު
އެހެން ނަސްލުތަކުގެ މީހުންނަށް ސިސްޓިކް ފައިބްރޯސިސް ކުރިމަތިވިޔަސް، އެކަން
ދެނެގަނެވޭލެއް ލަސްކަން ފާހަގަ ކުރެވެއެވެ (މެޔޯކްލިނިކް، 2024).
ބަލި ދެނެގަތުން ލަސްވުމަކީ އެކަމުގެ
ސަބަބުން އިތުރު ޞިއްހީ މައްސަލަތައް އުފަންކުރުވާނެ ކަމެކެވެ. ދުރާލާ ބަލި
ދެނެގަތުމަކީ ބައްޔަށް އަވަހަށް ފަރުވާ ފެށި، އުދަނގޫތަކަށް ލުއިކަން ހޯދައިދެވި،
ބައްޔާއި ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތައް ކުރިމަތިވާ މިންވަރާއި، ފުރުޞަތު
ވެސް ކުޑަކޮށްދޭނެ ކަމެކެވެ. ސިސްޓިކް ފައިބްރޯސިސްގެ އަލާމާތެއް ފާހަގަ
ކުރެވިއްޖެނަމަ ލަސްނުކޮށް ޞިއްހީ އެހީތެރިއެއްގެ ލަފާހޯދުމަކީ ބޭނުންތެރި
ކަމެކެވެ (މެޔޯކްލިނިކް، 2024).
އަލާމާތްތައް
އެމެރިކާ ފަދަ ގައުމުތަކުގައި އުފަންވާ
ކުދިން ސިސްޓިކް ފައިބްރޯސިސް އަށް ސްކްރީން ކުރެވޭތީ، މިކަން ހުންނަ ކުދިންގެ
ފުށުން އަލާމާތްތައް ވެސް ފެނުމުގެ ކުރިން އުމުރުން ފުރަތަމަ މަހުގެ ތެރޭގައި
ސިސްޓިކް ފައިބްރޯސިސް ހުރިކަން ދެނެގަނެވެއެވެ. ނަމަވެސް ސިސްޓިކް ފައިބްރޯސިސްގެ
ސްކްރީނިންގ ތަޢާރަފްވުމުގެ ކުރިން އުފަންވި ކުދިން އެކަން ހުރިކަން ދެނެގަނެވެނީ
އޭގެ އަލާމާތްތައް ފެންނަށް ފެށުމުން، ސިސްޓިކް ފައިބްރޯސިސް ހުރިތޯ
ޓެސްޓުކުރުމުންނެވެ (މެޔޯކްލިނިކް، 2024).
ސިސްޓިކް ފައިބްރޯސިސްގެ ނުރައްކާތެރި
ކަން ހުރި މިންވަރަށް ބަލައި، ބަލީގެ އަލާމާތްތަކާއި ނިޝާންތައް ތަފާތު ވުމަކީ
އެކަށީގެންވާ ކަމެކެވެ. ސިސްޓިކް ފައިބްރޯސިސް ހުންނަ މީހާގެ ފުށުން ވެސް ދޭތެރެ
ދޭތެރެއިން ބަލީގެ އުދަނގޫތައް ރަނގަޅުވެލައި، އަނެއްކާ ބަލީގެ އުދަނގޫތައް
ގޯސްވެގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. ބައެއް މީހުންގެ ފުށުން ފުރާވަރު ނޫނީ
ޒުވާން އުމުރަށް އަޅަން ދެން ވެސް ބަލީގެ އަލާމާތްތައް ނުފެނި ނޫނީ ފާހަގަނުވެ
ދިއުމަކީ ވެދާނެ ކަމެކެވެ. ބޮޑުމީހަކަށް ވާއިރު ވެސް ބަލި ދެނެނުގަނެވޭ މީހުންގެ
ކިބައިގައި އާންމު ގޮތެއްގައި ބަލީގެ އަލާމާތްތައް ހުންނަނީ ވަރަށް އާދައިގެ
މިންވަރަކަށެވެ. ނޫނީ ވަރަށް ކުޑަ މިންވަރަކަށެވެ. މިފަދަ މީހުންގެ ފުށުން ދޭތެރެ
ދޭތެރެއިން ޗިސްމޭ ދުޅަވުން، ދޭތެރެ ދޭތެރެއިން ނިއުމޯނިޔާ ޖެހުން އަދި
ދަރިމައިނުވުން ފަދަ މައްސަލަތައް ފާހަގަ ކުރެވެއެވެ (މެޔޯކްލިނިކް، 2024).
ސިސްޓިކް ފައިބްރޯސިސް ހުންނަ މީހުންގެ
ހަށިގަނޑުގައި ހިއްލާ ދަލުގައި އާންމުކޮށް ހުންނަ މިންވަރަށް ވުރެ ބޮޑަށް ލޮނުގެ
ބައި ހުރެއެވެ. އާންމު ގޮތެއްގައި ސިސްޓިކް ފައިބްރޯސިސް ހުންނަ ކުއްޖަކަށް
މައިންބަފައިން ބޮސްދީ ހަދާއިރު ލޮނު ރަހަ އިހުސާސް ކުރެވިދާނެ އެވެ. ސިސްޓިކް
ފައިބްރޯސިސްގެ އެހެން އަލާމާތްތައް ބޮޑަށް ގުޅެނީ ނޭވާލާ ނިޒާމު އަދި ހަޖަމުކުރާ
ނިޒާމާއި އެވެ. މާނައަކީ ހަޖަމުކުރާ ނިޒާމު ނޫޏީ ނޭވާލާ ނިޒާމާއި ގުޅުންހުރި
އަލާމާތްތައް ފާހަގަވުމެވެ (މެޔޯކްލިނިކް، 2024).
ސިސްޓިކް ފައިބްރޯސިސްގައި އަސަރުކުރަނީ
ވަކި ހިސާބުތަކަށް ކަމަށްވުމާއެކު އަލާމާތްތައް ވެސް ހުންނަނީ އެގޮތަށް
ބަހާލެވިފައެވެ. އެގޮތުން ފާހަގަކުރެވޭ އަލާމާތްތައް ތިރީގައި މިވަނީއެވެ.
ނޭވާލާ ނިޒާމާއި ގުޅުންހުރި
އަލާމާތްތައް
ސިސްޓިކް ފައިބްރޯސިސް އާއި ގުޅިގެން
ނޭވާލާ ނިޒާމުގައި އުފެދޭ އޮލަ، ތަތް ދަވައިގެ ސަބަބުން ފުއްޕާމޭގެ ތެރެއަށް ވައި
ގެންގޮސް ބޭރުކޮށްދޭ މަގު ނޫނީ ވައިހިނގާ މަގު ހަނިކޮށް ބައްދާލައެވެ. އޭގެ
ނަތީޖާއެއްގެ ގޮތުން އަންނަނިވި އަލާމާތްތައް ފާހަގަ ވެދާނެ އެވެ (މެޔޯކްލިނިކް،
2024).
·
ނުފިލާ ކެއްސުމެއް ހުރުމާއެކު ކެއްސާފައި އޮލަ އަރިދަފުސް
ގަނޑު އައުން
·
ނޭވާލާއިރު ތޫލިއަޑުހުރުން
·
ކަސްރަތުކުރުމުން އުދަނގޫވުން ނޫނީ ޖިސްމާނީ ގޮތުން
ހަރަކާތްތެރިވެ އުޅުމަށް އުދަނގޫވުން
·
ގާތްގާތުގައި ފުއްޕާމޭގެ އިންފެކްޝަން ޖެހުން
·
ނޭފަތުތެރެ ދުޅަވެ، ނޭފަތުން ފެންއައުން
·
ދޭތެރެ ދޭތެރެއިން ސައިނަސް ދުޅަވުން ނޫނީ ސައިނަސްގެ
އުދަނގޫވުން (މެޔޯކްލިނިކް، 2024).
ހަޖަމުކުރާ ނިޒާމާއި
ގުޅުންހުރި އަލާމާތްތައް
ސިސްޓިކް ފައިބްރޯސިސް އާއި ގުޅިގެން
ހަޖަމުކުރާ ނިޒާމުގައި އުފެދޭ އޮލަ ހަޖަމީ ދިޔައިގެ ސަބަބުން ޗިސްމޭ އިން
ކުޑަގޮހޮރަށް ހަޖަމީ ދިޔަ ނޫނީ ހަޖަމީ އެންޒައިމް ތައް އުފުލައިދޭ ހޮޅިތައް
ބައްދާލައެވެ. ކެއުމުގެ ތެރެއިން ހަށިގަނޑަށް ލިބޭ ކާނާގެ ބައިތައް ކުޑަގޮހޮރުގެ
ތެރެއިން ހަށިގަނޑަށް ނަގަނީ މި ހަޖަމީ ދިޔަ ތަކުގެ އެހީގައެވެ. އެހެންކަމުން
ހަޖަމީ ދިޔަތަކާ ނުލައި ކާނާގެ ބައިތައް ހަށިގަނޑަށް ނެގުމަކީ އުދަނގޫ ކަމެކެވެ.
އެހެންކަމުން މިފަދަ ހާލަތުގައި އަންނަނިވި އަލާމާތްތައް ފެނުމަކީ އެކަށީގެންވާ
ކަމެކެވެ (މެޔޯކްލިނިކް، 2024).
·
ބޮޑުކަމުނަޖިސް ތެޔޮކޮށްހުރުމާއެކު ނުބައިވަސް ދުވުން
·
ބަރުދަން އިތުރުނުވުން
·
ހެދިބޮޑުވުން
·
ކުޑަކުދިންގެ ކުޑަގޮހޮރު ބެދުން އަދި އެކަމުގެ އުދަނގޫތައް
ވުން
·
ބަނޑުހަރުވުން އަދި ބަނޑުހަރުވެ ބޮޑުކަމުދާއިރު ހިފާލަން
ޖެހުން
·
ފުރަގަސް ފަރާތު ދޮރުކައިރިން ފުރަގަސް ފަރާތުން ބައެއް
ބޭރަށް ނިކުތުން (މެޔޯކްލިނިކް، 2024).
ދިމާވެދާނެ ނުރައްކާތައް
ސިސްޓިކް ފައިބްރޯސިސް ގެ ސަބަބުން
ބަދަލު އަންނަ ހުރިހާ ނިޒާމުތަކަށް ވެސް ނުރައްކާތަކާ ދިމާވެއެވެ. އެގޮތުން
ހަޖަމުކުރާ ނިޒާމު، ނޭވާލާ ނިޒާމު އަދި ދަރިމައިވުމުގެ ނިޒާމަށް ސިސްޓިކް
ފައިބްރޯސިސް ގެ ސަބަބުން ނުރައްކާތަކާ ކުރިމަތި ކުރުވައެވެ (މެޔޯކްލިނިކް،
2024).
ނޭވާލާ ނިޒާމަށް ދިމާވެދާނެ
ނުރައްކާތައް
(ހ) ވައިހިނގާ މަގަށް
ގެއްލުންވުން (damaged
airways): ސިސްޓިކް ފައިބްރޯސިސް އަށް ވައިހިނގާ މަގަށް ދާއިމީ
ސިފައެއްގައި ގެއްލުންވާ ހާލަތެއް ކަމުގައިވާ ބްރޮންކީއެކްޓަސިސް އެންމެ
އާންމުކޮށް މެދުވެރިކުރުވާ އެއް ސަބަބެވެ. ބްރޮންކީއެކްޓަސިސް ގެ ސަބަބުން
ވައިހިނގާ މަގުގައި ލަކުނު އުފައްދައެވެ. މިގޮތަށް ވައިހިނގާ މަގުގައި ލަކުނު
ލުމުން ފުއްޕާމޭގެ ތެރެއައަށް ވައި އެތެރެވެ، ބޭރުވުމަށް ހުރަސް އަޅައެވެ. އަދި
ވައިހިނގާ މަގުން ދަވަ ބޭރުކުރުމަށް ހުރަސް އަޅައެވެ (މެޔޯކްލިނިކް، 2024).
(ށ) އިންފެކްޝަން
މެދުނުކެނޑިހުރުން (ongoing
infection): ސިސްޓިކް ފައިބްރޯސިސްގެ ސަބަބުން ފުއްޕާމޭ އަދި ސައިނަސް
ގައި ހުންނަ އޮލަ ދަވަގަނޑު އެއީ ބެކްޓީރިޔާ އާއި ފަންގަސް އަށް ދިރިއުޅެން ނޫނީ
ހެދިބޮޑުވާން ފަހި މާހައުލަކަށް ވެއެވެ. އޭގެ ސަބަބުން ސައިނަސް އިންފެކްޝަން،
ވައިނޮޅީގެކަފި ދުޅަވުން އަދި ނިއުމޯނިޔާ އަކީ ވަރަށް އާންމު އަދި ތަކުރާރުކޮށް
ކުރިމަތިވާ ގޮތް ދިމާވެއެވެ. އަދި މިގޮތުން ދިމާވާ އިންފެކްޝަންތަކުގެ ތެރެއިން
ބެކްޓީރިޔާއަށް ނުގުޑާ އިންފެކްޝަންތަކަކީ ފަރުވާކުރަން ވެސް އުދަނގޫ އިންފެކްޝަން
ތަކެކެވެ (މެޔޯކްލިނިކް، 2024).
(ނ) ނޭފަތުގައި މަސްކޮޅު
އުފެދުން (nasal
polyps): ސިސްޓިކް ފައިބްރޯސިސް ގެ ސަބަބުން ނޭފަތުގެ ހިނދުރި،
ހިލިގަނެ، ދުޅަވެ، ނޭފަތުގެ އެތެރޭގައި މަޑު މަސްކޮޅެއް އުފެދޭގޮތް ވެއެވެ
(މެޔޯކްލިނިކް، 2024).
(ރ) ކެއްސާއިރު ލޭއައުން : ސިސްޓިކް ފައިބްރޯސިސް އާއި ގުޅިގެން ފުއްޕާމޭގެ ތެރޭގައި
ނޫނީ ނޭވާލާ ނިޒާމުގެ ހޮޅިތަކުގެ ތެރޭގައި ދަވަތައް ޖަމާވެ، ވައި ދައުރުކުރުމަށް
ހުރަސްއެޅުމާއެކު، ފުއްޕާމޭގެ ވައިހިނގާމަށް ގެއްލުންވެ، އިންފެކްޝަން
ކުރިމަތިވެއެވެ. މިދެކަން ކުރިމަތިވުމުން ކެއްސާއިރު ލޭއައުން ކުރިމަތިކުރުވައެވެ.
އާންމު ގޮތެއްގައި މިގޮތަށް ކެއްސާފައި ލޭ އަންނަނީ ވަރަށް މަދުން ނޫނީ ކުޑަ
މިންވަރެއް ކަމުގައި ވިޔަސް، ބައެއް ފަހަރު ފުރާނަޔަށް ނުރައްކާތެރިވާ މިންވަރަށް
ކެއްސާއިރު ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް، 2024).
(ބ) ފުއްޕާމޭ ހިނދުން
(ކޮލަޕްސްޑް ލަންގް) ނޫނީ ފިތުން (collapsed
lung): މިހާލަތަށް މޭތެރޭގައި ވައިހެދުން(pneumothorax) މިހެން ވެސް ކިޔައި އުޅެއެވެ. މިކަން ދިމާވަނީ
ފުއްޕާމެޔާއި، ފުއްޕާމޭ އޮންނަ ހިސާބު ނުވަތަ މޭތެރޭގެ ފާރު އާއި ދެމެދުގައިވާ
ހުސް ހިސާބަށް ވައި ލީކުވުމުންނެވެ. ނޫނީ ވައި ވަނުމުންނެވެ. މީގެ ސަބަބުން
ފުއްޕާމެއިން ބައެއް ނޫނީ މުޅި ފުއްޕާމޭ ކޮލަޕްސްވާގޮތް (ހިނދުން ނޫނީ
ފިތޭގޮތްވުން) ދިމާވެއެވެ. ނިސްބަތުން ސިސްޓިކް ފައިބްރޯސިސް ހުންނަ ބޮޑެތި
މީހުންނަށް މިގޮތަށް ފުއްޕާމޭ ކޮލަޕްސް ވުމުގެ ހިރާސް އިތުރެވެ. މިގޮތަށް ފުއްޕާމޭ
ހިނދިއްޖެނަމަ ނޫނީ ފިތިއްޖެނަމަ ކުއްލިއަކަށް މޭގައި ރިހުމާއެކު ނޭވާލާން ދަތިވެ
އުދަނގޫވާގޮތް ދިމާވެއެވެ. މިހެންވުމުން އާންމު ގޮތެއްގައި މެއިން
"ބޮކިއަރާކަހަލަ ނޫނީ ބޮކިޖަހާ ކަހަލަ އިހުސާސެއް"(bubbling feeling) އެމީހަކަށް
ކުރެވޭނެ އެވެ (މެޔޯކްލިނިކް، 2024).
(ޅ) ނޭވާލުމުގެ މަސައްކަތް
ފޭލްވުން (respiratory
failure): ސިސްޓިކް ފައިބްރޯސިސް ހުރެ ގިނަ ދުވަސްވުމުން
ފުއްޕާމެޔަށް ގެއްލުންވެ، އިތުރަށް މަސައްކަތް ނުކުރާ ހިސާބަށް ދެއެވެ. ނޫނީ
ފުއްޕާމޭގެ މަސައްކަތް ހުއްޓުމަކަށް އައިސް، ނޭވާލުމުގެ މަސައްކަތް ހުއްޓުމަކަށް
އާދެއެވެ. ސިސްޓިކް ފައިބްރޯސިސް ކުރިމަތިވުމުން ގިނަ ދުވަސްވާވަރަކަށް ފުއްޕާމޭގެ
މަސައްކަތް މަޑުމަޑުން ގޯސްވަމުން ދެއެވެ. އަދި ނޭވާލުމުގެ މަސައްކަތަށް
ބުރޫއަރައި، ފުރާނަޔަށް ނުރައްކާވާ ދަރަޖައަށް ދެއެވެ. ސިސްޓިކް ފައިބްރޯސިސް
ހުރެ، މީހުން ދުނިޔެ ދޫކުރަންޖެހޭ އެންމެ އާންމު ސަބަބަކީ ނޭވާލާ ނިޒާމާއި
ފުއްޕާމޭގެ މަސައްކަތްތައް ހުއްޓުމަކަށް އައުމެވެ (މެޔޯކްލިނިކް، 2024).
(ކ) ދޭތެރެ ދޭތެރެއިން ބަލީގެ
އުދަނގޫތައް ގޯސްވުން : ސިސްޓިކް
ފައިބްރޯސިސް ހުންނަ މީހުންނަށް ޚާއްޞަކޮށް ނޭވާލާ ނިޒާމަށް ދިމާވާ އުދަނގޫތައް
ދޭތެރެ އިން ގޯސްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ދޭތެރެ
ދޭތެރެއިން ބަލީގެ އުދަނގޫތައް ގޯސްވެގެން ދިއުމަށް ކިޔަނީ
"އެގްޒަސަބޭޝަން" އެވެ. މިހާލަތުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި
ކެއްސުމާއެކު އާންމުކޮށް ހުންނަ ވަރަށް ވުރެ ބޮޑަށް ނޭވަޔަށް އުދަނގޫވުން ނޫނީ
ނޭވާކުރުވެ ނޭވާލާން އުދަނގޫވުން ފަދަ ކަންތައްތައް ހިމެނެއެވެ. ގައިގެ ބުންވަރު
ދަށްވުން، ނޫނީ ހަކަތަ ހުސްވުމާއި، ބަރުދަން ލުއިވުމަކީ ވެސް ވެދާނެ ގޮތެކެވެ.
މިހާލަތުގައި ފަރުވާ ކުރުމަށް ގިނަ ފަހަރު އެންޓިބަޔޮޓިކް ބޭނުންވެދާނެ އެވެ. އަދި
ބައެއް ފަހަރު ފަރުވާ ކުރިޔަށް ގެންދިއުމަށް ހަސްފަތާލުގައި އެދުމަތިކޮށްގެން ވެސް
ފަރުވާ ކުރިޔަށް ގެންދަން ޖެހިދާނެ އެވެ (މެޔޯކްލިނިކް، 2024).
ހަޖަމުކުރާ ނިޒާމަށް
ދިމާވެދާނެ ނުރައްކާތައް
(ހ) ރަނގަޅުކާނާ ނުލިބުން (poor
nutrition): ސިސްޓިކް ފައިބްރޯސިސް ގައި އުފެދޭ އޮލަ ދަވައިގެ ސަބަބުން
ޗިސްމޭ އިން ކުޑަގޮހޮރަށް ހަޖަމީ ޅިންތާ ނޫނީ ހަޖަމީ ދިޔަ އުފުލައިދޭ ހޮޅި ހިމަކޮށް
ބައްދާލައެވެ. މި ހަޖަމީ ޅިންތާ ތަކުގެ އެހީއާއި ނުލައި ހަށިގަނޑަށް ޕްރޮޓީން،
ސަރުބީ ނޫނީ ތެޔޮ، ތެލަށް ގިރޭ ވިޓަމިން ތައް އަދި އެކަށޭނާ ވަރަށް ކާނާގެ
ބާވަތްތައް ހަށިގަނޑަށް ނަގައެއް ނުދެއެވެ. މިގޮތަށް ހަށިގަނޑަށް ބޭނުންވާ ކާނާގެ
މުހިއްމު ބައިތައް ނަގައިދިނުމަށް ހުރަސްއެޅުމުން ހަށިގަނޑަށް ރަނގަޅުކާނާ ނުލިބި،
ހެދިބޮޑުވުން ލަސްވެ، ހަށިގަނޑުގެ އަނަރޫފަވެ، ބަރުދަން ލުއިވެގެން ދެއެވެ. މީގެ
އިތުރުން މިހާލަތުގައި ޗިސްމޭ ދުޅަވުމަކީ ވެސް ވަރަށް އާންމު ކަމެކެވެ
(މެޔޯކްލިނިކް، 2024).
(ށ) ހަކުރުބަލި ޖެހުން (Diabetes): ހަށިގަނޑަށް
އެތެރެވޭ ހަކުރުގެ ބޭނުން ހިފުމަށް ބޭނުންވާ އިންސިއުލިން އުފައްދަނީ ޗިސްމޭ
އިންނެވެ. ސިސްޓިކް ފައިބްރޯސިސް އަކީ ހަކުރުބަލީގެ ހިރާސް އިތުރުކުރާ ކަމެކެވެ.
ސިސްޓިކް ފައިބްރޯސިސް ހުންނަ ފުރާވަރު ކުދިންގެ ތެރެއިން %20 ކުދިންނަށް އަދި %50
ބޮޑެތި މީހުންނަށް ހަކުރުބަލި ޖެހުމުގެ ފުރުޞަތު އޮވެއެވެ (މެޔޯކްލިނިކް، 2024).
(ނ) ފުރަމޭގެ ބަލި (Liver
disease): ފުރަމޭ އަދި ފިތުން ކުޑަގޮހޮރަށް ބައިލް އުފުލައިދޭ
ހޮޅިތައް ވެސް ދުޅަވެ ބެދުމަކީ ސިސްޓިކް ފައިބްރޯސިސްގައި ވެދާނެ ގޮތެކެވެ. މިހެން
ދިމާވެއްޖެނަމަ ރީނދޫވުން، ފުރަމޭގައި ލަކުނުލުން، ފުރަމޭގައި ސަރުބީ ޖަމާވުން
އަދި ފިތުގައި ހިލަ އުފެދުން ފަދަ މައްސަލަތައް ފެންމަތިވުމަކީ އެކަށީގެންވާ
ކަމެކެވެ (މެޔޯކްލިނިކް، 2024).
(ރ) ކުޑަ ގޮހޮރު ބެދުން (intestinal
obstruction): ސިސްޓިކް ފައިބްރޯސިސް ހުންނަ ކޮންމެ އުމުރެއްގެ މީހަކަށް
ވެސް ކުޑާގޮހޮރު ބެދުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު
ކުޑަގޮހޮރުގެ އެއްބައި އަނެއްބައިގެ މައްޗަށް އަރައި ނޫނީ ޖެހި، ބެދެތޭ ބުނާގޮތް
ވުމަކީ އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް، 2024).
(ބ) ޑިސްޓަލް އިންޓެސްޓައިނަލް
އޮބްސްޓްރަކްޝަން ސިންޑްރޯމް (DIOS): ޑިސްޓަލް
އިންޓެސްޓައިނަލް އޮބްސްޓްރަކްޝަން ސިންޑްރޯމް ގެ މާނައަކީ ކުޑަގޮހޮރު،
ބޮޑުގޮހޮރާއި ގުޅޭ ހިސާބުން އެއްކޮށް ނޫނީ ގޮހޮރުން ބައެއް ބެދުމެވެ. މިއީ
ވަގުތުން ފަރުވާ ބޭނުންވާނެ ހާލަތެކެވެ (މެޔޯކްލިނިކް، 2024).
ދަރިމައިވާ ނިޒާމަށް
ދިމާވެދާނެ ނުރައްކާތައް
(ހ) ފިރިހެނުންނަށް ދަރިން
ނުލިބުން (infertility): ސިސްޓިކް
ފައިބްރޯސިސް ހުންނަ ފިރިހެނުންނަށް ދަރިން ނުލިބުމުގެ މައްސަލަ ނޫނީ
ދަރިމައިވުމުގެ މައްސަލަ އާއި ދިމާވެއެވެ. ސިސްޓިކް ފައިބްރޯސިސް އާއި
ގުޅިގެން އޮށުގެ ތެރޭގައި ވާ މަނިގުދަނުން
ނިކުމެފައިވާ މަނިހޮޅީ ގައި ދަވަ ޖަމާވެ ބެދޭގޮތް ވެއެވެ. ނޫނީ އެއްކޮށް މަނިހޮޅި
ނުހުރެވެސް ދެއެވެ. ނަމަވެސް މިހާލަތުގައި ދަރިފަނި އޮށުގެ ތެރޭގައި
އުފައްދާނެއެވެ. ދަރިމައިނުވާތީ ދޭ ބައެއް ފަރުވާތަކުގެ އެހީގައި ފަހަރުގައި
މިފަދަ ފިރިހެނުންނަށް ދަރިން ލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް،
2024).
(ށ) އަންހެނުން ދަރިމައިވުމުގެ
ނިސްބަތް ދަށްވުން(low
infertility) : ސިސްޓިކް ފައިބްރޯސިސް އުފެދުމުގައި ހުންނަ އަންހެނުންނަށް
ދަރިމައިވުމުގެ ފުރުޞަތު ކުޑަޔަސް، މިމައްސަލަ ހުންނަ މީހުންވެސް ކާމިޔާބު
ކަމާއެކު ބަލިވެއިނދެ، ވިހެއުމުގެ ފުރުޞަތު ލިބެއެވެ. ނަމަވެސް މާބަނޑުވުމުން
ސިސްޓިކް ފައިބްރޯސިސްގެ އުދަނގޫތައް އިތުރަށް ގޯސްވެގެން ދެއެވެ. އެހެންކަމުން
ސިސްޓިކް ފައިބްރޯސިސް ހުންނަ މީހަކު ބަލިވެއިނދެއްޖެނަމަ، އަންހެނުންގެ ޚާއްޞަ
ޑޮކްޓަރަކާއި މަޝްވަރާކޮށް މާބަނޑު ދުވަސްވަރު ދިމާވެދާނެ ކަންތައްތައް ލަފާކޮށް
ތައްޔާރުވުމަކީ މުހިއްމު ކަމެކެވެ (މެޔޯކްލިނިކް، 2024).
ދިމާވެދާނެ އެހެނިހެން
ނުރައްކާތައް
(ހ) ކަށިތައް ތުނިވުން (thinning of
bones): ސިސްޓިކް ފައިބްރޯސިސް ހުރުމަކީ ކަށިތައް ތުނިވެ،
ކަށިފީވުން(osteoporosis)
ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. އެގޮތުން
މިހާލަތުގައި ހުޅުތަކުގައި ރިހުން، ހުޅުތައް ދުޅަވުން އަދި މަސްތަކުގައި ރިހުން
ފަދަ އުދަނގޫތައް ކުރިމަތިވެދާނެ އެވެ (މެޔޯކްލިނިކް، 2024).
(ށ) ކަރައިވަރުގެ
ހަމަހަމަކަން ގެއްލުން އަދި ހަށިގަނޑުން ފެންމަދުވުން (electrolyte imbalance and dehydration): ސިސްޓިކް
ފައިބްރޯސިސް އާއި ގުޅިގެން ގައިން އޮހޮރޭ ދަލުގެ ލޮނުކަން އިތުރުވެއެވެ. ނޫނީ
މަތިވެގެން ދެއެވެ. މިއީ ލޭގައި ހުންނަ މައުދަންގެ މިންގަނޑަށް ބަދަލުއައުމުން
ދިމާވާ ކަމަކަށް ވެސް ވެދާނެއެވެ. މިގޮތަށް ލޮނުގެ ބައި މަތިވުމަކީ ހަށިގަނޑުން
ލޮނާއި ފެންމަދުވުން ކުރިމަތިވުމުގެ ހިރާސް އިތުރުވާނެ ކަމެކެވެ. ޚާއްޞަކޮށް
ކަސްރަތުކުރުން، ނޫނީ މާ ހޫނު މާހައުލެއްގައި އުޅޭނަމަ، މިގޮތަށް ހަށިގަނޑުން
ލޮނާއި ފެންމަދުވުމުގެ ހިރާސް އިތުރުވެގެން ދެއެވެ. ހަށިގަނޑުން ލޮނާއި
ފެންމަދުވުމުން ދިމާވެދާނެ އުދަނގޫތަކުގެ ތެރޭގައި ވަރުބަލިވުން، ވިންދު
އަވަސްވުން، ވަރުދެރަވުން އަދި ލޭގެ ޕްރެޝަރު ދަށްވުން ފަދަ ކަންތައްތައް
ހިމެނެއެވެ (މެޔޯކްލިނިކް، 2024).
(ނ) މަތިންއަރާ
ބަލި ކުރިމަތިވުން (GERD): ސިސްޓިކް
ފައިބްރޯސިސް ހުންނަ މީހުންގެ މައިދާއި ކާތަކެތި ހިނގާހޮޅި ގުޅޭ ހިސާބުން މައްޗަށް
ކާތަކެތި ހިނގާހޮޅީގެ ތެރެއަށް މައިދާއިން އެސިޑްތައް ރިފްލަކްސް ކުރުވައެވެ. ނޫނީ
މައްޗަށް ފޮނުވައެވެ. މިގޮތަށް މައިދާއިން ކާތަކެތި ހިނގާހޮޅީގެ ތެރެއަށް
އެސިޑްތައް އައުމުން ކާތަކެތި ހިނގާހޮޅީގެ ފާރު، ހިލިގަނެ އެކަމުގެ ސަބަބުން
މަތިންއަރާ ބަލީގެ އުދަނގޫތައް ފެންމަތި ކުރުވައެވެ (މެޔޯކްލިނިކް، 2024).
(ރ) ނަފްސާނީ
މައްސަލަތައް ކުރިމަތިވުން : ސިސްޓިކް
ފައިބްރޯސިސް އަކީ އެބައްޔަށް ހަގީގީ ފަރުވާއެއް ނުވާ ބައްޔަކަށް ވުމާއެކު މިފަދަ
ފަރުވާއެއް ނުވާ ބައްޔެއްގައި ގިނަ ދުވަހު އުޅެންޖެހުމަކީ ބިރުގަތުމާއި، ހާސްވެ
ނުތަނަވަސްކަން އަދި މޮޅިވެރިވެ މާޔޫސްވުން ފަދަ ކަންތައްތައް ކުރިމަތިވުމުގެ
ހިރާސް އިތުރުކުރާ ކަމެކެވެ (މެޔޯކްލިނިކް، 2024).
(ބ) ހަޖަމުކުރާ
ނިޒާމަށް ޖެހޭ ކެންސަރުތައް ޖެހުން : ސިސްޓިކް
ފައިބްރޯސިސް ހުންނަ މީހުންނަށް ބަނޑު، ކާތަކެތި ހިނގާ ހޮޅި، ޗިސްމޭ، ފުރަމޭ،
ކުޑަގޮހޮރު އަދި ބޮޑުގޮހޮރަށް ކެންސަރު ޖެހުމުގެ ހިރާސް އިތުރެވެ. އެހެންކަމުން
އުމުރުން 40 އަހަރު ވުމުން ގޮހޮރާއި، ފުރަގަސްފަރާތަށް ޖެހޭ ކެންސަރުތަކަށް
ސްކްރީން ކުރަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ (މެޔޯކްލިނިކް، 2024).
ދެނެގަތުން
ސިސްޓިކް ފައިބްރޯސިސް ކުރިމަތިވެފައިވާ
ކަން ދެނެގަތުމުގެ ގޮތުން ދިމާވެފައިވާ އުދަނގޫތައް އަހައި އޮޅުން ފިލުވުމުގެ
އިތުރުން، ޖިސްމާނީ ގޮތުން ހަށިގަނޑު ބަލައި ޗެކުކުރާނެ އެވެ. އަދި ބައެއް
ޓެސްޓުތައް ހަދަން ދޭނެއެވެ. އެގޮތުން ސިސްޓިކް ފައިބްރޯސިސް ހުރިކަން
ދެނެގަތުމަށް އަންނަނިވި ޓެސްޓުތައް ހަދަން ލަފާދީފާނެ އެވެ (މެޔޯކްލިނިކް، 2024).
ތުއްތު ކުދިންނަށް ހެދޭ
ޓެސްޓުތައް
ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި
އަލަށް އުފަންވާ ތުއްތު ކުދިން ސިސްޓިކް ފައިބްރޯސިސް އަށް ސްކްރީން ކުރެވެއެވެ.
ދުރާލާ ބަލި ދެނެގަތުމަކީ އޭގެ ސަބަބުން ދިމާވެދާނެ އުދަނގޫތައް ކުޑަކޮށް،
ދިމާވެދާނެ ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. އާންމު
ކޮށް ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ
(މެޔޯކްލިނިކް، 2024).
(ހ)
ތުއްތު ކުދިން ބައްޔަށް ސްކްރީންކުރުން : މި ޓެސްޓު ހެދުމަށް ތުއްތު ދަރިފުޅުގެ ފުންނާބު ކައިރިން
ލޭކޮޅެއް ނެގޭނެ އެވެ. އެއަށްފަހު ލޭގެ ނަމޫނާ ގައި "އިމިޔުނޯރިއެކްޓިވް
ޓްރިޕްސިނަޖަން"(immunoreactive
trypsinogen) ކިޔާ ކެމިކަލް އެއް ހުންނަށްޖެހޭ މިންވަރަށް
ވުރެ މަތީގައި ހުރިތޯ ބަލައެވެ. އިމިޔުނޯރިއެކްޓިވް ޓްރިޕްސިނަޖަން އަކީ ޗިސްމޭ
އިން ދޫކުރާ ކެމިކަލް އެކެވެ. މިކެމިކަލް ލޭގައި ގިނަވުމަކީ ފަހަރުގައި ސިސްޓިކް
ފައިބްރޯސިސް ހުރުން ކަމުގައި ވެދާނެ އެވެ. ދުވަސްނުފުރާ އުފަންވާ، ނޫނީ މައިމީހާ
ހާސްވެކަންބޮޑުވުމެއްގެ ތެރޭގައި އުފަންވާ ތުއްތު ކުދިންގެ ވެސް މި ކެމިކަލް
ހުންނަށްޖެހޭ މިންވަރަށްވުރެ، މަތީގައި ހުރެދާނެ އެވެ. މިސަބަބާހުރެ، ސިސްޓިކް
ފައިބްރޯސިސްކަން ކަށަވަރުކުރުމަށް އެހެން ޓެސްޓުތައް ވެސް ހަދަންޖެހެއެވެ
(މެޔޯކްލިނިކް، 2024).
(ށ) ގައިން އޮހޮރޭ ދާ
ޓެސްޓުކުރުން :ތުއްތު ދަރިފުޅުގެ
ކިބައިގައި ސިސްޓިކް ފައިބްރޯސިސް ހުރިތޯ ބެލުމަށް ތުއްތު ދަރިފުޅުގެ ގައިން
އޮހޮރޭ ދަލުގެ ޓެސްޓު ހެދެނީ ތުއްތު ދަރިފުޅުގެ އުމުރުން އެންމެ މަދުވެގެން 2
ހަފްތާ ވުމުންނެވެ. މިޓެސްޓު ހެދުމަށް ހަމުގެ ކުޑަ ތަންކޮޅަކަށް ކެމިކަލް އެއް
އެޅެއެވެ. މިކެމިކަލް ހަމަށް އެޅުމުން އެތަނުން ނޫނީ އެހިސާބުން ދާހިއްލާނެ އެވެ.
ދެން އޮހޮރޭ ދަލުން ނަމޫނާ ނަގައި، އެޓެސްޓް ކުރެވެއެވެ. އާންމު ގޮތެއްގައި ބެލެނީ
އޭގައި ލޮނުގެ މިންވަރު ނޫނީ ލޮނު ރަހަ އެވެ. އާންމުކޮށް ދަލުގައި ލޮނު ރަހަ ހުންނަ
މިންވަރަށްވުރެ މަތިތޯ ބަލައެވެ. ނޫނީ ލޮނު ރަހަ ގަދަތޯ ބަލައެވެ (މެޔޯކްލިނިކް،
2024).
(ނ) ޖެނެޓިކް ޓެސްޓިންގ ހެދުން
: މި ޓެސްޓުގައި ސިސްޓިކް ފައިބްރޯސިސް
ކުރިމަތިވުމުގައި ޒިންމާވާ ވިރާސީ ބަހާ ކަމުގައިވާ "ސިސްޓިކް ފައިބްރޯސިސް
ޓްރާންސްމެންބްރޭން ކޮންޑަކްޓެންސް ރެގިޔުލޭޓަރ ޖީން"(CFTR) އަށް ބަދަލެއް
އައިސްފައިވޭތޯ ބަލާނެއެވެ. ޖެނެޓިކް ޓެސްޓިންގ އަދި ލޭގައި
"އިމިޔުނޯރިއެކްޓިވް ޓްރިޕްސިނަޖަން"(immunoreactive trypsinogen) ގެ މިންވަރު ބެލުމަކީ
ސިސްޓިކް ފައިބްރޯސިސްކަން ކަށަވަރު ކުރުމަށް ހެދޭ ޓެސްޓު ތަކެކެވެ (މެޔޯކްލިނިކް،
2024).
ކުޑަކުދިންނާއި ބޮޑެތި
މީހުންނަށް ހެދިދާނެ ޓެސްޓުތައް
ތުއްތުއިރު ޓެސްޓުނުކޮށް ތިބޭ
ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ވެސް ސިސްޓިކް ފައިބްރޯސިސް އާއި ގުޅިގެން ހެދޭ
ޓެސްޓުތައް ހެދުމަށް ލަފާދީފާނެއެވެ. އެގޮތުން އަންނަނިވި ހާލަތްތައް ދިމާވާނަމަ
(ތަކުރާރުކޮށް) ނޫނީ ހުރިނަމަ ޖެނެޓިކް ޓެސްޓިންގ އަދި ގައިން އޮހޮރޭ ދާ
ޓެސްޓުކުރުމަށް ލަފާދީފާނެއެވެ (މެޔޯކްލިނިކް، 2024).
·
ތަކުރާރުކޮށް ޗިސްމޭ ދުޅަވުން
·
ނޭފަތުގައި މަސްކޮޅެއް ރޯވުން
·
ދާއިމީ ސިފައެއްގައި ސައިނަސް ދުޅަވެ އިންފެކްޝަން
އަށަގަތުން
·
ފުއްޕާމޭގެ އިންފެކްޝަންތައް ގާތް ގާތުގައި ޖެހުން
·
ބްރޮންކީއެކްޓަސިސް ކުރިމަތިވުން
·
ފިރިހެނުންނަށް ދަރިން ނުލިބުން ކުރިމަތިވުން
(މެޔޯކްލިނިކް، 2024).
ފަރުވާ
ސިސްޓިކް ފައިބްރޯސިސް އަކީ އެއްވެސް
ފަރުވާއެއް އޮންނަ ބައްޔެއް ނޫނެވެ. އާންމު ގޮތެއްގައި ދެވޭ ފަރުވާގެ ބޭނުމަކީ
ބައްޔާއި ގުޅިގެން ކުރިމަތިވާ އުދަނގޫތައް ލުއިކޮށްދީ، ދިމާވެދާނެ ނުރައްކާތައް
ކުޑަކޮށްދީ، ފެންވަރު ރަނގަޅު ދިރިއުޅުމެއް ބަލިމީހާއަށް ހޯދައިދިނުމަށް
މަސައްކަތް ކުރުމެވެ. އެހެންކަމުން ސިސްޓިކް ފައިބްރޯސިސް ހުރިކަން
ދެނެގަނެވުމަށްފަހު، އެފަދަ މީހެއްގެ ހާލަތު ގާތުން ބަލަމުން ގެންދިއުމަކީ
މުހިއްމު ކަމެކެވެ. އަދި ދިމާވެފައިވާ އުދަނގޫތަކަށް ރިޢާޔަތްކޮށް ކުރަންޖެހޭ
ކަންކަން ފުރިހަމަކުރަމުން ގެންދިއުމަކީ ވެސް މުހިއްމު ކަމެކެވެ (މެޔޯކްލިނިކް،
2024).
ސިސްޓިކް ފައިބްރޯސިސްގެ ފަރުވާ
މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަންނަނިވި ކަންތައްތަކަށެވެ.
·
ފުއްޕާމޭގައި އިންފެކްޝަން އުފެދުމުން ރައްކާތެރިކޮށްދީ،
އުފެދޭ އިންފެކްޝަން ކޮންޓްރޯކުރުން
·
ފުއްޕާމޭގައި އޮލަވެ، ތަތްވެފައި ހުންނަ ދަވަތައް
ސާފުކޮށްދިނުން
·
ކުޑަގޮހޮރު ބެދުމުން ރައްކާތެރިކޮށްދީ، ކުޑަގޮހޮރު
ބެދޭގޮތް ވެއްޖެނަމަ އެކަމަށް ފަރުވާކުރުން
·
ފައިދާހުރި ކާނާ ބޭނުންކުރުން (މެޔޯކްލިނިކް، 2024).
ބޭސް ބޭނުންކުރުން
ސިސްޓިކް ފައިބްރޯސިސްގެ ފަރުވާގައި
ދީފާނެ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.
·
ސިސްޓިކް ފައިބްރޯސިސް ޓްރާންސްމެންބްރޭން
ކޮންޑަކްޓެންސް ރެގިޔުލޭޓަރ މޮޑިޔުލޭޓަރސް : މިއީ ސިސްޓިކް ފައިބްރޯސިސްގައި ބަދަލުވެގެންދާ ވިރާސީ
ބަހާއަށް އަންނަ ބަދަލުތަކަށް އަމާޒުކޮށްގެންދީ އުޅޭ ބޭސް ތަކެކެވެ. މިބޭސްތަކުގެ
އެހީގައި ސިސްޓިކް ފައިބްރޯސިސް ޓްރާންސްމެންބްރޭން ކޮންޑަކްޓެންސް ރެގިޔުލޭޓަރ
ޕްރޮޓީން މަސައްކަތްކުރާ ގޮތް ހަރުދަނާކޮށް ރަނގަޅުކުރުވައެވެ (މެޔޯކްލިނިކް،
2024).
·
އެންޓިބަޔޮޓިކްސް : މިއީ ފުއްޕާމޭގެ އިންފެކްޝަން ތަކުން ރައްކާތެރިކޮށްދީ،
ފުއްޕާމޭގައި އުފެދޭ އިންފެކްޝަންތަކަށް ފަރުވާކުރުމަށް ދީއުޅޭ ބޭސްތަކެކެވެ (މެޔޯކްލިނިކް،
2024).
·
އެންޓިއިންފްލެމޭޓަރީ ބޭސްތައް : މިއީ ވައިހިނގާމަގު އަދި ފުއްޕާމޭގައި އުފެދޭ ދުޅަތައް
ތިރިކުރުމަށްދީ އުޅޭ ބޭސް ތަކެކެވެ (މެޔޯކްލިނިކް، 2024).
·
ދަވަ ދިޔާކުރާ ބޭސްތައް : މިސާލަކަށް ހައިޕަޓޮނިކް ސަލައިން ފަދަ ދަވަ ދިޔާކުރާ ބޭސް
ތަކަކީ ފުއްޕާމޭގައި ހުންނަ އޮލަ ދަވަތައް ދިޔާކޮށްދީ ކެއްސުމާއެކު ބޭރުކުރުމަށް
އެހީތެރިވެދޭ ބޭސް ތަކެކެވެ. ފުއްޕާމޭގައި ހުންނަ ދަވަތައް ބޭރުވުމަކީ ފުއްޕާމޭގެ
މަސައްކަތްތައް ހަލުވިކޮށް ފަސޭހަކޮށްދޭނެ ކަމެކެވެ (މެޔޯކްލިނިކް، 2024).
·
ބްރޮންކޯޑައިލޭޓަރސް : މިބޭސް ތަކަކީ ނޭވާހިނގާމަގުގެ ފާރުގައި ހިމެނޭ މަސްތައް
ހަމައަކަށް އަޅުވައި، ނޭވާހިނގާމަގު ހުޅުވައިދީ، ނޭވާލާން ފަސޭހަކޮށްދިނުމެވެ.
ބައެއް ފަހަރު މިބޭސް ބޭނުންކުރެވެނީ ނޭވާހި ގެ އެހީގައެވެ (މެޔޯކްލިނިކް، 2024).
·
ޕެންކްރިއެޓިކް އެންޒައިމްސް ކެޕްސޫލް : މިއީ ޗިސްމޭ އިން ދޫކުރާ ޅިންތާ(pancreatic enzymes) ތައް ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ
ކެޕްސޫލް އެކެވެ. މިއީ ކާނާގެ ބައިތައް ހަށިގަނޑަށް ނެގުމުގައި އެހީތެރިވެދޭނެ
އެއްޗެކެވެ (މެޔޯކްލިނިކް، 2024).
·
ބޮޑުކަމުނަޖިސް މަޑުކުރާ ބޭސްތައް : މިއީ ބޮޑުކަމު ނަޖިސް މަޑުކޮށްދޭ ބޭސް ތަކެކެވެ.
މިބޭސްތަކުގެ ބޭނުމަކީ ބަނޑުހިކި، އޭގެ ސަބަބުން ބޮޑުކަމު ނަޖިސް ހިކިވެ، ހަރުވިޔަ
ނުދިނުމެވެ. ނޫނީ އެގޮތަށް ހަރުވެފައި ހުންނަ ބޮޑުކަމުނަޖިސް މަޑުކޮށްދީ،
ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވިޔަ ދިނުމެވެ. މީގެ އިތުރުން ބަނޑުހިކުމުން
ރައްކާތެރިކޮށްދީ، ގޮހޮރު ބެދުމުން ވެސް މިފަދަ ބޭސްތަކުގެ ސަބަބުން
ރައްކާތެރިކޮށް ދެއެވެ (މެޔޯކްލިނިކް، 2024).
·
މައިދާއިން އެސިޑް ދޫކުރުން މަދުކުރާ ބޭސްތައް : މިބޭސްތަކުގެ އެހީގައި ޗިސްމޭ އިން ދޫކުރާ ޅިންތާ އެދެވޭ
ގޮތެއްގައި މަސައްކަތްކުރުމަށް އެހީތެރިކަން ފޯރުކޮށް ދެއެވެ (މެޔޯކްލިނިކް،
2024).
·
އެހެނިހެން ބޭސްތައް : ސިސްޓިކް ފައިބްރޯސިސް އާއެކު އެހެނިހެން ބަލިތައް
ހުރިނަމަ އެބަލިތަކަށް ދޭންޖެހޭ ނޫނީ ނަގަންޖެހޭ ބޭސްތައް ވެސް ގަވާޢިދުން
ނެގުމަކީ މުހިއްމު ކަމެކެވެ (މެޔޯކްލިނިކް، 2024).
ސިސްޓިކް ފައިބްރޯސިސް
ޓްރާންސްމެންބްރޭން ކޮންޑަކްޓެންސް ރެގިޔުލޭޓަރ މޮޑިޔުލޭޓަރސް
ސިސްޓިކް ފައިބްރޯސިސް
ޓްރާންސްމެންބްރޭން ކޮންޑަކްޓެންސް ރެގިޔުލޭޓަރ(CFTR) މޮޑިޔުލޭޓަރ އަކީ ސިސްޓިކް ފައިބްރޯސިސްގައި
ބަދަލުވެގެންދާ ވިރާސީ ބަހާއަށް އަންނަ ބަދަލުތަކަށް އަމާޒުކޮށްގެންދީ އުޅޭ ބޭސް
ތަކެކެވެ. މިބޭސްތަކުގެ އެހީގައި ސިސްޓިކް ފައިބްރޯސިސް ޓްރާންސްމެންބްރޭން
ކޮންޑަކްޓެންސް ރެގިޔުލޭޓަރ ޕްރޮޓީން މަސައްކަތްކުރާ ގޮތް ހަރުދަނާކޮށް ރަނގަޅުކުރުވައެވެ
(މެޔޯކްލިނިކް، 2024).
އާންމު ގޮތެއްގައި ސިސްޓިކް ފައިބްރޯސިސް
ހުންނަ %90 މީހުންނަށް މިބޭސްތަކުން އެހީތެރިކަން ލިބެއެވެ. މިބޭސް ބޭނުންކުރުމުގެ
ކުރިން ޖެނެޓިކް ޓެސްޓިންގ ހެދުމަކީ މުހިއްމު ކަމެކެވެ. އެއީ ބަދަލު އައިސްފައިވާ
ވިރާސީ ބަހާ ދެނެގަތުމާއި، ސިސްޓިކް ފައިބްރޯސިސް ޓްރާންސްމެންބްރޭން
ކޮންޑަކްޓެންސް ރެގިޔުލޭޓަރ(CFTR)
މޮޑިޔުލޭޓަރ އެމީހަކަށް އެދެވޭގޮތުގައި
މަސައްކަތްކުރޭތޯ ބެލުމެވެ. ނޫނީ އޭގެ އަސަރު ކުރޭތޯ ބެލުމެވެ (މެޔޯކްލިނިކް،
2024).
މިބޭސްތައް ބޭނުންކުރުމުން ފުއްޕާމޭގެ
މަސައްކަތް ރަނގަޅުވެ، ހަޖަމުކުރުމަށް އެހީތެރިވެދީ، ބަރުދަން އެއްވަރެއްގައި
ބަހައްޓައިދީ، ހަށިގަނޑުން އޮހޮރޭ ދަލުގައި ލޮނު ހުންނަ މިންވަރު މަދުކޮށް ދެއެވެ.
މިބޭސްތަކުގެ ތެރޭގައި 3 ބޭސް އެއްކޮށްގެން އުފައްދާފައި ހުންނަ ބޭސް، ދެބޭސް
އެއްކޮށްގެން އުފައްދާފައި ހުންނަ ބޭސް އަދި ވަކިވަކިން އެންމެ ބޭހެއްގެ ގޮތުގައި
އުފައްދާފައި ހުންނަ ބޭސްތައް ވެސް ހިމެނެއެވެ (މެޔޯކްލިނިކް، 2024).
މިބޭސް ތައް ދިނުމުގެ ކުރިން ފުރަމޭގެ
ޓެސްޓުތައް އަދި ލޮލުގެ ހާލަތު ދެނެގަންނާނެއެވެ. އަދި ބޭސް ބޭނުންކުރަމުން ދާއިރު
ނޭދެވޭ އަސަރު ކުރިމަތިވެފައިވޭތޯ ބެލުމަށް ފުރަމޭގެ ޓެސްޓު ހަދަންޖެހޭނެ އެވެ.
އަދި ލޮލަށް ފުސްއަރާތޯ ބަލަމުން ގެންދަން ވާނެއެވެ. އެހެންކަމުން ގަވާޢިދުން
ޑޮކްޓަރަށް ދައްކަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ (މެޔޯކްލިނިކް، 2024).
ޗެސްޓް ފިޒިކަލް ތެރަޕީ
ޗެސްޓް ފިޒިކަލް ތެރަޕީ(chest physical therapy) އަށް
"އެއަރވޭ ކްލިއަރެންސް ޓެކްނީކް"(airway clearance technique) އޭ ކިޔައެވެ. ޗެސްޓް
ފިޒިކަލް ތެރަޕީ ހެދުމުން ވައިހިނގާ މަގު ބައްދާލާ ދަވަތައް ބޭރުކޮށް ދެއެވެ. މީގެ
އިތުރުން ވައިހިނގާ މަގުގައި އިންފެކްޝަން ހެދުން އަދި އިންފްލެމޭޝަން އުފެދުން
ވެސް ދަށްކޮށްދެއެވެ. މީގެ އިތުރުން ފުއްޕާމޭގައި ހުންނަ އޮލަ ދަވަތައް ދިޔާކޮށް،
ފުއްޕާމެއިން ދަވަތައް ބޭރުކުރުން ފަސޭހަކޮށް ދިނުމެވެ (މެޔޯކްލިނިކް، 2024).
ޗެސްޓް ފިޒިކަލް ތެރަޕީ ކޮންމެ ދުވަހަކު
އެތައް ފަހަރަކު ހެދެއެވެ. ދަވަތައް ދިޔާކޮށް، ބޭރުކުރުމަށްޓަކައި ތަފާތު
ގޮތްތަކާއި، އުކުޅުތައް ޗެސްޓް ފިޒިކަލް ތެރަޕީ ގައި ބޭނުންކުރެވެއެވެ (މެޔޯކްލިނިކް،
2024).
·
ލަންބާލެވިފައިވާ އަތްތިލަ އިން މޭގެ ކުރިމައްޗާއި
ފަހަތުގައި އަތުން ތެޅުން ނޫނީ ޖެހުން : މިއީ ޗެސްޓް ފިޒިކަލް ތެރަޕީގައި އެންމެ
އާންމުކޮށް ބޭނުންކުރާ އުކުޅެވެ. ނޫނީ ގޮތެވެ.
·
ކެއްސުމާއެކު ވަކިގޮތަކަށް ނޭވާލުން
·
ވައިބްރޭޓިންގ ޓެސްޓު
·
ވިގަރަސް އެކްސަސައިޒް (މެޔޯކްލިނިކް، 2024).
ޕަލްމޮނަރީ ރިހެބިލިޓޭޝަން
ޕަލްމޮނަރީ ރިހިބެލިޓޭޝަން އަކީ ފުއްޕާމޭގެ
މައްސަލަތައް ހުންނަ މީހުންނަށް ބްރޭތިންގ އެކްސަސައިޒް ، ޖިސްމާނީ
ހަރަކާތްތެރިކަން، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުން، މިންހެޔޮ ކެއުން
ބައްޓަންކުރުން ފަދަ ތަފާތު ކަންތައްތައް ޝާމިލްވާނެ ގޮތަށް، ފުއްޕާމޭގެ
މަސައްކަތް ރަނގަޅުކުރުމަށް ދިގުމުއްދަތަކަށް ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ.
ޕަލްމޮނަރީ ރިހެބިލިޓޭޝަންގެ އެހީގައި ފުއްޕާމޭގެ މަސައްކަތްތައް ހަރުދަނާ ކުރެވި،
އާންމު ދުޅަހެޔޮކަން ވެސް ރަނގަޅުކުރެވެއެވެ. ޕަލްމޮނަރީ ރިހެބިލިޓޭޝަން އަކީ
ގަވާޢިދުން ކުރިޔަށް ގެންދެވޭ ކަމެކެވެ. ޕަލްމޮނަރީ ރިހެބިލިޓޭޝަންގައި އާންމުކޮށް
ކުރެވޭ ނޫނީ ކުރިޔަށް ގެންދެވޭ ކަންތައްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް،
2024).
·
ކަސްރަތުކުރުން ނޫނީ ކަސްރަތުކުރުވުން
·
ނޭވާލާނެ ގޮތުގެ ޚާއްޞަ އުކުޅުތައް ދަސްކޮށްދީ،
އެއުކުޅުތައް ބޭނުންކުރުން
·
ކެއުން ބަހައްޓާނެ ގޮތުގެ ކައުންސިލިންގ ދިނުން
·
ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ކައުންސިލިންގ ގެ
އެހީތެރިކަން ފޯރުކޮށްދިނުން
·
ބަލިމީހާގެ ކިބައިގައި ހުރި ފުއްޕާމޭގެ ބައްޔާއި ބެހޭ
މައުލޫމާތުތައް ކިޔާދީ އޮޅުން ފިލުވައިދިނުން (މެޔޯކްލިނިކް، 2024).
އޮޕަރޭޝަންކުރުން އަދި
އެހެނިހެން ފަރުވާތައް
ސިސްޓިކް ފައިބްރޯސިސް ހުންނަ މީހުންނަށް
ފަރުވާގެ ގޮތުގައި ކުރެވިދާނެ ސާޖަރީ ތަކާއި، ކުރިޔަށް ގެންދެވިދާނެ އިތުރު
ފަރުވާތައް ތިރީގައި މިވަނީ އެވެ.
(ހ) ނޭފަތުގެ އަދި ސައިނަސް
އޮޕަރޭޝަންކުރުން (nasal
& sinus surgery): ނޭފަތުގެ އޮޕަރޭޝަން ކުރަނީ މައިގަނޑު ގޮތެއްގައި
ނޭފަތުގައި ރޯވާ މަސްކޮޅު ނެގުމަށްޓަކައެވެ. ސައިނަސް އޮޕަރޭޝަން ކުރަނީ
ތަކުރާރުކޮށްޖެހޭ ސައިނަސް އިންފެކްޝަން ރަނގަޅުކުރުމަށްޓަކައެވެ.
(ށ) އޮކްސިޖަންގެ ފަރުވާ (oxygen
therapy): ލޭގައި އެކަށޭނަ ވަރަށް އޮކްސިޖަން ނުހުންނަނަމަ،
އޮކްސިޖަން ފަރުވާ ނަގަންޖެހުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން އޮކްސިޖަން
ކޮންސެންޓްރޭޓަރ އެއް ފަދަ އެއްޗެއްގެ އެހީގައި ގަވާއިދުން އޮކްސިޖަން
ގުޅަންޖެހިދާނެ އެވެ. އޮކްސިޖަން ތެރަޕީ އަކީ ފުއްޕާމޭގެ ތެރޭގައި ލޭގެ ޕްރެޝަރު
މައްޗަށްދިއުމުން(portal
hypertension) ވެސް
ރައްކާތެރިކޮށްދީފާނެ ކަމެކެވެ.
(ނ) ނަންއިންވޭސިވް
ވެންޓިލޭޝަން (noninvasive
ventilation): މިއީ މޫނުމަތީ އަޅާ މާސްކެއް ފަދަ އެއްޗެއް ބޭނުންކޮށްގެން
ނޭވާލާން ދަތިވެފައިވާ މީހަކަށް އޮކްސިޖަން ފޯރުކޮށްދިނުމާއެކު ނޭވާލާން
އެހީތެރިވެދިނުމެވެ. މިއީ ބަލިމީހާ ވެންޓިލޭޓަރަށް ނުލައި، މެޝިނެއް (މިސާލަކަށް
ބައިޕެޕް، ސީޕެޕް، އެންޕީވީ، ވެޕްސް ފަދަ) ގެ އެހީގައި އޮކްސިޖަން
ފޯރުކޮށްދިނުމެވެ. މިއީ އާންމު ގޮތެއްގައި ނިދާފައި އޮންނައިރު ގުޅަންޖެހޭ
އެއްޗެކެވެ. ނޫނީ އޮކްސިޖަން ފޯރުކޮށްދެވޭ ގޮތެކެވެ. އާންމު ގޮތެއްގައި މިގޮތަށް
އިތުރަށް އޮކްސިޖަން ފޯރުކޮށްދެވެނީ އަނގަޔަށް ނޫނީ ނޭފަތަށް ވާގޮތަށް ބެހެއްޓޭ
މާސްކެއްގެ އެހީގައެވެ. ނަންއިންވޭސިވް ވެންޓިލޭޝަންގެ އެހީގައި ފުއްޕާމޭގެ
ތެރޭގައި ވައި ބަދަލުވުން ރަނގަޅުކޮށްދީ، ނޭވާލުން ފަސޭހަ ކޮށްދެއެވެ.
(ރ) ކާންދޭހޮޅި
ލެއްވުން (feeding
tube): ސިސްޓިކް ފައިބްރޯސިސް އަކީ ހަޖަމުކުރުމަށް ހުރަސްއަޅާ
ބައްޔެކެވެ. ނޫނީ ހުރަސްތަކާ ކުރިމަތިކުރުވާ ބައްޔެކެވެ. މިބަލީގައި ކާތަކެއްޗާއި
އެކު އެތެރެވާ ކާނާގެ ބައިތައް ހަށިގަނޑަށް ރަނގަޅަށް ނަގައިދިނުމަށް
ހުރަސްއަޅައެވެ. ކާންދޭހޮޅި ލައްވައިގެން ކާންދީގެން ހަށިގަނޑަށް އިތުރަށް
ބޭނުންވާ ކާނާގެ ބައިތައް ފޯރުކޮށް ދެވިދާނެ އެވެ. ކާންދޭހޮޅި އަކީ ނޭފަތުން
ލައްވައި، އަރުތެރެއިން، ކާތަކެތި ހިނގާހޮޅިން ގޮސް މައިދާއަށް ފޯރުކޮށްދެވިފައި
ބެހެއްޓޭ ހޮޅި އެކެވެ. ބައެއް ފަހަރު މިގޮތަށް ބޭނުންކުރެވޭ ހޮޅި ބަނޑުގެ އެއް
އަރިއަކުން ބަނޑަށް ވެސް ލައްވާފައި ހުރެއެވެ.
(ބ) ގޮހޮރުގެ އޮޕަރޭޝަންކުރުން
(bowl
surgery): ގޮހޮރު ބެދިއްޖެނަމަ، ފަހަރުގައި އެކަން ރަނގަޅުކުރުމަށް
އޮޕަރޭޝަން ކުރަން ޖެހިދާނެ އެވެ. ނޫނީ ކުޑަގޮހޮރުގެ ބައެއް އެއްބައެއް
އަނެއްބައިގެ ތެރެއަށް ވަދެ، ތާށިވެ އޮޅިއްޖެނަމަ އެކަން ރަނގަޅުކުރުމަށް ވެސް
ސާޖަރީ ހަދަންޖެހިދާނެ އެވެ.
(ޅ) ފުއްޕާމޭ ބަދަލުކުރުން (lung
transplantation): ސިސްޓިކް ފައިބްރޯސިސްގެ ސަބަބުން ފުއްޕާމެޔަށް އަންނަ
ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް ނޭވާލާ އުދަނގޫވުން ނޫނީ ފުއްޕާމޭގެ
މަސައްކަތް ފޭލްވުން ފަދަ ނުރައްކާތައް ކުރިމަތިވުން ނޫނީ އެންޓިބަޔޮޓިކް
ބޭނުންކުރިޔަސް ފުއްޕާމޭގައި ހުރި އިންފެކްޝަންގެ އަސަރު ފިލައިނުދިއުން ފަދަ
ހާލަތްތަކުގައި ފަހަރުގައި ދެން ދެވިދާނެ ފަރުވާ އަކީ ނޫނީ އޮތް އިޚްތިޔާރަކީ
ފުއްޕާމޭ ބަދަލުކުރުން ކަމުގައި ވެދާނެއެވެ. ސިސްޓިކް ފައިބްރޯސިސްގައި
ވައިހިނގާމަގުގައި ބެކްޓީރިޔާ ހަރުލާތީ، އެކަމުގެ ސަބަބުން ވައިހިނގާމަގުގައި
އިންފެކްޝަން ހެދި، ދާއިމީ ގޮތެއްގައި ވައިހިނގާމަގު ފުޅާވެގެންދެއެވެ. މިހެންވެ،
ފުއްޕާމޭ ބަދަލުކުރާއިރު ދެ ފުއްޕާމޭ ވެސް ބަދަލުކުރަން ޖެހިދާނެއެވެ.
(ކ) ފުރަމޭ ބަދަލުކުރުން (liver
transplantation): ސިސްޓިކް ފައިބްރޯސިސް އާއި ގުޅިގެން ކުރިމަތިވާ ފުރަމޭ
ބަލީގައި ޚާއްޞަކޮށް ފުރަމޭގައި ލަކުނުލައި ފުރަމޭ ހަލާކުވުން ފަދަ ހާލަތްތަކުގައި
ފުރަމޭ ބަދަލުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މީހުންނަށް ފުއްޕާމޭ
ބަދަލުކުރުން ނޫނީ ޗިސްމޭ ބަދަލުކުރުމާއެކު ފުރަމޭ ބަދަލުކުރުމަކީ ވެސް
އެކަށީގެންވާ ކަމެކެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
·
https://www.mayoclinic.org/diseases-conditions/cystic-fibrosis/symptoms-causes/syc-20353700
No comments:
Post a Comment