Wednesday, November 18, 2015

މާބަނޑުދުވަސްވަރު ފައިވާޅުވުމާއި، އަކުނިވަޔަށްދެމުން



މާބަނޑު ދުވަސްވަރު - ފައިވާޅުވުމާއި، އަކުނިވަޔަށް ދެމުން
މާބަނޑުވުމަށްފަހު ފައިވާޅުމާއި، އަކުނިވަޔަށް ދެމުން ފެށިގެން އަންނަނީ ދެވަނަ 3 މަސް ފެށޭ ހިސާބުގައެވެ. ނުވަތަ ބަނޑަށް 4 މަސްވާ ފަހުންނެވެ. މާބަނޑުވުމަށްފަހު ގިނަމީހުންނަށް މިކަން ދިމާވަނީ ފަހު 6 މަހުގެ ތެރޭގައެވެ. މާނައަކީ 4 ވަނަ މަހުން ފެށިގެން ގޮސް ވިހެއުމާއި ހަމައަށް ވެސް މިއުނދަގޫތައް ހުރެދާނެއެވެ. ބަނޑުބޮޑުވަމުން އަންނަ ވަރަކަށް ފައި ވާޅުވުމާއި، ފައި އަކުނިވަޔަށް ދަމައި، ތަދުވުން އިތުރުވަމުން ދާނެއެވެ. ނަމަވެސް ބައެއް މީހުންނަށް ބަލިވެ އިނުމުގެ ކުރީކޮޅުގައިވެސް މިކަމުގެ އުދަގޫފޯރައެވެ. އާންމު ގޮތެއްގައި ފައިވާޅުވުމާއި، އަކުނިވަޔަށް ދެމުން ކުރިމަތިވަނީ ރޭގަނޑުގެ ވަގުތުތަކުގައި ކަމަށް ވިޔަސް ދުވާލުގެ ވަގުތުތަކުގައި ދިމާވުމަކީ ވެސް ވެދާނެ ގޮތެކެވެ. 

ސަބަބު
މާބަނޑުވެ ދަރިފުޅު ބޮޑުވަމުން އަންނައިރު އިތުރުވަމުން އަންނަ ބަރުދަން ތަހައްމަލުކުރުމުގައި ފައިގެ މަސްތައް ބައިވެރިވެއެވެ. އަދި އެކަމުގެ ސަބަބުން ފައިގެ މަސްތަކަށް ވަރުބަލިކަން ގެނެސްދެއެވެ. މީގެ އިތުރުން ބޮޑުވަމުން އަންނަ ރަހިމުން ފައިގެ މައި ލޭހޮޅިތަކަށް އަދި މައިބަދައިގެ އުނަގަނޑާއި ހިސާބުން ނިކުމެގެން ފަޔަށްގޮސްފައިވާ ފަތިނާރު ތަކަށް ފިއްތާގޮތް ވެއެވެ. މީގެ އިތުރުން މާބަނޑުވުމުން އިތުރުވެގެންދާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ވެސް މަސްތަކުގެ "ޓޯން"އަށް އަސަރުކުރުވައެވެ. 

މާބަނޑުވުމުން ފައިގެ މަސްތައް އަކުނިވަޔަށް ދަމަނީ ލޭގެ ތެރޭގައި ލޮނުގެ ވައްތަރުތައް ކަމުގައިވާ ކެލްސިއަމް، އަދި މެގްނީޒިއަމް މަދުވުމާއި، ކާނާގެ ބައެއް ބާވަތްތައް ހަށިގަނޑަށް ލިބުން މަދުވުމުންނެވެ. މިފަދަ މާއްދާތައް މަދުވާން މެދުވެރިވަނީ ހެދިބޮޑުވަމުން އަންނަ ދަރިފުޅުގެ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް މައިމީހާގެ ހަށިގަނޑުން ހޯދާތީ އެވެ. 

އަލާމާތްތައް
·         ފައިގެ ކުޑަކަޅުވާމަހާއި، ފައިތިލަ ވަރަށް ތަދުވާގޮތަކަށް އަކުނިވަޔަށް ދެމުން (ޚާއްޞަކޮށް ރޭގަނޑުގައި)
·         ހެދުނު ތެދުވާއިރު ވެސް ކުޑަކަޅުވާގައި ތަދުހުރުން
މާބަނޑު ދުވަސްވަރު ދިމާވާ ފައިވާޅުވުމާއި، އަކުނިވަޔަށް ދެމުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
·         ކުޑަކަޅުވާ މަސްގަނޑު ސްޓްރެޗްކުރުން : ފާރެއްގެ ކައިރީގައި ހުއްޓުމަށްފަހު، ފާރުގައި އަތްލެވޭ ވަރަށް ހަށިގަނޑު ގުދުކޮށްލާށެވެ. ފައިތިލައިގެ ދަށްފުށް ހުންނަންވާނީ ހަމައަށް ބިމުގައި (ތަޅުމުގައި) ޖެހިފައެވެ. އެގޮތަށް 5 ސިކުންތު ވަރު ހިފަހައްޓާލާށެވެ. ދުވާލަކު 3 ފަހަރު ކޮންމެ ފަހަރަކު 5 މިނިޓް ވަންދެން މިކަސްރަތު ކުރާށެވެ. ޚާއްޞަކޮށް ނިދަން އޮށޯތުމުގެ ކުރިން މިކަސްރަތު ކުރެވިދާނެ އެވެ.
·         ކޮންމެ ދުވަހަކު ފައިތިލައިގެ ކަސްރަތުތައް ކުރުން : ކޮންމެ ފައިތިލައެއް މައްޗާއި ތިރިއަށް ވާގޮތަށް ލަންބާލައި ސްޓްރެޗްކުރާށެވެ. ދުވާލަކު ½ އިރު ވަންދެން މިކަސްރަތު ކުރެވިދާނެއެވެ. ފައިތިލައިގެ ތަބިކަށިން ފެށިގެން ފައިތިލަ ދެފަރާތަށް އަނބުރާށެވެ. މިގޮތަށް ކޮންމެ ފަރާތަށް 8 ފަހަރު އެނބުރިދާނެ އެވެ.
·         ނިދަން އޮށޯތުމުގެ ކުރިން ތާފަނާ ފެނުން ފެންވަރާލުން
·         ނިދަން އޮންނައިރު ފައިތިލަ ހަރަކާތްކުރެވޭނެހާ ޖާގަ އެދުގައި އޮތުން
·         ނިދާއިރު ފައިތިލައ އުފުލާލައިގެން އޮތުން : މިސާލަކަށް ނިދާގަޑީގައި ބާލީހެއް ފައިތިލައިގެ ދަށަށް ލެވިދާނެއެވެ.
·         ގިނައިރު ތަކެއްވަންދެން ފައިހުރަސްކޮށްގެން އިށީދެ ނުވަތަ ކޮށްޅަށް ނުހުރުން
·         ތަނެއްގައި އިށީދެ އިންނައިރު ވެސް (ޓީވީ ބަލަން، ކެއުން ފަދަ ކަމެއްކުރުމަށް) ފައިތިލައިގެ ކޮޅު ތަބިކަށިން ފެށިގެން އަނބުރާލަ އަނބުރާލައި އިނުން
·         ކޮންމެ ދުވަހަކު ވެސް ކުޑަކޮށް ހިނގާލުން
·         ތަނެއްގައި އޮށޯވެ އޮންނައިރު ވާތް ފަރާތަށް ބުރަވެއޮތުން
·         ހަށިގަނޑަށް ބޭނުންވާވަރަށް ކެލްސިއަމް ހޯދުމަށްޓަކައި ކެލްސިއަމް ގިނަކާނާއާއި، ފެޓްނުހުންނަ ކިރާއި، ކިރުބޭނުންކޮށްގެން އުފައްދާފައި ހުންނަ ބާވަތްތައް ބޭނުންކުރެވިދާނެ އެވެ.
·         މާބަނޑު ދުވަސްވަރު އާންމުކޮށްދޭ ކެލްސިއަމް ބޭސް ގަވާޢިދުން ބޭނުންކުރުން 
·         ގިނަގިނައިން ފެނާއި، ހަށިގަނޑަށް ފައިދާހުރި ދިޔާތަކެތި ބުއިން
·         ހޫނު،ނުވަތަ ތެތް ފޮތިގަނޑެއް ފަދަ އެއްޗެއް މަސްތަކުގެ ވަށައިގެން އޮޅާލާފައި ބޭއްވުމަކީ ވެސް ކުރުގެޅިފައިވާ މަސްތައް ހަމައަކަށް އެޅުމަށް އެހީވެދޭ ކަމެކެވެ.
·         ކުޑަކަޅުވާ ރަނގަޅަށް ނޫނީ ބާރަށް މަސާޖުކޮށްލުން
·         ފައިގެ އިނގިލިތަކުގައި ހިފައި ގަޔާދިމާލަށް، ފައިތިލަ ދަމާލައި، ނުވަތަ ބިންމަތީގައި ފައިތިލަ ހަމައަށް އަޅާފައި ހިންދެމިލުން
އަކުނިވަޔަށް ދެމުމުން އަމަލުކުރެވިދާނެ ގޮތް
އަކުނިވަޔަށް ދަމައިގެން ހޭލެވިއްޖެނަމަ، ފައި (ފައިގެ ކުޑަކަޅުވާ މަސްގަނޑު) ސީދަލަށް ދަމާލާށެވެ. ފަޔާއި، ފައިތިލަ ސީދާކޮށް، ތަބިކަށްޓާއި، އިނގިލިތައް މައްޗަށްވާގޮތަށް (ކަށިމައްޗާ ދިމާލަށް) ލަންބާލާށެވެ. މިގޮތަށް ހަދާއިރު ފުރަތަމަ ތަދު އިހުސާސް ވެދާނެއެވެ. ނަމަވެސް މަޑުމަޑުން ތަދު ފިލައިދާނެ އެވެ. ފައިގެ މަސްތައް ބާރަށް ދެމުން،ނުވަތަ ވާންކުރުމާއި، މަސާޖުކުރުމަކީ ފަޔާއި، ފައިތިލަވާޅުވުން ކުޑަކޮށްދޭ ކަމެކެވެ. މިގޮތަށް ހެދުމުން ވެސް ލުއިނުވެއްޖެނަމަ، އެދުން ފައިބައިގެން ކުޑަކޮށް ހިނގާލާށެވެ.
މައުލޫމާތު :
·         ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}


No comments:

Post a Comment