Friday, May 29, 2026

ސިލިކޯސިސް

ސިލިކޯސިސް

ސިލިކޯސިސް (Silicosis) އަކީ ފުއްޕާމޭގެ ތެރެއަށް ވަރަށް ކުދިކުދި "ސިލިކާ ޑަސްޓް"(Silica dust) ނުވަތަ "ސިލިކޯން ޑައިއޮކްސައިޑް ޓުކުޅުތައް"(silicon dioxide particles) ނޭވާލުމުގެ ތެރެއިން އެތެރެވެގެން ކުރިމަތިވާ ފުއްޕާމޭގެ ބައްޔެކެވެ. ނުވަތަ އިންޓަސްޓިޝަލް ލަންގް ޑިޒީޒް އެކެވެ. ސިލިކާ ޑަސްޓް ނުވަތަ ސިލިކާގެ ހިރަފުސް އާންމު ގޮތެއްގައި އުފެދެނީ އިމާރާތްކުރުމުގެ މަސައްކަތްތަކާއި، މައިނިންގ ނުވަތަ "ބިންކޮނެގެން މައުދަން ނެގުން" ފަދަ މަސައްކަތްތަކުގެ ތެރެއިންނެވެ. މިބަލީގައި ފެންނަ އަލާމާތްތަކުގެ ތެރޭގައި ދިގުމުއްދަތަކަށް ނުފިލާ ކެއްސުމެއް ހުރުން، ނޭވާލާން އުދަނގޫވުން، ވައިހިނގާމަގު ދުޅަވުން އަދި ފުއްޕާމޭގައި ލަކުނުލުން ފަދަ ކަންތައްތައް ހިމެނެއެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).


ސިލިކޯސިސް އަކީ ތަފާތު ވައްތަރުގެ ވެލި، ފަސް، ހިލައިގައި ހުންނަ މައުދަނެއް ކަމުގައިވާ "ސިލިކާ"ގެ ކުދިކުދި ޓުކުޅުތައް ދިގުމުއްދަތަކަށް ނޭވާލުމުގެ ޒަރީޢާއިން ހަށިގަނޑަށް ނޫނީ ފުއްޕާމެޔަށް އެތެރެވެގެން ކުރިމަތިވާ ފުއްޕާމޭގެ ނުރައްކާތެރި ބައްޔެކެވެ. ނޫނީ ދިގުމުއްދަތަކަށް މި މައުދަނުގެ ހިރަފުހަށް ހުށަހެޅިގެން ކުރިމަތިވެދާނެ ފުއްޕާމޭގެ ބައްޔެކެވެ. ސިލިކާ ހިރަފުސް ފުއްޕާމެޔަށް އެތެރެވުމުން ، ފުއްޕާމޭ ދުޅަވެ، ދާއިމީ ސިފައެއްގައި ފުއްޕާމޭގައި ލަކުނު ލައެވެ ޚާއްޞަކޮށް ފުއްޕާމޭގެ އެތެރޭގައި ހުންނަ ކުދި ވައިކޮތަޅު ތަކާއި، ވައިހިނގާ މަގުގައި މިލަކުނުލުމުން ނޭވާލާން ދަތިވެ، އުދަނގޫވެއެވެ (ލަންގް.އޯރގް، 2026).

ސިލިކާ(silica) އަކީ އާންމު ގޮތެއްގައި އަންނަނިވި ބާވަތްތަކުގައި ހިމެނޭ ތަބީޢީ މާއްދާ އެކެވެ.

·         ގަސްގަހާގެހި : މިސާލަކަށް ފެހިކަން ގަދަ ފަތް، ބެލް ޕެޕަރ އަދި އެހެނިހެން ބައެއް ތަރުކާރީގެ ބާވަތްތައް

·         ހިލަ: މިސާލަކަށް ކްވާޓްސް އަދި ގްރެނައިޓް ފަދަ ހިލައިގެ ބާވަތްތައް

·         ވެލި

·         ފަސް

·         ފެން (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

މުދާ އުފައްދާ ފަރާތްތަކުން މުދާ ޕެކްކޮށް ރައްކާކުރާއިރު، ޕެކެޓްތަކުގެ ތެރެއަށް ވަރަށް ގިނައިން ސިލިކޯން ޑައިއޮކްސައިޑް(silicon dioxide) (ސިލިކާ ޖެލް) ލާފައި ހުރެއެވެ. މީގެ ބޭނުމަކީ ޕެކެޓްގެ ތެރޭގައި އުފެދޭ ތެތްކަން އެއަށް ދަމައި ނައްތާލުމެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).   

ސިލިކާ އަކީ ކައިބޮއި ހެދި ނަމަވެސް ވިހައެއް ނޫނެވެ. ނަމަވެސް ބައެއް ވައްތަރުގެ ސިލިކާ ޑަސްޓް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް އެތެރެވުމަކީ ނޭވާލާ ނިޒާމަށް މައްސަލަތައް ދިމާވެދާނެ ކަމެކެވެ. ސިލިކާ ޑަސްޓް ގެ ސަބަބުން ފުއްޕާމޭގެ އެންމެ އެތެރޭގައިވާ ވައިކޮތަޅު ތަކުގައި ހުންނަ ދިފާޢީ ދިރު ތައް ނުވަތަ "އަލްވިއޮލަރ މައިކްރަފޭޖް"(alveolar microphage)ތައް ހަލާކުކޮށްލައެވެ. އަލްވިއޮލަރ މައިކްރަފޭޖް ތަކަކީ ނޭވާލާ ނިޒާމުގައި ހުންނަ އަސާސީ ދިފާޢީ ރޮނގެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

ގިނަ މީހުންނަށް ސިލިކޯސިސް ކުރިމަތިވަނީ މަސައްކަތުގެ މާހައުލުން ސިލިކާ ޑަސްޓް އަށް ހުށަހެޅިގެންނެވެ. ސިލިކާ ޑަސްޓް ހަށިގަނޑަށް އެތެރެވާ ހިނދުން ފެށިގެން އަލާމާތްތައް ނުފެނިދާނެއެވެ. ނަމަވެސް ދުވަސްވާ ވަރަކަށް ސިލިކާ ޑަސްޓް ގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވަމުން ދާނެއެވެ. ބައެއް ވައްތަރުގެ ސިލިކާ ގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވުމަށް ދިގުމުއްދަތަކަށް ހުށަހެޅެމުން ދިއުން މިސާލަކަށް ދިގުވެގެން ގޮސް 10 ވަރަކަށް އަހަރު ވަންދެން ސިލިކާ ޑަސްޓް އަށް ހުށަހެޅެމުން ދިއުން މުހިއްމު ވެދާނެ އެވެ. މަތީ މިންވަރަކަށް ސިލިކާ ޑަސްޓް އަށް ހުށަހެޅިއްޖެނަމަ، ފުއްޕާމެޔަށް ގެއްލުންވާލެން އަވަސްވާނެ އެވެ. މަސައްކަތުގެ މާހައުލުތަކުގައި ތަންފީޒުކުރެވެން ފެށި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސިލިކޯސިސް ކުރިމަތިވާ ނިސްބަތް ވަނީ މަދުކުރެވެން ފެށިފައެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).  

ސިލިކޯސިސް އަކީ ފަރުވާ ކުރެވޭ ބައްޔެއް ނޫނެވެ. ނޫނީ ސިލިކޯސިސްގެ ސަބަބުން ފުއްޕާމެޔަށް ލިބޭ ގެއްލުމަކީ އަނބުރާ އިއާދަކުރެވޭ ނޫނީ ރަނގަޅުކުރެވޭނެ ގެއްލުމެއް ނޫނެވެ. ނަމަވެސް ބަލީގެ އުދަނގޫތައް ފަރުވާކޮށްގެން ކުޑަކުރެވިދާނެ އެވެ. މިއީ ބައެއް ފަހަރު ފުރާނައަށް ވެސް ނުރައްކާވެދާނެ ހާލަތެކެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

ހަށިގަނޑަށް އަސަރުކުރާގޮތް

ސިލިކާ ހިމެނޭ ހިރަފުސް ހަށިގަނޑުގެ އެތެރެއަށް ނޭވާލުމުގެ ތެރެއިން އެތެރެވާއިރު، އެހިރަފުހުގައި ސިލިކާ މައުދަނުގެ ކުދިކުދި ޓުކުޅުތައް ހުރެއެވެ. މިކުދިކުދި ސިލިކާ ޓުކުޅުތައް ވައިހިނގާ މަގުން ފުއްޕާމޭގެ ތެރެއަށް ގޮސް، ފުއްޕާމޭގެ އެންމެ ފުނުގައި ހަރުލައެވެ. މިގޮތަށް ފުއްޕާމެޔަށް ސިލިކާ ހިރަފުސް އެތެރެވާ ވަރަކަށް ފުއްޕާމޭގެ ތެރޭގައި ސިލިކާގެ ޓުކުޅުތައް ޖަމާވެ، ވައިކޮތަޅުތަކުގެ ތެރޭގައި ފުއްޕާމޭގެ ރައްކާތެރިކަމަށް ހުންނަ ނޫނީ ވަށައިގެން ހުންނަ ދިފާޢީ ދިރުތައް ހަލާކުކޮށް ގެއްލުން ދެއެވެ. މިދިފާޢީ ދިރުތަކަށް ގެއްލުންވެ، ހަލާކުވުމުން، ސިލިކާ މައުދަނުން ފުއްޕާމެޔަށް ގެއްލުންދީ، ފުއްޕާމޭ ދުޅަކުރުވައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުއްޕާމޭގައި ލަކުނުލައެވެ (ލަންގް.އޯރގް، 2026). 

ސިލިކޯސިސް ގެ ވައްތަރުތައް

(ހ) އެކިޔުޓް ސިލިކޯސިސް (acute (sudden) silicosis): މިއީ ކުއްލިއަކަށް ކުރުމުއްދަތަކަށް ކުރިމަތިވާ ސިލިކޯސިސް އެވެ. މިއީ ސިލިކާ ޑަސްޓް ގެ ގިނަ މިންވަރެއް ނޭވާލުމުގެ ތެރެއިން ފުއްޕާމެޔަށް އެތެރެވެގެން ކުރިމަތިވާ ވައްތަރެކެވެ. އާންމު ގޮތެއްގައި ސިލިކޯސިސް ކުރިމަތިވުމަށް 5 އަހަރު ނުވަތަ އެއަށްވުރެ ދިގުމުއްދަތެއް ހޭދަވި ނަމަވެސް، އެކިޔުޓް ސިލިކޯސިސް ގެ އަލާމާތްތައް ދެތިން ހަފްތާއިން ފެށިގެން ގޮސް ދެތިން މަސް ދުވަހުގެ ތެރޭގައި ފާހަގަވެދާނެއެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025،ލަންގް.އޯރގް، 2026).

(ށ) ކްރޯނިކް ސިލިކޯސިސް (chronic(long-term) silicosis): ސިލިކޯސިސް ގެ އެންމެ އާންމު ވައްތަރަކީ މިއީ އެވެ. މިވައްތަރުގެ ސިލިކޯސިސް ކުރިމަތިވަނީ 10 އަހަރު ދުވަހަށްވުރެ ގިނަ ދުވަހުގެ މުއްދަތަކަށް މެދު ނުކެނޑި ހުށަހެޅުމަށް ފަހުގައެވެ. ހުށަހެޅުނު ހިރަފުހުގައި ސިލިކާ ހިމެނޭ މިންވަރަކީ ވެސް ސިލިކޯސިސް އުފަންވުމުގައި ރިޢާޔަތްކުރެވޭނެ ފެކްޓަރ އެކެވެ. ނޫނީ ކަމެކެވެ. ކްރޯނިކް ސިލިކޯސިސް ބެހިފައިވާ ދެވައްތަރު ވެއެވެ. ކްރޯނިކް ސިލިކޯސިސް ގެ އެންމެ އާންމު ވައްތަރަކީ ސިމްޕަލް ސިލިކޯސިސް(simple silicosis) އެވެ. ޕްރޯގްރެސިވް މެސިވް ސިލިކޯސިސް(progressive massive silicosis) އަކީ ފުއްޕާމޭގައި ވަރަށް ބޮޑަށް ލަކުނުލުން ކުރިމަތިކުރުވާ، އަދި ކްރޯނިކް ސިލިކޯސިސް ގެ ވައްތަރެކެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025). 

(ނ) ސަބްއެކިޔުޓް ސިލިކޯސިސް (subacute silicosis): މިވައްތަރުގެ ސިލިކޯސިސް ކުރިމަތިވަނީ ސިލިކާ ޑަސްޓް އަށް ހުށަހެޅޭތާ 5-2 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ. ނޫނީ މުއްދަތަކަށް ފަހުގައެވެ. މިވައްތަރު އަވަހަށް ފެންމަތިވެގެން އަންނަނީ އާންމު ގޮތެއްގައި މިވައްތަރު ކުރިމަތިވަނީ ވަރަށް މަތީ މިންވަރަކަށް ސިލިކާ ޑަސްޓް އަށް ހުށަހެޅިގެން ކަމަށްވާތީ އެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025). ބައެއް ރިފަރެންސް ތަކުގައި ސިލިކޯސިސް ކުރިމަތިވާ މުއްދަތަކީ 10-5 އާއި ދެމެދުގެ މުއްދަތެއް ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި މިވައްތަރަށް ބައެއް ފަހަރު "އެކްސަލަރޭޓަޑް ސިލިކޯސިސް"(accelerated silicosis) އޭ ވެސް ކިޔައެވެ (ލަންގް.އޯރގް، 2026).   

ސަބަބުތައް

ސިލިކޯސިސް ކުރިމަތިވާ މައިގަނޑު ސަބަބަކީ ސިލިކާ ޑަސްޓް ނޭވާލުމުގެ ތެރެއިން ފުއްޕާމެޔަށް އެތެރެވެ، ފުއްޕާމެޔަށް ގެއްލުންވުމެވެ. އާންމު ގޮތެއްގައި ސިލިކާ ޑަސްޓް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް އެތެރެވަނީ މަސައްކަތުގެ މާހައުލުންނެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

ސިލިކޯސިސް އަށް މަގުފަހިކުރާ ހިރާސްތައް

ސިލިކޯސިސް އަކީ ކުރާ މަސައްކަތާ ގުޅުން އޮންނަ ބައްޔެކެވެ. އެހެންކަމުން ތިރީގައި ބަޔާންކޮށްފައިވާ ޞިނާޢަތްތަކުގައި މަސައްކަތްކުރާނަމަ ސިލިކޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

·         ގޯތި ގެދޮރު އިމާރާތްކޮށް ބިނާކުރުމުގެ ދާއިރާގެ މަސައްކަތްތައް

·         ފޮންޑްރީ މަސައްކަތްތައް ނުވަތަ ތިލޭރުކަންކުރާ މީހުން

·         ބިންކޮނެގެން މައުދަން ނެގުން ފަދަ މަސައްކަތްތައް

·         ތަށިމުށި، ބިއްލޫރި ފަދަ ބާވަތްތަކުން ތަކެތި އުފެއްދުމުގެ މަސައްކަތްތައް

·         ވެލީގެ މަސައްކަތްތައް

·         ހިލައިގެ މަސައްކަތްތައް / ހިރިގަލުގެ މަސައްކަތްތައް (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

·         ހައިވޭ-ބުރިޖުތައް ހެދުމުގެ މަސައްކަތްތައް

އަލާމާތްތައް

ސިލިކޯސިސް ގެ ކުރީކޮޅު ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ދުވަސްވާ ވަރަކަށް މަޑުމަޑުން އަލާމާތްތައް ފެންނަމުން ދިއުމަކީ ނޫނީ ގޯސްވަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ (ލަންގް.އޯރގް، 2026). 

ސިލިކޯސިސް ގެ އާންމު އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ދިގުދެމިދާ ނުފިލާ ކެއްސުމެއް ހުރުން އަދި ކެއްސާފައި ދަވަ ނޫނީ އަރިދަފުސް އައުން

·         ފުއްޕާމޭގެ ސެލޯށިތައް ދުޅަވުން

·         ފުއްޕާމޭގައި ލަކުނުލުން (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

·         ނޭވާލާން އުދަނގޫވުން

·         މޭގައި ރިހުން ނޫނީ ބުރަކަށީގައި ރިހުން (ލަންގް.އޯރގް، 2026).

މިކަންކަމުގެ ސަބަބުން އަންނަނިވި އުދަނގޫތައް ކުރިމަތިވެދާނެ އެވެ.

·         ވަރުބަލިވުން

·         މަސްތަކުގެ ވަރުދެރަވުން

·         ނޭވާކުރުވުން

·         އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

·         ހުންއައުން

·         ރޭގަނޑަށް ދާހިއްލުން

·         މޭގައި ރިހުން (ލަންގް.އޯރގް، 2026).

ސިލިކޯސިސް އަށް ފަރުވާނުކޮށް ގިނަ ދުވަސްވާވަރަކަށް ބަލީގެ ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވަމުން ދާނެއެވެ. ސަބަބަކީ މިބައްޔަކީ ދިފާޢީ ނިޒާމަށް ވެސް އަސަރުފޯރުވާ ބައްޔަކަށްވާތީ އެވެ.

ދިމާވެދާނެ ނުރައްކާތައް

ސިލިކޯސިސްގެ ސަބަބުން އަންނަނިވި ނުރައްކާތައް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ.

·         ސްކެލީރޯޑާރމާ، ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސިސް އަދި ރާއްޖެ ބަލި ފަދަ އުޓޯއިމިޔޫން ޑިޒީޒްތައް

·         ވައިނޮޅީގެ ކަފި ދާއިމީ ސިފައެއްގައި ދުޅަވުން

·         ކްރޯނިކް ކިޑްނީ ޑިޒީޒް

·         ފުއްޕާމޭގެ ކެންސަރު

·         ޓީބީ (ކެއްސުންބަލި) އަދި ފުއްޕާމެޔަށް ޖެހޭ އެހެން އިންފެކްޝަންތައް (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

·         ގުރުދާގެ ބަލިތައް

ދެނެގަތުން

ސިލިކޯސިސް ހުރިކަން ދެނެގަތުމަށް ޞިއްޙީ އެހީތެރިން ބަލިމީހުންގެ ކިބައިން އަންނަނިވި ކަންތައްތައް އަހައި އޮޅުން ފިލުވާނެއެވެ.

·         ބަލިމީހާގެ ޞިއްޙީ ހާލަތު ކުރިން ހުރިނެތްގޮތް

·         ކުރިމަތިވެފައިވާ އުދަނގޫތައް

·         ޖިސްމާނީ ގޮތުން ހަށިގަނޑު ބަލައި ޗެކުކުރުން : އެގޮތުން ކަށިގަނޑު އަޅައިގެން ފުއްޕާމޭގެ އަޑު އަހާނެއެވެ.

·         ކުރާ މަސައްކަތާ ބެހޭގޮތުން އަހައި އޮޅުން ފިލުވުން (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

·         މިހާރު ކުރިމަތިވެފައިވާ އުދަނގޫތަކާއި، އެކަންކަން މެނޭޖުކުރުމަށް އަމިއްލައަށް މަސައްކަތްކުރާ ގޮތްތައް

·         މަސައްކަތުގެ މާހައުލުން ހުށަހެޅޭ މާއްދާތައް، އަދި ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރެވޭ އަދަވާތްތައް (ލަންގް.އޯރގް، 2026).

ހަދައިފާނެ ޓެސްޓުތައް

ސިލިކޯސިސް ހުރިކަން ދެނެގަތުމަށް ފަހަރުގައި އަންނަނިވި ޓެސްޓުތައް ހަދައިފާނެއެވެ.

(ހ) ބްރޮންކައަލްވިއޮލަރ ލަވޭޖް (bronchoalveolar lavage): މި އިޖުރާއާތުގައި ފުއްޕާމޭގެ ބަޔަކަށް މޭޒުމަތީ ސަމުސަލެއްގެ ސްޓެރައިލް ސޯލްޓް ވޯޓަރ ބްރޮންކަސްކޯޕް އަކުން އިންޖެކްޓް ކުރެވެއެވެ. އަދި އެއަށްފަހު ވަގުތުން އެ ދަމާލެވެއެވެ. މިގޮތުން އެތެރެކުރުމަށްފަހު ދަމާލެވޭ ފެންކޮޅުގައި ފުއްޕާމޭގެ އެތެރޭގައި ހުންނަ ވައިކޮތަޅުގައި ހިމެނޭ ދިރުތައް އެކުލެވޭނެ އެވެ. އަދި ނެގުނު ފެންކޮޅު ޓެސްޓުކޮށް ބެލޭނެއެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

(ށ) އިމޭޖިންގ ޓެސްޓުތައް : ފުއްޕާމޭގެ އެކްސްރޭ އަދި ފުއްޕާމޭގެ ސީޓީ ސްކޭން ހަދައިގެން ފުއްޕާމޭގެ އެތެރެ ހުރިނެތްގޮތް ނުވަތަ ފުއްޕާމޭގެ އެތެރޭގެ ތަސްވީރީ ކުރެހުމެއް ލިބިގެންދާނެއެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

(ނ) ލެބޯޓަރީ ޓެސްޓުތައް : ލެބޯޓަރީ ޓެސްޓަކުން ސީދާ ސިލިކޯސިސް ހުރިކަން ދެނެއެއް ނުގަނެވޭނެ އެވެ. ނަމަވެސް ލެބޯޓަރީ ޓެސްޓުތަކުގެ އެހީގައި އިންފެކްޝަން ފަދަ ކަމެއް ހުރިނަމަ ދެނެގަނެވޭނެ އެވެ(ކްލެވެލެންޑްކްލިނިކް.އޯރގް، 2025).  

(ރ) ފުއްޕާމޭގެ ބަޔޮޕްސީ ހެދުން (lung biopsy): ފުއްޕާމޭގެ ބަޔޮޕްސީ ހެދުމަށްޓަކައި ފުއްޕާމެއިން ސެލޯށި ކޮޅެއް ނެގެއެވެ. ސިލިކޯސިސް ހުރިކަން ދެނެގަތުމަށް ފުއްޕާމޭގެ ބަޔޮޕްސީ ހެދުމަށް ލަފާދެނީ ވަރަށް މަދުންނެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

(ބ) ފުއްޕާމޭ މަސައްކަތްކުރާ ގޮތް ބެލުން (pulmonary function test): މިޓެސްޓުގެ އެހީގައި ފުއްޕާމޭގެ މަސައްކަތްތައް ހުރިނެތްގޮތް ފަސޭހަ ކަމާއެކު ބަލާލެވޭނެ އެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).  

(ޅ) އަރިދަފުހުގެ ކަލްޗަރ ހެދުން (sputum culture): މިޓެސްޓު ހެދުމަށް ކެއްސާފައި އަންނަ އަރިދަފުސް ކޮޅެއް ނަގައިގެން ޓެސްޓު ކުރެވެއެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

(ކ) ބްރަންކަސްކަޕީ (bronchoscopy): މިޓެސްޓު ހެދުމަށް އަނގަ ނޫނީ ނޭފަތް މެދުވެރިކޮށް ބްރޮންކަސްކޯޕް (ކެމެރާ ހަރުކުރެވިފައިވާ ހިމަހޮޅިއެއް ނޫނީ ކެމެރާއެއް އެތެރެއަށް ލެއްވެއެވެ. އަދި ވައިނޮޅީގެ ތެރެއިން ފުއްޕާމޭގެ ތެރެއަށް މިހޮޅި ވާޞިލް ކުރެވެއެވެ. ބްރޮންކަސްކޯޕް ގެ އެހީގައި ފުއްޕާމޭގެ ސެލޯށި ކޮޅެއް ޓެސްޓު ކުރުމަށް ނެގެއެވެ (ލަންގް.އޯރގް، 2026).

ފަރުވާ

ސިލިކޯސިސް އަކީ ފަރުވާއެއް އޮތް ބައްޔެއް ނޫނެވެ. ސިލިކާ ޑަސްޓް އެތެރެވުމުގެ ސަބަބުން ފުއްޕާމެޔަށް ލިބޭ ގެއްލުން އަނބުރާ އިއާދައެއް ނުކުރެވެއެވެ. މިބަލިޖެހޭ މީހުންނަށް ދެވޭ ފަރުވާ އަކީ ބަލީގެ ސަބަބުން ކުރިމަތިވާ އުދަނގޫތަކަށް ލުއިކަން ހޯދައިދިނުމެވެ. އެގޮތުން ސިލިކޯސިސް ހުންނަ މީހުންނަށް ކުރިމަތިވާ އުދަނގޫތައް ލުއިކޮށްދިނުމުގެ ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

·         އަދާކުރާ ވަޒީފާ ނޫނީ ކުރަމުންދާ މަސައްކަތް ބަދަލުކުރުން

·         ޕަލްމަނަރީ ރިހެބިލިޓޭޝަން ހެދުން

·         ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން

·         ނޭވާލާ ނިޒާމުގައި ވައިދައުރުވުން ރަނގަޅުކުރުމަށް ނޭވާހިގާމަގު ފުޅާކޮށްދޭ ބޭސް ބްރަންކޯޑައިލޭޓަރ އެއް ބޭނުންކުރުން

·         އޮކްސިޖަން ބޭނުންކުރުން (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

ކުރިން ބަޔާންކުރެވުނު ފަދައިން ސިލިކޯސިސް އަކީ ފަރުވާއެއް އޮތް ބައްޔަކަށް ނުވާތީ، ފަރުވާގައި ބޮޑަށް މަސައްކަތް ކުރެވެނީ ބަލީގެ ސަބަބުން ކުރިމަތިވާ އުދަނގޫތަކަށް ލުއިކަން ހޯދައިދިނުމަށެވެ. ބަލިހުރިކަން ދެނެގަތުމަށްފަހު، އިތުރަށް ސިލިކާ ހިރަފުހަށް ހުށަހެޅުނަ ނުދިނުމާއި، ދުންފަތުގެ ދުމުން ރައްކާތެރިވުމަކީ ވެސް ބޭނުންތެރި ކަމެކެވެ. އަދި ކެއްސުންބަލި ނުވަތަ ޓީބީ ފަދަ ފުއްޕާމެޔަށް ޖެހޭ އިންފެކްޝަންތަކަށް ޓެސްޓު ކުރުމަކީ ވެސް މުހިއްމު ކަމެކެވެ (ލަންގް.އޯރގް، 2026).  

ފުއްޕާމެޔަށް ގެއްލުން ލިބިފައިވާ މިންވަރު ޑޮކްޓަރ ކަނޑައެޅުމާއެކު، އެބަލިމީހަކަށް ކުރިޔަށްދާނެ ގޮތުގެ ޕްލޭނެއް ރާވައި ކަނޑައަޅާނެ އެވެ. އެގޮތުން ޕްލޭން ގައި އަންނަނިވި ކަންތައްތައް ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ (ލަންގް.އޯރގް، 2026).

·         ވައިހިނގާ މަގުތައް ހަމައަކަށް އެޅުވުމަށް ބޭނުންކުރާނެ ވައިހިނގާމަގު ފުޅާކޮށްދޭ އިންހޭލަރ އެއް ބޭނުންކުރުން

·         ފުއްޕާމޭގެ ދުޅައާއި ލަކުނުގެ ހާލަތު ގޯސްވުން ކުޑަކުރުމަށް ނުވަތަ ބަލީގެ ޕްރޮގްނޯސިސް ކުޑަކުރުމަށް ސްޓީރޮއިޑް، އެންޓިފައިބްރޯޓިކްސް އަދި ބަޔޮލޮޖިކްސް ފަދަ ބޭސްތައް ބޭނުންކުރަން ލަފާދިނުން

·         ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްނަމަ އެކަން ހުއްޓާލުމަށް ލަފާދިނުން

·         އޮކްސިޖަން ބޭނުންކުރުމަށް ލަފާދިނުން

·         ޕަލްމަނަރީ ރިހެބިލިޓޭޝަން (ކަސްރަތު) ޕްރޮގްރާމްގައި ބައިވެރިވުމަށް ލަފާދިނުން (ލަންގް.އޯރގް، 2026).

މީގެ އިތުރުން ސިލިކޯސިސް މެނޭޖުކުރުމަށް އަންނަނިވި ކަންތައްތަކަށް ލަފާދީފާނެއެވެ.

·         ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުން

·         ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުން

·         ގަވާއިދުން ކަސްރަތުކުރުން

·         ފުއްޕާމެޔަށް ޖެހޭ އިންފެކްޝަންތަކުން ރައްކާތެރިވެ ހުރުމަށް މަސައްކަތްކުރުން

·         އިންފުލުއެންޒާ، ނިއުމޯކޯކަލް ވެކްސިން ފަދަ ވެކްސިންތައް ޖެހުން (ލަންގް.އޯރގް، 2026).

ރައްކާތެރިވުން

ސިލިކޯސިސް އަކީ އެބަލިން ރައްކާތެރިވެވިދާނެ ބައްޔެކެވެ. ސިލިކާ ޑަސްޓް ގެންގުޅޭ މާޙައުލެއްގައި މަސައްކަތްކުރަން ޖެހިފައިވާނަމަ، ސިލިކާ ޑަސްޓް ހަށިގަނޑަށް އެތެރެވެ، ސިލިކޯސިސް ކުރިމަތިވުމުގެ ހިރާސް ކުޑަކުރުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

·         ސިލިކާ ޑަސްޓް ހަރުލާފައިވާ ކަމަށް ޝައްކުކުރެވޭ އަންނައުނު ބަދަލުކުރުން

·         މަސައްކަތްކުރާ ތަނުގައި އެއަރ މޮނިޓަރ ކުރެވޭނެ އިކްއިޕްމެންޓެއް ހުރުން

·         ގޭތެރޭގެ ހިރަފުސް މަދުކުރުމަށް އެގްޒޯސްޓް ހަރުކުރުން، ޑަސްޓް ކަލެކްޓިން ސިސްޓަމް ހަރުކުރުން، އަދި ގޭތެރެ ނުވަތަ ހިރަފުސް ތަންތަނަށް ފެންޖެހުން

·         މަސައްކަތްކުރާ ސާފުކުރުމަށް ފިހިގަނޑަކުން ކެހުމުގެ ބަދަލުގައި ތެތް މޮޕަކުން މޮޕުލުން

·         ސިލިކާ ޑަސްޓް އިން ރައްކާތެރިވުމަށް މަސައްކަތުގެ މާހައުލުގައި ބޭނުންކުރަންޖެހޭ އަދަވާތްތައް ބޭނުންކުރުން (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://my.clevelandclinic.org/health/diseases/22622-silicosis

·         https://www.lung.org/lung-health-diseases/lung-disease-lookup/silicosi

 

 

 

  

No comments:

Post a Comment