Saturday, January 14, 2012

ރޯގާ ހުން


ރޯގާ ހުން
ތަޢާރަފް

ރޯގާ ހުން  (Viral Fever)އަކީ ވައިރަސްގެ ސަބަބުންޖެހޭ ހުން ރޯގާގެ ވައްތަރެކެވެ. ނުވަތަ މިއީ ވައިރަހުގެ ސަބަބުން ޖެހޭ ބައްޔެއް ހުރުމާއެކު، ހުންއައުމެވެ. ވައިރަސްގެ ސަބަބުން ޖެހޭ ތަފާތު އެތަކެއް ބަލިތަކެއް ވެއެވެ. މީގެ ތެރެއިން ބައެއް ބަލިތަކުގެ އަލާމާތްތަކާއި އުދަނގޫ ތަކަކީ ފާހަގަވެ، އެގިފައިވާ ކަންތައްތަކެވެ. ބޭސްވެރިކަމުގައި ވައިރަސްގެ ސަބަބުން ޖެހޭ ކޮންމެ ހުމަކަށް ރޯގާ ހުމޭ ކިޔައެވެ. ނުވަތަ "ވައިރަލް ހުމޭ" (Viral Fever ބުނެވިދާނެ އެވެ. ވައިރަހުން ޖެހޭ ބަލިތަކުގެ ސަބަބުން ބައެއް ފަހަރު އާންމު އަލާމާތްތަކެއް ފެނިދާނެއެވެ. އެކަމަކު ބައެއް ފަހަރު ވަކި ޚާއްޞަ ގުނަވަކަށް (ނިޒާމަކަށް) ބަލީގެ އަސަރު ފޯރައި އޭގެ އުދަގޫތައް މެދުވެރިވެދާނެ އެވެ.
ރޯގާ ހުން ޖެހުމަށްފަހު، އާންމު ގޮތެއްގައި އޭގެ އުދަގޫތައް، ދެމިހުންނަނީ 7-3 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ.  މިސަބަބާހުރެ ކުރިން ވައިރަލް ފީވަރ އަށް '' 3ދުވަހުގެ ހުން''(3days fever) އަދި ''7ދުވަހުގެ ހުން''(7days fever) ފަދަ ނަންތަކުން މުޚާޠަބު ކުރެވިފައި ވެއެވެ.
ކޮންމެ އުމުރެއްގެ ކުއްޖަކަށް ނުވަތަ ކޮންމެ ނަސްލެއްގެ މީހަކަށް ވެސް ރޯގާހުން ޖެހިދާނެ އެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިއީ އާންމު ބައްޔެކެވެ. ރޯގާ ހުމުގެ ގިނަ ވައްތަރު ތަކަކީ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ އަދި ފެތުރޭ ބަލިތަކެކެވެ. ރޯގާ ހުމުގެ ބައެއް ވައްތަރުތަކަކީ އޭގެ ޒާތުގައި އަމިއްލަ އަށް ރަގަޅުވާ ބަލިތަކެއް ކަމަށް ވިޔަސް، އަނެއް ބައި ވައްތަރު ތަކުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް މީހާގެ ޞިއްޙަތު ބަދަލުކޮށްލައިފާނެކަން ހަދާން ބަހައްޓަން ޖެހެއެވެ. ރޯގާހުމަށް ވަކިން ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ގިނަފަހަރު ކުރެވޭ ކަމަކީ ބަލިމީހާގެ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމެވެ. ރޯގާހުމަކީ ގިނަ ފަހަރު އޭގެ ޒާތުގައި އަމިއްލައަށް ރަގަޅުވާ އަދި މާނުރައްކާތެރި ބައްޔެއް ނޫނެވެ. ނަމަވެސް މަދުން ނަމަވެސް ރޯގާ ހުންޖެހި ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ.

ސަބަބު / ފެތުރޭގޮތް
ވައިރަލް ފީވަރ ގެ ގިނަ ވައްތަރުތައް ޖެހެނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއްގެ މަތީންނެވެ.

* އެންމެ އާންމު ސަބަބުތައް
(ހ) – ބަލި ޖައްސާ ވައިރަސް ނުވަތަ ޖަރާސީމާއި ތަޣައްޔަރުވެފައިވާ އަތުން: ޖަރާސީމާއި އަތް ތަޣައްޔަރުވެފައިވަނިކޮށް، އެއަތްނުދޮވެ، އަނގަ، ނޭފަތް، ލޯ ފަދަ ތަނެއްގައި ހޭކުން ފަދަ ކަންތައްތަކުން ރޯގާ ހުން ފަދަ ބަލިތައް ވަރަށް ފަސޭހައި ޖެހޭގޮތް ވެއެވެ. ބަލިމީހާ އާއި ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިމީހާ ކިނބިއެޅިއިރު، އަނގަނިވާކުރީ އަތުންކަމަށްވެފައި އެއަތް ނުދޮވެ ރަގަޅަށް ހުރި މީހަކާއި ސަލާމްކޮށްފިނަމަ އެމީހާގެ އަތް ޖަރާސީމާއި ތަޣައްޔަރު ކުރުވައެވެ. އަދި ބަލިމީހާ ކެއްސާއި ކިނބިހިއެޅުމުގެ ތެރޭގައި އޭނާ އޮންނަ ތަނާއި، ގައިގައި ހުންނަ ހެދުން، ގެންގުޅޭ ތަކެތި ފަދަ އެއްޗެތީގައި ޖަރާސީމު ހަރުލާފައި ހުރެއެވެ. އެހެން ކަމުން ބަލިމީހަކަށް ޒިޔާރަތްކޮށްފައި އެފަދަ އެއްޗެއްގައި އަތްލެވުމުން ތިބާގެ އަތް ޖަރާސީމާއި ތަޣައްޔަރުވީ އެވެ.
(ށ) – ނޭވާލުމާއެކު ބަލީގެ ވައިރަސް އާއި ތަޣައްޔަރުވެފައިވާ ކުދިކުދި ހިރަފުސް، ކުނިކޮޅު ފަދަ އެތިކޮޅުތައް ހަށިގަނޑަށް ވަނުން ނުވަތަ ކެއްސާއި ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމު ވައިގެ ޒަރީޢާއިން ނޭވާލުމުގެ ތެރޭގައި ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލްވުން: މިސާލަކަށް އާންމުކޮށް އުޅޭ ރޯގާހުން، އަރިދަފުސްރޯގާ، އަދި އިންފުލުއެންޒާ ފެތުރުމުގައި މިގޮތަށް ހަށިގަނޑަށް ވައިރަސް ވަނުމަކީ ވެސް ބަލިޖެހޭ ސަބަބެކެވެ.
(ނ) – ބަލީގެ ވައިރަސް އާއި ތަޣައްޔަރުވެފައިވާ ކާނާ ނުވަތަ ފެން ބޭނުންކުރުން :މިސާލަކަށް ވައިރަސް އާއި ތަޣައްޔަރުވެފައިވާ ކިރާއި، ކާބޯތަކެތި ބޭނުން ކުރުމުން ޕޯލިޔޯ ވައިރަހުން ޖެހޭ ވާބަލި ޖެހޭގޮތް ވެއެވެ.  
(ރ) – ބަލިޖެހިފައިވާ މީހަކާއި ހުރަހެއްނެތި ބީހުން : މިސާލަކަށް ފާނަބަސަނދު ޖެހިފައިވާ ހުރި މީހަކާއި ގައިގޯޅިވެ އުޅެއްޖެނަމަ ވަރަށް ފަސޭހައިން އެމީހަކަށް ބަލިޖެހިދާނެ އެވެ. އެއީ ފާނަބަސަދުގެ ފޮޅުތަކުން ބޭރުވާ ދިޔައިގައި އަތްލެވި، ނުދޮވެ، އެއަތް ލޯ، އަނގަ، ނޭފަތް ފަދަ ތަނެއްގައި ޖެހުމުން ހަށިގަނޑަށް ވައިރަސް ވާޞިލްވުމުގެ ފުރުޞަތު އޮންނާތީ އެވެ.

* އެހެން ބައެއް ސަބަބުތައް
(ހ) – ބަލިޖެހިފައިވާ މީހަކާއެކު ޖިންސީ ގުޅުން ހިންގުން : މިސާލަކަށް ބަލި ޖެހިފައިހުރި މީހަކާއި ޖިންސީ ގުޅުން ހިންގައިފިނަމަ، އެޗްއައިވީ އިން ޖެހޭ އޭޑްސް ފަދަ ބަލިތައް ޖެހުމުގެ ފުރުޞަތު އޮވެއެވެ.
(ށ) – ބަލީގެ ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި ލޭ އެޅުން : މިސާލަކަށް ވައިރަސް އާއި ތަޣައްޔަރުވެފައިވާ ލޭއެޅިއްޖެނަމަ ހެޕަޓައިޓިސް ބީ، އޭޑްސް ފަދަ ބަލިތައް ޖެހިދާނެ އެވެ.
(ނ) – ބަލީގެ ވައިރަސް އުފުލާ މަދިރި، ސެއްޅި ފަދަ ސޫތްޕެއް ހަށިގަނޑުގައި ދަތް އެޅުން، ނުވަތަ ހަށިގަނޑުން ލޭބުއިން : މިސާލަކަށް ޑެންގީ ހުން، ޗިކުންގުންޔާ ފަދަ ބަލިތައް ޖެހިފައިވާ މީހެއްގެ ގައިން ލޭބުއިފައިވާ އަންހެން މަދިރިއެއް ސަލާމަތުން ހުރި މީހެއްގެ ގައިގައި ހަފައި، ދަތްއަޅައި ލޭބުއިފިނަމަ، އެމީހަކަށް ޑެންގީ ހުން ނުވަތަ ޗިކުންގުންޔާ ފަދަ ބަލިތައް ޖެހިދާނެ އެވެ.  
(ރ) – ބަލިޖެހިފައިވާ ބޭނުންކުރި ކަށި ސިރިންޖު ފަދަ ތަކެތި ބޭނުންކުރުން : ބަލިޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ކަށި ސިރިންޖު، ރޭޒަރު ފަދަ ތަކެތި ބޭނުންކޮށްފިނަމަ، އޭޑްސް، ހެޕަޓައިޓިސް ފަދަ ބަލިތައް ޖެހުމުގެ ފުރުޞަތު އޮވެއެވެ.
މިފަދަ ގޮތަކުން ހަށިގަނޑަށް ވާޞިލްވެ، ހަށިގަނޑުގައި ހާލިހަދާ ޖަރާސީމް ދެން ވާޞިލްވަނީ ލޭ، ނުވަތަ ލިމްފްގެ ދިޔައިގެ ތެރެއަށެވެ. ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ހަށިގަނޑުގެ ވަކި ހިސާބެއްގައި ވައިރަސްތައް އިތުރުވެ ގިނަވާން ފެށުމުންނެވެ.

އަލާމާތްތައް / ނުރައްކާތައް
ހަށިގަނޑަށް ވައިރަސް ވަދެ ހާލި ހެދުމަށްފަހު، އިންފެކްޝަން އަށަގަންނަ މިންވަރަށް، ވައިރަސްތައް އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަގޫތައް ދިމާވުމަށް މުއްދަތެއް ބޭނުން ވެއެވެ. މިމުއްދަތަށް ކިޔަނީ އިންކިޔުބޭޝަން ޕީރިއަޑް(Incubation period) އެވެ. އެގޮތުން ރޯގާ ހުމުގައި ޖަރާސީމް ނުވަތަ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ބަލީގެ އަލާމާތްތައް ފެނުމާ ދެމެދު 5-3 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. އެގޮތުން މިމުއްދަތު ފާއިތުވުމަށްފަހު ބަލީގެ އުދަނގޫތައް ފެންނަށް ފަށައެވެ.

ވައިރަސްތައް ހަށިގަނޑުގައި އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެންމެ ފުރަތަމަ ވަރުބަލިވުން، ނުތަނަވަސްވުން، އަދި ގައިގައިރިހުން މެދުވެރިކުރުވައެވެ. އެއަށްފަހު ހީކެރުވުން، އަދި ހުންއައުން ކުރިމަތިކުރުވައެވެ. ހުން އަންނަ މިންވަރު އެކިއެކި ވައިރަސް ތަކުގެ ސަބަބުން މެދުވެރިވާ ބަލިތަކުގައި ތަފާތެވެ. ބައެއް ފަހަރު އާދައިގެ މަޑު ހުމެއް ހުންނައިރު އަނެއްބައި ފަހަރު ގަދަ ހުން ހުންނަކަން ފާހަގަ ކުރެވެއެވެ. އަދި އަނެއް ބައި ބަލިތަކުގައި ހުން އައުމަށްފަހު ރަގަޅުވެ، ނުވަތަ މެދުކެނޑިފައި، އަނެއްކާ ވެސް ހުން އައުން ނުވަތަ ހުންގަދަވާގޮތް ވެއެވެ.

މީގެ އިތުރުން ކަރުތެރެހިރުވައި ހަލާކުވުން، ނޭފަތުން ފެންއައުން، ކެއްސުން، ކިނބިހިއެޅުން، ލޯރަތްވުން، ބޮލުގައި ރިހުން، މަސްތަކުގައި ރިހުން، އަދި ހުޅުތަކުގައި ރިހުން ، މާޔޫސްވުން، އަދި ގައިގައި ކުދިކުދި ބިހިތަކެއް ނެގުން މިއީ ފެނިދާނެ އަލާމާތްތަކެވެ. ބައެއް ވައިރަހުގެ ބަލިތަކުގައި ގައިން ކުދި ފެންފޮޅު ތަކެއް ވެސް ނަގައިފާނެ އެވެ. އަދި ކަރުގައި ހުންނަ ލިމްފް ގޮށްތައް ދުޅަވެ ކަރުގައި ގޮށްލުން ކުރިމަތި ވެއެވެ.

ވައިރަހުގެ ސަބަބުން ޖެހޭ ބައެއް ބަލިތަކާއި ގުޅިގެން ނުވަތަ ރޯގާ ހުމުގެ ބައެއް ވައްތަރު ތަކާއި ގުޅިގެން، ބައެއް ފަހަރު ހޮނޑުލެވުން، ބޭރަށްހިންގުން، ބަނޑުގައި ރިހުން، ކާހިތްނުވުން، ރީނދޫވުން، ހުޅުތައް ދުޅަވުން ފަދަ މައްސަލަތައް މެދުވެރިވުމަކީ ވެސް ވެދާނެ ކަމެއްކަން ހަދާން ބަހައްޓާށެވެ.

ރޯގާ ހުމަކީ އާންމު ގޮތެއްގައި އޭގެ ޒާތުގައި އަމިއްލައަށް ރަގަޅުވާ ބައްޔެކެވެ. ނަމަވެސް ރޯގާ ހުން ޖެހުމަށްފަހު ވެސް ވަރުބަލިވުން އަދި ކެއްސުން ދެތިން ހަފްތާއަށް ދެމިގެންދިއުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ރޯގާ ހުމާއި، ގުޅިގެން ހޮނޑުލުން، ބޭރަށްހިންގުން، ބަނޑުގައި ރިހުން، ރީނދޫވުން، އަދި ހުޅުތައް ދުޅަވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ރޯގާ ހުން ޖެހުމުން ފެންނަ އުދަގޫތަކަށްވުރެ ބަލީގައި އެކަށޭނަ ފަރުވާ ނުލިބި ދިގުލައި ދިއުމުން ކުރިމަތިވާ ކަންތައްތަކުގެ ނުރައްކާ ބޮޑެވެ. ރޯގާ ހުން ޖެހުމުން ކެއްސުން ރަގަޅުނުވެ ދިގުލައި، ފުއްޕާމޭގައި ޖަރާސީމް އެޅުމަކީ ވަރަށް އާންމު އަދި ނުރައްކާތެރި ކަމެކެވެ. މިގޮތުން ރޯގާ ހުމާއި، ގުޅިގެން ފުއްޕާމޭގައި ޖަރާސީމް އެޅުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އިތުރުކަން ފާހަގަ ކުރެވެއެވެ. ކުޑަކުދިންނަށް ބައެއް ފަހަރު ރޯގާ ހުން ޖެހުމުން ހުންގަދަވެ، ފިޓްޖެހުން މެދުވެރި ވެއެވެ.

ބައެއް ކަހަލަ ރޯގާހުމުގެ ވައްތަރުތައް މެހި މަދިރި ފަދަ ފަނިފަކުސަ އިން ފެތުރެއެވެ. މިސާލަކަށް މަދިރިން ފެތުރޭ އާރބޯ ވައިރަސް(Arbovirus) އިން ރޯގާހުން ޖެހިއްޖެނަމަ، ހަމުގެ ދަށަށް ލޭހިލުން، އަދި އެތެރެހަށީގެ ބައެއް ގުނަވަންތަކުން ލޭހިލި ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ކަމެކެވެ.

ދެނެގަތުން
ރޯގާ ހުމަކީ އޭގެ ޒާތުގައި ރަގަޅުވެދާ ބައްޔަކަށް ވުމުން މާބޮޑު ޓެސްޓުތަކެއް ހަދާކަން ނުޖެހެއެވެ. ރޯގާ ހުން ދެނެގަނެ ފަރުވާކުރުން ބިނާވެފައި އޮންނަނީ ލެބޯޓްރީގައި ކުރެވޭ ޓެސްޓްތަކަށްވުރެ ބޮޑަށް ބައްޔާއި ގުޅިގެން ފެންނަ އަލާމާތްތަކުގެ މައްޗަށެވެ. ބަލި ދެނެގަނެވެނީ ހުންއައުމާއެކު ގައިގައި ރިހުން، މަސްތަކުގައި ރިހުން، އަދި ހުޅުތަކުގައި ރިހުން ފަދަ ކަންކަމުގެ މައްޗަށް ބިނާކޮށެވެ. ހަށިގަނޑުގައި ކުދިކުދި ބިހިތައް ނަގާފައިވޭތޯއާއި ކަރުގައި ގޮށްލާފައިވޭތޯ ރަގަޅަށް ބަލަންވާނެ އެވެ. ލެބޯޓްރީ ޓެސްޓް ހެދިނަމަވެސް ހަދާނީ ރޯގާ ހުން ޖެހިފައިވޭތޯ ބެލުމަށްވުރެ ބޮޑަށް ބެކްޓީރިޔާ ފަދަ ޖަރާސީމްގެ އަސަރު ހުރިތޯ ބެލުމަށެވެ. ރޯގާހުން ޖެހިގެން ލޭގެ ޓެސްޓް ހަދާއިރު، ބެކްޓީރިޔާގެ ސަބަބުން ޖެހޭ ބަލިތަކުގައި ހުންނަގޮތަށް ލޭގެ ހުދު ސެލްތައް އިތުރުވެފައެއް ނުހުންނާނެ އެވެ. ނަމަވެސް ލޭގެ ހުދު ސެލްގެ ވައްތަރެއް ކަމުގައިވާ ލިމްފޮސައިޓް ފަހަރުގައި އިތުރުވެދާނެ އެވެ. އަދި އެރިތްރޯސައިޓް ސެޑިމެންޓޭޝަން ރޭޓް (އީއެސްއާރު) ފަހަރުގައި މަތިވުމަކީ ވެސް ވެދާެނެ ގޮތެކެވެ.

ރޯގާ ހުންކަން ޔަގީންކުރުމަށް ނޭފަތުން އަރިދަފުސް ކޮޅެއް ނުވަތަ ބިހިތަކުން ފެންކޮޅެއް ފަދަ އެއްޗެއް ނަގައިގެން އެބޭނުންކޮށްގެން ވައިރަސް މީޑިއަމްގައި އިންދައި ދިރުވެއެވެ. މީގެ ބޭނުމަކީ ރޯގާ ހުން މެދުވެރިވީ ކޮން ބާވަތެއްގެ ވައިރަހަކުންތޯ ބަލައި ދެނެގަތުމެވެ.  އަދި ތަކުރާރުކޮށް ހެދޭ ލޭގެ ޓެސްޓްތަކަކުން ބައްޔާއި ގުޅިގެން ހަށިގަނޑުގައި އިތުރުވާ (ވައިރަސް އާއި ދެކޮޅަށް ހަށިގަނޑުގައި އުފެދޭ) ހަށިދަމަނައިގެ މިންވަރު ބެލެއެވެ. އާންމުކޮށް ރޯގާ ހުމާއި ގުޅިގެން މިގޮތަށް އުފެދޭ ހަށިދަމަނަ ތައް އިތުރުވާކަން ފާހަގަ ކުރެވޭނެ އެވެ. އާންމު އުޞޫލަކުން ބަލާއިރު ރޯގާ ހުމަކީ އޭގެ ޒާތުގައި ރަގަޅުވާ ބައްޔަކަށް ވުމުން ފަހުން މިދެންނެވި، ވައިރަސް މީޑިއަމް އެއްގައި އިންދައި ހެއްދުން(Viral culture)  އަދި ބައްޔާއި ގުޅިގެން ހަށިގަނޑުގައި ހަށިދަމަނަ އުފެދިފައިވޭތޯ ބެލުން ފަދަ ޓެސްޓުތައް ކުރުމަކީ ވަރަށް މަދު ހާލަތެއްގައި މެނުވީ ބޭނުންތެރި ކަމެއް ނޫނެވެ.

ފަރުވާ

ރޯގާ ހުމަކީ އާންމު ގޮތެއްގައި އޭގެ ޒާތުގައި ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި އަމިއްލައަށް ރަގަޅުވާ ބައްޔެކެވެ. ބައެއް ހާލަތްތަކުގައި މިމުއްދަތު 10-7 ދުވަހާއި ދެމެދުގެ މުއްދަތަކަށް (ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް) ދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. އެހެން ކަމުން މިބައްޔަށް ވަކިން ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ގިނަފަހަރު ކުރެވޭ ކަމަކީ ބަލިމީހާގެ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމެވެ. އެހެން ގޮތަކަށް ބުނާނަމަ ރޯގާ ހުމަށް ފަރުވާކުރެވެނީ ބައްޔާއި ގުޅިގެން ފެންނަ އަލާމާތްތަކަށް ދެވޭ ފަރުވާއެއްގެ ސިފައި ގައެވެ.

ބޭސް ދެވެނީ ހުންތިރިކުރުމަށާއި، ގައިގައި އުފެދޭ ތަދު ކެނޑުވުމަށާއި، ރިހުން ކުޑަ ކުރުމަށެވެ. މިގޮތުން އެންމެ އާންމުކޮށް ދެވެނީ ޕެނަޑޯލް، ބުރޫފަން ފަދަ ބޭސް ތަކެވެ. ނަމަވެސް ބޮޑަށް އެދެވިގެންވަނީ ތުއްތު ކުދިންނަށް ބުރޫފަން ފަދަ ބޭސް ވެސް ނުދިނުމެވެ. ހުންގަދަވުމުގެ ސަބަބުން ފިޓްޖެހުން މެދުވެރިވިޔަ ނުދިނުމަށްޓަކައި، ހުންތިރިކުރުމުގެ ގޮތުން ބޮލާއި، ގައިގައި ފެންފޮތި އުގުޅުމަކީ ރަގަޅު ކަމެކެވެ. އެހެންގޮތަކަށް ބުނާނަމަ، ހުންތިރިކުރުމަށް ފެންފޮތި ހޭކުމަކީ ވެސް ބޭނުންތެރި ކަމެކެވެ.

ނޭފަތުން ފެންއައުން، އަދި ކެއްސައި ހަދާނަމަ، އެކަމަށް ފަރުވާ ދެވެއެވެ. އެގޮތުން ނޭފަތުން ފެންއައުން ފަދަ ކަންތައް ކުޑަކުރުމަށް ''ނޭޒަލް ޑިކަންޖެސްޓެންޓް''(Nasal decongestants) ބޭނުންކުރުމުން ލުއިލިބިދާނެ އެވެ. ކެއްސާނަމަ އެކަމަށް ޚާއްޞަ ދިޔާބޭސް ދެވެއެވެ.

އެންޓިވައިރަލް އެއް ކޮންމެހެން ބޭނުމެއް ނުވާނެ އެވެ. ހޮނޑުލައި ބޭރަށް ހިންގާނަމަ އެކަމަށް ޚާއްޞަ ފަރުވާ ދެވިދާނެ އެވެ. ރޯގާހުމަކީ  އެންޓިބަޔޮޓިކް އާންމުކޮށް ބޭނުންކުރަންޖެހޭ ބައްޔަކަށް ނުވިޔަސް ފުއްޕާމޭގައި ޖަރާސީމް އެޅުން ފަދަ ކަމެއް ބައްޔާއި ގުޅިގެން ދިމާވެފައިވާނަމަ އެންޓިބަޔޮޓިކް ނަގަން ޖެހެއެވެ. އަދި ރޯގާ ހުމާއި ގުޅިގެން ކަންފަތުގައި ރިއްސައި ދޮސް އަންނަ ކަމުގައިވާ ނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިއްމެވެ. އަދި މިފަދަ ޙާލަތުގައި އެންޓިބަޔޮޓިކް ނުވަތަ ޖަރާސީމު މަރާ ބޭސް ބޭނުންކުރަން ޖެހިދާނެ އެވެ. ނަމަވެސް 1 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭންޖެހިގެން މެނުވީ އެންޓިބަޔޮޓީކް ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

ކުޑަކުދިންނަށް ރޯގާ ހުން ޖެހުމުގެ ސަބަބުން ނޭފަތުގައި ދަވަ އުފެދިއްޖެނަމަ، އެދަވަތައް ދަމައި ސާފުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ މިގޮތަށް ހެދުމުން ނޭވާލާ ނިޒާމް ސާފުވެ، ނޭވާލާން ފަސޭހަވެ، ލުއިކަން ލިބޭތީ އެވެ.
ސްޓީރޮއިޑް ފަދަ ބޭސްތައް ރޯގާހުމާއި ގުޅިގެން އެއްގޮތަކަށް ވެސް ބޭނުންކުރުން އެދެވިގެންނުވެއެވެ. އެއީ އޭގެ ސަބަބުން ދިފާޢީ ބާރު އިތުރަށް ދަށްވެ، ޖަރާސީމުގެ ސަބަބުން އުފެދޭ ބައްޔެއް ހަށިގަނޑުގައި އުފެދުމުގެ ފުރުޞަތު ބޮޑުވެދާނެތީ އެވެ. ގިނައިން އަރާމުކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އެއްވެސް ކަހަލަ ބުރަ މަސައްކަތެއް ނުވަތަ ކަސްރަތު ކުރުން ފަދަ ކަންތައްތައް ބަލިވެފައި ހުއްޓައި ކުރުން ރަގަޅެއް ނޫނެވެ.

ބަލިވުމުން ކާހިތް ކެނޑި، ނުކާން އުޅުމަކީ ވަރަށް ގިނައިން ދިމާވާ ގޮތެކެވެ. ނަމަވެސް މަދު އެތިކޮޅުން އެކި ފަހަރު މަތިން ކާތަކެތި ދެމުން ގެންދިއުން މުހިއްމެވެ. އަދި ދިޔާތަކެތި ގިނައިން ބުއިމަކީ މުހިއްމު ކަމެކެވެ. ދިޔާތަކެތީގެ ގޮތުގައި ސާފުފެން، ގާތުންދޭކިރު، ދަޅުކިރު، މޭވާ ޖޫސް، ކުރުނބާފެން، ކުކުޅު ސުރުވާ ، އިގުރު ސުރުވާ، ތަރުކާރީ ސުރުވާ، ބަތްޕެން، ޔޯގަޓް، މާމުއި، ފަދަ ތަކެތި ދެވިދާނެ އެވެ. ފިނިބުއިންތައް ދިނުން އެދެވިގެން ނުވެއެވެ. އެއީ ފިނިބުއިން ތަކުގެ ސަބަބުން ކެއްސުމާއި، ނޭފަތުން ފެންއައުން އަދި ކަރުތެރެ ހަލާކުވުން ފަދަ ކަންތައްތައް އިތުރަށް ގޯސްވެގެންދާތީ އެވެ. ސާފުފެން ގިނައިން ބުއިމަކީ ފޫހިކަން އިތުރުކޮށްދޭ ކަމަކަށް ބައެއް ފަހަރު ވެއެވެ. އެހެން އޭގެ ރަހަ ޖައްސާލުމަށް ކުޑަ ލޮނު ކޮޅެއް ނުވަތަ ހަކުރު ކޮޅެއް ލުބޯހުތްކޮޅަކާއެކު އަޅައި ގިރައިގެން ބޭނުންކުރެވިދާނެ އެވެ. ތާފަނާ ފެނަށް ކުޑަ ލޮނުކޮޅެއް އަޅައިގެން އަނގަ ދޮވެހެދުމަކީ ކަރުތެރެ ހަލާކުވުން ފަދަ ކަންކަމަށް ލުއިލިބޭނެ ކަމެކެވެ.

ލުއި ޞިއްޙަތަށް ފައިދާހުރި ކާނާ ބޭނުންކުރުން މުހިއްމެވެ. މިސާލަކަށް ތާޒާ މޭވާ ކައްކާފައި ހުންނަ ތަރުކާރީ ގިނައިން ކެއުމަކީ ފައިދާހުރި ކަމެކެވެ. އެގޮތުން އޮށްޓަރު ހުރި ތަކެތީގެ ތެރެއިން އާފަލް، ފަޅޯ، ދޮންކެޔޮ، ފަދަ މޭވާ އާއި، ފެނު ކައްކާފައި ހުންނަ އަލުވި، ކެރެޓް، ތޮޅި ފަދަ ތަރުކާރީގެ ބާވަތްތަކާއި، ބިސްކޯދު، ޕާން ފަދަ ބާވަތްތައް ވެސް ދެވިދާނެ އެވެ. ތެޔޮ އަދި ހަވާދުލީ ކުޅި ކާތަކެތި ބޭނުންކުރުން ރަގަޅެއް ނޫނެވެ.

ރައްކާތެރިވުން
ވައިރަސްތަކުގެ ސަބަބުން ޖެހޭ ހުން ރޯގާއިން ނުވަތަ ރޯގާ ހުމުން ރައްކާތެރިވުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ ގިނަ ފަހަރު މިފަދަ ބަލިތައް ޖެހެނީ ގިނަބަޔަކަށް އެއްފަހަރާ އެކުއެކީގައި ކަމަށްވާތީ އެވެ. އަދި ރޯގާ ހުމުން ރައްކާތެރިވުން ބަރޯސާވެފައި އޮންނަނީ ވައިރަސްގެ ސަބަބުން ބަލި ފެތުރޭގޮތެއްގެ މައްޗަށެވެ. ވެކްސިން ތައް އުފެއްދި ބޭނުންކުރެވިފައިވީ ނަމަވެސް ރޯގާ ހުން ޖައްސާ ވައިރަސްތަކުގެ ވައްތަރުތަކާއި ބާވަތްތައް ގިނަކަމުން އެފަދަ ވެކްސިންތަކުން މާއެދެވޭ ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބައެއް ކަހަލަ ވައިރަހުން ޖެހޭ ބަލިތަކުން ދިފާޢުވުމަށް ދެވޭ ވެކްސިން ހުރެއެވެ. އެއްފަހަރު ރޯގާ ހުން ޖެހުމަކީ ދެވަނަ ފަހަރު ރޯގާ ހުން ޖެހުމުން މިންޖުކޮށް، ރައްކާތެރިކޮށްދޭނެ ކަމެއް ނޫނެވެ. ގިނަ ރޯގާ ހުން ތަކަކީ އޭގެ ޒާތުގައި އަމިއްލައަށް ފަސޭހަވާ ބަލިތަކަކަށް ވުމާއެކު މިއީ ކަންބޮޑުވާންޖެހޭ ފަދަ ބައްޔެއް ނޫނެވެ. ވައިރަހުގެ ސަބަބުން ޖެހޭ ހުންތަކުން ރައްކާތެރިވުމަށް ނުވަރަ ރޯގާ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:
·         ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން : އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލި ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް ފޮތި ރުމާލަށްވުރެ ރުބޮޑަށް ބޭނުންކުރަން ރަގަޅީ ޓިޝޫ ފަދަ އެއްޗެކެވެ. އެއީ ބޭނުންކޮށް ނިމުމުން ފަސޭހައިން ނައްތާލެވޭނެތީއެވެ.އަދި އެފަދަ އެއްޗެއް ބޭނުންކުރާނީ އެންމެ ފަހަރަކު ކަމަށްވާތީ އެވެ. ރުމާލެއް ޓިޝޫ އެއް އެއްޗެއް ނެތްނަމަ އަތް އަޅައިގެން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ޙާލަތުގައި ވަގުތުން އަތްދޮވެ ސާފުކުރަން ޖެހޭނެއެވެ.

ކެއްސާ ކިނބިހިއަޅާއިރު ބަލީގެ ވައިރަސްތައް ބޭރުވެ ފެތުރިދާތީ ބަލިމީހާ ގޭގައި ބޭއްވުން ރަގަޅުވާނީ ސަލާމަތުން ތިބޭ މީހުންނާއި ވަކިން އަދި ފަސޭހައި ވައިބަދަލުވާނޭ (ވައިލިބޭނޭ) ފަދަ ތަނެއްގައެވެ. ބަލިމީހާ އޮންނަ ތަނުގެ ދޮރުތައް ހުންނަންޖެހޭނީ ހުޅުވާލެވިފައެވެ. ބަލިމީހާ ބޭނުންކުރާ ރުމާ، ސޮނިފޮތި، ތުވާލި، ބެޑްޝީޓް، ރަޖާ ، ފަދަ ތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުމާއި، އަދި އެހެންމީހުން ބަލިމީހުން ބޭނުންކުރާ މިފަދަ ތަކެތި ބޭނުންނުކުރުން މުހިއްމެވެ. ބޮޑަށް ރަގަޅުވާނީ ނޭފަތް ފޮޅުން ފަދަ ކަންކަމަށް ޓިޝޫ ބޭނުންކުރުމަށްފަހު ނައްތައިލުމެވެ.
  • ދެއަތްތިލަދޮވެ ސާފުކޮށް ބެހެއްޓުން: ސައިބޯނި ނުވަތަ އެނޫނަސް އެންޓި ސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން އަތްދޮވެ ހެދުމަކީ އަތުގައި ހަރުލައި ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްތައް ނެތިކޮށްލާނެ ކަމެކެވެ. އަތަށް ފެންކޮޅެއް އަޅައިލުމުން އަތްދޮވެވުނީ ކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން ފެންއަޅައި ސައިބޯނި ލައިގެން އަތްދޮންނަށް ވާނެއެވެ.
  • ލޯ،އަނގަ، ނޭފަތް ފަދަ ތަންތަނަށް އަތްނުލުން: އާންމު ގޮތެއްގައި ތަފާތު ޖަރާސީމްތައް ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމްއާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު، އަތްނުދޮވެ، އެއަތް ނޭފަތް ނުވަތަ ލޯ ނުވަތަ އަނގަޔަށް ލުމުންނެވެ.
  • ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން : ބަލިޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. އެގޮތުން އެފަދަ މީހުންނާއި ސަލާމް ކުރުމާއި، މާގިނައިރު އެކުގައި ވާހަކަ ދައްކަން ހޭދަކުރުމަކީ ވެސް ބަލި ސަލާމަތުން ހުރި މީހާގެ ގަޔަށް ނަގުލުވެދާނެ ކަމެކެވެ. ގައިގޯޅިވެއުޅުން ނުވަތަ ބަލިމީހާގެ ކައިރީގައި އުޅުން ކަމުގައި ބެލެވެނީ ބަލިމީހާ އާއި 6 ފޫޓްގެ ކައިރި އިމެއްގެ ތެރޭގައި ހޭދަކުރާނަމަ އެވެ.
  • ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް މަސައްކަތްކުރަން އޮފީހަށް ދިއުން، ސުކޫލަށްދިއުން، ފަދަ ކަންތައްތައް ދެތިން ދުވަސްވަންދެން ހުއްޓާލެވިދާނެއެވެ. އެހެން ކަމުން މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭރަށް ނުދާށެވެ. ބަލިވެއްޖެނަމަ މަދުވެގެން 7 ދުވަސް ވަންދެން ގޭގައި މަޑުކުރުން ބުއްދިވެރިއެވެ. ސަބަބަކީ މިރޯގާ ގައިން ގަޔަށް އަރަނީ ބަލީގެ އަލާމާތްތައް ފެނުމުގެ އެއްދުވަސް ކުރިން ފެށިގެން އަލާމާތްތައް ފެނުމަށްފަހު އަންނަ 7 ދުވަހުގެ ތެރޭގައި ކަމަށްވާތީ އެވެ.
·         ރައްކާތެރި ގޮތުގައި ކާނާ ބޭނުންކުރުން ނުވަތަ ކާބޯތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރިވުން: ރައްކާތެރި ގޮތުގައި ކާނާ ބޭނުންކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) - ބަދިގެ، ކާގެ، ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަނުގައި ކާތަކެތި ހާމައަށް ނުބެހެއްޓުން: ކާތަކެތި ހާމައަށް ބެހެއްޓުމުން މެހި، ފަދަ ތަކެތި އޭގައި ޖައްސައި ހެދުމުން އެކާތަކެއްޗަށް ތަފާތު ޖަރާސީމް ތައް ނަގުލުވުމުގެ މަގުފަހިވެއެވެ. އަދި ހަމަ މިހެން މީދާ، ކުރަފި، ހޯނު ފަދަ ތަކެތީގައި ދޫލައި ހަދައިފިނަމަ، އެކާތަކެއްޗަށް ތަފާތު ޖަރާސީމް ނަގުލުވުމުގެ މަގުފަހި ވެއެވެ. މާނަ އަކީ ފަސޭހަ ކަމާއެކު ކާތަކެތި ތަފާތު ވައްތަރުގެ ޖަރާސީމް ތަކާއި ތަޣައްޔަރުވުމުގެ މަގުފަހިވުމެވެ.
(ށ) - ކާތަކެތި ރަގަޅަށް ދޮވެގެން ނުވަތަ ކައްކައިގެން ބޭނުންކުރުން: މިގޮތަށް ދޮވުމުން އެފަދަ ކާތަކެތީގެ ބޭރުގައި ހަރުލާފައި ހުންނަ ޖަރާސީމް ނެތިދިއުމަށް އެހީތެރި ވެދެއެވެ. ހަމަމިހެން ކައްކަންޖެހޭ ކާތަކެތި ރަގަޅަށް ކައްކައިގެން ކެއުމުން މިސާލަކަށް މަހުގެ ކުރަޑި، އެއްގަމު މަސް، ސޮސެޖް ފަދަ ތަކެތި ރަގަޅަށް ކައްކައިފިނަމަ އެފަދަ ތަކެތީގައި ހިމެނޭ ޖަރާސީމްތައް މަރުވެދެއެވެ.
ބައެއް ތަރުކާރީ އާއި މޭވާފަދަ ކާނާ ބޭނުން ކުރާއިރު ރަގަޅަށް ދޮވެގެން ނުވަތަ ހޫނު ފެނުން ދޮވެގެން ބޭނުން ކުރާށެވެ. އަނެއްބައި ތަރުކާރީ ފެނުކައްކައިގެން ވަރަށް ރަގަޅަށް ރޯ ފިލުވައިގެން ކާށެވެ. ގެރިމަސް ނުވަތަ ކަނޑުމަސް ވެސް ގިނައިރު ކެއްކުމަށްފަހު ތާޒާކަންމަތީ ހުއްޓާ ކާށެވެ.
(ނ) - ތާޒާ ކާތަކެތި ބޭނުންކުރުން: ކާތަކެތި ގިނައިރު ރައްކާތެރިކަމެއްނެތި ބެހެއްޓުމަކީ އޭގައި ޖަރާސީމް އަށަގަތުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން އެފަދަ ދަރަޖައެއްގައި ހުރި އެއްޗެއް ކައިފިނަމަ ވަރަށް ފަސޭހައިން ޖަރާސީމްގެ ސަބަބުން ޖެހޭ އިންފެކްޝަން އަށް ހުށަހެޅި، ބޭރަށްހިންގުން ކަންތައް ފަދަ ކުރިމަތި ކުރުވައެވެ.
·         ޞިއްޙީ ރަގަޅު އެހެނިހެން އާދަތައް ހިފެހެއްޓުން ނުވަތަ ޞިއްޙީ ރަގަޅު އާދަތަކަށް ހޭނުން: މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން، ކަސްރަތުކުރުން، ނިދިހަމަކުރުން، ހާސްކަމާއި ފިކުރުތަކާއި ދުރުހެލިވުން، ފައިދާހުރި ކާނާ ބޭނުންކުރުން ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންތައްތަކަކީ ތަފާތު ރޯގާތަކުން މީހާ ދުރުކޮށްދޭނޭ ކަންކަމެވެ. އެގޮތުން ފާޚާނާކޮށް ނިމިގެންނާއި، ކެއުމުގެ ކުރިން އަތް ދޮވުމުގެ މުހިއްމުކަމާއި، ކާތަކެއްޗާއި ބޯފެނުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުން ވަރަށް މުހިއްމެވެ. އަދި ތިމާގެ އަމިއްލަ ހަށިގަނޑުގެ ސާފު ތާހިރުކަމަށް ރައްކާތެރިވުމަކީ ވެސް މުހިއްމު ކަމެކެވެ.  
ޢާންމު ސާފުތާހިރު ކަމަށް ރައްކާތެރިވުން : އާންމު ސާފު ތާހިރުކަމަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކުނިބުނި އެކަށޭނަ ގޮތެއްގައި ނައްތާލުން ، އަދި ނަޖިސް އެކަށޭނަ ގޮތެއްގައި ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ. މިސާލަކަށް އަތިރިމައްޗަށް ބޮޑުކަމު ނުދިއުން، ގޯތިތެރެއަށް ވެސް ކުޑަކުދިން ބޮޑުކަމުދިޔަ ނުދިނުން ފަދަ ކަންތައް ކުރެވިދާނެ އެވެ. އެއީ މިފަދަ ކަންކަމަކީ ތަފާތު ބަލިތައް ފެތުރުމަށް އެހީތެރިވެދޭ ކަންކަމަށްވާތީ އެވެ. އަދި ތިމާ ދިރިއުޅޭ ގެޔާއި ގޯތި ގެދޮރަކީ ސާފުކޮށް އަބަދު ވެސް އޮންނަ ތަންތަނަށް ހަދަންވާނެ އެވެ. އަދި މަގުމަތީ ސާފު ތާހިރު ކަމަށް ވެސް ހުރިހާ އެންމެން ރައްކާތެރިވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

No comments:

Post a Comment