އީ ސިގިރޭޓް
އޯ ވޭޕިންގ އެސޯސިއޭޓަޑް ލަންގް އިންޖަރީ (އީވަލި)
އީ ސިގިރޭޓް އޯ ވޭޕިންގ އެސޯސިއޭޓަޑް ލަންގް އިންޖަރީ (E-cigarette or Vaping Associated Lung Injury) ނުވަތަ އީވަލި (EVALI)އަކީ އީ ސިގިރޭޓްގެ ބާވަތްތައް ނޫނީ ވޭޕުގެ އުފެއްދުންތަކުގައި ހުންނަ މާއްދާތަކުގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވާ ނުރައްކާތެރި ޞިއްޙީ ހާލަތެކެވެ (ޔޭލްމެޑިސިން.އޯރގް، 2025). އީ ސިގިރޭޓް އޯ ވޭޕިންގ ޕްރޮޑަކްޓް ޔޫޒް އެސޯސިއޭޓަޑް ލަންގް އިންޖަރީ ފުރަތަމަ ފާހަގަކުރެވުނީ 2019 ވަނަ އަހަރު އެމެރިކާގައެވެ. މިހާލަތަށް ބައެއް ފަހަރު ވޭޕިންގ އެސޯސިއޭޓަޑް ޕަލްމަނަރީ އިންޖަރީ(VAPI) ނުވަތަ ވޭޕިންގ އެސޯސިއޭޓަޑް ލަންގް އިންޖަރީ(VALI) މިހެން ކިޔައި އުޅެއެވެ (ލަންގް.އޯރގް، 2025). 2020 ގެ ފެބުރުއަރީގެ ނިޔަލަށް އީވަލި ގެ 2800 ކޭސް އެމެރިކާގައި ރިޕޯޓްކޮށް، 68 މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއީ ކުއްލިއަކަށް ނޫނީ ކުރުމުއްދަތަކަށް
ކުރިމަތިވާ ނޫނީ ވަގުތީ ގޮތުން ނޭވާލާ ނިޒާމަށް ކުރިމަތިވާ ނުރައްކާތެރި ހާލަތެކެވެ.
އީވަލި ކުރިމަތިވާ މީހުންގެ ތެރެއިން %50 މީހުން އައިސީޔޫގައި އެދުމަތިކޮށްގެން
ފަރުވާ ދޭންޖެހެއެވެ (ލަންގް.އޯރގް، 2025).
ސަބަބު
އީވަލި އާއި ޓެޓްރަހައިޑްރޯކެނަބިނޯލް
އެކުލެވޭ ވޭޕްގެ އުފެއްދުންތަކުގައި ހުންނަ މަޞްނޫޢީ ވިޓަމިން އީ ކަމުގައިވާ
"ވިޓަމިން އީ އެސީޓޭޓް" އާއި ގުޅުން އޮންނަ ކަމަށް ދިރާސާ ވެރިން
ހޯދާފައި ވެއެވެ. ނޭވާލުމުގެ ތެރެއިން ނޫނީ ވޭޕްކުރުމުގެ ތެރެއިން މި ކެމިކަލް
ހަށިގަނޑަށް އެތެރެވުމުން ފުއްޕާމެޔަށް ގެއްލުން ވެއެވެ. އެމެރިކާގެ 16 ސިޓީއަކުން
އީވަލި ހުރި 51 ބަލިމީހުން ބޭނުންކޮށްގެން ކުރި ދިރާސާ އަކުން ފާހަގަވީ އޭގެ
ތެރެއިން 48 މީހެއްގެ ފުއްޕާމެއިން ނެގުނު ދިޔައިގައި ވިޓަމިން އީ އެސިޓޭޓް
ހުރިކަމެވެ. މިއާއި ޚިލާފަށް ދުޅަހެޔޮކޮށް ތިބި މީޙުންގެ ފުއްޕާމެއިން ނެގުނު
ދިޔައިގައި ވިޓަމިން އީ އެސިޓޭޓް ހުރިކަން ފާހަގަ ކުރެވިފައެއް ނުވެއެވެ (ޔޭލްމެޑިސިން.އޯރގް،
2025).
މިދިރާސާތަކާއި އެހެން ދިރާސާތަކަށް
ރިއާޔަތްކޮށް ބެލެވިފައިވަނީ ވިޓަމިން އީ އެސީޓޭޓް އަކީ އީވަލި ކުރިމަތިކުރުވާ
މައިގަނޑު ސަބަބު ކަމުގައެވެ. މީގެ އިތުރުން ވޭޕްގެ އުފެއްދުންތަކުގައި ހުންނަ
އެހެން މާއްދާތަކުގެ ސަބަބުން ވެސް އީވަލި ކުރިމަތިވުމަށް މަގުފަހިވެއެވެ (ޔޭލްމެޑިސިން.އޯރގް،
2025).
މަގުފަހިކުރާ ކަންތައްތައް
އީވަލި ކުރިމަތިވުމަށް މަގުފަހިކުރާ
އަސާސީ ހިރާސް އަކީ ކުރިން ނޫނީ މިހާރު ވެސް އީ ސިގިރޭޓް ބޭނުންކުރުމެވެ. ނޫނީ
ވޭޕްކުރުމެވެ. ޚާއްޞަކޮށް ޓެޓްރަހައިޑްރޯކެނަބިނޯލް އެކުލެވޭ ވޭޕްގެ
އުފެއްދުންތައް ބޭނުންކުރުމާއި މިހާލަތު ކުރިމަތިވުމާއި ގުޅުން އޮންނަކަމަށް
ބެލެވިފައި ވެއެވެ. އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލްގެ ތަފާސް ހިސާބުތައް
ދައްކާގޮތުގައި އީވަލި ކުރިމަތިވެގެން ހަސްފަތާލުގައި އެދުމަތިކުރި މީހުންގެ
ތެރެއިން %80 މީހުން ޓެޓްރަހައިޑްރޯކެނަބިނޯލް އެކުލެވޭ ވޭޕްގެ އުފެއްދުންތައް
ބޭނުންކުރިކަމަށް ރިޕޯޓްކޮށްފައި ވެއެވެ (ޔޭލްމެޑިސިން.އޯރގް،
2025).
އީވަލި ގެ އަލާމާތްތައް
އީވަލިގެ ސަބަބުން އަންނަނިވި
އަލާމާތްތައް ފެނިދާނެއެވެ.
·
ނޭވާކުރުވުން
·
ކެއްސުން
·
މޭގައި ރިހުން
·
ބޭރަށްހިންގުން، މޭނުބައިކުރުން، ހޮޑުލެވުން އަދި
ބަނޑުގައި ރިހުން
·
ވިންދު އަވަސްވުން / މޭތެޅުން
·
ފުންކޮށް އަވަސް އަވަހަށް ނޭވާލުން (ޔޭލްމެޑިސިން.އޯރގް،
2025).
·
ހުންއައުން
·
ބޮލުގައި ރިހުން
·
ބޯއެނބުރުން (ލަންގް.އޯރގް، 2025).
·
ހީކެރުވުން
·
ބަރުދަން ލުއިވުން (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،
2023).
ނުރައްކާތައް
އީވަލި ކުރިމަތިވާ %50 އަށްވުރެ ގިނަ
މީހުން ހޮސްޕިޓަލްގައި އެދުމަތިކުރަންޖެހެއެވެ. އާންމު ގޮތެއްގައި އީވަލި އާއި
ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.
·
އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް
·
ރެސްޕިރޭޓަރީ ފޭލިއަރ
·
ވެންޓިލޭޓަރަށް ލާންޖެހުން
·
މަރުވުން
ދެނެގަތުން
އީވަލި ހުރިކަން ދެނެގަތުން އޮންނަނީ
އުދަނގޫ ކަމަކަށް ވެފައެވެ. ސަބަބަކީ އީވަލީގެ އަލާމާތްތައް ފުއްޕާމެޔަށް
ކުރިމަތިވާ އެހެން އިންފެކްޝަންތައް މިސާލަކަށް ނިއުމޯނިޔާ، އިންފުލުއެންޒާ ފަދަ
އިންފެކްޝަންތަކާއި ގުޅިގެން ކުރިމަތިވާ އަލާމާތްތަކާއި އެއްގޮތްވާތީ އެވެ. އެއް
ޓެސްޓަކުން ހަމައެކަނި އީވަލި ހުރިކަން ދެނެގަނެވޭނެ ޓެސްޓެއް އަދި ނެތެވެ
(ޔޭލްމެޑިސިން.އޯރގް، 2025).
އީވަލި ހުރިކަން ދެނެގަތުމަށް ކުރެވޭ
ފުރަތަމަ ކަމަކީ ބަލިމީހާގެ ކިބައިން މައުލޫމާތުތައް އަހައި އޮޅުން ފިލުވުމެވެ.
އެގޮތުން އީ ސިގިރޭޓް ބޭނުންކުރޭތޯ ނޫނީ ވޭޕްކުރޭތޯ އަހައި އޮޅުން ފިލުވާނެއެވެ.
މީގެ އިތުރުން ޓެޓްރަހައިޑްރޯކެނަބިނޯލް، ނިކޮޓިން ފަދަ މާއްދާތައް ހުންނަ ވޭޕްގެ
އުފެއްދުންތައް ބޭނުންކުރޭތޯ އަހައި ސާފުކުރާނެ އެވެ (ޔޭލްމެޑިސިން.އޯރގް، 2025).
ހަށިގަނޑު ބަލައި ހަދާއިރު ، ކަށިގަނޑު
އަޅައިގެން ފުއްޕާމޭގެ އަޑުތައް އަހައި ހަދާނެއެވެ. ހިތުގެ ވިންދާއި، ލޭގައި
އޮކްސިޖަން ހުރި މިންވަރު އަހައި ބަލައި ހަދާނެއެވެ. މީގެ އިތުރުން ބަލި
ދެނެގަތުމަށް ފުއްޕާމޭގެ އެކްސްރޭ ނެގުން، ނޫނީ ސީޓީ ސްކޭން ހެދުން ފަދަ
ޓެސްޓުތައް ހަދައި ބަލާނެއެވެ. މީގެ އިތުރުން އެހެން ހާލަތްތައް
ދެނެގަތުމަށްޓަކައި ( އެހެން ހާލަތެއް ހުރިކަން ނުވަތަ ނެތްކަން ކަށަވަރުކުރުމަށް)
ލޭގެ ޓެސްޓުތައް ވެސް ހަދަންޖެހިދާނެއެވެ (ޔޭލްމެޑިސިން.އޯރގް، 2025). އަދި
ފުއްޕާމޭ މަސައްކަތްކުރާ ގޮތް ބެލުމަށް ޕަލްމަނަރީ ފަންކްޝަން ޓެސްޓު ވެސް
ހަދައިފާނެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2023).
ފަރުވާ
އީވަލި ހުންނަ ނޫނީ ކުރިމަތިވާ ގިނަ
މީހުންނަށް ފަރުވާ ކުރަންޖެހެނީ ހަސްފަތާލުގައި އެދުމަތިކޮށްގެންނެވެ.
އާންމުކޮށްދެވޭ ފަރުވާގެ ތެރޭގައި އަންނަނިވި ބޭސްތަކާއި ކަންކަން ފަހަރުގައި
ހިމެނިދާނެއެވެ (ޔޭލްމެޑިސިން.އޯރގް، 2025).
·
ކޯޓިކޯސްޓީރޮއިޑް : މިއީ ފުއްޕާމޭގައި
އިންފެކްޝަން އާއި ގުޅިގެން އުފެދޭ ދުޅަ ތިރިކުރުމަށް ދޭ ބޭހެކެވެ
(ޔޭލްމެޑިސިން.އޯރގް، 2025).
·
ސަޕޯޓިވް ކެއަރ : އީވަލި ހުންނަ ބަލި މީހުންނަށް އަބަދު ނޫނީ ކޮންމެ
ދުވަހެއްގެ ގިނަ ވަގުތުތަކެއްގައި އޮކްސިޖަން ނަގަން ޖެހިދާނެއެވެ. އެހެންކަމުން
އޮކްސިޖަން ތެރަޕީ އަކީ އީވަލި ހުންނަ މީހުންނަށް ދީއުޅޭ ފަރުވާ އެކެވެ. މީގެ
އިތުރުން ނުރައްކާތެރި ހާލަތުގައި ވެންޓިލޭޓަރުގެ އެހީތެރިކަން ވެސް
ހޯދަންޖެހިދާނެ އެވެ. ނޫނީ އެކްސްޓްރާކޯޕޮރިއަލް މެންބްރޭން އޮކްސިޖެނޭޝަން މެޝިން
ބޭނުންކުރަން ލަފާދީފާނެ އެވެ (ޔޭލްމެޑިސިން.އޯރގް، 2025).
·
އެންޓިބަޔޮޓިކް : މިއީ އާންމު ގޮތެއްގައި އިންފެކްޝަންގެ އަސަރު
ކުޑަކުރުމަށް ދީއުޅޭ ބޭހެކެވެ (ޔޭލްމެޑިސިން.އޯރގް، 2025).
·
އެންޓިވައިރަލް ބޭސް : އީވަލީގެ އަލާމާތްތައް އިންފުލުއެންޒާ ފަދަ ވައިރަލް
އިންފެކްޝަން އާއި އެއްގޮތްކަމުން އިންފުލުއެންޒާ ފެތުރޭ ދުވަސްވަރު. މާބޮޑަށް
ރޯގާގެ ސަބަބުން ބަލި ހާލަތު ގޯސްވާ މީހުންނަށް ނޫނީ ބަލިވާ މީހުންނަށް ފަހަރުގައި
އެންޓިވައިރަލް ބޭސް ދޭންޖެހިދާނެއެވެ. ނޫނީ ދީއުޅެފާނެއެވެ (ޔޭލްމެޑިސިން.އޯރގް،
2025).
ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
·
https://www.lung.org/lung-health-diseases/lung-disease-lookup/evali
·
https://www.yalemedicine.org/conditions/evali
·
https://my.clevelandclinic.org/health/diseases/24948-evali

No comments:
Post a Comment