Friday, December 22, 2023

ލޭގެ ކެންސަރު – އާންމު ނަޒަރެއް

 

ލޭގެ ކެންސަރު – އާންމު ނަޒަރެއް

ލޭގެ ކެންސަރު(blood cancer)  އަކީ ލޭ، ކަށީގެ މަދު (ލޭގެ ސެލް އުފައްދާ ތަން) އަދި ލިމްފްދައުރުވާ ނިޒާމަށް ޖެހޭ ކެންސަރު ތަކަސް ކިޔާ އާންމު ނަމެވެ. ލޭގެ ކެންސަރުގެ ތެރެއިން ލިޔުކީމިޔާ އަކީ ކަށީގެ މަދަށްޖެހޭ ކެންސަރު އެވެ. ލޭގެ ހުދު ސެލް، ލޭގެ ރަތް ސެލް އަދި ޕްލޭޓްލެޓްސް އުފައްދަނީ ކަށީގެ މަދުންނެވެ. ލެޔަށްޖެހޭ ކެންސަރަށް ޢާންމުކޮށް ކިޔައި އުޅެނީ ލިޔުކީމިޔާ އެވެ. މިލަފުޒުގެ މާނައަކީ ހުދުކުލައިގެ ލެޔެވެ. ލިޔުކީމިޔާ އަކީ ލޭ އުފައްދާ ސެލްތަކަށް ޖެހޭ ކެންސަރެވެ. ލިޔުކީމިޔާގައި ކަށީގެ މަދުން އާދަޔާ ޚިލާފަށް ގިނައިން ލޭގެ ހުދު ސެލްތައް އުފައްދައެވެ. އަދި ލޭގެ ރަތްސެލް ތަކާއި، ޕްލޭޓްލިޓް، ހުދުސެލްތައް އަދި ޕްލޭޓްލިޓް ސެލްތަކަށްވުރެ ގިނައިން މިފަދަ އުނި ސެލްތައް އުފެދި، އިތުރުވެއެވެ. މިކަމުގެ ސަބަބުން ލޭގެ އަސްލު މަސައްކަތަށް ހުރަސް އަޅައެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހިދާނެ ކެންސަރެކެވެ.

ލޭގެ ކެންސަރު ޖެހިއްޖެނަމަ ކަށީގެ މަދުން އުފައްދާ ލޭގެ ސެލްތައް އުފެއްދުން މަދުވެގެން ދެއެވެ. ލޭގެ ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން ލިޔުކީމިޔާ ޖެހިއްޖެނަމަ ވަރަށް އަވަހަށް ބަލީގެ އަސަރުތައް ހަށިގަނޑުގެ ތެރޭގައި ބޮޑުވެގެން ދެއެވެ. މިބަލީގައި މީހުން މަރުވެގެންދަނީ ލޭމަދުވެގެން ނުވަތަ ލޭއައުން ކޮންޓްރޯލް ނުކުރެވިގެންނެވެ. ނުވަތަ ތަކުރާރުކޮށް އެކިއެކި ބަލިބަލީގެ ޖަރާސީމް ހަށިގަނޑަށް ހަމަލާދީގެންނެވެ.


ލިޔުކީމިޔާ ޖެހިއްޖެނަމަ ބައެއް ފަހަރު ބަލީގެ މުއްދަތު ވަރަށް ކުރުވެ، މަރާ ކުރިމަތިލާން ޖެހެއެވެ. އަދި އަނެއްބައި ފަހަރު އެކަށީގެންވާ ދިގުމުއްދަތެއް ބަލީގައި ހޭދަކުރަން ޖެހެއެވެ. ބަލީގެ މުއްދަތުގެ ދިގުކުރުމިން ބިނާވެފައި އޮންނަނީ ބަލީގެ ސީރިއަސްކަން ހުރި ނިސްބަތެއްގެ މައްޗަށާއި، ބަލިޖެހިފައިވާ ލޭގެ ހުދު ސެލްގެ ބާވަތުގެ މައްޗަށެވެ. ލޭގެ ތެރޭގައި ހިމެނޭ ލޭގެ ހުދު ސެލް ހަރަކާތްތެރިވަނީ ބަލިބަލިން ހަށިގަނޑު ދިފާޢުކޮށް ދިނުމުގައެވެ. ލޭގެ ހުދު ސެލްގެ ވަރަށް ގިނަ ބާވަތްތައް ލޭގެތެރޭގައި ހިމެނެއެވެ. ލެޔަށް ޖެހިފައިވާ ކެންސަރު ބަހާލެވިފައިވަނީ މައިގަނޑު 2 ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އެކިއުޓް ލިޔުކީމިޔާ އެވެ. މިބާވަތުގެ ކެންސަރު ޖެހިއްޖެނަމަ ބަލިޖެހޭތާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބަލީގެ އަސަރުތައް ބޮޑުވެ، މީހާގެ ހާލު ދެރަވެ، ފުރާނަޔަށް ނުރައްކާވާގޮތް ވެއެވެ. ދެވަނަ ބަޔަކީ ކްރޮނިކް ލިޔުކީމިޔާ އެވެ. މިބާވަތުގެ ކެންސަރު ޖެހިއްޖެނަމަ ފުރާނަޔަށް ނުރައްކާވާގޮތް ވަނީ ވަރަށް ގިނަ ދުވަހުންނެވެ.

ކުޑަކުދިންނަށް ގިނައިން ޖެހޭ ލިޔުކީމިޔާއަށް ކިޔަނީ އެކިއުޓް ލިމްފޯބްލާސްޓިކް ލިޔުކީމިޔާ އެވެ. މިއީ ލޭގެ ހުދު ސެލްގެ ތެރޭގައި ހިމެނޭ ލިމްފޮސައިޓް އަށް ޖެހޭ ކެންސަރެކެވެ. ކުޑަކުދިންނަށް ޖެހޭ ކެންސަރުގެ 3/1 އަކީ މިބާވަތުގެ ކެންސަރެވެ. މިއީ އުމުރުން 7-2 އަހަރާއި ދެމެދުގެ ކުދީންނަށްޖެހޭ ކެންސަރުގެ ބާވަތެކެވެ. އުމުރުން 15 ވުމަށްފަހު މިބާވަތުގެ ކެންސަރު ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. ބޮޑެތި މީހުންނަށް ޖެހޭ ލޭގެ ކެންސަރުގެ އެންމެ އާންމު ވައްތަރަކީ ލޭގެ ހުދު ސެލްތަކުގެ ތެރޭގައި ހިމެނޭ މައިލޮއިޑް ސެލްއަށްޖެހޭ ކެންސަރުއެވެ. މިބާވަތުގެ ކެންސަރު ޖެހުމަށް ކިޔަނީ އެކިއުޓް މައިލޯޖިނަސް ލިޔުކީމިޔާ އެވެ.

 

ލޭގެ ކެންސަރަށް ޖެހެން މެދުވެރިވާ ސަބަބުތައް

ލޭގެ ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބެލެވިފައިވާގޮތުގައި ލޭގެ ކެންސަރު ޖެހެނީ ވާރުތީ ސަބަބު ތަކާއި، މާހައުލީ ސަބަބުތައް އެކުވެގެންނެވެ.

އެގޮތުން ލޭގެ ކެންސަރު ޖެހޭ ސަބަބެއް ކަމަށް ބެލެވެނީ ލޭގެ ސެލްތަކުގެ ވާރުތީ ސާމާރު ނުވަތަ ޑީއެންއޭ އަށް ބަދަލު އައުމެވެ. ސެލްގެ ޑީއެންއޭ އަކީ އަމަލުކުރަންވީ ލަފާތައް ހިމެނޭ ބައެވެ. އާންމުގޮތެއްގައި ސެލް އެއް ހެދިބޮޑުވާ މިންވަރާއި، ވަގުތު އަދި މަރުވާނެ ވަގުތު ކަނޑައަޅަނީ އެސެލް ގައި ހިމެނޭ ޑީއެންއޭ އިންނެވެ. ލިޔުކީމިޔާގައި ޑީއެންއޭ އަށް އަންނަ ބަދަލުގެ ސަބަބުން ޑީއެންއޭ އިން ލޭގެ ކެންސަރު ޖެހޭ ސެލްތަކަށް ހުއްޓުމެއްނެތި، ހެދިބޮޑުވެ، ސެލްތައް ބައިބައިވުން ކުރިޔަށް ގެންދިއުމަށް ލަފާދެއެވެ. ނޫނީ އަމުރު ދެއެވެ. މިގޮތަށް އަމުރު ލިބުމުން ލޭގެ ސެލްތައް ކޮންޓްރޯލެއް ނޫނީ ހައްދެއް އިމެއް ނެތި އުފެދި ހެދިބޮޑުވާން ފަށައެވެ. ދުވަސްތަކެއް ފަހުން މިގޮތަށް ހެދިބޮޑުވާ ސެލްގެ މިންވަރު ގިނަވެ، ލޭގައި ދުޅަހެޔޮ ސެލްތައް ( ލޭގެ ހެދުސެލް، ލޭގެ ރަތްސެލް، ލޭގެ ޕްލޭޓްލިޓްތައް) މަދުވެ، ލިޔުކީމިޔާގެ އަލާމާތްތައް ފެންނަށް ފަށައެވެ.

ލޭގެ ކެންސަރުގެ ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަންތައްތައް

ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ލިޔުކީމިޔާ އުފެދުމާއި ގުޅުންހުރިކަމަށް ބެލެވޭ ކަންތައްތަކެއްވަނީ ފާހަގަ ކުރެވިފައެވެ. އޭގެ ތެރޭގައި:-

·         އުމުރު : އާންމުގޮތެއްގައި ލިޔުކީމިޔާ ޖެހެނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް ކުޑަކުދިންނާއި ޒުވާނުންނަށް ވެސް ޖެހިދާނެއެވެ.

·         ޢާއިލާގެ ތެރޭގައި ބަލި ދައުރުވަމުން އައުން : އާއިލާގެ މެންބަރަކަށް ކުރިން ލޭގެ ކެންސަރު ޖެހިފައިވުމަކީ ވެސް އެއާއިލާގެ މެންބަރުންނަށް ފަހުން ކެންސަރު ޖެހުމުގެ ހިރާސް އިތުރުވެދާނެ ކަމެކެވެ.

  • ކުރިން ކެންސަރުގެ ފަރުވާއެއް ހޯދާފައިވުން : ކުރިން ކީމޯތެރަޕީ ނަގާފައިވުން ނުވަތަ ދިގުމުއްދަތަކަށް ކެންސަރުގެ ބޭސް ބޭނުންކުރަންޖެހުން ނުވަތަ ކުރިން ރޭޑިއޭޝަންގެ ފަރުވާ ނެގުމަކީ ލޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކޮށްދާނެ ކަމެކެވެ

·         ވިރާސީ ބަހާ އަށް ނޫނީ ކްރޯމޯސޯމް އަންނަ ބަދަލެއްގެ ސަބަބުން އުފެދުމުގައި ކުރިމަތިވާ ބައްޔެއް ހުރުން : މިސާލަކަށް ޑައުން ސިންޑްރޯމް ފަދަ ބައްޔެއް ހުރުމަކީ ލޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

  • ރޭޑިއޭޝަން ދިނުން : އެކްސްރޭ ނަގާއިރު ފޮނުވައިދޭ ރޭޑިއޭޝަންގެ ބާވަތްތަކާއި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާންގެ ހީރޯޝީމާ އަދި ނަގަސާކީ އަށް އެޅި ބޮމުން އުފައްދައި ދިންފަދަ، ރޭޑިޔޯއެކްޓިވް މާއްދާތައް މީގެ ތެރޭގައި ހިމެނެއެވެ.
  • ބައެއް ކަހަލަ ކެމިކަލްތަކަށް ހުށަހެޅުން : މިސާލަކަށް ސިނާޢީ މަސައްކަތުގައި ބޭނުންކުރާ ބެންޒިން ކިޔާ ކެމިކަލް އަށް ހުށަހެޅުމަކީ ލޭގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
  • ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ލޭގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
  • އިންސާނުންގެ ޓީސެލް ލިޔުކީމިޔާ ޖައްސާ ވައިރަސް ވާޞިލްވެފައިވުން : ޓީ ސެލް ފެތުރެނީ މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ އިންޖެކްޝަނާއި، ލޭއެޅުމުގެ ތެރެއިން، ޖިންސީ ގުޅުން ހިންގުމުންނާއި، މައިމީހާ ގާތުން ދަރިފުޅަށް ކިރު ދިނުމުންނާއި، އަދި މާބަނޑު ދުވަސްވަރު މައިމީހާގެ ހަށިގަނޑުން ބަނޑުގައިވާ ދަރިފުޅަށެވެ.
  • ބައެއް ކަހަލަ ލޭގެ ޑިސްއޯޑަރ އެއްހުރުން : މިސާލަކަށް މައިއެލޯޑިސްޕްލާސްޓިކް ސިންޑްރޯމް ކުރިމަތިވެފައިވުން ފަދަ ކަންކަމަކީ ލޭގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަންކަމެވެ.  

 

ލޭގެ ކެންސަރުގެ ވައްތަރުތައް

ލޭގެ ކެންސަރުގެ މައިގަނޑު 3 ވައްތަރުވެއެވެ. އެއީ

(ހ) ލިޔުކީމިޔާ (leukemia): މިއީ ކަށީގެ މަދަށްޖެހޭ ކެންސަރެވެ. އާންމު ގޮތެއްގައި ކުރިމަތިވަނީ ކުއްލިއަށް ހުއްޓުމެއްނެތި، އާދަޔާ ޚިލާފަށް ގިނައިން ލޭގެ ހުދުސެލް ތައް އުފައްދަން ފެށުމުންނެވެ. ނުރަގަނޅު ލޭގެ ހުދުސެލް ތައް ގިނަވުމުން، ލޭގެ ހުދު ސެލްތަކުން އިންފެކްޝަންއާއި ދެކޮޅަށް މަސައްކަތްކުރުން ހުއްޓި، ލޭގެ ރަތްސެލް ތައް އަދި ޕްލޭޓްލިޓް ތައް އުފެއްދުން ދަށްކުރުވައެވެ. (ނޯޓް: ލިޔުކީމިޔާ އަށް ޚާއްޞަ މަޒުމޫނެއް މިބްލޮގްގައި ހިމެނިފައިވާނެއެވެ.)

(ށ) ލިމްފޯމާ (lymphoma): މިއީ ލިމްފެޓިކް ސިސްޓަމްގެ ބައިތަކަށް ޖެހޭ ކެންސަރެވެ. ނުވަތަ ލޭގެ ހުދު ސެލްގެ ވައްތަރެއް ކަމުގައިވާ ލިމްފަސައިޓް ސެލްތަކަށް ޖެހޭ ކެންސަރެވެ. ލޭގެ ސެލްތަކުގެ ތެރެއިން މިކެންސަރުގައި އަސަރުކުރަނީ ލޭގެ ހުދުސެލްގެ ވައްތަރެއް ކަމުގައިވާ ލިމްފަސައިޓް އަށެވެ. ލިމްފަސައިޓް އަކީ އިންފެކްޝަން އާއި ދެކޮޅަށް މަސައްކަތްކުރާ ސެލްތަކެކެވެ. ޣައިރު ތަބީޢީ ލިމްފަސައިޓް ތައް ލިމްފޯމާ ސެލްތަކަށް ނޫނީ ލިމްފޮއިޑް ސެލްތަކަށް ބަދަލުވެ، ބައިބައިވެ، ގިނަވެ، ލިމްފް ގޮށްތަކާއި ލިމްފެޓިކް ނިޒާމުގެ ބައިތަކުގައި ހަރުލައެވެ. އޭގެ ސަބަބުން ދިފާޢީ ނިޒާމުގެ މަސައްކަތަށް ބުރޫއަރައެވެ. (ނޯޓް: ލިމްފޯމާ އަށް ޚާއްޞަ މަޒުމޫނެއް މިބްލޮގްގައި ހިމެނިފައިވާނެއެވެ.)

 

(ނ) މައިއެލޯމާ (myeloma): މައިއެލޯމާ އަކީ ލޭގެ ހުދު ސެލްގެ ވައްތަރެއް ކަމުގައިވާ ޕްލާޒްމާ ސެލް ތަކަށް ޖެހޭ ކެންސަރެވެ. ޕްލާޒްމާ ސެލް ތަކަކީ އިންފެކްޝަން އާއި ދެކޮޅަށް މަސައްކަތްކުރާ ހަށިދަމަނަތައް އުފައްދާ ލޭގެ ހުދުސެލްގެ ވައްތަރެކެވެ. މައިއެލޯމާ ޖެހުމުން މިގޮތަށް ހަށިދަމަނަތައް އުފެއްދުން ހުއްޓުވައި ހަށިގަނޑުގެ ދިފާޢީ ބާރުގެ މަސައްކަތް ހުއްޓުވުމަކަށް ގެނެއެވެ. މައިއެލޯމާގެ ވައްތަރު ތަކުގެ ތެރޭގައި މަލްޓިޕްލް މައިއެލޯމާ(multiple myeloma) ، ޕްލާޒްމާސައިޓޯމާ(plasmacytoma)  އަދި އަމައިލޮއިޑޯސިސް(Amyloidosis)  ހިމެނެއެވެ (ނޯޓް: މައިއެލޯމާ އަށް ޚާއްޞަ މަޒުމޫނެއް މިބްލޮގްގައި ހިމެނިފައިވާނެއެވެ.)  

 

މީގެ އިތުރުން ވެސް ބައެއް ވައްތަރުތައް ހުރެއެވެ. އޭގެ ތެރޭގައި އަންނަނިވި ވައްތަރުތައް ހިމެނެއެވެ.

(ރ) މައިއެލޯޑިސްޕްލާސްޓިކް ސިންޑްރޯމް (myelodysplastic syndrome): މިއީ ކަށީގެ މަދުގައި ހުންނަ ލޭ އުފައްދައިދޭ ސެލްތަކަށް ގެއްލުންވުމުން ކުރިމަތިވާ ވަރަށް ނާދިރު ހާލަތެކެވެ.  

(ބ) މައިއެލޯޕްރޮލިފެރޭޓިވް ނިއޯޕްލާޒަމް (myeloproliferative neoplasm): މިއީ ހަށިގަނޑުން އާދަޔާ ޚިލާފަށް ގިނައިން ލޭގެ ހުދުސެލް ތައް ލޭގެ ރަތްސެލް ތައް އަދި ޕްލޭޓްލިޓް ތައް އުފެއްދުމުން ކުރިމަތިވާ ލޭގެ ކެންސަރުގެ ވައްތަރެކެވެ. މިއި ވަރަށް މަދުން ދިމާވާ ވައްތަރެކެވެ. މައިއެލޯޕްރޮލިފެރޭޓިވްގެ މައިގަނޑު 3 ވައްތަރަކީ އެސެންޝަލް ތްރޮމްބޯސައިޓޯތީމިއާ(essential thrombocythemia) ، މައިއެލޯފައިބްރޯސިސް(myelofibrosis) އަދި ޕޮލިސައިތީމިއާ ވީރާ(polycythemia vera)  އެވެ.

 

ލިޔުކީމިޔާ ބަހާލެވިފައިވާގޮތް

ލިޔުކީމިޔާ މައިގަނޑު 2 ބަޔަކަށް ބެހިފައިވާ ބައްޔެކެވެ. ކުރިޔަށްދާ ހަލުވިކަމަށް ބަލައި ބަހާލެވޭ ގޮތާއި، ސެލްގެ ވައްތަރަށް ބަލައި ބަހާލެވޭ ގޮތެވެ.ކުރިޔަށްދާ ހަލުވިކަމަށް ބަލައި ބަހާލެވެނީ އެކިޔުޓް ލިޔުކީމިޔާ އަދި ކްރޯނިކް ލިޔުކީމިޔާއަށެވެ. އެހެން ކަމުން މިއީ އެކިޔުޓް (ވަގުތީ) ނުވަތަ ކްރޯނިކް (ދާއިމީ) ބައްޔަކަށް ވެސް ވެދާނެ އެވެ.

(ހ) އެކިއުޓް ލިޔުކީމިޔާ: އެކިއުޓް ލިޔުކީމިޔާ އަކީ ބަލިޖެހޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލިމީހާގެ ހާލަތު ފުރާނަޔަށް ނުރައްކާވާ ހިސާބަށް ގެންގޮސްދޭ ކެންސަރުގެ ބާވަތެކެވެ. އެކިޔުޓް ލިޔުކީމިޔާ އުފެދެނީ އުފެދެމުން ނުވަތަ ބޮޑެތި ވަމުން އަންނަ ސެލްތަކުންނެވެ. ނޫނީ ފުރިހަމަނުވާ އިމެޗުއަރ ސެލްތަކުންނެވެ. މިފަދަ ސެލްތައް ނުވަތަ ބްލާސްޓް ތައް އަބަދުވެސް ގިނަގިނައިން ބައިބައިވެއެވެ. އެކިޔުޓް ލިޔުކީމިޔާގެ ސެލްތަކަކީ އެފަދަ އެހެން ސެލްތަކާ އެއްގޮތަށް ބައިބައިވުން ހުއްޓޭ ސެލްތަކެއް ނޫނެވެ. މިބާވަތުގެ ކެންސަރު ނުވަތަ އެކިޔުޓް ލިޔުކީމިޔާ ދެނެގަތުމަށް ލޭގެ ޓެސްޓް، ކަށީގެ ޓެސްޓް، އަދި އެކްސްރޭ ނަގައިގެން ބަލައެވެ.

(ށ) ކްރޮނިކް ލިޔުކީމިޔާ : ކްރޮނިކް ލިޔުކީމިޔާގައި ފުރާނަޔަށް ގެއްލުންވާ ހިސާބަށް ނުގޮސް ގިނަ ދުވަސްތަކެއް ހޭދަވެގެން ހިގައިދާނެއެވެ. ކްރޮނިކް ލިޔުކީމިޔާ ދެބަޔަކަށް ބަހާލެވެއެވެ. އެއީ ކްރޮނިކް ލިމްފޮސައިޓް ލިޔުކީމިޔާ އަދި ކްރޮނިކް މައިލޮއިޑް ލިޔުކީމިޔާ އެވެ. ކްރޯނިކް ލިޔުކީމިޔާގައި ލިޔުކީމިޔާގެ ސެލްތައް އުފެދެނީ ފުރިހަމަވެފައިވާ އާދަޔާ ޚިލާފު ނުވަތަ އުނި ސެލްތަކުންނެވެ. ކްރޯނިކް ލިޔުކީމިޔާ 2 ބަޔަކަށް ބެހެއެވެ. އެއީ މައިލެޖިނަސް އަދި ލިމްފޮސައިޓިކް ލިޔުކީމިޔާއެވެ.

 

ސެލްގެ ވައްތަރަށް ބަލައި ލިޔުކީމިޔާ ބަހާލެވެނީ ލިމްފަސައިޓިކް ލިޔުކީމިޔާ އަދި މައެލޯޖިނަސް ލިޔުކީމިޔާއެވެ.

(ހ) މައިލެޖިނަސް ލިޔުކީމިޔާ : މައިލެޖިނަސް ލިޔުކީމިޔާ އުފެދެނީ މައިލޮއިޑް ސެލްތަކުންނެވެ. މައިއެލޮއިޑް ސެލްތަކުން ލޭގެ ހުދުސެލްތައް ރަތްސެލްތައް އަދި ޕްލޭޓްލިޓް ސެލްތައް އުފައްދައެވެ. މިވައްތަރުގައި އެކިޔުޓް މައިލެޖިނަސް ލިޔުކީމިޔާ އަދި ކްރޯނިކް މައިލެޖިނަސް ލިޔުކީމިޔާ ވެސް ހުރެދާނެ އެވެ. މައިލެޖިނަސް ލިޔުކީމިޔާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.

(ށ) ލިމްފޮސައިޓިކް ލިޔުކީމިޔާ : ލިމްފޮސައިޓިކް ލިޔުކީމިޔާ އުފެދެނީ ކަށީގެ މަދުގައި ލިމްފޮބްލާސްޓް ނުވަތަ ލިމްފޮސައިޓް ސެލްތަކުންނެވެ. މިއީ ވެސް އެކިޔުޓް ނުވަތަ ކްރޯނިކް ބައްޔަކަށް ވެދާނެއެވެ. އެއީ އެކިޔުޓް ލިމްފޮސައިޓިކް ލިޔުކީމިޔާ އަދި ކްރޯނިކް ލިމްފޮސައިޓިކް ލިޔުކީމިޔާ އެވެ. ލިމްފޮސައިޓިކް ލިޔުކީމިޔާގެ ވެސް ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.

 

ލިޔުކީމިޔާގެ ވައްތަރުތައް

ލިޔުކީމިޔާ މައިގަނޑު 4 ވައްތަރެއް ވެއެވެ.

(ހ) އެކިޔުޓް މައިއެލޯޖިނަސް ލިޔުކީމިޔާ : ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް ޖެހޭ ލޭގެ އާންމު ކެންސަރެކެވެ. އެންމެ އާންމުކޮށް ޖެހެނީ ބޮޑެތި މީހުންނަށެވެ.

(ށ) ކްރޯނިކް މައިއެލޯޖިނަސް ލިޔުކީމިޔާ : އާންމުކޮށް މިވައްތަރު ޖެހެނީ ބޮޑެތި މީހުންނަށެވެ. އަލާމާތްތައް ނުފެނި އެތައް އަހަރެއް ވެސް ވެދާނެއެވެ. އެހެން ހުރެފައި ކުއްލިއަކަށް އަލާމާތްތައް ފެންނަށް ފަށައިފާނެއެވެ.

(ނ) އެކިޔުޓް ލިމްފަސައިޓިކް ލިޔުކީމިޔާ : ކުޑަކުދިންގެ މެދުގައި އެންމެ އާންމު ވައްތަރަކީ މިއީ އެވެ. ބޮޑެތި މީހުންނަށް ވެސް ޖެހިދާނެއެވެ.

(ރ) ކްރޯނިކް ލިމްފަސައިޓިކް ލިޔުކީމިޔާ: ދިގުމުއްދަތަކަށް ދެމިހުންނަ، ބޮޑެތި މީހުންނަށް ޖެހޭ އެންމެ އާންމު ލޭގެ ކެންސަރެވެ. ފަރުވާއަކާ ނުލައި އަހަރު ތަކެއް ވެސް އުދަނގުލެއް ނެތި އުޅެވިދާނެއެވެ.

ލޭގެ ކެންސަރުގެ އަލާމާތްތައް

ލޭގެ ކެންސަރުގެ އާންމު އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ބަރުދަން ލުއިވުން

·         ހަށިގަނޑުގެ އެކި ހިސާބުތަކުން އެހެން ހުރެލާފައި ލޭއައުން ނޫނީ ހަމުގައި ކުދިކުދި ރަތް ތިކިތަކެއް ހުރުން

·         ހަށިގަނޑުގައި ކުދިކުދި ދުޅަތަކެއް އުފެދުން ނޫނީ ހަށިގަނޑުން ލަމްޕް ތަކެއް ނެގުން

·         ނޭވާކުރުވުން

·         އާދަޔާ ޚިލާފަށް ދާހިއްލުން (ޚާއްޞަކޮށް ރޭގަނޑު)

·         ހުންއައުން

·         އަވަސް އަވަހަށް ގާތްގާތުގައި އިންފެކްޝަންޖެހުން

·         ގައިހިރުވުން ނުވަތަ ކެހުން

·         ކަށިތަކުގައި ރިހުން ، ހުޅުތަކުގައި ރިހުން، ބަނޑުގައި ރިހުން

·         ވަރުބަލިވުން ނޫނީ އަބަދު ވަރުބަލިވެފައިހުރުން

·         ކަސްރަތުކުރުމުން ވަރުބަލިވެ އެކަން ނުކުރެވޭވަރުވުން

·         ލޭމަދުވުން

·         ބޮލުގައި ރިހުން

·         ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލުން

·         ހުންކޮށި، ފުރަމޭ ފަދަ ގުނަވަންތައް ބޮޑުވުން

 

ދެނެގަތުން

·         ޖިސްމާނީގޮތުން ހަށިގަނޑު ބެލުން : ލަމްޕްސް ފަދަ ތަކެތި ނަގާފައިވޭތޯ ބެލުން / ހަންގަނޑު ދޮންފޫޑުވެ، އެނީމިޔާ ހުރިތޯ ބެލުން / ލިމްފް ގޮށްތައް ދުޅަވެ ގޮށްލާފައިވޭތޯ ބެލުން

·         ލޭގެ ޓެސްޓުކުރުން : މިސާލަކަށް ޕެރިފެރަލް ބްލަޑް ސްމިއަރ ހެދުން : ލޭގެ ހުދުސެލްތަކުގެ ފެންވަރު، މިންވަރު ވައްތަރު ބެލުމަށް ހެދޭ ޓެސްޓުތައް ހެދުމެވެ. ލޭގައި ލޭގެ ހުދުސެލްތައް، ލޭގެ ރަތްސެލްތައް އަދި ޕްލޭޓްލިޓް ހުރިގޮތް ބެލޭނެއެވެ. އެ ސެލްތަކުގައި އާދަޔާ ޚިލާފު ކަމެއް ހުރިނަމަ އެކަން ފާހަގަކުރެވޭނެ އެވެ.

·         ސައިޓޯޖީނިކް އެނަލިސިސް : ލިމްފޯސައިޓްސްގެ ކްރޯމޯސޯމް ތަކަށް ބަދަލުއައިސްފައިވޭތޯ ބެލުން

·         ބަޔޮޕްސީ ހެދުން : ބްލަޑް ބަޔޮޕްސީ އަދި ބޯންމެރޯ ބަޔޮޕްސީ ހެދުން : ބޯންމެރޯ ބަޔޮޕްސީ އަކީ ކަށީގެ މަދު ނަގައިގެން ޓެސްޓޫ ކުރުމެވެ. އާންމު ގޮތެއްގައި މިސާމްޕަލް ނަގަނީ އުކުޅުވަޅު ކަށިގަނޑުގެ ކަށީގެ މަދުންނެވެ. 

·         ލަމްބަރ ޕަންކޗަރ ހެދުން : މައިބަދައިން ފެން ނަގައިގެން ތަހުލީލުކުރުން

·         އިމޭޖިންގ ޓެސްޓުތައް ހެދުން : އެކްސްރޭ ނެގުން، ސްކޭންކުރުން، ސީޓީ އެމްއާރުއައި އަދި ޕެޓް ސްކޭން ފަދަ ޓެސްޓުތައް ހަދައިފާނެއެވެ. މިއީ ގޮށްލުން، ހުންކޮށި، ފުރަމޭ ފަދަ ގުނަވަންތައް ބޮޑުވުން ، އެހެން ހިސާބުތަކަށް ކެންސަރުގެ އަސަރު ފެތުރުން ދެނެގަތުމަށް ބޭނުންކުރެވިދާނެ ޓެސްޓު ތަކެކެވެ.

 

ފަރުވާ

ލޭގެ ކެންސަރުގެ ފަރުވާ ވަރަށް ގިނަ ކަންކަމަށް ބަރޯސާ ވެއެވެ. އެގޮތުން ރިއާޔަތްކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ބަލިމީހާގެ އުމުރު

·         ބަލިމީހާގެ އާންމު ދުޅަހެޔޮކަން

·         ކުރިމަތިވެފައިވާ ލިޔުކީމިޔާގެ ވައްތަރު

·         ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިފައިވުން

އާންމުކޮށްދޭ ފަރުވާ ތައް ތިރީގައި މިވަނީ އެވެ.

(ހ) ކީމޯތެރަޕީ : އާންމުކޮށް ލޭގެ ކެންސަރަށް ދޭ މައި ފަރުވާ އަކީ ކީމޯތެރަޕީ އެވެ. ބޭހުގެ ގޮތުގައި ދޭ މިފަރުވާ އިން ކެންސަރުގެ ސެލްތައް މަރާލަނީ ކެމިކަލް އެއް ބޭހުގެ ގޮތުގައި ބޭނުންކޮށްގެންނެވެ. ލިޔުކީމިޔާގެ ވައްތަރަށް ބަލައި، ކީމޯތެރަޕީ އެންމެ ބޭހެއް ނޫނީ ދެބޭހެއް އެއްކޮށް، ދޭންޖެހިދާނެ އެވެ. މިބޭސްތައް ހުންނަނީ ގުޅަ ބޭހުގެ ގޮތުގައެވެ. ނޫނީ އިންޖެކްޝަންގެ ސިފައިގައި ވެސް ދޭންޖެހިދާނެއެވެ.

 

(ށ) ރޭޑިޔޯތެރަޕީ : މިއީ ރޭޑިއޭޝަންގެ ފަރުވާއެވެ. މިފަރުވާގައި ކެންސަރުގެ ސެލްތަކަށް ގެއްލުންދީ ހަލާކުކޮށް، ސެލްތައް ހެދިބޮޑުވުން ހުއްޓުވުމަށް ބޭނުންކުރަނީ މަތީ-ހަކަތައިގެ ދޯދިތައް ނުވަތަ އެކްސްރޭ އެވެ. މިފަރުވާ ދިނުމަށް މޭޒެއްގެ މަތީގައި ބަލިމީހާ ބޭއްވުމަށްފަހު ހަށިގަނޑުން ރޭޑިޔޯތެރަޕީ ދޭ ވަކި ހިސާބަކަށް ފަރުވާ ފޯރުކޮށްދެވެއެވެ. އެގޮތުން ވަކި ހިސާބަކަށް ވެސް (ކެންސަރުގެ ސެލްތައް ގިނައިން ހުރި ދިމާލަކަށް ނޫނީ ހިސާބެއް އެނގޭނަމަ އެހިސާބަކަށް) ނޫނީ މުޅި ހަށިގަނޑަށް ވެސް ރޭޑިޔޯތެރަޕީ ދީފާނެއެވެ. ބައެއް ފަހަރު ކަށީގެ މަދު ބަދަލުކުރުމަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ވެސް ރޭޑިޔޯތެރަޕީގެ ދީފާނެއެވެ.

 

(ނ) ކަށީގެ މަދު ބަދަލުކުރުން :  ކަށީގެ މަދު ބަދަލުކުރުމަކީ ވެސް ލޭގެ ކެންސަރުގެ ފަރުވާގައި ކުރެވޭ ކަމެކެވެ. ކަށީގެ މަދު ބަދަލުކުރުމަށް ސްޓެމް ސެލް ޓްރާންސްޕްލާންޓް ވެސް ކިޔައި އުޅެއެވެ. މިއީ ކަށީގެ މަދުގައި ހުރި ސެލްތައް ނަގައި، އޭގެ ބަދަލުގައި ދުޅަހެޔޮ ސްޓެމް ސެލްތަކެއް ފޮނުވައިގެން އޭގެ އާސެލްތައް ނުވަތަ މުޅިން އައު ކަށީގެ މަދު (ލިޔުކީމިޔާގެ ސެލްތައް ނެތް) ކަށީގައި އަށަގަންނުވައި، އުފެއްދުމަށް ކުރެވޭ ކަމެކެވެ. އާންމު ގޮތެއްގައި ކަށީގެ މަދު ބަދަލުކުރުމުގެ ކުރިން މަތީ މިންވަރަކަށް ކީމޯތެރަޕީ ނޫނީ ރޭޑިޔޯ ތެރަޕީ ދީއުޅެއެވެ. މީގެ ބޭނުމަކީ ލިޔުކީމިޔާގެ ސެލްތައް އުފައްދާ ކަށީގެ މަދު ހަލާކުކޮށް ނައްތާލުމެވެ. އޭގެ ފަހުން ލޭގެ އާސެލްތައް އުފައްދާ އާ ސްޓެމް ސެލްތަކެއް ކަށީގެ މަދަށް ފޮނުވި، އަލަށް ފޮނުވުނު ސްޓެމް ސެލްތަކުން މުޅިން އާ ކަށީގެ މަދެއް އުފެދި، އެއިން ލޭގެ އާ ސެލްތައް އުފައްދަންފަށައެވެ.

 

(ރ) އިމިޔުނޯތެރަޕީ : އިމިޔުނޯތެރަޕީ ދިނުމުން ދިފާޢީ ނިޒާމުން ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާނެއެވެ. އާންމު ގޮތެއްގައި ދިފާޢީ ނިޒާމުން ކެންސަރުގެ ސެލްތަކަށް ހަމަލާ ނުދީފާނެއެވެ. އެއީ ކެންސަރު ސެލްތަކުން އުފައްދާ ޕްރޮޓީން އަކުން ދިފާޢީ ނިޒާމަށް ކެންސަރުގެ ސެލްތައް ފޮރުވައިލުމަށް އެހީތެރިވާތީ އެވެ. އިމިޔުނޯތެރަޕީގެ ބޭނުމަކީ މިދެންނެވި ކެންސަރު ސެލްތައް ފޮރުވައިލުމުގެ މަސައްކަތަށް ހުރަސްއެޅުމެވެ. ވީމާ ކެންސަރު ސެލްތައް ނުފޮރުވި ހާމައަށް ހުރުމުން، އިމިޔުނޯތެރަޕީ ދީގެން، ދިފާޢީ ނިޒާމުން ކެންސަރުގެ ސެލްތަކަށް ހަމަލާދެވެއެވެ.

 

އެކިޔުޓް ލިޔުކީމިޔާގެ ފަރުވާ

  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. ރޭޑިއޭޝަންގެ ފަރުވާދެނީ މައިބަދަ އަދި ސިކުނޑިއަށް އަސަރުކޮށްފައިވާނަމަ އެވެ

 

ކްރޯނިކް ލިޔުކީމިޔާގެ ފަރުވާ

·         އޮޕަރޭޝަން ކުރުން : އޮޕަރޭޝަންކުރަނީ ހަމައެކަނި ހުންކޮށި ބޮޑުވެ، ރިހޭގޮތްވުމުން ހުންކޮށި ނެގުމަށެވެ.

  • ރޭޑިއޭޝަން ދިނުން : ރޭޑިއޭޝަން ދެނީ ހުންކޮށި ބޮޑުވުމާއި ގުޅިގެން ހުންކޮށި އޮންނަ ހިސާބަށެވެ. މިކަމުގެ ސަބަބުން ހުންކޮށި ކުޑަވެއެވެ. އަދި ލޭގައި ލިޔުކީމިޔާގެ އަސަރު ހުންނަ ސެލްގެ އަދަދު މަދުވެއެވެ.
  • ކީމޯތެރަޕީ ދިނުން : ކީމޯތެރަޕީ ދިނުމުން ހަށިގަނޑުގައި ހުންނަ ލިޔުކީމިޔާގެ އަލާމާތްތައް ފިލައިދެއެވެ. ބަލީގެ އަލާމާތްތައް ނުފެނި ގިނަ ދުވަސްތަކަކަށް ދެމިހުރެއެވެ. ހުންކޮށި ބޮޑުވެފައިވާނަމަ އޮޕަރޭޝަން ކުރުމުގެ ކުރިން ބައެއް ފަހަރު ކީމޯތެރަޕީ ދެވެއެވެ. މިއީ އޮޕަރޭޝަން ކުރުމަށްޓަކައި ކެންސަރުގެ އަސަރު ކުޑަކުރުމަށް ކުރާ ކަމެކެވެ

 

ކަށީގެ މަދު ބަދަލުކުރުން

ކަށީގެ މަދު ބަދަލުކުރުމަކީ ލިޔުކީމިޔާ ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ކުރުމުގައިކޮށްއުޅޭ ކަމެކެވެ. ކަށީގެ މަދުބަދަލުކުރަނީ ބަލިމީހާ އާއި ޢާއިލީ ގޮތުން ގުޅުންހުރި މީހެއްގެ ކަށީގެ މަދުން ދިޔަ ނަގައިގެން އެދިޔަ ލޭނާރުގެ މަގުން ބަލިކުއްޖާގެ ލޭގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިފަރުވާ ދިނުމުގެ ކުރިން ބަލިކުއްޖާ ޚާއްޞަ ގޮތްތަކަކަށް ތައްޔާރުކުރަން ޖެހެއެވެ. ޑޯނަރއެއްގެ ގޮތުގައި ޚިޔާރުކުރަން އެންމެ ރަގަޅީ ބަލިކުއްޖާގެ އެއްބަނޑު އެއްބަފައި، އެއްބަފައި، ނުވަތަ އެއްބަނޑު ކުއްޖެކެވެ.

ކަށީގެ މަދު ބަދަލުކުރުމުގައި ބަލިކުއްޖާގެ ލޭގެތެރެއަށް ފޮނުވާލެވޭ ދިޔައިގައި އެކުލެވޭ ސެލްތައް ގާތްގަނޑަކަށް ދެތިން ހަފްތާގެ ތެރޭގައި އެކުއްޖެއްގެ ކަށީގެ މަދާއި ހަމައަށް ދަތުރުކޮށް، އެކުއްޖަކަށް ބޭނުންވާ މިންވަރަށް ލޭގެ ރަތްސެލް، ލޭގެ ހުދުސެލް އަދި ޕްލޭޓްލެޓްސް އުފައްދަން ފަށައެވެ.

 

ލޭގެ ކެންސަރުން އަދި އާންމުކޮށް ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

·         ދުންފަތުގެ އިސްތިއުމާލުނުކުރުން

·         ދުންފަތުގެ އިސްތިއުމާލުކުރާނަމަ ހުއްޓާލުން

·         ދުންފަތުގެ ދުމުން ރައްކާތެރިވުން / ރައްކާތެރިކުރުން

·         ބަނގުރާ ނުބުއިން / ނުދުފުން

·         އަވީގެ ތެރޭގައި ގިނައިރު ނުއުޅުން

·         ހަށިގަނޑަށް ފައިދާޙުރި މިންހެޔޮ ކެއުމެއް ޚިޔާރުކުރުން

·         ގަވާއިދުން ކަސްރަތުކުރުން އަދި ހެލިފެލިވެއުޅުން އިތުރުކުރުން

·         ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ނޫނީ އެކަށޭނަ ވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުން

·         ގަވާއިދުން ޑޮކްޓަރަށް ދައްކައި ހަށިގަނޑު ބަލައި ޗެކުކުރަމުން ގެންދިއުން

 

އެހެނިހެން ބައެއް ކަންތައްތައް

·         ހަށިގަނޑު ސާފުކޮށް ބެހެއްޓުން

·         ރޭޑިއޭޝަން ހަށިގަނޑަށް ދިއުން މަދުކުރުމަށް މަސައްކަތްކުރުން : އެކްސްރޭ ނެގުން މަދުކުރުން

·         ތަފާތު ކެމިކަލްތަކަށް ހުށަހެޅޭ ފަދަ މަސައްކަތްކުރާނަމަ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ އާލާތްތައް ބޭނުންކުރުން މިސާލަށް: މާސްކު، އަންގި، ބޫޓު، އައިނު، ތޮފި، ގައުން، އޭޕްރަން ފަދަ ތަކެތި ބޭނުންކުރުން

·         މަސްތުވާ ތަކެތި ބޭނުންކުރުމާ، ބަނގުރާ ބޭނުންކުރުމުން ދުރުހެލިވުން

·         އިސްލާމީ ހަމަތަކާ އުސޫލުތަކާ އެއްގޮތަށް ތިމާގެ ޖިންސީ އަމަލުތައް ބެހެއްޓުން

·         ދިގުމުއްދަތަކަށް ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރާނަމަ ގަވާޢިދުން ޑޮކްޓަރަށް ދެއްކުން

 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

 

No comments:

Post a Comment