Wednesday, December 9, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 2 ވަނަ ހަފްތާ - މުޑުވަށްވުން

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ދެވަނަ ހަފްތާ - މުޑުވަށްވުން
ބަލިވެއިނުން ނޫނީ މާބަނޑު ދުވަސްވަރު ގުނަން ފަށަނީ އެންމެ ފަހުން މައްސަރު ކަންތައްޖެހުނު ދުވަހުން ފެށިގެންކަމަށްވާތީ، ދެވަނަ ހަފްތާއަށް ދާއިރު އަދި ބަލިވެއެއް ނީންނާނެ އެވެ. ނަމަވެސް މިހާރު އަންހެނާގެ ބިސްއުފައްދާ ތަން އިންނާނީ ބިސް ދޫކުރުމަށް ތައްޔާރުވެފައެވެ. އަދި ދޫކުރެވުނު ބިހާއި، ފިރިހެނާގެ ދަރިފަނި ނުވަތަ މަނަވީ ހައިވާނާއި ބައްދަލުވެއްޖެނަމަ، ބިސް މުޑުވަށްވެ، ބަލިވެއިންނާނެ އެވެ.
މައްސަރު ކަންތައްޖެހުމަށްފަހު މީގެ ކުރިން ފާއިތުވެދިޔަ ހަފްތާގައި ލޭގައި އެސްޓްރަޖަން އަދި ޕްރޮޖެސްޓަރޯންގެ މިންވަރު މަތިވެ، ރަހިމުގެ ފާރު ލެއިން މުއްސަދި ތަނަކަށް ހަދައެވެ. މިގޮތަށް ހަދަނީ މުޑުވަށްވެދާނެ، ބިހެއް ރަހިމުގެ ފާރުގައި އިންދުމަށް (ގަރުބަގަތުމަށް) ރަހިމުގެ ފާރު ތައްޔާރުކޮށްދިނުމަށްޓަކައެވެ. ހަމަ މިދުވަސްވަރު ބިސް އުފައްދާ ތަނުގައި ދިޔައިން ފުރިފައިވާ ކޮތަޅުތަކެއްގައި ނޫނީ ފޮލިކަލް ތަކެއްގައި ބިސްތައް ދޮންވެ ފައްކާވަމުންދާނެ އެވެ.

މިހަފްތާ ފެށޭހިސާބުގައި ( 28 ދުވަހުގެ މައްސަރު ބުރުން 14 ވަނަ ދުވަހުގައި) އަންހެނާ ބިސް އުފައްދާ ތަނުން ބިސްދޫކުރާނެއެވެ. މީގެ ތެރެއިން އެއް ބިސް ބިސް އޮންނަ ފޮލިކަލް އިން ނިކުމެ، ބިސް އުފައްދާތަނުން ބޭރުވެ، ބިސްދަތުރުކުރާ ހޮޅިއަށް ވާޞިލްވާނެއެވެ. ބިސްއުފައްދާ ތަނުން ބިސް ބޭރުވާއިރު، ބިހުގެ ވަށައިގެން އޭގެ ބޭރުން ރައްކާތެރިކޮށްދޭ ސެލްތަކެއް ލެވިފައިވާނެ އެވެ.
ކުރިޔަށް އޮތް 24-12 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ފިރިހެނާގެ ކުރިމަތިފަރާތުން ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ބޭރުކޮށްލެވި، ކުރިމަތިފަރާތަށް އެޅިގެންދާ، 250 މިލިޔަން ދަރިފަނީގެ ތެރެއިން އެއް ދަރިފަންޏާއި، އަންހެނާގެ ބިސް އުފައްދާތަނުން ދޫކުރި ބިހާއި، ބައްދަލުވުމުގެ ފުރުޞަތު ލިބިއްޖެނަމަ، ބިހާއި، ދަރިފަނި އެއްވެ، މުޑުވަށްވެގެންދާނެ އެވެ. ދަރިފަނި ކުރިމަތި ފަރާތުން، ރަހިމުގެ ދޮރުން ރަހިމަށް ވާޞިލްވެ، ބިސްދަތުރުކުރާ ހޮޅިއަށްވަދެ، ބިހާއި ދަރިފަނި މުޑުވަށްވަނީ ބިސްދަތުރުކުރާ ހޮޅީގެ ތެރޭގައެވެ. ބިހާއި ހަމައަށް ދަރިފަނިތައް ކުރާ ދަތުރުގައި 400 ވަރަކަށް ދަރިފަންޏަށް ބިހާއި ހަމައަށް ވާޞިލްވެވުނަސް، އޭގެތެރެއިން ބިސް ފަޅާލާފައި ބިހުގެ ތެރެއަށް ދެމިގަތުމުގައި ކާމިޔާބު ލިބެނީ ހަމަ އެންމެ ފަންޏަކަށެވެ. ބިހުގެ ތެރެއަށް ދެމިގަތުމަށް ކުރާ މަސައްކަތަށް ފަސޭހަ ކޮށްދިނުމަށް ދަރިފަނިން ބިހުގެ ބޭރު ފަށަލަ ވީދާލުމަށްޓަކައި (ގިރާލުން) އެހީތެރިވެދޭ އެންޒައިމް އެއް ދޫކުރެއެވެ.
ކުރިޔަށް އޮތް 30-10 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި ބިހާއި، ދަރިފަނީގެ ނިއުކްލިއަސް އެއްވެ، އެދޭތީގެ ވިރާސީ މާއްދާތައް މަސްހުނިކޮށް އެއްކޮށްލާނެއެވެ. ދަރިފަނި އުފުލަނީ {  Y} ކްރޮމޮސޯމް އެއް ނަމަ ލިބޭނީ ފިރިހެން ކުއްޖެކެވެ. ދަރިފަނި އުފުލަނީ {  X} ކްރޮމޮސޯމް އެއް ނަމަ ލިބޭނީ އަންހެން ކުއްޖެކެވެ.
ބިސްދަތުރުކުރާ ހޮޅިން ރަހިމަށްކުރާ 4-3 ދުވަސްވަރު ހޭދަވާ ދަތުރުގައި މުޑުވަށްވެފައިވާ ބިސް (ޒައިގޮޓް) ހުރިހާ ގޮތަކުން އެއްގޮތް (މުޅިން އެއްގޮތް) 16 ސެލް އަށް ބައިބައިވެގެންދާނެ އެވެ. ބިސްދަތުރުކުރާ ހޮޅިން ރަހިމުގެ ތެރެއަށް މުޑުވަށްވެފައިވާ ބިސް ގެންދިއުން ހަލުވިކޮށްދެނީ ބިސްދަތުރުކުރާ ހޮޅީގެ އެތެރޭގައި ހުންނަ ކުދި ލޯލި އިސްތަށިތައް ނޫނީ "ސިލިއާ" ތަކެވެ. ޒައިގޮޓް ރަހިމުގެ ތެރެއަށް ވަނުމުން އެއަށްކިޔަނީ "މޮރިޔޫލާ" އެވެ. އޭގެ 2-1 ދުވަސް ފަހުން ލެއިން މުއްސަދިވެފައިވާ ރަހިމުގެ ފާރުގެ ތެރޭގައި މުޑުވަށްވެފައިވާ ބިސް {މޮރިޔޫލާ} ގަރުބަގަންނާނެ އެވެ.
މިހާރު ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅަކީ ހެދިބޮޑުވެ އިތުރުވާ އެތައް ސަތޭކަ ސެލް އެއްގެ މައްޗަށް އެކުލެވޭ ކުޑަ ވަށް ބޯޅައެއްގެ ސިފައިގައި އޮންނަ އެއްޗެކެވެ. ޢިލްމުވެރިން މިއަށް ކިޔަނީ  "ބްލާސްޓޯސައިޓް" އެވެ. ބްލާސްޓޯސައިޓް އެކުލެވިގެންވަނީ 3 ބައެއްގެ މައްޗަށެވެ. އެއީ:-
  • އެތެރެއިން ލެވިފައިވާ ސެލް ބޮޑިވަރު : ތުއްތު ދަރިފުޅަށް ވާނީ މިސެލް ފުނިވަރެވެ.
  • ދިޔައިން ފުރިފައިވާ ހުސްޖާގަ : ފެން ދުއްޔަށް ވާނީ މިޖާގައެވެ.
  • ބޭރުން ލެވިފައިވާ ސެލް ބޮޑިވަރު : މިސެލް ފުނިވަރު ވާނީ ތުއްތު ދަރިފުޅަށް އޮކްސިޖަން އާއި ކާނާ ގެންގޮސްދޭ މަހަށެވެ.
ދެވަނަ ހަފްތާ : މުޑުވަށްވުން
ބިސްދަތުރުކުރާ ހޮޅި :ބަލިވެ އިންނަނީ ޖިމާއުވުމުގެ ތެރޭގައި ފިރިހެނާގެ ޒަކަރުން ދޫކޮށްލެވުނު ދަރިފަނި، ކުރިމަތިފަރާތް ހުރަސްކޮށް، ރަހިމުގެ ދޮރު ފަހަނައަޅައި، ރަހިމަށް ވާޞިލްވެ، ރަހިމުގެ ތެރެއިން ބިސްދަތުރުކުރާ ހޮޅިއަށް ވާޞިލްވެ، އަންހެނާގެ ބިސްއުފައްދާތަނުން ދޫކުރި ބިހާއި، މުޑުވަށް ވުމުންނެވެ.
ބިސްއުފައްދާ ތަން :ބިސް އުފައްދާތަނުން އުފެއްދި އެއް ބިސް އޭގެ ފޮލިކަލް އިން ބޭރުވެ، ބިސްދަތުރުކުރާ ހޮޅިއަށް ވާޞިލްވެއެވެ.
މުޑުވަށްވެފައިވާ ބިސް :އަންހެނާގެ ބިހާއި، ފިރިހެނާގެ ދަރިފަނި އެއްވެ މުޑުވަށްވުމުން، އޭގެ ވިރާސީ ބައިތަކުން މުޅި އާ ސެލް އެއް އުފައްދައި ހެދިބޮޑުވެ، އިތުރުވާން ފަށައެވެ.
ދަރިފަނި :ބަލިވެއިނުމަށްޓަކައި ބިހަށް ވާޞިލްވުމަށް ކުރާ ދަތުރުގައި ކާމިޔާބު ލިބެނީ ފިރިހެނާގެ ޒަކަރުން މަނިބޭރުކޮށްލުމުގެ ތެރޭގައި ދޫކުރާ ދަރިފަނީގެ ތެރެއިން ހަމަ އެންމެ ދަރިފަންޏަކަށެވެ.
ދެވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
މިހަފްތާ ފެށޭއިރު އަންހެނާގެ ބިސް އުފައްދާ ތަނުން ބިސްދޫކުރާނެއެވެ. ބިސްދޫކުރާތާ 24-12 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ދަރިފަންޏާއި ބިހާއި ބައްދަލުވެއްޖެނަމަ، ދަރިފަނި ބިހުގެ ތެރެއަށް ވަދެ މުޑުވަށްވާނެ އެވެ. މުޑުވަށްވުމަށްފަހު، ހުރިހާ ކަމެއް ބަރާބަރަށް ކުރިޔަށް ގޮސްފިނަމަ ތުއްތު ދަރިފުޅަކު ދުނިޔެއަށް އުފަންވެގެން އައުމުގެ ދަތުރުފަށާނެ އެވެ. ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މުޑުވަށްވި ބިސް، ބިސްދަތުރުކުރާ ހޮޅިން ދަތުރުކޮށް، ރަހިމަށް ވާޞިލްވެ، ރަހިމުގައި ގަރުބަ ގަތުމަށް ކުރާ ދަތުރުގައި ބައިވަރު ސެލްތަކަށް ބައިބައިވެ، އިތުރުވަމުންދާނެ އެވެ.
ހެދިބޮޑުވެ އިތުރުވާ އެތައް ސަތޭކަ ސެލް އެއްގެ މައްޗަށް އެކުލެވޭ ކުޑަ ވަށް ބޯޅައެއްގެ ސިފައިގައި މިހާރު އެވަނީ  "ބްލާސްޓޯސައިޓް" އެވެ.
މައުލޫމާތު :

No comments:

Post a Comment