Sunday, May 31, 2015

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް


މިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް
މިއަދު 31 މެއި އަކީ ދުނިޔޭގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 1987 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އަންނަނީ ވަކި ޝިއާރެއް ކަނޑައަޅައި މިދުވަސް ފާހަގަކުރަމުންނެވެ. އެގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ދުންފަތުންކުރާ ވަގުވިޔަފާރި ހުއްޓާލާ" މިއެވެ. މިއަހަރުގެ ޝިއާރު އަމާޒުކޮށްފައިވަނީ ގައުމުތައް ގުޅިގެން ދުންފަތުގެ ވަގުވިޔަފާރިކުރުން ހުއްޓުމަށް ބާރުއެޅުމަށެވެ. ދިރާސާތައް ދައްކާގޮތުގައި ކޮންމެ 10 ސިގިރޭޓަކުން 1 ސިގިރޭޓަކީ ވަގުވިޔަފާރީގެ މުއާމަލާތުގެ ތެރެއިން ބޭނުންވާ މީހުންނަށް ފޯރުކޮށްދެވޭ އެއްޗެކެވެ. 


ދުންފަތާ ދުރުހެލިވުމާއި، ދުންފަތް ކޮންޓްރޯލްކުރުމަށާއި، ދުންފަތާ ދެކޮޅަށް ތަފާތު ހަރަކާތްތައް ކޮންމެ އަހަރަކު ވެސް މިދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ވެސް ހިންގެއެވެ. އެގޮތުން މިއަހަރު އެންމެ ފާހަގަކުރެވޭ މިފަދަ ހަރަކާތަކީ ފުރާވަރުގެ ކުދިންނާއި، ޒުވާނުންނަށް އަމާޒުކުރެވިގެން ހިންގޭ، "ބޭނުމީ ދިރިއުޅުން" ކެމްޕޭން އެވެ. މިއީ ފުރާވަރުގެ ކުދިންނާއި، ޒުވާނުން، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިކޮށް، ދުންފަތުގެ އިސްތިއުމާލުކުރަން ފެށުން މަދުކޮށް، އާންމު ރައްޔިތުން ދުންފަތުގެ ދުމުން ރައްކާތެރިކުރުމުގެ މަގުޞަދުގައި ހިންގޭ ހަރަކާތެކެވެ. 

ދުންފަތުގެ ވަގުވިޔަފާރި މައިގަނޑު ގޮތެއްގައި އަމާޒުކުރެވެނީ ފުރާވަރުގެ ކުދިންނާއި، ޒުވާނުންނާއި، ދަށްފަށްތީގެ އާންމު ދަނީ ލިބޭ ފަރާތްތަކަށެވެ. އެއީ މިފަދަ އުފެއްދުންތައް އަގުހެޔޮވުމާއެކު، މިދެންނެވި ފަރާތްތައް ދުންފަތާ ދިމާލަށް ގެންގޮސްދޭ ވަޞީލަތަކަށް އަގުހެޔޮކޮށް ދުންފަތުގެ އުފެއްދުންތައް ލިބެންހުރުން ވެގެންދާތީ އެވެ. ދުންފަތުގެ ވަގު އުފެއްދުން ތަކުގެ ބޭރުގައި ދުންފަތުން ލިބޭ ޞިއްހީ ގެއްލުމުގެ އިންޒާރު މެސެޖު ލިޔެފައެއް ނުހުރެއެވެ. ބައެއް ފަހަރު ކުޑަކުދިން ވެސް ދުންފަތުގެ ވަގުވިޔަފާރީގައި ބައިވެރިކުރާކަން ފާހަގަ ކުރެވެއެވެ. ވަރަށް ގިނަ ފަހަރު ދުންފަތުގެ ވަގުވިޔަފާރީގެ ތެރެއިން ފަސާދަ އަށް މަގުފަހިވެ، ފަސާދައިގެ އަމަލުތައް ހިންގާކަމަށް ފާހަގަ ކުރެވެއެވެ. 

ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ނުކުޅެދުންތެރިކަން މެދުވެރިވެ، އަދި ޅައުމުރުގައި މީހުންމަރުވާ އެންމެ އާންމު ސަބަބެއްކަމަށް ފާހަގަކުރެވިފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. އެއީ އެންމެ އާންމުކޮށް މީހުން މަރުވާ އަށް ބަލީގެ ތެރެއިން ތަފާތު ހަ ބައްޔެއް ޖެހުމަށް މަގުފަހިކުރާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން އަހަރަކު 6 މިލިއަން މީހުން ދުނިޔެދޫކުރާކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 6 ލައްކަ މީހުން ދުނިޔެދޫކޮށްދަނީ އެހެންމީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވާ ދުމަށް ހުށަހެޅުމުގެ ސަބަބުންނެވެ. ދުންފަތުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގައި ކޮންމެ 6 ސިކުންތަކުން އެކަކު ދުނިޔެ ދޫކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ 3 މީހުންގެ ތެރެއިން 2 މީހުން މަރުވެއެވެ. އެންމެ ސިގިރޭޓަކުން މީހާގެ އުމުރުން 11 މިނިޓް ކުރުކޮށްލާއިރު، ދުންފަތުގެ އިސްތިއުމާލުކުރުމަކީ މީހާގެ އުމުރުން 19 އަހަރު ކުރުކޮށްލާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. 

ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކޮށް، އެކަމާއި ދެކޮޅަށް އެކަށޭނަ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ 2030 ވަނަ އަހަރަށް ދާއިރު ދުންފަތުގެ ސަބަބުން ދުނިޔެދޫކުރާ މީހުންގެ އަދަދު 8 މިލިޔަނަށް އަރާނެކަމަށް ޞިއްޙީ ދާއިރާގެ މާހިރުން ހާމަކުރެއެވެ. އަދި އޭގެތެރެއިން %80 މީހުން ނިސްބަތްވާނީ ފަގީރު ނުވަތަ މެދު ފަންތީގެ ގައުމުތަކަށް ކަމުގައި ލަފާކުރެއެވެ. މިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހަށް ވުމާއެކު، ދުންފަތުން ދުރުހެލިވުމަށް މިފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅައި، އެކަމަށް މަސައްކަތް ފެށުމަކީ އުފާވެރި ހަޔާތެއްގައި ދެމިހުރުމަށް ކުރެވޭ ރަގަޅު ކަމަކަށްވާނެއެވެ.  




ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ ހަރަކާތަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރަސްމީ ސިފައެއްގައި ބައިނަލް އަގުވާމީ ފެންވަރެއްގައި ފާހަގަކޮށް، ހިންގާ 8 ހަރަކާތު(ކޭމްޕް)ގެ ތެރެއިން އެއް ހަރަކާތެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބައިނަލް އަގުވާމީ ފެންވަރެއްގައި ރަސްމީ ސިފައެއްގައި ފާހަގަކުރާ އަނެއް 7 ހަރަކާތަކީ، ދުނިޔޭގެ ޞިއްޙަތު ދުވަސް، ދުނިޔޭގެ ޓީބީ ދުވަސް، ދުނިޔޭގެ ވެކްސިން ހަފްތާ، ދުނިޔޭގެ މެލޭރިޔާ ދުވަސް، ދުނިޔޭގެ ލޭހަދިޔާކުރާ ދުވަސް، ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް، އަދި ދުނިޔޭގެ އޭޑްސް ދުވަހެވެ.


No comments:

Post a Comment