Monday, October 19, 2015

ޖިންސީގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތައް

ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތައް
ޖިންސީ ގުޅުން ހިންގުމުގެ ޒަރީއާއިން ޖެހޭ ބަލިތަކަކީ ޖުމްލަގޮތެއްގައި ވަރަށް ނުރައްކާތެރި ބަލިތަކެވެ. ވޭން ހުރި މިބަލިތަކުގެ އަލާމާތްތައް ބައެއް ފަހަރު ނުފެނި ވެސް ހިނގައިދެއެވެ. މިފަދަ ހާލަތުގައި ބަލި ހަށިގަނޑު ގައި އަށަގެންފައި ހުރިކަން ނޭގޭ ހިނދު އެހެންމީހުންނަށް ބަލި ފަސޭހައިން ފެތުރިގެންދާ ގޮތް މެދުވެރި ވެއެވެ. ގިނަ ފަހަރު މިބަލިތައް ޖެހެނީ ޒުވާނުންނާއި މެދުއުމުރުގެ މީހުންނަށެވެ. ފިރިހެނުންނަށް ބައެއް ބަލިތައް ޖެހޭ ނިސްބަތް މަތިއިރު އަނެއްބައި ބަލިތައް އަންހެނުން ޖެހޭ ނިސްބަތް އިތުރެވެ. މިފަދަ ބަލިތައް އިތުރަށް ފެތުރިގެން ދިއުމަށް މަގުފަހިވާ އަނެއް ސަބަބަކީ ބައްޔެއްގެ އަލާމާތެއް ފެނުނު ނަމަވެސް ގިނަބަޔަކު ޑޮކްޓަރުން ނުވަތަ ޞިއްހީލަފާ ދެއްވާ މީހުންގެ ގާތަށް ދިއުމަށް ފަސްޖެހުމެވެ. މިކަމުގެ ސަބަބުން ބަލިތައް އިތުރަށް ފުޅާވެ، ނުރައްކާތެރި ދަރަޖައަށް މީހާގެ ޞިއްޙީ ހާލަތު ބަދަލު ކުރުވައެވެ 
.
ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް މީހުން ގިނަ ބައިބޯ މުޖުތަމައު ގައި އިތުރުކަން ފާހަގަކުރެވެއެވެ. މާގިނަ މީހުން އެއްތަނެއްގައި އުޅެންޖެހުމަކީ އަޚްލާގީ މައްސަލަތައް ފެންމަތިވެ، މިފަދަ ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ. ސުނާމީ އާއި ގުޅިގެން އެއްރަށުން އަނެއްރަށަށް އެތައްބަޔަކު ހިޖުރަކޮށް އުޅެންޖެހިފައިވާ ގޮތުގެ ސަބަބުން މިމައްސަލަ ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް ވަނީ ފެންމަތި ވެފައެވެ. އެކަކަށްވުރެ ގިނަ މީހުންނާއި އެކު ނޭދެވޭގޮތެއްގައި ޖިންސީ ގުޅުންހިންގުމުގެ އާޚިރު ނަތީޖާއަކަށް ވެގެންދަނީ ހަށިގަނޑު މިފަދަ ބަލިތަކަށް ހުށަހެޅުމެވެ 
.
ދިވެހި މުޖުތަމައަށް ބަލާއިރު ވަރަށް ގިނަ ބަޔަކު ބޭސްފަރުވާ އަށާއި އެހެން ކަންކަމުގައި އިންޑިޔާ ބެންކޮކް ފަދަ ގައުމުތަކަށް ޒިޔާރަތް ކުރެއެވެ. އަދި ވަރަށް ގިނަ ބަޔަކު އަވައްޓެރި އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާ ފަދަ ގައުމުތަކުގައި ދިރިއުޅެމުން ގެންދެއެވެ. ބެންކޮކް ފަދަ ގައުމުތަކަކީ ނިސްބަތުން މިފަދަ ބަލިތައް އިތުރުކަން ޚާއްޞަކޮށް އޭޑްސް ފަދަ ބަލިތައް ވަރަށް ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ގައުމުތަކެވެ. ހަމަމިހެން ދުނިޔޭގެ އެކި ހިސާބުތަކުގައި ކިޔެވުމަށާއި، ބޯޓުދަތުރުކުރުން ފަދަ ކަންކަމުގައި ގޮސް އުޅޭ ދިވެހިންތައް އުޅެއެވެ. ކުރިން ބުނިހެން ބޭރުގެ ގިނަ މުޖުތަމައުތަކަކީ މިފަދަ ބަލިތައް ފަސޭހައިން ފެތުރެމުންދާ މުޖުތަމައަކަށް ވުމާއި އެކު އެގައުމު ތަކަށް ގޮސް އުޅޭއިރު އިސްލާމްދީނާއި ޚިލާފުނުވާ ގޮތުގެ މަތީން ތިމާގެ ޖިންސީ އަމަލުތަކާއި އެހެނިހެން ކަންތައްތައް ބެހެއްޓުމަކީ މިފަދަ ބަލިތަކުން މިންޖުވަށް އޮތް އެންމެ ރަގަޅު އެއްމަގު ކަމުގައި ބުނެވިދާނެއެވެ 
.
ބިދޭސީންގެ ނިސްބަތް ދިވެހި މުޖުތަމައުގައި އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. މަސައްކަތު މީހުންނާއި ޓުއަރިސްޓުންނާއި އަދި މިނޫން ބޭނުންތަކުގައި ރާއްޖެއަށް އަންނަ މީހުންގެ ސަބަބުން ވެސް މިފަދަ ބަލިތައް ފެތުރިގެން ދެއެވެ 
.
ޖިންސީގުޅުމުގެ ޒަރީޢާއިން އަރާ ބަލިތައް ފެތުރިދާނެ ގޮތްތައް
·         ބަލިޖެހިފައިވާ މީހަކާއި އެކު އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގުން
o       ކުރިމަތި ފަރާތުން ޖިންސީގުޅުން ހިންގުން
o       ފުރަގަސް ފަރާތުން ޖިންސީ ގުޅުން ހިންގުން
o       އަނގައިން ޖިންސީ ގުޅުން ހިންގުން
·         ބަލިޖެހިފައިވާ މީހަކާ އެކު އެއްޖިންސުން ޖިންސީގުޅުން ހިންގުން
·         ބަލިޖެހިފައިވާ މީހަކު ކުޑަކުއްޖަކު ނަހަމަގޮތުގައި (ނުރުހުމުގައި) ބޭނުންކުރުން (ރޭޕުކުރުން)

ޖިންސީ ގުޅުމުން އަރާ ބަލިތައް، ބަލިޖެހިފައިވާ މީހަކާއެކު ޖިންސީ ގުޅުން ނުހިންގިޔަސް ޖެހިދާނެއެވެ. އެގޮތުން ބަލިޖެހިދާނެ އެހެން ގޮތްތައްތަކުގެ ތެރޭގައި:-

·         ބަލިޖެހިފައިވާ މީހެއްގެ ގައިން ލޭއެޅުން
·         ބަލިޖެހިފައިވާ މީހަކަށް ބޭނުންކުރި އިންޖެކްޝަން ކަށި، ރޭޒަރު ތިލަ، ކުރަފަތް، ސިރިންޖް ނުވަތަ އެފަދަ އެހެން ތޫނު އެއްޗެއް ވެސް ސަލާމަތުން ހުރި މީހަކު ބޭނުންކުރުން ނުވަތަ ދިމާވާ ހާދިސާއެއްގައި އެފަދަ އެއްޗެއް ގަޔަށް ހެރުން : މިސާލަކަށް ހަށިގަނޑުގެ ތަނަށް ތޮރުފުން، ޓެޓޫޖެހުން، ކަށިހަރައިގެން ދޭފަރުވާ ނެގުން، މަސްތުވާތަކެތި އިންޖެކްޝަންގެ ޒަރީޢާއިން ނެގުން ފަދަ ކަމެއްކުރުމުގެ ތެރޭގައި ބަލީގެ ޖަރާސީމު ހަށިގަނޑަށް ވާޞިލްވެދާނެ އެވެ.
·         ނޭނގުމެއްގެ ތެރޭގައި ނޫނީ އޮޅިގެން ނަމަވެސް ބަލީގެ ޖަރާސީމު ހުރި  (ބައްޔާއިގުޅިގެން އުފެދޭ)ފާރުކޮޅެއްގައި ބީހުން
·         ބަލިޖެހިފައިވާ މައިމީހާގެ ފުށުން ބަނޑުގައިވާ ދަރިފުޅަށް ބަލި ވާޞިލްވުން
·         ބަލިޖެހިފައިވާ މީހަކު ބޭނުންކުރާ ތުވާލި ފަދަ އެއްޗެއް ބޭނުންކުރުން، ނުވަތަ އާންމު ފާޚާނާ ބަރިތަކުން ފާކާނާ ކުރުން ފަދަ ކަމަކުން ބަލި ޖައްސާ ބެކްޓީރިއާ ހަށިގަނޑަށް ވާސިލްވެދާނެއެވެ 


ޖިންސީގުޅުމުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތައް
·         ބެކްޓީރިއަލް ވެޖައިނޯސިސް
·         ކަސްއެޅުން
·         ހެޕަޓައިޓިސް ބީ
·         ކިހުނުވުން
·         ސިފިލިސް
·         އޭޑްސް ބަލި
·         ކްލަމީޑިޔާ އިންފެކްޝަން
·         މޮނަލައިއެސިސް
·         ލިމްފޯގްރެނިއުލޯމާ ވިނީރިއަމް
·         ގްރެނިއުލޯމާ އިންގްވެނޭލީ
·         ޓްރައިކޮމޮނައިއެސިސް
·         ޖެނިޓަލް ހާރޕީޒް
·         ޖެނިޓަލް ވޯރޓްސް
ޝެންކްރޮއިޑް
ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުން
ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް އާންމުކޮށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         އިސްލާމީ ހަމަތަކާއި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ޖިންސީގުޅުން ހިންގުން
·         ހަޔާތުގެ ބައިވެރިއަކަށް ވަފާތެރި އެކަކު ޚިޔާރުކުރުން
·         ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
·         ބަލިޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
·         ރާބުއިން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންކަމުގެ ސަބަބުން އިސްލާމީ ހަމަތަކާއި އުސޫލްތަކާއި ޚިލާފަށް ޖިންސީ ގުޅުން ހިންގުމަށް މަގުފަހިވެގެން ދެއެވެ.
·         މާބަނޑު ދުވަސްވަރު ޖިންސީގުޅުމުން ފެތުރޭ ބައްޔެއް ހުރިތޯ ދެނެގަނެ ފަރުވާކުރުން
·         އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން
·         ޖިންސީ ގުޅުމުން އަރާ ބަލިތައް ހުރިތޯ މަދުވެގެން އަހަރަކު 1 ފަހަރު ސްކްރީންކުރުން 

މީގެ އިތުރުން ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބައެއް ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ޑޮކްޓަރެއްގެ އެހީއާއި އެކު އެކަށޭނަ ދޭތެރެދުރާނެ ވަސީލަތެއް ޚިޔާރުކުރުން
·         އާންމު ފާޚާނާ ބަރިތަކާއި، ފަތާފެންގަޑު ފަދަ ތަންތަން ބޭނުންކުރުމާއި ދުރުހެލިވުން
·         ޖިންސީގުނަވަން ހިމެނޭ ހިސާބު ސާފުކުރާއިރު ފަހަތުން ކުރިމައްޗަށް ވާގޮތަށް ސާފުނުކުރުން
·         އުނަގަނޑާއި ގަޔަށް މާބާރުކޮށް ހުންނަ އަންނައުނު ބޭނުންކުރުމާއި ދުރުހެލިވުން
·         ފަރުޖާއި ޖިންސީ ގުނަވަން ސާފުކުރުމަށް ފާޑުފާޑުގެ ސާބޯނި ފަދަތަކެތި ބޭނުން ނުކުރުން
·         ހަށިގަނޑަށް ލޭއަޅާނަމަ އެޗް އައި ވީ އަށް ޓެސްޓްކޮށްފައި ހުރި ލޭއެޅުން
·         އެކަކު ބޭނުންކޮށްފައި ހުންނަ ރޭޒަރު، ދަތްއުގުޅާ ބުރުސް، އަދި ސިރިންޖް ފަދަ ތަކެތި ބޭނުންނުކުރުން
·         އިންޖެކްޝަން ކަށި އަދި ސިރިންޖް ފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން ސްޓެރިލައިޒްކުރުން
·         އޭޑްސް ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންގެ ހަށިގަނޑުން ނަގާ ލޭ ނޭޅުން
·         ޓެޓޫ ޖެހުމާއި، ކަންފަތް ތޮރުފުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންކަމުގައި ބޭނުން ކުރެވޭ ތޫނު ހަތިޔާރަކީ ބައެއް ފަހަރު އޭޑްސް ގެ ވައިރަސްއާއި ތަޣައްޔަރުވެފައިވާ އެއްޗަކަށް ވެދާނެތީއެވެ 
.
މައުލޫމާތު :
·         ކަވާސާ.ކޮމް
·         އިންޓަނެޓްގެ ބައެއް ވެބްސައިޓްތައް

No comments:

Post a Comment