Monday, June 10, 2013

ނަސްލު އުފައްދާ ނިޒާމް

ނަސްލު އުފައްދާ ނިޒާމް

ނަސްލު އުފައްދާ ނިޒާމަކީ އިންސާނީ ދަރިފަސްކޮޅު އުފެއްދުމުގައި ބައިވެރިވާ ނިޒާމެވެ. ނަސްލު އުފައްދާ ނިޒާމް އުފެދިފައިވާ ގޮތް އަންހެނުންނާ ފިރިހެނުންގެ ތަފާތެވެ. އަންހެނުންގެ ނަސްލު އުފައްދާ ނިޒާމް ގައި ހިމެނޭ މައިގަނޑު ބައިތަކަކީ ދެފަރާތުގައިވާ ބިސް އުފައްދާތަން، ބިސް ދަތުރުކުރާ ހޮޅި، ރަހިމު، ރަހިމުގެ ދޮރު، ޖިންސީ ގުނަވަން، އަދި ފަރުޖެވެ. ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މުހިއްމު ބައިތަކަކީ އޮށް، އުރަވަޅި، ޕްރޮސްޓޭޓް ގްލޭންޑް، ކުޑަކަމުދާ ހޮޅި އަދި ފިރިހެން ހަށްޓެވެ.
ފިރިހެނާގެ ހަށިގަނޑުގައި ދަރިފަނި އުފައްދަނީ އުރަވަޅީގެ އެތެރޭގައި އޮންނަ އޮށުގެ ތެރޭގައެވެ. އެއަށްފަހުން ދަރިފަނި ހަށިގަނޑުން ބޭރުވަނީ އެތައް ހޮޅިތަކެއްގެ ތެރެއިން ދަތުރުކުރަމުން ގޮސް، ކުޑަކަމުދާހޮޅި ގިރާކޮށެވެ. އަންހެނާގެ ހަށިގަނޑުގައި ބިސް އުފައްދަނީ ބިސް އުފައްދާ ތަނުންނެވެ.

ފިރިހެނާގެ ޖިންސީ ގުނަންތަކުގެ ގޮތުގައި ބެލެވެނީ އުރަވަޅި އާއި، ފިރިހެންހަށްޓެވެ. އޮށާއި އުރަވަޅި ހަށިގަނޑުން ބޭރުގައި އިނުމުގައި މުހިއްމު ކަމެއްވެއެވެ. އެއީ ދަރިފަނި އުފެދެނީ ހަށިގަނޑުގެ އާންމު ފިނިހޫނުމިނަށްވުރެ 2 ޑިގްރީ ސެލްޒިއަސް ދަށުގެ ފިނިހޫނު މިނެއްގައި ކަމަށްވާތީ އެވެ. ދަރިފަނި އުފެދުމަށްފަހު ބޮޑުވެ، ހަށިގަނޑުން ބޭރުކުރަންވަންދެން ރައްކާކުރެވިފައި ހުންނަނީ  އޮށުގެ ފަހަތުގައި އިންނަ "އެޕިޑިޑައިމަސް" އޭ ކިޔޭ ހޮޅިއެއްގެ ތެރޭގައެވެ. ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގެ މަސައްކަތަކީ ފިރިހެނާގެ ހަށިގަނޑުގައި ދަރިފަނި އުފެއްދުމަށްފަހު ޖިންސީގުޅުން ހިންގުމުގެ ތެރެއިން އަންހެނާގެ ހަށިގަނޑަށް  އެދަރި ފަނިތައް ފޮނުވާލުމެވެ.

ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ދަރިފަނި އެކުލެވޭ މަންޏަށް ދިޔާ މާއްދާތައް އިތުރުކޮށްދޭ ގްލޭންޑް ތަކެއް ހުރެއެވެ.  އެގޮތުން މަނީގެ ދިޔައިގެ 60 އިންސައްތަ ދޫކުރަނީ މަސާނާގެ ފުރަގަހުން ތިރީގައި އިންނަ "ސެމައިނަލް ގްލޭންޑް" އޭ ކިޔޭ ދެގޮށަކުންނެވެ. މިދެގޮށުން ދޫކުރާ ދިޔައިގެ ތެރޭގައި ޕްރޮޓީންތައް، އެންޒައިމްތައް، ފްރަކްޓޯޒް، ދަވަ، ވިޓަމިންސީ، ފްލެވިން، އަދި ޕްރޮސްޓަގްލަންޑިން ފަދަ މާއްދާތައް ހިމެނެ އެވެ. މަނީގެ ދިޔައިގައި ހިމެނޭ 30 އިންސައްތަ ދޫކުރަނީ މަސާނާގެ ތިރިން ކުޑަކަމުދާ ހޮޅި ފެށޭ ހިސާބުގައި، އެހޮޅި ވަށައިގެން އިންނަ ޕްރޮސްޓޭޓް ގްލޭންޑުންނެވެ. މީގެ އިތުރުން ޕްރޮސްޓޭޓް ގެ ތިރިން ކުޑަކަމުދާހޮޅީގެ ފުރަގަހުން އަރިމައްޗެއްގައި ބަލްބޯޔުރެތުރަލް ގްލޭންޑް އޭކިޔާ ދެގްލޭންޑް ވެސް ހުރެ އެވެ. 
ފިރިހެންހަށީގައި ސްޕަންޖްހެން ފުފޭ ޓިޝޫގެ 3 ފަށަލަ ވެއެވެ. ޖިންސީ އެދުންވެރިކަން އަންނަ ހިނދު މިޓިޝޫތަކަށް ލޭއެޅި ފުރުމުން ފިރިހެންހަށީގައި ވަރުޖެހުން މެދުވެރިވާގޮތް ވެއެވެ.

އަންހެނާގެ ހަށިގަނޑުގައި ބިސް ދޫކުރަނީ ބިސް އުފައްދާތަނުންނެވެ. ކޮންމެ އަންހެނެއްގެ ހަށިގަނޑުގައި ދެފަރާތުގައި ވެސް  ބިސް އުފައްދާ ތަން ހުންނާނެ އެވެ. ކޮންމެ ބިސް އުފައްދާ ތަނެއްގައި އެތައް ބައިވަރު ފޮލިކަލް ހުރެއެވެ. އަދި ކޮންމެ ފޮލިކަލް އެއްގައި ބިސް އުފައްދާ އެންމެ ސެލް އެއް އަދި އެތައް ބައިވަރު ފޮލިކަލް ސެލްތައް ހުރެ އެވެ. ފޮލިކަލް ސެލްތަކުގެ މަސައްކަތަކީ ބިސް އުފައްދާ ސެލްތަކަށް ކާނާ ފޯރުކޮށްދީ، ރައްކާތެރިކޮށްދިނުމެވެ. ބިސް އުފެއްދުމަށް އެބިސްތައް ބިސް ދަތުރުކުރާ ހޮޅި ގިރާކޮށް ރަހިމަށް ވާޞިލްވާނެ އެވެ.

އަންހެނާގެ ރަހިމުގެ ތެރޭގައި ބިސް އުފައްދާ ތަނުން ދޫކުރި ބިހާއި، ފިރިހެނާގެ ދަރިފަނި ބައްދަލުވާން ފުރުޞަތު ލިބިއްޖެނަމަ، ދޭތި އެއްވެ މުޑުވައްވެގެންދާނެ އެވެ. ނަތީޖާއެއްގެ ގޮތުން އަންހެނާ ބަލިވެ އިނދެ ރަހިމުގައ ދަރިފުޅު ގަރުބަގަންނަގޮތް ވެއެވެ.  އަދި އެގޮތަށް ބައްދަލުވާން ފުރުޞަތު ނުލިބިއްޖެނަމަ ބިސް ފަޅައިގެން ގޮސް ލޭގެ ގޮތުގައި ހަށިގަނޑުން ބޭރުވެގެންދާނެ އެވެ.   އަންހެނުންނަށް ދިމާވާ މައްސަރު ކަންތައް ޖެހުމުގެ އަސްލަކީ މިއީ އެވެ. 

އަންހެނާގެ ބިސް އުފައްދާ ތަނުން ބައެއް ކަހަލަ ހޯރމޯންތައް ވެސް އުފައްދާ ދޫކުރެއެވެ.  އެގޮތުން އެތަނުން އުފައްދާ އެންމެ މުހިއްމު ދެހޯރމޯން އަކީ އެސްޓްރަޖަން އަދި ޕްރޮޖެސްޓަރޯން އެވެ. ބިސް ދަތުރުކުރާ ހޮޅި އަކީ ބިސް އުފައްދާ ތަނާއި ރަހިމު ގުޅުވައިދޭ ފާލަމެކެވެ. އަންހެނާގެ ހަށިގަނޑުގެ ދެފަރާތުގައިވާ ބިސް އުފައްދާ ތަނުން މިފަދަ ހޮޅިއެއް ރަހިމާ ގުޅިފައި އިންނާނެ އެވެ. މިހޮޅީގެ ދިގުމިނުގައި ގާތްގަނޑަކަށް 14-7 ސެންޓިމީޓަރުވަރު ހުރެ އެވެ.

ރަހިމަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި އެންމެ މުހިއްމު އެއް ގުނަވަނެވެ. ރަހިމުގެ މަތިން ދެފަރާތުން ރަހިމާއި ބިސް ދަތުރުކުރާ ހޮޅި ގުޅިފައިވާއިރު، ރަހިމުގެ ތިރީގައިވަނީ ރަހިމުގެ ދޮރެވެ. މިތަން އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށް ހުޅުވޭގޮތަށެވެ. އަންހެނާގެ ޖިންސީ ގުނަވަނީ ނަސްލުއުފައްދާ ނިޒާމުން ބޭރަށް ހުޅުވިފައި އިންނަ ގުނަވަނެކެވެ. ޖިމާޢުވުމުގެ ތެރޭގައި ފިރިހެނާގެ ގުނަން ވާޞިލް ކުރެވެނީ މިބަޔަށެވެ. ޖިމާއުވާއިރާއި، ވިހެއުމުގެ ތެރޭގައި ދެމި ފުޅާވުމުގެ ގާބިލްކަން ދިގުމިނުގައި ގާތްގަނޑަށް 7-6 އިންޗި ހުންނަ މިގުނަވަނަށް ލިބިގެންވެއެވެ. އަންހެނާގެ ނަސްލު އުފައްދާ ނިޒާމުން ބޭރުފުށަށް ފެންނަ ހިސާބަށް ކިޔަނީ ފަރުޖެވެ. ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމެކޭ އެއްފަދައިން އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި އެކި އެކި ކަންކަމުގައި އެހީތެރިވެދޭ ދިޔަ ދޫކުރާ ގްލޭންޑްތައް ހުންނަ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ނަސްލު އުފައްދާ ނިޒާމްގެ ވަޒީފާ
އަންހެނުންނާ ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމަކީ މުޅިން ތަފާތު ދެ ނިޒާމަކަށް ވުމުން މިދެނިޒާމުން ކޮށްދޭ މަސައްކަތާ އަދާކުރާ ވަޒީފާ މުޅިން ތަފާތެވެ.

އަންހެނުންގެ ނަސްލު އުފައްދާ ނިޒާމްގެ ވަޒީފާ
·         އަންހެނާގެ ހަށިގަނޑުގައި ބިސް އުފެއްދުން
·         ފިރިހެނާގެ ހަށިގަނޑުން އަންހެނާގެ ހަށިގަނޑަށް ފޮނުވާލާ ދަރިފަނި ތައް ބަލައިގަތުން
·         ބިހާ، ދަރިފަނި މުޑުވައްވެ، ބަނޑުގައި ދަރިޔަކު އަށަގަތުމަށް ބޭނުންވާ މާހައުލެއް އުފައްދައިދިނުން
·         މާބަނޑުވެ، ދަރިޔަކު ދުނިޔެއަށް އުފަންކުރުވުން (ވިހެއުން)
·         ތުއްތު ދަރިފުޅަށް ބޭނުންވާ މައިގަނޑު ކާނާ ކިރު އުރަމަތީގައި އުފައްދައި ތުއްތު ދަރިފުޅަށް ފޯރުކޮށްދިނުން (ގާތުން ދިނުން)

ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމްގެ ވަޒީފާ
·         ފިރިހެނާގެ ހަށިގަނޑުގައި ދަރިފަނި އުފެއްދުން
·         ފިރިހެނާގެ ހަށިގަނޑުގައި އުފެދޭ ދަރިފަނި އަންހެނާގެ ހަށިގަނޑަށް ފޮނުވާލުން

އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގެ މުހިއްމު ބައިތައް

ބިސް އުފައްދާ ތަން (ovary)
ބިސް އުފައްދާ ތަނަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި އެންމެ މުހިއްމު އެއް މަރުކަޒެވެ. ކޮންމެ އަންހެނެއްގެ ހަށިގަނޑުގައި ބިސް އުފައްދާ ދެތަން ހުންނާނެ އެވެ. އެއީ ރަހިމުގެ ކޮންމެ ފަރާތެއްގައި ތަނެކެވެ. ފިރިހެނުންގެ ހަށިގަނޑުގައި ބިސް އުފައްދާ ތަނާ އެއްގޮތް ވަޒީފާއެއް އަދާކުރާ ތަނަކީ އޮށެވެ. އެއީ އޮށުގެ ތެރޭގައި ދަރިފަނި (މަނަވީ ޙައިވާން/މަނި) އުފައްދާތީ އެވެ. ބިސް އުފައްދާ ތަނުން ބިސް އުފެއްދުމުގެ އިތުރުން ބައެއް ކަހަލަ ހޯރމޯންތައް އުފައްދައި ދޫކުރެއެވެ. މިގޮތުން ބިސް އުފައްދާ ތަނުން އުފައްދައިދޭ އެންމެ އާއްމު އަދި މުހިއްމު ދެ ހޯރމޯން އަކީ އެސްޓްރަޖަން(estrogen)އަދި ޕްރޮޖެސްޓަރޯން(Progesterone) އެވެ.

ބިސް ދަތުރުކުރާ ހޮޅި (fallopian tube)
ބިސް ދަތުރުކުރާ ހޮޅި އަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ބިސް އުފައްދާ ތަނުން ރަހިމަށް ބިސް ގެންގޮސްދޭ ހޮޅި އެވެ. އެހެންކަމުން ބިސް އުފައްދާ ތަނުގައި ބިސް އުފެދުމަށްފަހު ރަހިމަށް ބިސް ވާޞިލްވަނީ މިހޮޅި ކަނޑަތުކޮށެވެ. ކޮންމެ އަންހެނެއްގެ ހަށިގަނޑުގައި މިފަދަ ބިސް ދަތުރުކުރާ ދެހޮޅި ވެއެވެ. އެއީ ރަހިމުގެ ކޮންމެ އަރިމައްޗެއްގައި ނުވަތަ ކޮންމެ ފަރާތެއްގައި ހޮޅި އެވެ. ބިސް ދަތުރުކުރާ ހޮޅި ރަހިމާ ގުޅިފައިވަނީ ރަހިމުގެ ދެފަރާތުން މަތިންނެވެ. ބިސް ދަތުރުކުރާ ހޮޅީގެ ދިގުމިނަކީ ގާތްގަނޑަކަށް 14-7 (އެވްރެޖްކޮށް 10ސމ) ސެންޓިމީޓަރެވެ. ބިސް ދަތުރުކުރާ ހޮޅީގެ ނިމޭ ހިސާބުގައި "އިގިލިތަކެއް ސިފަޔަށް ނިކުމެފައި ހުންނަ ނިކުތުންތަ"(finger-like projections) ކެއް ހުރެއެވެ. މިނިކުތުންތަކަށް ކިޔަނީ "ފިމްބްރީއޭ"(fimbriae) އެވެ. މިއީ ފެންނަ ފެނުމަށް މާގަނޑެއްގެ ސިފަޔަށް ހުންނަ އެއްޗެކެވެ.
އާންމު ގޮތެއްގައި ބިހާ ދަރިފަނި ތަތްވެ މުޑުވައްވަނީ ބިސް ދަތުރުކުރާ ހޮޅީގެ ތެރޭގައެވެ. އަދި އެއަށްފަހު މުޑުވައްވެފައިވާ ބިސް ރަހިމަށް މިހޮޅި ކަނޑަތުކޮށް ގެންގޮސް، ރަހިމުގައި ފާރުގައި އަށަގަންނުވައެވެ.

ރަހިމު (uterus)
ރަހިމަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މައި ގުނަވަނެވެ. ނުވަތަ މިއީ މިނިޒާމްގައި ހިމެނޭ އެންމެ މުހިއްމު އެއްގުނަވަނެވެ. ދިވެހި ބަހުގެ ރަދީފުގައި ރަހިމަށް "މައުގަޅަ" މިނަން ބޭނުންކޮށްފައި ވެއެވެ. ރަހިމުގެ މަތިން ކުރިންވެސް ބުނިހެން ދެފަރާތުގައި ދެ ބިސްދަތުރުކުރާ ހޮޅި ރަހިމާއި ގުޅިފައި ވެއެވެ. ރަހިމުގެ ތިރީ ބަޔަކީ ރަހިމުގެ ދޮރެވެ. މިބައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށް ހުޅުވޭ ގޮތަށެވެ. ބިސް އުފައްދާ ތަނުން އުފައްދާ ބިސް ބިސް ދަތުރުކުރާ ހޮޅީގެ ތެރޭގައި ފިރިހެނާ ޖިންސީ ގުޅުމުގެ ތެރޭގައި އަންހެނާގެ ހަށިގަނޑަށް ދޫކޮށްލާ ދަރިފަންޏާ ބައްދަލުވެއްޖެނަމަ ދަރިންފަންޏާ މުޑުވައްވެ، ބިސްދަތުރުކުރާ ހޮޅި ކަނޑަތުކޮށް ރަހިމަށް ވާޞިލްވެ، ރަހިމުގައި ފާރުގައި މުޑުވައްވެފައިވާ ބިސް އިންދައި، ގަރުބަގަނެއެވެ. އަދި ރަހިމުގެ ތެރޭގައި ދަރިފުޅު އަށަގަނެ ބޮޑުވަމުން އާދެއެވެ.

ރަހިމުގެ ދޮރު (cervix)
ރަހިމުގެ ދޮރަ(cervix)ކީ ރަހިމުގެ ތިރީގައި ހިމަކޮށް އިންނަ ބައެވެ. ރަހިމުގެ ދޮރު ހުޅުވިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށެވެ. ރަހިމުގެ ކަރު އިންނަނީ ސިލިންޑަރެއް (ކޯންއެއް) ގެ ބައްޓަމަށެވެ. ރަހިމުގެ ދޮރުން އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރެއަށް ނިކުމެފައި އިންނަ ބަޔަށް ކިޔަނީ ''އެކްޓަސާރވިކްސް''(ectocervix) އެވެ. މިބައިގެ ދިގުމިނުގައި 3 ސެންޓިމީޓަރު އަދި ފުޅާމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ. ރަހިމުގެ ދޮރުން ރަހިމުގެ ތެރެއަށް ހުޅުވާދޭ ތަނަށް ކިޔަނީ ''އިންޓާރނަލް އޮސް''(internal Os) އެވެ. އަދި ރަހިމުގެ ކަރުން އަންހެނާގެ ޖިންސީ ގުނަވަނަށް ހުޅުވާދޭ ތަނަށް ކިޔަނީ ''އެކްސްޓާރނަލް އޮސް''(external Os) އެވެ.

ޖިންސީ ގުނަވަން (vagina)
އަންހެނާގެ ޖިންސީ ގުނަވަން ފެށިފައި އިންނަނީ ރަހިމުގެ ދޮރު ނިމޭ ހިސާބުންނެވެ. މިއީ ބޭރަށް ހުޅުވިފައި އިންނަ ގުނަވަނެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ފިރިހެން ހަށި ވާޞިލް ކުރެވެނީ މިބަޔަށެވެ. އިންސާނާގެ ހަށިގަނޑު އުފެދިފައިވާ ގޮތަށް ބަލާއިރު މިއީ އެތެރެ ހަށީގެ ގުނަން ތަކުގެ ތެރޭގައި ހުންނަ  މަޑު މަސް ތަކުން އުފެދިފައިވާ އިލާސްޓިކް ކެނަލް އެވެ. ރަހިމުގެ ދޮރުން ފެށިގެން ބޭރަށް ފަރުޖާއި ހަމައަށް އައިސްފައިވާ މި ގުނަވަންގެ އެވްރެޖް ދިގުމިނުގައި 9-7.5 ސެންޓިމީޓަރު ހުންނަކަމަށް ބުނެވެއެވެ. މިގުނަވަނަށް ލިބިފައިވާ އިލާސްޓިކް ކަމެއްގެ ސަބަބުން ޖިންސީ ގުޅުން ހިންގާ ހިނދު އަދި ވިހެއުމުގެ ތެރޭގައި މިގުނަވަނަށް ދެމި ފުޅާވެ، ބޮޑުވުމުގެ ގާބިލިއްޔަތު ލިބިފައި ވެއެވެ. ޖިންސީ ގުނަވަނުގެ ކުރިމަތިން މަސާނާ އިންނައިރު ފަހަތުން އިންނަނީ ފުރަގަސް ފަރާތް، އަދި ފުރަގަސް ފަރާތު ދޮރެވެ.
އަންހެނާގެ ޖިންސީ ގުނަވަނުގެ އެތެރޭގައި ދިޔަ ދޫކުރާ ގްލޭންޑުތަކެއް ނުހުރި ނަމަވެސް، ޖިންސީ ގުނަވަނުގެ އެތެރެ ތެތްކަން މަތީ ބަހައްޓައިދެނީ ރަހިމުގެ ދޮރުން ދޫކުރާ ދިޔަތަކުގެ ސަބަބުންނެވެ. އަންހެނަކު ބާލިޣުވުމަށްފަހު ގޮސް އިއްދައިން ކެނޑެންދެން ޖިންސީ ގުނަވަނުގެ ތެރޭގައި "ލެކްޓޮބެސިލަސް އެސިޑޮފިލަސް"(lactobacillus acidophilus) ކިޔާ ބެކްޓީރިޔާ އެއް ހުންނާނެ އެވެ. މިބެކްޓީރިޔާ އިން ދޫކުރާ "ލެކްޓިކް އެސިޑް"(lactic acid) ގެ ސަބަބުން ޖިންސީގުނަވަނުގެ ޕީއެޗް 4.9-3.5 އާ ދެތެރޭގައި ބަހައްޓައިދެއެވެ. މިގޮތުން އުފެދޭ އެސިޑިޓީ ގެ ސަބަބުން ދެދޮރު ދޭތެރެ އިން ޖިންސީގުނަވަނަށް ވަންނަ ޖަރާސީމުތައް ޖިންސީ ގުނަވަނުގައި ބޮޑުވެ އާލާވުމަށް ހުރަސް އަޅައެވެ.

ޖީ-ސްޕޮޓް (g-spot)
ޖީ-ސްޕޮޓް ނުވަތަ ''ގްރަފެންބާރގް ސްޕޮޓް'' އަކީ އަންހެނުންގެ ޅިނދު ކަށިގަނޑު ގެ ފަހަތުގައި ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ތަންކޮޅެކެވެ. މިތަނަށް ވާޞިލްވެވޭނީ އަންހެނާގެ ޖިންސީ ގުނަވަނުގެ ކުރިމަތީ ފާރުންނެވެ. ބުނެވޭ ގޮތުގައި ޖީ-ސްޕޮޓް ހީވާގިކޮށް މުރާލިކުރުމަކީ އަންހެނުންނަށް ޖިންސީ އެދުންވެރިކަން އޭގެ އެންމެ މައްޗަށް (ކުންނާހަމައަށް) ގެންގޮސްދޭ ކަމެކެވެ.
ޖީ-ސްޕޮޓް މިނަން ދެވިފައިވަނީ ޖަރުމަނުގެ އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއްކަމަށްވާ އާނެސްޓް ގްރަފެންބާރގް ގެ ނަމާ ގުޅުވައިގެންނެވެ. 1950 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޖީ-ސްޕޮޓް އަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ތަންކޮޅެއްކަން ހޯއްދެވީ މިބުނި ޑޮކްޓަރެވެ.

ފަރުޖު (vulva)
ފަރުޖަ(vulva)ކީ އަންހެނާގެ ކުރިމަތި ފަރާތުގެ ދޮރެވެ. މިއީ އަންހެނާގެ ޖިންސީ ގުނަވަނުން ބޭރަށް ފެންނަން އިންނަ ބައެވެ. ނުވަތަ މިއީ އަންހެނާގެ ޖިންސީ ގުނަވަނުން ބޭރަށް ހުޅުވިފައިވާ ތަނެވެ. އާންމު ގޮތެއްގައި ފަރުޖޭ ބުނުމުން މީހުން މާނަ ކުރަނީ އަންހެނާގެ ޖިންސީ ގުނަވަން(vagina) ކަމަށެވެ. ނަމަވެސް ހަގީގަތަކީ އަންހެނާގެ ޖިންސީ ގުނަވަނަކީ އެތެރެއިން ލެވިފައިވާ ނުވަތަ އެތެރޭގައިވާ ބައެކެވެ. އަދި ފަރުޖަކީ ހަށިގަނޑުން ބޭރުގައި ފެންނަ އިންނަ ޖިންސީ ގުނަވަނުގެ ނުވަތަ ނަސްލު އުފައްދާ ނިޒާމްގެ ބައެކެވެ.
ފަރުޖު ގައި ހިމެނޭ ބައިތަކުގެ ތެރޭގައި ފަރުޖު ހިމެނޭ ހިސާބުގައި ޖަމާވެފައިވާ ފެޓް އެކުލެވޭ ޓިޝޫތައް (ސަރުބީ ބޮޑިވަރު)، ބޮޑު ދެތުންފަތް، ކުޑަ ދެތުންފަތް، ކުޑަކަމުދާ ހޮޅީގެ ލޯވަޅު(external urethral orifice)، ޖިންސީ ގުޅުން ހިންގާ ލޯވަޅު(vagina orifice)، ބިކުރުގެ ދުލިފަށް(hymen) ،ބާރތޮލީން ގްލޭންޑް (bartholin’s gland)،އަދި ފަރުޖާއި ފުރަގަސް ފަރާތު ދޮރާއި ދެމެދުގައިވާ ހިސާބު(perineum) ހިމެނެއެވެ.

ނޯޓް: ފޫޅުގެ ތިރީގައި ފަރުޖުގެ މަތީކައިރީގައި ބޮނޑިމަސްކޮށް އޮންނަ ހިސާބަށް ކިޔަނީ "އިސްމަތި"(mons pubis) އެވެ.

ފަރުޖުގެ ތުންފަތް (labium)
ފަރުޖުގެ ތުންފަތަކީ އަންހެނާގެ ކުރިމަތި ފަރާތުގައި ޖިންސީ ގުނަވަން އަދި ފަރުޖު ހިމެނޭ ހިސާބުގައިވާ ދެތުންފަތެވެ. ބޭރަށް ވާގޮތަށް ބޮޑު ތުންފަތެއް ވާއިރު އެއަށްވުރެ އެތެރެއިން ވަނީ ކުޑަ ތުންފަތެވެ. ބޮޑު ތުންފަތް(labia major) އެކުލެވިގެންވަނީ ހަން އަދި ސަރުބީ އެކުލެވޭ ޓިޝޫ އިންނެވެ. ބާލިޣުވުމަށްފަހު ބޮޑު ތުންފަތުގެ ހަންގަނޑުގައި އާންމުކޮށް އިސްތަށި ފަޅައެވެ. އަންހެނަކު ކޮޅަށް ހުންނައިރު ފަރުޖުގެ ބޮޑު ބައެއް ބޮޑު ތުންފަތުން ނިވާކޮށްދެއެވެ. ޢާންމު ގޮތެއްގައި ބޮޑު ތުންފަތުގެ ހަމުގެ ކުލަ އާދައިގެ ހަމުކުލަ އާއި އެއްގޮތެވެ. ނަމަވެސް ބައެއް މީހުންގެ މިބައިގެ ހަމުގެ ކުލަ ފިޔާތޮށި ނުވަތަ މުށި ކުލައަކަށްވެސް ހުރެދާނެއެވެ.
ކުޑަ ދެތުންފަތަ (labia minor)ކީ ބޮޑު ދެތުންފަތުގެ އެތެރެއިން ޖިންސީ ގުނަވަނުގެ ދޮރުގެ ވަށައިގެން ލެވިފައިވާ އެއްޗެކެވެ. ކުޑަ ދެތުންފަތް ދެފަރާތުން މައްޗަށް އައިސް ގުޅޭ ހިސާބުގެ މަތީގައި ވަނީ ކުޅަދިއްޔެވެ. ކުޅަދިނލީގެ ބޯކޮޅު ހިމާޔަތް ކުރުމަށް ވަށައިގެން ހަންކޮޅެއް ލެވިފައި ވެއެވެ. ފަރުޖުގެ ތުންފަތުގެ ދެބައިގައި ވެސް އާދަޔާ ޚިލާފަށް ގިނައިން ތެޔޮ ބޭރުކުރާ ގްލޭންޑް ތައް(sebaceous gland) ހުންނަކަން ފާހަގަ ކުރެވެއެވެ.

ކުޅަނދިލި (clitoris)
ކުޅަދިއްޔަކީ ވެސް ފަރުޖު ހިމެނޭ ހިސާބުގައިވާ ބައެކެވެ. ކުޅަދިނލި އިންނަނީ ކުޑަ ދެތުންފަތް މަތިން ގުޅިފައިވާ ހިސާބާއި ކައިރީގައެވެ. ކުޑަކަމުދާ ހޮޅީގެ ލޯވަޅަށްވުރެ މަތީގައެވެ. ބުނެވޭގޮތުގައި ފިރިހެނާގެ ހަށިގަނޑުގައިވާ ފިރިހެން ހައްޓާ އެންމެ އެއްގޮތް ގުނަނެއްގެ ގޮތުގައި އަންހެނުންގެ ހަށިގަނޑުން ފެންނަށް އިނީ ކުޅަދިނލި އެވެ. ކުޅަދިނލީގެ ބޯ ކޮޅުގައި ވަރަށް ބައިވަރު ނާރު ފައިބަރު ތައް ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ކުޅަދިނލި ހީވާގިކޮށް މުރާލިކުރުމުން ޖިންސީ އެދުންވެރިކަން ހިލި، ޖިންސީ އުފާ އިތުރުވާކަމަށް ވެއެވެ.
ކުޅަނދިލީގެ ކޮޅުގައިވާ ހަންކޮޅަ(clitoral prepuce)ކީ ކުޅަނދިލީގެ ބޯކޮޅު ހިމާޔަތް ކުރުމަށް ލެވިފައިވާ ހަންކޮޅެކެވެ. މިހަންކޮޅު ބޮޑުވެގެން އަންނަނީ ކުޑަ ތުންފަތުގެ ބައެއްގެ ގޮތުގައެވެ. ފިރިހެނާގެ ޖިންސީ ގުނަވަނުގައި މިހަންކޮޅާ އެއްގޮތް އެއްޗެއްކަމަށް ބުނެވެނީ ޚިތާނު ނުކުރާ މީހުންގެ ޒަކަރުގެ ކޮޅުގައި އޮޅިފައިވާ ހަންކޮޅެވެ. ނުވަތަ ޙަޝަފަތު ނިވައިކޮށްދޭ ހަންކޮޅެވެ.
މިހަންކޮޅު ގެ ވަކި ސައިޒެއް ނުވަތަ ބައްޓަމެއް ނުވެއެވެ. ބައެއް މީހުންގެ ވަރަށް ބޮޑު ހަންކޮޅެއް ކުޅަނދިލީގެ ވަށައިގެން އިންނައިރު އަނެއްބަޔެއްގެ ވަރަށް ކުޑަ ހަންކޮޅު ހުންނަކަން ފާހަގަވެއެވެ. އެއްބަޔެއްގެ ހަންކޮޅު ފަހަތަށް ޖެހި ކުޅަނދިލީގެ ބޯ އެއްކޮށް ފެންނަން އިންނައިރު އަނެއްބަޔެއްގެ ހަންކޮޅުން ކުޅަދިނލި އިންނަނީ އެއްކޮށް ނިވައި ކުރެވިފައެވެ.

ބިކުރުގެ ދުލިފަށް (hymen)
ބިކުރުގެ ދުލިފަށަކީ ޖިންސީ ގުނަވަނުގެ ބޭރު ދޮރުގެ(external vaginal opening) މަތީގައި ތަބީޢީ ގޮތުން ލެވިފައިވާ ތެތް ދުލިފަށެކެވެ. ބިކުރުގެ ދުލިފަށް ވަރަށް ގިނަ ބައްޓަންތަކަށް ހުރެއެވެ. އެންމެ އާންމު ވައްތަރަކީ ހަނދު ފަޅި އެއްގެ ބައްޓަމަށް ހުންނަ ވައްތަރެވެ. ބިކުރު ދުލިފަށުން ކުރިމަތި ފަރާތުގެ ދޮރު އެއްކޮށް ނުބެދި ހުރެއެވެ. ނުވަތަ ބިކުރު ދުލިފަށުގައި ލޯވަޅެއް ހެދިފައި ހުރެއެވެ. މީގެ ބޭނުމަކީ މައްސަރުގެ ތެރޭގައި އަންނަ ލޭ ބިކުރުގެ ދުލިފަށުގައި ހުންނަ ލޯވަޅުން ބޭރުކުރުމެވެ.

ކުޑަކަމުދާ ހޮޅި (Urethra)
ކުޑަކަމުދާ ހޮޅި ނުވަތަ ހީސް ހޮޅި އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. މިބައި އިންނަނީ މަސާނާ އިން ފެށިގެން ގޮސް ހަށިގަނޑުގެ ބޭރަށް ހުޅުވިފައެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާ ހޮޅި އިންނަނީ ފިރިހެން ހަށީގެ ތެރެއިން ގޮސް ބޭރަށް ހުޅުވިފައެވެ. އަންހެނުންގެ ހަށިގަނޑުގައި މަސާނާ އިން ފެށިގެން ގޮސް ސީދާ ބޭރަށް ހުޅުވިފައެވެ. މިހޮޅިން ކުޑަ ކަމުދާ ތަކެތި ބޭރުކޮށްދެއެވެ. ފިރިހެނުންނަށް ބަލާއިރު ފިރިހެނާގެ މަނި ހަށިގަނޑުން ބޭރުވަނީ ވެސް ކުޑަކަމުދާ ހޮޅި ހުރަސް ކޮށެވެ.

ބާރތޮލިން ގްލޭންޑް (Bartholin’s gland)
ބާރތޮލިން ގްލޭންޑް(bartholin’s gland) އަކީ އަންހެނާގެ ޖިންސީ ގުނަވަނުން ބޭރަށް ހުޅުވިފައިވާ ދޮރުގެ ދެފަރާތުގައި އިންނަ ކުޑަ ކުޑަ ދެ ގްލޭންޑް އެވެ. އަންހެނުންގެ ނަސްލު އުފައްދާ ނިޒާމްގައިވާ ބާރތޮލިން ގްލޭންޑް އާ އެއްގޮތްކަމެއް ހުންނަ ގްލޭންޑެއް ކަމަށް ފިރިހެނުންގެ ހަށިގަނޑުގައި އިންނަނީ ''ކައުޕާރސް ގްލޭންޑް''(Cowpers gland) އެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ތެތް ކަމެއް ހުންނަ ދިޔައެއް މި ގްލޭންޑުން ބޭރުކުރާ ކަމަށް ބުނެވެއެވެ.
ބާރތޮލިން ގްލޭންޑް ފުރަތަމަ ހޯއްދެވި ކަމަށް ބުނަނީ 17 ވަނަ ގަރުނުގެ ތެރޭގައި ޑެންމާރކްގެ އެނަޓަމީ ޢިލްމު ވެރިއެއް ކަމަށްވާ ކެސްޕަރ ބާރތޮލިން (1738-1655) އެވެ. ބައެއް މީހުން މިގްލޭންޑް ހޯއްދެވީ 1629-1585 އަށް ދިރިއުޅުއްވި ކެސްޕަރ ބާރތޮލިން ދިއިލްޑަރ ކަމަށް ބުނެއެވެ. އެއީ ކުރިން ބުނި ކެސްޕަރ ބާރތޮލިންގެ ކާފަ އެވެ.

ސްކީންސް ގްލޭންޑް (Skene’s gland)
ސްކީންސް ގްލޭންޑް ތަކަކީ އަންހެނާގެ ޖިންސީ ގުނަވަނުގެ މަތީ ފާރުގައި ހުންނަ ގްލޭންޑް ތަކެކެވެ.އަދި އެ ގްލޭންޑްތައް ހުންނަނީ  ކުޑަކަމުދާ ހޮޅި ތިރިން ނިމޭ ހިސާބު ކައިރީގައެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި މިގްލޭންޑްތަކަށް ލޭއެޅި ފުރިބާރުވެއެވެ. އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައިވާ މިގްލޭންޑާ އެއްގޮތްކަމެއް ހުންނަ ގްލޭންޑަކަށް ފިރިހެނުންގެ ހަށިގަނޑުގައި އިންނަނީ ޕްރޮސްޓޭޓް ގްލޭންޑް އެވެ. މިގްލޭންޑް ތަކަށް ''ޕެރިޔުރެތުރަލް ގްލޭންޑް'' އަދި ''ޕެރަޔުރެތުރަލް ގްލޭންޑް'' އޭ ވެސް ކިޔައެވެ.

ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގެ މުހިއްމު ބައިތައް

އުރަވަޅި (scrotum)
ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތަކުގެ ތެރޭގައި ހިމެނޭ އުރަވަޅި އަކީ އޮށް އެއެއްޗެއްގެ ތެރޭގައި އޮންނަ ކޮތަޅެވެ. ފިރިހެނާ ބާލިޣުވުމުން އުރަވަޅީގެ ހަންގަނޑުގައި އިސްތަށި ފަޅައެވެ. އުރަވަޅީގެ ވަޒީފާ އަކީ އޮށުގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ބެހެއްޓުމެވެ. އާއްމު ގޮތެއްގައި އޮށުގެ ފިނިހޫނުމިން ހަށިގަނޑުގެ އެހެން ހިސާބު ތަކަށްވުރެ ދަށްވާނެއެވެ. އޮށުގައި ހުންނަން ޖެހޭ ނަމޫނާ ފިނިހޫނުމިނެއް ކަމަށް ބެލެވެނީ 34.4 ޑިގްރީ ސެލްޒިއަސް އެވެ. ހަށިގަނޑު ޢާންމު ފިނިހޫނުމިން 36.7 ޑިގްރީ ސެލްޒިއަސް އަށް އޮށުގެ ފިނިހޫނުމިން ހިގައްޖެ ނަމަ ފިރިހެނާގެ ދަރިފަންޏަށް ގެއްލުން ލިބެއެވެ.

އޮށް (testis)
އޮށަކީ އުރަވަޅީގެ ތެރޭގައި އޮންނަ އެއްޗެކެވެ. އުރަވަޅީގެ ކޮންމެ ފަރާތެއްގައި އޮށެއް އޮންނާނެ އެވެ. ދަރިފަނި (މަނި) އުފެދެނީ މިއޮށުގެ ތެރޭގައެވެ. ފިރިހެނެއްގެ އޮށްމަތީގައި ޖެހުމަކީ އެމީހަކަށް ވަރަށް ތަދު އިހްސާސް ވާނޭ ކަމެކެވެ. އެއީ އޮށަކީ ވަރަށް ނާޒުކު އެއްޗަކަށް ވާތީއެވެ.

ސްޕަމެޓިކް ކޯޑު (spermatic cord)
ސްޕަމެޓިކް ކޯޑަކީ ބަނޑުގެ ތިރިން ފެށިގެން އުރަވަޅި އަށް ފައިބައިފައިވާ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ހިމެނޭ ކޯޓެއް ފަދަ އެއްޗެކެވެ. ސްޕަމެޓިކް ކޯޑްގެ ތެރެއިން ތިރިއަށް އުރަވަޅިއާއި ދިމާލަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ތަފާތު ނާރުތައް، ލޭހޮޅިތައް، ލިމްފް ހޮޅިތައް، އަދި މަނި ހޮޅި ހިމެނެއެވެ. ސްޕަމެޓިކް ކޯޑް އުފެދިފައިވާ ގޮތުން އޭގެ ބޭރުން 3 ފަށަލަ ލެވިފައިވެއެވެ. އެއީ ''އެކްސްޓާރނަލް ސްޕަމެޓިކް ފެޝިއާ''، ''ކްރިމަސްޓެރިކް މަސަލް އަދި ފެޝިއާ''، އަދި ''އިންޓާރނަލް ސްޕަމެޓިކް ފެޝިއާ''  ހިމެނެއެވެ.

މަނި އުފައްދައިދޭ ހޮޅިތައް (seminiferous tubules)
މަނި އުފައްދައިދޭ ހޮޅި(seminiferous tubules) ތަކަކީ އޮށުގެ ތެރޭގައި ހުންނަ ކުދިކުދި ހޮޅިތަކެކެވެ. މިހޮޅިތަކުގެ ބަތާނަ ފަށުގައި ''ސާރޓޯލީ ސެލް''(sertoli cell) ހުރެއެވެ. ސާރޓޯލީ ސެލްގެ ދެމެދުގައި ''ސްޕަމަޓޯޖެނިކް ސެލް''(spermatogenic cell) ތައް ވެއެވެ. އަދި މިސެލްތައް ބައިބައިވަމުން ގޮސް ''ސްޕާރމް ސެލް''(sperm cell) ތައް އުފެދެއެވެ.  މިހޮޅިތައް ހުންނަނީ އޮށުގެ އަރިމަތިން ފެށިގެން ގޮސް ހުރިހާ ދިމާލަކުން ރީޓީ ޓެސްޓިސް އާއި ގުޅިފައެވެ. މިފަދަ ހޮޅިތަކުގެ ދެވައްތަރެއް ހުރެއެވެ. އެއީ އޮޅިފައިވާ ހޮޅިތަކާއި އަދި ސީދާ ހޮޅިތަކެވެ.
ސާރޓޯލީ ސެލް(sertoli cell) ތަކަކީ މަނި އުފައްދައިދޭ ކުދިކުދި ހޮޅިތަކުގެ ބަތާނަ ފަށުގައި ހުންނަ ސެލްތަކެކެވެ. މިސެލްގެ ބޭރު ފަށަލައިގައި ''ފޮލިކިއުލާރ ސްޓިމިއުލޭޓިންގ ހޯރމޯން''(FSH) އަށް ރިސެޕްޓަރު ތަކެއް ވެއެވެ. އަދި މިބުނި ހޯރމޯންގެ ސަބަބުން މި ސެލްތައް ހީވާގިވެ، މުރާލި ކުރުވައެވެ. ބޮޑުވަމުން އަންނަ ސްޕާރމް ސެލްތަކަށް ކާންދީ ބޮޑުކުރުމުގައި ސާރޓޯލީ ސެލްތައް ބައިވެރިވެއެވެ.
ރީޓީ ޓެސްޓިސް(rete testis) އަކީ އޮށުގެ އެތެރެއިން މެދުގައި ކުދިކުދި ހޮޅިތަކެއް ގުޅިގެން އުފެދިފައިވާ ވިއުގަ އެކެވެ. ރީޓީ ޓެސްޓިސް ހުރަސްކޮށް މަނި އުފެދޭ ހޮޅިތަކުން މަނި އިފެރެންޓް ޑަކްޓް(efferent duct) ތަކަށް ގެންގޮސް ދެއެވެ. ރީޓީ ޓެސްޓިސްގެ ތެރޭގައި މަނީގެ ކޮންސެންޓްރޭޝަން މަތިވެގެން ދެއެވެ. މަނި ކޮންސެންޓްރޭޓްނުވެ، މަނި ގުދަނަށް ވާޞިލްވެއްޖެނަމަ ދަރިން ލިބުމުގައި މައްސަލަ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.
އިފެރެންޓް ޑަކްޓް(Efferent ducts) އަކީ އޮށުގެ ތެރޭގައިވާ ރީޓީ ޓެސްޓިސް އާއި މަނި ގުދަން ގުޅުވައިދޭ ކުދިކުދި މަގު ތަކެކެވެ. ނުވަތަ ކުދިކުދި ހޮޅިތަކެކެވެ. މާނައަކީ މަނިގުދަނަށް އޮށުގައި އުފެދޭ މަނި ދަނީ މިއިފެރެންޓް ޑަކްޓް ތަކުގެ އެހީގައެވެ.

މަނި ގުދަން (epididymis)
މަނި ގުދަނަކީ އޮށުގެ ފަހަތުގައި ތަތްވެފައި އިންނަ އޮޅިފައިވާ ހޮޅިއެކެވެ. މިއީ އެތަނެއްގެ ތެރޭގައި މަނި ގުދަންކޮށް، ރައްކާކުރުމުގެ އިތުރުން، މަނި އިތުރަށް ފުރިހަމަވެގެންދާ މަރުކަޒެއް ވެސް މެއެވެ. މަނި ގުދަން''އިފެރެންޓް ޑަކްޓް''ތަކާއި  މަނި ހޮޅި ގުޅުވާދެއެވެ. ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މަނި ގުދަން މައިގަނޑު 3 ބަޔަކަށް ބެހިގެން ވެއެވެ. އެއީ ބޯ، ހަށިގަނޑު(ޖިސްމު)، އަދި ނިގުލެވެ.
އޮށުގެ ތެރޭގައި އުފެދޭ މަނި އެންމެ ފުރަތަމަ ވަންނަނީ މަނި ގުދަނުގެ ބޮލަށެވެ. އެއަށްފަހު އޭގެ ޖިސްމަށް ވާޞިލްވެ، އެންމެ ފަހުން އޭގެ ނިގުލާ ހަމައަށް ދެއެވެ. މަނި ޚަޒާނާކޮށް ރައްކާކުރެވިފައި ހުންނަނީ މަނި ގުދަނުގެ ނިގުލުގައެވެ. މީގެ އިތުރުން މަނި ގުދަނުގެ ތެރޭގައި މަނި އިތުރަށް ފުރިހަމަވެގެން ދެއެވެ.
މަނި ހޮޅި (vas deferens)
މަނި ހޮޅި އަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މަނި ދައުރުކޮށްދޭ މަގެކެވެ. ކޮންމެ ފިރިހެނެއްގެ ނަސްލު އުފައްދާ ނިޒާމްގައި މިފަދަ ދެ މަނިހޮޅި ވެއެވެ. އެއީ ކޮންމެ ފަރާތެއްގައި ހޮޅި އެކެވެ. ވަށައިގެން މަޑުމަހުގެ ފަށަލައެއް ލެވިފައިވާ މިހޮޅި އަކީ ކަނާތް ފަރާތު އަދި ވާތް ފަރާތުގައިވާ މަނި ހޮޅި ފެށިފައިވާ މަނި ގުދަން(Epididymis) އިޖެކިއުލޭޓަރީ ޑަކްޓާ ގުޅުވައިދޭ މަގެވެ. މާނައަކީ މަނި ގުދަނުން ފެށިގެން ގޮސް އިޖެކިއުލޭޓަރީ ޑަކްޓް އާ ހަމައަށް މަނި ގެންގޮސްދޭ ހޮޅިއެވެ. މަނިހޮޅީގެ ދިގުމިނުގައި ގާތްގަނޑަކަށް 45 ސެންޓިމީޓަރު ހުރެއެވެ.

މަނިގޮށް (seminal vesicle)
މަނި ގޮށަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މަސާނާގެ ފުރަގަހުން ތިރީގައި ފުރަގަސް ފަރާތާއި މަސާނާ އާ ދެމެދު އިންނަ ދެގްލޭންޑް އެވެ. ކޮންމެ މަނި ގޮށެއް އެފަރާތެއްގެ މަނިހޮޅި އާ ގުޅިފައިވަނީ ކުރު ޑަކްޓަ(މަގަކުން)ކުންނެވެ. މަނިހޮޅި އަދި މަނިގޮށުން ނިކުމެފައިވާ ޑަކްޓް ގުޅިގެން އުފެދެނީ އިޖެކިއުލޭޓަރީ ޑަކްޓް އެވެ. 5ސެންޓިމީޓަރުގެ ދިގުމިން ހުންނަ މިގްލޭންޑް އިން މަނި ދިޔައިގެ 70-60 އިންސައްތަ ދޫކުރެއެވެ. މިގޮތުން ދޫކުރާ ނުވަތަ ބޭރުކުރާ ދިޔައިގެ ތެރޭގައި ޕްރޮޓީންތައް، އެންޒައިމްތައް، ފްރަކްޓޯޒް، ދަވަ، ވިޓަމިންސީ، ފްލެވިން، އަދި ޕްރޮސްޓަގްލަންޑިން ފަދަ މާއްދާތައް ހިމެނެއެވެ.

އިޖެކިއުލޭޓަރީ ޑަކްޓް (ejaculatory duct)
އިޖެކިއުލޭޓަރީ ޑަކްޓަކީ މަނިބޭރުވެގެން ދިއުން(Ejaculation) ކުރިމަތިވާ ހިނދު، މަނިހޮޅީގައި ހުރި މަނި ކުޑަކަމުދާ ހޮޅި އަށް ގެންގޮސްދޭ މަގެވެ. ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މީގެ ދެޑަކްޓް ހުރެއެވެ. އިޖެކިއުލޭޓަރީ ޑަކްޓް އުފެދިފައިވަނީ މަނިހޮޅި އާ މަނި ގޮށުން ނިކުމެފައި އިންނަ ޑަކްޓް ގުޅިގެންނެވެ. މިގޮތުން ދެބައި ގުޅިގެން އުފެދޭ ޑަކްޓް(އިޖެކިއުލޭޓަރީ ޑަކްޓް) ޕްރޮސްޓޭޓް ގްލޭންޑްގެ ތެރެއިން ގޮސް ކުޑަކަމުދާ ހޮޅިއަށް ނިމެއެވެ. އަދި ކުޑަކަމުދާ ހޮޅިން ލާފައި ގޮސް ހަށިގަނޑުން މަނި ބޭރުވެއެވެ. އިޖެކިއުލޭޓަރީ ޑަކްޓްގެ ދިގުމިނަކީ ގާތްގަނޑަކަށް 2 ސެންޓިމީޓަރެވެ.
ޕްރޮސްޓޭޓް ގްލޭންޑް އަށް ކުރިމަތިވާ "ޕްރޮސްޓޭޓް ބޮޑުވާ ބަލި"(BPH) ރަގަޅު ކުރުމަށް ކުރެވޭ އޮޕަރޭޝަންގެ ތެރޭގައި ބައެއް ފަހަރު މިޑަކްޓަށް ގެއްލުން ލިބޭގޮތް ވެއެވެ. މިގޮތަށް ގެއްލުން ލިބިއްޖެނަމަ، އެތެރެއަށް ވެރުން  ނުވަތަ އެތެރެއަށް މަނި ބޭރުވުން (Retrograde ejaculation) ކުރިމަތި ކުރުވައެވެ.

ޕްރޮސްޓޭޓް ގްލޭންޑް (prostate gland)
ޕްރޮސްޓޭޓް ގްލޭންޑަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ގްލޭންޑް އެކެވެ. މިގްލޭންޑް އިންނަނީ މަސާނާގެ ތިރިން، ފުރަގަސް ފަރާތު ގެ ކުރިމައްޗަށް ވާގޮތަށެވެ. މިގްލޭންޑް އިން މަނި ދިޔަ (Seminal fluid)އިގެ 30 އިންސައްތަ ބޭރުކުރެއެވެ. މަންޏަށް އޭގައި ހުންނަ ކިރު ކުލަ ގެނެސްދެނީ ޕްރޮސްޓޭޓް ގްލޭންޑުން ބޭރުކުރާ ދިޔައިގެ ސަބަބުންނެވެ. މިދިޔައިގައި މަނި ގަނޑުކޮށްލާ އެންޒައިމް ހުރެއެވެ. މިކަމުގެ ސަބަބުން މަނި އޮލަވެ، ރަހިމުގެ ދޮރާ ކައިރީގައި މަނިތައް ހިފެހެއްޓިފައި ހުރުމުގެ ގާބިލިއްޔަތު ލިބިގެން ދެއެވެ.
ޕްރޮސްޓޭޓް ގްލޭންޑްގައި ކޮންމެވެސް ވަރަކަށް އެތެރެ ހަށީގެ ގުނަން ތަކުގައި ހުންނަ މަސް(smooth muscle) ހުރެއެވެ. މަނި ބޭރުވެގެންދިއުން ކުރިމަތިވާ ހިނދު މަނިތައް ބޭރަށް ފޮނުވުމުގައި މިމަސްކޮޅުތައް އެހީތެރިވެއެވެ. މިގްލޭންޑް އިންނަނީ ކުރިން ވެސް ބުނިހެން މަސާނާގެ ތިރިން ކުޑަކަމުދާ ހޮޅި ވަށާލާފައެވެ. މާނައަކީ ކުޑަކަމުދާ ހޮޅި ގޮސްފައި އިންނާނީ ޕްރޮސްޓޭޓް ގްލޭންޑް ހުރަސް ކޮށެވެ.

ކުޑަކަމުދާ ހޮޅި (urethra)
ކުޑަކަމުދާ ހޮޅި ނުވަތަ ހީސް ހޮޅި އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. މިބައި އިންނަނީ މަސާނާ އިން ފެށިގެން ގޮސް ހަށިގަނޑުގެ ބޭރަށް ހުޅުވިފައެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާ ހޮޅި އިންނަނީ ފިރިހެން ހަށީގެ ތެރެއިން ގޮސް ބޭރަށް ހުޅުވިފައެވެ. އަންހެނުންގެ ހަށިގަނޑުގައި މަސާނާ އިން ފެށިގެން ގޮސް ސީދާ ބޭރަށް ހުޅުވިފައެވެ. މިހޮޅިން ކުޑަ ކަމުދާ ތަކެތި ބޭރުކޮށްދެއެވެ. ފިރިހެނުންނަށް ބަލާއިރު ފިރިހެނާގެ މަނި ހަށިގަނޑުން ބޭރުވަނީ ވެސް ކުޑަކަމުދާ ހޮޅި ހުރަސް ކޮށެވެ.

ބަލްބޯޔުރެތުރަލް ގްލޭންޑް (bulbourethral gland)
ބަލްބޯ ޔުރެތުރަލް ގްލޭންޑް(ކައުޕާރސް ގްލޭންޑް) ތަކަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ކުދިކުދި ގްލޭންޑް ތަކެކެވެ. ނުވަތަ މިނިޒާމްގައި ހިމެނޭ ދެގްލޭންޑް އެވެ. ފިރިހެނުންގެ  ނަސްލު އުފައްދާ ނިޒާމްގައިވާ ކައުޕާރސް ގްލޭންޑް އާ އެއްގޮތްކަމެއް ހުންނަ ގްލޭންޑެއް ކަމަށް އަންހެނުންގެ ހަށިގަނޑުގައި އިންނަނީ ''ބާރތޮލިން ގްލޭންޑް'' އެވެ.
ބަލްބޯ ޔުރެތުރަލް ގްލޭންޑްތައް ހުންނަނީ ފިރިހެންހަށީގެ ބުނޑުގައި(ފެށޭ ހިސާބުގައި)، ކުޑަކަމުދާ ހޮޅީގެ ފުރަގަހުން އެއް އަރިމައްޗެއްގައެވެ. މިގްލޭންޑްތަކާ ކުޑަކަމުދާ ހޮޅި ގުޅައިދެނީ ކުޑަ މަގަކުންނެވެ. މިމަގު ދިގުމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ. ކުޑަކުޑަ އޮށެއްގެ ސައިޒަށް ގުޅިފައި އިންނަ މިދެގްލޭންޑް އުމުރުން ދުވަސްވާ ވަރަކަށް އޭގެ ސައިޒުން ކުޑަވެއެވެ.  

ޒަކަރު (penis)
ޒަކަރަކީ ފިރިހެނާގެ ޖިންސީ ގުނަވަން ނުވަތަ ފިރިހެން ހަށްޓެވެ. ފިރިހެނުން ކުޑަކަމުދާއިރު ކުޑަކަމުދާ ތަކެއްޗާއި، ޖިންސީ ގުޅުން ހިންގާއިރު މަނި ބޭރުވެގެންދަނީ ޒަކަރުގެ މެދުން ބޭރަށް ހުޅުވިފައިވާ ކުޑަކަމުދާ ހޮޅީގެ ދޮރުންނެވެ.
ފިރިހެން ކުއްޖަކު ބާލިޣުވާ އުމުރަށް އެޅުމުން އޮށާއި، ފިރިހެން ހަށި (ޒަކަރު) އަދި ނަސްލު އުފައްދާ ނިޒާމްގެ އެހެން ބައިތައް ވެސް ހެދިބޮޑުވާން ފަށައެވެ. އެގޮތުން އުމުރުން 18 އަހަރުން ވަންދެން ފިރިހެން ހަށި ދިގުވަމުން ދެއެވެ. ފިރިހެން ހަށި ފުޅާވެ ފަލަވަން ފަށަނީ އުމުރުން 11 އަހަރުން ފެށިގެންނެވެ.
އޮމާމަހަ(glans penis)ކީ ޚިތާނު ކުރީމާ ޒަކަރުން ފާޅުވާ ހިސާބެވެ. ނުވަތަ މިއީ ފިރިހެން ހަށީގެ ކޮޅު ނުވަތަ ބޮލެވެ. ދިވެހި ބަހުގެ ރަދީފުގައި ޚިތާނުކުރީމާ ޒަކަރުން ފާޅުވާ ހިސާބަށް "އޮމާމަސް" އަދި "ޙަޝަފަތު" މި ދެނަން ބަޔާންކޮށްފައި ވެއެވެ. އޮމާމަސް ނިވައިކޮށްދޭ ހަންކޮޅުގެ ސަބަބުން ޚިތާނު ނުކުރާ މީހުންގެ މިބައި އިންނަނީ ކޮންމެވެސް ވަރަކަށް (ނޫނީ އެއްކޮށް) ފޮރުވިފައެވެ. ޚިތާނު ކޮށްފައި ތިބޭ މީހުންގެ ޙަޝަފަތު އަބަދު ވެސް ފެންނަށް އިންނާނެއެވެ.
ޚިތާނު ނުކޮށް ތިބޭ މީހުން ވެސް ، އަމިއްލައަށް ޖިންސީ އެދުން ފުއްދުން، ޖިންސީ ގުޅުން ހިންގުން، ނުވަތަ ފިރިހެން ހަށީގައި ވަރުޖެހި ސީދާވުން، ފަދަ ޙާލަތްތަކުގައި ޙަޝަފަތު ރީތިކޮށް ފެންނަން އިންނާނެއެވެ. އެއީ މިފަދަ ޙާލަތްތަކުގައި ޙަޝަފަތު ނިވައިކޮށްދޭ ހަންކޮޅަށް ވާންވެ،ދެމި، ފަހަތަށް ޖެހިގެންދާތީއެވެ.
އޮމާމަސް ނިވައިކޮށްދޭ ހަންކޮޅަ(Foreskin)ކީ ހަމާ، ތެތްދުލިފަށް އެކުލެވިގެން އުފެދިފައިވާ ފަށަލައެވެ. ޚިތާނު ނުކުރާ މީހުންގެ ޒަކަރުގައި ވަރުޖެހި ސީދާ ނުވެ ހުންނަ ހިނދު ކުޑަކަމުދާ ހޮޅީގެ ދޮރު މިހަންކޮޅުގެ ސަބަބުން ނިވައިކޮށްދެއެވެ. ޚިތާނު ކުރުމުގެ ތެރޭގައި މިހަންކޮޅު ވަކިކޮށް ނަގައެވެ. މިހަންކޮޅުގެ ބޭރުން އިންނަނީ ހަމަ ފިރިހެންހަށީގައިވާ ހަމެކޭ އެއްފަދަ ހަންކޮޅެކެވެ. އެކަމަކު އެތެރެ ފުށުން ލެވިފައި އިންނަނީ ތެތް ދުލިފަށެކެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :
Anatomy, G. (2013, 06 10). http://education.yahoo.com/reference/gray/. Retrieved from http://education.yahoo.com/: http://education.yahoo.com/reference/gray/
 Anne Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.

2 comments: