Saturday, June 7, 2025

ޕަލްމޮނަރީ ފައިބްރޯސިސް

 

ޕަލްމޮނަރީ ފައިބްރޯސިސް

ޕަލްމޮނަރީ ފައިބްރޯސިސް (pulmonary fibrosis) އަކީ ފުއްޕާމޭގެ ސެލޯށިތަކުގައި ލަކުނުލައި، ފުއްޕާމެޔަށް ގެއްލުންވުމުން ކުރިމަތިވާ ފުއްޕާމޭގެ ބައްޔެކެވެ. ފުއްޕާމޭގެ ސެލޯށިތަކުގައި ލަކުނުލައި ބޯވެ، ހަރުވުމުން ފުއްޕާމޭގެ މަސައްކަތަށް ހުރަސް އަޅައެވެ. މިއީ ދުވަސްވާ ވަރަކަށް އޭގެ ހާލަތު ގޯސްވަމުންދާ ބައްޔެކެވެ. ބަލީގައި ދުވަސްވެ،ގޯސްވާ ވަރަކަށް ނޭވާކުރުވުން ކުރިމަތިވުން އިތުރުވަމުން އަންނާނެ އެވެ (މެޔޯކްލިނިކް، 2025).  

ޕަލްމޮނަރީ ފައިބްރޯސިސް އަކީ ފުއްޕާމޭގައި ލަކުނުލައި ބޯވެ، ފުންކޮށް ނޭވާލާން ދަތިވާ ހާލަތެކެވެ. މިއީ އިންޓަސްޓިޝަލް ލަންގް ޑިޒީޒް އެކެވެ. މާނައަކީ ފުއްޕާމޭ ދުޅަވެ، ފުއްޕާމޭގައި ލަކުނުލުން ކުރިމަތި ކުރުވާ ބައިވަރު ހާލަތްތަކުގެ ތެރެއިން ހާލަތެކެވެ. ފުއްޕާމޭގައި ލަކުނުލައި ބޯވެ،ހަރުވުމުން ފުއްޕާމޭ ނޭވާލުމުގައި ފުފި ހިނދެންޖެހޭ ވަރަކަށް ނުހިނދެއެވެ. ނޫނީ ދެމި ފުފެންޖެހޭ ވަރަކަށް ނުފުފެއެވެ. ޕަލްމޮނަރީ ފައިބްރޯސިސް ހުރިނަމަ އާންމުކޮށް ދިރިއުޅުމުގައި ކުރާ ކަންކަން ފުރިހަމަކޮށްލުމުން ވެސް ވަރުބަލިކަން އިހުސާސް ކުރެވޭނެ އެވެ. ޕަލްމޮނަރީ ފައިބްރޯސިސް އަކީ ރަނގަޅުނުވާ ދިގުދެމިގެންދާ ހާލަތެކެވެ. މިގޮތަށް ދުވަސްވާ ވަރަކަށް ގޯސްވަމުން އަންނަ ޕަލްމޮނަރީ ފައިބްރޯސިސް އަށް " ޕްރޮގްރެސިވް ޕަލްމޮނަރީ ފައިބްރޯސިސް"(progressive pulmonary fibrosis) އޭ ކިޔައެވެ. (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2025).


ސަބަބު

ޕަލްމޮނަރީ ފައިބްރޯސިސް އަކީ ފުއްޕާމޭގެ އެތެރޭގައި ހުންނަ ވައިކޮތަޅުތަކުގެ ދެމެދާއި އޭގެ ވަށައިގެން ހުންނަ ސެލޯށިތަކުގައި ލަކުނުލައި ބޯވެ، ހަރުއެރުމެވެ. ކުރުކޮށް ބުނާނަމަ މިއީ " ފުއްޕާމޭގައި ލަކުނުލުމޭ" ބުނެވިދާނެއެވެ. މިބަދަލުގެ ސަބަބުން ފުއްޕާމެއިން އޮކްސިޖަން ލޭގެ ތެރެއަށް ފޮނުވުމަށް ހުރަސްއެޅެއެވެ (މެޔޯކްލިނިކް، 2025).

ފުއްޕާމޭގައި ލަކުނުލުމުން ފުއްޕާމެޔަށް އަންނަ ބަދަލުތައް ނޫނީ މިގޮތަށް ކުރިމަތިވަނީ ތަފާތު އެތައް ސަބަބުތަކާ ހުރެއެވެ. އޭގެ ތެރޭގައި ދިގު މުއްދަތަކަށް ވަކި ކަހަލަ ވިހައަށް    ހުށަހެޅުން، ރޭޑިއޭޝަން ތެރަޕީ ނެގުން، ބައެއް ކަހަލަ ބަލިތައް އަދި ބައެއް ކަހަލަ ބޭސް ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު ފުއްޕާމޭގައި ލަކުނުލީ ކީއްވެގެންކަން ޔަގީންކަމާއެކު ކަށަވަރު ނުކުރެވިދާނެ އެވެ (މެޔޯކްލިނިކް، 2025).

ކުރާ މަސައްކަތް އަދި ވަށައިގެންވާ ތަކެތި

އެމީހަކު ކުރާ މަސައްކަތް ނޫނީ ދިރިއުޅޭ ތަނަކީ އެމީހަކަށް ފުއްޕާމޭގައި ލަކުނުލުން ނޫނީ ޕަލްމޮނަރީ ފައިބްރޯސިސް މެދުވެރިކުރުވާ ސަބަބަކަށް ވެދާނެއެވެ. ފެން، ވައި، ބިންގަނޑު ގެ ފެންވަރަށް ބަދަލުގެންނަ ވިހަތަކަށް މެދުނުކެނޑި، ނޫނީ ތަކުރާރުކޮށް ހުށަހެޅުމަކީ ފުއްޕާމެޔަށް ގެއްލުންވާނެ ކަމެކެވެ. ޚާއްޞަކޮށް މިފަދަ ވިހަތަކަށް ހުށަހެޅޭއިރު ރައްކާތެރިވުމުގެ އަޅަންޖެހޭ ފިޔަވަޅުތައް ނާޅާނަމަ މިފުރުޞަތު ބޮޑުވެގެން ދެއެވެ. މިގޮތުން ހުށަހެޅިދާނެ ވިހަތަކުގެ ތެރޭގައި އަންނަނިވި ވިހަތައް ހިމެނެއެވެ (މެޔޯކްލިނިކް، 2025).  

·         ސިލިކޯންގެ ހިރަފުސް

·         އެސްބެސްޓޯސް ހިރަފުސް ނުވަތަ ފައިބަރު ކުނޑި

·         ހަރު ދަގަނޑުގެ ކުނޑި

·         ލަކުނޑީގެ ކުނޑި

·         ބޯޓުދެލީގެ ކުނޑި

·         ފޫ

·         ދޫނި އަދި ޖަނަވާރުގެ ނަޖިހުގެ ކުނޑި

ރޭޑިއޭޝަންގެ ފަރުވާ

ފުއްޕާމޭގެ ކެންސަރު ނޫނީ އުރަމަތީގެ ކެންސަރު ހުރުމުގެ ސަބަބުން މޭމައްޗަށް ރޭޑިއޭޝަން ދޭ މީހުންނަށް ފަރުވާ އަށް ފަހު ފުއްޕާމެޔަށް ގެއްލުން ލިބޭކަން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް މިގޮތަށް ލިބޭ ގެއްލުމުގެ ނުރައްކާ ބަރޯސާވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ (މެޔޯކްލިނިކް، 2025).

·         ފުއްޕާމެއިން ރޭޑިއޭޝަންގެ އަސަރުކޮށްފައިވާ މިންވަރު

·         ރޭޑިއޭޝަން ދީފައިވާ މިންވަރު

·         ކީމޯތެރަޕީ ދީފައިވާކަން ނުވަތަ ނޫންކަން

·         އެހެން ބައްޔެއް ހުރިކަން ނޫންކަން

ބޭސް ބޭނުންކުރުން

ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވެއެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ (މެޔޯކްލިނިކް، 2025).

·         ކީމޯތެރަޕީގައި ބޭނުންކުރެވޭ ބޭސްތައް: މިބޭސްތަކަކީ ކެންސަރުގެ ސެލްތައް މަރާލުމަށްދެވޭ ބޭސްތަކެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ހިމެނޭ މީތޮޓްރެކްސޭޓް، ބްލީއޯމައިސިން، އަދި ސައިކްލޯފޮސްފަމައިޑް ފަދަ ބޭސްތަކުގެ ސަބަބުން ފުއްޕާމެޔަށް ގެއްލުން ވެއެވެ.

·         ހިތުގެ ބަލިތަކަށް ދެވޭ ބޭސްތައް: ހިތުގެ ވިންދުގެ ތަރުތީބު ގެއްލުމަށް ފަރުވާ ކުރުމަށް ދެވޭ ބޭސްތައް މިސާލަކަށް އެމިއެޑެރޯންގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވެއެވެ.

·         ބައެއް އެންޓިބަޔޮޓިކްތައް: ބައެއް އެންޓިބަޔޮޓިކްތައް މިސާލަކަށް އީތަމްބިއުޓޯލް އަދި ނައިޓްރޯފިއުރަންޓޮއިން ފަދަ ބޭސްތަކުގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވެއެވެ.

·         ދުޅަތަކާ ދެކޮޅަށް ދޭ ބޭސްތައް: ދުޅަތަކާ ދެކޮޅަށްދޭ ބައެއް ބޭސްތައް މިސާލަކަށް ރިޓޫޒިމެބް، އަދި ސަލްފަރސެލޭޒިން ގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވެއެވެ.

ބައެއް ކަހަލަ ބަލީގެ ހާލަތްތައް

ބައެއް ކަހަލަ ބަލީގެ ހާލަތްތަކުގެ ސަބަބުން ވެސް ފުއްޕާމެޔަށް ގެއްލުންވެއެވެ. މިފަދަ ހާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް، 2025).  

·         ޑާމަޓޯމެޔޯސައިޓިސް :މިއީ މަސްތަކުގެ ވަރުދެރަވެ، ގައިން ބިހިނަގާ އިންފްލެމޭޓަރީ ޑިޒީޒް އެކެވެ.  

·         ލޫޕަސް: މިއީ އެމީހެއްގެ ދިފާޢީ ނިޒާމު އެމީހެއްގެ އަމިއްލަ ހަށިގަނޑުގެ ގުނަވަންތަކާ ސެލޯށިތަކަށް ހަމަލާ ދިނުމުން ނޫނީ ދެކޮޅަށް މަސައްކަތްކުރުމުން ކުރިމަތިވާ ބައްޔެކެވެ.

·         މިކްސްޑް ކަނެކްޓިވް ޓިޝޫ ޑިޒީޒް: މިއީ ގުޅުވައިދެނިވި ސެލޯށިތަކުގެ ބަލިތަކުގެ ބައިވަރު ބަލިތަކުގެ އުދަނގޫތައް އެއްފަހަރާ ހުރުމެވެ. މިފަދަ ބަލިތަކުގެ ތެރޭގައި ލޫޕަސް، ޕޮލީމެޔޯސައިޓިސް، އަދި ސްކެލީރޯޑާމާ ފަދަ ހާލަތްތައް ހިމެނެއެވެ.

·         ނިއުމޯނިޔާ: މިއީ ފުއްޕާމޭގެ އެތެރޭގައިވާ ވައިކޮތަޅުތައް ދުޅަވެ، އިންފެކްޝަން އުފެދި ފުއްޕާމޭގައި ޖަރާސީމު އެޅުމެވެ.

·         ޕޮލީމެޔޯސައިޓިސް: މިއީ ހަށިގަނޑުގައިވާ މަސްތަކުގެ ވަރުދެރަވާ އިންފްލެމޭޓަރީ ޑިޒީޒް އެކެވެ.

·         ރާއްޖެބަލި: ރާއްޖެ ބައްޔަކީ ހުޅުތައް ދުޅަވެ، އިންފްލެމޭޝަން ކުރިމަތިވާ ބައްޔެކެވެ.

·         ސާރކޮއިޑޯސިސް: މިއީ މައިގަނޑު ގޮތެއްގައި ފުއްޕާމޭ އަދި ލިމްފް ގޮށްތައް ދުޅަކުރުވާ އިންފްލެމޭޓަރީ ޑިޒީޒް އެކެވެ.

·         ސްކެލީރޯޑާރމާ: މިއީ ހަންގަނޑު ހަރުވެ، ވާންވާ ވަރަށް މަދުން ދިމާވާ ބައްޔެކެވެ.

އިޑިއޯޕެތިކް ޕަލްމޮނަރީ ފައިބްރޯސިސް

ވަރަށް ގިނަ މާއްދާތަކާ ހާލަތްތައް ޕަލްމޮނަރީ ފައިބްރޯސިސް ކުރިމަތި ކުރުވައެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު ޕަލްމޮނަރީ ފައިބްރޯސިސް ކުރިމަތިވި ސަބަބު ސީދާ ބުނެދޭން ނޭނގެއެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރުން، ވައި ނުސާފުވުން ފަދަ ޕަލްމޮނަރީ ފައިބްރޯސިސް އަށް މަގުފަހިކުރާ ހިރާސް ތަކަކީ އޭގެ ސަބަބު ސީދާ ނޭނގުނަސް، ވަރަށް ގިނަ ފަހަރު މިކަން ކުރިމަތި ކުރުވާ ހާލަތްތަކާ ގުޅިފައި އޮންނަ ކަންކަމެވެ. މިގޮތަށް ސީދާ ވަކި ސަބަބެއް ބުނެދޭން ނޭނގި ކުރިމަތިވާ ޕަލްމޮނަރީ ފައިބްރޯސިސް އަށް ކިޔަނީ " އިޑިއޯޕެތިކް ޕަލްމޮނަރީ ފައިބްރޯސިސް"(idiopathic pulmonary fibrosis)  އެވެ (މެޔޯކްލިނިކް، 2025).  

އިޑިއޯޕެތިކް ޕަލްމޮނަރީ ފައިބްރޯސިސް ހުންނަ ވަރަށް ގިނަ މީހުންގެ ކިބައިގައި މަތިންއަރާ ބަލި ނުވަތަ ގެސްޓްރޯ އީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް ހުރެއެވެ. މިއީ ބަނޑުގައި ހުންނަ ގޭސް ނުވަތަ އެސިޑް އަނބުރާ މައްޗަށް ކާތަކެތި ހިނގާހޮޅީގެ ތެރެއަށް ދޫކުރާ ބައްޔެކެވެ. އެހެންކަމުން ގެސްޓްރޯ އީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް އަކީ ޕަލްމޮނަރީ ފައިބްރޯސިސް އަށް މަގުފަހިކުރާ ބައްޔެކެވެ. ނޫނީ ޕަލްމޮނަރީ ފައިބްރޯސިސް ގެ ހާލަތު ގޯސްކޮށްދާނެ ބައްޔެކެވެ (މެޔޯކްލިނިކް، 2025).

މަގުފަހިކުރާ ކަންތައްތައް

ކުޑަކުދިންނާއި ތުއްތު ކުދިންނަށް ވެސް މަދުން ނަމަވެސް ޕަލްމޮނަރީ ފައިބްރޯސިސް ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ. މެދު އުމުރުގެ މީހުންނާއި ބޮޑެތި މީހުންނަށް ބޮޑަށް ކުރިމަތިވަނީ އިޑިއޯޕެތިކް ޕަލްމޮނަރީ ފައިބްރޯސިސް އެވެ (މެޔޯކްލިނިކް، 2025).

ޕަލްމޮނަރީ ފައިބްރޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރުކޮށްފާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް، 2025).

(ހ) ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށްވުރެ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ޕަލްމޮނަރީ ފައިބްރޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރެވެ. މީގެ އިތުރުން ފުއްޕާމެޔަށް ކުރިމަތިވާ ހާލަތެއް ކަމުގައިވާ "އެމްފައިޒީމާ" ހުންނަ މީހުންނަށް ވެސް ޕަލްމޮނަރީ ފައިބްރޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރެވެ (މެޔޯކްލިނިކް، 2025).

(ށ) ބައެއް ކަހަލަ މަސައްކަތްތައް : ބައެއް ކަހަލަ މަސައްކަތްތަކުގެ ސަބަބުން ޕަލްމޮނަރީ ފައިބްރޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. މިފަދަ މަސައްކަތްތަކުގެ ތެރޭގައި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް، މައިނިންގ ނޫނީ ދަނޑުވެރިކަން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ފުއްޕާމެޔަށް ގެއްލުންދޭ ވިހަތަކަށް ތަކުރާރުކޮށް ހުށަހެޅުމަކީ ވެސް ޕަލްމޮނަރީ ފައިބްރޯސިސް ގެ ހިރާސް އިތުރުކުރާ ކަމެކެވެ (މެޔޯކްލިނިކް، 2025).  

(ނ) ބައެއް ކަހަލަ ބޭސްތައް ނޫނީ ފަރުވާތައް : މޭމައްޗަށް ރޭޑިއޭޝަން ދިނުން ނޫނީ ކީމޯތެރަޕީގެ ފަރުވާ ނެގުމަކީ ޕަލްމޮނަރީ ފައިބްރޯސިސް އަށް މަގުފަހިކުރާ ކަމެކެވެ (މެޔޯކްލިނިކް، 2025).  

(ރ) ވާރުތަވުން : ބައެއް ވައްތަރުގެ ޕަލްމޮނަރީ ފައިބްރޯސިސް އަކީ އާއިލާތަކުގެ ތެރޭގައި ދައުރުވަމުން އަންނަ ބައްޔެކެވެ. އެހެންކަމުން ފަހަރުގައި މިކަމަށް ވާރުތަކުރާ ވިރާސީ ބަހާއެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް، 2025).  

(ބ) އުމުރުން ދުވަސްވުން : އުމުރުން 65 އަހަރަށްވުރެ މަތިވުމަކީ ޕަލްމޮނަރީ ފައިބްރޯސިސް ގެ ހިރާސް އިތުރުވާ ކަމެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

(ޅ) ފިރިހެނުން : އަންހެނުންނަށްވުރެ ފިރިހެނުންނަށް ޕަލްމޮނަރީ ފައިބްރޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރެވެ   (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

(ކ) ޑީއެންއޭ އަށް ބަދަލު އަންނަ ހާލަތެއް ހުރުން : މިސާލަކަށް ކަށީގެ މަދު އުފެއްދުން ފޭލްކުރުވާ ހާލަތެއް ކަމަށްވާ "ޑިސްކެރަޓޯސިސް ކޮންޖެނިޓާ"(dyskeratosis congenita)  ގެ ސަބަބުން ޕަލްމޮނަރީ ފައިބްރޯސިސް އަށް މަގުފަހިކުރުވައެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2025).

އަލާމާތްތައް

ޕަލްމޮނަރީ ފައިބްރޯސިސް ގެ ސަބަބުން އާންމުކޮށް ދިމާވެދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ނޭވާކުރުވުން

·         ހިކި ކެއްސުން

·         އާދަޔާ ޚިލާފަށް ވަރުބަލިވުން

·         ބަރުދަން ލުއިވުން

·         މަސްތަކާ ހުޅުތަކުގައި ރިހުން

·         އަތްފައިގެ އިގިލިތަކުގެ ކޮޅު ވަށްވުން

·         ތުންފަތް، ލޯ، ނިޔަފަތި ތަކަށް ނޫކުލައެރުން ނޫނީ ނޫވުން

ޕަލްމޮނަރީ ފައިބްރޯސިސްގެ ހާލަތު ގޯސްވެގެންދިއުމާއި އޭގެ އުދަނގޫތައް އިތުރުވެގެންދާ ނިސްބަތް އެކަކު އަނެކަކާ ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މީހުންނަށް ބަލީގެ ހާލަތު ކުއްލިއަކަށް ގޯސްގެން ހިނގައިދާނެ އެވެ. އަނެއް ބައި މީހުންނަށް ބަލީގެ ހާލަތު ގޯސްވަމުންދަނީ މަޑުމަޑުން ލަސްލަހުންނެވެ (މެޔޯކްލިނިކް، 2025).  

ފަލްމޮނަރީ ފައިބްރޯސިސް ހުންނަ މީހުންނަށް މިސާލަކަށް ވަކި ސަބަބެއް ނޭނގި މިހާލަތު ކުރިމަތިވާ ބައެއް މީހުންނަށް ކުއްލިއަކަށް ހުރެފައި މަދު ދުވަސްތަކެއް ނޫނީ ދެތިން ހަފްތާއެއް ގެ ތެރޭގައި ބަލީގެ ހާލަތު ގޯސްވެގެން ހިނގައިދާނެއެވެ. މިހާލަތަށް ކިޔަނީ " އެކިޔުޓް އެގްސަޒަބޭޝަން" އެވެ. މިއީ ފުރާނައަށް ނުރައްކާތެރި ހާލަތެކެވެ. މިގޮތަށް ކުއްލިއަކަށް ބަލީގެ ހާލަތު ގޯސްވެގެން ދަނީ އިންފެކްޝަން އެއްގެ ސަބަބުން ކަމަށް ވެދާނެއެވެ. ނޫނީ ސަބަބު ނޭނގިވެސް އެގޮތަށް ދިމާވެދާނެއެވެ (މެޔޯކްލިނިކް، 2025).

ނުރައްކާތައް

ޕަލްމޮނަރީ ފައިބްރޯސިސްގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

(ހ) ފުއްޕާމޭގެ އެތެރޭގެ ޕްރެޝަރު މަތިވުން : މިވައްތަރުގައި ލޭގެ ޕްރެޝަރު މަތިވަނީ ފުއްޕާމޭގެ ތެރޭގައި ހުންނަ އާޓަރީ ތަކުގެ  ތެރޭގައެވެ. ހަރުވެ ބޯވެފައިވާ މިފަދަ ލޭހޮޅިތަކުގެ ސަބަބުން ފުއްޕާމޭގައި ދައުރުވުމަށް ހުރަސް އަޅައިފާނެ އެވެ. ނޫނީ ފުއްޕާމޭގައި ލޭދައުރުވުން ދަށްކުރެއެވެ. މިކަމުގެ ސަބަބުން ފުއްޕާމޭގެ ތެރޭގައި ހުންނަ އާޓަރީ ތަކުގެ  ތެރޭގައި ޕްރެޝަރު މަތިވެއެވެ (މެޔޯކްލިނިކް، 2025).

(ށ) ހިތުގެ ކަނާތްފަޅީގެ މަސައްކަތްތައް ފޭލްވުން : މިކަން ކުރިމަތިވަނީ ފުއްޕާމެޔަށް ލޭ އުފުލައިދޭ ހޮޅި ޕަލްމޮނަރީ އާޓަރީ ކޮންމެވެސް ވަރަކަށް ބެނދި ލޭ ދައުރުވުމަށް ހުރަސްއެޅުމުން ހިތުގެ ކަނާތް ފަޅިން އާންމުކޮށް ލޭފޮނުވުމަށް ކުރަންޖެހޭ މަސައްކަތަށް ދަތިވެ، ބާރު ބޮޑުވުމުންނެވެ (މެޔޯކްލިނިކް، 2025).

(ނ) ނޭވާލުން ހުއްޓުން ނޫނީ ފޭލްވުން : ނޭވާހުއްޓުން ނޫނީ ނޭވާލުން ފޭލްވުމަކީ ފުއްޕާމޭގެ ބަލިތަކުގެ އެންމެ މަރުހަލާ އެވެ. މިގޮތަށް ކުރިމަތިވަނީ ލޭގައި އޮކްސިޖަންގެ މިންވަރު އާދަޔާ ޚިލާފަށް ދަށްވުމުންނެވެ (މެޔޯކްލިނިކް، 2025).  

(ރ) ފުއްޕާމޭގެ ކެންސަރުޖެހުން : ޕަލްމޮނަރީ ފައިބްރޯސިސް ގައި ގިނަ ދުވަސްވުމަކީ އެކަމުގެ ސަބަބުން ފުއްޕާމޭގެ ކެންސަރަށް މަގުފަހިކުރާ ކަމެކެވެ (މެޔޯކްލިނިކް، 2025).

(ބ) ފުއްޕާމޭގެ އެހެން މައްސަލަތައް ކުރިމަތިވުން : ޕަލްމޮނަރީ ފައިބްރޯސިސް ގެ ހާލަތު ގިނަ ދުވަސްވާ ވަރަކަށް ގޯސްވެ، ފުއްޕާމޭގެ އެހެން  މައްސަލަތައް މިސާލަކަށް ފުއްޕާމޭގައި އިންފެކްޝަން އުފެދުން، ފުއްޕާމޭގައި ގަނޑުލޭކޮޅު އުފެދުން، ފުއްޕާމޭ ފިތި ހިނދުން ފަދަ މައްސަލަތައް ކުރިމަތި ކުރުވައެވެ (މެޔޯކްލިނިކް، 2025).

(ޅ) ލޭގައި އޮކްސިޖަން މަދުވުން(hypoxemia) ނޫނީ ސެލޯށިތަކުގައި އޮކްސިޖަން މަދުވު(hypoxia)މަކީ ވެސް ދިމާވެދާނެ ކަމެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2025).   

ދެނެގަތުން

ޕަލްމޮނަރީ ފައިބްރޯސިސް ދެނެގަތުމަށްޓަކައި ބަލިމީހާ އަދި އާއިލާގެ މައުލޫމާތުތައް އޮޅުން ފިލުވައި ސާފުކުރާނެއެވެ. އަދި މީގެ އިތުރުން ބަލިމީހާގެ ހަށިގަނޑު ބަލައި ޗެކުކުރާނެ އެވެ. މިގޮތަށް ޑޮކްޓަރުން ބަލާއިރު ބަލިމީހާއަށް ކުރިމަތިވާ އުދަނގޫތަކާއި، ބޭނުންކުރާ ބޭސްތަކުގެ މައުލޫމާތު ޑޮކްޓަރުންނަށް އޮޅުން ފިލުވައިދިނުމަކީ ބޭނުންތެރި ކަމެކެވެ. މީގެ އިތުރުން މަސައްކަތުގެ މާހައުލުން ހިރަފުސް، ގޭސްތައް، ކެމިކަލްތައް އަދި ތަފާތު އެކިއެކި މާއްދާތަކަށް ހުށަހެޅޭތޯ ވެސް އަހައި ސާފުކުރާނެ އެވެ (މެޔޯކްލިނިކް، 2025).  

ޖިސްމާނީ ގޮތުން ހަށިގަނޑު ބަލައި ޗެކުކުރާއިރު، ފުއްޕާމޭގައި ކަށިގަނޑު އަޅައިގެން ބަލައި ހަދާނެއެވެ. ޕަލްމޮނަރީ ފައިބްރޯސިސް ގައި އާންމު ގޮތެއްގައި ފުއްޕާމޭގެ އެންމެ ތިރީގައި "ކްރެކްލިންގ ސައުންޑް" އެއް ހުންނާނެއެވެ. މީގެ އިތުރުން އަންނަނިވި ޓެސްޓުތައް ހަދައިފާނެއެވެ (މެޔޯކްލިނިކް، 2025).  

އިމޭޖިންގ ޓެސްޓުތައް

(ހ) މޭގެ އެކްސްރޭ ނެގުން : ފުއްޕާމޭގެ އެކްސްރޭ އިން އާންމު ގޮތެއްގައި ޕަލްމޮނަރީ ފައިބްރޯސިސް އާއި ގުޅިގެން ފުއްޕާމޭގައި އުފެދޭ ލަކުނުގެ އަސަރު ފެންނަށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު ފުއްޕާމެއިން އެއްވެސް ކަމެއް ފާހަގަ ނުވެދާނެ އެވެ (މެޔޯކްލިނިކް، 2025).  

(ށ) ސީޓީ ސްކޭން ހެދުން : ސީޓީ ސްކޭންގެ އެހީގައި ޕަލްމޮނަރީ ފައިބްރޯސިސް ދެނެގަނެވިދާނެ އެވެ. މީގެ އިތުރުން ޕަލްމޮނަރީ ފައިބްރޯސިސްގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވެފައި ހުރި މިންވަރު ވެސް ދެނެގަނެވިދާނެ އެވެ. ބައެއް ވައްތަރުގެ ޕަލްމޮނަރީ ފައިބްރޯސިސް ގައި ފުއްޕާމޭގައި ވަކި ކަހަލަ "ޕެޓާން" އެއް ހުރެދާނެ އެވެ (މެޔޯކްލިނިކް، 2025).

(ނ) އީކޯ ކާޑިއޯގްރާމް ހެދުން : އީކޯކާޑިއޯގްރާމްގައި ހިތުގެ ހާލަތު ދެނެގަތުމަށް އަޑުގެ ރާޅުބާނިތައް ބޭނުންކުރެއެވެ. އެގޮތުން އަޑުގެ ރާޅުބާނިތަކުގެ އެހީގައި ހިތުގެ އޮނިގަނޑުގެ ތަސްވީރެއް އުފައްދައެވެ. މީގެ އިތުރުން ހިތް މަސައްކަތްކުރާގޮތް ދެނެގަނެވެއެވެ. މިޓެސްޓުގެ އެހީގައި ހިތުގެ ކަނާތްފަޅި އަދި ފުއްޕާމޭގެ ތެރޭގައި އާޓަރީތަކުގައި އުފެދޭ ޕްރެޝަރު ގެ މިންވަރު ދެނެގަނެވެއެވެ (މެޔޯކްލިނިކް، 2025).  

ފުއްޕާމޭގެ މަސައްކަތް ހުންނަގޮތް ބެލުން

ފުއްޕާމޭގެ މަސައްކަތް ހުންނަގޮތް ބެލުމަށް ހެދޭ ބައެއް ޓެސްޓުތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް، 2025).

·         ސްޕައިރޯމެޓްރީ : ސްޕައިރޯމެޓްރީ ހަދާއިރު މެޝިނަކާއި ގުޅިފައި އިންނަ ހޮޅިއެއް އަނގަޖަހައި ލެވޭ އެންމެ ފުންކޮށް ނޭވާލައި، ނޭވާ ހިފަހައްޓާލަން ބުނެއެވެ. މިޓެސްޓުގެ އެހީގައި ފުއްޕާމެއިން ވައި ނޫނީ އޮކްސިޖަން ހިފަހައްޓައިދޭ މިންވަރު އަދި ފުއްޕާމެޔަށް ވައި ވަދެ ބޭރުވާ މިންވަރު ބެލޭނެ އެވެ.

·         ލަންގް ވޮލިޔުމް ޓެސްޓު : މިޓެސްޓުގެ އެހީގައި އެކި ވަގުތުތަކުގައި ނޭވާލާއިރު ފުއްޕާމޭގައި ވައި ހިފަހައްޓައިދޭ މިންވަރު މިންކޮށްދެއެވެ.

·         ލަންގް ޑިފިއުޝަން ޓެސްޓު : މިޓެސްޓުގެ އެހީގައި ފުއްޕާމެޔާއި ލެޔާއި ދެމެދު އޮކްސިޖަނާއި ، ކާބަންޑައިއޮކްސައިޑް ދައުރުވާ މިންވަރު ދައްކައިދެއެވެ.

·         ޕަލްސް އޮކްސިމެޓްރީ: މިއީ އިގިއްޔަށް ލެއްވޭ ކުޑަ ޑިވައިސް އެއްގެ އެހީގައި ލޭގައި އޮކްސިޖަން ހުންނަ މިންވަރު ދައްކައިދޭ ނޫނީ އަންގައިދޭ ޓެސްޓެކެވެ. ލޭގައި އޮކްސިޖަން ހުންނަ މިންވަރަށް ކިޔަނީ " އޮކްސިޖަން ސެޗުރޭޝަން" އެވެ.

·         އެކްސަސައިޒް ސްޓްރެސް ޓެސްޓު : މިއީ ޓްރެޑްމިލް ނޫނީ ސްޓޭޝަނަރީ ބައިކް އެއްގައި ކަސްރަތުކުރަމުންދާ ވަގުތު ފުއްޕާމޭ އަދި ހިތުގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓެކެވެ. ނޫނީ މޮނީޓަރ ކުރުމަށް ހެދޭ ޓެސްޓެކެވެ.

·         އާޓެރިއަލް ބްލަޑް ގޭސް ޓެސްޓު : މިއީ އަތުކުރީގައި ހިމެނޭ ސާފުލޭ ދައުރުވާ ލޭހޮޅި ނޫނީ އާޓަރީ އިން ލޭ ނަގައިގެން ހެދޭ ލޭގެ ޓެސްޓެކެވެ. މިޓެސްޓުގައި ލޭގައި އޮކްސިޖަން އަދި ކާބަންޑައި އޮކްސައިޑް ހުންނަ މިންވަރު މިންކުރެވެއެވެ.

ޓިޝޫ ސާމްޕަލް

އެހެން ޓެސްޓުތަކުން ޕަލްމޮނަރީފައިބްރޯސިސް ގެ ސަބަބު ދެނެނުގަނެވިއްޖެނަމަ، ފުއްޕާމެއިން ސެލޯށިކޮޅެއް ނަގަންޖެހިދާނެއެވެ. މިގޮތަށް އެތިކޮޅެއް ނެގުމަށް ކިޔަނީ "ބަޔޮޕްސީ ހެދުން"(biopsy) މިހެންނެވެ. މިގޮތުން ނެގޭ ބަޔޮޕްސީ ސާމްޕަލް ލެބޯޓަރީގައި ޓެސްޓުކޮށް، ޕަލްމޮނަރީ ފައިބްރޯސިސް ކަން ޔަގީންކުރެވެއެވެ. ނޫނީ އެކަމަށް މަގުފަހިވި ސަބަބުތައް ދެނެގަތުމަށް މަސައްކަތް ކުރެއެވެ. ބަޔޮޕްސީ ސާމްޕަލް ނެގުމަށް ދެގޮތެއް ޚިޔާރުކުރެއެވެ. އެއީ ސަޖިކަލް ބަޔޮޕްސީ އަދި ބްރޮންކަސްކަޕީ އެވެ (މެޔޯކްލިނިކް، 2025).

(ހ) ސަޖިކަލް ބަޔޮޕްސީ (surgical biopsy): ސަޖިކަލް ބަޔޮޕްސީ ހެދުމަކީ ހަށިގަނޑު ހުޅުވައިގެން ނޫނީ ފަޅާލައިގެން ކުރާ އަދި ނުރައްކާތައް ބޮޑު ކަމަކަށް ވިޔަސް ޕަލްމޮނަރީ ފައިބްރޯސިސް ދެނެގަތުމަށް ކުރެވޭ ނޫނީ ކުރަންއޮތް ހަމައެކަނި ކަމަކީ މިއީ ކަމަށް ވެސް ވެދާނެއެވެ. މިއޮޕަރޭޝަން "ވީޑިއޯ އެސިސްޓަޑް ތޮރަކޮސްކަޕިކް ސާޖަރީ'(video assisted thoracoscopic surgery )  ގެ ގޮތުގައި ކުރެވެއެވެ. މިއީ ހަށިގަނޑުން ކުޑަތަންކޮޅެއް ފަޅައިގެންކުރެވޭ އޮޕަރޭޝަނެކެވެ. ނޫނީ މޭމަތި ހިމެނޭ ހިސާބު ހުޅުވައިގެން ކުރެވޭ އޮޕަރޭޝަނެއް(thoracotomy)ގެ ގޮތުގައި ވެސް ކުރެވެއެވެ. މިދެ އޮޕަރޭޝަނަކީ ވެސް ހޭނައްތައިގެން ކުރެވޭ އޮޕަރޭޝަން ތަކެކެވެ (މެޔޯކްލިނިކް، 2025).  

(ށ) ބްރޮންކަސްކަޕީ (bronchoscopy): މިއިޖުރާއާތުގައި ފުއްޕާމެއިން ނެގެނީ ވަރަށް ކުޑަ ސެލޯށި ކޮޅެކެވެ. މިގޮތަށް ނެގޭ ސެލޯށިކޮޅު އާންމު ގޮތެއްގައި ޕިނެއްގެ ބޮލަށްވުރެ ބޮޑެއް ނުވާނެއެވެ. މި ސެލޯށި ކޮޅު ނެގުމަށްޓަކައި އަނގަ ނޫނީ ނޭފަތުގެ ތެރެއިން ކުޑަކުޑަ ފަހެލި ހޮޅިއެއް ފުއްޕާމޭގެ ތެރެއަށް ފޮނުވެއެވެ. ބައެއް ފަހަރު ނެގޭ ސެލޯށި ކޮޅު ބަލި ދެނެގަތުމަށް ބޭނުންވާ ވަރަށްވުރެ ކުޑަ ވެސް ވެދާނެ އެވ. ނަމަވެސް މިއީ ބައްޔަށް މަގުފަހިކުރާ އެހެން ކަންކަން ވެސް ދެނެގަތުމަށް އެހީތެރިވެދީފާނެ ކަމެކެވެ(މެޔޯކްލިނިކް، 2025).

ލޭގެ ޓެސްޓުތައް

ޕަލްމޮނަރީ ފައިބްރޯސިސް ހުންނަ މީހުންނަށް އެމީހުންގެ ފުރަމޭ އަދި ގުރުދާގެ މަސައްކަތް ހުންނަ ނުހުންނަ ގޮތްތައް ދެނެގަތުމަށް ޚާއްޞަ ޓެސްޓުތައް ހެދުމަށް ލަފާދީފާނެއެވެ (މެޔޯކްލިނިކް، 2025).  

ފަރުވާ

އާންމު ގޮތެއްގައި ޕަލްމޮނަރީ ފައިބްރޯސިސް އާއި ގުޅިގެން ފުއްޕާމޭގައި ލަކުނުލައި ބޯވުމަކީ އެކަން ރަނގަޅުކޮށް އަނބުރާ އިޢާދަ ކުރެވޭނެ ކަންކަމެއް ނޫނެވެ. އަދި މިހާތަނަށް ޕަލްމޮނަރީ ފައިބްރޯސިސް އިތުރަށް ގޯސްވެގެން ދިއުން ހުއްޓުވޭނެ ބޭހެއް ވެސް ހޯދި ކަށަވަރު ކުރެވިފައި އެއް ނެތެވެ. ބައެއް ބޭސްތަކުން ބަލީގެ އުދަނގޫތަކަށް ލުއިކަމެއް ގެނެވިދާނެ އެވެ. ނޫނީ ބަލި އިތުރަށް ގޯސްވެގެން ދިއުން ހުއްޓުވިދާނެއެވެ. ނޫނީ ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ނޫނީ ހާލަތު ރަނގަޅުކުރެވިދާނެ އެވެ (މެޔޯކްލިނިކް، 2025).

ބޭސްތައް

އިޑިއޯޕެތިކް ޕަލްމޮނަރީ ފައިބްރޯސިސް ހުންނަ މީހުންނަށް ބައެއް ފަހަރު "ޕިރްފެނިޑޯން" ނޫނީ "ނިންޓިޑެނިބް' ފަދަ ބޭސްތައް ލިޔެދީފާނެ އެވެ. މިއީ އެމެރިކާގެ އެފްޑީއޭ އިން އިޑިއޯޕެތިކް ޕަލްމޮނަރީ ފައިބްރޯސިސް އަށް ފަރުވާ ކުރުމަށް ފާސްކޮށްފައިވާ ބޭސްތަކެކެވެ. ނިންޓިޑެނިބް އެހެން ވައްތަރުތަކުގެ ޕަލްމޮނަރީ ފައިބްރޯސިސް (ޚާއްޞަކޮށް ވަރަށް އަވަހަށް ގޯސްވެގެންދާ ޕަލްމޮނަރީ ފައިބްރޯސިސް) އަށް ފަރުވާ ކުރުމަށް ވެސް ބޭނުންކުރެއެވެ. މިބޭސްތަކުގެ ސަބަބުން ޕަލްމޮނަރީ ފައިބްރޯސިސް އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުޞަތު ކުޑަކުރެއެވެ (މެޔޯކްލިނިކް، 2025).  

ނިންޓިޑެނިބްގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ބޭރަށްހިންގުމާއި މޭނުބައިކުރުން ހިމެނެއެވެ (މެޔޯކްލިނިކް، 2025).

އޮކްސިޖަން ގެ ފަރުވާ

ސަޕްލިމެންޓަލް އޮކްސިޖަން ނޫނީ އިތުރު އޮކްސިޖަން ނެގުމަކީ ނޫނީ ދިނުމަކީ ފުއްޕާމޭގެ ބަލީގެ ހާލަތު ނޫނީ ޕަލްމޮނަރީ ފައިބްރޯސިސް ގެ ހާލަތު ރަނގަޅުވާނޭ ކަމެއް ނޫނެވެ. ނަމަވެސް އޭގެ ސަބަބުން : -

·         ނޭވާލުމާ ކަސްރަތުކުރުން ފަސޭހަވެ ރަނގަޅުވުން

·         އޮކްސިޖަން ދަށްވެގެން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުން ނޫނީ މަދުކުރުން

·         ހިތުގެ ކަނާތް ފަރާތަށް ކުރާ ބާރު ކުޑަކުރުން

·         ނިދުމާއި ދުޅަހެޔޮކަން ރަނގަޅުވުން

ކަސްރަތުކުރާއިރު ނޫނީ ނިދާއިރު އޮކްސިޖަން ބޭނުންކުރެވިދާނެ އެވެ. ނޫނީ ބޭނުން ވެދާނެ އެވެ. ނަމަވެސް ބައެއް މީހުންނަށް އަބަދު ވެސް އޮކްސިޖަން ނަގަން ޖެހިދާނެ އެވެ. މިފަދަ މީހުން ޕޯޓަބަލް އޮކްސިޖަން ކޮންސެންޓްރޭޓަރ އެއް ގެންގުޅެން ޖެހިދާނެ އެވެ. ނޫނީ ގެންގުޅެވިދާނެ އެވެ (މެޔޯކްލިނިކް، 2025).

ޕަލްމޮނަރީ ރިހެބިލިޓޭޝަން

ޕަލްމޮނަރީ ރިހެބިލިޓޭޝަންގެ ސަބަބުން ބަލީގެ އުދަނގޫތަކާއެކު ކުރިޔަށްދާން އެނގި، ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމުގެ ގާބިލިއްޔަތު އިތުރުކޮށްދެއެވެ. ޕަލްމޮނަރީ ރިހެބިލިޓޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ (މެޔޯކްލިނިކް، 2025)

·         ޖިސްމާނީ ހަރަކާތްތައް

·         ނޭވާލާނެ ގޮތުގެ ހުނަރުތައް

·         ކެއުން ބައްޓަންކުރާނެގޮތް

·         ޖަޒުބާތުތަކާ އިހުސާސްތައް މެނޭޖުކުރާގޮތް

·         ބަލީގެ ހާލަތާ ބެހޭގޮތުން އޮޅުން ފިލުވައިދިނުން

ފުއްޕާމޭ ބަދަލުކުރުން

ފުއްޕާމޭ ބަދަލުކުރުމަކީ ޕަލްމޮނަރީ ފައިބްރޯސިސް ހުންނަ ބައެއް މީހުންނަށް ބައެއް ފަހަރު ކުރެވިދާނެ ފަރުވާ އެކެވެ. ނޫނީ ދީއުޅޭ ފަރުވާ އެކެވެ. ފުއްޕާމޭ ބަދަލުކުރުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދީ މިފަދަ މީހުންގެ އުމުރު ދިގުކޮށްދޭނެ ކަމެކެވެ. ނަމަވެސް ފުއްޕާމޭ ބަދަލުކުރުމަކީ ހިރާސްތައް ގިނަ އަދި ބޮޑު ކަމެކެވެ. އެގޮތުން ކުރިމަތިވެދާނެ ހިރާސްތަކުގެ ތެރޭގައި ލެއްވޭ ފުއްޕާމޭ ހަށިގަނޑުން ބަލައިނުގަތުން އަދި އިންފެކްޝަން ހެދުން ހިމެނެއެވެ. ފުއްޕާމޭ ބަދަލުކުރުމަށްފަހު މުޅި އުމުރަށް ބޭސްކާން ޖެހޭނެ އެވެ (މެޔޯކްލިނިކް، 2025)

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.mayoclinic.org/diseases-conditions/pulmonary-fibrosis/symptoms-causes/syc-20353690#:~:text=Pulmonary%20fibrosis%20is%20scarring%20and,caused%20by%20many%20different%20things.

·         https://my.clevelandclinic.org/health/diseases/10959-pulmonary-fibrosis

 

 

 

No comments:

Post a Comment