Thursday, February 4, 2016

ޕްރޮސްޓޭޓް ކެންސަރު

ޕްރޮސްޓޭޓް ކެންސަރު
ޕްރޮސްޓޭޓް ކެންސަރަކީ ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހުމެވެ. ޕްރޮސްޓޭޓް ކެންސަރު އަކީ ފިރިހެނުންގެ ތެރޭގައި ފާހަގަ ކުރެވޭ ޢާންމު ކަމެކެވެ. ޕްރޮސްޓޭޓް ގްލޭންޑް އަސކީ ހަމައެކަނި ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް ގައި ހިމެނޭ ގުނަވަނެއް ކަމުން މިބާވަތުގެ ކެންސަރު ޖެހޭނީ ހަމައެކަނި ފިރިހެނުންނަށެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހެން ދިމާވަނީ ޕްރޮސްޓޭޓް ގްލޭންޑްގައި ހިމެނޭ ސެލްތައް ބަދަލުވެ، ކޮންޓްރޯލް ނުވާ މިންވަރަށް އިތުރުވާން ފެށުމުންނެވެ. އަދި މިސެލްތައް ހަށިގަނޑުގެ އެހެން ބައިތަކަށް ދެއެވެ.
ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނުންގެ ދަރިމައިވުމުގެ ނިޒާމް ނުވަތަ ނަސްލު އުފައްދާ ނިޒާމް ގެ ބައެކެވެ. ދަރިފަނި ރަހިމާއި ހަމައަށް ގެންދިއުމާއި، ދަރިފަނި ދުޅަހެޔޮ ކަންމަތީ ދެމެހެއްޓުމަށްޓަކައި ޕްރޮސްޓޭޓް ގްލޭންޑް އިން އުފައްދާ ދިޔަވަރު މުހިއްމު ބައެއް ދައުރެއް އަދާކުރެއެވެ. ޕްރޮސްޓޭޓް ކެންސަރު އާންމުކޮށް ފެތުރެނީ ޕްރޮސްޓޭޓް ގްލޭންޑްގެ ބޭރު ފަށަލައިންނެވެ. އެއަށްފަހު ދުރަށްފެތުރި އެހެނިހެން ގުނަންތަކާއި، މައިބަދަ އާއި ކަށިތަކަށް މިކެންސަރު ފެތުރިދާނެއެވެ. 


ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނުންގެ ދަރިއުފެދުމާއި ބެހޭ ނިޒާމްގައި ހިމެނޭ ގްލޭންޑް އެކެވެ. މިއީ ކުޑަ ކުޑަ ދޫނި ބިހެއްގެ ބޮޑުމިނުގައި ދޫނި ބިހެއްގެ ސިފައިވާ ގްލޭންޑް އެކެވެ. މިގްލޭންޑް އިންނަނީ މަސާނާގެ ތިރިން މަސާނާ އާއި ކުޑަކަމުދާ ހޮޅި އާއި ގުޅޭ ހިސާބުގައި އެހޮޅީގެ ވަށައި ލެވިގެންނެވެ. މިގްލޭންޑްގެ މަސައްކަތަކީ މަނީގައި ހިމެނޭ ދިޔަ އުފެއްދުމެވެ. ފިރިހެނުންނަށް ޖެހޭ ކެންސަރު %16 އަކީ ޕްރޮސްޓޭޓް ކެންސަރު އެވެ. އާންމުގޮތެއްގައި އުމުރުން 40 އަހަރަށްވުރެ ހަނގުމީހުންނަކަށް މިބާވަތުގެ ކެންސަރެއް ނުޖެހެއެވެ. 

ޕްރޮސްޓޭޓް ކެންސަރު އެންމެ އާންމުކޮށް ފެށެނީ ޕްރޮސްޓޭޓް ގްލޭންޑްގެ ބޭރު ފަށަލަ އިންނެވެ. އެއަށްފަހު ހަށިގަނޑުގެ އެހެނިހެން ގުވަންތަކަށާއި، ކަށިތަކަށް ފެތުރިގެން ދެއެވެ. ދުނިޔޭގެ ނިސްބަތުން 75 އަހަރުން މަތީގެ ފިރިހެނުން މަރުވާ އެންމެ އާންމު ބައްޔެއްކަމަށް ބެލެވިފައިވަނީ ޕްރޮސްޓޭޓް ކެންސަރެވެ.

ސަބަބުތައް
ޕްރޮސްޓޭޓް ކެންސަރު ޖެހުމަށް މެދުވެރިވާ ސީދާ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް މިބަލިޖެހުމަށް ފުރުޞަތު ބޮޑުވެގެންދާ ކަންތައްތަކެއް ވަނީ ހޯދިފައެވެ. މީގެ ތެރޭގައި:-
(ހ) އުމުރުން ދުވަސްވުން : ޕްރޮސްޓޭޓް ކެންސަރު ޖެހޭ މީހުންގެ ތެރެއިން 75 އިންސައްތަ މީހުންނަކީ އުމުރުން 60 އަހަރަށްވުރެ މަތީގެ މީހުންނެވެ.
(ށ) އާއިލާގެ ތެރޭގައި ދައުރުވުން : އާއިލާގެ މީހަކަށް ކެންސަރު ޖެހިފައިވާ ނަމަ އާއިލާގެ އެހެން މީހުންނަށް ވެސް ކޮންމެ ގުނަވަނަކަށް ވެސް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ. މިގޮތުން ބައްޕަ، ބޭބެ، ކޮއްކޮ އަށް މިބަލި ޖެހިފައިވާނަމަ ތިމާ އަށް މިބަލި ޖެހުމުގެ ފުރުސަތު 11-2 ގުނައާއި ދެމެދުގެ މިންވަރަކަށް އިތުރުވެގެން ދެއެވެ.
ފުރުޞަތު ބޮޑު ފަރާތްތައް
·         އެފްރިކަން އެމެރިކަން ދަރިކޮޅުގެ މީހުން
·         ދަނޑުވެރިން / ދަނޑުވެރިކަން ކުރުން
·         ތަފާތު ބާވަތްތަކުގެ ކެމިކަލްތައް ބޭނުންކޮށްގެން ކުލައާއި ދަވާދުލުން ފަދަ މަސައްކަތްކުރާ މީހުން
·         ކެޑްމިއަމް އަށް ހުށަހެޅޭ މީހުން / ކެޑްމިއަމް އަށް ހުށަހެޅުން
·         ސަރުބީ ގިނައިން ހުންނަ ކާބޯތަކެތި ބޭނުންކުރުން
އަލާމާތްތައް
ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުމުން ފެންނަ އަލާމާތްތަކާއި ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހުމުން ފެންނަ އަލާމާތްތައް ދާދި އެއްގޮތެވެ. ޕްރޮސްޓޭޓް ކެންސަރުގެ އަލާމާތްތައް ބަލީގެ ކުރީކޮޅު ފާހަގަކުރަން އުދަނގޫވާނެ އެވެ. ތިރީގައި މިދަންނަވާ އަލާމާތްތައް ފެނުން އެކަށީގެންވަނީ ޕްރޮސްޓޭޓް ކެންސަރުގެ ފަހު މަރުހަލާ ތަކުގައެވެ.

·         ކުޑަކަމުދާން ދަތިވުން ނޫނީ ކުޑަކަމު ނުދެވުން
·         ކުޑަކަމުދާން ފަށައިގަތުމަށް އުދަނގޫވުން (ކުޑަކަމުދާން ފެށުމަށް އަދި ހުއްޓުމަށް އުނދަގޫވުން)
·         ކުޑަކަމުދާއިރު ކުރިންދާ ބާރުމިނުގައި ދެވޭގޮތްނުވުން ނުވަތަ ދަތިވުން
·         ކުޑަކަމުދާއިރު ކެނޑިކެނޑިގެން ދެވުން / ކުޑަކަމުދާއިރު ހުއްޓިހުއްޓިފައި ފެށުން
·         ކުޑަކަމުދާއިރު ކުޑަ އެތިކޮޅެއް އައުން
·         ކުޑަކަމުދާން ބާރުލާންޖެހުން
·         ކުޑަކަމުދާ ތަކެތީގައި ލޭ، ދޮސް، ނުވަތަ މަނިހުރުން (ކުޑަކަމުދާއިރު ނޫނީ މަނިބޭރުވާއިރު ލޭހުރުން)
·         ކުޑަކަމުދާއިރު ތަދުވުން ނުވަތަ ދިލަނެގުން
·         ކޮޅުނުވުން (ޒަކަރުގައި ބާރުނުޖެހުން / ޒަކަރު ވާންނުވުން)
·         ކުޑަކަމު ދިއުމަށްފަހު ތިކިތިކި ޖެހުން ނުވަތަ ކުޑަކަމުގޮސް ނިމޭއިރު ނުވަތަ ނިމުމަށްފަހު ތިކިޖެހޭގޮތްވުން / ކުޑަކަމުދާ ވަގުތު މަސާނާ ހުސްނުވުން
·         އަވަސް އަވަހަށް (ޚާއްޞަކޮށް ރޭގަނޑު) ކުޑަކަމުދާން ޖެހުން / ރޭގަނޑު ނިދާފައި އޮންނަ ވަގުތު ކުޑަކަމުދާން ތެދުވާންޖެހުން
·         ޖިންސީ އެދުން ފުދޭއިރު ތަދުވުން
·         އުކުޅުވަޅުގައި ނުވަތަ އުނަގަނޑުގައި ފިލައިގެންނުދާ ތަދެއް ހުރުން (އުނަގަނޑުގައި ރިއްސުން)
·         ބުރަކަށި، އުނަގަނޑު، އަދި ފަލަމަސްގަނޑުގައި ރިހުން
·         ކަށްޓަށް ތަދުވުން
·         ކަންނެތްވުން
·         ދަށްބަނޑަށް ތަދުވުން
·         ހަށިގަނޑުގެ ބަރުދަން މާބޮޑަށް ލުއިވުން
·         ލޭގައި ރަތް ސެލްތަކުގެ މިންވަރު މަދުވުން
·         ބޮޑުކަމުދާއިރު ތަދުވުން
މިއިން އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަކާ މަޝްވަރާކުރާށެވެ.ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހި އޭގެ އެއްވެސް އަލާމާތެއް ނުފެނި ދިގުމުއްދަތެއް ވޭތިވެހިގައިދާނެ އެވެ. މިގްލޭންޑަށް ކެންސަރުޖެހޭ މީހުންގެ ތެރެއިން %90 މީހުންނަށް މިކަން އެނގެނީ މިގްލޭންޑްގައި އުފެދޭ ކެންސަރު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރުމާއި ގުޅިގެންނެވެ.

ސްކްރީންކުރުން
ސްކްރީން ކުރުމަކީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަނީސް ބަލިހުރިތޯ ބެލުމަށް ތަހުލީލު ކުރުމެވެ. މިބަލީގެ ކުރީކޮޅު ބަލި ހުރިކަން ދެނެގަނެ ފަރުވާ ކުރަން ފެށުމުން ވަރަށް ބޮޑެތި ފައިދާތަކެއް ލިބެއެވެ. މިގޮތުން އެހެން ގުނަންތަކަށް ބަލި ފެތުރުމުގެ ފުރުޞަތު ކުޑަވުމާއި، ޕްރޮސްޓޭޓް އަށް ބަލި ޖެހުމުގެ ސަބަބުން އަސަރުކުރާ މިންވަރު ކުޑަކުރެވެއެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި ބައްޔަށް ސްކްރީން ކުރުމުގެ ސަބަބުން ބަލިޖެހޭ މީހުންގެ ފުރާނަ ސަލާމަތްކުރެވޭ މިންވަރު %67 އިން %97 އަށް ވަނީ އިތުރުވެފައެވެ. ބައްޔަށް ސްކްރީން ކުރަންޖެހެނީ ކުރިން ވެސް ބަޔާންކޮށްފައިވާ ފަދައިން ބަލި ޖެހުމުގެ ފުރުޞަތު ބޮޑު މީހުންނެވެ. އެމެރިކާގެ ކެންސަރ ސޮސައިޓީން ލަފާދެނީ އުމުރުން 50 އަހަރުންމަތީގެ ހުރިހާ ފިރިހެނުންވެސް ޕްރޮސްޓޭޓް ކެންސަރު އަށް ސްކްރީން ކުރުމަށެވެ.

ދެނެގަތުން
ޕްރޮސްޓޭޓް ކެންސަރު ހުރިތޯ ދެނެގަތުމަށް ޑޮކްޓަރުން އެންމެ ފުރަތަމަ ކުރާ ޓެސްޓަކީ ފުރަގަސް ފަރާތަށް އިގިލި ލައްވައިގެން ބަލާ ޗެކުކުރުމެވެ. މިގޮތަށް ބެލުމުން ޑޮކްޓަރަށް ޕްރޮސްޓޭޓްގެ ސައިޒާއި، ސިފަޔަށް ބަދަލެއް އައިސްފައިވާނަމަ، އެކަން ދެނެގަނެވޭނެ އެވެ. މީގެ އިތުރުން:-
(ހ) ލޭގެ ޓެސްޓު ހެދުން : މިޓެސްޓަކީ ޕްރޮސްޓޭޓް ސްޕެސިކް އެންޓިޖަން ހުރިތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. އެގޮތުން ލޭގެ ޕްރޮސްޓެޓިކް ސްޕެސިފިކް އެންޓިޖަން(PSA) ޓެސްޓްގައި މިމާއްދާ ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވާނެއެވެ. 

(ށ) ސްކޭން ކުރުން : މިއީ ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒު ދެނެގަތުމަށް ކުރެވޭ ކަމެކެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހުމުން މިގުނަވަން ދުޅަވެ ބޮޑުވެއެވެ. ނަމަވެސް ޕްރޮސްޓޭޓް ބޮޑުވާން ދިމާވާ އެންމެ އާންމު ސަބަބަކީ ޕްރޮސްޓޭޓް ކެންސަރެއް ނޫނެވެ. 

(ނ) ބަޔޮޕްސީ ހެދުން : ޕްރޮސްޓޭޓް ކެންސަރު ހުރިކަން ޔަގީންކުރުމަށްޓަކައި ބައޮޕްސީ އެއް ހަދަންޖެހޭނެ އެވެ. އެއީ ޕްރޮސްޓޭޓްގެ އެތިކޮޅެއް ނަގައިގެން ތަހުލީލު ކުރުމެވެ. ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑަށް އޮންނަ މީހުން މިކަމަށް އަބަދުވެސް ޓެސްޓުކުރުން މުހިއްމެވެ. އުމުރުން 55 އަހަރުން މައްޗަށް ދިއުމުން، ކޮންމެ އަހަރަކު 1 ފަހަރު ބަލިހުރިތޯ ބެލުމަށް ތަހުލީލުކުރުން މުހިއްމެވެ. 
މީގެ އިތުރުން ކުޑަކަމުދާ ތަކެތި ޓެސްޓުކުރުން، ސީޓީ ސްކޭން، ކަށީގެ ސްކޭން، އަދި މޭމަތީގެ އެކްސްރޭ ނެގުން ފަދަ ޓެސްޓުތައް ވެސް ހެދެއެވެ. 

ފަރުވާ
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. ކުރީކޮޅުގައި ބަލި ހޯދިއްޖެނަމަ މިފަރުވާތަކުން ބަލި މުޅިން ފަސޭހަ ކުރެވިދާނެ އެވެ. މިބައްޔަށް ސްކްރީންކުރުން މުހިއްމު ވަނީ މިސަބަބާހުރެއެވެ. ނަމަވެސް ބަލި ދެނެގަނެވޭލެން ލަސްވެއްޖެނަމަ މިފަދަ ފަރުވާ ތަކުން ވެސް ކޮށްދެވޭނެ ކަމަކީ ބަލިމީހާގެ އުދަގޫތައް ލުއިކޮށް ދިނުމާއި، ބަލި އިތުރަށް ގޯސްވަމުންދާ މިންވަރު ކުޑަ ކުރުމެވެ. ކެންސަރު ހުރިކަން ބަލީގެ ކުރީކޮޅުގައި އެނގުން މުހިއްމެވެ. ސަބަބަކީ ބަލީގެ ކުރީކޮޅުގައި އެގިއްޖެނަމަ ބަލިއެއްކޮށް ފަސޭހަކުރުމުގެ ފުރުޞަތު ބޮޑުވާތީ އެވެ. 

ޕްރޮސްޓޭޓް ކެންސަރުގެ ފަރުވާގައި އާންމުކޮށް ކުރެވޭ ކަންތައްތައް ތިރީގައި މިވަނީ އެވެ.
·         އޮޕަރޭޝަން ކުރުން
·         ކީމޯތެރަޕީ ދިނުން
·         ރޭޑިއޭޝަން ތެރަޕީ ދިނުން
·         ބޭސް ފަރުވާ
މައުލޫމާތު :
·         ޕްރޮސްޓޭޓް ކެންސަރ - ކުލުނު 257 – ޖޫން 2014
·         ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ – 2005
·         ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ނެރެފައިވާ ފްލެޔަރ
·         ކެންސަރ – ފުރާނައަށް ނުރައްކާތެރި ބައްޔެއް – ޔާސިރު ޞޯލިހް

No comments:

Post a Comment