Monday, March 26, 2012

ޓައިފޮއިޑް ހުން

ގަދަ ހުން
ގަދަ ހުން (Typhoid fever or Enteric fever) ނުވަތަ ޓައިފޮއިޑް ހުމަކީ ޖަރާސީމަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ ފަރުވާނުކޮށްފިމަ ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ބައްޔެކެވެ. ގަދަހުން އާންމުކޮށް ޖެހެނީ ސުކޫލް އުމުރުފުރާގެ ކުދިންނާއި، ޒުވާނުންނަށެވެ. ނަމަވެސް ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ އެވެ. ހޫނު މޫސުމުގައި އިތުރުކަން ފާހަގަކުރެވިފައިވާ މިބަލި ނިސްބަތުން ފިރިހެނުންނަށްޖެހޭ މިންވަރު އިތުރެވެ. އަދި ރަށްފުށުގައި މިބަލި އާންމުކަން ވެސް ފާހަގަ ކުރެވެއެވެ.

ސަބަބު
ޓައިފޮއިޑް ހުމަކީ ''ސަލްމޮނެއްލާ ޓައިފި''(Salmonella typhi) އަދި ސަލްމޮނެއްލާ ޕެރަޓައިފި(Salmonella paratyphi) ކިޔާ ބެކްޓީރިޔާތަކެއްގެ ސަބަބުން ޖެހޭ ނުވަތަ ފެތުރޭ ބައްޔެކެވެ. ސަލްމޮނެއްލާ ޓައިފި ބެކްޓީރިޔާގައި ތަފާތު 3 އެންޓިޖެން އެއް އެކުލެވިގެން ވެއެވެ. ޓައިފޮއިޑް ހުން ފަތުރާ މަޞްދަރަކީ ޓައިފޮއިޑް ހުން ޖެހިފައިވާ ތިބޭމީހުންނާއި، އަދި ޓައިފޮއިޑް ހުން ޖައްސާ ބެކްޓީރިޔާ ހަށިގަނޑުގައި ހުރި މީހުންނެވެ.

ބަލިފެތުރޭގޮތް
Ø      ޓައިފޮއިޑް ހުން ޖައްސާ ޖަރާސީމާއިި ތަޣައްޔަރުވެފައިވާ އަތް ނުވަތަ އިގިލި އަނގަޔަށްލުން : މިސާލަކަށް ޓައިފޮއިޑް ހުން ޖެހިފައިވާ މީހަކު ފާޚާނާކޮށް ނިމިގެން ސާފުވެފައި، ރަގަޅަށް އަތްނުދޮންނަނަމަ އެމީހެއްގެ އަތުގައި ޖަރާސީމު ހުންނާނެ އެވެ. އަދި އެހެންމީހަކާއި ސަލާންކޮށް ހަދައިފިނަމަ އެމީހެއްގެ އަތަށް ޖަރާސީމް ވާޞިލްވެދާނެ އެވެ. އެއަށްފަހު އެމީހަކު އަތް ނުދޮވެ، އަނގަޔަށް އަތްލައިފިނަމަ އެމީހަކަށް ބަލިޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ. މީގެ އިތުރުން އެފަދަ މީހަކު ބޭނުންކުރާ ތަކެތީގައި ވެސް ޖަރާސީމު ހުރެދާނެ އެވެ. އަދި އެފަދަ އެއްޗެއްގައި އަތްލައި، އަތް ޖަރާސީމާއި ތަޣައްޔަރުވެފައި ވަނިކޮށް ނުދޮވެ، އަނގަޔަށް އަތް ލެވިއްޖެނަމަ ބަލިޖެހިދާނެ އެވެ.
Ø      ޓައިފޮއިޑްހުން ޖައްސާ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނާއި،ކިރު ކިރުން އުފައްދާފައި ހުންނަ ބާވަތްތައް ބޭނުންކުރުން : ބައެއް ފަހަރު ބޭނުންކުރެވޭ ފެނަކީ ނަޖިހާއި ތަޣައްޔަރުވެފައިވާ ފެނަކަށް ވެދާނެ އެވެ. އަދި އެގޮތުން ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނެއް ބުއިމަކީ ވަރަށް ފަސޭހައިން ބަލިޖެހޭނެ ކަމެކެވެ.
Ø      ޓައިފޮއިޑް ހުން ޖައްސާ ޖަރާސީމާއި ތަޣައްޔަރުވެފައިވާ މޭވާ ތަރުކާރީ ފަދަ ތަކެތި ބޭނުންކުރުން : މިސާލަކަށް ޓައިފޮއިޑް ޖެހިފައިވާ މީހެއްގެ އަތް ޖަރާސީމާއި ތަޣައްޔަރުވެފައި ވަނިކޮށް (ފާޚާނާކޮށްގެން ރަގަޅަށް އަތްނުދޮވެ)، ކާތަކެތި އުފުލައި ހެދުމުން އެތަކެތި ޖަރާސީމާއި ތަޣައްޔަރު ވެއެވެ. އަދި އެއަށްފަހު ސަލާމަތުންހުރި މީހަކު އެތަކެތި ކައިފިނަމަ އެމީހަކަށް ބަލިޖެހިދެއެވެ.
Ø      މެހިފަދަ ތަކެތި އަދާކުރާ ދައުރު: މެހި ފަދަ ތަކެއްޗަކީ ޓައިފޮއިޑް ހުން ފެތުރުމުގައި މުހިއްމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. ސަބަބަކީ އެކަތިން އަނެކައްޗަށް ޓައިފޮއިޑް ހުން ޖައްސާ ބެކްޓީރިޔާ އުފުލަނީ މެހިފަދަ ތަކެތި ކަމަށްވާތީ އެވެ. މިސާލަކަށް ފަސް މައްޗަށް ޓައިފޮއިޑް ޖެހިފައިވާ މީހާ ބޮޑުކަމު ހިގައްޖެނަމަ، މެހި ފަދަ ތަކެތި އޭގައި ޖައްސައި، އެއަށްފަހު ގޮސް ކާތަކެތީގައި ޖެއްސުމުން އެކާތަކެތި ބޮޑުކަމު ނަޖިހާއި ތަޣައްޔަރު ކުރެއެވެ.
Ø      ޓައިފޮއިޑް ކެރިއަރުން : ޓައިފޮއިޑް ކެރިއަރުންނަކީ ޓައިފޮއިޑް ބަލީގެ ޖަރާސީމު ހަށިގަނޑުގައި ހުރެމެ، އޭގެ އުދަނގޫތައް އެމީހެއްގެ ފުށުން ނުފެންނަ މީހުންނެވެ. އަދި އެމީހުންގެ ފުށުން އަލާމާތްތައް ނުފެނުނު ނަމަވެސް އެހެން މީހުންނަށް ބަލިފަތުރަމުން ގެންދާނެ އެވެ. އެމީހުންގެ ބޮޑުކަމު އަދި ކުޑަކަމު ނަޖިހުގައި ބަލީގެ ޖަރާސީމު ހުންނާނެ އެވެ. މިފަދަ މީހުންގެ ހަށިގަނޑުގައި ޓައިފޮއިޑް ޖައްސާ ޖަރާސީމު އަހަރުތަކެއް ވަންދެން ވެސް ހުރެދާނެ އެވެ. މިއީ ޓައިފޮއިޑް ބަލީގެ ދާއިމީ ކެރިއަރުންނެވެ.

ޓައިފޮއިޑް ހުންޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް
v     ޓައިފޮއިޑް ހުން އާންމު ހިސާބަކަށް ދަތުރުކުރާ ފަރާތްތައް
v     ސަލްމޮނެއްލާ ޓައިފި ބެކްޓީރިޔާ ހުރި ސާމްޕަލް ފަދަ ތަކެތި އުފުލަންޖެހޭ ފަދަ މަސައްކަތްކުރާ މީހުން
v     ޓައިފޮއިޑް ހުން ޖެހުނު، ޖެހިފައިވާ މީހުންނާއި ގައިގޯޅިވެ އުޅޭމީހުން
v     ބައްޔެއް ނުވަތަ ބޭހެއްގެ ސަބަބުން ވިޔަސް ދިފާޢީ ބާރު ދަށްވެފައިވާ މީހުން
v     ސަލްމޮނެއްލާ ޓައިފި ހުރި ނަޖިހާއި ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރާ މީހުން

އަލާމާތްތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ޓައިފޮއިޑް ހުން ޖައްސާ ޖަރާސީމު ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް 3-1 ހަފްތާއާއި ދެމެދުގެ މުއްދަތެއް ނަގައެވެ. މިމުއްދަތު ބައެއް ފަހަރު 4 ހަފްތާގެ މުއްދަތަކަށް ދިގުދެމި ދިއުމަކީ ވެދާނެ ގޮތެކެވެ.

އަލާމާތްތައް : ޓައިފޮއިޑް ހުމުގެ އުދަނގޫތައް 6-4 ހަފްތާއި ދެމެދުގެ މުއްދަތަކަށް ދިގުދެމިގެން ދެއެވެ. އަލާމާތްތައް 3 މަރުހަލާއަކަށް ބަހާލެވެއެވެ. އެގޮތުން އަލާމާތްތައް ފެންނަނީ އެއް ހަފްތާއާއި 3 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ޖަރާސީމު ހަށިގަނޑަށް ވަންނަ މަރުހަލާ ( ފުރަތަމަ ހަފްތާގެ ތެރޭގައި) : ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެންނަ އަލާމާތްތަކުގެ ތެރޭގައި، ހުންއައުން، ކާހިތްނުވުން، ނުތަނަވަސްވުން، ބޮލުގައި ރިހުން، ވަރުދެރަވުން، ވަރުބަލިވުން، ބަނޑުގައި ރިހުން، ބޭރަށްހިންގުން ނުވަތަ ބަނޑުހިކުން، ގައިން ބިހިނެގުން، އަދި ދުލުގައި ހުދުކުލައިގެ ފަށަލައެއްލުން، ފަދަ ކަންތައްތައް ހިމެނެއެވެ.

ހުން އާންމު ގޮތެއްގައި ހަވީރާއި ރޭގަނޑުގައި ގަދަވާނެ އެވެ. ހުން ހުންނާނީ ގަދަވެލާފައި، ވިހެލާ ފަދަ ގޮތަކަށެވެ. ހުންގަދަވެގެން ގޮސް 39 ޑިގްރީ ސެލްޒިއަސް ނުވަތަ 40 ޑިގްރީ ސެލްޒިއަސް އަށް އަރާ ފަހަރު އަންނާނެ އެވެ. ހެދުނުން ފެށިގެން ހަވީރަށް އަދި ރޭގަނޑުވާ ވަރަކަށް ހުންމަތިވެފައި، ޖެހިގެން އަންނަ ދުވަހު ހެދުނުވާއިރު ހުން ހުންނާނީ ދަށްވެފައެވެ. ހުން ހުންނަ މިންވަރާއި އަޅާ ބަލާއިރު، ވިންދު ދަށްވެފައި ލަސްވާނެ އެވެ.

އާންމު ގޮތެއްގައި ބޭރަށްހިންގަނީ ކުޑަކުދިންނެވެ. ބޮޑެތިމީހުންނަށް ކުރިމަތިވަނީ ބަނޑުހިކުމެވެ. ބަނޑުހިކެން މެދުވެރިވަނީ ގޮހޮރުގެ ފާރުގެ ތެރޭގައި ހުންނަ "ޕެޔަރސް ޕެޗް"(Peyers patch) ތަކަށް "މޮނަސައިޓް"(Monocyte) ވަދެ ޖަމާވުމުގެ ސަބަބުން ގޮހޮރުގެ އެތެރޭގެ ވަށަމިން ހަނިވެގެންދާތީ އެވެ.

7 ވަނަ ދުވަހު ހަމުން ބިހިތަކެއް ނަގާނެއެވެ. މިބިހިތަކަށް ފިތާލުމުން ފޭދިދާނެއެވެ. އާންމު ގޮތެއްގައި ރަތްކުލައަކަށް ހުންނަ ކުދިކުދި ބިހިތައް ނަގަނީ މޭގެ ތިރިއާއި ބަނޑުގެ މަތިން މެޔާއި ކައިރިވީ ހިސާބުގައެވެ. މިބިހިތައް އޭގެ ޒާތުގައި 5-2 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ފިލައިދާނެ އެވެ.  

ބަލިއިތުރަށް ތަރައްގީވާ މަރުހަލާ (ދެވަނަ ހަފްތާގެ ތެރޭގައި) : އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ ބަލީގެ ދެވަނަ މަރުހަލާ ފެށިގެން ދެއެވެ. މިމަރުހަލާގައި، ހުންއައުން، ކުރިން ބުނި އުދަނގޫތައް ކަމުގައިވާ ބަނޑުގައި ރިހުން، ކާހިތްނުވުން، ބަނޑުހިކުން ނޫނީ ބައެއް ފަހަރު ބޭރަށްހިންގުން، ހުންކޮށި ބޮޑުވުން، ފަދަ ކަންތައްތައް ކުރިމަތި ވެއެވެ. އާދަޔާ ޚިލާފަށް ބަނޑު ބޮޑުވެ، ފުއްޕާނެ އެވެ. ބަނޑުގައި ރިހުން ބައެއް ފަހަރު ކަނާތް ފަރާތުން ބަނޑުގެ މަތިން މޭގަނޑު އޮންނަ ހިސާބުގައި ވެސް ހުރެދާނެ އެވެ. ނިސްބަތުން ހިތުގެ ވިންދު ޖަހާލެން ލަސްވާނެ އެވެ.

އެންމެ ނުރައްކާތެރި މަރުހަލާ (ތިންވަނަ ހަފްތާގެ ތެރޭގައި) : ފަރުވާނުކޮށް ދޫކޮށްލުމުން ބަލި 3 ވަނަ ހަފްތާއަކަށް ވެސް ދިގުދެމިދެއެވެ. މިމަރުހަލާގައި އާދަޔާ ޚިލާފަށް ބަރުދަން ލުއިވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިހަފްތާގައި ބަލިމީހާ ވާނުވާ ނޭނގި ވަހުމުތައް އަދި ކުށްހީތައް ކުރާނެ އެވެ. ލޮލަށް ވެސް އަސަރުކުރުމަކީ ވެދާނެ ގޮތެކެވެ. މީހާ އެއްވެސް ހަރަކާތެއްނެތި އޮންނާނެ އެވެ.މިގޮތަށް އޮންނައިރު ލޮލުގެ ބައެއް މެރި، ވާނުވާނޭގި، ގައިން ވަރުދެރަވެ، ވަރަށް ބޮޑަށް ވަރުބަލިކަން އިހްސާސްވާނެ އެވެ. މިހާލަތަށް ކިޔަނީ "ޓައިފޮއިޑްގެ ހާލަތު"(Typhoid state) އެވެ. ބައްޔާއި ގުޅިގެން ދިމާވާ އެންމެ ނުރައްކާތެރި ކަންތައްތައް މެދުވެރިވަނީ މިމަރުހަލާގެ ތެރޭގައެވެ.

ރަގަޅުވާ މަރުހަލާ (4ވަނަ ހަފްތާގެ ތެރޭގައި) : ހަތަރުވަނަ ހަފްތާގައި ހުން ވިހެލާނެއެވެ. ބޮޑުވެފައިވާ ބަނޑު ހިނދި، މީހާގެ ޞިއްޙަތު ރަގަޅުވާން ފަށައި، މީހާގެ ހާލަތު މަޑުމަޑުން ރަގަޅުވާނެއެވެ.

ނުރައްކާތައް
Ø      ކުޑަ ގޮހޮރުން ލޭއައުން ނުވަތަ ކުޑަ ގޮހޮރުގައި ފޫވެއްޓުން ނުވަތަ ހޮއިހެދުން : ބަލިވާތާ 3 ވަނަ ހަފްތާގެ ތެރޭގައި މިކަންތައްތައް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ބަލިޖެހޭ މީހުންގެ 5 އިންސައްތަ މީހުންނަށް މިނުރައްކާތައް ކުރިމަތިވެއެވެ. ކުޑަ ގޮހޮރުން ލޭއައުމަކީ ބޮޑުކަމު ނަޖިހާއެކު ލޭބޭރުވެ، ކުއްލިއަށް ލޭގެ ޕްރެޝަރު ދަށްވެ، ޝޮކުޖެހިދާނެ ކަމެކެވެ. ގޮހޮރު ފޫވެއްޓެނީ ކުޑަ ގޮހޮރު ނުވަތަ ބޮޑު ގޮހޮރުގައި ހޮއި ހެދިގެންނެވެ. ނުވަތަ ލޯވަޅެއް އެޅިގެންނެވެ. މިހެންވުމުން ގޮހޮރުގައި ހުންނަ ތަކެތި (ކާތަކެތި،ނަޖިސް) އެތެރެހަށްޓަށް ފައިބައި އެޅޭގޮތް ވެއެވެ. މިހެން ވެއްޖެނަމަ، ވަރަށް ބޮޑަށް ބަނޑުގައި ރިއްސައި، މޭނުބައިކޮށް، ހޮނޑުލެވި، ލޭގައި ޖަރާސީމު އަޅާގޮތް ވެއެވެ.
Ø      ނޭވާލާ ނިޒާމަށް ކުރިމަތިވާ ނުރައްކާތައް : މީގެ ތެރޭގައި ނިއުމޯނިޔާޖެހުން، އަރުތެރޭގައި ފާރުހެދުން ފަދަ ކަންތައްތައް ހިމެނެއެވެ.
Ø      ހިތާއި ލޭހޮޅިތަކަށް ދިމާވާ މައްސަލަތައް : އެގޮތުން ދިމާވެދާނެ މައްސަލަ ތަކުގެ ތެރޭގައި، ހިތުގެ ބޭރު މަސްފަށަލަ ދުޅަވެ، ހިތުގެ މަސައްކަތަށް ބުރޫއެރުން ފަދަ ކަންތައްތައް ހިމެނެއެވެ. ހިތުގެ ބޭރު މަސްފަށަލަ ދުޅަވުމުން ކުރިމަތިވާ އުދަނގޫތަކުގެ ތެރޭގައި، އަވަސް އަވަހަށް ބަލިކަށިކޮށް ވިންދުޖެހުން، ލޭގެ ޕްރެޝަރު ދަށްވުން، އަދި އީސީޖީ އަށް ބަދަލުތައް އައުން ހިމެނެއެވެ.
Ø      މޭގަނޑާއި ފިތަށް ދިމާވާ މައްސަލަތައް : އެގޮތުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި، މޭގަނޑުން އުފައްދާ އެންޒައިމްތަކުގެ މިންވަރު މަތިވުން، ޗިސްމޭ ދުޅަވުން، ފިތްދުޅަވުން، މޭގަނޑު ދުޅަވެ ބޮޑުވުން، ރީނދޫވުން ފަދަ ކަންތައްތައް ހިމެނެއެވެ.
Ø      ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތައް : އެގޮތުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި، ގުރުދާ ދުޅަވުން، މަސާނާ ދުޅަވުން، އަދި ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ގިނަވުން ފަދަ ކަންތައްތައް ހިމެނެއެވެ.
Ø      ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް ދިމާވާ މައްސަލަތައް : އެގޮތުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ސިކުނޑިއާއި ސްޕައިނަލް ކޯޑްގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން، ސިކުނޑި ދުޅަވުން، ވަހުމުތަކާއި ކުށްހީތައް ކުރެވެން ފެށުން،އަތްފައިގެ ނާރުތައް ހަލާކުވުން ފަދަ ކަންތައްތައް ހިމެނެއެވެ. 


ދެނެގަތުން
ބަލި ދެނެގަތުމަށް ބަލިމީހާ ދޭ މައުލޫމާތު ތަކާއި، ދިމާވެފައިވާ އުދަނގޫތައް، އަދި ޑޮކްޓަރުން ބަލިމީހާގެ ހަށިގަނޑުން ބަލައި ފާހަގަވާ ކަންތައްތައް މުހިއްމެވެ. އާންމުކޮށް ލޭގެ ޓެސްޓްތައް ވެސް ހަދާނެއެވެ. ނަމަވެސް ޓައިފޮއިޑް ހުން ކަން ޔަގީންކުރެވެނީ ލޭ، އަދި ބޮޑުކަމު ނަޖިސް ބޭނުންކޮށްގެން މީޑިއަމް އެއްގައި ޖަރާސީމު ހައްދައި ބޮޑުކޮށް، އޭގައި ޖަރާސީމު ހުރިތޯ ބަލައިގެންނެވެ. އެގޮތުން ބަލީގެ ފުރަތަމަ ހަފްތާގެ ތެރޭގައި ލޭ ބޭނުންކޮށްގެން ޖަރާސީމު ކަލްޗަރ ކުރެވިދާނެ އެވެ. މިޓެސްޓުގެ ނަތީޖާގެ ނެގެޓިވް ވި ނަމަވެސް އެއީ ޓައިފޮއިޑް ނޫންކަމަކަށް ނުނިންމޭނެ އެވެ. ބަލީގެ 2 ވަނަ އަދި 3 ހަފްތާގެ ތެރޭގައި ބޮޑުކަމު ނަޖިސް ބޭނުންކޮށްގެން ކަލްޗަރ ހެދިދާނެއެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތި އަދި ކަށީގެ މަދުން އެތިކޮޅެއް ނަގައިގެން ވެސް ކަލްޗަރ ކުރެވިދާނެއެވެ.

ގަދަ ހުމުގައި އެންމެ ޚާއްޞަ އަހައްމިއްޔަތެއް ދީގެން ހެދޭ އެއްޓެސްޓަކީ ވިޑަލް ޓެސްޓް އެވެ. ބައެއް ފަހަރު ދިމާވެފައިވާ ކަމަކާއި ގުޅިގެން، އެކްސްރޭ ނެގުން، ސްކޭން ކުރުން ފަދަ ކަންތައްތައް ވެސް ކުރަންޖެހިދާނެއެވެ.

ފަރުވާ
އެންޓިބަޔޮޓިކް : ޓައިފޮއިޑް ހުމަށް ދެވޭ އެންމެ ރަގަޅު ފަރުވާ އަކީ އެކަމަށް ޚާއްޞަ އެންޓިބަޔޮޓިކް ދިނުމެވެ. ކުރިން ކްލޮރަމްފެނިކޯލް މިބައްޔަށް ފަރުވާގެ ގޮތުގައި ދީއުޅުނަސް، މިހާރު އެންމެ އާންމުކޮށް ދެވެނީ "ސިޕްރޯފްލޮކްސަސިން"(Ciprofloxacin)އެވެ. މާބަނޑު މީހުންނަށްދީ އުޅެނީ އިންޖެކްޝަންގެ ސިފައިގައި "ސެފްޓްރިއެކްސޯން"(Ceftriaxone) އެވެ. މީގެ އިތުރުން އެމްޕިސިލިން އަދި ޓްރައިމީތޮޕްރިމް-ސަލްފަމިތޮކްސަޒޯލް ވެސް ދީއުޅެއެވެ.
ގިނަގިނައިން ދިޔާތަކެތި ބުއިން : ހަށިގަނޑުން ފެންހުސްވިޔަ ނުދިމަށް އެހީތެރިވެދެއެވެ.
ޞިއްޙަތަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރުން

ރައްކާތެރިވުން
ޓައިފޮއިޑް ހުމުން ރައްކާތެރިވުމަށް އާންމު ގޮތެއްގައި ކުރެވިދާނެ ކަންތައްތައް
·         ޞިއްޙީ ހޭލުންތެރިކަން : ބަލިފެތުރެނީ ކިހިނެއްކަން އޮޅުން ފިލުވައިދިނުން މުހިއްމެވެ.
·         ސާފު ބޯފެން ލިބޭނޭ ނިޒާމެއް ހަމަޖެހިފައި އޮތުން
·         ކުނިބުނި ނައްތާލާނޭ ހަރުދަނާ ނިޒާމެއް ހަމަޖެހިފައި އޮތުން
·         މެހި ފަދަ ތަކެތި ކާބޯތަކެތި ރައްކާތެރިކުރުން
·         ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުން
·         ނަޖިސް ނައްތާލާނެ ނިޒާމެއް ހަމަޖެހިފައި އޮތުން
·         ކާތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރިވުން
·         ކާނާ އުފުލާމީހުންގެ ސްޕަވިޝަން އެއް ހެދުން
·         ގިނަގިނައިން އަތްދޮވުން
·         ރޯމޭވާ ތަރުކާރީ ރަގަޅަށްދޮވެގެން ނުވަތަ ކައްކައިގެން ބޭނުންކުރުން

ބަލިޖެހިފައިވާ މީހަކުނަމަ އެހެންމީހުންނަށް ބަލިފެތުރުނަ ނުދިނުމަށްޓަކައި:-
·         ގިނަގިނައިން އަތްދޮވުން : މިއީ އެހެންމީހުންނަށް ބަލިފެތުރުނަ ނުދިނުމަށްކުރެވޭނެ މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ފާޚާނާ ކޮށްގެންނާއި، ކެއުމުގެ ކުރިން ދެއަތްތިލަ ސައިބޯނިލައިގެން ރަގަޅަށް ދޮންނަން އާދަކުރާށެވެ.
·         ގޭތެރޭގައި ގިނައިން އަތްލައިހެދޭ ތަކެތި ދުވާލަކު އެއްފަހަރު ދޮވެ ސާފުކުރުން : އެގޮތުން ފާޚާނާ، ދޮރުގެ އަތްގަނޑު، ފޯނުއަތްގަނޑު، ދޮރުގެ ގޮބު، ދޮރުގެ ތަޅު، ފަދަ ގިނައިން އަތްލެވޭ ތަންތަން ރަގަޅަށް ދޮވެ ސާފުކުރާށެވެ.
·         އެހެންމީހުންނަށް ކާތަކެތި ތައްޔާރުކުރުމާއި ކާތަކެތި އުފުލައި ހެދުމުން ދުރުހެލިވުން: ޚާއްޞަކޮށް ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ނުވަތަ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާނަމަ، ބަލި ރަގަޅުވަންދެން މަސައްކަތާއި ދުރުހެލިވުން މުހިއްމެވެ.

ޓައިފޮއިޑް ހުމުން ރައްކާތެރިވުމަށް ޚާއްޞަކޮށް ކުރެވޭ ކަންތައްތައް
·         ކާބޯތަކެތި އުފުލައި ހަދާމީހުންގެ ކުޑަކަމުދާ ތަކެތި، އަދި ބޮޑުކަމުދާ ތަކެތި ޓެސްޓުކުރުން : މިއީ އެމީހުންގެ ތެރޭގައި ޓައިފޮއިޑް ކެރިއަރެއް ހުރިތޯ ބެލުމަށް ކުރެވޭ ކަމެކެވެ.
·         ޓައިފޮއިޑް އިން ރައްކާތެރިވުމަށްދެވޭ "ޓެބު ވެކުސިން"(TAB vaccine) ދިނުން : މަސްގަނޑަށްޖަހާ މިވެކުސިންގެ ދެ ޑޯޒު ދެވެއެވެ. ފުރަތަމަ ޑޯޒުގައި ½ އެމްއެލް ދިނުމަށްފަހު ދެވަނަ ޑޯޒު ދޭނީ އޭގެ 1 މަސް ފަހުންނެވެ. މީގެ އިތުރުން ކޮންމެ އަހަރަކު ބޫސްޓަރ ޑޯޒެއްގެ ގޮތުގައި 1 އެމްއެލް ހަމުގެ ދަށަށް ޖެހިދާނެ އެވެ.
ޓެބު ވެކުސިން ދިނުން އެދެވިގެންވާ ފަރާތްތައް
-          ކާބޯތަކެތި އުފުލައި ހަދާމީހުން : މިސާލަކަށް ވެއިޓަރުން
-          ހައްޖުވެރިން
-          ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން
-          ބަންދުވެފައިވާ މުޖުތަމަޢުތައް : ޖަލު، ކޭމްޕު، ކޮލެޖު ފަދަ ތަންތަން
-          ބަލިޖެހިފައިވާ މީހަކާއި ގައިގޯޅިވާ މީހުން
-          އެޕިޑެމިކްތަކުގެ ތެރޭގައި
ނޯޓް : ޓެބު ވެކްސިން އަކީ ސަލްމޮނެއްލާ ޕެރަޓައިފި އޭ އަދި ބީ ގެ ސަބަބުން ދިމާވާ ޓައިފޮއިޑް ހުމާއި ދެކޮޅަށްދޭ ވެކްސިނެކެވެ.
މިހާރު ޓައިފޮއިޑް ހުމުން ރައްކާތެރިވުމަށް 3 ވެކްސިނެއް ބޭނުން ކުރެވެއެވެ. އެއީ:-
·         ވީއައި ކެޕްސޫލަރ ޕޮލިސެކަރައިޑް އެންޓިޖެން ވެކްސިން (Vi capsular polysaccharide antigen vaccine)
·         އެންޓީރިކް ޓީވައި21އޭ ލައިވް އެޓެނުއޭޓަޑް ވެކްސިން (enteric Ty21a live-attenuated vaccine)
·         އެސިޓޯން އިންއެކްޓިވޭޓަޑް ޕެރެންޓީރަލް ވެކްސިން (acetone-inactivated parenteral vaccine)


މައުލޫމާތު :-
·         އިންޓަނެޓުގައިވާ ބައެއް މެޑިކަލް ވެބްސައިޓްތައް




No comments:

Post a Comment