Saturday, October 10, 2015

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް

މިއަދަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް
މިއަދު 10 އޮކްޓޯބަރ އަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެވެ. މިއަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ނަފްސާނީ ދުޅަހެޔޮކަން ހުރުމަތްތެރިކަމާއެކު" މިއެވެ. މިޝިއާރު އަމާޒުކޮށްފައިވަނީ ނަފްސާނީ ބަލީގެ މީހުންނަކީ ވެސް އެހެންމީހުންނެކޭ އެއްފަދައިން މުޖުތަމަޢުގައި ގަދަރާ، އިހުތިރާމާ، ޝަރަފް ލިބި، ކަރާމާތްތެރިކަމާ، އަބުރުވެރިކަމާއެކު ދިރިއުޅެންޖެހޭ ބައެއްކަން އަންގައިދީ، އެކަންކަމާމެދު އާންމުން ހޭލުންތެރި ކުރުމަށެވެ. އަދި ނަފްސާނީ ބަލީގެ މީހުންނާމެދު ދެކޭ ގޮތް ބަދަލުކުރުމާއި، ގެންގުޅެވޭ ތަފާތުކުރުންތައް ނައްތާލުމުގެ މައްޗަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންގެންދާ އެތައް ހާސް ބަޔަކު އުޅެމުންދާއިރު އޭގެތެރެއިން ގިނަ މީހުންނަކީ އިންސާނީ ހައްގުތަކުން ވެސް މަހުރޫމުވެފައިވާ މީހުންނެވެ. އެމީހުންނާމެދު މުޖުތަމައު ދެކޭގޮތް ހަމައެކަނި ތަފާތީކީ ނޫނެވެ. އެމީހުންނަށް ޖަޒުބާތީ ގޮތުންނާއި، ޖިސްމާނީގޮތުން ނާއިންސާފުން އަމަލުކުރެވެމުން ދެއެވެ. އެކި ސިފަސިފައިގައި ނަހަމަގޮތުގައި އެމީހުން ބޭނުންކުރަމުން ގެންދެއެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގުޞަދަކީ ނަފްސާނީ ޞިއްޙަތާމެދު މީހުން ހޭލުންތެރިކޮށް، ނަފުސާނީ ބަލީގެ ޙާލަތްތަކާ ބެހޭގޮތުން މީހުންނަށް މައުލޫމާތުތައް ފޯރުކޮށްދީ، ނަފުސާނީ ދުޅަހެޔޮކޮށް އިތުރުކުރެވޭނެ ގޮތްތައް އޮޅުން ފިލުވައިދީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ބާރުއެޅުމަށް މަސައްކަތް ކުރުމާއި، ނަފްސާނީ ބަލީގެ މީހުންނާއި މެދު ގެންގުޅޭ ތަފާތު ކުރުން ތައް ނައްތާލައި، އެފަދަ ބަލި މީހުންނަކީ ވެސް މުޖުތަމަޢު ގަބޫލުކުރާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ނަފްސާނީ ބަލީގެ އެތައް ބަޔަކު ވަނީ އިންސާނީ ހައްގުތަކުން މަހުރޫމު ކުރެވިފައެވެ. އެފަދަ މީހުންނާމެދު މުޖުތަމައުން ތަފާތުކުރުންތައް ގެންގުޅެއެވެ. އެކަހެރިކުރުންތައް އޮވެއެވެ.
މިފަދަ ދުވަހެއް ފާހަގަކުރުމުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންނަށް ދިމާވާ ގޮށްޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދައްކައި، މަޝްވަރާ ކުރުމަށް ފުރުޞަތު ލިބިގެންދެއެވެ. މިދުވަސް ފުރަތަމަ ފާހަގަކޮށްފައިވަނީ 150 އަށްވުރެ ގިނަ މެންބަރު ގައުމުތައް ހިމެނޭ "ވޯލްޑް ފެޑެރޭޝަން ފޮރ މެންޓަލް ހެލްތު" ޖަމްޢިއްޔާއިން 1992 ވަނަ އަހަރު ގައެވެ. ދުނިޔޭގެ ކޮންމެ 4 މީހުންގެ ތެރެއިން އެކަކީ ނަފްސާނީ ބަލީގެ މީހެއްކަމަށް ދިރާސާތަކުން ދައްކައެވެ.  

No comments:

Post a Comment