Wednesday, November 18, 2015

މާބަނޑުދުވަސްވަރު ބޯއެނބުރުމާއި، ހޭނެތުން

މާބަނޑު ދުވަސްވަރު - ބޯއެނބުރުމާއި ހޭނެތުން
ބޯއެނބުރުމާއި، އަނބުރައިގަތުން ނުވަތަ ހޭނެތުން ފަދަ ކަންކަމަކީ މާބަނޑު ދުވަސްވަރު ކުރިމަތިވެދާނެ ކަންކަމެވެ. އާންމު ގޮތެއްގައި ބޯއެނބުރުމާއި، ހޭނެތުން ކުރިމަތިވަނީ ފުރަތަމަ 3 މަހުގައި ކަމަށްވިޔަސް، ބަލިވެއިނުމަށްފަހު، ވިހެއުމާއި ދޭތެރޭގެ ކޮންމެ ދުވަސްވަރެއްގައި ވެސް މިކަންކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.

މިކަން ދިމާވަނީ މައިމީހާގެ ރަހިމާއި، ފަޔާއި، ދިމާލަށް ތިރިއަށް ލޭދައުރުވާން ފެށުމުންނެވެ. މިގޮތަށް ލޭ ދައުރުވަނީ ބަލިވެއިނުމާއި ގުޅިގެން (ފުރަތަމަ ދުވަސްކޮޅު / ކުރީކޮޅުގައި) ހަށިގަނޑުގައި އިތުރުވެގެންދާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ލޭހޮޅި ތައް ފުޅާވުމުންނެވެ. މިލޭހޮޅިތައް ފުޅާވުމުން ކުޑަދަރިފުޅުގެ ހަށިގަނޑަށް ސާފުލޭހޮޅިތަކުގެ އެހީގައި ލޭ ފޯރުކޮށްދިނުން ހަލުވިވެއެވެ. ނަމަވެސް ނުސާފުލޭހޮޅިތަކުން އަނބުރާ ހިތާ ދިމާލަށް ލޭއައުން ލަސްވާގޮތް ވެއެވެ. މިހެންވުމުން ލޭގެ ޕްރެޝަރު ދަށްވެ، ސިކުނޑިއަށް ލޭފޮނުވައިދިނުން ދަށްވެ، އާޚިރުނަތީޖާއެއްގެ ގޮތުން ވަގުތީގޮތުން (ހިނދުކޮޅަކަށް ނަމަވެސް) ބޯއަނބުރާގޮތްވެއެވެ. 

މާބަނޑުވުމާއި ގުޅިގެން ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ މަސައްކަތްތަކަށް ހަށިގަނޑުގެ ހޭނުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ލޭގައި ހަކުރުގެ ހުންނަ މިންވަރު ބައެއް ފަހަރު ދަށްވާގޮތް ވެއެވެ. މިއީ ވެސް ބޯނއެބުރުމާއި، ހޭނެތުން ކުރިމަތިވެދާނެ ކަމެކެވެ. ލޭމަދުވުން ހުންނަ މީހުންނާއި، ނާރު ފުއްޕުން ހުންނަ މީހުންނަށް ، ބަލިވެއިނުމުން ބޯއަނބުރައި، ހޭނެތުމުގެ ފުރުޞަތު ބޮޑެވެ.
މާބަނޑުވުމަށްފަހު، 2 ވަނަ 3 މަހުގެ ތެރޭގައި ބޯނއަބުރަން ދިމާވަނީ ރަހިމު ބޮޑުވަމުން އަންނައިރު، ލޭހޮޅިތަކަށް ފިއްތާތީ އެވެ. މާބަނޑުވުމަށްފަހު، އެންމެ ފަހު 3 މަހުގައި ބޯއަނބުރަން ދިމާވަނީ، އުއްޑުން އޮންނަ ޖެހިއްޖެ ހާލަތެއްގައި، އުއްޑުން އޮންނައިރު، ބޮޑުވެފައިވާ ރަހިމުން، ހިތާ ދިމާލަށް ނުސާފުލޭ ގެންގޮސްދޭ ބޮޑު ލޭހޮޅިއަށް ފިއްތާތީ އެވެ. 

ސަބަބުތައް
މާބަނޑު ދުވަސްވަރު ބޯއަނބުރައި، އަނބުރައިގަންނަން މެދުވެރިވެދާނެ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.
(ހ) ކުއްލިއަކަށް ކޮޅަށްތެދުވުން : ގިނައިރު ތަކެއްވަންދެން ކޮޅަށް ނުވަތަ އިށީދެ އިންނައިރު، ފަޔާއި، ފައިތިލައިގައި ލޭޖަމާވާގޮތް ވެއެވެ. ކޮޅަށް ތެދުވާ ވަގުތުގައި، ފަޔާއި، ފައިތިލައިގައި ޖަމާވެފައި ހުރި ލޭ، އަނބުރާ ހިތާ ދިމާލަށް އެކަށޭނަ ވަރަށް، ނުފޮނުވިއްޖެނަމަ، ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވެ، ބޯއަނބުރައި، އަނބުރައިގަންނަ ގޮތް ވުމަކީ ވެދާނެ ގޮތެކެވެ. 

(ށ) އުއްޑުން އޮށޯވެ އޮތުން : މާބަނޑުވުމަށްފަހު، ފަހު 6 މަހުގެ ތެރޭގައި ފައިގެ ލޭހޮޅިތަކުން ހިތާ ދިމާލަށް ލޭފޮނުވައިދިނުން ލަސްވާގޮތް ވެއެވެ. މިހެން ދިމާވަނީ ބޮޑުވަމުން އަންނަ ރަހިމުން، ހަށިގަނޑުގެ ތިރީ ހިސާބުތަކުން ހިތާ ދިމާލަށް ލޭފޮނުވައިދޭ ބޮޑު ލޭހޮޅި (އިންފީރިއާ ވީނާ ކޭވާ) އަށް ފިއްތާތީ އެވެ. އުއްޑުން އޮށޯވެ އޮތުމަކީ މިކަން އިތުރަށް ގޯސްކޮށްފާނެ ކަމެކެވެ. ބަލިވެއިންނަ 8 އިންސައްތަ މީހުންނަށް މާބަނޑުގެ ފަހު 6 މަހުގެ ތެރޭގައި "ސްޕައިން ހައިޕޯޓެންސިވް ސިންޑްރޯމް" ކިޔާ ހާލަތެއް މެދުވެރިކުރުވައެވެ. އެފަދަ ހާލަތުގައި އުއްޑުން އޮށޯވެ އޮންނައިރު، ހިތުން ލޭފޮނުވައިދިނުން ދަށްވެ، ލޭގެ ޕްރެޝަރު ދަށްވެ، ބޯއަނބުރައި، މޭނުބައިކުރާގޮތް ވެއެވެ. 

(ނ) ވޭޒޯވޭގަލް ސިންކޯޕް : ކުޑަކަމުދިއުމާއި، ބޮޑުކަމުދިއުމަށް ބާރުލުން، ކެއްސާލުން ފަދަ ކަންކަމުގެ ސަބަބުން، ބައެއް މީހުންނަށް ބޯއަނބުރާގޮތްވުމަކީ ވެދާނެ ގޮތެކެވެ. މިކަންކަމުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެ ވިންދު ދަށްވެ، ބޯއަނބުރައި، އަނބުރައިގަންނަގޮތް ވުމަކީ ވެދާނެ ގޮތެކެވެ. ހަށިގަނޑުން ލޮނާއި ފެން މަދުވުން، ހާސްވެ ކަންބޮޑުވުން، އަދި އާދަޔާ ޚިލާފަށް ތަދެއް އިހުސާސްވުން ފަދަ ކަންކަމަކީ މިކަން އިތުރަށް ގޯސްކޮށްފާނެ ކަންކަމެވެ. މާބަނޑު އަންހެނުންނަށް ވޭޒޯވޭގަލް ސިންކޯޕް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. 

ވޭޒޯވޭގަލް ސިންކޯޕްގެ މާނައަކީ ވޭގަސް ފަތިނާރު(Nerve) ހީވާގިވުމުގެ ސަބަބުން، ލޭގެ ޕްރެޝަރާއި، ހިތުގެ ވިންދު ދަށްވެ، އަނބުރައިގަތުމެވެ. މިނާރަކީ ހިތުގެ ވިންދު އެއްވަރެއްގައި ހިފަހައްޓައިދީ، ހަޖަމުކުރުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ ސިކުނޑިން ނިކުމެފައިވާ 12 ނާރުގެ ތެރެއިން 10 ވަނަ ނާރެވެ. އާންމު ގޮތެއްގައި ލޭފެނުމުން ބިރުން ބައެއް މީހުން އަނބުރައިގަންނަނީ، އެފަދަ ހާލަތުގައި މިނާރު (ވޭގަސް ފަތިނާރު) ހީވާގިވެ، ހަރަކާތްތެރިވާން ފެށުމުންނެވެ. 

(ރ) އެކަށޭނަ ވަރަށް ދިޔާތަކެތި ނުބޮވުމާއި، ނުކެއުން : މާބަނޑު ދުވަސްވަރު އެކަށޭނަ ވަރަށް ނުކެވޭނަމަ، މާބޮޑަށް ބަނޑުހައިވެ، ހަށިގަނޑުގައި ހަކުރުގެ މިންވަރު ދަށްވެ، ބޯއަނބުރައި، އަނބުރައިގަންނަގޮތް ވުމަކީ ވަރަށް ފަސޭހައިން ވެދާނެ ކަމެކެވެ. މީގެ އިތުރުން އެކަށޭނަ ވަރަށް ދިޔާތަކެތި ނުބުއިމުގެ ސަބަބުން، ހަށިގަނޑުން ފެނާއި، ލޮނު މަދުވެ، ބޯއަނބުރައި، އަނބުރައިގަންނަގޮތް ވުމަކީ ވެސް ވެދާނެ ގޮތެކެވެ. 

(ބ) ލޭމަދުވުން : ލޭމަދުނަމަ، ލޭގެ ރަތް ސެލްތަކުގެ ނިސްބަތުން ދަށްވާނެ އެވެ. އޭގެ މާނައަކީ ހަށިގަނޑުގެ އެކިހިސާބުތަކަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރު ދަށްވާނެއެވެ. ސިކުނޑި ފަދަ ގުނަވަންތަކަށް އޮކްސިޖަން ލިބުން ދަށްވުމަކީ ބޯއަނބުރާނެ ކަމެކެވެ. އެންމެ ގިނައިން ލޭމަދުވަނީ ހަށިގަނޑުން ދަގަނޑު އުނިވުމުގެ ސަބަބުންނެވެ. އެހެންކަމުން ދަގަނޑުން މުއްސަދި ކާނާގެ ބާވަތްތައް ކެއުމުގައި ހިމެނުން މުހިއްމެވެ. 

(ޅ) މާބޮޑަށް ހޫނުވުން : ހޫނު ތަނެއްގައި ގިނަ ވަގުތު ހޭދަކުރުން، ހޫނު ފެނުން ފެންވެރުން، ހޫނު ޓަބަށްއެރި ފެންވެރުން ފަދަ ކަންކަމަކީ އޭގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ލޭގެ ޕްރެޝަރު ދަށްވެ، ބޯއަނބުރައިފާނެ ކަމެކެވެ. 

(ކ) ނޭވާލެވޭ މިންވަރު މާބޮޑަށް އިތުރުވުން : ގަދަޔަށް ކަސްރަތުކުރުން، ހާސްވެކަންބޮޑުވުން ފަދަ ހާލަތްތަކުގައި ނޭވާލެވޭ މިންވަރު މާބޮޑަށް އިތުރުވެ، އަނބުރައިގަންނަގޮތް ވުމަކީ ވެދާނެ ގޮތެކެވެ. ކަސްރަތުކުރުމަކީ ލޭދައުރުކުރުން ރަގަޅުކޮށްދޭ ކަމަކަށްވިޔަސް މާގިނައިން ކަސްރަތުކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. ކަސްރަތުކުރާއިރު ލަސްލަހުން ފެށުން ރަގަޅެވެ. އަދި އުދަނގުލެއް ވާހެން ހީވާނަމަ، ކަސްރަތުކުރުން ހުއްޓާލުން ރަގަޅެވެ.
ސަބަބުތައް ކުރުކޮށް:
·         ޕްރެޝަރު ބަދަލުވުމުން
·         ބަނޑުހައިވުމުން
·         ލޭގައި ހަކުރު މަދުވުމުން
·         ލޭމަދުވުމުން
·         ހޯރމޯން އަށް ބަދަލުއައުމުން
އަލާމާތްތައް
·         އަނބުރައިގަންނަގޮތްވެ، ވެއްޓިދާނެހެން ހީވުން ނޫނީ ބޯއެނބުރުން، އަދި ހޭނެތުން
ބޯއެނބުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
މާބަނޑު ދުވަސްވަރު ކުރިމަތިވާ ބޯއެނބުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.
·         ގިނައިރުތަކެއް ވަންދެން އިށީދެ، ނުވަތަ ކޮއްޅަށް ނުހުރުން : މިގޮތަށް ހުންނަންޖެހިއްޖެނަމަ، ދޭތެރެއަކުން ހިނގާހަދާލައި، ހަށިގަނޑު ހަރަކާތްތެރިކޮށްލުން ރަގަޅެވެ. އިށީދެ އިންނަނަމަ، ފައިތަޅުވާލާ، ހަރަކާތްކޮށްލުން މުހިއްމެވެ. މިހެން ހެދުމުން ލޭދައުރުވުން ރަގަޅުކޮށްދޭނެ އެވެ.
·         އިށީދެ، ނުވަތަ އޮށޯވެ އޮވެފައި ތެދުވާއިރު، ކުއްލިއަކަށް ތެދުވުމުގެ ބަދަލުގައި މަޑުމަޑުން ލަސްލަހުން ތެދުވުން : އޮށޯވެ އޮވެ ތެދުވާއިރު، ފުރަތަމަ ތެދުވެ އެދުމަތީގައި ދެތިން މިނިޓްވަންދެން އިށީދެގެން އިދެވިދާނެ އެވެ. އެއަށްފަހު ކޮޅަށް ތެދުވެ، މަޑުޖެހިލުމަށްފަހު ހިނގަން ފެށިދާނެ އެވެ.
·         ބަނޑުހައިވިޔަނުދީ ބަރާބަރަށް ކުދިއެތިކޮޅުކޮޅުން ކެއުން : ގިނައިރުތަކެއް ވަންދެން ނުކައި ހައިބަނޑާ ހުރުމުގެ ބަދަލުގައި އިރުއިރުކޮޅާ ލުއިކޮށް ކަމުން ގެންދިއުން ރަގަޅެވެ.
·         ހޫނު ފެނުން ފެންނުވެރުން، ހޫނު ހިސާބުތަކުގައި ގިނަވަގުތު ހޭދަނުކުރުން، އަދި ހޫނު ހިސާބުގައި އުޅޭއިރު ގަޔަށްދޫ ތުނި، ހެދުންލުން
·         ބަނޑަށް 7 މަހުން ފެށިގެން އުއްޑުން ނުއޮތުން
·         ގަޔަށްދޫކޮށް ހުންނަ ފަސޭހަ އަންނައުނުލުން : މާގަޔަށްބާރު އަންނައުނު ލުމަކީ ލޭދައުރުވުމަށް ހުރަސްއަޅައިފާނެ ކަމެކެވެ.
·         ގިނައިން ދިޔާތަކެތި ބުއިން : އެކަށޭނަ ވަރަށް ދިޔާތަކެތި ބުއިމަކީ ހަށިގަނޑުގައި ފެނާއި، ލޮނުގެ ނިސްބަތް އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 12-8 ތަށީގެ ފެންބުއިމަށް އާދަކުރުމަކީ މުހިއްމު ކަމެކެވެ.
·         އަރާމުކޮށްލަން އޮށޯވެލުން
·         ގޮނޑިއެއްގައި އިށީދެފައި ދެކަކޫ މައްޗަށް ބޯތިރިކޮށްލައިގެން އިނދެލުން
·         އޮށޯވެ ނުވަތަ އިށީދެފައި ތެދުވާއިރު މަޑުމަޑުން ތެދުވުން
·         ބޯއަނބުރާނަމަ ޑޮކްޓަރަށް ދައްކައި، ލޭމަދުވުމުގެ ސަބަބުންތޯ ބަލައި ފަރުވާކުރުން
އަނބުރައިގަންނަން އުޅޭހެން ހީވާނަމަ ކުރެވިދާނެ ކަންތައްތައް
މާބަނޑު ދުވަސްވަރު ބޯއަނބުރައި، އަނބުރައިގަންނަށް އުޅޭހެން ހީވާނަމަ ތިރީގައިމިވާ ކަންތައްތައް ކުރެވިދާނެ އެވެ.
·         އޮށޯތުން، ނުވަތަ އިށީނުމަށްފަހު އިސްދަށަށް ޖަހާލައި ބޯތިރިކޮށްލުން
·         ފުންކޮށް ނޭވާލުން
·         ގަޔަށްބާރު އަންނަ އުނެއް ލެވިފައިވާ ހުރިނަމަ ދޫވާނެގޮތް ހެދުން
·         ދޮރުތައް ހުޅުވާލުމަށްފަހު، ފަސޭހައިން ވައިލިބޭނެތަނަކަށް ދިއުން
·         ދަގަނޑުން މުއްސަދި ކާނާ ކެއުން
·         ތަނެއްގައި އޮށޯވެ އޮންނައިރު ވާތްފަރާތަށް ބުރަވެ، އޮތުން:  މިގޮތަށް އޮތުމުން ހިތް،އަދި ސިކުނޑިއަށް ލޭފޮނުވާދޭ މިންވަރު އިތުރުވެ، ބޯއެނބުރުން ކުޑަކޮށްދެއެވެ. ސަބަބަކީ ފައިގެ ހިސާބުތަކުން ހިތަށް ލޭގެންގޮސްދޭ މައި ލޭހޮޅި އައިސްފައިވަނީ ހަށިގަނޑުގެ ކަނާތް ފަރާތުންނެވެ. އޮށޯވެ އޮންނައިރު ކަނާތް ފަރާތަށް ބުރަވާގޮތަށް އޮވެއްޖެނަމަ، މިލޭހޮޅިއަށް ފިއްތާނެއެވެ. އަދި ބޯއަނބުރާގޮތްވުމަކީ ވެދާނެ ގޮތެކެވެ.
ބޯއަނބުރައި، އަނބުރައިގަންނަން އުޅޭހެން ހީވުމާއެކު، ދަށްބަނޑުގައި ރިއްސައި، ކުރިމަތި ފަރާތުން ލޭފައިބާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. ފަހަރުގައި މިއީ ރަހިމުން ބޭރުގައި ގަރުބަގަތުން، މަސްތިރިއަށް ޖެހިފައި އިނުން، މަހުން ބައެއް ރަހިމާ ވަކިވުން ފަދަ ކަމެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ. މީގެ އިތުރުން ބޯއެނބުރުމާއެކު، ނޭވާކުރުވުން، ހިތުގެ ވިންދު އަވަސްވުން، ލޮލުގެ ފެނުމަށް ބަދަލުއައުން، އާދަޔާ ޚިލާފަށް ބޮލުގައި ރިހުން، އަދި ހޮނޑުލުން ފަދަ ކަމެއް ކުރިމަތިވެއްޖެނަމަވެސް ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. 

މައުލޫމާތު :
·         ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}

No comments:

Post a Comment