Wednesday, October 14, 2015

އެޑީނޯމަޔޯސިސް

އެޑީނޯމަޔޯސިސް
އެޑީނޯމަޔޯސިސް(Adenomyosis) އަކީ ރަހިމު ބޯވުމެވެ. މީގެ މާނައަކީ ރަހިމުގެ އެތެރޭ ބަތާނަ( ރަހިމުގެ އެތެރޭ ފަށަލަ) ފަށުގެ ޓިޝޫތައް ރަހިމުގެ މަސް ފަށަލައިގެ (ރަހިމުގެ ބޭރުފަށަލަ) ތެރެއަށް ގޮސް، ހެދިބޮޑުވުމެވެ. ރަހިމު ބޯވުމަކީ ރަހިމު ބޮޑުވާނެ ކަމެކެވެ. ރަހިމު ބޯވެ ބޮޑުވުމުން ކޮންމެ މައްސަރެއްގެ ތެރޭގައި ވަރަށް ބޮޑަށް ތަދުވެ، ވަރަށް ގިނައިން ލޭ ފައިބާނެ އެވެ. ޖިމާއުވާއިރު ތަދުވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ސަބަބު
އެޑީނޯމަޔޯސިސް ކުރިމަތިވަނީ ކިހިނެއްކަމެއް އަދި ޔަގީންކަމާއެކު ހޯދިފައެއް ނުވެއެވެ. ނަމަވެސް އެޑީނޯމަޔޯސިސްގެ އުދަނގޫތައް އިއްދައިން ކެނޑުމަށްފަހު، އާންމުގޮތެއްގައި ފިލައިގެންދާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އެޑީނޯމަޔޯސިސް ކުރިމަތިވާ ކަމަށް ގަބޫލުކުރެވިފައިވާ ބައެއް ނަޒަރިއްޔާތައް ތިރީގައި މިވަނީ އެވެ.


(ހ) - އެތެރޭގައި ބައެއް ޓިޝޫތައް ހެދިބޮޑުވުން : ބައެއް ޞިއްހީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އެޑީނޯމަޔޯސިސް އުފެދިގެން އަންނަނީ ރަހިމުގެ އެތެރޭގެ ބަތާނަ ފަށުގެ ސެލްތައް، ސީދާ ރަހިމުގެ ފާރުގެ ތެރެއަށް (ރަހިމުގެ މަސް ފަށަލައިގެ ތެރެއަށް) ވަނުމުންނެވެ. ވިހެއުމަށްކުރެވޭ ސިޒޭރިއަން އޮޕަރޭޝަން ފަދަ ކަންކަމުގެ ތެރޭގައި ރަހިމުގެ މަސްފަށަލަ ކަފާލުމަކީ ރަހިމުގެ ބަތާނަ ފަށުގެ ސެލްތައް، ރަހިމުގެ މަސްފަށަލައިގެ ތެރެއަށް ވަނުމަށް މަގުފަހިވެދާނެ ކަމެއްކަމަށް ބެލެވިފައި ވެއެވެ.

(ށ) - އުފެދުމުގައި ހުރުން : ބައެއް އެހެން ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި އެޑީނޯމަޔޯސިސް އުފެދިގެން އަންނަނީ އުފެދުމުގައި ރަހިމުގެ ފާރު ނުވަތަ މަސް ފަށަލައިގެ ތެރޭގައި ރަހިމުގެ އެތެރޭގެ ބަތާނަ ފަށުގެ ސެލްތައް ހަރުލާފައި ހުރުމުގެ ސަބަބުންނެވެ. 

(ނ) - ވިހެއުމާއި ގުޅިގެން ރަހިމު ދުޅަވުން : އެހެން ނަޒަރިއްޔާއެއްގައި ވިހެއުމާއި، އެޑީނޯމަޔޯސިސް އާއި ގުޅުވާލާފައި ވެއެވެ. އެގޮތުން ވިހެއުމަށްފަހު، ރަހިމުގެ ބަތާނަ ފަށުގައި އުފެދޭ ދުޅައިގެ ސަބަބުން، ރަހިމުގެ ބަތާނަ ފަށުގެ ސެލްތަކުގެ ތެރޭގައި ފެޅުމެއް، ނުވަތަ ކެނޑުމެއް އުފެދިގެން ދާގޮތް ވެއެވެ. މިގޮތުން އުފެދޭ ކެނޑުމަކީ އެޑީނޯމަޔޯސިސް އަށް ފަހިވެދާނެ މަގެއް ކަމަށް ބެލެވެއެވެ.

(ރ) - ސްޓެމް ސެލްއިން އުފެދިގެން އައުން : ފަހުގެ ނަޒަރިއްޔާއެއް ބުނާގޮތުގައި އެޑީނޯމަޔޯސިސް އުފެދިގެން އަންނަނީ ކަށީގެ މަދުތަކުގެ ތެރޭގައި ހުންނަ ސްޓެމް ސެލްތައް، ރަހިމުގެ މަސްފަށަލައިގެ ތެރެއަށް ވަދެގެން އައުމުގެ ސަބަބުންކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އެޑީނޯމަޔޯސިސް އުފެދިގެން އަންނަނީ ކޮންމެ ސަބަބަކާހުރެ ކަމަށްވިޔަސް، ރަހިމުގެ މަސްފަށަލައިގެ ތެރޭގައި ރަހިމުގެ ބަތާނަ ފަށަލައިގެ ސެލްތައް ހެދިބޮޑުވުން، ބަރޯސާވަނީ އަންހެނާގެ ހަށިގަނޑުގައި ދައުރުވާ އެސްޓްރަޖަން ހޯރމޯން ތަކުގެ މައްޗަށެވެ. އެހެންކަމުން އެސްޓްރަޖަން ހޯރމޯން މަތީ މިންވަރަކަށް ހުންނަ އަންހެނުންނަށް އެޑީނޯމަޔޯސިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. އިއްދައިން ކެނޑުމުން އެސްޓްރަޖަން އުފައްދާ މިންވަރު މަދުވެ، ހުއްޓުމަކަށް އައުމުން، އެޑީނޯމަޔޯސިސްގެ އުދަނގޫތައް ފިލައިދެއެވެ.

މަގުފަހިކުރާ ކަންތައްތައް
އެޑީނޯމަޔޯސިސް އަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި:-
·         ކުރިން ރަހިމުގެ އޮޕަރޭޝަނެއް ކޮށްފައިވުން : ސިޒޭރިއަން ހެދުން، ފައިބްރޮއިޑް ނެގުމަށް ސާޖަރީ ހެދުން
·         ވިހެއުން
·         މެދު އުމުރުގެ މީހަކަށްވުން ނުވަތަ އުމުރުން 40-30 ގެ އަހަރުތައް ގުނަމުންދާ މީހަކަށްވުން
އެޑީނޯމަޔޯސިސްގެ ގިނަ ހާލަތްތައް ބަރޯސާވަނީ އެސްޓްރަޖަންގެ މިންވަރަށެވެ. އަދި އާންމުކޮށް ގިނަފަހަރު އެޑީނޯމަޔޯސިސް ކުރިމަތިވަނީ އުމުރުން 50-40 އަހަރާއި ދޭތެރޭގައެވެ. މެދުއުމުރުގެ މީހުންނަށް އެޑީނޯމަޔޯސިސް، ޒުވާން އުމުރުގެ އަންހެނުންނާ އަޅާބަލާއިރު، މާގިނައިން ދިމާވަނީ ގިނަ ދުވަސްތަކަކަށް އެސްޓްރަޖަން އަށް ހުށަހެޅުމުން ކަމަށް ބެލެވެއެވެ. ދާދި ފަހަކާ ޖެހެންދެން އެޑީނޯމަޔޯސިސް ހަމައެކަނި ދެނެގަނެވިފައިވަނީ ރަހިމުގެ ނެގުން ފަދަ އޮޕަރޭޝަންތައް ކުރާ ފަހުން ކަން ފާހަގަ ކުރެވެއެވެ. ފަހުގެ ހޯދުންތައް ބުނާގޮތުގައި ޒުވާން އުމުރުގައި ވެސް އެޑީނޯމަޔޯސިސް ކުރިމަތިވެ، ފާހަގަނުވެ ހުރެދާނެ އެވެ.

އަލާމާތްތައް
އެޑީނޯމަޔޯސިސްގެ އުދަނގޫތައް ބައެއް މީހުންނަށް ނުފެނި ހިގައިދާނެ އެވެ. އޭގެ މާނައަކީ ހިމޭންކަމާއެކު ބަލި ދެމިހުރެދާނެ އެވެ. ނޫނީ ވަރަށްކުޑަކޮށް ބަލީގެ އުދަނގޫތައް ފެނިދާނެ އެވެ. އެޑީނޯމަޔޯސިސްގެ ސަބަބުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·         މައްސަރު ދުވަސްވަރު ވަރަށް ގިނައިން (ނުވަތަ ގިނަ ދުވަސްވަންދެން) ލޭއައުން ނުވަތަ ލޭއައުން ދިގުލައިދިއުން
·         މައްސަރު ދުވަސްވަރު ވަރަށް ބޮޑަށް ދަށްބަނޑުގައި ރިއްސުން އަދި މިރިހުން ދިގުލައިދިއުން
·         މައްސަރު ތެރޭގައި އަބަދުވެސް ބަނޑަށް ތަދުވެ، އުދަނގޫވެ، އުމުރުން ދުވަސްވާވަރަށް އެކަން ގޯސްވަމުންދިއުން
·         ރޭކުރާއިރު ތަދުވުން
·         މައްސަރުގެ ލޭފައިބާއިރު ގަނޑުގަނޑަށް ހުންނަ ލޭ ފޭބުން
·         ދެމައްސަރު ދޭތެރޭގައި ލޭފެނުން
·         ދަށްބަނޑުގައި ބީހިލުމުން ވެސް ތަދު އިހުސާސްވުން

ދިމާވެދާނެ ނުރައްކާތައް
މައްސަރުގެ ތެރޭގައި މާގިނައިން ލޭފޭބުމަކީ ނުވަތަ މައްސަރު ދިގުލައި ދިއުމަކީ އޭގެ ސަބަބުން ލޭމަދުވުން ކުރިމަތިކޮށްފާނެ ކަމެކެވެ. ލޭމަދުވުމަކީ ބޮލުގައިރިހުން، ވާޅުވުން، ވަރުބަލިވުން ފަދަ ކަންކަން މެދުވެރިކޮށްފާނެ ކަމެކެވެ. މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިއްސައި، މާގިނައިން ލޭފޭބުމަކީ ތިމާގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ދިރިއުޅުމުގެ ހަރަކާތްތަކުން ބައެއް ފަހަރު އެއްކިބާވެލަން ޖެހިދާނެ އެވެ. އެހެނީ މައްސަރުގެ ލޭ ފައިބާނީ ކޮންއިރަކު، ކޮންތާކުކަމެއް ބުނެދޭން ނޭގިދާނެ އެވެ. މާނައަކީ މައްސަރު ކައިރިވުމުން ހަމަ ކޮންމެ ވަގުތެއްގައިވެސް ދަށްބަނޑުގައި ރިއްސައި، މައްސަރުގެ ލޭ ފައިބާން ފެށުމަކީ އެކަށީގެންވާ ކަމެކެވެ. މައްސަރުގެ ތެރޭގައި ބަނޑަށް ތަދުވެ، މާގިނައިން ލޭފޭބުމަކީ ސުކޫލް، މަދަރުސާ، އޮފީސް ފަދަ ތަންތަނަށް މީހުން ސަލާމްބުނާ ސަބަބަކަށް އޮންނަނީ ވެފައެވެ. ބައެއް ފަހަރު ދޭދޭ ގުޅުންތަކަށް މިކަމުގެ ސަބަބުން އަސަރު ފޯރައެވެ. ކޮންމެ ފަހަރަކު މައްސަރުގެ ތެރޭގައި ދަށްބަނޑަށް ތަދުވުމަކީ މޮޅިވެރިވެ، ދެރަވުން، ހިތްހަމަނުޖެހުން، ނުތަނަވަސްވުން، ރުޅިއައުން، އަދި މާބޮޑަށް މާޔޫސްވުން ފަދަ ކަންތައްތައް ކުރިމަތިކޮށްފާނެ ކަމެކެވެ.

ދެނެގަތުން
އެޑީނޯމަޔޯސިސް ތުހުމަތުކުރުވުން ބަރޯސާވަނީ:-
·         ބަލިމީގެ ފުށުން ފެންނަ އަލާމާތްތަކާ، ފާހަގަވާ ނިޝާންތަކަށް
·         ޖިސްމާނީ ބެލުންތަކުގައި ރަހިމު ބޮޑުވެ، ރަހިމުގައި ބީހުމުން ތަދުވާކަން ފާހަގަވުން
·         ރަހިމުގެ ސްކޭން ހެދުން : ސްކޭންގެ އެހީގައި ރަހިމުގައި އެއްވެސް ކަހަލަ ޓިއުމަރެއް ނޫނީ އާދަޔާ ޚިލާފު ކަމެއް ހުރިނަމަ، އެކަން ދެނެގަނެވޭނެ އެވެ.
·         ރަހިމުގެ އެމްއާރުއައި ހެދުން : އެމްއާރުއައި ހަދަނީ ސްކޭންކޮށްގެން އެކަށޭނަ ނަތީޖާއެއް ނުލިބޭ ހާލަތްތަކުގައެވެ.
އެޑީނޯމަޔޯސިސްތޯ ޔަގީންކުރުމަށް ޖިސްމާނީ ގޮތުން ބަލާބެލުން ތަކުގައި އެންމެ ފުރަތަމަ ޑޮކްޓަރ ކުރާނެ އެއްކަމަކީ ރަހިމު ދުޅަވެފައިވޭތޯ ބެލުމެވެ. އެޑީނޯމަޔޯސިސް ހުންނަ ގިނަ އަންހެނުންގެ ރަހިމު އާންމުކޮށް ހުންނަ ވަރަށްވުރެ، ދެގުނަ ތިންގުނަ ސައިޒުން ބޮޑުވާނެ އެވެ.

ރަހިމުގެ ބަޔޮޕްސީ ހެދުން : ބައެއް ފަހަރު ރަހިމުން ޓިޝޫކޮޅެއް ނަގައިގެން ޓެސްޓުކޮށްދާނެ އެވެ. މީގެ ބޭނުމަކީ މައްސަރުގައި އާދަޔާ ޚިލާފަށް ފައިބާ ލެޔަކީ އެހެން އެއްވެސް ނުރައްކާތެރިކަމެގެން ހުރެގެން ފައިބާ ލެޔެއްތޯ ޔަގީންކުރުމެވެ. ނަމަވެސް ރަހިމުގެ ބަޔޮޕްސީ ހެދުމަކީ އެޑީނޯމަޔޯސިސް ހުރިކަން ޔަގީންކޮށްދޭނެ ކަމެއް ނޫނެވެ. މިކަން ދެނެގަނެވޭނެ ހަމައެކަނި ގޮތަކީ ރަހިމު ނެގުމަށްފަހު ރަހިމު ބަލާ(ރަހިމުގެ ބަތާނައިގެ ޓިޝޫތައް އެތެރޭގައި ހަރުލާފައި ހުރިތޯ) ހެދުމެވެ.

ރަހިމުގެ އެހެން ބައެއް ބަލިތަކުގެ އަލާމާތްތަކާ އުދަނގޫތަކަކީ އެޑީނޯމަޔޯސިސްގެ އަލާމާތްތަކާ އުދަނގޫތަކާ އެއްގޮތް ކަންތައްތަކަށްވުމުން، ބައެއް ފަހަރު އެޑީނޯމަޔޯސިސް ދެނެގަންނަށް އުދަނގޫވެއެވެ. މިފަދަ ހާލަތްތަކުގެ ތެރޭގައި ރަހިމުގައި އުފެދޭ ފައިބްރޮއިޑް ޓިއުމަރު، އެންޑޯމެޓްރީއޯސިސް، ރަހިމުގައި ޕޮލީޕް އުފެދުން ފަދަ ކަންތައްތައް ހިމެނެއެވެ. އެޑީނޯމަޔޯސިސް ކަމަށް ނިންމާނީ ރަހިމުގެ އެހެން ބަލިތައް ހުރިތޯ ނުވަތަ ނެތްތޯ ޔަގީންކުރުމަށް ފަހުގައެވެ.

ފަރުވާ
އިއްދައިން ކެނޑުމަށްފަހު އާންމު ގޮތެއްގައި އެޑީނޯމަޔޯސިސްގެ އުދަނގޫތައް ފިލައިދެއެވެ. އެހެންކަމުން ފަރުވާ ބަރޯސާވަނީ އިއްދައިން ކެނޑުމާއި ދޭތެރޭގައި ހުރި ގާތް ދުރުމިނެއްގެ މައްޗަށެވެ. އެޑީނޯމަޔޯސިސްއަށް ކުރެވިދާނެ ފަރުވާތަކުގެ ތެރޭގައި:-
·         ދުޅަތިރިކުރާ (ތަދުކަނޑުވާ) ބޭސްތައް : އިއްދައިން ކެނޑުމާ ގާތްވެފައިވާނަމަ ތަދުކަނޑުވާ ބޭސްތައް ދީފާނެ އެވެ. އެގޮތުން މައްސަރު ކަންތައް ޖެހުމުގެ 3-2 ދުވަހުގެ ކުރިން ތަދުކަނޑުވާ ބޭސްތައް ބޭނުންކުރަން ފެށުމާއެކު، މައްސަރުގެ ތެރޭގައި ވެސް މިބޭސްތައް ކުރިޔަށް ގެންދިއުމަކީ، މައްސަރުގެ ތަދު ކުޑަވެ، ލޭފޭބުން ކުޑަކޮށްދޭނެ ކަމެކެވެ.
·         ހޯރމޯންގެ ފަރުވާ : އެގޮތުން ދޭތެރެ ދުރުކުރުމަށް އެސްޓްރަޖަން-ޕްރޯޖެސްޓަރޯން ބޭނުންކޮށްގެން ހަދާފައި ހުންނަ ގުޅަ ބޭސް، ޕެޗް، ނުވަތަ ކުރިމަތިފަރާތަށް ލައްވާ ރިންގު ބޭނުންކުރެވިދާނެ އެވެ. މިތަކެތި ބޭނުންކުރުމަކީ ލޭފޭބުން މަދުކޮށްދީ، ތަދު ކުޑަކޮށްދީފާނެ ކަމެކެވެ. ހަމައެކަނި ޕްރޯޖެސްޓަރޯން ހުންނަ ދޭތެރެ ދުރުކުރާ ބޭސް، މިސާލަކަށް ރަހިމަށް ލައްވާ އެތިކޮޅު ބޭނުންކުރުމަކީ މައްސަރު ކަންތައް ނުޖެހުން ކުރިމަތިވާނެ ކަމެކެވެ. މައްސަރު ކަންތައް ނުޖެހުމަކީ ވެސް އެޑީނޯމަޔޯސިސްގެ އުދަނގޫތައް ފިލާނެ ކަމެކެވެ. ހޯރމޯންގެ ފަރުވާގެ އެހީގައި ހަށިގަނޑުގައި އިތުރުވެ، ގިނަވެފައިވާ އެސްޓްރަޖަން ހޯރމޯންގެ މިންވަރު ކޮންޓްރޯލްކޮށްދީ، ހަމައަކަށް އަޅުވައިދޭނެ އެވެ.
·         ރަހިމު ނެގުން : މައްސަރުގައި ވަރަށް ބޮޑަށް ދަށްބަނޑުގައި ރިއްސައި، އިތުރަށް ދަރިން ހޯދަން ބޭނުން ނުވާނަމަ، ނޫނީ އިއްދައިން ކެނޑެން ކައިރިވެފައިވާނަމަ، ރަހިމު ނަގަން ޑޮކްޓަރުން ލަފާދެއެވެ. އެޑީނޯމަޔޯސިސް ކޮންޓްރޯލް ކުރުމަށް ބިސް އުފައްދާތަން ކޮންމެހެން ނަގާކަން ނުޖެހެއެވެ. އެޑީނޯމަޔޯސިސް އެއްކޮށް ރަނގަޅުކުރުމަށް ކުރެވޭ ހަމައެކަނި ކަމަކީ ރަހިމު ނެގުމެވެ.
ގޭގައި ކުރެވިދާނެ ކަންތައްތައް
·         ތާފަނާ ފެނުން ފެންވެރުން
·         ދަށްބަނޑަށް ހޫނުކުރުން
·         ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން
މަޞްދަރު :

No comments:

Post a Comment