Monday, May 27, 2013

ސާރސް


ސާރސް
ސިވިއަރ އެކިޔުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ނުވަތަ ސާރސް(Severe Acute Respiratory Syndrome - SARS) އަކީ ވައިރަސް އެއްގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އެންމެ ފުރަތަމަ މިބަލި ފެނިފައިވަނީ 2002 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ދެކުނު ބިތުންނެވެ. އެއަށްފަހު 2003 ވަނަ އަހަރު މާރޗު މަހުގެ ތެރޭގައި ގިނަ ބަޔަކަށް މިބަލިޖެހުނު ކަން ފާހަގަ ކުރެވިގެން ދިޔައެވެ. 

ތާރީޚު ހެކިދޭ ގޮތުގައި  2002 ގެ ނޮވެމްބަރުން ފެށިގެން 2003 ވަނަ އަހަރު ޖުލައި މަހުގެ ނިޔަލަށް ދުނިޔެއަށް ކުރިމަތިވި ސާރސްގެ ބަލި މަޑުކަމުގައި 8098 މީހުންނަށް މިބަލިޖެހި، 774 މީހުން ދުނިޔެ ދޫކޮށްފައި ވެއެވެ. އަދި 2004 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޗައިނާއިން މިބަލި 8 މީހަކަށްޖެހި، އެކަކު ދުނިޔެ ދޫކޮށްފައި ވެއެވެ. 2004 ގެ ފަހުން ސާރސް ޖެހިގެން އެއްވެސް ހިސާބަކުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ސާރސް ޖެހޭ ސަބަބު
ސާރސް އަކީ ކުރިން ފެނިފައިނުވާ (2002 ގައި ފުރަތަމަ ބަލި ފެނުމުގެ ކުރިން) ކޮރޯނާ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. އެގޮތުން ސާރސް ޖައްސާ ކޮރޯނާ ވައިރަސް އަށް ކިޔަނީ "ސާރސް އެސޯޝިއޭޓެޑް – ކޮރޯނާ ވައިރަސް"(SARS-CoV) އެވެ.

ސާރސް ފެތުރޭގޮތް ނުވަތަ ސާރސް ޖެހޭގޮތް
ސާރސް ގައިންގަޔަށްއަރާ ކަމަށް ބެލެވެނީ ބަލިޖެހިފައިވާ މީހުންނާ ގައިގޯޅިވެ އުޅުމުންނެވެ. ސާރސް ފެތުރޭކަމަށް ބެލެވޭ މައިގަނޑު ދެގޮތަކީ:-
·         ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމު (ބަލިމީހާގެ ކައިރީގައި ތިބި) ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލްވުން : އެގޮތުން ކެއްސުމުގެ ތެރޭގައި ބޭރުވި ކުޅުފަދަ ތަކެތި ގޮސް ކައިރީގައި (3 ފޫޓަށްވުރެ ކައިރީގައި) ތިބި މީހުންގެ އަނގަ، ލޯ، ނޭފަތުގައި ޖެހުމާ، އަދި ވައިގެ ތެރެއިން ދައުރުވަމުން ގޮސް ސަލާމަތުންހުރި މީހާގެ ހަށިގަނޑަށް އަނގަޔާ ނޭފަތުގެ ޒަރީޢާއިން ވާޞިލްވުމަކީ ވެސް ސާރސް ޖެހިދާނެ ކަމެކެވެ.
·         ބަލީގެ ޖަރާސީމާ ތަޣައްޔަރުވެފައިވާ އަތްނުދޮވެ، އަނގަޔާ، ނޭފަތަށްލުން އަދި ލޮލުގައި އުގުޅުން: ބަލިމީހާ ކެއްސާ ކިނބިހިއެޅުމުގައި ބޭރުވި ޖަރާސީމު ތަނެއްގައި ހަރުލާފައި ހުންނަ އަތްލުމަށްފަހު، ބަލިމީހާގެ އަތުގައި ޖަރާސީމުގެ އަސަރު ހުއްޓައި ސަލާންކޮށް ހެދުމަށްފަހު އަތްނުދޮވެ، އަނގަ، ނޭފަތް، ލޮލުގައި އަތްލައިފިނަމަ ބަލިޖެހިދާނެ އެވެ.

ބަލިޖެހިފައިވާ މީހުންނާ ގައިގޯޅިވެއުޅުން
ބަލިޖެހިފައިވާ މީހުންނާ ގައިގޯޅިވެ އުޅުން(Close contact) ކަމުގައި ބެލެވެނީ ބަލިޖެހިފައިވާ މީހަކަށް އަޅާލާ ފަރުވާ ކުރުމުގައި ބައިވެރިވުން، އެފަދަ މީހަކާ އެއް ގޭބިސީއެއްގައި ދިރިއުޅުން، އެފަދަ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމު ސީދާގޮތެއްގައި ޖެހިދާނެ ފަދަ ގައިގޯޅިކަމެއް ބެހެއްޓުން ފަދަ ކަންކަމަށެވެ. މިސާލަކަށް ދޮންދިނުން، ބައްދާލުން، ތަށި ސަމުސާ ފަދަ ތަކެތި ހިއްސާކުރުން، ކައިރީގައި (3 ފޫޓަށްވުރެ ކައިރީގައި) ވާހަކަދައްކަން އިނުން، ހަށިގަނޑު ޗެކްކޮށް ބަލައިހެދުން، ފަދަ ކަންކަން ހިމެނެއެވެ.

ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު
ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް(Incubation period)  ބޭނުން ވެއެވެ. އެގޮތުން ސާރސް ޖައްސާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެނުމާއި ދެމެދު، 7-2 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ބައެއް ފަހަރު 10 ދުވަހަށް މިމުއްދަތު ދިގުދެމިގެން ހިގައިދާނެ އެވެ. ވަރަށް މަދު ފަހަރަކު މިމުއްދަތު 14 ދުވަހަށް ދިގުދެމިގެން ގޮސްފައިވާ ކަން ބައެއް ރިޕޯޓްތަކުން ފާހަގަ ކުރެވެއެވެ. މިމުއްދަތަކީ ހަށިގަނޑުގައި ވައިރަސްތައް ގިނަވެ އިތުރުވާ މުއްދަތެވެ.

ބަލިފަތުރާ މުއްދަތު
ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު ސާރސް ގައިންގަޔަށްއަރާ ކަމަށް ބެލެވެނީ ހަމައެކަނި އެބަލީގެ އަލާމާތްތައް (ހުންއައުން، ކެއްސުން ފަދަ އަލާމާތްތައް) ފެންނަން ފެށުމުންނެވެ. ބަލިޖެހިފައިވާ މީހުންގެ ގައިން އެހެންމީހުންނަށް އެންމެ ބޮޑަށް ބަލި ފަތުރުވަނީ ބަލިޖެހޭތާ 2 ހަފްތާގެ ތެރޭގައެވެ. އެހެންކަމުން ބަލިޖެހިފައިވާ މީހާ ބޭރުތެރެއަށް ނިކުމެއުޅުމަކީ ރަގަޅު ކަމެއް ނޫނެވެ. ޚާއްޞަކޮށް ހުން ރަގަޅުވުމަށްފަހު އަންނަ 10 ދުވަހުގެ ތެރޭގައި އެހެން މީހުންނާ ވަކިން އަދި އަރިދަފުސް ރޯގާގެ އުދަނގޫތައް އެއްކޮށް ފިލާ ދަންދެން އެހެންމީހުންނާ ވަކިން ހޭދަކުރުމަށް ބައެއް ޞިއްހީ އިދާރާ (ސީޑީސީ، އެމެރިކާ) ތަކުން ލަފާދެއެވެ. މިހާތަނަށް ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން ބަލިޖެހިފައިވާ މީހަކާ ގައިގޯޅިވެ އުޅުނު އެއްވެސް މީހަކަށް ސާރސް ޖެހިފައިވާކަން އެނގޭކަން ނެތެވެ.

ސާރސް ޖެހުމުން ފެނިދާނެ އަލާމާތްތައް
ސާރސް ގެ އުދަނގޫތައް ފެށިގެން އަންނަނީ ގަދަހުމާ އެކުގައެވެ. ބައެއް ފަހަރު ހީކެރުވުން، ގައިގައި ރިހުން، ބޮލުގައި ރިހުން ، ވަރުބަލިވުން، ކާހިތްނުވުން، ބިހިނެގުން، އަދި ނުތަނަވަސްވުން ކުރިމަތިވެދާނެ އެވެ. ބައެއް މީހުންނަށް ބަލީގެ ކުރީކޮޅު އަރިދަފުސް ރޯގާގެ އުދަނގޫ ވެސް ކުރިމަތިވެދާނެ އެވެ. ބަލިޖެހޭ މީހުންގެ ތެރެއިން 20-10 އިންސައްތަ މީހުންނަށް ބޭރަށްހިންގުން ކުރިމަތިވާކަން ފާހަގަ ކުރެވިފައި ވެއެވެ. ބަލިޖެހޭތާ 7-2 ހާ ދެމެދުގެ މުއްދަތަކަށް ފަހު ގިނަ މީހުންނަށް ހިކި ކެއްސުމެއް ކުރިމަތިވެ، ނޭވާކުރުވެ، ނޭވާލާން އުދަނގޫވެ، ފުއްޕާމޭގައި އަރިދަފުސް އަޅައި ނިއުމޯނިޔާ އޭ ކިޔާ ހާލަތު ކުރިމަތިވެ، ފުރާނަޔަށް ނުރައްކާވާގޮތް (މަރުވުން) ދިމާވެއެވެ.

ސާރސް ޖެހުމުން ޓެސްޓުހެދުން
ސާރސް ޖެހުމުން އެތައް ޓެސްޓުތަކެއް ހެދިދާނެ އެވެ. ވައިރަސް ހުރިކަން ޔަގީންކުރުމަށް ހެދޭ ޓެސްޓަކީ "ރިވާރސް ޓްރާންސްކްރިޕްޓޭސް ޕޮލިމެރޭޒް ޗެއިން ރިއެކްޝަން"(RT-PCR) ކިޔާ ޓެސްޓެކެވެ. މިޓެސްޓުގެ އެހީގައި ލޭ، އަރިދަފުސް، ބޮޑުކަމު ނަޖިހުގައި ބަލީގެ ވައިރަސް ހުރިކަން ދެނެގަނެވޭނެ އެވެ. މީގެ އިތުރުން ހަށިގަނޑުގައި ބައްޔާއި ގުޅިގެން އެންޓިބޮޑީޒް އުފެދިފައި ހުރިތޯ ބެލުމަށް ވެސް ލޭގެ ޓެސްޓު ކުރެވެއެވެ. އަދި ވައިރަލް ކަލްޗަރ ވެސް ހެދިދާނެ އެވެ.

ސާރސްގެ ފަރުވާ
ސާރސް އަށް ފަރުވާކުރެވެނީ އާންމުކޮށް ފެންނަ ނިއުމޯނިޔާ(community-acquired atypical pneumonia) އަށް ފަރުވާކުރެވޭ އުސޫލުންނެވެ. ނިއުމޯނިޔާއަކީ ނުރައްކާތެރި ހާލަތެއްކަމުން ފަރުވާކުރެވޭނީ ހޮސްޕިޓަލްގައި އެދުމަތިކޮށްގެންނެވެ. ވައިރަހުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވޭ ބޭސްތައް ބޭނުންކޮށްގެން ސާރސް އަށް ފަރުވާ ކުރެވިދާނެތޯ ބެލުމަށް މިހާރު ވެސް ދަނީ ދިރާސާތައް ކުރެވެމުންނެވެ.

ސާރސް އިން ރައްކާތެރިވުން
ސާރސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުން، އަނގަ، ނޭފަތް، ލޮލުގައި އަތްނުލުން، ގިނަގިނައިން އަތްދޮވުން، ޖަރާސީމު ހުންނާނެ ހެން ހީވާ ތަންތަނުގައި އަތްނުލުން، ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިވެނޫޅުން، އަދި އެފަދަ މީހުންނާ ވީވަރަކުން ވަކިންއުޅުން، ބަލިމީހާ ބޭނުންކުރާ ތުވާލި ރުމާ، ޓިޝޫ ފަދަ ތަކެތީގައި އަތްލައި ނުހެދުން އަދި އާންމު ސާފުތާހިރުކަމަށް ރައްކާތެރިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

މައުލޫމާތު : 
CDC. (2004, 01 13). SEVER ACUTE RESPIRATORY SYNDROME. Atlanta, Geogia, USA.
CDC. (2012, 7 02). http://www.cdc.gov/sars/about/faq.html#disease. Retrieved 5 27, 2013, from http://www.cdc.gov/: http://www.cdc.gov/sars/about/faq.html#disease
CHIN, N. W. (2005, 7 17). SARS VRIUS: Tell-tale Signs....

No comments:

Post a Comment