Thursday, May 12, 2016

އެންޑޯމެޓްރީއޯސިސް : ރަހިމުގެ ޓިޝޫތައް ރަހިމުން ބޭރުގައި ހުރުން

އެންޑޯމެޓްރީއޯސިސް : ރަހިމުގެ ޓިޝޫތައް ރަހިމުން ބޭރުގައި ހުރުން
އެންޑޯމެޓްރީއޯސިސް އަކީ ރަހިމުގެ އެތެރެއިން ލެވިފައިވާ ބަތާނަފަށް "އެންޑޯމެޓްރީއަމް"ގެ ޓިޝޫތައް ނޫނީ ހަތާތައް، ރަހިމުން ބޭރުގައި ހުރުމެވެ. ނޫނީ އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި އުފެދި، އަށަގަތުމެވެ. މިގޮތުން އެންޑޯމެޓްރީއަމްގެ ޓިޝޫތައް އެންމެ ގިނައިން ހަރުލަނީ ބިސްއުފައްދާތަން، ބިސްދަތުރުކުރާހޮޅި، މަސާނާ، ހިމަގޮހޮރު ނޫނީ ޅިނދު ހިމެނޭ ހިސާބުގެ ކޮންމެވެސް ޓިޝޫއެއްގައެވެ. 


މައްސަރުގެ ތެރޭގައި އަންނަ ބަދަލުތައް ކުރިމަތިވަނީ އަންހެނާގެ ރަހިމުގެ އެންމެ އެތެރެއިން ލެވިފައިވާ ބަތާނަ ފަށް ނުވަތަ ދުލިފަށް "އެންޑޯމެޓްރީއަމް" އަށެވެ. އެހެންކަމުން އެންޑޯމެޓްރީއަމްގެ ހަތާތައް ނޫނީ ޓިޝޫތައް ރަހިމުން ބޭރުގެ ހިސާބެއްގައި އަށަގެންފައި ހުރިނަމަ، މައްސަރު ދުވަސްވަރު ރަހިމުގެ އެތެރޭގެ ބަތާނަފަށަށް އަންނަ ބަދަލުތައް، ރަހިމުން ބޭރުގައި އެންޑޯމެޓްރީއަމްގެ ޓިޝޫތަކަށް ވެސް އަންނާނެއެވެ. އެޓިޝޫތައް ބޯވެ، ފަޅައިގެންގޮސް، ލޭއަންނާނެއެވެ. މާނައަކީ އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި އަށަގެންފައި ހުރި ހިސާބަކުން ވެސް މައްސަރުގެ ތެރޭގައި ރަހިމުން ލޭ ފައިބާ އުސޫލުން ލޭފައިބާނެއެވެ. 

ރަހިމުން ބޭރުގައި ހުރި އެންޑޯމެޓްރީއަމްގެ ޓިޝޫތައް ހަށިގަނޑުން ބޭރުވާނެ ގޮތެއް ނެތުމުން އެޓިޝޫތައް ތާށިވެ، ހަރުލާގޮތްވެއެވެ. މާނައަކީ ރަހިމުން ފިޔަވައި އެހެން ގުނަވަންތަކުން ބޭރުވާ ލޭ ހަށިގަނޑުން ބޭރުކޮށެއް ނުދެއެވެ. އަދި މިގޮތަށް ލޭފައިބާ ގުނަވަންތަކުގައި ލޭބަޑި އުފެދުމާއި، ހަލާކުވެ، ލަކުނުލައި، ކައިރީގައިވާ ގުނަވަންތަކާ ތަތްވުމަކީ ވެދާނެ ގޮތެކެވެ. މިފަދަ ހާލަތުގައި ބައެއް އަންހެނުންނަށް އެއްވެސް އުނދަގުލެއް ދިމާނުވިޔަސް، އަނެއް ބައި އަންހެނުންނަށް މައްސަރުގެ ތެރޭގައި ވަރަށް ބޮޑަށް ވޭންއެޅުމަކީ ވެދާނެ ގޮތެކެވެ. މިކަން ބަރޯސާވެފައި އޮންނަނީ އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި ހުރި މިންވަރު، އެޓިޝޫތައް ހަރުލާފައި ހުރި ގުނަވަން، އަދި އެކަމުގެ ސަބަބުން ލޭފައިބާ މިންވަރާއި، ލިބޭ ގެއްލުމެއްގެ މައްޗަށެވެ. އެންޑޯމެޓްރީއޯސިސް އަކީ ދަރިމައިވުމަށް ހުރަސްއަޅައިފާނެ ކަމެކެވެ. 

ސަބަބުތައް
އެންޑޯމެޓްރީއޯސިސް ދިމާވާ ހަގީގީ ސަބަބެއް ކަނޑައެޅިގެން ބުނެދޭކަން ނޭނގެއެވެ. ނަމަވެސް ބެލެވޭގޮތުގައި އެންޑޯމެޓްރީއޯސިސް ދިމާވުމަށް މެދުވެރިވެދާނެ ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ. 

(ހ) މައްސަރުގެ ލޭ ހަށިގަނޑުގެ ތެރެއަށް ފޭބުން (Retrograde menstruation): މީގެ މާނައަކީ މައްސަރުގެ ލޭ ހަށިގަނޑުން ބޭރަށް ފޭބުމުގެ ބަދަލުގައި ފަހަތަށްގޮސް، ބިސްދަތުރުކުރާ ހޮޅިއަށް އެޅި، ފަހަށް ޖެހި، ހަށިގަނޑުގެ ތެރެއަށް(ޅިނދު ހިމެނޭ ހިސާބުގެ އެތެރެއަށް) ފޭބުމެވެ. މިގޮތަށް މައްސަރުގެ ލޭ ހަށިގަނޑުގެ ތެރެއަށް ފައިބާއިރު، ރަހިމުގެ އެތެރެއިން ލެވިފައިވާ ބަތާނަ ފަށަލައިގެ ސެލްތައް ވެސް ހަށިގަނޑުގެ އެތެރެއަށް ލެޔާއެކުވެގެން ފައިބާނެއެވެ. އަދި މިފަދަ ސެލްތައް ޅިނދު ހިމެނޭ ހިސާބުގެ އެތެރޭގެ ދާރަތަކާއި، އެހިސާބުގެ ގުނަވަންތަކުގެ ސަތަހަ ތަކުގައި ތަތްލައި، ހަރުލާނެއެވެ. އަދި އެހިސާބުތަކުގައި އެސެލްތައް، ބޯވެ، ކޮންމެ މައްސަރެއްގެ ތެރޭގައި އެހިސާބަކުން ރަހިމުން ލޭފައިބާ އުސޫލުން ލޭފައިބާނެއެވެ.

(ށ) އެމްބްރިޔޯގެ ސެލްތައް ހެދިބޮޑުވުން : ބަނޑާއި، ޅިނދު ހިމެނޭ ހިސާބުގެ އެތެރޭގެ ބަތާނަ ފަށްތަކުގެ ސެލްތައް އުފެދިގެން އަންނަނީ އެމްބްރިޔޯގެ ސެލްތަކުންނެވެ. ބަނޑު ހިމެނޭ ހިސާބުގެ އެތެރޭގެ ކުޑަ ތަންކޮޅެއްގައި ވިޔަސް، އެންޑޯމެޓްރީއަމްގެ ޓިޝޫތައް އުފެދޭގޮތްވެއްޖެނަމަ، އެންޑޯމެޓްރީއޯސިސް ފެންމަތިވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން ބަނޑުގައި އޮންނަ އިރު ރަހިމުން ބޭރުގައި މިފަދަ އެންޑޯމެޓްރީއަމްގެ ސެލްތައް އުފެދިފައި ހުރުމަކީ ވެދާނެ ގޮތެކެވެ. 

(ނ) އޮޕަރޭޝަނަކަށްފަހު ލަކުނަކުން އެންޑޯމެޓްރީއޯސިސް އުފެދުން : ރަހިމުނެގުން، ވިހެއުމަށް އޮޕަރޭޝަން ކުރުމަށްފަހު، ކަފައިލާ ތަނުގައި އެންޑޯމެޓްރީއަމްގެ ޓިޝޫތައް ތަތްވެ ހަރުލުމަކީ ވެދާނެގޮތެކެވެ. އަދި އެތަނެއްގައި އެންޑޯމެޓްރީއޯސިސް އުފެދިގެން އަންނަގޮތް ވެދާނެ އެވެ. 

(ރ) އެންޑޯމެޓްރީއަމްގެ ސެލްތައް ނަގުލުވުން : ލޭހޮޅިތަކާއި، ލިމްފް ހޮޅިތަކުގެ ތެރެއިން އެންޑޯމެޓްރީއަމްގެ ސެލްތައް ހަށިގަނޑުގެ އެހެން ހިސާބުތަކަށް ނަގުލުވުމަކީ ވެދާނެ ގޮތެކެވެ. ސިޒޭރިއަން ހެދުން، ނޫނީ ވިހެއުމަށް ކަފާލުން ފަދަ ކަންކަމުގެ ތެރެއިން އެންޑޯމެޓްރީއަމްގެ ޓިޝޫތައް ނަގުލުވުމަކީ ވެސް ވެދާނެ ގޮތެކެވެ. 

(ބ) ދިފާއީ ނިޒާމުގައި އުނިކަމެއްހުރުން : ދިފާއީ ނިޒާމުގައި ހުންނަ އުނިކަމަކުން، ރަހިމުން ބޭރުގައި ހެދިބޮޑުވަމުން އަންނަ، ރަހިމުގެ އެތެރޭ ބަތާނަ ފަށުގެ ސެލްތައް، ދެނެގަނެ، ނައްތާލުމަށް ނުކުޅެދުމަކީ ވެދާނެ ގޮތެކެވެ. 

މަގުފަހިކުރާ ކަންތައްތައް
އެންޑޯމެޓްރީއޯސިސް އަށް މަގުފަހިކުރާ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި:-
·         ދަރިޔަކު ނުހޯދައި ގިނަދުވަސްކުރުން ނޫނީ ދަރިޔަކު ނުހޯދުން
·         އާއިލާގެ އެހެން މީހަކަށް (މަންމަ، ދައްތަ، ބޮޑުދައިތަ) އެންޑޯމެޓްރީއޯސިސް ކުރިމަތިވުން
·         މައްސަރުގެ ލޭ ހަށިގަނޑުން ބޭރުވުމަށް ހުރަސްއަޅައިފާނެ ބައްޔެއްހުރުން
·         ޅިނދު ހިމެނޭ ހިސާބުގެ އިންފެކްޝަނެއް ކުރިން ޖެހިފައިވުން
·         ރަހިމުގައި ހުންނަ ޢައިބުތައް : މިފަދަ ޢައިބުތަކުގެ ސަބަބުން މައްސަރުގެ ލޭ ފޭބުމަށް ހުރަސްއެޅުން ނޫނީ ހުއްޓުވުން
·         ބާލިޣުވުމާއި، އިއްދައިން ކެނޑުމާއި ދެމެދުގެ އުމުރުގެ މީހުން
·         މައްސަރުގެ ބުރު 28 ދުވަހަށްވުރެ އަވަހަށް ކުރިމަތިވުން
·         7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މައްސަރުގެ ލޭ ފޭބުން
·         އުމުރުން 12 އަހަރަށްވުރެ ކުރީގައި މައްސަރު ކަންތައް ޖެހުން
އާންމު ގޮތެއްގައި އެންޑޯމެޓްރީއޯސިސް މެދުވެރިވަނީ ބާލިޣުވެ، މައްސަރު ކަންތައްޖެހޭތާ އެތައް އަހަރެއް ފަހުންނެވެ. އެންޑޯމެޓްރީއޯސިސްގެ އުނދަގޫތައް ބަލިވެ އިނުމުން ވަގުތީ ގޮތުން ކުޑަވެގެންދާނެއެވެ. އަދި އިއްދައިން ކެނޑުމުން އެއްކޮށް ފިލައިގެންދާނެއެވެ. 

އަލާމާތްތައް
އެންޑޯމެޓްރީއޯސިސް ހުންނަ ބައެއް މީހުންނަށް ވެސް އެއްވެސް ކަހަލަ އަލާމާތެއް ނޫނީ އުނދަގުލެއް ނުވުމަކީ ވެސް ވެދާނެ ގޮތެކެވެ. އަނެއް ބައި މީހުންނަށް ބައެއް އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެންޑޯމެޓްރީއޯސިސްގެ އެންމެ އާންމުކޮށް ފެންނަ އަލާމާތަކީ މައްސަރުގެ ތެރޭގައި ވަރަށް ބޮޑަށް ދަށްބަނޑުގައި ރިހުމެވެ. އެންޑޯމެޓްރީއޯސިސް އާއި ގުޅިގެން ފެނިދާނެ ބައެއް އަލާމާތްތައް ތިރީގައި މިވަނީ އެވެ. 

·         މައްސަރުތެރޭގައި ވަރަށް ބޮޑަށް ތަދުވުން : އެގޮތުން ބަނޑާއި ބުރަކަށީގެ ތިރިން އުނަގަނޑު މަތީގައި މައްސަރު ކަންތައް ޖެހުމުގެ ދެތިން ދުވަސްކުރިން ފެށިގެން ގޮސް، މައްސަރު ކަންތައް ޖެހުމަށްފަހު ވެސް ތަދުހުރެދާނެއެވެ.
·         ޖިންސީގުޅުން ހިންގާއިރު ތަދުވުން : ޖިންސީގުޅުން ހިންގާއިރު، ނޫނީ ޖިންސީ ގުޅުން ހިންގުމަށްފަހު ތަދުވުމަކީ ވެސް އެންޑޯމެޓްރީއޯސިސް ހުންނަ މީހުންނަށް އާންމުކޮށް ދިމާވެދާނެ ކަމެކެވެ.
·         ކުޑަކަމުދާއިރު، ނޫނީ ބޮޑުކަމުދާއިރު ރިއްސުން : މައްސަރުގެ ތެރޭގައި ކުޑަކަމުދާއިރު، ނޫނީ ބޮޑުކަމުދާއިރު ރިއްސައި، ތަދުވުމަކީ ވެދާނެގޮތެކެވެ.
·         މައްސަރުތެރޭގައި އާދަޔާ ޚިލާފަށް ގިނައިން ލޭފޭބުން : ބައެއް ފަހަރު މައްސަރު ތެރޭގައި އާދަޔާ ޚިލާފަށް ގިނައިން ލޭފައިބައިފާނެއެވެ. އަދި ބައެއް ފަހަރު ދެމައްސަރު ދޭތެރޭގައި ވެސް ލޭފެނިދާނެއެވެ.
·         ބަލިވެ އިންނަން އުނދަގޫވުން {ދަރިމައިވުމަށް ހުރަސްއެޅުން} : އެންޑޯމެޓްރީއޯސިސް ވަރަށް ގިނަ ފަހަރު ދަރިމައިނުވެގެން ފަރުވާކުރުމުގެ ތެރޭގައި ހަދާ ޓެސްޓުތަކުގެ ތެރެއިން އެނގިގެންދާކަން ފާހަގަ ކުރެވެއެވެ.
·         ތަބީޢީ ނޫން ސިފައެއްގައި ލޭފޭބުން : މިސާލަކަށް:-
o       މައްސަރު ކަންތައް ޖެހުމުގެ ކުރިން ކުރިމަތި ފަރާތުން ލޭފޭބުން
o       ކުޑަކަމު ނަޖިހުގައި ލޭހުރުން
o       ބޮޑުކަމު ނަޖިހުގައި ލޭހުރުން
o       ޖިންސީ ގުޅުން ހިންގުމަށްފަހު ކުރިމަތި ފަރާތުން ލޭއައުން
·         އެހެނިހެން އަލާމާތްތައް
o       ވަރުބަލިވެ، ވާޅުވުން
o       ބޭރަށްހިންގުން
o       ބަނޑުހިކުން
o       މޭނުބައިކުރުން
o       ގޭސް އުފެދުން
މައްސަރު ތެރޭގައި ތަދު ހުންނަ ކުޑަ ބޮޑު މިނަކީ އެންޑޯމެޓްރީއޯސިސް ހުރި މިންވަރު ކަނޑައަޅައި ބަޔާންކޮށްދޭ ކަމެއް ނޫނެވެ. ވަރަށް ކުޑަކޮށް އެންޑޯމެޓްރީއޯސިސް ހުންނަ މީހުންނަށް ވަރަށް ބޮޑަށް ތަދު އިހުސާސް ކުރެވޭ އިރު، ވަރަށް ބޮޑަށް އެންޑޯމެޓްރީއޯސިސް ހުންނަ މީހުންނަށް ވަރަށް ކުޑަކޮށް ވެސް ތަދުވެދާނެ އެވެ. ނޫނީ އެފަދަ މީހުންނަށް އެއްގޮތަކަށް ވެސް ތަދު ނުހުރެދާނެއެވެ. 

ބައެއް ފަހަރު އިންފްލެމޭޓަރީ ޕެލްވިކް ޑިޒީޒް، އިރިޓަބަލް ބަވަލް ސިންޑްރޯމް، ބިސްއުފައްދާތަނުގައި ލޭބަޑި އުފެދުން ފަދަ ކަންކަމާ، އެންޑޯމެޓްރީއޯސިސް އާއި އޮޅޭގޮތްވެއެވެ. އިރިޓަބަލް ބަވަލް ސިންޑްރޯމް ހުރުމާއެކު، އެންޑޯމެޓްރީއޯސިސް ހުރުމަކީ އޭގެ ނުރައްކާ އިތުރުކުރާނެ ކަމެކެވެ. 

ނުރައްކާތައް
(ހ) ދަރިމައިނުވުން : އެންޑޯމެޓްރީއޯސިސްގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަރިމައިނުވުމެވެ. ނޫނީ ދަރިމައިވުމަށް ހުރަސް އެޅުމެވެ. ހޯދުންތަކުން އެނގޭގޮތުގައި އެންޑޯމެޓްރީއޯސިސް ހުންނަ %50 މީހުންނަށް ދަރިމައިވުމަށް އުނދަގޫވެއެވެ. ބަލިވެއިނުމަށްޓަކައި، ބިސްއުފައްދާތަނުން ދޫކުރާ ބިސް، ބިސްދަތުރުކުރާ ހޮޅިއަށް ގޮސް، ޖިމާއުވުމުގެ ތެރޭގައި ރަހިމުގެ ތެރެއަށް ވާޞިލްވި، ދަރިފަންޏާއި، ބައްދަލުވެ، ބިހާއި، ދަރިފަނި އެކުވެ، މުޑުވަށް ވާންޖެހޭނެއެވެ. އެންޑޯމެޓްރީއޯސިސްގެ ސަބަބުން ބިސްދަތުރުކުރާ ހޮޅި ބެދި، ބިހާއި، ދަރިފަނި އެކުވެ، މުޑުވަށްވުމަށް ހުރަސްއަޅައެވެ. އާދައިގެ މިންވަރަކަށް ނޫނީ މެދު މިންވަރަކަށް އެންޑޯމެޓްރީއޯސިސް ހުންނަ މީހުންނަށް ވެސް ކާމިޔާބު ކަމާއެކު ބަލިވެއިނދެ، ވިހައިފާނެއެވެ. ނަމަވެސް ގިނަ ޞިއްހީ މާހިރުން ބާރުއަޅަނީ އެންޑޯމެޓްރީއޯސިސް ހުރިނަމަ، ލަސްނުކޮށް ދަރިޔަކު ހޯދުމަށެވެ. އެއީ ގިނަ ދުވަސްވާވަރަކަށް އެންޑޯމެޓްރީއޯސިސްގެ އުނދަގޫތައް އިތުރުވެގެން ހިނގައިދާނެތީ އެވެ. 

(ށ) ބިސް އުފައްދާތަނަށް ކެންސަރު ޖެހުން : އެންޑޯމެޓްރީއޯސިސް ހުންނަ މީހުންނަށް ލަފާކުރެވޭ މިންވަރަށްވުރެ ގިނައިން ބިސް އުފައްދާ ތަނަށް ކެންސަރު ޖެހޭކަން ފާހަގަ ކުރެވިފައި ވެއެވެ. ބައެއް ދިރާސާތަކުން އެނގޭގޮތުގައި އެންޑޯމެޓްރީއޯސިސް ހުއްޓަސް، ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ނިސްބަތުން ދަށެވެ. 

(ނ) ބިސް އުފައްދާ ތަނުގައި ސިސްޓް އުފެދުން : މިއީ ވެސް އެންޑޯމެޓްރީއޯސިސް ހުންނަ މީހުންނަށް އާންމުކޮށް ދިމާވެދާނެ ކަމެކެވެ. މިއީ ލޭޖަމާވެފައި ހުންނަ ލޭބަޑިތަކެއް ފަދަ އެއްޗެކެވެ. މިފަދަ ސިސްޓްތަކުގެ ބޮޑުމިނުގައި ކުޑަވެގެން 1 މިލިމީޓަރު ހުންނައިރު ބޮޑުވެގެން ގޮސް 8 ސެންޓިމީޓަރު ވެސް ހުރެދާނެ އެވެ. ބިސް އުފައްދާތަނުގައި ސިސްޓް އުފެދުމުން ފެނިދާނެ އަލާމާތްތައް އެންޑޯމެޓްރީއޯސިސްގެ އަލާމާތްތަކާއި ދާދި އެއްގޮތް ވެދާނެއެވެ. 

ދެނެގަތުން
އެންޑޯމެޓްރީއޯސިސް ފަދަ ޅިނދު އުފެދޭ ހިސާބުގައި ތަދުވުން ކުރިމަތިވާ ހާލަތްތައް ދެނެގަތުމަށް ބަލިމީހާއަށް ދިމާވާ އުނދަގޫތަކާއި، ތަދު ހުންނަ ހިސާބާއި، ރިހުމާއި ތަދު އަންނަ ހާލަތްތަކާ ވަގުތުތައް ފަދަ މައުލޫމާތުތައް ބަލިމީހާގެ ކިބައިން ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެއެވެ.
އެންޑޯމެޓްރީއޯސިސް ދެނެގަތުމަށް އާންމު ގޮތެއްގައި އަންނަނިވި ޓެސްޓުތައް ހަދައިފާނެއެވެ.
(ހ) ޖިސްމާނީގޮތުން (ޅިނދު ހިމެނޭ ހިސާބު) ބެލުން : ޅިނދު ހިމެނޭ ހިސާބު (ދަށްބަނޑުން ފެށިގެން ގޮސް ކުރިމަތި ފަރާތް ހިމެނޭ ހިސާބާއެކު) ގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ހުރިތޯ އަތްލައި، އިހުސާސްކޮށް ބަލައި ހަދާނެއެވެ. އެގޮތުން ނަސްލު އުފައްދާ ނިޒާމުގެ ގުނަވަނެއްގައި "ސިސްޓް" އެއް އުފެދިފައި ހުރުން، ނޫނީ ބޯވެފައި ހުރުން، ރަހިމުގެ ފަހަތުގައި ލަކުނެއް އުފެދިފައި ހުރުން ފަދަ ކަމެއް މެދުވެރިވެފައިވޭތޯ ބަލާނެއެވެ. އާންމު ގޮތެއްގައި އަތްލައި ބަލައި ހަދައިގެން ދެނެގަނެވޭނީ ސިސްޓެއް ފަދަ އެއްޗެއް އުފެދިފައިވާނަމަ އެވެ. ނަމަވެސް ސިސްޓެއް އުފެދިފައިކަން ވެސް ޔަގީންކުރެވޭނީ ސްކޭންކޮށްގެންނެވެ. 

(ށ) ސްކޭންކުރުން : ސްކޭންކުރާއިރު ދެގޮތަކަށް ސްކޭން ކޮށްދާނެއެވެ. އެއްގޮތަކީ ދަށްބަނޑުގެ ނޫނީ ޅިނދު ހިމެނޭ ހިސާބުގެ ނޫނީ ބަނޑުގެ ސްކޭނެއް ހެދުމެވެ. އަނެއް ގޮތަކީ ކުރިމަތި ފަރާތަށް ޓްރާންސްޑިއުސަރ ލައްވައިގެން ސްކޭންކުރުމެވެ. މިއިން ކޮންމެ ގޮތަކަށް ސްކޭން ކުރިޔަސް ދެނެގަނެވޭތޯ ބަލަނީ ނަސްލު އުފައްދާ ނިޒާމުގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ހުރިތޯ އެވެ. ގިނަ ފަހަރު ސްކޭންކޮށްގެން ޔަގީންކަމާއެކު އެންޑޯމެޓްރީއޯސިސް ހުރިކަން ދެނެނުގަނެވިދާނެއެވެ. ނަމަވެސް އެންޑޯމެޓްރީއޯސިސްގެ ސަބަބުން އެއްވެސް ކަހަލަ ސިސްޓެއް އުފެދިފައިވާނަމަ، ސްކޭންގެ އެހީގައި ދެނެގަނެވިދާނެއެވެ.

(ނ) ލޯވަޅު އަޅައި، ކެމެރާ ލައްވައިގެންބެލުން : އެގޮތުން ފޫޅާއި ދިމާލުން ލޯވަޅެއް އަޅައި، އެއިން ކެމެރާ އެއް ހަރުކޮށްފައިވާ ހޮޅިއެއް ލައްވައިގެން، ރަހިމުން ބޭރުގައި ރަހިމުގެ އެތެރޭ ބަތާނަ ފަށުގެ ސެލްތައް ހުރިތޯ ދެނެގަންނާނެއެވެ. އެގޮތުން އެފަދަ ސެލްތައް ހުރި ތަނާއި، ހުރި މިންވަރާއި، އޭގެ ކުޑަބޮޑުމިން ދެނެގަނެވިދާނެއެވެ. މިގޮތަށް ހެދުމަކީ އޭގެ ފަރުވާ ކުރިޔަށް ގެންދިއުމަށް ފަސޭހަވާނެ ކަމެކެވެ. މިއީ އާންމު ގޮތެއްގައި ހޭނައްތައިގެން ހަދާ ޓެސްޓެކެވެ. 

ފަރުވާ
އެންޑޯމެޓްރީއޯސިސް އަށް ހަގީގީ ފަރުވާއެއް ނޯވެއެވެ. ނަމަވެސް އެންޑޯމެޓްރީއޯސިސް އާއި ގުޅިގެން ދިމާވާ އުނދަގޫތަކާއި މައްސަލަތަކަށް ފަރުވާ ކުރެވިދާނެ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. މިބަލީގެ ފަރުވާ ބަރޯސާވަނީ ފެންނަ އަލާމާތްތަކާއި، އެއަލާމާތްތައް ފެންނަ މިންވަރާއި، އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި ހުރި ތަނަކާއި، އަދި އެޓިޝޫތައް ހުރި މިންވަރެއްގެ މައްޗަށެވެ. ބަލިވެއިންނަން ބޭނުންވުމާއި، ނުވުމަކީ ވެސް ކުރިޔަށް ގެންދާނެ ފަރުވާ ކަނޑައެޅުމުގައި މުހިއްމު ކަމެކެވެ. ހަމަމިހެން ބަލިމީހާގެ އުމުރަކީ ވެސް ފަރުވާ ކަނޑައެޅުމުގައި ބަލައިއުޅޭ ކަމެކެވެ. ސަބަބަކީ ބަލީގައި ގިނަ ދުވަސްވާވަރަކަށް ބަލީގެ އުނދަގޫތައް އިތުރުވަމުންދާނެތީ އެވެ. ނަމަވެސް އިއްދައިން ކެނޑުމުން ފަރުވާ ކުރުމަކާ ނުލައި ބަލި ފަސޭހަވެގެންދާނެއެވެ. 

ބޭސް ބޭނުންކުރުން
އެންޑޯމެޓްރީއޯސިސް އާއި ގުޅިގެން މައްސަރުގެ ތެރޭގައި އުފެދޭ ތަދު ކެނޑުވުމަށް ތަދުވާ ކަނޑުވާ ބޭސްތައް ބޭނުންކުރެވިދާނެއެވެ. 

ހޯރމޯންގެ ފަރުވާ : ހޯރމޯން ގުޅަ ބޭހުގެ ގޮތުގައި ބޭނުންކުރުމުން އެންޑޯމެޓްރީއޯސިސް އާއި ގުޅިގެން މައްސަރުގެ ތެރޭގައި އުފެދޭ ރިހުމާއި ތަދުފިލުވާ ލެވިދާނެއެވެ. ނަމަވެސް ހޯރމޯން ބޭސް ބޭނުންކުރުމަކީ އެއްކޮށް އެންޑޯމެޓްރީއޯސިސްގެ އުނދަގޫތައް ފިލައިދާނޭ ކަމެއް ނޫނެވެ. ހޯރމޯން ބޭސް ހުއްޓާލުމުން އަނެއްކާ ވެސް ބަލީގެ އުނދަގޫތައް ފެނުމަކީ ގާތް ކަމެކެވެ. އެންޑޯމެޓްރީއޯސިސް އަށް ހޯރމޯން ބޭނުންކޮށްގެން ދޭ ފަރުވާތަކުގެ ތެރޭގައި:-
·         ދޭތެރެ  ދުރުކުރާ ބޭސް : ދޭތެރެ ދުރުކުރާ ބޭހަކީ މައްސަރު ކަންތައް މެދުވެރިކުރުވާ ހޯރމޯންތައް ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މާނައަކީ ބިސް އުފައްދާ ތަނުން ބިސް އުފެއްދުން ހުއްޓުވާލެވިދާނެއެވެ. މިބޭސް ބޭނުންކުރުމުން މައްސަރުކަންތައް ކުރިމަތިވާ މުއްދަތު ކުރުވެގެންދާނެއެވެ. އާދައިގެ ވަރަކަށް ނޫނީ މެދު މިންވަރަކަށް އެންޑޯމެޓްރީއޯސިސް ކުރިމަތިވެފައިވާ ނަމަ، ހޯރމޯން ބޭސް ބޭނުންކޮށްގެން ފަރުވާކުރެވިދާނެއެވެ.
·         ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯން އެގަނިސްޓް އަދި އެންޓަގަނިސްޓް : މިބޭސްތަކުގެ ސަބަބުން ބިސް އުފައްދާތަނުން އުފައްދާ ހޯރމޯން ތައް އުފެއްދުން ހުއްޓުވައި، އެސްޓްރަޖަން ހޯރމޯންގެ މިންވަރު ދަށްކޮށްދީ، މައްސަރު ކަންތައް ޖެހުން ހުއްޓުވައިދެއެވެ. މީގެ ސަބަބުން ރަހިމުގެ ބަތާނަ ފަށުގެ ޓިޝޫތައް ހިނދޭގޮތް ވެއެވެ. މިބޭސްތަކުގެ ސަބަބުން ފަރުވާކުރާ ދުވަސްވަރު، އެންޑޯމެޓްރީއޯސިސް ގެ އަސަރު ނެތިގޮސް، އަދި އެތައް އަހަރުތަކެއް ވަންދެން އެންޑޯމެޓްރީއޯސިސްގެ އަސަރު ނުފެނި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިބޭސްތަކުގެ ސަބަބުން ވަގުތީ ގޮތުން އިއްދައިން ކެނޑުން ކުރިމަތިވެދާނެ އެވެ. އެހެންކަމުން ދިމާވެދާނެ އުނދަގޫތައް ކުޑަކުރުމަށް މިބޭސްތަކާއެކު، އެސްޓްރަޖަން ނޫނީ ޕްރޮޖެސްޓިންގެ ދަށް ޑޯޒެއް ބޭނުން ކުރެވިދާނެ އެވެ.
·         މެޑްރޮކްސީޕްރޮޖެސްޓަރޯން (ޑިޕޯ-ޕްރޮވެރާ) : އިންޖެކްޝަންގެ ސިފައިގައި ދެވޭ މިބޭހުގެ ސަބަބުން، މައްސަރު ކަންތައް ޖެހުން ހުއްޓުވައި، ރަހިމުން ބޭރުގައި އުފެދޭ ރަހިމުގެ ޓިޝޫތައް ހެދިބޮޑުވުން ހުއްޓުވައި، އެންޑޯމެޓްރީއޯސިސްގެ އުދަނގޫތަކަށް ލުއިކަން ގެނެސްދެއެވެ.
·         ޑެނެޒޯލް : މިބޭހަކީ ރަހިމުގެ ބަތާނަ ފަށް ހެދިބޮޑުވުމަށް ހުރަސްއަޅާ ބޭހެކެވެ. މިކަމަށް ހުރަސްއަޅަނީ ބިސްއުފައްދާ ތަނުން ދޫކުރާ ހޯރމޯން ތައް އުފެއްދުން ހުއްޓުވައި، މައްސަރު ކަންތައް ޖެހުން ނިމުމަކަށް ގެނެސްގެންނެވެ. މީގެ ސަބަބުން އެންޑޯމެޓްރީއޯސިސްގެ އުނދަގޫތައް ފިލައިދެއެވެ. މިއީ އޭގެ ނޭދެވޭ އަސަރު ގިނަ ބޭހެއް ކަމުން މިބޭސް ބޭނުންކުރެވެނީ ވަރަށް މަދުންނެވެ. އަދި ބޭނުންކުރަން ޖެހޭނީ ފަރުވާތެރިކަމާ އެކީގައެވެ.
އޮޕަރޭޝަންކޮށްގެން ރަހިމުނެގުން
ދަރިޔަކު ހޯދުމަށް މަސައްކަތްކުރާއިރު އެންޑޯމެޓްރީއޯސިސް ކުރިމަތިވެފައިވާ ފަރާތްތަކުން އޮޕަރޭޝަންކޮށްގެން އެންޑޯމެޓްރީއޯސިސް އުފެދިފައިވާ ހިސާބު ނެގިދާނެއެވެ. ބަލިވެއިނުމަށް ދިމާވެފައިވާ ހުރަހަކީ އެންޑޯމެޓްރީއޯސިސް ކަމުގައިވާނަމަ، އޮޕަރޭޝަން ކޮށްގެން އެންޑޯމެޓްރީއޯސިސް ނެގުމުން، ބަލިވެއިންނަކަން ފާހަގަ ކުރެވިފައި ވެއެވެ. ބަނޑު ފަޅައިގެން ނޫނީ ބަނޑުގައި ލޯވަޅު އަޅައިގެން ވެސް މިއޮޕަރޭޝަން ކުރެވިދާނެ އެވެ.
ވަރަށް ބޮޑަށް އެންޑޯމެޓްރީއޯސިސް އުފެދިފައި ހުރިނަމަ، އޮޕަރޭޝަން ކޮށްގެން ރަހިމާއި، ރަހިމުގެ ދޮރު ނެގެއެވެ. ބައެއް ފަހަރު މިއޮޕަރޭޝަންގައި ބިސް އުފައްދާތަން ނޫނީ ބިސްރަވަ ވެސް ނެގެއެވެ. ބިސް އުފައްދާތަން ނެގުމުން މައްސަރު ކަންތަކެއް ނުޖެހޭނެ އެވެ. އަދި ދަރިން ލިބުމުގެ ގާބިލިއްޔަތު ވެސް އެގެއްލުނީ އެވެ. އެހެންކަމުން ގިނަ ފަހަރު އޮޕަރޭޝަންކޮށްގެން ރަހިމާއި، ބިސް އުފައްދާތަން ނަގަނީ އެންމެ ފަހުން އެހެން ގޮތެއް ނެތުމުންނެވެ.
މައުލޫމާތު :

No comments:

Post a Comment